އަމިއްލަ ރަށް ނޫން އެހެންރަށަކަށް ދުވަހަކުވެސް ނުދާ ދިވެއްސެއްގެ ވާހަކަ

އަމިއްލަ ރަށް ނޫން އެހެންރަށަކަށް ދުވަހަކުވެސް ނުދާ ދިވެއްސަކު ހުރެދާނެ ބާވައެވެ. ޑޮކްޓަރެއްގެ ކައިރިޔަށް ނުދާ އަދި ހޮސްޕިޓަލެއްގެ ދޮރުން އެތެެރެއަށް ނުވަންނަ ދިވެއްސަކު ހުރެދާނެބާވައެވެ. މަތިންދާބޯޓަކަށް ކަނޑުބޯޓަކަށް ނާރާ މީހަކު ހުރެދާނެބާވައެވެ. ބައިސިކަލެއް ސައިކަލެއް ކާރަކަށް ދުވަހަކުވެސް ނާރާ މީހަކު ހުރެދާނެބާވައެވެ. އެއަރކޮންޑިޝަނުގެ ފިނިކަން ދުވަހަކުވެސް އިހުސާސްނުކުރާ އަދި އުސް އިމާރާތެއްގެ ސިޑިއެއްގައި ފައިވެސް ޖައްސާނުލާ މީހަކު ހުރެދާނެބާވައެވެ. ފައިވާނަކަށް ބޫޓަކަށް ދުވަހަކުވެސް ނާރާ މީހަކު ހުރެދާނެބާވައެވެ. މުންޑު ނޫން އެހެން ފޮތިކޮޅެއް ގައިގައި ޖައްސައިނުލާ މީހަކު ހުރެދާނެ ބާވައެވެ.

މިހުރިހާ ސުވާލެއްގެ ޖަވާބަކީ އާނއެކޭއެވެ. އެމީހަކީ އައްޑޫމީދޫ ތިޔަރަމާގޭ އުމުރުން ފަންސާސް ފަސް އަހަރުގެ އަލިމަނިކުފާނެވެ. މީދޫ މީހުން ކިޔާގޮތުން އަސެއިސާގެ އައްލާއެވެ. އަލިމަނިކުފާނުގެ އުމުރުން ބައިސައްތައަށްވުރެ މައްޗަށް ދިޔައިރު އަމިއްލަ އަތޮޅުން ބޭރަށް އަދި ދުވަހަކުވެސް ނުދެއެވެ. އަމިއްލަ ގޭގެ ފުރާޅުދަށުގައި ނޫން ތަނެއްގައި ނިދައިފައެއް ނުވެއެވެ. ވަޅުދާނިން ނޫން ގޮތަކަށް ފެންވަރައިފައެއް ނުވެއެވެ. ހަނޑަސްބުރި ނޫންތަނެއްގައި ހާޖަތަކަށް ނުދެއެވެ. ލޯންޗަކަށް ބޯޓަކަށް އަރައިފައެއް ނުވެއެވެ. މަސްދޯނި ފިޔަވައި އެހެންއެއްވެސް އުޅަނދެއްގައި ފައިބީއްސާލާފައެއްވެސް ނުވެއެވެ.

އަތޮޅުގެ އެހެން ރަށްރަށަށް ނުދާ މީހަކު އައްޑޫގައި ހުރުމަކީވެސް އަޖައިބެކެވެ. މީދޫ ފިޔަވައި އެހެން ރަށެއްގެ ފަސްގަޑުގައި އަލިމަނިކުފާނުގެ ފައިބީހިފައިވާނަމަ އެރަށަކީ ހުޅުދޫއެވެ. ހުޅުދޫއަކީ މީދޫއާ އެއްފަސްވެގެން އޮންނަ ރަށެކެވެ. އަތޮޅުގެ ވެރިކަންކުރާ ރަށް ހިތަދޫގެ ގޮނޑުދޮށާ ހަމަޔަށް އަލިމަނިކުފާނަށް ދެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެވެސް މީގެ ތިރީސްފަސް އަހަރު ކުރިންނެވެ. އަލިމަނިކުފާނު މަހަށްގޮސް އުޅޭ ދޯނީގެ ކެޔޮޅުމީހާގެ އަންހެންދަރިޔަކު ނުވިހައިގެން ހާލުދެރަވެގެން ހިތަދޫ ހެލްތުސެންޓަރަށް ގެންދިޔައިރު ދޯނީގެ ފަޅުވެރިއެއްގެ ގޮތުގައި އަލިމަނިކުފާނު ދިޔައެވެ. އެއްގަމަކަށް ނުފައިބައެވެ.

މުޅި އުމުރުގައިވެސް ސިއްހީ ޚިދުމަތެއް އަލިމަނިކުފާނު ހޯދީ އެންމެ ދެފަހަރުއެވެ. އެވެސް ޑޮކްޓަރަކު ނެތް ތަނަކުންނެވެ. މީދޫގެ އިހުގެ ސިއްހީ މަރުކަޒުންނެވެ. ފުރަތަމަ ފަހަރު ކަޅުވެނުގެ ހަމަލާއެއްގައި ލިބުނު ޒަޚަމަކަށް ފަރުވާ ހޯދުމަށެވެ. ދެވަނަޔަށް ދަތެއްގައި ރިއްސާވަރުން އެކަމަށް ހައްލު ހޯދުމަށެވެ. އެންމެ ކައިރީގައި ހުންނަ ހަސްފަތާލަކީ ހިތަދޫގައި މިހާރު އެހުންނަ ސަރަހައްދީ ހަސްފަތާލެވެ. އެހަސްފަތާލުގެ ވާހަކަ އަލިމަނިކުފާނު އަހަނީ މީހުން ކިޔާއަޑެވެ.

މުންޑު ނޫން އެހެން ފޮތިކޮޅެއް ގައިގައި ޖައްސާނުލައޭ ބުނެފިއްޔާ ފަހަރުގައި އެއީ ދޮގަކަށް ވެދާނެއެވެ. އެއްގަމުގައި އުޅޭއިރު އަލިމަނިކުފާނުގެ ހެދުމަކީ މުންޑެވެ. ގަމީހެއް ޓީޝާޓެއް ނުލައެވެ. މަހަށް ދާއިރު ގެއިން ނިކުންނަނީ ގަމީސް އަތުން ހިފައިގެންނެވެ. ގަމީސް ލަނީ ދޯންޏަށް އެރުމަށްފަހުގައެވެ. މަހުން ލެފުމަށްފަހު ދޯނިން ފައިބަނީ އަނެއްކާވެސް ގަމީސް ބާލައިގެންނެވެ. އެއްގަމުގައި އުޅެމުން ގަމީހެއް ލައިފައިވަނީ އެންމެ ދުވަހަކުއެވެ. އެއީ އައިޑީކާޑު ހަދަންވެގެން ރަށު އޮފީހުން އަމުރުކޮށްގެން ފޮޓޯ ނެގި ދުވަހެވެ.

އަލިމަނިކުފާނަކީ އެކަނިވެރިޔެކެވެ. އޭނާގެ ވަރަށް ޒުވާން އުމުރުގައި މަންމަ ވަނީ ނިޔާވެފައެވެ. މީގެ އަހަރުތަކެއް ކުރިން ބައްޕަވެސް ވަނީ ނިޔާވެފައެވެ. އެއްބަނޑަށް ތިބީ އަންހެން ދެކޮއްކޮއިންނެވެ. އެއްކޮއްކޮޔަކު އުޅެނީ ރަށުގައި ވަކި ދިރިއުޅުމެއްގައެވެ. އަނެއްކޮއްކޮ އުޅެނީ ރަށުން ބޭރުގައެވެ. އެހެންވީމާ ގޭގައި އަލިމަނިކުފާނު އުޅެނީ މުޅިން އެކަންޏެވެ. މިޒަމާނުގެ ތަރައްގީއަކީ އަލިމަނިކުފާނު ދަންނަ އެއްޗަކަށް ނުވާތީ އެތަރައްގީ އެގެޔަކަށް ނުވަދެއެވެ. ޒަމާނީ ތަރައްގީއެއް ވަދެފައިވާނަމަ އެއީ ޓީވީއާއި ގުޅިފައިވާ ތަރައްގީއެކެވެ. އަލިމަނިކުފާނުގެ އެކަނިވެރި ދިރިއުޅުން ފަޅުފިލުވައިދޭ ހަމައެކަނި ބައިވެރިޔަކީ ޓީވީއެވެ.

ޓީވީއަށް ކަރަންޓު ބޭނުންވެއެވެ. ކަރަންޓު ގެނައީމާ ބޮކި އަލިވެސްވަނީ އައިސްފައެވެ. ޓީވީއާއި ޑީވީޑީ ޕްލޭޔަރު ހޫނުވެގެން ހަލާކުވެދާނޭ ކަމަށް މީހުން ބުނާތީ ސްޓޭންޑްފަންކާއެއް ހޯދާފައި އެފަންކާ ހުންނަނީ އެތަކެއްޗަށް ފިނިވާގޮތަށް އަނބުރާލައިފައެވެ. އެއީ އަލިމަނިކުފާނުގެ ގަޔަށް ފިނިކުރާ ފަންކާއެއް ނޫނެވެ. އެވަރުން އަލިމަނިކުފާނުގެ ދިރިއުޅުން ފުރިހަމަވީއެވެ. މިވަރުވީމާ އޭނާ ހުންނަނީ އުފަލުންނެވެ. ވަރަށް އުފަލުންނެވެ.

އަލިމަނިކުފާނުގެ ސާދާ ދިރިއުޅުން އޭނާ ސިފަކުރަނީ މިހެންނެވެ. ހަރުކޮންނަންވާނީ އެކަކުންޏެއްގެ ވަރުންނެވެ. މިއީ މަގޭވަރެވެ. މަގޭފެންވަރެވެ. މިވަރުން މަމިހުންނަނީ އުފަލުންނެވެ. މަތިންދާބޯޓާއި ސަބްމެރީނާއި ސްޕީޑްލޯންޗާއިމެދު އަލިމަނިކުފާނު ބުނެފައިވަނީ އެއީ ތަރައްގީގެ ރަމްޒުތަކެވެ. އެކަމަކު އޭނާއަކީ ދަތުރުފަތުރުކޮށްހަދާ މީހަކަށް ނުވާތީ އަޖުމަބަލައިލަން ނޫނީ ތަޖުރިބާކޮށްލަންވެސް އެއިން އެއްޗަކަށް އަރަން ބޭނުން ނުވާކަމަށް ބުންޏެވެ.

އުފަން ރަށް ނޫން އެހެން ރަށެއް ފެނިފައިނުވާއިރު އެހެން ރަށްރަށާއިމެދު އަލިމަނިކުފާނުގެ ޚިޔާލަކީ މިއީއެވެ. ހިތަދޫއަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށްވީމާ ހިތަދޫގެ ހާލަތު ކުޑަކޮށް ރަގަޅުވެދާނެއެވެ. މާލެއަކީ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށަށްވީމާ މާލޭގެ ހާލަތު ރާއްޖޭގެ އެހެން ރަށްރަށަށްވުރެ ރަގަޅުވެދާނެއެވެ. ސިންގަޕޫރާއި ޖަޕާނާއި ޗައިނާފަދަ ބޭރު ގައުމުތަކަކީ ރާއްޖެއަށްވުރެ ފޯރުންތެރި ގައުމުތައްކަމުން ރާއްޖެއަށްވުރެ އެތަންތަނުގެ ހާލަތު ރަނގަޅުވެދާނެެއެވެ. މިތަންތަނުގެ ހާލަތު އަލިމަނިކުފާނަށް ފެންނަނީ ޓީވީންނެވެ.

ދުނިޔޭގެ އަރާމާއި އުފަލަށް އެހެންމީހުން ކޮށްއުޅޭ ކަންތަކުން އެކަހެރިވެގެން އަލިމަނިކުފާނު އެހުންނަނީ އެތަކެއްޗަށް ބޭނުން ނުވާތީއެވެ. ނުކުރެވޭވަރުގެ ކަމަކަށްވެގެން ނޫނެވެ. ކުރިން އަލިމަނިކުފާނު މަހަށްގޮސް އުޅުނީ ދޯނީގައެވެ. އޭރުވެސް ފުދި އިތުރުވާވަރަށް ފައިސާ ލިބެއެވެ. މިހާރު މާގިނައިން ލިބެއެވެ. މިހާރު އަލިމަނިކުފާނު ކުރާ މަސްވެރިކަމަކީ އޭނާއަށް ފަސޭހަދުވަހެއްގައި ފަސޭހަވަގުތެއްގައި ދާއަޅައިގެން މަސްހިފުމެވެ. ބޭނުންކުރާ ދަލަކީ އޭނާގެ މުޅިން އަމިއްލަ އުފެއްދުމެކެވެ. މަރާމާތު ކުރަނީވެސް އަމިއްލަޔަށެވެ. ދާއަޅަން ނިކުންނަ ދުވަހެއްވިއްޔާ އާމްދަނީގެ ގޮތުގައި ހާހެއްހައި ރުފިޔާ ލިބެއެވެ. މަހަކު ދިހަބާރަހާސް ރުފިޔާއަށްވުރެ ކުޑަ ނޫން އާމްދަނީއެއް ލިބެއެވެ. މަހުގެ ވިޔަފާރިކުރާތީ މަޖްބޫރުވެގެން މޯބައިލް ފޯނެއް މިހާރު ގެންގުޅެއެވެ. އަލިމަނިކުފާނުގެ ބަހުންނަމަ އެއީ ނޮކިއާ ބައްތިއެކެވެ.

އަލިމަނިކުފާނުގެ ދިރިއުޅުން މިބީދައިން ހުންނައިރު ލޯބީގެ ހިޔަނި އޭނާގެ ދިރިއުޅުމަށް އެއްވެސް އިރެއްގައި އެޅިފައިވޭތޯ ސުވާލު އުފެދުން އެކަށީގެންވެއެވެ. އެޒާތުގެ ކަންކަމާއިމެދު ވާހަކަދައްކަން އަލިމަނިކުފާނު ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ތަންގަޑުގެ މީހުން މިކަމަށް ކޮންމެވެސްވަރެއްގެ އަލިކަމެއް ގެނެސްދެއެވެ. އަލިމަނިކުފާނު ދުވަހަކުވެސް މީހަކާ ނީދެއެވެ. އެކަމަކު ވަރަށް ޒުވާން އުމުރުގައި ލޯބީގެ ގޮތުން މީހަކާ ގުޅި ކައިވެނި ކުރަން ބޭނުންވިއެވެ. އެއަންހެންކުއްޖާއާ ދެކޮޅުހެދީ މަންމައެވެ. އެކަމާ ހިތާނުވެގެން މަންމަ ވަރަށް ވާހަކަ ދެއްކި ކަމަށްވެއެވެ.

މަންމަ ދެކޮޅުހެދީމާ ހުއްޓައިލީ ހަމައެކަނި ކައިވެންޏެއް ނޫނެވެ. ވަކިމީހަކަށް ބެލުމެއްނެތި އެއްވެސް އުމުރެއްގެ އެއްވެސް އަންހެނަކާ ވާހަކަ ދެއްކުންވެސް ހުއްޓާލީއެވެ. އެއްވެސް އަންހެނަކާ ވާހަކަ ނުދައްކައި އެތައް އަހަރެއްވަންދެން ހުއްޓެވެ. މަދުމަދުން ތަންގަނޑުގެ އަންހެނުންނާއި އަނގައިން ބުނަންފެށީ މަންމަ ނިޔާވުމަށްފަހުވެސް ދިހަވަރަކަށް އަހަރު ފަހުންނެވެ.

ތަންކޮޅެއްފަހުން ކައިރިހިސާބެއްގެ ސައިހޮޓަލެއްގެ ސޭޓަކަށް އުޅުނު ކުއްޖަކާ ލޯބީގެ ގޮތުން ގުޅިއްޖެއެވެ. އެކުއްޖާގެ ގޭގެ މަސައްކަތްކޮށްލަދީ މިހެން އުޅެމުންގޮސް ވީގޮތަކީ އެކުއްޖާގެ ވިސްނުން ބަދަލުވީއެވެ. ކައިވެންޏަށް ނޫނެކޭ ބުނީއެވެ. އެހިސާބުން އަނެއްކާވެސް އަލިމަނިކުފާނުގެ ލޯބީގެ ހަޔާތުގައި ވިންދުޖެހުން ހުއްޓުނީއެވެ.

އަލިމަނިކުފާނަކީ ހުތުރު މީހެއް ނޫނެވެ. ބަރާބަރަށް ފެންވަރައިގެން ސާފުތާހިރުކޮށް ހުންނަ މީހެކެވެ. ހިނައި ތާހިރުވުމަށް އަލިމަނިކުފާނު ބޭނުންކުރަނީ ވަޅާއި ދާންޏެވެ. ސައިބޯންޏާއި ކޮލްގެޓެވެ. ހިނައިގަތުމަށްފަހު ލޯޝަނުގެ ބަދަލުގައި ގައިގައި އުނގުޅަނީ ކާށިތެލެވެ. އެއީ ވަރަށް ތަރުތީބުން ވަރަށް ފަރުވާތެރިކޮށް ކުރާކަމެކެވެ. ދެން ބޭނުންކުރަނީ އަރަބި އަތަރެވެ. އަތަރާއި ކާށިތެލަކީ ހުސްނުކޮށް އަބަދުވެސް ގޭގައި ބަހައްޓާތަކެއްޗެވެ. ފުޅި ހުސްވުމުގެ ކުރިން އަނެއްފުޅި ގެނެއެވެ. ރަސްމީ ސިފައިގައި އަލިމަނިކުފާނު ހިނގާފައިދާއިރު އުނަގަނޑުގައި ވަޅިވެސް ހުންނާނެއެވެ.

އަލިމަނިކުފާނަކީ ވާހަކަފޮތްވެސް ކިޔައި އުޅޭ މީހެކެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިގާ ކަންކަމުގެ ޚަބަރު ބަރާބަރަށް އަޑުއަހައެވެ. ރާއްޖޭގެ ސިޔާސީ މަސްރަހާއިމެދު އަލިމަނިކުފާނުގެ ރައުޔު ވަރަށް ސާފެވެ. ސަރުކާރުން ރައްޔިތުންނާމެދު އަދުލުވެރިވާންވާނެއެވެ. އަދުލުވެރިކަން ދެމިއޮތްހާދުވަހަކު ރައްޔިތުން ތިބެންވާނީ ސަރުކާރާއެކުގައެވެ. އަލިމަނިކުފާނުގެ ދިރިއުޅުމަކީ ކިތަންމެ އެކަހެރި އަދި ސާދާ ދިރިއުޅުމަކަށްވިޔަސް އޭނާވެސް ނިސްބަތްވަނީ ސިޔާސީ ޕާޓީއަކަށެވެ. ޖުމްހޫރީ ޕާޓީއަށެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!