ބޮޑުދޮންވެލިގަޑު

ކޯގަންނު ގަބުރުސްތާނުގެ އުތުރުކޮޅުން ފެށިގެން ހޭޅިފަށާއި ދޭތެރޭގައި ފުޓުބޯޅަ ދަނޑެއްވަރުގެ ހުސްތަންކޮޅެއް އޮވެއެވެ. ގާތްގަޑަކަށް ފަންސާސްހާސް އަކަފޫޓުގެ މިތަންކޮޅަށް ކިޔައިއުޅެނީ ބޮޑުދޮންވެލިގަޑެވެ. މިތަންކޮޅުގައި ވިނައެއް ނުހުރެއެވެ. ހުންނަނީ މުޅިންވެސް ވެއްޔެވެ.

ޖޫނިއަރ ޖަންގަލީ ކުލަބުގެ ޒަމާނުގައި މިއީ އެކުލަބުގެ ރަސްމީ ފުޓުބޯޅަދަނޑެވެ. ވެލިގަނޑު މަޑުވެފައި ހިސާބަކަށް ގަނބާތީ މިތަނުގައި ކުޅެން ފަރިތަ ކުއްޖަކަށް ނޫނީ މޮޅަށް ނުކުޅެވޭނެއެވެ. ކައިލައްކޮރާ އަވަށުގެ ކުދިންނަށް ދައުވަތުދީގެން ބޮޑުދޮންވެލިގަޑަށް ގެނެސް އެމީހުން ބަލިކުރުމަކީ ޖޭޖޭސީގެ ކުދިން އާއްމުކޮށް ކުރާކަމެކެވެ. ބޮޑުދޮންވެލިގަޑުގައި މެޗެއް ކުޅެގެން އިރުމަތީއަވަށުގެ ކުދިން ބަލިވުމަކީ ވަރަށް ނާދިރުކަމެކެވެ.

ބޮޑުދޮންވެލިގަޑުގެ ދެކުނުފަރާތު އިމަކީ ކޯގަންނު ފާރެވެ. މިފާރަކީވެސް މޮޅަށް ފުޓުބޯޅަ ކުޅޭކުދިންނަށް އެޑްވާންޓޭޖެކެވެ. ކުރިމައްޗަށް ކުއްޖަކު އަރައި ޑްރިބަލްކޮށްފައިދާން އުނދަގޫވެއްޖެނަމަ ފާރަށް ވަންޓަޗް ހަދާފައި ބަޗައިގެންދާންވީއެވެ. ފާރަށް ވަންޓަޗް ހެދުމަކީ ބޮޑުދޮންވެލިގަޑުގައި ކުޅޭ ފުޓުބޯޅައިގެ ގަވާއިދު ހުއްދަކުރާ ކަމެކެވެ.

ބޮޑުދޮންވެލިގަޑު ފުޓްބޯޅައިގައި އަދި އެހެންކަމެއްވެސް ހުއްދައެވެ. ހުޅަނގުފަރާތު ގޯލުގައި ހުންނަ ކީޕަރަށް ބޭނުންއިރަކު ބޭނުންތާކަށް އައިސްގޮސްވެވެއެވެ. އެގޯލް ހުންނަނީ މަގަށްވާގޮތަށެވެ. އެހެންވީމާ އެއްގަމުން އަންނަ މީހުން އެންމެ އަވަހަށް ފެންނާނީ ގޯލްގައި ހުންނަ މީހަކަށެވެ. އެދުވަހަކު މައިންބަފައިން ހޯދަން ނުކުތުމުގެ ބިރު އެންމެ ބޮޑު ކުއްޖަކު ބަހައްޓާނީ އެފަރާތު ގޯލްގައެވެ. އެހުންނަ ހުރުމުގައި މަންމަ ނޫނީ ބައްޕަ އަންނަތަން ފެނިއްޖެނަމަ އަވަހަށް ވަލުތެރެއަށް ވަދެ ފިލަންވީއެވެ. ކީޕަރަކު ނެތި ގޯލަށް ވަންނަ ބޯޅަޔަކީ ލަނޑެއް ނޫނެވެ.

ބޮޑުދޮންވެލިގަޑަކީ ވަރަށް ތާރީޚީ ތަނެކެވެ. ބުދުދީނުގެ ޒަމާނުގައި މަރުވާމީހުން އެންދި ސަރަހައްދަކީ ކޯގަންނު ސަރަހައްދެވެ. މިއެންދުމެއް އެންދީ ވީހާވެސް ގޮނޑުދޮށާއި ކައިރީގައެވެ. އެއީ ކޯގަންނާއި އަތިރިމައްޗާއި ދޭތެރޭގައި ހުސްކޮށް އޮންނަ އޭރިޔާއެވެ. ބޮޑުދޮންވެލިގަޑަކީ އެއީއެވެ. އިސްލާމްދީނަށް އެނބުރުމަށްފަހު ބޮޑުދޮންވެލިގަޑުގެ ދެކުނަށް އޮތް ސަރަހައްދު ހެދީ މީހުން ވަޅުލާ ގަބުރުސްތާނަކަށެވެ. ގަބުރުސްތާނަކަށް ބަދަލުކުރީ މީލާދީން 1127 ގައެވެ.

އިސްލާމްވުމަށްފަހު ވެސް ބޮޑުދޮންވެލިގަޑާއިމެދު ދެކެވޭ ވާހަކައެއް އޮވެއެވެ. ބޮޑެތި މައްސަލަތަކާއި ގުޅިގެން ހުވާކުރަން ޖެހޭ މީހުން ހުވާކުރަން ނިކުންނަނީ ބޮޑުދޮންވެލިގަޑަށެވެ. އޭގެތެރޭގައި ލިއާނުކުރުންފަދަ މައްސަލަތައްވެސް ހިމެނެއެވެ. މީގެ ބޭނުމަކީ ދޮގު ހުވައެއްކޮށްގެން ހޮނު އެޅުންފަދަ ކޯފާއެއް އަޔަސް މީހުން ދިރިއުޅޭ ސަރަހައްދު އެފަދަ ކޯފާޔަކުން މިންޖު ކުރުމެވެ. ކޮންމެވެސް މީހަކު ކުރި ދޮގު ހުވަޔަކާއި ގުޅިގެން ހޮނު އެޅުންފަދަ ކަމެއް ކުރިމަތިވެ ރަށުތެރެއަށް ގެއްލުންވުމަކީ މިކަމަށް ބޮޑުދޮންވެލިގަޑު ޚާއްސަ ކުރަން ޖެހުނު ސަބަބު ކަމަށްވެސް ކިޔައި އުޅެއެވެ.

އެންމެފަހުން ބޮޑުދޮންވެލިގަޑުގައި މިފަދަ ހުވައެއް ކުރީ މީގެ ސަތޭކައެއްހައި އަހަރުކުރިން ކަޅުއަބްދުﷲ ދީދީގެ ނާއިބުކަމުގެ ދުވަސްވަރުއެވެ. ޖޭޖޭސީ ކުލަބު އުފެދި އިރުމަތީއަވަށުގެ ޒުވާނުންނާއި ކުޑަކުދީންގެ ކުޅިވަރުގެ މައިޒާނަކަށް ބޮޑުދޮންވެލިގަޑު ބަދަލުވީ މާފަހަކުން ގަމުގައި އިނގިރޭސިން ތިބި ޒަމާނުގައެވެ.

ތަންކޮޅެއްކުރީގައި ދެމީހަކު އަރައިރުންވެ ގަޔަށް އަތްލައި މާރާމާރީ ހިންގާން ފަށައިފިނަމަ އެންމެންވެސް ބުނާނެއެވެ. ތިޔަހިފުމެއް ހިފާން ބޮޑުދޮންވެލިގަޑަށް ދާށެވެ. ރަށުތެރޭގައި މީހުންނަށް ފެންނަ ހިސާބުގައި ތިޔަހިފުން ހިފާނެކަމެއް ނެތެވެ. މިއިން ދޭހަވާ އެއްޗަކީ އިހުޒަމާނުގައި ހެވިކަމުގެ ކުޅިވަރާއި ބަނޑުމުސާރަޔަށް ބެއްދުންފަދަ ކަންތަކަށް ޚާއްސަ ސަރަހައްދަކީވެސް ބޮޑުދޮންވެލިގަޑުކަމެވެ.

މިއަދުގެ ބޮޑުދޮންވެލިގަޑު ވަނީ ބަދަލުވެފައެވެ. ބޮޑުދޮންވެލިގަޑުގެ އެންމެ ޝަރަފުވެރި ގޯލްޕޯސްޓް ހުރި އޭރިޔާގައި މިއަދު ކުޑަވަރެއްގެ ސިމެންތި ބުރެއް ރާނާފައި ޕާކެއްގެ ސިފަގެނެވޭތޯ މަސައްކަތްކުރެވިފައިވާތީ ފެނެއެވެ. ރާފަޅާގެ ހަނދާނުގައި އެސަރަހައްދު ފިނިމައިޒާނަކަށް ހެދުމަށް ގަދައަޅާ ބަޔަކުވެސް އުޅޭކަމަށް އިވެއެވެ. އެތަނުގެ ތާރީޚާއި އެތަނުގެ ވަނަވަރަކީ މިއަދުގެ ގިނަކުދީންނަށް އޮޅުންނުފިލާ ކަންކަމެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!