ކަންކުރުމަކީ ތަސްބީހަކިޔުމެވެ. އެވާހަކަ ދެއްކުމަކީ ފިތުނައެވެ.

މީދޫ މަގުބައްތިތަކުގެ ތެރެއިން ވަރަށް ގިނަ ބައްތި މިހާރު ނުދިއްލެއެވެ. އިރުއޮއްސި އަނދިރިވީމާ މަގުތައްވެސް އޮންނަނީ އަނދިރިވެފައެވެ. ކުށްކުރުމަށް މަގުފަހިވާފަދަ މާހައުލެއް އޮންނަނީ ގާއިމުވެފައެވެ. މިވާހަކަ ކަމާބެހޭ އިދާރާގެ ވެރިޔާގެ ކައިރީގައި އެތައްފަހަރަކު ބުނެވިއްޖެއެވެ. އެކަމަކު ހައްލުހޯދައިދިނުމުގައި ބަޅުމަހެވެ.

މަގުބައްތި ބެލެހެއްޓުމަކީ ހައުސިން މިނިސްޓްރީގެ ކަމެކެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ހުޅުދޫ އާއި މީދޫއަށް އައްޔަންކޮށްފައި ހުންނަ ވެރިޔަކީ ހުޅުދޫ ކުދުފޮކޮޅެގޭ ޖަމީލެވެ. މީދޫ މަގުބައްތިތައް ނުދިއްލޭ ވާހަކަ އާއި އަނދިރިކަމުގެ ވާހަކަ މީނާގެ ކައިރީގައި ބުނަނީ މީނާއަށް މުސާރަ ދީފައި ބަހައްޓަނީ ސަރުކާރުން ކަމަށްވެފައި މީނާގެ ވަޒީފާޔަކީ މިކަންކަން ބަލައި ހައްލުކޮށްދިނުން ކަމަށްވާތީއެވެ.

ޖަމީލު ކައިރީގައި މީދޫ މަގުބައްތީގެ ވާހަކަ ބުނާއިރަށް ތިޔަކަމާ އެބައުޅެމޭ ބުނާނެއެވެ. އެކަމަކު އުޅެވޭ ދުވަހެއް ނާދެއެވެ. އަތްދަށަށް އެތަކެއް މުވައްޒަފުން ލައިފައިތިބޭއިރު މީނާ ކުރަންޖެހޭހާވެސް ކަމަކީ އެމީހުންނަށް އަންގައިލުމެވެ. އެވަރު ނުކުރެވިގެން މިއުޅެނީ ކީއްވެބާވައެވެ. އެވަރު ނުކުރެވިގެން އުޅެނީ މީހާގެ ނުލަފާކަމުންނެވެ. މީދޫއަށް ޖެއްސުންކުރުމުގެ އެދުން ބޮޑުކަމުންނެވެ. އެހެންޏާފަހެ ހުޅުދޫ މަގުބައްތި ދިއްލެއެވެ. މީދޫގެ ބިމުގައި ހުޅުދޫ މީހުން އާބާދުވެފައިވާ ސަރަހައްދުގެ މަގުބައްތިތައްވެސް ދިއްލެއެވެ. ނުދިއްލެނީ ހަމައެކަނި މީދޫގެ ބައްތިތަކެވެ.

އަދި އެހެން ވާހަކައެކެވެ. ސަރުކާރުގެ އެއްބާރުލުން ނުލިބުނަސް މީދޫ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރެއެވެ. ރަށް ސާފުކުރުމާއި މަގުތައް ރީތިކުރުމާއި މިހެންގޮސް ކިތަންމެ ކަމެކެވެ. މިގޮތަށް ރައްޔިތުން އިސްނަގައިގެން ކުރާކަންކަމަށް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ލޯޑަރާއި ހައިމާކު ދޫކުރަނީ ކުއްޔަށެވެ. ލޯޑަރު ގަޑިޔަކަށް އަށްސަތޭކަ ރުފިޔާއަށެވެ. ބޮޑުހައިމާކު ބާރަސަތޭކަ ރުފިޔާއަށެވެ. ކުޑަހައިމާކު ހަތްސަތޭކަ ރުފިޔާއަށެވެ. އެކަމަކު ހުޅުދޫ ރައްޔިތުންގެ މިފަދަ މަސައްކަތަކަށް ހައުސިން މިނިސްޓްރީގެ ވެހިކަލެއް ދުވަހަކުވެސް ކުއްޔަށް ހިފާކަށް ނުޖެހެއެވެ. ހުޅުދޫ ބަޔަކު ކުރާކަމެއްވިއްޔާ ޖަމީލު އުޅޭނީ އޭގެ ތެރެއަށް ވަދެގެންނެވެ. އެހެންވީމާ އެމަސައްކަތެއް އެއީ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަންލިބޭ ރަސްމީ މަސައްކަތެކެވެ.

މިހިރީ މިކަންކަން ހިނގަމުންދާ މަގެވެ. މިވެރިން ކަންކަންކުރަމުންދާ އުސޫލެވެ. ދެން އަހަރެމެން މިވާހަކަ ދެއްކީމާ މިވެރިންނާއި މިވެރިންގެ އައުވާނުން ނުކުމެ ތިޔައީ ދޮގޭ ތިޔައީ ފިތުނައޭ ކިޔައިގެން ވީދޭނެއެވެ. މިވެރިން މިޒާތަށް އުޅުމަކީ ފިތުނައެއް ނޫނެވެ. އެއީ ތަސްބީހަކިޔުމެވެ. މިވެރިން ކުރާ ކަންކަމުގެ ވާހަކަ ހަގީގަތަށް ލިޔުނީމާ އެއީ ފިތުނައެވެ. މީދޫ މަގުބައްތި ނުދިއްލެއޭ ބުނުންވެސް ފިތުނައެވެ. ހައިމާކާއި ލޯޑަރު މީދޫއަށް ދޫކުރަނީ ކުއްޔަށޭ ބުނުންވެސް ފިތުނައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!