މޭޔަރު ސޯބެގެ މަރުކަޒުކުރުމުގެ ބާބު 1

އެންމެފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލްގެ ހަތްގޮނޑިވެސް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. މުޅި އަތޮޅުގައިވެސް އޮތީ އެމްޑީޕީގެ ރޫހެވެ. ރައްޔިތުންނަށް ކަމުދިޔައީ އެމްޑީޕީގެ ޝިއާރުތަކާއި ގޮވުންތަކެވެ. މީގެ މާނަޔަކީ ކޮބައިބާވައެވެ؟ މީގެ މާނަޔަކީ އެންމެންގެ ކެމިސްޓްރީ އެއްގޮތްވުން ބާވައެވެ؟ އެންމެންވެސް އެކައްޗެއް ބޭނުންވުންބާވައެވެ؟

އާނއެކެވެ. އެންމެންވެސް ބޭނުންވީ ވަރުގަދަ ލާމަރުކަޒީ ނިޒާމެކެވެ. ޑިމޮކްރަސީގެ ހަރުދަނާ އުސޫލެވެ. ޚުދުމުޚުތާރުކަމާއި ގޮށްމުށުގެ ބާރަށް އެންމެންވެސް ބުނަން ބޭނުންވީ ނޫނެކޭއެވެ. ރައްޔިތުންނަށް ކަމުދަނީ ކޮންމެހެން އެމްޑީޕީގެ ރީނދޫ ކުލައެއް ނޫނެވެ. އަދި އެމްޑީޕީގެ ނަމެއްވެސް ނޫނެވެ. ރައްޔިތުންނަށް ކަމުދަނީ އެމްޑީޕީގެ މެސެޖުތަކެވެ. ތަންފީޒުކުރާނެ ކަމަށް ބުނާ ސިޔާސަތުތަކެވެ. ރައްޔިތުމީހާއަށް އަދާކުރާނެކަމަށް ބުނާ ހައްގުތަކެވެ.

އެމްޑީޕީގެ ވައުދުތައް ބަލައިގަނެ ރައްޔިތުން ނިކުމެ އެއްވާނެއްގައި އަތޮޅުގެ ހުރިހާ ދާއިރާއެއް ކާމިޔާބުކުރުމަކީ އެ ހަތް ދާއިރާގެ ރައްޔިތުންގެ ހުރިހާކަމެއް އެއްގޮތްވުމެއް ނޫނެވެ. އެއްގޮތްވަނީ ފިކުރެވެ. އުއްމީދެވެ. ހުވަފެންތަކެވެ. ކޮންމެ ދާއިރާއެއްގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި އެދާއިރާއެއްގެ ރައްޔިތުންގެ ތަފާތު ބޭނުންތައް ހުންނާނެއެވެ. ކޮންމެ ދާއިރާއެއްގައިވެސް ކުރަންޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. މިކަންކަމަށް އިހުމާލުވެވޭނަމަ އެއީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖެހުމެކެވެ. ކޮޅުފައިން ޖެހުމަކީ ލާމަރުކަޒުކުރުމުގެ ރޫހާ ޚިލާފުކަމެކެވެ. އަދި ޑިމޮކްރަސީގެ އަސާސްތަކާވެސް ޚިލާފު ކަމެކެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ލިބުނަސް އަދި ސިޓީގެ މޭޔަރުކަން ތިންވަނަ ފަހަރަށް ސޯބެއަށް ލިބުނަސް ބަދަލުނުވާ އަދި ބަދަލުނުވެސްވާނޭ ކަންތައްތަކެއް އެބަހުއްޓެވެ. ސިޓީއެކޭ ކިޔަސް އައްޑޫއަކީ ސިޓީއެއް ނޫނެވެ. އެއީ އަތޮޅެކެވެ. އަތޮޅު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ހަރަށެކެވެ.  ދަތުރުފަތުރުކުރުމުގެ ލުއިފަސޭހަތަކާއި އިދާރީ ފަސޭހަތަކާއި މިހެންގޮސް ޚިދުމަތުގެ ހުރިހާ ފަސޭހަތަކެއް ބޮޑަށް ފަހިވެފައި އޮންނަނީ އަތޮޅުގެ ހުޅަނގުބިތަށެވެ. ހުޅުދޫ އާއި މީދޫ އޮންނަނީ އެކަހެރިވެފައެވެ. ފަސޭހަތަކުންވެސް އެކަހެރިވެފައެވެ. އަތޮޅުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ނިސްބަތްވަނީ ހުޅުދޫއާއި މީދޫއަށެވެ. އެކަމަކު ސިޓީއެއްގެ ފޮނިމީރުކަން އިހުސާސް ކުރުމުގެ ފުރުސަތު އެމީހުންނަކަށް ނޯވެއެވެ. މިއީ ބަދަލުނުވާ ހަގީގަތެކެވެ.

ފާއިތުވި އަހަރުތަކުގެ ތަޖުރިބާއިން އައްޑޫ ސިޓީ ކައުންސިލާއި ޚާއްސަކޮށް އައްޑޫ މޭޔަރު ސޯބެއަށް އެއްވެސް ފިލާވަޅެއް ލިބުނުކަމަކަށް ނުފެނެއެވެ. އަދި ލާމަރުކަޒުކުރުމުގެ ބޭނުން އިހުސާސްކުރެވުނު ކަމަކަށްވެސް ނުފެނެއެވެ. ކޮންމެ އިންތިޚާބެއްގައި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުން އެދާއިރާގެ ގޮނޑިއަށް ސޯބެ އިންތިޚާބުކުރުމުގެ މާނަޔަކީ މިކަންކަން ސޯބެއަށް އިހުސާސްވުމެއް ނޫނެވެ. އަދި ހުރިހާ ކައުންސިލަރުންގެ މެދުގައި ނެގޭ ވޯޓަކުން މޭޔަރުގެ މަގާމަށް ތިންފަހަރު ސޯބެ ހޮވުމަކީވެސް އަތޮޅުގެ ރޫހާއި ވިންދު ސޯބެއަށް އެނގުމެއް ނޫނެވެ.

އަތޮޅު ދެބަޔަކަށް ބެހިފައިވާއިރު ހަމަކޮންމެ ޚިދުމަތެއް ލިބިގަތުމަށްވެސް ހުޅުދޫއާއި މީދޫ މީހުން ފަތަންޖެހެނީ ކަނޑުގައެވެ. މޭޔަރުގެ ގޮތުގައި ހުޅުދޫ އާއި މީދޫއަށް ސޯބެ ދިޔައީ ކިތައްފަހަރުބާވައެވެ؟ އެދެރަށުގެ ރައްޔިތުން އުފުލާންޖެހޭ ތަކުލީފުތައް އަމިއްލައަށް ބަލައި އެކަންކަމަށް ހައްލު ހޯދައިދޭން ސޯބެ މަސައްކަތްކުރީ ކިތައްފަހަރު ބާވައެވެ؟ ކައުންސިލްގެ ގޮނޑިއަށް ސޯބެ ހޮވަނީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންކަމަށްވިޔަސް މޭޔަރުގެ މަގާމަށް ސޯބެ އިންތިޚާބުވީމާ ހުރިހާ ދާއިރާއެއްގެ ކަންކަންވެސް ސޯބެ ބަލަންޖެހޭނެއެވެ. ހުޅުދޫ އާއި މީދޫއަކީ ހަގީގަތުގައި އައްޑޫގެ ލާމަރުކަޒީ ނިޒާމުގެ އެންމެ ބޮޑު ގޮންޖެހުމެވެ. އެހެންވީމާ އެދެރަށުގެ ކަންކަމަށް މޭޔަރުގެ ގޮތުގައި ސޯބެ ޚާއްސަ ސަމާލުކަމެއްވެސް ދޭންޖެހޭނެއެވެ. އެއީ ލާމަރުކަޒުކުރުމުގެ ރޫހަށްޓަކައިވެސް ކުރަން މަޖުބޫރުކަމެކެވެ.

އައްޑޫގައި މޭޔަރަކު ހުންނައިރު ޑެޕިއުޓީ މޭޔަރަކުވެސް ހުރެއެވެ. އެންމެ ފުރަތަމަ އިންތިޚާބަށްފަހު އެންމެ އާބާދީ ބޮޑު ހިތަދޫގެ މީހަކު މޭޔަރަކަށް ހޮވާފައި ހުޅުދޫއާއި މީދޫ ދާއިރާއިން ހޮވުނު މީހާ ޑެޕިއުޓީ މޭޔަރަކަށް ހަމަޖެއްސުމަކީ ލާމަރުކަޒީ ނިޒާމަށް އައްޑޫގައި އޮތް ގޮންޖެހުމަށް ސިޓީ ކައުންސިލުން ވިސްނާކަން ދަލީލުކޮށްދިން ކަމެކެވެ. އެފަހަރު އެހެންވިޔަސް ދެން ބޭއްވުނު އިންތިޚާބަށްފަހު އެ ރޫހު ހަނދާން ނައްތާލައިފިއެވެ. ޑެޕިއުޓީ މޭޔަރަކަށް ހޮވީވެސް ގުޅިފައިވާ ރަށްތަކުގެ ތެރެއިން ރަށެއްގެ މީހެކެވެ.

ދެން މިފަހަރު އައީ ތިންވަނަ އިންތިޚާބެވެ. މިފަހަރު ކުރިއަށްވުރެވެސް މާބޮޑަށް މަރުކަޒީ ވެއްޖެއެވެ. މޭޔަރުކަމާއި ޑެޕިއުޓީ މޭޔަރުކަންވެސް ހިތަދޫއަށެވެ. ލާމަރުކަޒީކުރުމަކީ މިއީބާވައެވެ؟ ނޫނެކެވެ. މިއީ އަދި އެހެންކަމެކެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން އިންތިޚާބު ބާއްވައިގެން އަދި މިކުރަނީ އެހެންކަމެކެވެ. ހުޅުދޫ އާއި މީދޫގެ ރައްޔިތުން އުޅޭ ނޫޅޭ ހާލު ބަލައިލުންވެސް މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ނުފެނުން މިއީ މަގުސަދެކެވެ. އަތޮޅު އޮތީ ދެބަޔަކަށް ކަމާއި ކުޑަބައި އޮތީ ނުހަނު ދަތި ހާލުގައިކަން މޭޔަރާއި ޑެޕިއުޓީ މޭޔަރަށް އިހުސާސްވިޔަ ނުދިނުމަކީވެސް މަގުސަދެކެވެ. އަތޮޅުގެ ޖިއޮގްރަފިކަލް ބައްޓަމަށް އިއުތިރާފު ނުވުމާއި ލާމަރުކަޒު ކުރުމުގެ މަގުސަދާއި ޚިލާފުވުމުގައި މިއަށްވުރެ ސާފު އެހެން މިސާލުތަކެއް ފެންނާނެބާވައެވެ؟ ނުފެންނާނެކަން ޔަގީނެވެ. ލާމަރުކަޒީ ނިޒާމަކީ އެއްމުސީބާތަކުން ބޯދަމައިގެންފައި އަނެއް މުސީބާތެއްގެ ތެރެއަށް ބޯމަހާލުމަށް ކިޔާނަމެއް ނޫނެވެ.

އަތޮޅުގެ ވެރިރަށަކީ ހިތަދޫއެވެ. އެހެންވީމާ އިދާރީ މަރުކަޒަކަށް ވަނީ ހިތަދޫއެވެ. އޭގެ މާނަޔަކީ ފޭދޫއާއި މަރަދޫ އާއި މަރަދޫފޭދޫ އުވިގެން ދިޔުމެއް ނޫނެވެ. އެއީވެސް ތަފާތު ރަށްރަށެވެ. އެތަންތާގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ހުންނާނެއެވެ. ކައުންސިލަށް އެތަންތަނުން މީހުން ހޮވަނީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައެވެ. ރައްޔިތުންގެ އަޑުއިއްވައި ކަންކަން ކުރުމަށެވެ. ހުޅުދޫ އާއި މީދޫވެސް ހަމައެފަދައެވެ. އެކަމަކު މޭޔަރާއި ޑެޕިއުޓީ މޭޔަރު ހިތަށްއެރި ވާހަކައެއް ހިތަށްއެރި ދިގުމިނެއްގައި ދައްކާފައި ދެންތިބޭ ކައުންސިލަރުންނަށް މިނިޓެއް ދޮޅުމިނިޓެއް ދީފައި ކައުންސިލްގެ ބައްދަލުވުންތައް ނިންމާލީމާ އެހެން ރަށްރަށަށް އެކުރެވެނީ މަލާމާތެކެވެ. ލޯކަލް ގަވަރނަންސަށް ވެސް އެކުރެވެނީ ފުރައްސާރައެވެ. ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން މެންޑޭޓެއް ދިނީމާ މިވަރުގެ ކުޑަކުޑަކަމެއްގައިވެސް ދޫދޭން ނޭގުނު ބަޔަކަށް ދެން ކުރެވޭނީ ކޮންކަމެއް ބާވައެވެ؟ ކުރެވޭނީ ކޮން ލާމަރުކަޒެއް ބާވައެވެ؟

ފާއިތުވި ދެދައުރުގައިވެސް ސޯބެގެ ޝަކުވާއަކީ ސިޓީ ކައުންސިލަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ވާހަކައެވެ. އެހެންވީމާ ކަންކަން ނުކުރެވޭ ވާހަކައެވެ. ފާއިތުވި މެދު ދައުރުގައި މިޝަކުވާ ވަކީން ބޮޑެވެ. ތެދެކެވެ. ސަރުކާރުން ކުރަނީ ޖެއްސުމެވެ. ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތެވެ. ކައުންސިލްގެ ބާރުތައް ހަނިކުރަމުންކުރަމުންގޮސް ސޯބެގެ ކޯޓާއި ފަޓުލޫނު ފިޔަވައި އެހެން ހުރިހާ އެއްޗެއްވެސް ސަރުކާރަށް ނަގައިފިއެވެ. އެއީ ހަގީގަތެކެވެ. އެކަމަކު ސޯބެގެ އިޚުލާސްތެރިކަން ކޮބައިބާވައެވެ؟ ޚިދުމަތް ނުކުރެވޭކަމަށް ވަނީވިއްޔާ އަދި ޚިދުމަތެއް ކުރެވޭނެކަމުގެ އުއްމީދެއް ނެތީވިއްޔާ ކޮންމެފަހަރަކު ކައުންސިލްގެ ގޮނޑިއަކަށް ސޯބެ ކުރިމަތިލަނީ ކީއްވެގެންބާވައެވެ. ކުރާނެ އެހެންކަމެއް ނެތީ ބާވައެވެ؟

ސޯބެގެ ފުރަތަމަ ދައުރުގައި ކައުންސިލަށް ނުހަނު ގިނަގުނަ ބާރުތައް ލިބިފައި އޮތެވެ. އޭރު ސޯބެ ކޮށްދިނީ ނުވަތަ ކޮށްދޭން އުޅުނީ ކޮންކަމެއް ބާވައެވެ. ފެންނާކަށް ނެތެވެ. ނިމިގެންދިޔަ ދައުރުގައި ހުޅުދޫ އާއި މީދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ސޯބެއާ ހަމަޔަށް ޝަކުވާއެއް ގެންދާއިރަށް ސޯބެގެ ޒިންމާއިން ރެކިގަނެފައި އިނގިލި ދިއްކުރީ ހުޅުމީދޫގެ ކައުންސިލަރު އަލީ މުހައްމަދަށެވެ. އަލީ މުހައްމަދުގެ ވިޔާނުދާކަމުން ކަންކަން ނުކުރެވެނީއެވެ. އެއީ ސޯބެގެ ޖަވާބެވެ. އެކަމަކު މިފަހަރު ސޯބެއަށް އެފުރުސަތެއް ނެތެވެ. ހުޅުދޫ ކައުންސިލަރަކާއި މީދޫ ކައުންސިލަރަކު މިހާރު އެބަތިއްބެވެ. އެކެއްގެ ބަދަލުގައި މިހާރު ދެމީހުން އެބަތިއްބެވެ. ދެ މިޒާޖުގެ ދެމީހުންނެވެ. އެހެންވީމާ ކުރިން ސޯބެ ބޭނުންކުރި އުކުޅުތައް މިފަހަރު ބޭނުމެއް ނުކުރެވޭނެއެވެ.

އަތޮޅުވެރިއެއްގެ ބަދަލުގައި މޭޔަރަކު ހުރުމަކީ އައްޑުއަތޮޅުގެ ޖިއޮގްރަފިކަލް ހަގީގަތް ބަދަލުވާ ކަމެއް ނޫނެވެ. އަތޮޅާއި ރަށްރަށުގެ ކެމިސްޓްރީ ބަދަލުވާ ކަމެއް ނޫނެވެ. ރަށްރަށް އުވި ބޭނުންތައްވެސް އުވި އަވަށްތަކަކަށް ބަދަލުވެ ހިތަދޫގެ ސެޓެލައިޓްތަކަކަށް ވާންޖެހޭ ކަމެއް ނޫނެވެ. މިހަގީގަތް ސޯބެ ގަބޫލު ނުކުރާކަމަށް ވަނީނަމަ މޭޔަރުގެ ގޮނޑިން ފައިބައި ހިތަދޫ އުުތުރު ދާއިރާގެ ގޮނޑި ހޫނުކުރަން ހުންނާށެވެ. އަހަރެމެންގެ މައްސަލައެއް ނެތެވެ. އެހެންނޫނީ އިތުބާރުނެތްކަމުގެ ވޯޓުތަކާ ކުރިމަތިލާން ތައްޔާރުވާށެވެ. ތިޔަ ކައުންސިލުގައި ކަމަށް ގާބިލު ތަޖުރިބާހުރި މީހުން އެބަތިއްބެވެ.

ހުޅުދޫ އާއި މީދޫއަކީ ދެރަށަކަށްވިޔަސް އެއީ އެއްފަސްގަނޑެކެވެ. އެއްބައެއްގެ ވޭންތައް އަނެއްބަޔަކު ތަހައްމަލްކުރާނެއެވެ. އެއްބައެއްގެ އުފަލުގައި އަނެއްބަޔަކުވެސް ބައިވެރިވާނެއެވެ. މީދޫއާއި ހުޅުދޫގެ މެދުގައި މައްސަލައެއް އޮތިއްޔާ އެމައްސަލައެއްގެ ފެށުމަކީވެސް ތަންކޮޅެއް ކުރީން ހުރި އަތޮޅުވެރިޔަކު ރޭވިރޭވުންތަކާއި ކުރިކަންތައްތަކެވެ. އޭނާގެ ބާރު ވަރުގަދަކުރަން ރޭވި ރޭވުމެއްގެ ނަތީޖާގެ ހިތިކަމެވެ. މިހަގީގަތް ހުޅުދޫ ކައުންސިލަރު ޝުކުރީ އާއި މީދޫ ކައުންސިލަރު ހިޔާޒުވެސް ގަބޫލު ކުރާނެއެވެ. ހުޅުދޫއާއި މީދޫއަށް ކަމެއް ކުރެވޭނީ އެ ދެކައުންސިލަރުންވެސް އެއްގަލަކަށް އަރައިގެންކަން ގަބޫލު ކުރާނެއެވެ. އެހެންވީމާ ރައްޔިތުންގެ އުއްމީދަކީ އަތޮޅުގެ އިރުމަތީބިތުގެ މަސްލަހަތުގައި އެދެކައުންސިލަރުން އަބަދުވެސް އެކައްޗެއްކިޔައި އެއްއަޒުމެއްގައި ތިބުމެވެ.

ހުޅުދޫ ކައުންސިލަރު ޝުކުރީއަކީ މިލިޓަރީ ޑިސިޕްލިންގެ ތެރެއިން ބައްޓަންވެފައިހުރި މީހެކެވެ. ހަރުދަނާ މުވައްސަސާއެއް ހިނގާނެ ގޮތް ތަޖުރިބާކޮށްފައިހުރި މީހެކެވެ. މޭޔަރު ސޯބެގެ ކެމިސްޓްރީ އާއި ކައުންސިލަރު ޝުކުރީގެ ކެމިސްޓްރީ ދިމާނުވުމަކީ ޝުކުރީއަކީ ރުޅިގަދަ ރުންކުރު ކެތްތެރިކަން ކުޑަ މީހެއްގެ ޓެގު އަޅުވާފައި މަގުމައްޗަށް ނެރެން އޮތް ހުއްޖަތެއް ނޫނެވެ. މިޒާތުގެ ކަމަކަށް އެހެން ކައުންސިލަރުންވެސް ސޯބެއަކަށް ދެން ފުރުސަތެއް ނުދޭނެއެވެ. ތިޔަކަހަލަ ކަންކަމުގެ އަގު އަދާކުރަންޖެހޭނެއެވެ. ޑިމޮކްރަސީގައި ކަން އޮންނަގޮތަކީ އެއީއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!