ފިތުނައިގެ ދޮރާއްޓަކީ މިއީއެވެ.

މީދޫގައި ހުންނަ ސިއްހީ މަރުކަޒުގެ ދެކުނު ފަރާތުން ހުޅުދޫ މީހުން ވަދެނުކުމެ ހެދުމަށް ޚާއްސަ ދޮރާއްޓެއް ގާއިމުކުރެވިފައިވާކަން އެނގޭހެއްޔެވެ؟ ނޭގެންޏާ ދަންނާށެވެ. ސިއްހީ މަރުކަޒާއި އަތޮޅުމަދަރުސާއާ ދޭތެރޭގައި އޮންނަ މަގަށްވާ ގޮތަށް އާ ދޮރާއްޓެއް ވަނީ ކަނޑައިފައެވެ. މިއީ ސިއްހީ މަރުކަޒުގެ އުތުރުން މީދޫފަޅިއަށް ވާގޮތަށް ހުންނަ ރަސްމީ ދޮރާށި ބޭނުން ނުކޮށް ސީދާ ހުޅުދޫން އަންނަ މީހުންނަށާއި ވެހިކަލްތަކަށް ޚާއްސަކޮށްފައިވާ ދޮރާއްޓެކެވެ. މިއީ ބޮޑުވެގެންވާ ފިތުނައިގެ ދޮރާއްޓެކެވެ.

މި ދޮރާޢްޓެއް ކެނޑީ ހުޅުދޫ ޒުބައިރުގެ އިބްރާހިމްދީދީ އެވެ. ހުޅުދޫ އާއި މީދޫގައި ހުންނަ އެންމެ އިސްވެރިޔަކީ އިބްރާހިމްދީދީކަމަށް ހަމަޖެހިފައި ހުރި ޒަމާނުގެ ކަމެކެވެ. މި ދޮރާއްޓެއް ކެނޑުމުގައި ހުއްޖަތަކަށް ދެއްކީ ހުޅުދޫ މީހުންނަށް ފަސޭހަކުރުމާއި ހުޅުދޫއާ ވީފަރާތުގައި ދޮރާއްޓެއް ހުރުމުގެ މުހިއްމުކަމުގެ ވާހަކައެވެ.

ދޮރާށި ހަދަންވީއެވެ. އެއީ މައްސަލައެއް ނޫނެވެ. ހިތަދޫގައި ތިބެފައި ބަޔަކު އަންނަކަމަށް ވެއްޖެނަމަ އެބަޔަކަށް ފަސޭހައަކަށް ހުޅަނގުފަރާތުންވެސް ދޮރެއް ކަނޑަންވީއެވެ. ބޮޑުމަގުން އަންނަ މީހުންނަށް ފަސޭހަކުރަން އިރުމަރީފަރާތުންވެސް ދޮރެއް ކަނޑަންވީއެވެ. ވައިކުޑައިގައި ފައިބަން ބޭނުންވާ ބަޔަކު ތިބެދާނެތީ ފުރާޅުން ބައެއް ނައްޓާފައި މަތީގައިވެސް ދޮރެއް ބަހައްޓަންވީއެވެ.

ތަންތަން އިމާރާތްކޮށްފައި ދޮރާށި ބަހައްޓަނީ ބޭނުމަކުއެވެ. އެންމެންނަށްވެސް އޮތީ އެ ދޮރާށި ބޭނުން ކުރުމެވެ. އެކަމަކު މީދޫގައި ހުންނަ ސިއްހީ މަރުކަޒުގެ ދޮރާށި ބޭނުންކުރަން ހުޅުދޫ މީހުން ބޭނުމެއް ނޫނެވެ. އެއީ ހުޅުދޫއާ ވީކޮޅަށް އެ ދޮރާށި ނުހުންނާތީއެވެ. އެހެންވެގެން ޒުބައިރުގެ އިބްރާހިމް ދީދީ އެއޮތީ ހުޅުދޫ މީހުންނަށް ޚާއްސަ ދޮރާއްޓެއް ހަދައިދީފައެވެ. ފިތުނަޔަކީ މިނޫން ދެން އެހެން ކޮންކަމެއްހެއްޔެވެ؟

މި އިބްރާހިމް ދީދީއަކީ މިހާރު ސިއްހީ މަރުކަޒުގެ އިސްވެރިޔާއެވެ. މިތާގައި ހުރެގެން މީނާ ކުރިކަމެއްގެ ވާހަކަ ހަނދާނަށްޓަކައި ލިޔެލާނަމެވެ. މީގެ ދެތިން އަހަރެއްކުރިން ކޮންމެވެސް ކެއުމަކަށް ދިޔަ މީދޫ ބަޔަކު ކާނާ ވިހަވެއްޖެއެވެ. މީގެ ތެރެއިން ބައެއް މީހުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭންވެސް ޖެހުނެވެ. މި ޚަބަރުގެ އެކޮޅުމިކޮޅު ދެނެގަތުމަށް ނޫސްވެރިން އިބްރާހިމް ދީދީއަށް ގުޅައިފިއެވެ. ކާނާވިހަވުމުގެ ސަބަބެއް ކަމަށް ނޫސްވެރިންގާތު މި އިބްރާހިމް ދީދީ ބުނީ އެއީ މީދޫ ދަނޑުވެރިން ދަނޑުހެއްދުމުގައި ޒާތްޒާތުގެ ކެމިކަލް ބޭނުންކުރާތީ ތަރުކާރީއާއި މޭވާއަށް ކެމިކަލްގެ އަސަރުކޮށްގެން ދިމާވި ކަމެއްކަމުގައެވެ.

މީދޫ ދަނޑުވެރިންގެ ބޮލަށް ބޮޑުވެގެންވާ އިލްޒާމެއް ހުޅުދޫ ޒުބައިރުގެ އިބްރާހިމް ދީދީ ކަނޑައިލިއިރު މީނާ ކުރި ތަހުލީލެއް ނެތެވެ. ހަމަ ހުރެގެން މޮޅު ވާހަކައެއް ބުނެލީއެވެ. ބޭނުމަކީ ޝަންގްރިއްލާއާއި ހެރެތެރެ ރިސޯޓަށް ތަރުކާރީ އާއި މޭވާ ސަޕްލައިކޮށްދީގެން މީދޫ ވަރަށް ގިނަބަޔަކު އާމްދަނީ ހޯދާތީ އެކަން ހުއްޓުވައިލުމެވެ. މީދޫ ދަނޑުވެރިން ސަޕްލައިކުރާ ތަކެއްޗަކީ ވިހަތަކެތި ކަމަށް ބުނެ އިއުލާންކުރުމެވެ. ފިތުނަޔަކީ މިނޫން ދެން އެހެން ކޯޗެއްހެއްޔެވެ؟

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!