މީދޫ ސިއްސުވައިލި ހާދިސާތަކުގެ ތެރެއިން އީގަލްބޯޓު ބެހުން 3

ދެވޭނުދެވޭ ދިމާލެއް ނޭގި ވައިހުރިގޮތަކަށް ބޯޓުދުއްވާން ފެށިތާ ހަތަރުފަސް ދުވަހެއްގެ ތެރޭގައި ބޯފެން ހުސްވެ ފެނަށް ޖެހިއްޖެއެވެ. ބޯފެން އަޅާފައިހުރި ފީފާތަކުގެ ތެރެއިން އެންމެ ފީފާއެއް ފިޔަވައި ހުރިހާ ފީފާއެއް ހުސްވެއްޖެއެވެ. އެއްފީފާގެ ފުލުގައި ކުޑަކުޑަ ފެންފޮދެއް އޮތެވެ. މާކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ބޯޓު ތަޅުވާލިވަރުން އެ ފެންފޮދުވެސް ވަނީ ފީފާގެ ދަބަރާއެކުވެ ތަގައްޔަރުވެފައެވެ. ފެން ހުސްވުމުން ބޯޓްގައިހުރި ވިޔަފާރި މުދަލުގެ ތެރެއިން ރޯސްވޯޓަރ ބޭނުންކުރަން ފަށައިފިއެވެ. ރޯސްވޯޓަރ ހުސްވުމުން ދެން ހަދަންފެށި ގޮތަކީ މޫދުން ލޮނު ނަގައިގެން އޭގެތެރެއަށް ހަކުރާއި ގެރިކިރު އަޅައިގެން ބޯންފެށީއެވެ.

ކެއުމަށް ބޭނުންކުރަނީ ފުށާއި ހަކުރާއި މޮޑެގެން ގުޅަހަދައިގެން އެގުޅައެވެ. ފުށްގަނޑު މޮޑެނީ މޫދުލޮނު އަޅައިގެންނެވެ. ފުށްގަނޑު ބަހައްޓާފައިހުރީ ބޮޑު ރިކާބީއަކަށް އަޅާފައެވެ. ބަނޑުހައިވުމުން ކޮންމެ މީހަކަށް އެއިން ގުޅައެއް ލިބެއެވެ. ފުށްގުޅަ އަތްމަތީގައި ބާއްވައިގެން ކުޑަކޮށް ތަޅައި ރޮށްޓެއްގެ ސިފަގެނެސްގެން ކަނީއެވެ. ހެނދުނާއި ރޭގަނޑުގެ ކެއުމަކީ އެއީއެވެ. ބޯޓުގެ ވެރިޔާ އިބްރާހިމް މަނިކުފާނު އަންގާފައި އޮތީ ބޯޓުގައިހުރި އޭނާގެ ތަކެތި ބޭނުން ކުރެވޭނެކަމަށެވެ.

ހޭނަކަތް ހުސްވެ ވިހާނަކަތް ފެށުމުން ކޮންމެވެސް ވަރަކަށް ކަނޑު މަޑުވެއްޖެއެވެ. ނޮވެމްބަރުމަހުން ދުވަހެއްގައި އެހެން ބޯޓެއްވެސް ފެނިއްޖެއެވެ. އެބޯޓް ފެނުނީމާ ދިދަނަގައި ރިޔާތިރިކޮށް ހާލުގައިޖެހި ދަތުރުއޮޅި ބެހިފައިވާ ބައެއްކަން އަންގައިދިނުމަށް ސިގުނަލް ދޭންފަށައިފިއެވެ. އެއީ ބިޔަ އާގުބޯޓެކެވެ. އެބޯޓު އައިސް އީގަލްބޯޓާއި ކައިރިއަށް މަޑުކޮށްފިއެވެ. ދެން ބޯޓުގެ ލޯންޗު ބާލައިގެން ފަޅުވެރިންގެ ބަޔަކު އައިސް އީގަލްބޯޓާއި ކާރިކޮށްފައި ހާލުގެ ވާހަކައިން ސުވާލުކޮށްފިއެވެ. އެބޯޓަކީ އިރާގުކަރައިގެ ބަސަރާއިން ފުރައިގެން ސިލޯނުގެ ގާލީއަށް ދަތުރުކުރި ބޯޓެކެވެ. އީގަލްބޯޓުގައި ތިބި މީހުންގެ ތެރެއިން އާގުބޯޓުގެ ފަޅުވެރިންނާއި ވާހަކަ ދެއްކީ ހުސައިން މަނިކުފާނާއި އިބްރާހިމް މަނިކުފާނެވެ. މި ހުސައިން މަނިކުފާނަކީ ފޭދޫ ކަތީބު ދޮންރަހާއާއި އެއްބަނޑު ހުސައިން މަނިކުފާނެވެ. މީނާގެ މަންމައަކީ އާމިންދައިތާ (އާމިނާ މަނިކުފާނު) އެވެ. އީގަލްބޯޓުން އެންގީ ތިމަންނާމެން މިއީ ދިވެހިރާއްޖޭގެ ބައެއްކަމާއި ކަނޑުގަދަވެ ބޯޓު ބެހުނީމާ ހާލުގައި ޖެހުނީ ކަމުގައެވެ.

އިބްރާހިމް މަނިކުފާނުގެ އެދުމަކަށް އާގުބޯޓުގެ ފަޅުވެރީން އީގަލްބޯޓަށް އަރައި ބޯޓުގެ އިންޖީނު ބަލާފައި ބުންޏެވެ. އިންޖީނު ބަރާބަރެވެ. ނެތީ ތެލެވެ. އެހެންވީމާ ތެލާއި ފެނާއި ކާބޯތަކެތި ދެވިދާނެއެވެ. މިހެން ބުނެފައި ފައިބައިގެން ގޮސްފައި އިރުކޮޅެއް ފަހުން އެނބުރި އައީ ތެލާއި ފެނާއި ބިސްކޯދާއި ހަކުރާއި ގެރިކިރާއި ލުއިކާނާގެ ބާވަތްތައް ހިފައިގެންނެވެ.

އިންޖީނަށް ތެޔޮއަޅައި ދިނުމަށްފަހު ބުންޏެވެ. މިބޯޓު މިއޮތީ ސިލޯނުގެ އިރުދެކުނުން 280 މޭލު ދުރުގައެވެ. އެހެންވީމާ މިތެލުން ސިލޯނަށް ދެވޭނެއެވެ. މިހެން ބުނެފައި އާގުބޯޓުގެ ފަޅުވެރިން ހިގައްޖެއެވެ. ތެޔޮލިބި އިންޖީނު ހިންގައިލެވޭގޮތްވުމުން ކުނބުގެ ބައެއްގެ ގޮތުގައި ބޭނުންކުރަމުން އައި ސައިލެންސަރު ނަގައި އިންޖީނުގައި އަލުން ހަރުކޮށް އިންޖީނު ސްޓާޓް ކޮށްފިއެވެ. ދުއްވޭވަރުވީ އެދުވަހު ހަވީރުއެވެ. އެކަމަކު އޮއިބާރުކަމުން ކުރިޔަށްދަނީ ވަރަށް މަޑުންނެވެ. ހަތަރު ދުވަސްވާންދެން ދުއްވި ފަހުން ތެޔޮ ހުސްވާން ކައިރިވެއްޖެއްވެ. ސިލޯނުވެސް އަދި އެހެން ރަށެއްވެސް ނުފެނެއެވެ. ދެން މާލިމީ ފިލާއަޅާފައި ބުންޏެވެ. ސިލޯނު އޮތީ ވަރަށް ކައިރީގައެވެ. އެކަމަކު އަދިވެސް 80 މޭލުގެ ދުރުމިން އެބަހުއްޓެވެ. ދެން އިންޖީނުގެ ސައިލެންްސަރު އަނެއްކާވެސް ލުއްސާލައިގެން ކުނބުހަދައި ރިޔާ ނަގައިގެން ދުއްވަންފެށީއެވެ.

ހޭނަކަތް ހުސްވެ ވިހާނަކަތް ފެށިއްޖެއެވެ. މޫސުން ރަނގަޅުވެ ކަނޑުމަޑުވެ ވައިވެސް މަޑުވެއްޖެއެވެ. ވައިމަޑުވުމުން ރިޔަލުގައި ނުދުއްވެއެވެ. ދުވާލުގެ ހޫނުކަން އިންތިހާއަށް ގަދަވެއްޖެއެވެ. ހޫނުގަދަވެ ފެންބޮވައިގަނެ ކެތްކުރެވޭވަރު ނުވުމުން ކަނޑުން ލޮނުނަގައި ގަޔަށް އަޅަންފަށައިފިއެވެ. މިވަރުންވެސް ކެތްކުރެވޭވަރެއް ނުވެއެވެ. ދެން ބައެއްމީހުން ކަނޑަށް ފައިބައި ކަނޑުގައި ތިބެން ފަށައިފިއެވެ. ކަނޑުގައި ތިބެނީ ބޯޓުގެ ދިރުނބާ ކޮޅުން ވަލެއް މޫދަށް ދޫކޮށް އެވަލުގައި ހިފަހައްޓައިގެންނެވެ.

މިގޮތުގައި އުޅެމުން ދަނިކޮށް ވަރަށް ގިނަމީހުން ބަލިވެއްޖެއެވެ. ގަދަހުމާއެކު ކަންފަތުގައި ރިއްސަނީއެވެ. ރިހުމުގެ ގަދަކަމުން ހީވަނީ ދެންމެދެންމެ މަރުވެދާނޭހެންނެވެ. ބޯޓުގައި މިކަމަށް ފަރުވާދެވޭނޭ ކަހަލަ ބޭހެއް ނެތެވެ. މުޅި ބޯޓުގައި އޮތީ 100 ގުޅަ ޑިސްޕިރީނެވެ. އެއީ ސަތަރުގޭ ޝަހީދު ރާޒީ އަތުން ބައްޕަ ގަނެފައިވާ ބޭހެވެ. ކަންފަތުގައި ރިއްސާން ފެށުމުން ޑިސްޕިރީން ގިރައިގެން ބޮނީއެވެ. ނަމަވެސް މާބޮޑު މަންފާއެއް ނުކުރެއެވެ. ބައްޕަވެސް ބަލިވެ ލޯ ހުޅުވާލާނެހާވަރުވެސް ނެތިފައި އޮވެއެވެ.

މަސްކޮޅެއް ކައިލާހިތުން ތިއްބައި އެއްދުވަހަކު ބޯޓުކައިރިން ފުޅަނގިތަކެއް ފުމޭން ފަށައިފިއެވެ. މިތަނުން އެއްޗެއް ބޭނޭތޯ މަސައްކަތްކުރުމުގެ ތެރެއިން ބާރަވަރަކަށް ފުޅަނގި ބޭނިއްޖެއެވެ. ދެން ކޮންމެ މީހަކަށް އެތިކޮޅެއްވާވަރަށް ބުރިކޮށް މޫދު ލޮނުގައި ކެއްކީއެވެ. ކައްކާނެ ދަރުނެތީމާ ބޯޓުގެ ފަލްކާ ރޫޅާލައިގެން އޭގެ ލަކުޑި ބޭނުން ކުރަންފެށި ދުވަހަކީ އެއީއެވެ.

މަސްކޮޅު ކައިނިމުމުން ކޮންމެވެސް ވަރަކަށް ވަރުޖެހިއްޖެއެވެ. ޖެހިގެން އައިދުވަހު ބޯޓުގެ ވަށައިގެން ކަޅުބިލަމަހާއި މާނިޔަމަސް ފެނެއެވެ. އެދުވަހު މަސްބޭނުމުގެ ކަންތަކުގައި އިސްކޮށްއުޅުނީ ފޭދޫ އައިސްގޭ މުހައްމަދާއި ފޭދޫ އަލިކަލޯ އެވެ. ކަންވާރު ދިނީ އަނދުން މޫސާފުޅެވެ. ބުޅި ދިނީ ޅިޔަނާގެ އަހުމަދެވެ. ވަރަށް ގިނައިން މަސްބޭނުނެވެ. އެދުވަހު މެންދުރު ކެއުމަށްހުރީ ކަނޑުމަހެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!