އައްލާމާ އަހުމަދު ބޮޑުނާއިބު ތަކުރުފާނު

އަލްއައްލާމާ އައްޝައިޚު އަހުމަދު ޝިހާބުއްދީނަކީ އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނާއި ކަޅިހާރި ބޮޑުދޮންދަލިކާ ކާލެގެއަށް ލިބިވަޑައިގަތް ހަތަރު ބޭފުޅުންގެ ތެރެއިން ތިންވަނަ ދަރިކަލުންނެވެ. މި ތަކުރުފާނު މާލޭގައި މަޝްހޫރުވެފައިވަނީ ބޮޑު އަހުމަދު ނާއިބު ތަކުރުފާނުގެ ނަމުންނެވެ. މާލޭގެ ޚަޠީބުކަމާއި ބޮޑުނާއިބުކަން ކުރެއްވިއެވެ. މާލޭހުކުރު މިސްކިތުގައި އެންމެފުރަތަމަ އުފެދުނުފުރަތަމަ މަދަރުސާ ހިންގެވީ މި އަހުމަދު ޝިހާބުއްދީނެވެ. އެއީ އައްސުލްތާން އިބްރާހިމް އިސްކަންދަރުގެ ރަސްކަމުގައެވެ.

މިތަކުރުފާނު އިލްމު އުނގެނިވަޑައިގަތީ މިތަކުރުފާނުގެ ބައްޕަ ބޮޑުފަނޑިޔާރު ތަކުރުފާނާއި މިތަކުރުފާނުގެ އެއްބަނޑު ބޭބެ މަހުމޫދު ރަންފުތު ފަނޑިޔާރުތަކުރުފާނުގެ އަރިހުންނެވެ.

އައްސުލްތާން އިބްރާހިމް އިސްކަންދަރުގެ ބަފައިކަލުން ސުލްތާން މުހައްމަދު އިމާދުއްދީންގެ ރަސްކަމުގައި ފަނޑިޔާރުކަމުގައި ހުންނެވީ އަހުމަދު ޝިހާބުއްދީންގެ ބަފައިކަލުން އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނެވެ. މިތަކުރުފާނާއި މިތަކުރުފާނުގެ ތިން ދަރިކަލުންނާއިއެކު އައްޑޫ މީދޫއަށް އަރުވާލެވުނެވެ. އެތިން ބޭފުޅުންނަކީ އަލްޢާލިމުލް އައްލާމާ ޙުސައިން ފަނޑިޔާރު ތަކުރުފާނާއި އައްނާއިބު އިބްރާހިމް ފަޑިއައްތަކުރުފާނާއި އަލް އައްލާމާ އައްޝައިޚު ބޮޑު އަޙުމަދު ނާއިބު ތަކުރުފާނެވެ. ފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްމުޤުރީ ބޮޑު ފާތިމާފާނު ހުންނެވީ މާލޭގައެވެ. މިކަމެއް ހިނގީ ޝަމްސުއްދީނުގެ ފަނޑިޔާރުކަމުގެ 39 ވަނައަހަރުގައެވެ. އެއީ މީލާދީން 1648 ވަނައަހަރެވެ.

ފަނޑިޔާރު ތަކުރުފާނާއި އެތަކުރުފާނުގެ ތިންބޭފުޅުން މީދޫއަށް ވަޑައިގެން މީދޫގައި ވަރަށް ޚާއްސަ ކަންތައްތަކެއް ކުރެއްވިއެވެ. ކޯގަންނުގައި ހުންނަ ފަނޑިޔާރު މިސްކިތް (ކަޅިހާރު މިސްކިތް) އާކުރެއްވުމާއި މީދޫ މާމިސްކިތުގައި ހިންގަމުން އައި އިލްމު ފެތުރުއްވުން މިސްކިތުގެ އުތުރަށް އޮތް ހުސްބިމުގައި ހަރުގެ އަޅުއްވައި އެތަނަށް ބަދަލު ކުރެއްވިއެވެ. މާމިސްކިތުގެ ހަރުގެއަކީ ރަސްމީ މަދަރުސާ ކަމުގައި ހަމަޖެއްސަވައި ދެއްވިއެވެ. މީދޫ މާމިސްކިތުގެ ހަރުގޭގައި މިބޭފުޅުން ވަރަށް ފުރިހަމައަށް އިލްމު އުނގަންނަވައި ދެއްވަންފެއްޓެވިއެވެ. އެބޭފުޅުންގެ އަރިހަށް އައްޑޫ އާއި ފުވައްމުލަކާއި ހުވަދޫން އިލްމު އުނގެނުމަށް ގިނަ އަދަދަކަށް ދަރިވަރުން އައެވެ.

މިބޭފުޅުން މީދޫގައި ތިއްބަވަނިކޮށް އައްސުލްތާން މުހައްމަދު އިމާދުއްދީން އަވަހާރަވެއްޖެއެވެ. ދެން ރަސްކަމަށް އިސްކުރެވުނީ އެރަސްގެފާނުގެ ދަރިކަލުން އައްސުލްތާން އިބްރާހިމް އިސްކަންދަރު (އެއްވަނަ) އެވެ. މި ރަސްގެފާނު ރަސްކަށް އިސްވެވަޑައިގެން ޝަމްސުއްދީނުގެ ބޭފުޅުން މާލެ ގެންނަވައި މާތްކޮށް ހިތްތަވައި އެބޭފުޅުންނަށް މަތީ މަގާމުތައް ދެއްވެވިއެވެ.

އައްސުލްތާން އިބްރާހިމް އިސްކަންދަރުގެ ރަސްކަމުގައި ކަޅިހާރި ބޭފުޅުންނަކީ ދަރުބާރުގައި ބަސްވިކޭ ނުފޫޒު ހުރި ބައެކެވެ. ކަޅިހާރި ބޮޑުދޮންދަލިކާ ކާލެގެ ބޭފުޅުންގެ ތެރޭން އަހުމަދު ޝިހާބުއްދީނާއި ދޮން އީސާނާއިބު ތަކުރުފާނަށް މާލޭގެ ނާއިބުކަން ދެއްވިއެވެ. ޙުސައިން ފަނޑިޔާރުތަކުރުފާނާއި އިބްރާހީމް ނާއިބު ފަޑިއަތްތަކުރުފާނުގެ ދަރިކަލުން ޙަސަން ފަނޑިޔާރު ތަކުރުފާނާއި ދޮންބޮއި ނާއިބު ތަކުރުފާނުގެ ދަރިކަލުން މަޙުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނަށް ފަނޑިޔާރުކަން ދެއްވިއެވެ. އިސްކަންދަރު ރަސްގެފާނު މާލޭގައި އުފެއްދެވި ފުރަތަމަ މަދަރުސާ މާލޭ ހުކުރުމިސްކިތުގައި ފުރަތަމަ ހިންގެވީވެސް އަހުމަދު ޝިހާބުއްދީނެވެ.

ކަޅިހާރި ބޮޑު ދޮންދަލިކާ ކާލެގެ ބައްޕައަކީ މީދޫގެ ޤަދަރުވެރި ޢާއިލާއެއް ކަމުގައިވާ ކަޅިހާރި ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އެބޭފުޅަކީ މީދޫ ކޯގަންނު މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވާ ޔޫސުފް ނާއިބުކަލޭގެފާނުގެ ދަރިކޮޅުގެ ކަޅިހާރި ދޮން ހަސަން ޚަތީބުގެ ފުތް ކަޅިހާރި ދޮންސީދިކަލޭގެއެވެ.

ނ. މިލަދޫ އާމިނާބީގެ މިލްކުވެރިކަމާއިބެހޭ ފަތުގައި އަހުމަދު ޝިހާބުއްދީންގެ ދަރިކޮޅު ލިޔެފައިވަނީ މިފަދައިންނެވެ. ހާޖީ އުބުށޭމު ދޮއްތަޑަފިކަލޯގެ ފުތް އެދުރު ދޮން ތަކުރުފާނުގެ ފުތް އެދުރު އަލިތަކުރުފާނުގެ ފުތް ވަތަބަނޑޭރި ތަކުރުފާނުގެ ދި ބީފާނުގެ ފުތް އެދުރު އިސްމާއީލު ތަކުރުފާނުގެ ދި ބީފާނުގެ އެދުރު ރަނަހަމާދި ތަކުރުފާނުންގެ އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އަހުމަދު ބޮޑު ނާއިބު ތަކުރުފާނު މިފަދައިންނެވެ.

އައްނާއިބު އަހުމަދު ޝިހާބުއްދީން ކައިވެނި ބެއްލެވީ ގަނޑުވަރު ވަށޮރަންދިއަ އާއެވެ. ލިބިވަޑައިގަތީ ކުދުރަނިއަ އާއި ކުޑައިބީއެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!