ހުޅުމީދޫ ފަތާ ޓްރެކޭތޯއެވެ. އަންނަނީ ހިންޏެވެ.

ސިޓީ ކައުންސިލުން ޚަރަދުކޮށްގެން އައްޑޫގެ އެކިރަށްރަށުގައި ފަތާ ޓްރެކް އަޅަން ހިންގި މަޝްރޫއުގެ ދަށުން ހުޅުމީދޫގައި ޓްރެކް އަޅައި މިހާރު ބޭނުން ކުރަން ފަށައިފިކަމުގެ ވާހަކަ ނޫސްތަކުން މަވެސް ކިޔައިފީމެވެ. މި ޚަބަރު ކިޔައިފައި ކުޑައިކޮށް މޭނުބައިވާ ކަހަލަ ގޮތެއް ވެއްޖެއެވެ.

މޭނުބައިކުރާނެތާއެވެ. ޓްރެކް އެޅީ ހުޅުމީދޫގަޔޯލައެވެ. އެހެންކިޔާ ރަށެއް އައްޑޫއަކު ނޯވެއެވެ. އޮންނަނީ ހުޅުދޫއަކާއި މީދޫއެކެވެ. އެބުނާ ޓްރެކެއް އެޅީ ހުޅުދޫ ބަނދަރަށްވުރެވެސް ދެކުނުން ހެރެތެރެއާވީ ފަރާތުގައެވެ. އެހެންވީމާ ޓްރެކް އެޅިފައި އޮތީ ހުޅުދޫގައެވެ. މީދޫއަކާ ބެހުން ހުރިކަމެއް ނޫނެވެ. ހުޅުމީދޫ ފަތާ ޓެރެކޭ ކިތަންމެ ގިނައިން ކިޔަކަސް މީދޫ މީހަކު މޫދަށް އެރޭކަށް ފަތާކަށް އަދި އެހެން ކަމެއް ކުރާކަށްވެސް މި ޓްރެކަކަށް ނާންނާނެއެވެ. އާދެވޭނެ ގޮތެއްވެސް ނެތެވެ.

މަޖިލިސް މެންބަރު އިލްހާމުގެ ބަހުރުވައިން ބުނާނަމަ ހުޅުމީދޫއަކީ ރިއަލިޓީއެއް ނޫނެވެ. ހުޅުމީދޫ މިނަމަކީ ބަޔަކު މީހުން މޮޑޭ ސިޔާސީ ސަޓަންޏެކެވެ. ހުޅުދޫ މީހުންނާއި މީދޫ މީހުން އެކުވެރިކަމާއި ކުލުނާއި އުފާވެރިކަމާއެކު ނުކުމެ ކުދިވެރިން ގޮވައިގެން ތިޔަ ފަތާ ޓްރެކަށްއެރި ޝުކުރިއްޔާ 2018 ކިޔާލަކިޔާލަ ތިބޭނޭ ކަމަށް ހީކުރި މީހަކު އެހެރީ “އަބަހައްދަ” ވެފައެވެ.

ހުޅުދޫގައި ފަތާ ޓްރެކެއް އެޅުމަކީ އަހަރެމެން ހިތާމަކުރާ ކަމެއް ނޫނެވެ. އެއީ އުފާކުރަން ޖެހޭ ކަމެކެވެ. އަހަރެމެންގެ ހަމައެކަނި މައްސަލައަކީ ނަމުގެ މައްސަލައެވެ. ތިޔަ ޓްރެކަކީ ހުޅުދޫގައި އޮތް ހުޅުދޫގެ ތަނެކެވެ. ތިޔަތަން ބޭނުން ކުރާނީވެސް ހުޅުދޫ މީހުންނެވެ. އެހެންވީމާ ހުޅުމީދޫ ފަތާ ޓްރެކޭ ކިޔާފައި ކޮންމެހެން މީދޫ މީހުންގެ ލޮލުގައި އަނދުން އަޅުވަން އުޅުމުގެ ބޭނުމެއް ނެތެވެ. ތިޔަކަހަލަ ދޮޅަސް ޓްރެކް ހުޅުދޫގައި އެޅިޔަސް އަހަރެމެން ތިބޭނީ ހަމައުފަލުންނެވެ. އެކަމަކު ބުނަމެވެ. ހުޅުމީދޫ ޓްރެކޭ ނުކިޔާށެވެ. އެއީ މަމެން ނިކަން އެލާޖިކްވާ ނަމެކެވެ.

ތިޔަ ފަތާ ޓްރެކް ނޫނަސް ހުޅުމީދޫގެ ނަމުގައި ހިންގާ ކަންކަން އެބަހުއްޓެވެ. ހުޅުދޫ ބޮމާ ފަންނުގައި އެހެރެގެން ބޮޑުހިލައިގެ ތޮށްޓެއް ގާއިމުކުރަނީއެވެ. ބޮމާފަންނު ހިމާޔަތްވީމާ ހުޅުމީދޫ ހިމާޔަތްވޭ ހެއްޔެވެ؟ މީދޫ ގިރާސަރަހައްދު ހިމާޔަތްވޭ ހެއްޔެވެ؟ ހުޅުމީދޫ މީހުން ގެދޮރުވެރި ކުރުވުމުގެ ގޮތުން ހުޅުދޫ މާފިށީގައި ފްލެޓުތަކެއް އެހެރީ އަޅައިފައެވެ. ހުޅުމީދޫއޭ ކިޔަސް އެެތަނަށް ދާނެ މީދޫ މީހަކު ހުންނާނެ ބާވައެވެ؟ ހުޅުމީދޫ މަގުތައް ހެދުމުގެ ނަމުގައި ހުޅުދޫ ޑާރލިން ރޯޑު އެއޮތީ ހަދައިފައެވެ. ޑާރލިން ރޯޑު ހެދީމާ މީދޫ މީހުންނަށް ވަކި ފަސޭހަވާނެ ހެއްޔެވެ؟

މިކަހަލަ ކަންކަން މިހެން ހުންނާތީ އަހަރެމެން މިކިޔަނީ ހުޅުމީދޫއޭ ނުކިޔާށޭއެވެ. ހުޅުދޫއޭ ކިޔާށެވެ. ދެން އަހަރެމެން މިވާހަކަ ދެއްކީމާ މީދޫ ކޮންމެވެސް ކުއްޖަކަށް އެތިކޮޅެއްދީފައި އެކުއްޖެއްގެ ފޭސްބުކުގައި ވަރުގަދަ ސްޓޭޓަސްއެއް ޖަހައިލީމާ ހަތަރެސްކަން ހަމަވީއެވެ. އޭގައި އޮންނަންވާނެއެވެ. ހުޅުދޫ މިވެނި މީހެއްގެ ވާހަކަ ދެއްކޭވަރުގެ މީހަކު މީދޫއަކުވެސް ނެތެވެ. މިދައްކަނީ މީހެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ މީދޫގެ ވާހަކައެވެ. މީދޫގެ މަސްލަހަތުގެ ވާހަކައެވެ. މިވާހަކައަކީ ފެނަކަވިޔަސް އަދި އެހެންތަނެއްގެ ވިޔަސް ކުޑަކުޑަ ދެތިން ވަޒީފާއަކަށްވުރެ މާބޮޑު ވާހަކައެކެވެ.

ދެންއޮތީ އެހެން ވާހަކައެކެވެ. ޓްރެކް އެޅުމުގެ މަޝްރޫއަކީ މީގެ އެތައް އަހަރެއްކުރީގެ މަޝްރޫއެކެވެ. ހިތަދޫ އާއި މަރަދޫގައި އެޅި ޓްރެކްތައް ގިނަބަޔަކު މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. އެ ޓްރެކްތައް އެޅީ 2015 ގައެވެ.
ހުޅުދޫގައި ޓްރެކް ނާޅައި ހުޅުދޫ އޮފީހުގެ ގޯތިތެރޭގައި އޮންނަތާ އެތައް ދުވަހެއް ފަހުން މިހާރު ކުއްލިއަކަށް ޓްރެކް އަޅައި ނިންމާލި ސަބަބެއްވެސް ނޭގެއެވެ. ކައުންސިލަރުކަމުގެ ދައުރު ހަމަކޮށްފައި ގެއަށް ދިޔުމަށް ތައްޔާރުވަމުންދާ އައްދުގެ ފޭސްބުކުގައި ިމިހިރީ ހައްތާވެސް ދޮގޭދޮގޭ ލިޔެލީމާ ތިޔަ ޓްރެކްގެ ތާރީޚުވެސް މީހުންނަށް އޮޅިދާނެކަން ނޭގެއެވެ. ވަރަށް ސަލާމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!