ހުޅުމީދޫ ސަޓަންޏާއި ޑާރލިންގ ރޯޑް

ހުޅުދޫ ޓަކިޔާމިސްކިތާއި ކުރީގެ ހުކުރުމިސްކިތާއި ދޭތެރޭ ރަށުގެ ހުރަހަށްވާގޮތަށް މަގެއް އޮވެއެވެ. ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ގާއަތުރައި ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ މަޝްރޫއުގެ ދަށުން މިހާރު މިމަގަކީ ތަރައްގީ ކުރެވިފައިވާ މަގެކެވެ. ގާއަތުރާފައިވާ މަގެކެވެ. ތަރައްގީގެ ނަމޫނާ މަގެކެވެ. މިމަގަށް މީދޫގެ ވަރަށް ގިނަބަޔަކު ކިޔައި އުޅެނީ ޑާރލިންގ ރޯޑު މިހެންނެވެ. ހުޅުދޫ މީހުން ކިޔާނަމެއް ނޭގެއެވެ.

މިމަގުގައި މީހުން ދިރިއުޅޭ ހުރީ ދެތިން ގެޔެކެވެ. ދެން ފެންނަނީ ހައްތާވެސް ފަޅަށްހުރި ގޭގެއެވެ. އެހެންކަމުން ގާއަތުރައި ތަރައްގީކުރެވިފައި މިއޮތީ ނިސްބަތުން ފަޅުމަގެކެވެ. ފަޅު ނޫންމަގުތައް ހުރިގޮތަށް އަދިވެސް ހުރީއެވެ. މިކަހަލަ މަގެއްގައި ގާއެތުރުމުގެ ފަހަތުގައި ކޮންމެވެސްކަހަލަ ސިއްރެއް އޮވެދާނެއެވެ. އަދި މިމަގަށް ޑާރލިންގ ރޯޑޭ ކިޔައި ބަޔަކު ނަންދިނުމުގެ ސަބަބުތަކެއްވެސް ހުންނާނެއެވެ. އެހުންނަނީ މިކަހަލަ ލިޔުމެއްގައި އަހުރެންނަކަށްވެސް ލިޔާން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެހެންވީމާ އެވާހަކަ ކުރުކޮށްލީއެވެ.

ހުޅުމީދޫގެ ރައްޔިތުންގެ ފަސޭހަޔަކަށް މަގުތައް ތަރައްގީކުރާނަމަ ޑާރލިންގ ރޯޑު ހަނދާން ނައްތާލާފައި މީދޫގެ އުތުރުކޮޅުން ޝަރީފީ ޕްރީސްކޫލްގެ ފުރަގަހުން ރަށުގެ ހުރަހަށްވާގޮތަށް އޮންނަ މަގު ތަރައްގީކުރުން މާހެޔޮކަން ބޮޑެވެ. އެހެނީ އެމަގުގައި ފަޅުގެއެއް ނެތެވެ. ހައްތާވެސް ހުރީ މީހުން ދިރިއުޅޭ ގޭގެއެވެ. އެމަގުގައި ގާއަތުރައިފިނަމަ އެއީ ރައްޔިތުންގެ ވަރަށް ގިނަބަޔަކަށް ޔަގީނުންވެސް ފަސޭހަޔަކަށް ހިތްހަމަޖެހުމަކަށްވާނެއެވެ. އެކަމަކު ހުޅުމީދޫގެ ތަރައްގީގެ ނަމުގައި ގާއަތުރާފައި މިއޮތީ ހުޅުދޫ ޑާރލިންގ ރޯޑުގައެވެ. މީދޫ ނާބުގޭ މަގު އޮތީ ފެންބޮޑުވާން ދޫކޮށްލެވިފައެވެ.

މިހެންވީމާ ވާގޮތަކީ ތަރައްގީގެ ލުއިފަސޭހަ މިލިބެނީ ފަޅަށް ހުންނަ ގޭގެއަށެވެ. އެގޭގޭގައި ވޯޓުދޭނެ ބަޔަކު ނޫޅެއެވެ. ވޯޓުދޭންތިބި މީހުންނަށް ތަރައްގީގެ ފަސޭހައެއް ނެތެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމަށް މީދޫން އެންމެ ފަނަރަ ވޯޓު ލިބުމުގެ ސަބަބުތަކުގެ ތެރޭގައި މިކަހަލަ ކަންކަންވެސް ހިމެނެއެވެ.

ހުޅުމީދޫގެ ތަރައްގީއޭ ކިޔާފައި ބަޔަކު މޮޑެނީ ޒާތެއްގެ ސިޔާސީ ސަޓަންޏެކެވެ. އެއީ އެވެރިންގެ އަނގަ މީރުކޮށްލަން ބޭނުންކުރާ ސަޓަންޏެކެވެ. ނަމުގައި ތަރައްގީކުރަނީ ހުޅުމީދޫއެވެ. އެކަމަކު އެހެންކިޔާ ރަށެއް ނޯވެއެވެ. ހުޅުމީދޫގެ ނަމުގައި ބަޖެޓުގައި ފައިސާތަކެއް ހިމަނަޔޯލައެވެ. ދެން ގާއެތުރިޔަސް ގޮނޑުދޮށުގައި ބޮޑުހިލައިގެ ފާރެއް ރޭނިޔަސް އެކަންކުރަނީ ހުޅުދޫގައެވެ. މީދޫއަކާ ބެހޭކަމެއް ނޫނެވެ.

މީދޫ ރައްޔިތުންގެ ގުރުބާނީއާއި އިޚުލާސްތެރިކަންވެސް ހުޅުމީދޫ ސަޓަނިގަނޑުގެ ތެރޭގައި ބަޔަކު ކިލަނބުކޮށްލައިފިއެވެ. އިހަށްދުވަހު ހުޅުމީދޫ ފުލުސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިދިނުމަށް އަޒްލީނޭ ކިޔުނު މިނިސްޓަރަކު ދިޔައެވެ. މީނާ ގޮވައިގެން އުޅުނީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދެވެ. މި ރަސްމިއްޔާތުގައި އަޒްލީން އަހުމަދު ދެއްކި ވާހަކައިގައި އައްޑޫ ބޮޑު ހުޅުގެ ދުވަހު ހުޅުމީދޫ ފުލުސް ސްޓޭޝަނާއި ކޯޓު ހިމާޔަތްކުރަން ހުޅުމީދޫ ރައްޔިތުން ކުރި މަސައްކަތާއި ދެއްކި ނަމޫނާއަށް ޝުކުރު އަދާކުރިއެވެ.

މީހަކު އަންތަރީސްވެދާނެއެވެ. ހުޅުދޫގައި ހުރި ކޯޓު ވަނީ އަންދާލާފައެވެ. މީދޫ ކޯޓާއި މީދޫގައި ހުރި ފުލުސް ސްޓޭޝަން އަންދާލަންވެސް ހުޅުދޫއާވީކޮޅުން ބަޔަކު އައެވެ. އެކަންވިޔަ ނުދިނީ މީދޫ ރައްޔިތުންނެވެ. އެކަމަކު މިނިސްޓަރު  އަޒްލީން އަހުމަދު  ޝުކުރު މިއައީ ހުޅުމީދޫ ރައްޔިތުންނަށެވެ. ހުޅުދޫ ރައްޔިތުންވެސް ޝާމިލްވާގޮތަށެވެ. އަތްތިލަބަޑިޖަހަން ހުރީ ހުޅުދޫ މެންބަރު ޝާހިދެވެ. މީދޫގެ ނަމެއް ނެތެވެ. ކަމެއްވެސް ނެތެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!