މީދޫ ސިއްސުވައިލި ހާދިސާތަކުގެ ތެރެއިން އީގަލްބޯޓު ބެހުން 1

އީގަލްބޯޓަކީ ހަތްދިހައިގެ އަހަރުތަކުގެ ކުރީކޮޅު އައްޑުއަތޮޅާއި މާލެއާ ދެމެދު ދަތުރުކުރި ނާލުބޯޓެކެވެ. އެއީ ހިތަދޫ ދޮންކޮއްޔަގެ ތުއްތު މަނިކުގެ އިބްރާހިމް މަނިކުފާނުގެ ބޯޓެކެވެ. އެދުވަސްވަރު މީދޫގައި މިޒާތުގެ ނާލުބޯޓެއް ނޯވެއެވެ. އެހެންވެ މީދޫ މީހުން މާލެ ދިއުމަށާއި މާލެއިން މުދާ ގެނައުމަށް ބަރޯސާކުރި ބޯޓުފަހަރުގެ ތެރެއިން އެއްބޯޓަކީ އީގަލްބޯޓެވެ. މިގޮތަށް ކުރި ދަތުރެއްގައި އެއްފަހަރު ވީނުވީއެއް ނޭގި މިބޯޓު ގެއްލިއްޖެއެވެ. މީދޫގެ ތިން މީހަކާވެސް އެކުގައެވެ. އެހެންކަމުން މިހާދިސާ ވެގެންދިޔައީ މީދޫއަށް ވަރަށް ބޮޑު ސިހުމަކާއި ހިތާމައެއް މެދުވެރިވި ހާދިސާއެއްކަމުގައެވެ.

އީގަލްބޯޓު ބެހުނު ހާދިސާއަކީ މީގެ 46 އަހަރު ކުރީގެ ހާދިސާއެކެވެ. އެއީ 1971 ވަނަ އަހަރެވެ. ވެލާނާގޭ އިބްރާހިމް ނާސިރުގެ ރައީސްކަމުގެ ދައުރެވެ. އެދުވަސްވަރަކީ ބަންގާޅުގެ މިނިވަންކަމުގެ ހަގުރާމައިގެ ދުވަސްވަރެވެ. އިންޑިޔާއާއި ޕާކިސްތާނުގެ ހަގުރާމައިގެ ހުޅުގަޑު ދެކުނު އޭޝިޔާއަށް ފެތުރިފައިއޮތް ދުވަސްވަރެވެ. އީގަލްބޯޓު ބެހިގެން ލައްވާލީ ސިލޯނުގެ ޓްރިންކޮމަލީގައެވެ. އެއީ ސިލޯނުގެ އިރުމަތީބިތެވެ. ބަންގާޅުކަނޑުގެ އައްސޭރިއެވެ.

އީގަލްބޯޓު ބެހުނު ހާދިސާގެ ވާހަކަ މިލިޔަނީ އަޅުގަޑުގެ ބައްޕަ އިބްރާހިމް ލުތުފީ އެވާހަކަ ކިޔައިދިން ގޮތަށެވެ. ދެފަހަރެއްގެ މަތީން މިވާހަކަ އަޅުގަޑަށް ކިޔައިދީފައިވެއެވެ. އެންމެފަހުން ކިޔައިދިނީ ބައްޕަގެ އުމުރުން 80 ވަނައަހަރުގައެވެ. ބައްޕަގެ އުމުރުން ތިރީސްހަތަރު އަހަރުގައި އޭނާ މާލެދިޔައީ ދޮންމަންމަ ވިހާދުވަހަށް ބޭނުންވާނެ ސާމާނު ގަތުމަށްޓަކައި ސުވާސާބޯޓުންނެވެ. ބްލޫވިންގް މުހައްމަދު ބާގިރު ދިޔައީ ތުނޑާގެ ސައީދާއި އެޅެބެއްޔާގެ ހަސަން ލަތީފު ގުޅިގެން ކުރަމުންދިޔަ ވިޔަފާރިއަކަށް ބޭނުންވާ މުދާ ގަތުމަށްޓަކައެވެ. މުހައްމަދު ބާގިރަކީ ސައީދުގެ ބޭބެއެވެ. ހަސަން ލަތީފުގެ ޅިޔަނެވެ. ކޮންމެއަކަސް މިމީހުން ސުވާސާބޯޓު ފުރާނެ ދުވަހެއްގެ އިންތިޒާރުގައި މާލޭގައި ދުވަސްތަކެއް ފާއިތުވެދިޔައިރުވެސް ބޯޓުފުރާނެ ދުވަހެއް ނޭގުނެވެ.

ސުވާސާބޯޓުން މާލެ ދިޔަމީހުންގެ ތެރެއިން މީދޫ ބަންޑާރަދަޑިގޭ މުހައްމަދުދީދީ (ބަންޑާގެ ބޭބެ) ބުންޏެވެ. ފުރާނެ ދުވަހަކާއި ބެހޭގޮތުން ބޯޓުގެ ވެރިންނާއި ވާހަކަ ދެއްކުމުން އެމީހުން ބުނަނީ ފުރާނެ ދުވަހެއް އަދި ނިންމާފައި ނުވާކަމަށެވެ. ބުލޫވިންގް މުހައްމަދު ބާގިރު (ތުނޑާގެ ތުއްތުދީދީ) ބުންޏެވެ. އީގަލްބޯޓު މިހާރު އެއޮތީ ފުރަން ތައްޔާރުކޮށްފައެވެ. އަތޮޅުގެ ވަރަށް ގިނަމީހުން އެބޯޓުން ފުރަން އެބައުޅެއެވެ. މިއަޑުއަހާފައި ފޭރުގަސްދޮށުގެ އަހުމަދު ކާމިލް (ދާޔާގެ އަހަންމާ) ބުންޏެވެ. އެހެންވިއްޔާ ތިމަންނަ ފުރާނީ ތިޔަ އީގަލްބޯޓުންނެވެ. އީގަލްބޯޓުން ފުރަން ނިންމީ މީދޫގެ ތިން މީހެކެވެ. އެއީ އަސަރީގެ އިބްރާހިމް ލުތުފީއާއި ފޭރުގަސްދޮށުގެ އަހުމަދު ކަމާލާއި ބުލޫވިންގް މުހައްމަދު ބާގިރެވެ. މުހައްމަދު ބާގިރުގެ ބޮޑުބޭބެ ބަންޑާރަދަޑިގޭ މުހައްމަދުދީދީ ހިމެނުނީ ސުވާސާބޯޓަށް އިންތިޒާރުކުރަން ނިންމި މީހުންގެ ތެރޭގައެވެ. އިބްރާހިމް ލުތުފީ ނިންމީ އޭނާއަށް ބޮޑުބޭބެކިޔާ އަހުމަދު ކަމާލާއެކު އީގަލްބޯޓުން ފުރުމަށެވެ.

އީގަލް ބޯޓުގެ މާލިމީއަކީ ހުވަދުއަތޮޅު ތިނަދޫ ހުވާކަލޯގެ އާދަންބެއެވެ. ސަރަނގަކީ ހިތަދޫ ތުއްތު މަނިކުގެ މޫސާމަނިކުފާނެވެ. އިންޖިނޭރަކީ ހިތަދޫ ތުއްތު މަނިކުގެ މުހައްމަދު މަނިކުފާނެވެ. އޭނާގެ އެހީތެރިޔަކީ ތުއްތު މަނިކުގެ މޫސާމަނިކުފާނުގެ މުހައްމަދު ދީދީއެވެ. މިބޯޓު މާލެއިން ފުރީ އަންގާރަ ވިލޭރެއްްގައި 12 އޮކްޓޯބަރ 1971 ގައެވެ. ހުޅަނގު މޫސުމުގެ ހިތަނަކަތުން 9 ވަނަ ދުވަހުއެވެ.

އީގަލްބޯޓުން ފުރި މީހުންގެ ތެރެއިން ބައްޕަގެ ހަނދާނުގައި މިހާރުހުރީ 31 މީހެކެވެ. އެއީ މީދޫ 3 މީހުން، ހުޅުދޫ 3 މީހުން، ފޭދޫ 5 މީހުން، ހިތަދޫ 15 މީހުން، ހުވަދޫ 3 މީހުން، ފުވައްމުލަކު މީހެއް އަދި މާލޭ މީހެކެވެ. މި 31 މީހުންގެ އިތުރުންވެސް އެހެން ބަޔަކު ބޯޓުގައި ތިއްބެވެ.

އީގަލްބޯޓުން ފުރި މީހުންގެ ތެރޭގައި ހިމެނެނީީ
01- މީދޫ އަސަރީގެ އިބްރާހިމް ލުތުފީ
02- މީދޫ ފޭރުގަސްދޮށުގެ އަހުމަދު ކަމާލު
03- މީދޫ ބުލޫވިންގް މުހައްމަދު ބާގިރު
04- ހުޅުދޫ ދޮން އަލިފުޅުގެ މުހައްމަދު އަލީ
05- ހުޅުދޫ ގައުމާތަގޭ މުހައްމާ ބެއްޔާ
06- ހުޅުދޫ ކަޅޮބެޔާގެ އަލީ
07- ފޭދޫ އާމިންދައިތާގެ ހުސެން މަނިކުފާނު (ގެދަރި ހުސައިން މަނިކުފާނު)
08- ފޭދޫ އައިސްގޭ މުހައްމަދު (މީދޫ މަރިޔާގެ މޫސާގެ މުހައްމަދު)
09- ފޭދޫ އިބިރިހިމްބެޔާގެ އަލިކަލޯ
10- ފޭދޫ އަނދުން މޫސާފުޅު (އުތުރު ރަށެއްގެ މީހެއް)
11- ފޭދޫ ފަހުމީ (މީދޫ ކަޅޮބެޔާގެ ހަސަނާގެ ފަހުމީ)
12- ހިތަދޫ ދޮންކޮއްޔަގެ ތުއްތު މަނިކުގެ އިބްރާހިމް މަނިކުފާނު (ބޯޓުގެ ވެރިޔާ)
13- ހިތަދޫ ތުއްތު މަނިކުގެ މޫސާމަނިކުފާނު (ސަރަނގު)
14- ހިތަދޫ ތުއްތު މަނިކުގެ މުހަދު މަނިކުފާނު (ބޮޑުއިންޖިނޭރު)
15- ހިތަދޫ ތުއްތު މަނިކުގެ މޫސާމަނިކުފާނުގެ މުހައްމަދު ދީދީ (އ. އިންޖިނޭރު)
16- ހިތަދޫ ކަމަނާގެ ވަހީދު (މާލޭގައި ކިޔަވަން ހުރެފައި ޗުއްޓީއަށް ދިޔަ)
17- ހިތަދޫ ކަމަނާގެ ވަހީދާ (މާލޭގައި ކިޔަވަން ހުރެފައި ޗުއްޓީއަށް ދިޔަ)
18- ހިތަދޫ އިބްރާހިމް ހުސޭނު (ހޮޓަލި އިބްރާހީމް)
19- ހިތަދޫ ކުޑަ މުހައްމަދު
20- ހިތަދޫ ކުޑަ މުހައްމަދުގެ އަލީރަޝީދު (ކުޑަކުއްޖެއް)
21- ހިތަދޫ ކުޑަ މުހައްމަދުގެ ކޮއްކޮ އަހުމަދު
22- ހިތަދޫ ޅިޔަނާގެ އަހުމަދު (ހާޖީ އަހުމަދު)
23- ހިތަދޫ ރެއްކާ
24- ހިތަދޫ މުހުއްމާ ބެއްޔާ
25- ހިތަދޫ ހައްވާއްތާގެ މުހަދޮ މަނިކުފާނު
26- ހިތަދޫ އަލިމަނިކާ (ބޯޅަކުޅެން ދިޔަ މީހެއް)
27- ފުވައްމުލަކު އެދުރުގޭ އަލިބޭބޭގެ އަހުމަދު ދީދީގެ މުލަކު މުހައްމަދު ދީދީ
28- ހުވަދޫ ހުވާކަލޯގެ އާދަމް (މާލިމީ)
29- ހުވަދޫ އަންހެނެއް (ސިފައިންގެ ބޭކަލެއްގެ އަންހެނުން)
30- ހުވަދޫ އަންހެނެއްގެ ކުޑަ އަންހެން ކުއްޖެއް
31- މާލޭ ފަހުމީ (އަލްހާނު ފަހުމީގެ ބައްޕަ)
މީގެ އިތުރުންވެސް ހިތަދޫ ކުޅުންތެރިންގެ ބަޔަކާއި ކުޑަ މުހައްމަދުގެ އެކުވެރިންގެ ބަޔަކު ބޯޓުގައި ތިއްބެވެ. އެމީހުންގެ ތެރޭން ބައެއް މީހުންނަކީ ގަމުގެ ލޭބަރުންނެވެ.

ހިތަދޫ ކަމަނާގެ ވަހީދު ދަތުރުނާމާއެއް ލިޔުނު ކަމަށްވެއެވެ. ވަހީދު އާއި އޭނާގެ ކޮއްކޮ ވަހީދާއަކީ ކިޔަވަން ވެގެން މާލޭގައި ތިބެފައި ޗުއްޓީއަށް ދިޔަ ދެކުދީންނެވެ. މި ދެކުދިންގެ މަންމަ ކަމަނާ އިނދެގެން ހުރީ ޅިޔަނާގެ ކޮންމެވެސް މީހަކާއެވެ. މިވަހީދަކީ ފަހުން ހިތަދޫ ކޯޓުގައި ވަޒީފާ އަދާކުރި މީހެކެވެ.

އީގަލްބޯޓު މާލެއިން ފުރައިގެން ދަތުރުކޮށްފައިގޮސް ލ. މާމެންދޫ ބޭރުގައި މަޑުކޮށްފިއެވެ. އެރަށުން ދަތުރަށް ބޭނުންވާ ބޯފެނާއި ދަރު ބޯޓަށްލައިގެން އިރުއޮއްސި ހަޔެއް ޖެހުމުން މާމެންދޫ ބަނދަރުން ފުރައިފިއެވެ. އެއީ 18 އޮކްޓޯބަރު 1971 ވީ ބުދަދުވަހެވެ. ހުޅަނގު މޫސުމުގެ ހޭނަކަތުން އެއްވަނަ ދުވަހެވެ.

މާމެންދޫ ބަނދަރުން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް އެރޭ އަށެއް ޖަހާކަށްހާއިރު ވިއްސާރަވެ ވައިބާރުވެ ކަނޑު ގަދަވެއްޖެއެވެ. ދަތުރު ކުރެވޭވަރު ނުވެގެން ބޯޓް އަނބުރާލާފައިގޮސް އަނެއްކާވެސް މާމެންދޫގައި ބަނދަރުކޮށްފިއެވެ. ބޯޓު ބަރުކަމުން ކާޑުގެ ބައެއް ބާވަތްތައް އެފަހަރު މާމެންދޫއަށް ބޭލިއެވެ. އެދުވަހަކީ މޫސުން ގޯސްކަމުން ދަތުރު ކުރެވޭވަރު ނުވެގެން ހުވަދޫ އަލީ ކަތީބުގެ ބޯޓުވެސް މާމެންދޫގައި ބަނދަރުކޮށްގެން އޮތްދުވަހެވެ.

މާމެންދޫ ބޭރުގައި މަޑުކޮށްގެން އޮތުމަށްފަހު މޫސުން ރަނގަޅު ވެއްޖެކަމަށް ހީކޮށް އީގަލްބޯޓު ފުރަން ތައްޔާރުކޮށްފިއެވެ. ވޯކީޓޯކީ ނަގައިގެން ކައިރިކައިރީގެ ރަށްރަށަށް ގުޅައި މޫސުމާއި ބެހޭގޮތުން މައުލޫމާތު ސާފުކުރިއެވެ. އޭރު މުވާސަލާތީ ކަންކަމުގައި ބޭނުންކުރަނީ ހަމައެކަނި ވޯކީޓޯކީއެވެ. ވޯކީޓޯކީން ގުޅޭނީ ކައިރީގައިވާ ރަށްރަށަށް ވަކިގަޑިތަކެއްގައެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!