ވެރިންނަށް ޚުޝާމަދުކުރުން ހުއްޓުވުމަށް ގާނޫނެއް ފާސްކުރަންވެއްޖެއެވެ.

ޑިމޮކްރަސީ އަށަގެންފައިވާ ގައުމުތަކާއި ޑިމޮކްރަސީ ފައްކާނުވާ ގައުމުތަކުން ފެންނަ އެންމެ ބޮޑު ތަފާތަކީ ވެރިންނަށް ޚުޝާމަދުކުރުމުގެ ސިފައެވެ. ޑިމޮކްރަސީ ފައްކާވެފައިވާ ގައުމެއްގައި ވެރިންނަށް ހައްގު ނޫން ތައުރީފުކުރާ އަޑެއް ނީވޭނެއެވެ. ވެރިންނަށް ޚުޝާމަދުކުރުމަކީ އެފަދަ ގައުމުތަކުގެ ސިޔާސީ އަދި އިޖުތިމާއީ ސަގާފަތާއި ވަރަށް ބީރައްޓެހި ކަމެކެވެ.

ވެރިންނަށް ޚުޝާމަދުކުރުމުގެ ސަގާފަތު ނައްތައިނުލެވޭ ގައުމެއްގައި ޑިމޮކްރަސީ ފައްކާވުމެއް ނެތެވެ. މިއީ ދުނިޔޭގައި އިންސާނުންކޮށްފައިވާ ތަޖުރިބާއެވެ. ތޯތޯ ވާހަކައެއް ނޫނެވެ. އިންތިޚާބު ބާއްވައި ވޯޓުލައިގެން ވެރިން ހޮވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ. ދުސްތޫރެއް ލިޔެގެން އޭގައި ހިފަހައްޓައިގެން ތިބެނީ ވެރިމީހާ ވިދާޅުވާ ކޮންމެ އެއްޗަކީ ގާނޫނުކަމަށް ހެދިޔަނުދީ ލިޔެފައިވާ ގާނޫނުގެ އިމުގެ ތެރޭގައި ވެރިމީހާ ހިފެހެއްޓުމުގެ ގޮތުންނެވެ. މަގާމުގައި ވެރިމީހާ ހުރެގެން ކުރާ ކޮންމެކަމަކީ އޭނާއަށް ގާނޫނު އަސާސީ ލާޒިމުކުރާ ކަންކަމެވެ. އެކަންކަމުގެ ބަދަލެއްގެ ގޮތުން އެމީހަކަށް އިނާޔަތްތަކާއި އިމްތިޔާޒުތަކާއި އުޖޫރައެއް ކަނޑައެޅިފައިވެއެވެ.

ދެއިރު ދެދަޅަޔަށް ވެރިމީހާއަށް ޚުޝާމަދުކުރެވޭގޮތް ވެއްޖެނަމަ ގާނޫނުގެ ރޫހާއި ގައުމިއްޔަތުގެ ފޭރާން ދެރަވަރުވެ ހުކޫމަތުގެ ނާރެހަކީ ވަކިމީހެއްގެ ޝަޚުސުކަމަށްވެ ދުސްތޫރެއްގެ ހަގީގީ ބޭނުން ކުޑަވެގެންދާނެއެވެ. މިއީ ބައެއް ގައުމުތަކުގައި ޑިމޮކްރަސީ ނުފޯދުމުގެ މައިގަޑު ސަބަބެވެ. މިކަމުގެ މިސާލުތައް ބަލައިލި ކޮންމެ ދިމާޔަކުން ވަރަށް ސާފުކޮށް ފެންނާނެއެވެ.

ވެރިންނަށް ޚުޝާމަދުކުރުމަކީ ޑިމޮކްރަސީއަށް އޮތް ބިރެކެވެ. ނުރައްކަލެކެވެ. ޑިމޮކްރެޓިކް ވެއްޓެއް ގާއިމުކުރަން މަސައްކަތްކުރާ ބަޔަކަށް އޮތް އެންމެ މުހިއްމު ކަމަކީ ވެރިންނަށް ޚުޝާމަދުކުރުމުގެ ހުތުރު ނުބައި އާދަ ނައްތާލުމެވެ. އެއީ ގާނޫނެއް ހަދައިގެން ކަމަށްވިޔަސްއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މިކަހަލަ ގާނޫނުތައް ހެދިފައިހުރެއެވެ. ގާނޫންހަދާ މަޖިލީސްތަކުގެ މެންބަރުންނާއި ޝަރުއީ ދާއިރާގައި އުޅޭ މީހުންނާއި ރައްޔިތުންނާއި ގުޅުންހުރި މުހިއްމު މަގާމުތަކުގައި ތިބޭ މީހުން ވަކިފަރުދަކަށް ހުއްޓުމެއްނެތި ޚުޝާމަދުނުކުރެވޭނެހެން ހުރަސްތަކެއް ގާއިމުކޮށްފައި ހުރެއެވެ. މިރާއްޖެއަށްވެސް މިހާރު މިކަހަލަ ގާނޫނެއްގެ ބޭނުން ވަރަށް ބޮޑުވެއްޖެކަމަށް ފެނެއެވެ.

މިރާއްޖެއަށް މިކަހަލަ ގާނޫނެއްގެ ބޭނުން ބޮޑުވީ ކީއްވެެގެން ބާވައެވެ؟ ޚުޝާމަދުކުރުމުގެ ނުބައި އާދަ މާމައްޗަށް ދިޔައީއެވެ. އިންސާނީ ކަރާމާތާއި ޝަރަފުގެ އިން ފަހަނަޅައި ނުކުތީއެވެ. އޭގެ ނުރައްކާތެރިކަން ފެންނަން ފެށީއެވެ. ދައުލަތުގެ މަގާމުތަކުގައި ތިބޭ މީހުންނަކީ ދައުލަތް އޭގެ މަތީގައި އަތުރާލެވިފައިވާ ތަނބުތަކަށް ބާރުދޭން ތިބޭ ބައެކެވެ. އޭގެ ބަދަލުގައި އެ ތަނބުތައް ވީރާނާވާން ދޫކޮށްލާފައި ތިމާމެންނަށް މިވަގުތު އެންމެ ބޮޑު މަންފާއެއް ނެރެވެން އޮތް ގޮތް އިޚުތިޔާރުކޮށްގެން ވަކިމީހަކަށް ޚުޝާމަދުކުރުން ނޫން ކަމެއް ނުކުރެވޭ ހިސާބަށް ދިޔައިމާ އެގޯސްވީއެވެ. އެމީހެއް ނުވަތަ ބައެއްގެ މިސްރާބު ރަނގަޅެއް ނޫނެވެ. ނިޔަތްވެސް ރަނގަޅެއް ނޫނެވެ.

މިރާއްޖެ މިހާތަނަށް ދުށް އެންމެ ކުޅަދާނަ މޮޅު ޒައީމޭ ބުނެ ވަކި ފަރުދަކަށް ޚުޝާމަދުކުރާ މީހާޔަށް ތިމާގެ އަނގައިން މިބޭރުވަނީ ނިއުކުލިއަރ ބޮމެއްކަން މޭރުންވާނެނަމައެވެ. ދަރުމަވަންތަ ރަސްގެފާނާއި އުތީމު ރަދުންނާއި މުލީގޭ ދޮންބަންޑާރައިންނާއި އިސްކަންދަރު ރަސްގެފާނާއި މިހެންގޮސް ލައްކަ ގިނަ ގައުމީ އަބުތާލުން މިރާއްޖޭގައި ވެރިކަން ކުރައްވައިފިއެެވެ. މިބޭބޭފުޅުންގެ ވަނަވަރާއި ޚިދުމަތްތައް ފޮތްފޮތުގައި ލިޔެގެން އަޅުގަނޑުމެން މިތިބީ އެޔަށް ދިވެހި ތާރީޚުގެ ނަންދީގެންނެވެ. މިހެންތިއްބާ ފާއިތުވި ހާހެއްހައި އަހަރުގެ ތާރީޚު އެއްވެސް އެއްޗަކަށް ނުވެ އަދި ގައުމީ ބަތަލުން ހުވަނދަކަށްވެސް ނުވެ މިވަގުތު ވެރިކަމުގައި ހުންނެވި ޒައީމަކީ ހުރިހާގޮތަކުން އެއްވަނަކަމުގައި ހެދޭގޮތް ވެއްޖެނަމަ އެއީ ވަރަށްވެސް ލަދުކަމެކެވެ. އެއީ ގައުމިއްޔަތަށް ކުރެވޭ ބޮޑުވެގެންވާ މަލާމާތެކެވެ.

ވެރިއެއްގެ ވަށައިގެން ހަރަކާތްތެރިވާ މީހުންނަކީ އެވެރިޔެއްގެ ސިކުނޑި ފަސާދަކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ މީހުންނެވެ. ޚުޝާމަދުކުރަމުން ކުރަމުންގޮސް އިންސާނީ ސިފަތަކަށްވުރެ މަތިވެރި ޚިޔާލީ ހިސާބަކަށް އެވެރިޔަކު ގެންދަނީ ވަށައިގެން ހަރަކާތްތެރިވާ މީހުންނެވެ. މިކަން އެމީހުން ކުރަނީ މަގާމާއި އިއްޒަތުގެ އެދުމުގައެވެ. ވަގުތީ މަންފާއަކަށެވެ. އާޚިރުގައި ގެއްލުން ދެވެނީ މުޅި ގައުމަށެެވެ. ގައުމީ ޚިދުމަތުގެ އެކިކަންކަން ހަވާލުކުރެވިފައި ތިބޭ މީހުން އެންމެ މަތީވެރިޔާއަށް ޚުޝާމަދުކުރަން ފަށައިފިއްޔާ އެއީ ގައުމު ދެކެލޯބިވެގެން އުޅޭ މީހެއް ނޫންކަމާއި އެމީހަކީ ވަކިކަމެއްގެ އެދުމުގައި އުޅޭ މީހެއްކަން އިސާހިތަކު ޔަގީންވެދެއެވެ.

ދުނިޔޭގެ ރަސްރަސްކަލުންގެ ތެރޭގައި އިލާހުވަންތަކަމަށް ދައުވާކުރި މީހުންވެސް އުޅުނެވެ. އެދައުވާއެއް އެމީހުންކުރީ ސަބަބުތަކެއް ހުރެގެންނެވެ. ކައިރީގައި ތިބޭ މީހުން ޚުޝާމަދުގެ ބަސްތައް އިއްވަމުންއިއްވަމުން ގޮސް އެއީ ތެދެކޭ އަމިއްލައަށްވެސް ގަބޫލުކުރެވޭ ހިސާބަށް ދިޔުމުންނެވެ. އިންސާނަކަށް އަބަދު އެއްވާހަކައެއް އެއްގޮތަކަށް އިވެން ފަށައިފިއްޔާ އެމީހަކު މަގުއޮޅޭކަށް އަހަރުތަކެއް ނުނަގާނެއެވެ. ދެން އަޑުއަހަން ބޭނުންވާނީވެސް އެފަދަ ބަސްބަހެވެ. އެކަހަލަ ބަސްބަސް ބޭރު ނުކުރާ މީހުންނަކީ ދުޝްމަނުންކަމަށް ގަބޫލުކުރެވެން ފަށައެވެ. އޭގެ ނަތީޖާއަކަށްވަނީ އަނިޔާވެރި ވެރިކަމެއްގެ ބިންގާ އެޅުމެވެ.

ދުނިޔޭގެ މިޒަމާނުގެ ތާރީޚަށް ބަލައިލުން ކީއްހެއްޔެވެ. ކިމްއިލްސަންއޭ ކިޔުނު މީހަކު އުތުރު ކޮރެޔާގައި ކޮމިއުނިސްޓް ވެރިކަމެއްގެ ބިންގާއެޅީ އާއިލީ ވެރިކަމެއް ކުރުމުގެ ނިޔަތް އޮވެގެނެއް ނޫނެވެ. އެކަންކުރީ ރައްޔިތުންނަށްޓަކައި އިންގިލާބީ އިސްލާހުތަކެއް ގެނައުމުގެ ގޮތުންނެވެ. އެކަމަކު އޭނާގެ ވަށައިގެން އެނބުރުނު މީހުން ކިމްގެ ސިކުނޑި ދެތިން އަހަރެއްގެ ތެރޭގައި ފަސާދަކޮށްލައިފިއެވެ. ނަތީޖާއަކަށްވީ ކިމްއަކީ ރައްޔިތުންގެ މައްޗަށް އިސްކުރެވުނު އިލާހީ މުއުޖިޒާތެއްކަމަށް ގަބޫލުކުރުމާއި ކިމްގެ ދަރިން އުފަންވި ތަންތަނާއި ގާބިިލްކަމާއި މެދު އިންސާނީ ބުއްދި ގަބޫލުނުކުރާ މޮޅެތި ވާހަކަތައް ލިޔެގެން ގައުމުގެ ތާރީޚުވެސް ބަދަލު ކުރުމެވެ. އޭގެ ނަތީޖާ މިހާރުވެސް އެފެންނަނީއެވެ.

ޒިމްބާބުވޭގެ ރައީސް ރޮބަރޓް މުގާބޭ ހަމަ އެފަދައެވެ. ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންގެ ހައްގުތަކުގެ ޗެމްޕިއަނުގެ ގޮތުގައެވެ. އެކަމަކު ވަކިބަޔަކު ޚާއްސަ ކުރައްވައިގެން އޭނާގެ ވަށައިގެން ބޮޑު ފާރެއް ރޭނުއްވުމުގެ ނަތީޖާއަކަށްވީ މުގާބޭގެ ސިކުނޑިވެސް ފަސާދަ ވުމެވެ. މިހާރު އުމުރުފުޅުން ނުވަދައިހައިން މަތިވެ ލޯހުޅުވިފައި ހުންނަ ވަގުތަށްވުރެ ލޯމެރިފައި ހުންނަ ވަގުތު ގިނައެވެ. އެކަމަކު ޒިމްބާބުވޭގެ ސަރުކާރުން މުގާބޭ ސިފަކުރަނީ ސުޕަރމޭންގެ ގޮތުގައެވެ. ލޯމަރުއްވަނީ ގަސްތުގައެވެ. އެއީ ލޮލަށް އަރާމު ދެއްވުމަށް ކުރާކަމެކޯލައެވެ.

ޗައިނާގެ ކޮމިއުނިސްޓް އިންގިލާބަށްފަހު ވެރިކަމަށް ވަޑައިގެންނެވި މާއޯއަކީވެސް ޚުޝާމަދުގެ ސަބަބުން މަގުއޮޅިވަޑައިގެންނެވި ވެރިޔެކެވެ. އެކަމަކު މާއޯ އަވަހާރަވުމަށްފަހު ދެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުން މިކަން ތަކުރާރު ނުކުރުމަށް ބާރުއެޅުއްވިއެވެ. މީހާގެ ނަޒާހަތްތެރިކަމަކީ އެމީހާ ކުރިއެރުމުގެ ހަރުގަނޑުކަމަށް ދުސްތޫރުގައި ބާރުއެޅިއެވެ. އެހެންވީމާ މިހާރު ޗައިނާގައި ވެރިންނަށް އާދަޔާ ޚިލާފު ތައުރީފުކުރުމެއް ނޯވެއެވެ. ޚާއްސަކޮށް ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ އޮފިޝަލުން އެކަކު އަނެކަކަށް ޚުޝާމަދުކުރުން ވަރަށްވެސް ނޯވެއެވެ.

މީހަކަށް ތައުރީފުކުރުމާއި ޚުޝާމަދުކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. މިދައްކަނީ ޚުޝާމަދު ކުރުމުގެ ވާހަކައެވެ. ހައްގު ނޫން ވާހަކަތަކެއް އިއްވައިގެން މީހާ ވާވައްދައިލުމަށް އެހީތެރިވެވޭ ވާހަކައެވެ. ޚުޝާމަދުކުރުމަކީ އިސްލާމްދީނާވެސް ބީރައްޓެހި ކަމެކެވެ. މިކަން ރަސޫލާގެ ހަދީސްފުޅުތަކުންނާއި ދެއްކެވި ނަމޫނާއިން ވަރަށް ސާފުކޮށް އެނގެއެވެ. މި ލިޔުމުގައި ދީނީ ވާހަކަތަކެއް ހިމަނަން ގަސްތުނުކުރާތީއާއި އަދި އެއީ އަޅުގަނޑުގެ ޚާއްސަ ދާއިރާއަކަށް ނުވާތީ އެބައި މިވަރުން ކުރުކޮށްލީއެވެ.

ޚުޝާމަދަކީ ޑުރަގް ކަހަލަ އެއްޗެކެވެ. ޚުޝާމަދުކުރަން ފަށައިފީވިއްޔާ އެޔަށް ދެވިހިފާނެއެވެ. މަސްތުވާނެއެވެ. އެމަސްތުން ދުވަހަކުވެސް މީހާ އަރައިގަތުމެއް ނޯންނާނެއެވެ. ޚުޝާމަދުކުރުން ނުރައްކާތެރިވާ ސަބަބަކީ އެއީއެވެ. ވީމާ ތިޔައީ ޒައީމެ އަދު ގައުމު ފަޚުރުވެރިވާ މިޒާތުގެ ލަވަ ހަދައިގެން ވެރިންނަށް އިއްވުމަކީ ގައުމަށްދެވޭ ވަރަށް ބޮޑު ގެއްލުމެކެވެ. ގައުމު ފަޚުރުވެރިނުވާ ޒައީމަކު ވެރިކަމަކަށް ނާންނާނެއެވެ. ގައުމުގެ ކަންކަން ރާވައި ނުހިންގޭ ވަރުގެ މީހަކު ވެރިކަމަކަށް ނާންނާނެއެވެ. އެހެންވީމާ އެވާހަކަ މިނިޓަކު އެއްފަހަރު ގޮވާކަށް ނުޖެހޭނެއެވެ. އެއްވެރިޔަކު ނެތިއްޔާ އަނެއް ވެރިޔަކު ހުންނާނެއެވެ. ވެރިންގެ ސިލްސިލާއަކީ ނިމޭނެ ސިލްސިލާއެއް ނޫނެވެ.

މި ލިޔުން ނިންމައިލުމުގެ ގޮތުން ދަންނަވަމެވެ. ގާނޫނެއް ފާސްކޮށްގެން ވިޔަސް މިގައުމުގައި ވެރިންނަށް ޚުޝާމަދުކުރުން ހުއްޓުވަން ޖެހެއެވެ. އެއީ ގާނޫނީ ކުށަކަށް ހަދައިގެން މަޖުބޫރުންވިޔަސް ގައުމުގެ ހައްގުގައި އަދި ޑިމޮކްރަސީގެ ހައްގުގައި ކުރަންވެއްޖެ ކަމެކެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!