މީދޫ ސިއްސުވައިލި ހާދިސާތަކުގެ ތެރެއިން އީގަލްބޯޓު ބެހުން 2

މާމެންދޫން އީގަލްބޯޓު ފުރީ ޝައުބާން މަހުގެ 25 ވަނަ ދުވަހުގެ ރޭގައެވެ. އެދުވަސްވަރު ކޮންމެ ދަތުރުވެރިޔަކު ބޮޑު ފޮށިގަނޑެއް ގެންދާނެއެވެ. ނިދަން އޮންނާނީ އެމީހެއްގެ ފޮށިގަނޑުގެ މަތީގައެވެ. ހުވަދޫކަނޑުން ދަތުރު ކުރަމުންދިޔައިރު ޕެސެންޖަރުން ތިބީ މިކަހަލަ ފޮށިތަކުގެ މަތީގައި އަރާމު ނިދީގައެވެ. ހޭލެވުނީ ގަދަ އަޑުފަށްގަޑެއް އިވޭން ފެށުމުންނެވެ. އެއީ ދަންވަރުގެ ވަގުތެވެ. އެންމެން ހޭލައިގެން ތެދުވެއްޖެއެވެ. އިވުނު އަޑަކީ ބޯޓުގެ ވީލްހައުސް ނެއްޓިގެން ދެފަރާތްދެފަރާތަށް ތެޅެމުންދާ އަޑެވެ. ކަނޑުގަދަވެ ބޯޓުގައިހުރި ސާމާނުތައްވެސް ތެޅެނީއެވެ. ބިޔަ ރާޅުތައް ދަނީ ބޯޓުގެ މަތިންނެވެ. ހީވަނީ ދެންމެ ދެންމެ ފެތިދާނެހެންނެވެ.

ދަތުރުކުރެވޭ ވަރެއް ނުވެއެވެ. ތައްޓުމަތީގައި ދިޔަވަރު ބޮޑުވެއްޖެއެވެ. މީހުންތައް ރޯންފަށައިފިއެވެ. ބޯޓުގެ ޗެންޗޭނުގައި ބަނދެފައިހުރި ދަބަހާއި އެނޫންވެސް ސާމާނުތައް ކަނޑައިގެން ކަނޑަށް ދޫވެއްޖެއެވެ. ތައްޓުމަތީގައި ހުރި ފެން ފީފާތައްވެސް ކަނޑުވެއްޖެއެވެ. ބޯޓުތެރޭގައި ދިޔަވަރު ބޮޑުވެއްޖެއެވެ. ޕަންޕަކަށްވެސް އޮބިނޯވެއެވެ. އެދުވަސްވަރު ބޯޓްފަހަރުގެ ވީލްހައުސް ހުންނަނީ މިޒަމާނުގެ ބޯޓްފަހަރުގައި ހުންނަ ގޮތަކަށް ނޫނެވެ. އޭރު ވީލްހައުސް ހުންނަނީ މާރާއަޅައި ރޯނުން ބަނދެ ހައްޔަރުކޮށްފައެވެ. ބޯޓުފަހަރު ބަނދެފައި ހުންނަނީވެސް މިދުވަސްވަރު އެކަންކުރާހާ މޮޅުކޮށެއް ނޫނެވެ.

މިހުރިހާކަމެއް ބަލަން ވީލްހައުސްގެ ކައިރީގައިހުރި ތަނބެއްގައި ހިފަހައްޓައިގެން ހުރެފައި ފޭދޫ އާމިންދައިތާގެ ހުސެން މަނިކުފާނު ބުންޏެވެ. ބޯޓުގެ ވެރިޔާ ދޮންކޮއްޔަގެ ތުއްތު މަނިކުގެ އިބްރާހިމް މަނިކުފާނާއެވެ. މި ބޯޓްގައިހުރި ކާޑުތައް ތެމި ހަލާކުވެއްޖެއެވެ. ބޯޓުވެސް މިފެތެނީއެވެ. އެހެންވީމާ ދެން ހަދަންވީ ކިހިނެއްހެއްޔެވެ. އިބްރާހިމް މަނިކުފާނު ބުންޏެވެ. ހުސޭނަށް ފެނުނުގޮތަކަށް ހަދާށެވެ. ދެން ހުސެން މަނިކުފާނު ބޯޓުގެ ފަޅުވެރިންނަށް އަންގައިގެން ހުރިހާ މުދާތައް ކަނޑަށް ބާލައިފިއެވެ.

ބޯޓަށް ލޮނު ވަންނަނީ ވަރަށް ގިނައިންނެވެ. ނަމަވެސް ވަންނަ ވަކިތަނެއް ނުފެނެއެވެ. އެދުވަސްވަރު ބޯޓުފަހަރުގެ އަޑީގައިވެސް ހުންނާނީ އޮޑިފަހަރުގައި ފަންޖަހާގޮތަށް ފަންޖަހާފައެވެ. އީގަލްބޯޓުގައިވެސް ހުރީ އެގޮތަށް ފަންޖަހާފައެވެ. ލޮނު ވަންނަ ވަކިތަނެއް ނުފެނުމުން ހުރިހާ ބިތުފަންގި ކަނޑައި ސާފުކޮށްފިއެވެ. ދެން ލޮނު ވަންނަ ބާގަނޑުތަކެއް ފެނި އެބާގަނޑުތައް ބެއްދުމުގެ މަސައްކަތުގައި ތިއްބާ އިރުއަރައި އަލިވެއްޖެއެވެ. އޭރުވެސް ބިޔަރާޅުތައް ދަނީ ބޯޓުގެ މަތިންނެވެ. ނުފެތި އޮތީ ކިރިޔާއެވެ.

އެދުވަހަކީ ހޭނަކަތުގެ ދެވަނަ ދުވަހެވެ. ކަނޑު ގަދަވެފައި އޮއިވެސް އެހާބާރެވެ. ބޯޓު ކުރިއަށް ދާވަރަށް ވުރެ އޮޔާ ދެމުން ބޮޑެވެ. ހެނދުނު އަށެއް ޖެހުމުން ވޯކީޓޯކީނަގައި ރަށަކާއި ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ރަށަކާއި ގުޅޭ ގޮތެއް ނުވިއެވެ. މީހުން ރޮނީއެވެ. ބޯޓުގެ ތެރެއިން އެއްއަޑަކަށް އިވެނީ މީހުން ރޯއަޑާއި ސަލޮވާތާއި ތަކުބީރުގެ އަޑެވެ. އެބަޔަކަށް ކުރެވުނުހާ ހެޔޮކަމެއް ކުރަނީއެވެ. މާލިމީ އާދަންބޭ ބުންޏެވެ. މިތިބީ ހުވަދޫކަނޑުގެ މެދުގައެވެ. ބޯޓު މިއޮތީ ބެހިފައެވެ. މިހެންކިޔާފައި ބޯޓު ވައިކޮޅަށް ނަގައި ދުއްވާން ފަށައިފިއެވެ.

ބޯޓުގައި ހުރި ހަނޑުލާއި ހަކުރާއި ފުށާއި ކަދުރާއި އަވެލި ފަދަ ކާބޯތަކެތި ބޯޓުގެ ފަހަތުކޮޅުގައި ބަހައްޓައިފިއެވެ. ތެލި، ތަށި ކަހަލަ ސާމާނު ބެހެއްޓީ ބޯޓުގެ ހޭވަތުގައެވެ. ހަވީރުވުމުން ވޯކީޓޯކީ ނަގައިއެއްވެސް ރަށަކާއި ގުޅޭތޯ އަނެއްކާވެސް މަސައްކަތްކުރިއެވެ. މިފަހަރުވެސް ގުޅޭގޮތެއް ނުވިއެވެ. މިކަހަލަ ހާލެއްގައި އުޅެނިކޮށް އެދުވަހުގެ އިރު އޮއްސިއްޖެއެވެ. ބޯޓުގެ ވެރިޔާ އިބްރާހިމް މަނިކުފާނުގެ ކާރީގައި މާލިމީ އާދަންބެ ބުންޏެވެ. މިތިބަހިސާބުން ރާއްޖޭގެ އެއްވެސް ރަށަކަށް ދެވޭނެކަމުގެ އުއްމީދެއް ނެތެވެ.

އެދުވަސްވަރު އައްޑުއަތޮޅުން މާލެދާ ނާލުބޯޓުފަހަރު ފުރަނީ ވަރަށް ގިނައިން ތެޔޮ ހިފައިގެންނެވެ. މާލެ ގޮސް ތެޔޮވިއްކާލަނީއެވެ. ބާކީ ބަހައްޓަނީ ކިރިޔާ އަތޮޅަށް ދެވޭވަރުގެ ތެލެވެ. އެމީހުން ބަލަނީ ފަސްދުވަހުން އައްޑުއަށް ދެވޭނެކަމަށެވެ. އެހެންވީމާ އެއަށްވުރެ އިތުރަށް ބޯޓުގައި ތެލެއް ނުބަހައްޓައެވެ.

ބެހުނުތާ ތިންވަނައަށް ވީދުވަހުގެ މެންދުރު ތެޔޮ ހުސްވާން ކައިރިވުމުން ބޯޓުގައި ހުރި ސާމާނު ބޭނުންކޮށްގެން ރިޔާ ހަދައި ރިޔަލުން ދަތުރުކުރެވޭނެގޮތް ހަދައިފިއެވެ. ރިޔާ ފާހާ ތިނޯހާއި ބަރަނިވެސް ހުއްޓެވެ. ހަތަރު ރޯލު ޓެޓްރޯން ކޮޓަން ފޮއްޗާއި ދެ ރޯލު ވައުވެސް ހުއްޓެވެ. މިތަކެތިން ތިން ރިޔާ ތައްޔާރުކޮށްފިއެވެ. އެއީ މައިރިޔަލަކާއި ތުންމަތި ރިޔަލަކާއި ގެމައްތެ ރިޔަލެކެވެ. އަދި ފަސްކަނި ނަގައި ތިންކުނބުވެސް ހަދައިފިއެވެ. ކުނބު ހެދީ ބޯޓުގެ ސައިލަންސަރާއި ވީލްހައުސްގައި ހުރި ލަކުޑި މާރާތައް ބޭނުންކޮށްގެންނެވެ.

އިންޖީނުން ތެޔޮ ހުސްވެއްޖެއެވެ. ތެޔޮ ހުސްވުމުން ދެން ދުއްވާން ފެށީ ރިޔަލުގައެވެ. ދުވަނީ ވަރަށް މަޑުންނެވެ. ދެވެނީ ކޮންދިމާލަކަށް ކަމެއް ނޭގެއެވެ. މާލިމީ ބުންޏެވެ. ނޮރަނަކަތް ފެށުމުގެ ކުރިން ސިލޯނަށް ނުވަތަ އިންޑިޔާއަށް ދެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ބޯޓުގައި ތިބި ބައެއް މީހުން ކިޔާން ފަށައިފިއެވެ. މުސްކުޅިން ބުނާތީ އަހަމެވެ. ހުވަދޫކަނޑުގެ މެދުން އުޅަނދެއް ބެހިއްޖެނަމަ ދެންދެވޭނީ އަންޒަމާނުކަރައަށެވެ. ހުވަދޫކަނޑުން ބެހުނު ބ. އަތޮޅުގެ ބޯޓަކަށް ދެވުނީވެސް އަންޒަމާނުކަރައަށެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!