ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދިރާސާ އާއި ޖަޕާނުގެ ސަތޯގެ ވާހަކަ

ދިވެހިންގެ ދޮށީގެ މަސްވެރިކަމުގައި ސަތޯގެ ނަމަކީ ދުވަހަކު ވެސް ފަނޑުވުމެއް ނެތް ނަމެކޭ ދެންނެވި ދާނެއެވެ. މިހާރުވެސް ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ރަސްކަން ކުރަމުން އަންނަ އެންމެ ހުނަރުވެރި އަދި އެންމެ މުހިއްމު އެއް އާލާތް ކަމަށްވާ ބުޅީގެ ބްރޭންޑަކީ ސަތޯ ބުޅިއެވެ. މީގެ އިތުރުން ހުވަދޫ ކަނޑުގެ މެދުތިލަ ނުވަތަ ދެރަހާގެ ސަރަހައްދު ތަކަށް ސަތޯތިލަ ނުވަތަ ސަތޯރަހަ ފަދަ ނަން ނަމުން ދެކުނުގެ މަސްވެރިނން ކިޔައި އުޅެއެވެ. އެހެން ނަމަވެސް މިނަން ނިސްބަތްވާ ސަތޯއާއި ބެހޭ މައޫލޫމާތު މިޖީލުގެ މަސްވެރިންނާއި އެދާއިރާގައި މަސައްކަތް ކުރާ ފަރާތް ތަކަށް ރަނގަޅޅަށް އޮޅުން ފިލާފައި ނުވެއެވެ. ނަމަވެސް ސަތޯ އާއި ބެހޭ ގޮތުން ދިވެހި މަސްވެރިންނާއި ބައެއް އާއްމުންގެ މެދުގައި މަޝްހޫރު ވާހަކަ އެއް ކިޔަމުން އައިސްފައި ވެއެވެ. އެއީ ކޮންމެވެސް ވަރަކަށް ހަގީގަތް އެކުލެވޭ އެހެން ނަމަވެސް ޒާތެއްގެ ފްލޯކް ވާހަކައެކެވެ. އެވާހަކަ އަކީ، ހުވަދޫ ކަނޑުގެ މެދުތިލައަށް ޑައިވިން އަށް ގޮސް އުޅެނިކޮށް، އާދައާއި ޚިލާފު ބޮޑު ކަކކުންޏަކު ސަތޯ ކައިލީ ކަމަށް ކިޔައި އުޅޭ ވާހަކަ އެކެވެ. އިނގިރޭސި ލިޔުން ތެރިން މިވާހަކަ ލިޔެފައިވާ އިރު ދީފައިވާ ނަމަކީ “ސަޓޯ އެންޑް ދަ ޖަޔަންޓް ކްރެބް” އެވެ. ތިރީގައި މިގެނެސް ދެނީ އެވާހަކައިގެ ކުރު ޚުލާސާ އެކެވެ.

އެއްދުވަހަކު ސަތޯއާއި އޭނާގެ ޒުވާން އަންހެނުންނާއި އަދި ބައެއް ދިވެހި މަސްވެރިން ގޮވައިގެން ސަތޯގެ ބޯޓުގައި ހުވަދޫ ކަނޑުގައި މަސްވެރިކަން ކުރުމަށް ކަނޑަށް ނުކުމެއްޖެއެވެ. މިދަތުރުގެ ކޮންމެވެސް ހިސާބަކުން ހުވަދޫ ކަނޑުގެ މެދު ތިލައަށް ޑައިވިން ކޮށްލުމަށް ސަތޯ ބޭނުން ވެއްޖެއެވެ. އެއީ އެތިލައިގައި ހުރި ކަނޑުގެ ދިރުމަކީ ކޮބައިތޯ ބެލުމުގެ ޝައުގުވެރިކަން ސަތޯގެ ހިތުގައި އުފެދިގެން ކަމަށް ވެއެވެ. ކޮންމެއަކަސް މިދުވަހު ސަތޯ ޑައިވިން އަށް ދިޔަ ގޮތައް މައްޗަށް ނައަރައި މާގިނަ އިރުވުމުން، ބޯޓްގައި އިން ސަތޯގެ އަންހެނުން އޭނާގެ ޚަބަރު ބަލާލުމަށް ޑައިވިން އަށް ފޭބިއެވެ. ސަތޯ އަޑިއަށް ދިޔަ ދިމާލަށް ފީނައިގެން ގޮސް ބެލި އިރު އެއީ ބޮޑު ކަކުންޏެއްގެ ހަރުގެ އަނގަމަތީ ކައިރިއެވެ. ވަށައިގެން ފެންނަ ހިސާބަކުންވެސް ސަތޯ ފެންނާކަށް ނެތެވެ. ދެން ސަތޯގެ އަންހެނުން އެ ކަކުނި ހަރުގެ އަނގަމައްޗާއި ތަންކޮޅެއް ކައިރިއަށް ޖެހިލާފައި ރަނގަޅަށް ހޯދައި ބަލައިލި އިރު ކަކުނި ސަތޯ ކައިލައިފައިވާ ކަމުގެ ނިޝާން ތަކެއް ފެނުނެވެ. މިވާހަކަ ކިޔާ އަނެއް ގޮތަކީ ސަތޯ އާއި އޭނާގެ އަންހެނުން ޑައިވިން އަށް ފޭބީ އެކު އެކީގައެވެ. ސަތޯ ކަކުނި ހަރު ތެރެއަށް ވަދެގެން ދިޔައީ އަންހެނުން ބޭރުގައި މަޑު ކުރާން އިޝާރާތް ކޮށްފައެވެ. ކަކުނީގެ ހަރު ތެރެއަށް ސަތޯ ވަންތާ ގިނަ އިރެއް ނުވެ ކަކުނި ބޭރުން އައިސް އެއިގެ ހޮރަށް ވަންނަނިކޮށް ސަތޯގެ އަނބިކަނބަލުންނަށް ފެނުނެވެ. ކަކުނި ހަރުގެ ތެރެއަށް ވަންނަ ތަން ފެނުމާއި އެކު ސަތޯ ބޭރަށް ނުކުންނާން އުޅުނެވެ. ކަކުނީގެ ބިޔަ ކަމުން ސަތޯ އަށް ބޭރަށް ދެމިގަނެވޭ ވަރުގެ ޖާގެއް ނުލިބުނެވެ. އެހެން ކަމުން ސަތޯ އުޅުނީ ކަކުނީގެ ދެހަނޑަސް ދުރުކުރާ ވަގުތު ބަލައިގެން އަވަސް އަވަހަށް އެ ދެމެދުން ބޭރަށް ދެމިގަންނާށެވެ. އެހެން ނަމަވެސް އެވަގުތު ކަކުނި އޭގެ ދެހަނޑަސް ކައިރިކޮށް ފިއްތައިލި ގޮތައް ސަތޯގެ ހަށިގަނޑު ޗިސްޗިސް ކޮށްލައިފިއެވެ.”

ކޮންމެއަކަސް މިއީ ރާއްޖޭގެ ދެކުނުގެ މީހުންގެ މެދުގައި މިވާހަކަ ކިޔައި އުޅޭ ގޮތެވެ. އެހެން ނަމަވެސް ސަތޯ ޑައިވިން ކޮށްގެން އުޅެނިކޮށް މިކަހަލަ ހާދިސާއެއް ދިމާވެގެން ރާއްޖޭގައި މަރުވި ވާހަކަ އަކީ ހަގީގަތެއް ނޫނެވެ. ސަތޯ ވަނީ ސަލާމަތުން އެނބުރި އޭނާގެ ގައުމު ޖަޕާނަށް ގޮސްފައެވެ. މިވާހަކަ މިހެން ކިޔާ ސަބަބެއް ކަމަށް ލަފާ ކުރެވެނީ ހުވަދޫ އަތޮޅުގައި މަސްވެރިކަން ކުރުމަށްޓަކައި ސަތޯ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު ކުއްލިއަކަށް ފުރައިގެން މާލެ ދިޔުމެވެ. އަދި އެއަށްފަހު ރާއްޖެއިންވެސް ފުރައިގެން ދިއުމެވެ. އެއަށްފަހު ސަތޯ ނުފެނި ގިނަ ދުވަސްވުމުން އޭނާ އާއި އެކު މަސްވެރި ކަމުގައި އުޅުނު ދިވެހި ފަޅުވެރިން، ނޭނގުމެއްގެ ތެރޭގައި ތިބެގެން ކިޔާން ފެށި ހިޔާލީ ވާހަކަ އަކަށް ވެދާނެއެވެ. ކޮންމެއަކަސް މިހާ ހިސާބުން ސަތޯ އާއި ބެހޭ ހަގީގީ ވަހަކަ ތަކަށް އެނބުރި ލާނަމެވެ. ސަތޯ އަކީ ކޮން ދުވަސްވަރެއްގައި ކިހިނެތް ރާއްޖެ އާދެވުނު މީހެއްތޯ އާއި ރާއްޖޭގެ މަސްވެރިކަމަށް ސަތޯ ކޮށްދީފައި ވަނީ ކޮން ޚިދުމަތެއްތޯއެވެ.

ދިވެހީންނަކީ ޒަމާނުއްސުރެން އެބައި މީހުންގެ ދިރިއުޅުން މަސްވެރިކަމަށް ބަރޯސާވެގެން އުޅެމުން އައި މުރާލި ބައެކެވެ. އަދި ޒަމާނުއް ސުރެން، ދޮށީގެ މަސްވެރިކަމަށް ހުނަރުވެރި ކުޅާދާނަ ބައެކެވެ. އެހެން ނަމަވެސް ރާއްޖޭގެ މަސްވެރިކަން އިތުރަށް ތަރައްޤީކޮށް ކުރި އަރުވާން އިލްމީ ދިރާސާއެއް ފުރަތަމަ ފަހަރަށް ކުރެވުނީ، 1962 ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތައް 6 ގްރޫޕަކަށް ބަހާލައިގެން ދިރާސާކޮށްގެން ހަދާފައިވާ މިރިޕޯޓްގެ ނަމަކީ “ރިޕޯޓް އޮން ފިޝިން ސަރވޭ އިންކުލޫޑިން އޮޕީނިއަން އޮން ޕޮސިބިލިޓީ އޮފް ކޭނިން ފެކްޓަރީ އިންދަ މޯލްޑިވްސް” އެވެ. މި ދިރާސާ ހަދާފައިވަނީ ޖަޕާނުގެ މެރިން ރިސަރޗް ދާއިރާގެ ދެ ތަޖްރިބާކާރުން ކަމަށްވާ، ބ.ސަތޯ އާއި ޔޮޝިޓްސުޖޫ ޝިޖީ އާއި ދެމީހުންނެވެ. ދިރާސާ ލީޑްކޮށްފައިވަނީ ޝިޖީ އިސްވެ ހުރެގެންނެވެ. ސަތޯ މަސައްކަތް ކޮށްފައިވަނީ ޝިޖީގެ އެހީތެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގައި ބޮޑަށް މަޝްހޫރު ވެފައި ވަނީ ސަތޯ އެވެ. އެއިގެ ސަބަބެއް ކަމަށް ވަނީ މިދެންނެވި ދިރާސާ ގެ މަސައްކަތް ނިމި ދިވެހިސަރުކާރަށް ރިޕޯޓް ހުށަހެޅުމަށް ފަހުގައިވެސް ގިނަ ދުވަސް ތަކެއް ވަން ދެން ސަތޯ ރާއްޖޭގައި އުޅެފައި ވުމެވެ. ރާއްޖޭގައި ކުރާ ދޮށީގެ މަސްވެރިކަން ސަތޯ އަމިއްލައަށް ތަޖްރިބާ ކުރުމަށްޓަކައެވެ. ސަރވޭ ހެދުމަށް ފުރަތަމަ ރާއްޖެ އައީސުރެން ސަތޯ ވަނީ ރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި ލޭނު މަސްވެރިކަމާއި ގުޅޭ ތަހްލީލު ތައް އިތުރަށް ކުރުމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ.

ދިވެހިރާއްޖޭގެ މަސްވެރިކަމާއި ބެހޭގޮތުން މިފަހުގެ އަހަރު ތަކުގައި ކުރެވިފައިވާ ހުރިހާ ދިރާސާއެއްގެ އެންމެ އިސް އެއް މަސްދަރަކީ މިދެންނެވި ދިރާސާއެވެ. އެއިގެ ކުރީން ރާއްޖޭގެ މަސްވެރިކަމާއި ގުޅޭ ގޮތުން ސައިންޓިފިކު އުސޫލުން މައުލޫމާތު އެއްކުރެވިފައިވާ ރިކޯޑެއް ނެތެވެ. އެހެންކަމުން އެންމެ ކުރީގެ އަހަރު ތަކެއްގެ މައުލޫމާތާއި އަޅައިކިޔުމަށް ބޭނުންވާ ހާލަތް ތަކުގައި ބަލައިލާން އޮންނަ ހަމަ އެކަނި ދިރާސާ ރިޕޯޓަކީވެސް ސަތޯ އާއި ޝިޖީގެ މިދެންނެވި ރިޕޯޓެވެ. މިދިރާސާ ރިޕޯޓްގެ ފުރަތަމަ ޗެޕްޓަރގައި ހިމެނިފައިވަނީ، 1959 ވަނަ އަހަރުން ފެށިގެން 1961 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ބޭނި މަހުގެ ތަފާސް ހިސާބެވެ. ދެވަނަ ޗެޕްޓަރ ގައި ހިމެނިފައިވަނީ ސަރވޭ ދަތުރު ތަކުގެ މައުލޫމާތެވެ. ތިންވަނަ ޗެޕްޓަރގައި ހިމެނިފައިވަނީ ރާއްޖޭގައި އުފައްދާ ކަނޑު މަހުގެ ބާވަތް ތަކުން އިގްތިސާދީ ނަފާ ހޯދިދާނެ މިންވަރުގެ މައްޗަށް ބަލާލައިފައެވެ. ހަތަރު ވަނަ ޗެޕްޓަރ ގައި ހިމެނިފައިވަނީ ރާއްޖޭގައި މަސް ބަންދު ކުރާ ކާރުޚާނާއެއް އުފެއްދުމުގެ ފުރުސަތު އޮތް މިންވަރު ދެނެ ގަތުމެވެ. ފަސްވަނަ އަދި އެންމެ ފަހު ޗެޕްޓަރ ގައި ގެނެސްދީފައިވަނީ ރިޕޯޓްގެ ޙުލާސާ އާއި ޚާއްސަ ރިކޮމަންޑޭޝަން ތަކާއިއެކު ނިންމައިލުމެވެ.

މަހުގެ ތަފާސް ހިސާބުތައް އެނަލައިޒް ކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑު ތަކުގައި މަހުގެ މުއްސަނދި ކަން ހުރި މިންވަރާއި މަހުގެ ބައޮލޮޖީ ދެނެގަތުމަށް ތަހްލީލްތައް ކޮށްފައިވެއެވެ. ރާއްޖޭގެ އެކި ސަރަހައްދުގެ މަސްކަނޑު ތަކުގައި އޯޝަންގްރަޕީ އޮބްޒަރވޭޝަން ހަދައިގެން ކުރި މި ތަހްލީލުގައި މައިގަނޑު ދެކަމެއް ފާހަގަ ކުރެވިފައި ވެއެވެ. އެއީ އެންމެ ގިނަ އަދަދަކަށް ކަޅުބިލަ މަސް އައިނު ދަތުރު ކުރާ ކަން ފާހަގަ ކުރެވިފައިވަނީ ހުވަދު ކަނޑުގެ ވަން އެންޑް ހާލްފް ޑިގްރީ ޗެނަލް އާއި މެދުތިލަ ހިމެނޭ ސަރަހައްދުން ކަމެވެ. އަދި އެއީ އިންތިހާ އަށް އެމަށް ދަހި މަސްއައިނު ތަކެއް ކަމެވެ. ދެވަނައަށް ފާހަގަ ކުރެވިފައިވާ މުހިއްމު ކަމަކީ، ރާއްޖޭގެ ކަނޑު ތަކުގައި އުޅޭ ކަޅުބިލަ މަހަކީ ޖިއޮގްރަފީ ގޮތުން ތަފާތު ސަރަހައްދު ތަކަށް (ޖިއޮގްރިފިކް މައިގްރޭޝަން) ހިޖްރަ ކޮށް އުޅޭ އެއްޗެއް ނޫން ކަމެވެ. މިސާލެއްގެ ގޮތުން ދަންނަވާ ނަމަ ހުވަދޫ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ އާބާދީ އައްޑޫ ކަނޑަށް އަދި އައްޑޫ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ އާބާދީ ހުވަދޫ ކަނޑަށް ހިޖުރަކުރުމަކީ ރާއްޖޭގެ ކަނޑުގައި އުޅޭ ކަޅުބިލަމަހުގެ ތަބީޢީ ސިފައެއް ނޫން ކަމެވެ.

މިރިޕޯޓް ހެދުމަށްޓަކައި ފުރަތަމަ ސަރވޭ ދަތުރު ކުރީ މާލެ އަތޮޅުން ފަށައިގެން ހ.އ އަތޮޅަށެވެ. އެދަތުރުގެ ދިގު މިނަކީ ދިހަ ދުވަހެވެ. ދަތުރު ކުރި ތާރީޚަކީ 6 ފެބްރުއަރީ 1962 ން ފެށިގެން 15 ފެބްރުއަރީ 1962 މ. އެވެ. ދެވަނަ ސަރވޭ ދަތުރު ކުރީ އަރި އަތޮޅުން ފަށައިގެން ހުވަދު އަތޮޅާއި ހަމައަށެވެ. އެދަތުރުގެ ދިގު މިނަކީ ސާދަ ދުވަހެވެ. ދަތުރު ކުރި ތާރީޚަކީ 26 ފެބްރުއަރީ 1962 ން ފެށިގެން 11 މާރިޗް 1962 މ. އެވެ. ސަރވޭ ދަތުރު ތަކާއި މަސްވެރި ކަމުގެ ތަފާސް ހިސާބުތައް، ސައެންޓިފިކް އުސޫލު ތަކުގެ މަތީން، އެއްކުރުމާއި އެކު ސަރވޭ އަށް މުޅިއެކު ހޭދަވީ ތިން މަސް ދުވަހެވެ.

މިދިރާސާ ކުރުމަށް އަތޮޅުތައް ހަ ގްރޫޕަކަށް ބަހާލެވުނު ގޮތަކީ،
1. އިރު އުތުރުން ހ.އ އަތޮޅާއި ހ.ދ އަތޮޅު،
2. އިރުއުތުރުން ށ،ނ އަދި ޅ. އަތޮޅެވެ.
3. ހުޅަނގު އުތުރުން ރ.އަތޮޅާއި ބ. އަތޮޅެވެ.
4. އިރު ދެކުނުން ކ،ވ، އަދި މ. އަތޮޅެވެ.
5. ހުޅނގު ދެކުނުން އ،ފ، އަދި ދ. އަތޮޅެވެ.
6. އިރު ދެކުނުން ތ،ލ، ގ. އަތޮޅެވެ.

ނޯޓް : މިދިރާސާގައި ފުވައްމުލަކާއި އައްޑު އަތޮޅު ނުހިމެނެއެވެ.

ތަހްލީލާއި ތަޖްރިބާގެ ގޮތުން ކުރި މަސްވެރިކަމުގައި ގިނަ ދުވަސް ވަންދެން ބޭނުން ކުރީ ޖަޕާނުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ފައިބަރގްލާސް ބޯޓެކެވެ. ފައިބަރގްލާސް ބޯޓްގައި މަސްވެރިކަމުގައި އުޅުނީ ދިވެހި މަސްވެރިންނާއި އެކުގައެވެ. މިބޯޓްގައި ސަތޯ އިސްވެ ހުރެގެން ކުރި މަސްވެރިކަމުގައި ގިނަ ދުވަސް ހޭދަކޮށްފައި ވަނީ ހުވަދޫ ކަނޑުގައި މަސްވެރިކަން ކުރުމަށް ކަމަށް ގަބޫލު ކުރެވެއެވެ. މަސްވެރިކަމުގެ އިތުރުން ހުވަދޫ ކަނޑުގެ މެދުތިލަ އަށް ޑައިވިން ކޮށްގެން އެތިލަ ސަރވޭ ކުރުމުގެ މަސައްކަތް ތަކެއްވެސް ސަތޯ ކުރި ކަމުގައި ވެއެވެ. ދިރާސާ ހެދުމުގެ ތެރޭގައިވެސް ހުވަދޫ ކަނޑުގެ ވަން އެންޑް ހާލްފް ޑިގްރީ ޗެނެލްގެ ދެސަރަހައްދެއްގައި އޯޝަނަގްރަޕީ އޮބްޒަރވޭޝަން ހަދާފައިވާ ކަމަށް ދިރާސާ ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ސަތޯގެ ޓީމުން ހެދި ރިޕޯޓްގައި ފާހަގަ ކޮށްފައި ނެތް ނަމަވެސް ، ހުވަދޫ ކަނޑުގެ މެދުތިލައަކީ ކަޅުބިލަމަސް ވިހައި އާލާވާ ޚާއްސަ މަރުކަޒެއް ކަމަށް ސަތޯ ބުނެފައިވާ ކަމަށް ކިޔައި އުޅޭ ވާހަކަ އަކީވެސް ދެކުނުގެ މަސްވެރީންގެ މެދުގައި މަޝްހޫރު ވާހަކައެކެވެ. ސަތޯ އާއި ޝިޖީގެ ރިޕޯޓް ދިރާސާ ކުރުމަށް އަޅުގަނޑު އެންމެ ޝައުގެވެރި ކުރުވި އެއްސަބަބަކީ ވެސް މިވާހަކައެވެ. އެގޮތުން ހުވަދޫ ކަނޑުގެ މަސްވެރި ކަން ނުވަތަ މަހުގެ ރިޒަރވް އާއި ބޭހޭ ގޮތުން ސަތޯގެ ރިޕޯޓްގައި އޮތީ ކީކޭތޯ ބަލައި ލީމެވެ.

ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖޭގެ މަސްކަނޑު ތަކަށް ބަލާ އިރު އެންމެ ބޮޑެތި މަސް އައިނު އެންމެ ގިނަ އަދަދަކަށް ފެންނަނީ ހުވަދޫ ކަނޑުގެ ވަން އެންޑް ހާލްފް ޑިގްރީ ޗެނަލް ސަރަހައްދުން ކަމެވެ. އަދި އެމަސް އައިނު ތަކަކީ ރާއްޖޭގެ ވަށައިގެން އޮންނަ ބޭރު ކަނޑުން ދަތުރު ކުރަމުން އައިސް ވަންނަ މަސް އައިނު ތައް ކަމެވެ. މިދެންނެވި މަސް އައިނު ތަކުން ބޭނުމަށް އެދުވަސްވަރު ރާއްޖޭގައި ގެންގުޅޭ މަސްދޯނިފަހަރު މާ ކުޑަ ކަމާއި އެމަސް އައިނު ތަކުން ފުރިހަމަ އަށް މަސް ބޭނުމަށް 20 ޓަނާއި 50 ޓަނުގެ ކެޕޭސިޓީ ހުރި އިންޖީނުލީ އުޅަނދު ބޭނުންވާނެ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. ހުވަދޫ ކަނޑުގެ މެދު ތިލަ ނުވަތަ އެކަނޑުގެ އެހެން ސަރަހައްދެއްގައި ވެސް ކަޅުބިލަ މަސް އާލާ ވާކަމަށް ސަތޯގެ ރިޕޯޓްގައި ފާހަގަ ކޮށްފައެއް ނެތެވެ. އެކަން ދެނެގަނެވޭނީ އެއަށްވުރެން ފުޅާ ދާއިރާއެއްގައި މެރިން ރިސަރޗެއް ހެދިގެން ކަމަށް ގަބޫލު ކުރެވެއެވެ. ފަހަރެއްގައި ފަހުން ސަތޯ އެތިލައަށް ޑައިވިން ކޮށް އުޅުނު ނަމަ އެއީ އެކަން ކަށަވަރު ކުރެވޭތޯ ބެލުމުގެ ޝައުގު ވެރިކަން އުފެދުމުން ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް، ސަތޯ އާއި ޝިޖީ ކުރި ދިރާސާގައި، ދިވެހިން ދޮށީގެ މަސްވެރިކަން ކުރާ ވައްޓަފާޅި އާއި ބޭނުން ކުރާ ބުޅި ފަދަ އާލާތް ތަކުގެ މައްޗަށް ބަލާފައި ވެއެވެ. އެދުވަސްވަރު ރާއްޖޭގެ މަސްވެރީން ބޭނުން ކުރާ ބުޅިއަކީ ދޮށީގެ މަސްވެރިކަން ކުރުމަށް ޓެކްނިކަލް ސްޓަރަކްޗަރ އާއި ޑިޒައިންގެ ގޮތުން އެހާ ރަނގަޅު ބުޅިއެއް ނޫން ކަމަށް ލަފާ ދިނީވެސް ސަތޯއެވެ. އެއަށްފަހު ޖަޕާނުގެ ދޮށީގެ މަސްވެރި ކަމުގައި ބޭނުން ކުރާ މޮޅު ޓެކްނިކަލް ޑިޒައިންގެ ބުޅި ރާއްޖެއަށް ތަޢާރަފް ކުރިއެވެ. މިހާރުވެސް ރާއްޖޭގެ ދޮށީގެ މަސްވެރިކަމުގައި ރަސްކަން ކުރަނީ މިދެންނެވި ސަޓޯ ބުޅީގެ ޑިޒައިން އަށް ފައްކާ ކޮށްގެން ރާއްޖޭގައި ދިވެހީން ތައްޔާރު ކުރާ ބުޅިއެވެ. ބުޅީގެ ބައްޓަމާއި ވައްޓަފާޅިއަށް ގެނައި ބަދަލަކީ މިއަދާއި ހަމައަށްވެސް ދިވެހި މަސްވެރިންގެ މެދުގައި ވަރަށް މަގުބޫލު އަދި އެހާމެ ކާމިޔާބު ކަމަކަށް ވިއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ އިންޑަސްޓްރީ ތަރައްގީ ކޮށް ފުޅާ ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުމަށްޓަކައި، ނަވާރަ ސަތޭކަ އަށްޑިހަ ހަތަރުވަނަ އަހަރުގައި މެރިން ރިސަރޗް ސެކްޝަންގެ ނަމުގައި މަރުކަޒެއް ހުޅުވުނެވެ. މި ރިސަރޗް ސެކްޝަން ހުޅުވުމަށްފަހު، ރާއްޖޭގެ މަސްވެރިކަމާއި ބެހޭ ތަފާތު ދިރާސާތައް ކުރުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރެވުނެވެ. މައިޒާން ހަސަން މަނިކުގެ ބެއްލެވުމުގެ ދަށުން މެރިން ރިސަރޗް ސެކްޝަނުގެ މަސައްކަތް ކުރައްވަމުން ދިޔަ އިރު ޝިޖީ އާއި ސަތޯގެ ދިރާސާ ރިޕޯޓް ބަލައި ދިރާސާ ކުރުމުގެ މުހިއްމު ކަން ފާހަގަ ކުރެވުނެވެ. އެއާއި އެކު ގިނަ މަސައްކަތް ތަކެއް ކޮށްގެން ސަތޯ އާއި ޝިޖީގެ ރިޕޯޓް ހޯދައި ތިލަ ކުރެވުނެވެ. މައިޒާން ހަސަންމަނިކަކީ ރާއްޖޭގެ މެރިން ބައޮލޮޖީއާއި މަސްވެރިކަމުގެ ދިރާސާ ތަކަށް އަގުހުރި ގިނަ ޚިދުމަތް ތަކެއް ކޮށް ދެއްވާފައިވާ ބޭފުޅެކެވެ. ޝިޖީއާއި ސަތޯގެ ރިޕޯޓް ފުރަތަމަ ފަހަރަށް ޕަބްލިޝް ކޮށްފައި ވަނީ، ދެހާސް ދެވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ނެރުނު ތިމާވެށި މަޖައްލާގެ ހަވަނަ އަދަދުގައެވެ. އެއީ މެރިން ރިސަރޗް ސެކްޝަނަށް ދިހަ އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު ހަނދާނީ އަދަދުވެސް މެއެވެ.

މަސްވެރި ކަމާއި ބެހޭ ސަރވޭ ކުރުމަށް ޖަޕާނުގެ ތަޖްރިބާ ކާރުން ރާއްޖެ ގެނައުން :
ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރި އަރުވަން، ކުރެވޭނީ ކޮން ކަމެއްތޯ ދެނެގަތުމަށް މަސްވެރިކަމާއި ބެހޭ ދިރާސާއެއް ކުރުމަށް ބޮޑު ވަޒީރު އިބްރާހިމް ނާސިރު ބޭނުންވިއެވެ. މިމަސައްކަތް ކުރުމަށްޓައި، ކަމާއި ބެހޭ ތަޖްރިބާ ކާރުންގެ ބަޔަކު ޖަޕާނުން ހޯދުމުގެ މަސައްކަތް ހަވާލު ކުރެވުނީ ބޮޑުޒީރު އިބްރާހީމް ނާސިރުގެ، ނައިބުގެ މަގާމުގައި ހުންނެވި އޮނަރަބްލް ކޮލި އަލިމަނިކު އާއި އޭރުގެ ހޯމް އެފެއަރސް މިނިސްޓަރ، ކަރަންކާ އިބްރާހީމް ރަޝީދާ އެވެ. މިދެބޭފުޅުންގެ ވަފުދު ޖަޕާނަށް ވަޑައިގަތީ 1961 ވަނަ އަހަރުގެ އޮކްޓޫބަރ މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ވަފުދު ޖަޕާނުގެ ޓޯކިޔޯ އަށް ވަޑައިގެން ޖަޕާނުގެ މިނިސްޓަރީ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓަރީގެ ބޭފުޅުންނާއި ބައްދަލު ކުރެއްވިއެވެ. އެބައްދަލުވުމުގައި ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ޖަޕާނު ސަރުކާރުގެ ފަރާތުން ހޯދުމަށް އެދި ދިގު މަޝްވަރާތަކެއް ކުރެއްވިއެވެ. ކޮންމެއަކަސް ފުރަތަމަ މަޝްވަރާ ބައްދަލުވުން ނިމުނު އިރުވެސް، ރާއްޖެއިން އެދުނު އެދުމަށް ޖަޕާނު ސަރުކާރުން އެހީވުމުގެ އެއްވެސް ޝައުގު ވެރިކަމެއް ދައްކާފައި ނުވެއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މަޝްވަރާގައި ބައިވެރިވި ބޭފުޅުންނަށް ދިވެހިރާއްޖެ އެނގޭ ކަމަކަށް ވެސް ނުވިއެވެ. އެއިރު ދިވެހިރާއްޖެ އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ. އެހެންކަމުން ދިވެހި ސަރުކާރާއި ބޭރު ގައުމެއްގެ ސަރުކާރަކާއި ދެމެދު ކުރެވޭ އެއްބަސްވުމެއް ވެވެން އޮންނަނީ އިނގިރޭސި ސަރުކާރުގެ ހުއްދަ ލިބިގެންނެވެ. ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސް ވުމަކަށް އަންނަން ޖަޕާން ސަރުކާރުން ޝައުގުވެރިކަމެއް ފުރަތަމަ ނުދެއްވި އެއް ސަބަބަކީ އެއީ ކަމަށްވެސް ލަފާ ކުރެވެއެވެ.

ކޮންމެއަކަސް ފުރަތަމަ ބައްދަލު ވުމުގައި، ރާއްޖޭގެ ހުށަހެހެޅުމަށް ޖަޕާނު ސަރުކާރުގެ ޝައުގު ވެރިކަމެއް ނެތި ބައްދަލުވުން ނިމިގެން ދިޔަ ނަމަވެސް ދެވަނަ ބައްދަލު ވުމަކަށް ޖަޕާނު ސަރުކާރުން ރާއްޖޭގެ ވަފުދަށް ދައުއަތު ދިނެވެ. ލަފާ ކުރެވޭ ގޮތުގައި ރާއްޖޭގެ ހުށަހެޅުން ތަކުގެ ތެރޭގައި ޖަޕާނުގެ ވިޔަފާރި ޕަރޓްނަރުންނަށް ވެސް ފައިދާ ވެދާނެ ކޮންމެވެސް ކަމެއް ޖަޕާނު މީހުންނަށް ފަހުން ފާހަގަ ކުރެވުނީއެވެ. ރާއްޖޭގެ ހުށަހެޅުމަކީ ހަމަ އެކަނި މަސްވެރިކަމުގެ ސަރވޭ ހެދުމަށް ތަޖްރިބާ ކާރުން ހޯދުމެއްވެސް ނޫންމެއެވެ. މަސްވެރި ކަމުގައި ޖަޕާނުގެ ޓެކްނޮލޮޖީގެ ވަސީލަތް ތައް ބޭނުން ކޮށްގެން، ރާއްޖޭގައި މަސްވެރިކަން ކުރުމާއި މަސް ބަންދު ކުރާ ކާރުޚާނާއެއް ގާއިމު ކުރާނެ ޖަޕާނުގެ ޕަރޓްނަރ ކުންފުންޏެއް ހޯދުންވެސް ހިމެނެއެވެ. ޖަޕާނުގެ ހޯކޯ ފިޝިންކޯ ލިމިޓެޑާއި ދިވެހި ސަރުކާރުގެ ޖޮއިންޓް ވެންޗަރ އެއްގެ ދަށުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކޭނިން ފެކްޓަރީ އެއް ގާއިމު ކުރެވުނެވެ. އެއީ 1976 ވަނަ އަހަރުގެ ތެރޭގައި، ޅ. ފެލިވަރުގައި ހުޅުވުނު ކޭނިން ފެކްޓަރީއެވެ. މި ކޭނިން ފެކްޓަރީ ބިނާ ކުރުމުގެ ވާހަކަތައް ފެށިފައިވަނީ ކުރީގައި ދެންނެވި މަޝްވަރާ ބައްދަލު ވުމާއި ހަމައިންނެވެ.

ޖަޕާނު ސަރުކާރުގެ އޮފިޝަލުންނާއި އެކު ބޭއްވުނު ދެވަނަ ބައްދަލުވުން ނިމިގެން ދިޔައިރު އެއްބަސް ވެވުނީ، މަސްވެރިކަމުގެ ސަރވޭއެއް ހެދުމަށްޓަކައި ޖަޕާނުގެ ދެ އެކްސްޕަރޓުން ރާއްޖެ ފޮނުވުމަށެވެ. ޕްރޮޖެކްޓްގެ އެއްބަސް ވުމުގައިވާ ގޮތުން ޝިޖީއަށް މަސައްކަތުގެ އަގުދޭނީ ޖަޕާނު ސަރުކާރުންނެވެ. އަދި ސަތޯ އަށް އަގު ދޭން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އެކްސްޕަރޓުންގެ ސަރވޭ މަސައްކަތައް އެހީތެރި ވުމަށްޓަކައި ޖަޕާނުގެ ސަރވޭޝިޕް، ފުޖިމާރު ރާއްޖެއަށް ފޮނުވުމަށްވެސް އެއްބެސްވެފައި ވެއެވެ. އެއީ އެމުއްދަތުގެ ތެރޭގައި ފުޖިމާރު ބޯޓް ސްރީލަންކާ އަށް ކުރާން ހަމަޖެހިފައި އޮތް ދަތުރަށް ފަހުގައެވެ. އެއަށްފަހު ޖަޕާނު ސަރުކާރުން އެއްބަސްވެފައި ވަނީ އެކްސްޕަރޓުންގެ ރިޕޯޓަށް ބަލާފައި އިތުރަށް ކުރިއަށް ދިއުމާއި މެދު ގޮތެއް ނިންމުމަށެވެ.

ޝިޖީއާއި ސަތޯ ރާއްޖެ އައުމަށްފަހު ފުރަތަމަ ސަރވޭ ދަތުރު ކުރީ މާލެއިން އުތުރުގެ އަތޮޅު ތަކަށެވެ. އެދަތުރު ތަކުގައި ޖަޕާނުގެ ޓީމާއި އެކު، އޮނަރަބްލް ކޮލި އަލިމަނިކު ވެސް ބައިވެރިވިއެވެ. ސަރވޭގެ އިތުރުން ރާއްޖޭގެ ދޮށީގެ މަސްވެރިކަމާއި ލޭނު މަސްވެރިކަން ސަތޯ އަމިއްލައަށް ތަޖްރިބާ ކުރާން ބޭނުން ވުމުން އެކަމަށް ބޭނުންވާ ބޯޓެއް ޖަޕާނުން ގަނެގެން ރާއްޖެ ގެނެވުނެވެ. އެއީ މަސްވެރިކަން ކުރުމަށާއި ސަރވޭގެ މަސައްކަތް ކުރުމަށްވެސް ބޭނުން ކުރެވޭ ޒާތުގެ ސެކަންޑް ހޭންޑް ލަކުޑި ބޯޓެކެވެ. އެބޯޓާއި އެކު ޖަޕާނުގެ އިންޖިނިއަރަކުވެސް ގެނެވުނެވެ. އެބޯޓްގެ ނަމަކީ މުލެޓް އެވެ. އެބޯޓުގައި ކޮންމެވެސް ވަރަކަށް މަސްވެރިކަން ކުރެވުނު ފަހުން ބޯޓް ފަރަކަށް އަރައި ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވިއެވެ. އޭގެ ފަހުން، އެކްސްޕަރޓުންގެ ރިޕޯޓަށް ބަލާފައި ޖަޕާނު ސަރުކާރުން ފައިބަރގްލާސް ބޯޓެއް ރާއްޖެއަށް ހަދިޔާ ކުރިއެވެ. އެއީ ދޮށީގެ މަސްވެރިކަމާއި ލޭނު މަސްވެރިކަން ކުރެވޭ ގޮތައް ޑިޒައިން ކޮށްފައިވާ ބޯޓެކެވެ. އެބޯޓްގެ ނަމަކީ ލޯޕެޒް އެވެ. ސަތޯ ވަނީ، ސަރވޭ ނިމުމަށްފަހު، މިދެންނެވި ފައިބަރގްލާސް ބޯޓްގައި ރާއްޖޭގެ އެކި ސަރަހައްދު ގައި ދޮށީގެ މަސްވެރިކަން ތަޖްރިބާ ކޮށްފެއެވެ. ދިވެހި މަސްވެރިންނާއި އެކު މަސްވެރި ކަމުގައި އުޅެމުން، ދޮށީގެ މަސްވެރި ކަމުގެ އިތުރު ހުނަރާއި ވައްޓަފާޅި ސަތޯ ވަނީ ދިވެހިންނަށް ތަޢާރަފް ކޮށްދީފައެވެ. މީގެ ތެރޭގައި އަދިވެސް ފަނޑުވުމެއް ނެތް އާލާތަކީ ދޮށީގެ މަސްވެރި ކަމުގައި ބޭނުންކުރާ ސަތޯ ބުޅިއެވެ.

މަޢުލޫމާތު ނަގާފައިވަނީ : –
1 . ޝިޖީ އާއި ސަތޯގެ ރިޕޯޓް
2. އޮނަރަބަލް ކޮލި އަލީ އުމަރުމަނިކުގެ އޮޓޯބައޮގްރަފީ
3. މެރިން ރިސަރޗް ސެންޓަރުގެ “ތިމާވެށި” މަޖައްލާގެ އެކި އަދަދުތައް

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!