ކަޅިހާރި އޮޑި އެފްރިކާއަށް ބެހިގެންގޮސް ގެއްލުނު ވާހަކަ 3

ވީހާވެސް އަވަހަށް ހިކިފަސްތަނެއް ހޯދުމުގެ ނިޔަތުގައި މިގޮތްމަތީން ދުއްވާތާ މަހެއް ފާއިތުވެއްޖެއެވެ. ބައެއްދުވަސްދުވަހު މަސްބޭނުން އޮވެއެވެ. ވިއްސާރަވެ ކަނޑުގަދަވީމާ އަރަގުވަނީއޭ ހީވާފަހަރު އާދެއެވެ. އަނބިދަރީންނާއި ބައްދަލުވުމުގެ އުއްމީދު ކެނޑި މަރުއައިސް ބައްދަލުކުރުމުގެ އުއްމީދު ބޮޑުވާ ދުވަސްދުވަސް އާދެއެވެ. އެދުރުގޭ އަހުމަދުދީދީގެ ނަސޭހަތާއި ބުއްދިވެރި ހިކުމަތްތެރި ބަސްތައް ކޮންމެދުވަހަކު ނީވޭނަމަ ކަނޑަށް ފުންމާލައި އަވަހަށް މަރުވާން އުޅޭނޭ ކިތަންމެ ބަޔަކު އޮޑީގައި ތިއްބެވެ. ހިޔާގަނޑުގެ ދަށަށްވަދެ ތިބެގެން އޮންނަނީ އަހުމަދުދީދީގެ ދަރުސްތައް އަޑުއެހުމެވެ. ހިތްވަރުކުރުމުގެ މާތްކަމާއި ހެއްދެވި އިލާހަށް ވަކީލުކުރުމުގެ މޮޅުއިތުރުކަމުގެ ވާހަކަ ހަމަކޮންމެ ދުވަހަކުވެސް އަހުމަދުދީދީ ކިޔައިދެއްވައެވެ.

ހުވަދޫކަނޑު ދުވާން ނުކުތްފަހުން މައްސަރެއް ފާއިތުވެފައިވަނިކޮށް އެއްދުވަހަކު ހަވީރު އާގުބޯޓެއް ފެނިއްޖެއެވެ. ވަރަށް ބިޔަ ކަޅުބޯޓެކެވެ. ދެން އެންމެން އަވަސްވެގެން އިރުއޮއްސުމުގެ ކުރީން އެބޯޓަށް އިޝާރާތްކުރާން ފަށައިފިއެވެ. ބޯޓަށް ހަންޖަހާން ފެށިތާ ގިނައިރުތަކެއް ނުވެ އެވެރީންނަށް ހިލަންވެގެން އޮޑިޔާއި ގާތްކޮށްފިއެވެ. އެވެރީން ވާހަކަ ދައްކާ ބަހެއް އޮޑީގައި ތިބި މީހުންނަށް މޭރުމެއް ނުވިއެވެ. އަރަބިބަހާއި އުރުދޫބަހާއި ސިންގަޅަބަސް ދަންނަ މީހުން އޮޑީގައި ތިއްބެވެ. އެއިން އެއްވެސް ބަހެއް ބޯޓުގެ މީހުންނަށް މޭރުންވާކަމަކަށެއް ނުވިއެވެ.

އޮޑީގެ މީހުން ބޭނުންވީ އޮޑިދޫކޮށްފައި ބޯޓަށް އަރާށެވެ. އޮޑިދޫކޮށްލުމަށް ކަޅުއަބްދުﷲ ދީދީގެ ދެކޮޅުހެދުމެއް ނެތެވެ. އަލިދީދީގެ ދެކޮޅުހެދުމެއްވެސް ނެތެވެ. ދެން އެގޮތްމިގޮތުން އާގުބޯޓަށް އަރާން އުޅެއުޅެ އެމީހުން ނޭރުވިއެވެ. އާގުބޯޓުގެ މީހުންނަށް މޭރުންވާކަމަށް ފެންނަނީ އިނގިރޭސިބަހެވެ. އިނގިރޭސިބަސް ދަންނަ މީހަކު އޮޑީގައި ނެތެވެ.
ހަސަންކާރި އަލިދީދީ ދިރުނބާކޮޅު ފިލާގަނޑުމަތީގައި ހުރެފައި ހަނދާންކޮށްކޮށްގެން އެދީދީ އޮޅުދޫކަރައިން ދަސްކޮށްފައި އޮތް އިނގިރޭސިބަހެއް ގޮވައި ހަޅޭލާން ފަށައިފިއެވެ. އެބަހަކީ އައިސޭން ވާޓަރު ގިވީން މިއެވެ. މިހެން ގޮވާން ފެށީމާ ފެންފީފާއެއް އޮޑީގެ ކައިރިއަށް ކަނޑަށް ވައްޓައިލައިފައި ދެކުނުހުޅަނގަށް އަތުން އިޝާރާތްކޮށް އަންގައަންގާފައި އެމީހުން އެދާތާކަށް ހިގާއްޖެއެވެ. އޮޑީގައި ފެން ހުރިކަމުންނާއި އެމީހުންދެކެ އައި ރުޅީގެ ބޮޑުކަމުން އެ ފެންފީފާގަނޑު ނަގާކަށްވެސް އޮޑީގެ މީހުން ނޫޅުނެވެ.

އެފްރިކާގެ ގޮނޑުދޮށަށް

އާގުބޯޓާއި ބައްދަލުވިތާ ދެވަނަޔަށްވީ ދުވަހުގެރޭ އޮޑީގެ އެންމެން ނިދައިފައި ތިއްބައި އޮޑިގޮސް ތާކަށް އުރިއްޖެއެވެ. އެންމެން ކުއްލިއަކަށް ހެއިއަރައިގެން ތެދުވެ ރިޔާދޫކޮށް ބޮއްކުރާ ބައިލައިގެން ނަގިއްޔެއް ލައިފިއެވެ. ދެން އޮޑި ފުންވޭތޯ އޮޑީގައި ހުރި ކާބޯތަކެތި ނޫން އެހެންތަކެތި ބައިލަމުންދަނިކޮށް އޮޑި ފުންވެއްޖެއެވެ. އެއިރު އިރުގެ އަލިކަންވެސް ވާންފަށައިފިއެވެ. ދެން މިތަނަށް ބެލިއިރު މިތަނަކީ ރުކެއް ގަހެއް ފެންނާން ނެތް ތުނޑިޔެއްގެ ޒާތަށް ނުކުމެފައިއޮތް ތަނެކެވެ. މިވަކިތަނެއް ދެނެގަންނާން ބަލައިލާނެ ޗާޓެއްވެސް އޮޑީގައި އޮތީއެއް ނޫނެވެ. މިތާގެ ކުލަޔަކަށް ހުރީ ކިސަޑު މުށިކުލައެވެ.

ދެން އެންމެން ހައިރާންވެގެން ބަލަބަލައިތިއްބައި އަދި ރަނގަޅަށް އަލިނުވަނީސް އެތަނަށް މީހުންތަކެއް ނުކުމެގެން އުޅޭން ފަށައިފިއެވެ. އިރުކޮޅަކުން އެމީހުން ގެއްލިއްޖެއެވެ. އެމީހުންނަށް ވީގޮތެއް ނޭގުނެވެ. އިރުގެ އަލިކަން ރަނގަޅަށް ވަމުން އައިއިރު މިތުނޑީގެ މައްޗަށް އެހެން ތިން މީހަކު ނުކުމެއްޖެއެވެ. އެމީހުންގެ ގައިގައި އެއްވެސް ފޭރާމެއް ނެތެވެ. ތިބީ ހެއްދެވި ގޮތުގައެވެ. މަތީބުރި ކުރު ކުލަކަޅު ރޫފަ ހެޔޮ ބައެކެވެ. އުވަވަޅު ހަދައިފައި ހުންނައިރު ފެންނަ ކަހަލަ ބޮޑެތި ފުނިވަރުތަކެއްވެސް މިތުނޑީގެ މަތިން ފެނެއެވެ. މިތަނަކީ ރަނގަޅު އަމާންތަނެއް ނޫންކަމުގައި މާލިމީ އަލިދީދީއަށް ފެނިގެން އަވަސްއަވަހަށް މިތަނުން ފުރައިފިއެވެ. އެދުވަހު ހަވީރުވާދެން ދުއްވީ މިތަނާއި ދުރަށެވެ.

އާގުބޯޓެއް ފެނިފައި އޭގެ އެއްދުވަސްފަހުން ތުނޑިޔަކާއި މީހުން ފެނުނީމާ ކުރިމަތީގައި އޮތީ ބޮޑު ކަރައެއްކަން މާލިމީ ދެނެގެންފިއެވެ. ކަރަ އޮތީ މާދުރުގައި ނޫންކަމަށްވެސް ލަފާކޮށްފިއެވެ. ބަރަހަނާ ހާލުގައި ތިބި މީހުން ފެނުނު ތުނޑިޔާއި ދުރަށް ދުއްވައިފައި އެދުވަހު ހަވީރުވީމާ ކަރަޔާއި ކައިރިއަށް އަނބުރައިލައިގެން ދެކުނަށް އޮޔާއި ވައި ފައްސިޔަށް ދަނިކޮށް އިރުއޮއްސި އަނދިރިވީފަހުން ބައްތިޔެއް ފެނިއްޖެއެވެ. އިރު އެރީމާ މިބައްތި ހުރި ރަށާއި ގާތްކުރާން ކަމަށް ހީކޮށް ބައްތިޔާއި ދުރުނުވާނޭގޮތަށް ދުއްވަނިކޮށް އިރުއެރިއިރު އެބައްތި ފަސްދެވި އެއިގެ ދަށަށް މާދުރަށް ދެވިއްޖެއެވެ. ދެން އަނބުރައި ހޭރިޔާކޮށް އުޅެއުޅެވެސް ބައްތި އަތުވާނޭގޮތެއް ނުފެނުނެވެ. އެއީ އެތާގައި ދަމާފައިވާ އޮއިވަރެއްގެ ގަދަކަމުންނެވެ.

ދެން އަނެއްކާވެސް ދެކުނަށް ދަނިކޮށް އެރެއިގެ މެންދަމުން އަލިވިތަނާ ކުރިމަތީން ބައްތިޔެއް ފެނިއްޖެއެވެ. ކުރީފަހަރު ވީގޮތް ހަނދާންކޮށްފައި އެހެންވިޔަނުދޭން އޮޑީގެ ރިޔައު ދޫކޮށްލައިގެން ތިބެއްޖެއެވެ. މިހެން ތިއްބައި އިރު އެރިއިރު ބައްތިޔާއި ހަމަވެއްޖެއެވެ. ދެން ރިޔައު ނަގައިފައިގޮސް ބައްތީގެ ދެކުނުން އެންމެ ރާޅު ކުޑަހެން ހީވީ ދިމާޔަކުން ވަދެ އޮޑިއަޅައިގެން ދިދަނަގައިގެން ތިއްބައި ބައްތެއްޔެއްގައި ހަތްމީހުން އަތުވެއްޖެއެވެ. މިބައިމީހުން އައިސް ސަލާންކޮށް ވާހަކަ ދައްކާން ފެށީ އަރަބި ބަހުންނެވެ. ދިވެހީންނަށްވުރެ އެމީހުންގެ ކުލަ ކަޅެވެ. އެހެންވީމާ އާދެވިފައިތިބީ އެފްރިކާގެ ކޮންމެވެސް ހިސާބަކަށްކަން އެންމެންވެސް ޔަގީންކޮށްފިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!