މީދޫ ގަނޑޮވަރިފަންނުގެ ވެށި

ނޯޓް : މިލިޔުމަކީ ރަށުގެ މާހައުލުގެ ޚާއްސަ ތަންތަނާއި އެތަންތާގައި ހިމެނޭ ތަފާތު ބާވަތްތަކުގެ ދިރުންތަކާ ބެހޭގޮތުން ލިޔެފައިވާ ލިޔުމަކަށްވާތީ އެފަދަ ޚާއްސަ ނަންތައް ރަށުމީހުން ކިޔައި އުޅޭ ގޮތަށް ބޭނުންކޮށްފައި ވާނެއެވެ. އެއީ އެބަސްތައް ރައްކާ ކުރުމާއިއެކު ރަށުގެ ކޮންޓެކްސްޓުން ލިޔުނީމާ މޮޅުވާނެ ކަމަށް ބަލައިގެންނެވެ.

ގަނޑޮވަރިފަންނަކީ މީދޫގެ އެކި ދިމަދިމާގައިވާ ފަންނު ތަކުގެ ތެރެއިން ރަށުގެ ހުޅަނގުދެކުނުން، ހުދުބިތް ފަރާތު އަތިރިއަށް ދާން އޮންނަ ފަންނެވެ. ނުވަތަ މޫސާގެފަންނާއި އަށްޓިއަރިފަންނާއި ދެމެދުގައިވާ ފަންނެވެ. ގަނޑޮވަރިފަންނާއި އަށްޓިއަރިފަންނާއި ދެމެދުގައި ކުރީން އޮތް ފާތިންކާލެގެފަންނު މިހާރު ވަނީ އުވިގެން ގޮސްފައެވެ. ރަށުގެ މައި ފަންނެއްގެ ގޮތުގައި ގަނޑޮވަރިފަންނު މަޝްހޫރު ވެފައި ނުވިނަމަވެސް އެއީ ފާހަގަކޮށްލަންޖެހޭ ވަރަށް ޚާއްސަ ފަންނެކެވެ. ފަންނަށް ނަން ދީފައި ވަނީ މީދޫ ގަނޑޮވަރި އަހުމަދުދީގެ ނަމަށް ނިސްބަތް ކުރެވިގެން ކަމަށް އެނގިފައި ވެއެވެ. ތާރީޚީ ރިވާތަކުން އެނގިފައިވާ ގޮތުގައި ގަނޑޮވަރިފަންނު އަތިރިއަށް ދާންއޮންނަ މަގު އެންމެ ފުރަތަމަ ހަދާފައިވަނީ ގަނޑޮވަރި އަހުމަދު ދީދީގެ އިރުޝާދާއިއެކު އެދީދީ އިސްވެހުރެގެންނެވެ. މިމަގުގެ މިހާރުގެ ރަސްމީ ނަމަކީ ޒިޔާރަތް ގޯޅިއެވެ.

މިލިޔުމުގެ ބޭނުމަކީ މާޒީގެ ތެރެއިން އަހުރެން ހަނދާން ހުންނަން ފެށި ދުވަސްވަރު ގަނޑޮވަރިފަންނާއި އެތާގެ ވަށައިގެންވާ ގުދުރަތީ މާހައުލު އޮތްގޮތުގެ މައްޗަށް ކޮންމެވެސް ވަރެއްގެ މައުލޫމާތެއް މިހާރުގެ ޖީލާއި ހަމައަށް ފޯރުކޮށް ދިނުމެވެ. މިލިޔުމުގައި ޖުމްލަ ގޮތަކަށް ބަލާފައިވާނީ މީގެ ތިރީސްފަސް އަހަރު ކުރީން ފެށިގެން ފަހުގެ އަހަރު ތަކަށެވެ. 1980ވަނަ އަހަރާއި 1992 އަހަރާއި ދެމެދުގެ ދުވަސްވަރެވެ. އަމިއްލަ އުފަން ބިމުގެ ގުދުރަތީ މާހައުލު ދެކެ ލޯބިވާ ކޮންމެ ބަޔަކުވެސް އެބިމުގެ ޚާއްސަ ތަންތަން ކުރީން އޮތް ގޮތުގެ މައުލޫމާތު ދެނެގަތުމަށްޓަކައި ޝައުގުވެރިވާނެއެވެ. އެއީ އިންސާނީ ޠަބީޢަތުގައި ވާކަމެއްވެސް މެއެވެ. އެހެން ކަމުން މިފަދަ ވާހަކަތައް ކިޔާލަން ޝައުގުވެރިވާނެ ކޮންމެވެސް ބަޔަކު ތިބެދާނެ ކަމަށް ދެކެމެވެ. މިލިޔުމުން ކޮންމެވެސް މައުލޫމާތެއް ކޮންމެވެސް ބަޔަކަށް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ.

ކޯރުތަކާއި ވާދީތަކާއި ފަރުބަދަތައް ލައްވާފައިވާ ބިންބިމުގެ އަހުލުވެރީންގެ އަދަބިއްޔާތުގައި އެތަންތަނުގެ ގުދުރަތީ މާހައުލާއި ތާރީޚާއި ގުޅޭ ލިޔުންތައް ހުރެއެވެ. އަހުރެމެންގެ މާހައުލުގައި އެފަދަ ގުދުރަތީ ސިފަތަކެއްވެސް އަދި ތާރީޚީ ގޮތުން ފާހަގަ ކޮށްލެވޭ އެފަދަ ކަންތައްތަކެއް ނެތްކަމަށް ވެދާނެއެވެ. އެހެންނަމަވެސް އަހުރެމެންގެ މާހައުލުގައި ހުރިނަމަ ހުރި ޚާއްސަ ތަންތަނުގެ ސިފަތަކާއި ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތައް އަހުރެމެންގެ އަދަބިއްޔާތުގެ ތެރެއިންވެސް ފެންނަން ޖެހޭނެކަމަށް ގަބޫލު ކުރެވެއެވެ.

އެންމެ ފުރަތަމަ ބަލައިލާނީ ގަނޑޮވަރިފަންނު އަތިރިއަށް ދާން އޮންނަ މަގު އެދުވަސްވަރު ފެށިފައިވާ ހިސާބުންނެވެ. މިހާރު މަސްޖިދު ޒައިނުލްޢާބިދީން (ކުދުބެއްޔާ މިސްކިތް) ކުރިމަތިން އޮންނަ މަހުމޫދީހިނގުން ދެކުނަށް ގޮސް ނިމެނީ މޫސާގެފަންނު މިސްކިތާއި ސީދާވެ ޖެހޭ ހިސާބުންނެވެ. މިބުނި މަހުމޫދީހިނގުމުން ފެށިގެން ހުޅަނގަށް ގަނޑޮވަރިފަންނާއި މޫސާގެފަންނާއި ދެމެދު އެއްވެސް ގެއެއް އެދުވަސްވަރު ނުހުރެއެވެ. އެއްގަމުން ފެށިގެން ގަނޑޮވަރިފަންނު އަތިރިއާއި ހަމައަށް އޮންނަނީ ތަފާތު ވައްތަރުގެ ގަސްތައް ހެދިފައި އޮންނަ ސަރަހައްދެކެވެ. އެއީ ބިޔަ ޖަންގައްޔެކޭވެސް ނުކިޔޭނެއެވެ.

އެސަރަހައްދުގައި ހެދިފައި ހުންނަ ބޮޑެތި ގަސްގަހަކީ ކަށިކެޔޮގަހާއި ފުނަގަހެވެ. މަގުގެ ދެއަރިމަތީގައި ސީދާ ލައިނަކަށް ކައިރި ކައިރީގައި އިންދާފައި ހުންނަ ފުނަގަސްތަކެއްވެސް ހުރެއެވެ. މާގިނަ ނޫން އަދަދަކަށް ރުއްވެސް ހުރެއެވެ. އެންމެ ގިނައިން ހެދިފައި ހުންނަނީ އުނިގަހާއި މަގޫގަހެވެ. އަހިގަސް، ކިރިތޮނަ، ބިންހިމަ، ދޮންމޫސަގަސް، މަގޫގަސް އަދި އޮނުހުއިވެސް (އިބިލީހާބުރު) ގިނައިން ހެދިފައި ހުރެއެވެ. ގަނޑޮވަރިފަންނުގައި ހެދިފައި ހުންނަ ޚާއްސަ އެއްޗަކީ ހިމެރި ވެލެވެ. ނުވަތަ މާހިމެރިއެވެ. ފަންނުގެ އައްސޭރިފަށުގެ އެކިހިސާބުތަކުގައި މިވެއު ހެދިފައި ހުންނަލެއް ގިނައެވެ. ރަށުގެ އެހެން ސަރަހައްދުތަކުގައިވެސް ހިމެރިވެއު ކޮންމެވެސް ވަރަކަށް ހެދިފައި ހުރެއެވެ. ނަމަވެސް އެންމެ ގިނައިން ރީތިކޮށް މާހިމެރިވެއު ހެދިފައި ހުންނަނީ ގަނޑޮވަރިފަންނުގެ އެއްގަމުގެ އެކިހިސާބު ތަކުގައެވެ. ދިވެހި ބޭސްވެރިކަމަށް މާހިމެރިފަތް ކަނޑަން ރަށުގެ ދުރު ހިސާބު ތަކުންވެސް މީހުން ގޮސް އުޅެއެވެ.

ދެން ބަލައިލާނީ ގަނޑޮވަރިފަންނު އަތިރިމައްޗާއި އެފަންނާއި ގުޅޭ ހުދުބިތްފަރާތު ފަޅުތެރޭގެ މާހައުލު އޮތްގޮތުގެ މައްޗަށެވެ. ގަނޑޮވަރިފަންނުގެ އެންމެ ޚާއްސަކަމަކީ އެފަންނުން އަތިރިއަށް ފައިބާއިރު ފެންނާން އޮންނަ ރީތި ހުދު ފަޅާއި ފަޅުތެރެއިން ފެންނާން އޮންނަ ރީތި ހުދު ދޮންވެލިގަނޑެވެ. ގަނޑޮވަރިފަންނުން ފެށިގެން މޫސާގެފަންނާއި ހަމައަށް ދޮންވެލި އަރާފައި އޮންނަ ރީތި ގޮނޑުދޮށެއްވެސް އޮވެއެވެ. ހުދުބިތްފަރާތުގެ ފަޅުގެ އެންމެ ރީތި ހިސާބަކީވެސް މިއީއެވެ. ދިޔަވަރު ހިކިފައި އޮންނަ ވަގުތުގައި ގަނޑޮވަރިފަންނަށް ފައިބާ މީހަކަށް ފެންނާނެ އެންމެ ރީތި އަދި އެންމެ ހިތްގައިމު މަންޒަރަކީ ފަޅުތެރެއިން އެތައް ސަތޭކަ ފޫޓު ބޭރަށް ދެމިގެން ގޮސްފައިއޮންނަ ސާފު ހުދު ދޮންވެލިގަނޑެވެ. ފަޅުމަތީގައި މިގޮތަށް އޮންނަ ދޮންވެލި ގަނޑުގަނޑަށް އައްޑޫ ބަހުން ކިޔަނީ ފިށިމަތިއެވެ. މިގޮތުން ރަށުމީހުން ކިޔާ އުޅުނީ ހުދުބިތެ ފިށިމަތި އެހެން ނޫނީ ފިށިމަތި މިހެންނެވެ.

ފިށިމަތީގެ ބޮޑުމިނަކީ ދިގުމިނުގައި ގާތްގަޑަކަށް ފަސްސަތޭކަ ފޫޓް އަދި އެވެރެޖް ފުޅާމިނުގައި ގާތްގަޑަކަށް ދުއިސައްތަ ފޫޓެވެ. ފަޅުތެރެ ހިކިއަޅާފައި އޮންނަ ވަގުތު ދުވާލު އަވި ދިއްލުމުން ފިށިމަތި ފެންނަނީ ސަރާސަރު ސަރަހައްދަކަށް ފެތުރިފައިވާ ރީތި ހުދުކުލައިގެ ސާލެއްހެންނެވެ. މި ފިށިމައްޗަކީ ކަނޑުފަޅުގެ ތަފާތު ދިރުންތަކުން މުއްސަނދި މާހައުލެކެވެ. ފިށިމަތީގައި ހުންނަ އެންމެ ޚާއްސަ ބާވަތްތަކުގެ ތެރޭގައި މުރަމެއްސާއި ކުޑާއަނގަ އަދި ތައްލިހި ހިމެނެއެވެ. އެއީ ފިހެގެން ކާން މީރު މަހެއް ހުންނަ ތަކެއްޗެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ކަކުނި، ރިނދަ، ބިންބޮޅަ، ރަންވަންފުއްލާ، ކަށިފުއްލާ، ދިގިފުއްލާ، އިލާފަތި އަދި އެނބެރެއްޔޯ ވެސް ހުރެއެވެ.

ގަނޑޮވަރިފަންނު އަތިރިއަށް ފައިބާދިމާލަކީ ގޮނޑުދޮށާއިވީ ކޮޅުން ފިށިމަތީގެ މެދެވެ. އެންމެ ބޭރު ކޮޅުގައި ތަންކޮޅެއް ދިޔަވަރު ބޮޑުކޮށް ސާފުކޮށް އޮންނަ ހިސާބެއް އޮވެފައި ދެން އޮންނަނީ ބޯކޮށް މޫދުހުއި ހެދިފައި އޮންނަ ސަރަހައްދެކެވެ. އެސަރަހައްދަށް ރަށު މީހުން ކިޔަނީ ކަޅުވާފަތްގަނޑެވެ. ފިށިމަތީގެ ބޭރު ކޮޅުގައި ދިޔަވަރު މުޅީން ނުހިކޭ ހިސާބުން ފެށިގެން ކަޅުވާފަތްގަނޑާއި ދެމެދުގައި އޮންނަ ސަރަހައްދަކީ އެހާ ރައްކާތެރި ސަރަހައްދަކަށް ނުވެއެވެ. މިސަރަހައްދުގައި ހުންނަ ނުރައްކާތެރި ތަކެތީގެ ތެރޭގައި ގައުހަކަ، ފޮރޯތެލަ އަދި ތުނެހިބެރަ ހިމެނެއެވެ. މީގެ އިތުރުން ނައި، ކިރިފޮހޮނޑަ އަދި ކަޅު ފޮހޮނޑަ ޒާތުގެ ތަކެތިވެސް ހުރެއެވެ. ފޮރޯތެލައަކީ ފިށިމަތީގައި ވަޅުލެވިގެން ކޮޅަށް ހުންނަ އިތާ ފެމިލީގެ ބާވަތެކެވެ. ވެލިގަނޑުން މައްޗަށް ކިރިޔާ ފެންނަ ވަރަށް އުފުލިފައި ހުންނަ ބައި ފުރޯ ތިލައެކޭ އެއްގޮތް ވާނެއެވެ. މީގެ މައްޗަށް ފައިން އެރިއްޖެނަމަ ކަނޑައިގެންދެއެވެ. ތުނެހިބެރެއްގެ މައްޗަށް އެރުނަސް ތިނޯސްތަކެއްހެން އެއިގެ ބޭރުގައި ހުންނަ ކަށިތައް ފަޔަށް ހެރިގެން ގޮސް އެތެރެއަށް ބިންދައިގެން ދެއެވެ. މިއީ ހިސާބަކަށް ވިހަ އެކުލެވޭ ބާވަތެއްގެ އެއްޗަކަށްވާތީ މީގެ ކަށްޓެއް ހެރިއްޖެނަމަ ވަރަށް ބޮޑަށް ރިއްސާނެއެވެ.

ކަޅުވާފަތް ގަނޑަކީވެސް ބައެއް ދިރުންތައް ހުންނަ ސަރަހައްދެކެވެ. އެއިގެތެރޭން އެންމެ ފާހަގަކޮށްލެވެނީ ކަޅޮބޮނޑޮ ބޮއްޔާއި ބާވަތެއްގެ ބޮޑު ކަކުންޏެކެވެ. މިކަކުންޏަށް ރަށު މީހުން ކިޔައި އުޅުނީ ވިލެމަސްކަކިޑިއެވެ. މިކަކުނި ނަގައިގެން ފިހެގެން ކައި ހަދައެވެ. އިހިމަސް ރަހައެއް ދޭ ވަރަށް މަސް މީރު ކަކުންޏެކެވެ. ވިލެމަސްކަކިޑީގެ ކުދި އެއްޗެހި ފަޅުތެރޭގެ ހުރިހާ ހިސާބެއްގައި ގިނަ އަދަދަކަށް އުޅެއެވެ. އެއީ ވަރަށް ލަހުން ބޮޑުވާ ކަކުންޏެކެވެ. އެހެންކަމުން މީގެ ބޮޑެތި ކަކުނި ފެންނަނީ ވަރަށް މަދުންނެވެ. ކަކުނިތައް ބޮޑެތިވީމާ އުޅެނީ ކަޅުވާފަތްގަޑާވީ ހިސާބު ބޭރުގައި ހޮރު ކޮނެގެންނެވެ. މިކަކުނީގެ ފަހަތު ދެފައި ހުންނަނީ ފިންސެއް ގޮތަށެވެ. އެހެން ކަމުން މޫދުތެރޭގައި މަސްތައް ދުވާގޮތައް ދުވެހަދައެވެ. މިނިމައުގަނޑޭ ކިޔައި އުޅުނު އެއްޗެއްވެސް ކަޅުވާފަތްގަނޑު ސަރަހައްދުން ފެނެއެވެ. އެއީ ޒާތަކަށް ގެތިފައިވާ ކުދި ފޯލިތަކެއް ހުންނަ ޖެލީގަނޑެއް ޒާތުގެ އެއްޗެކެވެ. މިނިމައުގަނޑު ފެނުން މައްޗަށް ނަގައި އިރަށް ނުވަތަ އަތްވަށް ދައްކާލާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭގައި ހުނަނަ ފޯލިތައް މިލާ މޯޅިވެގެން ދެއެވެ.

ދިޔަވަރު ހިކިފައި އޮންނަ އިރު ފިށިމައްޗަކީ ގޮނޑުދޮށު ދޫނީގެ މައިޒާނެއްވެސް މެއެވެ. އަހަރުތެރޭގެ ހުރިހާ ދުވަސްވަރެއްގައިވެސް ދޫނިތައް އާދެއެވެ. އެހެންނަމަވެސް އިރުވައި މޫސުމުގައި އަންނަ ދޫނިތައް އާދަޔާއި ޚިލާފަށް ގިނަވެއެވެ. ފިށިމައްޗަށް އަންނަ ދޫނިތަކުގެ ތެރޭގައި އެންމެ ގިނައީ ބޮއިތޮށި، ރަތަފަ އަދި ފިނދަނައެވެ. ދޫނިތައް ފިށިމައްޗަށް އަންނަނީ ފައުޖު ފައުޖަށެވެ. އެއިގެ ފައުޖެއްގައި ދުއިސައްތައަށް ވުރެން ގިނަ ދޫނި އުޅޭނެއެވެ. ވަކިވަކިން އައިސް އުޅޭ ދޫނިތަކުގެ ތެރޭގައި ގިނައިން ފެންނަނީ މާކަނާ، ރާބޮނދި، އިރުވާހުދު އަދި ކިރުދޫންޏެވެ.

މީގެ އިތުރުންވެސް ތަފާތު އެތަކެއް ދޫންޏެއް ފިށިމައްޗަށް ޖައްސާ ހަދައެވެ. އެދޫނިތަކަށް ރަށު މީހުން ކިޔައި އުޅެނީ އިށަނގަ، ބޮނޑަނަ، ކޮކާފެހި، އަލަކެއި، ދިއްވާކުރާ، ދުށިމު އަދި ބުޅިތުނބު ފަދަ ނަންނަމެވެ. މީގެ ތެރެއިން ގިނަ ދޫނިތަކުގެ އަސްލު ގެދޮރަކީ ރަށުގެ މަތިކިޅިއެވެ. މަތިކިޅިން ލިބެން ހުންނަ ތަކެތި ކައިގެން ފިށިމައްޗަށް އަންނަނީ އެކިޒާތުގެ ކުދިފަނިތަކާއި ކުޑަ ކަކުނިފަދަ ތަކެތި ކެއުމަށެވެ. ފިށިމަތި ހިކިއަޅައިފައި އޮންނައިރު ބައެއް ސަރަހައްދުތަކުން ޒާތެއްގެ އުދުހޭ ކުޑަ ފަނިތަކެއްވެސް ފެނެއެވެ. ހަނޑޫފުއްތަކެއްހެން ހުންނަ އެފަންޏަށް ރަށު މީހުން ކިޔަނީ ކިޑި މިހެންނެވެ. ކިޑިއަކީ ގިނަ ދޫނީގެ ވަރަށް ޚާއްސަ ކެއުމެކެވެ.

ފިށިމައްޗަށް އަންނަ ދޫނިތައް ހިފުމަށްޓަކައި މަޅިފަތި ހަދައިގެން އުޅުމަކީވެސް އެދުވަސްރު ޒުވާންކުދިންގެ އާދައެކެވެ. ބައެއް ކުދީން ބޮނބި ނަރުން މަޅިފަތި ހަދައެވެ. އަނެއްބައި ކުދީން ހިމަ ކަންވާރު ބޭނުން ކޮށްގެންވެސް މަޅިފަތި ހަދައެވެ. އަދި ބައެއްފަހަރު މަޅިފަތީގައި ބަނބުކެޔޮ ކިރު ހޭކުން ފަދަ އުކުޅުތައްވެސް ބޭނުން ކުރެއެވެ. ކޮންމެ ދުވަސްވަރެއްގައިވެސް ދިޔަވަރު ފުރިހަމައަށް ހިކޭ ވަގުތު ދޫނީގެ ފައުޖުތަކަށް އެނގެއެވެ. އެގަޑިއަށް ރަށުގެ އަނެއް ފަރާތުގައި އޮންނަ މަތިކިޅިން ދޫނީގެ ބައިގަނޑު އަންނަނީ މަތިން އުދުހިފައެވެ. މިގޮތަށް ދޫނީގެ ފައުޖުތައް އަންނައިރު އެއްގަމުގައި އުޅޭ މީހުންނަށްވެސް ބައެއްފަހަރު ފެނެއެވެ.

ހުދުބިތްފަރާތުގެ ފަޅާއި ފިށިމަތީގެ މާހައުލު މިހާރު ހަލާކުވެފައިވާތީ އެސަރަހައްދަށް ދޫނީގެ ފައުޖުތައް މިހާރަކު ނާދެއެވެ. އެހެންނަމަވެސް ރަށުގެ ޚާއްސަ ތަންތަނަށް މިހާރުވެސް މީގެ ތެރެއިން ގިނަ ބާވަތްތަކުގެ ދޫނި ޖައްސާ ހަދައެވެ. ދާދިފަހުންވެސް މީދޫ ބަނދަރު ކައިރީ ޕާކު ސަރަހައްދުން ބުޅިތުނބި އާއި ރަތަފަ ހިފައިގެން ބަޔަކު އުޅުނެވެ. އެއީ ހިމާޔަތް ކުރެވިފައިވާ ދޫންޏަކަށްވާތީ ފުލުހުންގެ އެންގުމަށް އެދޫނިތައް ވަނީ ދޫކޮށްލައިފައެވެ.

ގަނޑޮވަރިފަންނާއި މޫސާގެފަންނަށްވާ ގޮތަށް ހުޅުވިފައި އޮންނަ ހުދުބިތްފަރާތުގެ މައިފަޅަކީ ވަރަށް ބޮޑު ތިލަ ފަޅެކެވެ. ދިޔަވަރު ބޮޑުވެފައި އޮންނައިރު ވަކިންރީތިކޮށް ފެންނަ ސާފު ހުދު ފަޅެކެވެ. މޫދަށް އެރި ފެންވަރާ މޫދުކުޅިވަރު ކުޅެ ހެދުމަށް ވަރަށް ހިތްގައިމު ފަޅެއްވެސް މެއެވެ. ތިލަފަޅުގައި އުޅޭ މަސްމަހާމެހީގެ ތަފާތު ގިނަ ބާވަތުން މުއްސަނދި ފަޅެކެވެ. އެއިގެ ތެރޭގައި އުނިޔަ، ކަޅުއޮށް، އުދަލިކަޅުއޮށް (މައުފޭރާ) މެކުނު އަދި ކުރަނޑިމަސް ހިމެނެއެވެ. ދިޔަވަރު ބޮޑުވަމުން އަންނަ ވަގުތު ގިނަ އަދަދަކަށް ކުދި އުނިޔަ (އުޑިމަސް) ދުވެނަގާތަން ފެންނާނެއެވެ. މިވަގުތަށް ބަލައިގެން މަސް ހިފަން އުޅޭ ކުދި ބަޔަކުވެސް އުޅޭނެއެވެ. އުޑިމަސް ހިފުން އޮންނަ ގޮތަކީ އެމީހަކު ހިފަން ހިތުލާ މަހެއްގެ ފަހަތުން ދުވަމުން ދުވަމުން ގޮސް އެމަސް ވަރު ބަލިވެގެން ވެލިގަނޑު ތެރެއަށް ހެރެޖެހީމާ ހިފަނީއެވެ. މިހެން ހިފާ ކުދި މަސް ބައެއް ފަހަރު އަތިރިމަތީގައި ފިހެގެން ކައި ހަދައެވެ. އަނެއްބައި ފަހަރަށް ގެޔަށްވެސް ގެންދެއެވެ.

މިފަޅުތެރެއިން ވަކި ފޮއިވަރެއްގައި ގިނަ އަދަދަކަށް މަސް ހިފައި އުޅޭ އެހެން ގޮތެއްވެސް އޮވެއެވެ. އެއީ ރުކުފަން އަޅައިގެން ބޮޑު ސަރަހައްދެއް ބަންދު ކޮށްގެން މަސްހިފުމެވެ. މިގޮތަށް މަސްހިފުމަށް އައްޑޫ މީހުން ކިޔައި އުޅެނީ ފަނާ އެޅުމެވެ. ދިޔަވަރު ބޮޑުވާއިރު ވަށައިގެން ބޮޑު ސަރަހައްދެއް ބަންދުވާ ގޮތަށް މެދުން ފަޅާފައި ހުންނަ ރުކުފަން ގުޅުވައިގެން އަޅާފައި ބާއްވަނީއެވެ. އެއަށްފަހު ދިޔަވަރު ހިކޭއިރު ގިނަ އަދަދެއްގެ މަސްތައް ތިބެނީ ފަނުން ބައްދާފައިވާ ސަރަހައްދުގެ ތެރޭގައި ބަންދުވެފައެވެ. ދިޔަވަރު ހިކެން ފެށީމާ އެމަސްތައް ވެލިގަނޑުގެ އެތަންމިތަނަށް ހެރެޖަހާނެއެވެ. ދެން ފަންއަޅާފައިވާ ސަރަހައްދުގެ އެތެރެއަށް ވަދެ ފަސޭހަ ކަމާއިއެކު މަސްތައް ހިފަނީއެވެ. މިގޮތަށް ހިފާ މަސްތަކުގެ ތެރޭގައި އެންމެ ގިނައީ އުނިޔަ މަހާއި ކަޅުއޮށާއި ކުރަނޑިމަސް ފަދަ މަސްމަހެވެ.

ގަނޑޮވަރިފަންނާއި މޫސާގެފަންނާއި ދެމެދު ހިނގަން އޮންނަނީ ފުޅާކޮށް އޮންނަ ރީތި ދޮންވެލި މަގެކެވެ. އެހިސާބުގަނޑުގެ އަތިރިމަތީގައި ކުޅެން އުޅޭ ކުދިވެރިން އެމަގުގެ ބައެއް ތަންތަނަށް ރޯދައާއި ދިމާކޮށް އާ ދޮންވެލި ލައިވެސް ހަދައެވެ. އެއީ ރޯދަމަހު ރޯދަކުރުކުރަން ގޮސް ތިބުމަށެވެ. މަގުގެ ދެފަރާތުގައި ގާތްގަޑަކަށް ސީދާ ލައިނަކަށް ވާގޮތަށް ރުއްތައް ހެދިފައި ހުރެއެވެ. ރުއްތަކުގެ ހިޔާ އެޅިފައި އޮންނަ އިރު އެތަނަކީ އަތިރިމަތީގައި ކުޅޭ ކުދިންނަށް ވަރަށް ހިތްގައިމު ތަނަކަށް ވެއެވެ. ގަނޑޮވަރިފަންނުން ފައިބާއިރު ކަނާއަތް ފަޅީގައި ހުންނަނީ ކްރެސެންޓްވިލާ އިބްރާހީމް ދީދީގެ ހަރުގެއެވެ. އެއީ ކޮޑަދޯނި ލާން ހަދާފައި ހުންނަ ކުޑަވަރެއްގެ ހަރުގެއެކެވެ. ވާއަތް ފަޅީގައި ހުންނަނީ ކުދު އަހައްމާބޭ ހަރުގެއެވެ. އެއީ ބޮޑު ދޯންޏަކާއި ކޮޑަދޯންޏެއް އެއްފަހަރާ ލެވޭވަރަށް ހަދާފައި ހުންނަ ބޮޑު ހަރުގެއެކެވެ.

ކޮންމެއަކަސް މީދޫގެ ހުދުބިތްފަރާތުގެ ރީތި ފަޅާއި އެއޮތް ރީތި ފިށިމަތީގެ ދިރުންތައް މިހާރު ވަނީ މުޅިންހެން ނެތިގެން ގޮސްފައެވެ. ތިލަފަޅާއި ދޮންވެލި ތުނޑިތަކަކީ ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެ ޚާއްސަ އެންމެ ރީތި ސިފައެވެ. ހިތާމައަކީ ގުދުރަތީ އެރީތި މާހައުލުގެ ރީތިކަން މިހާރު އަހުރެމެންނަށް އަލްވަދާޢު ކިޔާފައިވުމެވެ. މިއީ ބައެއްގެ އިހުމާލުން ރަށުގެ ތިމާވެށި ހަލާކުކޮށްލުމުގެ ނަތީޖާއެވެ. އެންމެ ފުރަތަމައަށް ދިމާވި މައްސަލައަކީ ޑަމްޕަރު ފަދަ ވެހިކަލްތައް ބޭނުންކޮށް ފިށިމަތީގައި ބޮޑެތި ވަޅުގަނޑުގަނޑު ކޮނެގެން ވެލި ނަގަން ފެށުމެވެ. އެވަޅުގަނޑުތަކަށް އާވެލި އެޅި ނުފުރެނީސް ބަނދަރު ހެދުމުން އެހިސާބުގެ އޮއިވަރު ބަންދުވެ ފަޅުގެ މާހައުލު އަބަދަށްޓަކައި ހަލާކުވެ ދިޔައީއެވެ. އަޅުގަނޑަށް ވިސްނޭ ގޮތުގައި މީދޫގެ ބަނދަރާއި ރަށުގެ މެދުބަނދަރު ހެދިއިރު ތިމާވެށީގެ ގޮތުން ބަލަންވާ ވަރަށް ރަނގަޅަށް ބަލައިގެން ޕްލޭން ކޮށްގެން އެމަޝްރޫޢު ހިންގި ނަމަ މީދޫގެ ފަޅު މިއަދު އޮތްގޮތަށް ހަލާކު ނުވީހެވެ.

ޒަމާނުގެ އޮއިވަރާއި ތިމާވެށީގެ ތަފާތު ޖަރީމާތަކާއި ގުޅިގެން ގަނޑޮވަރިފަންނާއި ހުދުބިތްފަރާތުގެ ރީތި ފަޅު ހަލާކުވެފައި އޮންނަތާ އަހަރުތަކެއް ފަހުން އެފަންނު އަތިރިމަތީގައި ހުރި ގޮނޑުތައް ސާފުކޮށް ފިނި މައިޒާނަކަށް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ދެހާސްސަތާރަ ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފެށި މަސައްކަތުގެ ބޮޑު ބައި މިހާރު ވަނީ ނިންމައިލެވިފައެވެ. ގަނޑޮވަރިފަންނު މައިޒާން ހެދުމުގެ އިތުރުން ހުދުބިތްފަރާތުގެ ގޮނޑުދޮށް ވަނީ މޫސާގެފަންނާއި ހަމައަށް ސާފުކުރެވިފައެވެ. އެހެންކަމުން ކުޑަކުދިންނާއި ބޮޑެތި މީހުން މުނިފޫހިފިލުވަން މަޑުކޮށްގެން ތިބުމަށް ހިތްގައިމު މައިޒާނަކަށް ގަނޑޮވަރިފަންނު މިހާރުވަނީ ބަދަލު ކުރެވިފައެވެ.

މިއީ މީދޫގެ އަމިއްލަ ޖަމާޢަތެއް ކަމަށްވާ ނަލަފެހި މީދޫގެ ފަރާތުން އިސްނަގައިގެން ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކާމާއިއެކު ކުރެވުނު ވަރަށް ރަނގަޅު މަސައްކަތެކެވެ. ނަލަފެހި ގްރޫޕްގެ ފަރާތުން މިމަސައްކަތުގައި އިސްނަންގަވައިގެން މަސައްކަތް ކުރެއްވި މުހައްމަދު ކާމިލް (ގާރީ) އާއި، ޞިމާދު ޝަފީޤާއި ޙުސައިން ރަޝީދާއި ޢަލީ ވާފިރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ.

މިލިޔުމުގައި ބޭނުން ކޮށްފައިވާ ރަސްމީ ދިވެހި ބަސް ނޫން ބަސްބަހުގެ މާނަ:

ފިށިމަތި = ފަޅުމަތީގެ ހުދު ދޮންވެލިގަނޑު
ބުޅިތުނބު = ބުޅިތުނބި
ކޮކާފެހި، ބޮއިތޮށި، އަލަކެއި، ދިއްވާކުރާ = ގޮނޑުދޮށު ދޫނީގެ ބާވަތްތައް
ދުށިމު = ދުށިން
ހުދުބިތް = ރަށުގެ މައިފަޅު އޮންނަ ފަރާތް. ފުއްޓަރު ފަރާތް ނޫން އަނެއް ފަރާތް
މައުފޭރާ = އުދަލިކަޅުއޮށް (މަސް)
އުޑި = ކުޑަ އުނިޔަމަސް
ވިލެމަސްކަކިޑި = ފަޅުގެ ފުން ހިސާބު ތަކުގައި އުޅޭ ޒާތެއްގެ ބޮޑު ކަކުންޏެއް. ކަކުނި އުޅޭނީ ހޮރު ކޮނެގެން އެއިގެ ތެރޭގައި.
ކޮޑަދޯނި = ހަތަރުފަލިލީ ކުޑަ ދޯނި މަސްދޯނި. މިސައިޒުގެ ދޯނި ބޭނުން ކުރަނީ ފަރުމަސްވެރިކަން ކުރުމަށާއި ކުރުމަސްވެރިކަމަށް.
ފަނާއެޅުން = ފަޅުގައި ދާއަޅައިގެން މަސް ބަންދުކޮށްގެން މަސް ހިފާ ގޮތަށް ރުކުފަންއަރި އަޅައިގެން ބަންދުކޮށްގެން މަސްހިފުން.
ކަޅުވާފަތްގަނޑު = ބޯކޮށް މޫދުހުއި ހެދިފައި އޮންނަ ސަރަހައްދު
ހެރެޖެހުން = ނިވައިވާ ގޮތަށް ފިލައި އޮތުން ނުވަތަ ބޮނދުން
ކުޑާއަނގަ = ދޮންއަނގަ
ކަޅޮބޮނޑޮބޮލި = ކަޅު ލައްތަކެއް ޖަހާފައި ހުންނަ އޮފުކަން ގަދަ ބޮޑު ބޮއްޔެއް. މިބޮލި ފެންނަނީ މޫދުހުއި ގަދައަށް ހެދިފައި އޮންނަ ތަންތަނުންނެވެ.
އިށަނގަ = ތޭރަވާ
ތައްލިހި = ޑިނގާ
އިބިލީހާބުރު = އޮނުހުއި
ކިރިފޮހޮނޑަ = ހުއިފިލަނޑާ
ކަޅޮފޮހޮނޑަ = ހުއިފިލަނޑާގެ ކަޅު ވައްތަރު
ފޮރޯތެލަ = އިތާ އާއިލާގެ ބާވަތެއް
ތުނެހިބެރަ = ހިޔަމަ

ރަސްމީ ދިވެހިބަހުން ލިޔާއިރު މިބަސްތައް ބޭނުން ނުކުރިނަމަވެސް މީގެ ތެރެއިން ވަރަށް މަދު ބަހެއް ފިޔަވައި ގިނަ ބަސްތައް މިހާރު ދިވެހި ރަދީފަށް އަރާފައި ވެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!