މީދޫ ސިއްސުވައިލި ހާދިސާތަކުގެ ތެރެއިން އީގަލްބޯޓު ބެހުން 5

އެދުވަހުގެ އިރުއޮސްފުހުމާއި ދާދިގާތްވެފައިވަނިކޮށް ކުޑަކުޑަ މަތިންދާބޯޓެއް ބޯމަތީން ދެތިން ބުރު އަޅާލައިފައި ގެއްލިއްޖެއެވެ. ރޭގަނޑުގެ އަނދިރިކަން އެންމެ ގަދަވެގެންއައި ވަގުތު ބައްތިއެއްގެ އަލި ފެންނާން ފަށައިފިއެވެ. އަލި އަަންނަނީ ކައިރިވަމުންނެވެ. އެއީ ޓަގުބޯޓެކެވެ. އެބޯޓު އައިސް އީގަލްބޯޓުގެ ދިރުނބާކޮޅުން ކައިރިކޮށްފައި ގޮވައިލިއެވެ. ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއް ހެއްޔެވެ. އީގަލްބޯޓުން ޖަވާބުދިނެވެ. ސިލޯނަށް ގެންގޮސްދޭށެވެ. ޓަގުބޯޓުން ގޮވައިލިއެވެ. ވަރުގަދަ ދިގު ވަލެއް ދޭށެވެ. ދެން ނައިލޯނު ވައުރޯލެއް ރޫޅާލައިގެން ކޮޅުފަސްކޮޅުގެ އެކިތަންތަނުގައި ބަނދެ ހައްޔަރުކުރުމަށްފަހު ވަލުގެ އަނެއްކޮޅު ޓަގުބޯޓަށް ދީފިއެވެ. މިޒާތަށް ކަފުޖަހައިގެން ދުއްވައިލީމާ އީގަލްބޯޓު މީހުން ވީއުފަލަކުން ފެނަށް ގެރިކިރު އަޅައި ގިރައިގެން އެއިގެތެރެއަށްް ބިސްކޯދުވެސް އަޅައިގެން ކައިބޮއެ އުޅޭންފަށައިފިއެވެ.

ފަތިސްވެގެން އައިވަގުތު މޫސުން ގޯސްވެއްޖެއެވެ. މީހުން ހޮޑުލާން ފަށައިފިއެވެ. އިރުއަރައި އަލިވިއިރު ކުރިމަތިން ސިލޯނު ފެންނާން އޮތެވެ. ރަށުގެ އެތެރެއަށް ދެމިގެން ގޮސްފައިވާ ބޮޑު ކޯރަކާއި ހަމަވީ ހަވީރުވީފަހުންނެވެ. ކޯރުގެ އަނގަމަތީގައި ކުޑަކުޑަ އުޅަނދެއް އޮތެވެ. ޓަގުބޯޓުގެ ކުރީގައި އޮވެގެން އެއުޅަނދު ދުއްވާފައިގޮސް ކޯރުން ވަދެއްޖެއެވެ. ފަހަތުން ޓަގުބޯޓުވެސް ވަދެގެންގޮސް ވަކިހިސާބަކަށް ދެވުނީމާ ޕޯރޓްސް އޮތޯރިޓީގެ ޔުނިފޯމުގައި ތިބި ބަޔަކު އައިސް އީގަލްބޯޓަށް އަރައިފިއެވެ. އެމީހުންގެ އެހީތެރިކަމާއެކު ބަނދަރުކޮށް ބޯޓު ހަރުކޮށްދީފިއެވެ. އެމީހުންގެ އިސްމީހަކަށް ހުރި އޮފިސަރު ބުންޏެވެ. މަރުހަބާއެވެ. މިއީ ސިލޯނުގެ ޓްރިންކޮމަލީއެވެ.

ދެން ބޯޓަށް އެރީ ޑޮކްޓަރުންގެ ޓީމެކެވެ. އެއަށްފަހު ކަސްޓަމުގެ ޓީމެކެވެ. އޭގެފަހުން ސިފައިންގެ ޓީމެކެވެ. ސިފައިން ސުވާލު ކުރިއެވެ. ކުރީރޭ ބޯޓުން އަލިނުކުރީ ކީއްވެގެން ހެއްޔެވެ. ބޯޓުން ޖަވާބުދިނެވެ. އަލިކުރާނެ ސާމާނު ނެތިގެންނެވެ. ވައުކަނޑާ މީހުންގެ ދުއްތުރާލުން ސަލާމަތްވުމުގެ ގޮތުން ބޮއިގަނޑެއްގެ ކާރީގައި ތިބެވޭނޭގޮތް ހަމަޖައްސައި ދިނުމަށް އެދުނީމާ ޕޯރޓްސް އޮތޯރިޓީގެ ޔުނިފޯމުގައި ތިބި ބަޔަކު އައިސް ތަންކޮޅެއް ދުރުގައިއޮތް ބޮއިގަނޑެއްގެ ކާރީގައި ބޯޓު ހަރުކޮށްދީފިއެވެ. ދެން ބައްތެލިގަނޑަކުން އެންމެން އެއްގަމަށް ފޭބީއެވެ. އެއްގަމަށް ފޭބީ ފެންވެރުމަށްޓަކައި ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. ފޭބި ފާލަމަކީ ލަކުޑިން ހަދާފައިވާ ދުވަސްވީ ފާލަމެކެވެ.

އެއީ ޝައްވާލުމަހުގެ އީދު ދުވަހެވެ. ފާލަމާ ކައިރިކުރިއިރު ރަށުގެ ވަރަށް ގިނަބަޔަކު ޖަމާވެފައި ތިއްބެވެ. ފިރިހެނުން ތިބީ މުންޑު އަނދެގެންނެވެ. ދިވެހިންނާއި ވަރަށް އެއްވައްތަރުގެ ބައެކެވެ. އެމީހުން އެއްވެގެންތިބީ ރާއްޖޭގެ ބަޔަކު އަންނާތީ ދެކިލުމަށެވެ.

ރަށުގެ އަހުލުވެރީން އައިސް ވާހަކަދައްކައި ހާލުއަހުވާލު ބަލައި ވަރަށް ގިނަ ކާބޯތަކެތި ދީފިއެވެ. ބޮޑަށް ބޭނުމީ ބައްތި ދިއްލާނޭ ތެލާއި ކައްކާނޭ ދަރާއި ބޯފެނާއި ކާއްޓޭ ބުނީމާ އެތަކެތިވެސް ގެންސްދީފިއެވެ. އެއީ ތަމަޅައިންނެވެ. ވަރަށްވެސް ހެޔޮބައެކެވެ. އެހެންނަމަވެސް ސިލޯނު ސަރުކާރުގެ ފަރާތުން އީގަލްބޯޓުގެ މީހުންނަށް އަންގާފައިވަނީ އެއްގަމަށް ފޭބިޔަސް ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެކަމަށެވެ. ކޮންމެދުވަހަކުވެސް ބޯޓުގެ ކައިރިއަށް އުޅަނދެއް އާދެއެވެ. އެނޫން އެހެން އުޅަނދެއް ކައިރިކުރުން މަނަލެވެ. އެއުޅަނދު ކޮންމެދުވަހަކުވެސް ބޯޓާއި ކައިރިކުރުމަށްފަހު ބޭނުންވާ ސާމާނު ފޯރުކޮށްދެއެވެ. ފެންވަރަން އެއްގަމަށް ފައިބައިގެން ދެވެނީ ފުލުހަކާއެކުގައެވެ. ފުލުހުން އަބަދުވެސް ފާލަމުގައި ހަރަކާތްތެރިވެއެވެ. އިރުއޮސްފުހި އަނދިރިވީމާ ކޮންމެރެޔަކުވެސް މުނިއަވަސްފިލުވުމަށް އީގަލްބޯޓުގެ މީހުން ކުރާކަމަކީ މަސްބޭނުމެވެ.

ޓްރިންކޮމަލީގައި ތިބޭތާ ފަސްވަނައަށް ވީދުވަހު ޑޮކްޓަރުންގެ ބަޔަކު އައިސް ބޯޓަށް އަރައިފިއެވެ. އެއީ އަންހެން ޑޮކްޓަރަކާއި ފިރިހެން ޑޮކްޓަރެކެވެ. ދެން ކަށިވިދުރިން ރައްކައުތެރިވުމަށްޓަކައި ވެކްސިންދީ ހަދައިފިއެވެ. އެންމެންވެސް ހީކުރީ މިވެކްސިނަކަށްފަހު ބޭނުންއިރަކު އެއްގަމަށް އައިސްގޮސްވުމުގެ ހުއްދަ ލިބޭނެކަމަށެވެ. މި އުއްމީދުގައި ޑޮކްޓަރުންނަށް ހަދިޔާގެ ގޮތުގައި ގައްދޫ ކުނާވެސް ދިނެވެ. އެކަމަކު ހުއްދައެއް ނުލިބުނެވެ. ތިބެންޖެހުނީ ކުރީންވެސް ތިބިހާލުގައެވެ.

ބޯޓު ކައިރިއަށް އާދަވެގެން އަންނަ އުޅަނދު އައިމާ އެއްދުވަހަކު ހުސައިން މަނިކުފާނު ޝަކުވާގެ ފައްޗެއް އަމުނާލައިފިއެވެ. ބުންޏެވެ. ދިވެހިސަރުކާރު ކޮބައިހެއްޔެވެ. އަހަރެމެންގެ ޚަބަރު ބަލައިލަން ބޭނުންނުވަނީ ހެއްޔެވެ. މިގޮތަށް ބެހިގެން އިންޑިޔާގެ ރަށަކަށް ދެވިއްޖެނަމަ އިސާހިތަކު ދިވެހިސަރުކާރުގެ އެޖެންޓަކު ގޮސް ޚަބަރުބަލައެވެ. ލަންކާއަށް އާދެވުނީމާ ދިވެހިސަރުކާރާ ބެހޭކަމެއްވެސް ނޫނެވެ. އަހަރެމެން އުއްމީދު ކޮށްގެން ތިބީ ފުރަތަމަ ދުވަހުވެސް ދިވެހި އެމްބަސީގެ ފަރާތުން މީހަކު އަންނާނޭ ކަމަށެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!