އޮއްސިގެން އެދިޔައީ އަލިގަދަ ތަރިއެކެވެ

އެއީ ކުންނިއަރު އަލިތައްކާނުގެ ތުއްބީގެ ހަސަންތައްކާނާއި އެދުރުގޭ އެދުރުތައްކާނުގެ ހައްވާފާނުގެ ކައްދާފާނުގެ ކައިވެނިން ލިބުނު އެޅަވަލިގޭ މުހުއްމާތައްކާނު (ތުއްތޫބެއްޔާ)ގެ ރުއްގަނޑިގޭ އަބްދުއްރަހުމާނުގެ މުހުއްމާތައްކާނެވެ. އަބްދުއްރަހުމާނުގެ ދޮށީ ފިރިހެންދަރިއަށް މުހުއްމާތައްކާނުގެ ނަންދިނީ ބައްޕަގެ ނަން ދިރުވުމުގެ ގޮތުންނެވެ. އެޅަވަލިގޭ ތުއްތޫބެއްޔާއަކީ އޭނާގެ ޒަމާނުގައި ނުހަނު ހުނަރުވެރި މަސައްކަތްތެރިއެކެވެ. މުޅިއަތޮޅުގައިވެސް ނެތްވަރުގެ ތޫނުފިލި ހުނަރުވެރިއެކެވެ.

އަބްދުއްރަހުމާނުގެ މުހުއްމާތައްކާނު ބޮޑަށް މަޝްހޫރުވެފައިވަނީ ސިއްތާގެ މުހުންމާތައްކާނުގެ ނަމުންނެވެ. އެޅަވަލިގޭ މުހުއްމާތައްކާނު ފަދައިން މިއީވެސް ފަންނުވެރިކަމާއި ހުނަރުގެ ގޮތުން ދެވަނައެއް ނުވާފަދަ މޮޅު މާވަޑިއެކެވެ. ވިސްނައިފިކުރުކޮށް ބަލައިފިނަމަ އަޖައިބުވުން އެކަށީގެންވާ ކަހަލަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާ ހުނަރުވެރިއެކެވެ. އެހެންނަމަވެސް މި ހުނަރުވެރިޔާގެ ހަޔާތުގައި އޭނާގެ ކާމިޔާބީތަކާއި ހުނަރުތަކުގެ މައްޗަށް އެއްވެސް މީހަކު ލިޔުމެއް ލިޔެފައެއް ނެތެވެ. މުހުއްމާތައްކާނު ވަނީ މިދިޔަ ހަފުތާގެ ބުދަދުވަހު އުމުރުން 65 އަހަރުގައި ނިޔާވެފައެވެ. އެމަރުހޫމުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.

މުހުއްމާތައްކާނަކީ ހުނަރުވެރިޔެކޭ ލިޔެވިއްޖެއެވެ. އެއީ ކިހާވަރެއްގެ ހުނަރުވެރިކަމެއްކަން ބުނެދޭނީ ކޮން އިބާރާތަކުން ބާވައެވެ. މުހުއްމާތައްކާނަކީ ހަމަޔަގީނުންވެސް އޭނާގެ ކުރީންވެސް އަދި އޭނާގެ ހަޔާތުގައިވެސް އައްޑުއަތޮޅުގައި ނެތްވަރުގެ މޮޅު މާވަޑިއެކެވެ. ކިއްސަރުވަޑާމުގެ މަސައްކަތް އައްޑުއަތޮޅުގައި އާ އުސްމިނަކަށް ގެންދިޔަ ހުނަރުވެރިޔެކެވެ. މިމަސައްކަތް މުހައްމާތައްކާނު ދަސްކުރީ އޭނާގެ ބައްޕަ އަބްދުއްރަހުމާނުގެ ކިބައިންނެވެ. ދެން އިތުރަށް މިޒާތުގެ މަސައްކަތްކުރާ އެހެންމީހުންގެ ކިބައިންނެވެ. މިހުނަރު އާ އުސްމިނަކަށް މުހުއްމާތައްކާނު ގެންދިޔައީ އޭނާގެ އީޖާދީ ސިކުނޑި ބޭނުންކޮށްގެންނެވެ. މުހުއްމާތައްކާނުގެ ޚާއްސަ ހުނަރަކީ ކޮންމެކަމެއްގައިވެސް އާގޮތް ހޯދުމެވެ. އީޖާދީ ވިސްނުމަކުން ކަންކަން ތަރައްގީ ކުރުމެވެ.

އައްޑުއަތޮޅުގައި ފަހަކަށް އައިސް ބޭނުން ކުރެވުނު މުދާއުފުލާ ބޯޓުފަހަރުގެ ފަރުމާގެ މޭސްތިރިޔަކީ މުހުންމާތައްކާނެވެ. އޭނާގެ މާވަޑިކަމުގައި ބަނދެފައިވާ ކޮންމެ އުޅަނދަކީ އޭގެ ފަރުމާއާ ދޭތެރޭ ވިސްނައިފިނަމަ ގޯހެއް ފެނުން ނާދިރު އުޅަނދެކެވެ. ބޯޓު ބަންދާ މީހާ ހަމައެކަނި ބުނެލަން ޖެހެނީ އުފުލަން ބޭނުންވާ މުދަލުގެ މިންވަރެވެ. އުޅަނދުގެ ކުރެހުން އޮންނަނީ މުހުއްމާތައްކާނުގެ ސިކުނޑީގައެވެ. އެއީ ކިތަންމެ ބޮޑު އުޅަނދެއް ކަމުގައިވިޔަސް ލަކުޑި ބޭކާރުނުކޮށް ބޭނުންވާ ފަރުމާޔަށް ބޭނުންވާ ސައިޒަށް އުޅަނދު ބަނދެ ނިންމައިދެއެވެ. އެއުޅަނދު ހަމައެކަނި ބަލާލަން ރީތީއެއް ނޫނެވެ. އެއުޅަނދަކީ ކަނޑަށްވެސް ގަދަ އަދި ފެނަށްވެސް ރީތި އުޅަނދެކެވެ. މިހެންވުމުން މުހުއްމާތައްކާނުގެ ނަމަކީ ބޯޓު ބަނުމުގެ ސިނާއަތުގައި މުޅިއައްޑު އަތޮޅުގައި އެންމެ އިތުބާރު ބްރޭންޑެވެ. ހަމައެކަނި އައްޑުއަތޮޅެއް ނޫނެވެ. މުޅިރާއްޖޭގައިވެސް އެއީ އެންމެ މޮޅު އެއްމާވަޑިޔާއެވެ.

މީދޫގައި ބަނދެފައިވާ ކޮންމެ ބޯޓެއްގެ މޭސްތިރިޔަކީ މުހުއްމާތައްކާނެވެ. ހުޅުދޫގައި ފަހަކަށްއައިސް ބަނދެފައިވާ ކޮންމެ ބޯޓެއްގެވެސް މޭސްތިރިޔަކީ އޭނާއެވެ. އެހެން ރަށްރަށުގެ ބޯޓުފަހަރާއި ދޯނިފަހަރުވެސް އޭނާވަނީ ނިންމައިދީފައެވެ. ނަންތައް ލިޔެގެން މަޒުމޫނު ދިގުކުރުމުގެ ބޭނުމެއް ނެތަތީވެ އެވާހަކަ ކުރުކޮށްލީއެވެ.

މުހުއްމާތައްކާނުގެ ވަކިވުމަކީ މުޅި މީދޫއަށް ލިބުނު ބޮޑު ގެއްލުމެކެވެ. މުޅިއަތޮޅަށްވެސް ލިބުނު ގެއްލުމެކެވެ. މުޅިރާއްޖެއަށްވެސް ލިބުނު ގެއްލުމެކެވެ. އޮޑިދޯނިފަހަރު ބަނުމުގެ ސިނާއަތުގެ އުދަރެހުން އޮއްސިގެން އެދިޔައީ އަލިކަން ގަދަތަރިޔެކެވެ. އެވަރުގެ އެހެންތަރިއެއް ފެންނާންނެތް ވަރުގެ ތަރިއެކެވެ. މުހުއްމާތައްކާނުގެ ޚިދުމަތާއި ކާމިޔާބީތަކަށް އަދި އެހެން ލިޔުމެއްގައި މިއަށްވުރެ މާދިގުކޮށް މާތަފްސީލުކޮށް އިންސާފުކުރަން އެބަޖެހެއެވެ. އެހެންވީމާ އޭނާގެ ޚިދުމަތުގެ ވަނަވަރު އެންމެ ރަނގަޅަށް އެނގޭ މީހަކު އެކަން ކުރާނެކަމަށް އުންމީދު ކުރަމެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!