ތިލަދުންމަތީ އުތުރުބުރީ ހަތިފުއްޓާއި އައްޑޫ މީދޫގެ ގުޅުން

ފަށައިގަތުން
ތިލަދުންމަތީ އުތުރުބުރީ ހަތިފުއްޓަކީ ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮތް ގުދުރަތީ އަތޮޅު ކަމުގައިވާ އިހަވަންދިއްޕޮޅުގެ ހުޅަނގު ފަޅީގައި އޮތް ލޯފަރުފަޅުގެ (ހޯރަފުށީފަޅު) ތެރޭގައި ހިމެނޭ ރަށެކެވެ. މި ފަރުގައި އޮތް މައި ރަށަކީ ހޯރަފުއްޓެވެ. އަލްއުސްތާޒު މުހައްމަދު އިބްރާހިމް ލުތުފީ ލިއުއްވާފައިވާ ގޮތުގައި ހަތިފުށީގެ ނަން އުފެދިފައިވަނީ ހިންދީ އަސްލަކުންނެވެ. އެއީ ހަތިޕުޓި އެވެ. މާނައަކީ އިސްރަށް ނުވަތަ ކުރީގައި އޮތް ރަށެވެ.

ދިވެހިރާއްޖޭގެ އަތޮޅުތައް މިހާރު ސިޔާސީގޮތުން ބަހައިލެވިފައިވާ ގޮތުގައި ހަތިފުށި އެކުލެވިގެންވާ އިހަވަންދިއްޕޮޅަކީ ތިލަދުންމަތީ އުތުރުބުރީގެ ބައެކެވެ. އެހެންނަމަވެސް ހަގީގަތުގައި އިހަވަންދިއްޕޮޅަކީ ރާއްޖޭގެ ގުދުރަތީ އަތޮޅުތަކުގެ ތެރޭން އެންމެ އުތުރުގައިވާ އަތޮޅެވެ. މި އަތޮޅުގައި މީލާދީން 1834 ވަނަ އަހަރު އެކި ސައިޒުގެ 24 ރަށް އޮތެވެ. މި ރަށްރަށުގެ ތެރޭން އެއަހަރު މީހުން އުޅުނީ 7 ރަށުގައެވެ. އެ 7 ރަށުގެ އާބާދީ އަކީ އޭރު 760 މީހުންނެވެ. އަތޮޅުގެ އެންމެ އުތުރު ޕޮއިންޓުގައި އޮތީ މާތުރާކުނެވެ. މިއަތޮޅުގައި އޮތް ގައްލަންދޫގެ ނަމުން އިހަވަންދިއްޕޮޅަށް ގައްލަންދޫ އެތެރެވަރިއޭ ވެސް ކިޔައެވެ. އިހަވަންދިއްޕޮޅުގެ ނަން ނިސްބަތްވަނީ އަތޮޅުގެ ދެކުނު ދުނީގެ ހުޅަނގު ކޮޅުން އަތޮޅުގެ އެތެރެވަރިއަށް ޖެހިފައި އޮތް އިހަވަންދުއަށެވެ. މިހާރު މިއަތޮޅުގައި އޮތީ މީހުން އުޅޭ ފަސް ރަށެވެ. އެއީ ތުރާކުނާއި އުލިގަމާއި މުޅަދުއާއި ހުވަރަފުއްޓާއި އިހަވަންދޫ އެވެ.

ހަތިފުއްޓަކީ ކުރީގައި މީހުން ދިރިއުޅުނު މަޝްހޫރު ރަށެއް ނަމަވެސް މިރަށް މިހާރުވަނީ ސަރުކާރުގެ ފަރާތުން ފަޅުރަށެއްގެ ގޮތުގައި ހަމަޖައްސައި ރަށު މީހުން ތިލަދުންމަތީ ދެކުނުބުރީ ހަނިމާދުއަށް ބަދަލުކޮށްފައެވެ. ހަތިފުށިން މީހުން ބަދަލު ކުރަން ނިންމި މައިގަނޑު ސަބަބަކީ އެރަށަކީ ތިމާވެށީގެ ގޮތުން މައްސަލަތައް ބޮޑު ރަށަކަށް ވުމެވެ. އެރަށަށް 2007 ވަނައަހަރު ވަރަށް ބޮޑަށް އުދަ އަރާފައި ވެއެވެ. މީގެ އިތުރުން އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓް ބަނދަރެއް ގާއިމުކުރުމުގެ މަޝްވަރާގެ ތެރެއިންވެސް ހަތިފުށިން މީހުން ބަދަލުކުރުމުގެ ވާހަކަ ވަރަށް ގަދައަށް ދެކެވުނެވެ.

ތާރީޚީ ނަޒަރަކުން ހަތިފުށި
ހަތިފުއްޓަކީ ކުޑަ ރަށެއް ނަމަވެސް ރާއްޖޭގެ ނިސްބަތުން އެއީ މަޝްހޫރު ރަށެކެވެ. ވަރަށް މުހިއްމު ޝަޚުސިއްޔަތުތަކެއް އުފައްދާފައިވާ ރަށެކެވެ. ހަތިފުށީގެ ދިގުމިނަކީ 0.270 ކިލޯމީޓަރެވެ. ފުޅާ މިނަކީ 0.170 ކިލޯމީޓަރެވެ. މާލެއާ ހަތިފުއްޓާ ދެމެދު ހުރި ދުރުމިނަކީ 322.37 ކިލޯމީޓަރެވެ. ހަތިފުށީ ރައްޔިތުން 2007 ވަނަ އަހަރު ހަނިމާދޫއަށް ބަދަލުވިއިރު އެރަށުގެ އާބާދީގައި ތިބީ 265 މީހުންނެވެ.

ހަތިފުށީގައި އުފެދުނު މުހިއްމު ޝަޚުސިއްޔަތެއް ކަމުގައިވާ ހަތިފުށީ ކާންނާކަލޭގެފާނު ނިޔާވެ ވަޅުލެވިފައިވަނީ ހޯރަފުށީ ކުޑަމިސްކިތް ދޮށުގައެވެ. ނިޔާވީ ހިޖުރައިން 1338 ވަނައަހަރުގެ ސަފަރުމަހުގެ 25 ވީ ބުދަދުވަހުއެވެ. އަދި އައްސުލްތާނު ހަސަން ނޫރައްދީނުގެ ރަސްކަމުގައި ހިޖުރައިން 1206 ވަނައަހަރު އެ ރަދުންގެ ބޮޑު ބަނޑޭރިއަކަށް ހުންނެވީ ވެސް ހަތިފުށީ މުހައްމަދު ހަދޭގިރިއޭ ކިއުނު ބޭކަލެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ މުނާސަބަތުގައި ބޭއްވި ރީތީގެ މުބާރާތުން މުޅިރާއްޖެއިން ދެވަނައަށް އެންމެ ރީތި ބޭކަނބަލަކަށް ހޮވުނީ ހަތިފުށީ ރާމިޒާ އިބްރާހިމްއެވެ. އެހެންކަމުން ހަތިފުށީގެ މީހުންނަކީ ވަރަށް ރީތި ބައެއްކަން ވެސް އެބަދޭހަވެއެވެ.

ހަތިފުށި ފަޅުރަށެއްގެ ގޮތުގައި ހަމެޖެހުމުގެ ކުރީން އެރަށުގެ ރައްޔިތުން ވަނީ އެރަށަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މި ކަނޑައެޅުމުގެ ދަށުން އެއްވެސް މީހަކު މި އުސޫލާ ޚިލާފު ވެއްޖެނަމަ ފަސްހާސް ރުފިޔާއިން ޖުރިމާނާ ކުރުމުގެ ބާރު ރަށު ކަތީބަށް ލިބިދެއެވެ. މިރަށާއެކު ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްރަށް ކަމުގައި އޭރު ހަމަޖައްސާފައިވާ ރަށްރަށަކީ ތިލަދުންމަތީ އުތުރުބުރީ ބެރިންމަދޫއާއި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރާއި މުލަކަތޮޅު މަޑިފުއްޓެވެ.

ހަތިފުށީ ރައްޔިތުން އެރަށް ނޫން އެހެން ރަށަކަށް ބަދަލުވުމަށް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅީ 20 މާރޗު 2001 ގައެވެ. އެހެންނަމަވެސް ހުރިހާ އިންތިޒާމުތަކެއް ހަމަޖެހި ހަތިފުށީ ރައްޔިތުން ހަނިމާދުއަށް ހިޖުރަކުރީ 5 ޖުލައި 2007 ގައެވެ. ހުރިހާ ރައްޔިތުން ހަނިމާދޫއަށް ބަދަލުވެ ނިމުމާއެކު ހަތިފުށި ރަސްމީގޮތުން ފަޅުރަށެއްގެ ގޮތުގައި ހަމަޖެހުނީ 12 ޖުލައި 2007 ވީ ބުރާސްފަތި ދުވަހުއެވެ. ހަތިފުށީގައި ހުރި ގައުމީ ދިދަ ރަސްމީކޮށް ބޭލުމުގެ ރަސްމިއްޔާތު އެދުވަހު އެރަށުގައި އޮތެވެ. އޭރު ސަރުކާރުން ހަތިފުށީ ރައްޔިތުން ތިބުމަށްޓަކައި އަޅަމުންދިޔަ ގެތައް ނިމެންދެން ހަނިމާދޫއަށް ބަދަލުވުމަށްފަހު ހަތިފުށީ ރައްޔިތުން ދިރިއުޅެމުން ދިޔައީ ސަރުކާރުން ކުއްޔަށް ހިފާފައިވާ ގެތަކާއި ހަނިމާދޫ ރައްޔިތުންގެ ގެތަކުގައެވެ.

ހަތިފުއްޓަކީ ރަސްމީގޮތުން ފަޅުރަށެއްގެ ގޮތުގައި ހަމަޖެހުމަށްފަހު ހަމައެދުވަސްވަރު ފަޅުރަށެއްގެ ގޮތުގައި ހަމަޖެހުނު އެހެންރަށެއް ކަމުގައިވާ އެއަތޮޅު ބެރިންމަދޫއާއި ހަތިފުށި ރިސޯޓުގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން 12 ސެޕްޓެމްބަރު 2007 ގައި ހުޅުވާލައި ބީލަމަށް ލާފައިވެއެވެ. ނަމަވެސް ރިސޯޓު ތަރައްގީކުރަން ކުރެވުނު މަސައްކަތް ފަހުން ހުއްޓާލުމަށް ފަހު ލުއި ޖަލެއްގެ ގޮތުގައި ހަތިފުށި ތަރައްގީ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއެވެ. މިގޮތުން 30 ޖުލައި 2008 އިން ފެށިގެން ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާރވިސްގެ ފާރާތުން ހަތިފުށި ލުއި ޖަލެއްގެ ގޮތުގައި ބޭނުންކުރަން ފެށިއެވެ. ހަތިފުށީ ލުއި ޖަލަށް 21 އޮގަސްޓް 2008 ވަނަ ދުވަހު ހިއުމަން ރައިޓްސް ކަމިޝަނުގެ ފަރާތުން ޒިޔާރަތްކުރިއިރު އެރަށުގައި ތިބީ 8 ގައިދީއަކާއި ޑީޕީއާރުއެސްގެ 8 އޮފިސަރުންނާއި މަސައްކަތު 8 މުވައްޒަފުންނެވެ.

ހަނިމާދުއަށް ބަދަލުކުރެވުނު ހަތިފުށީ ރައްޔިތުންނަށް އިމާރާތްކުރެވުނު ގެތައް ނިންމައި އެމީހުންނާއި ހަވާލު ކުރެއްވީ 2 މެއި 2013 ވީ ބުރާސްފަތިދުވަހުގެ ރޭ ހަނިމާދޫ ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްވަދު ވަހީދު ހަސަން އެވެ.

ހަތިފުށި ހިމެނޭ އިހަވަންދިއްޕޮޅަށް މިފަހުގެ ތާރީޚުގައި ލިބިގެންވާ މަޝްހޫރުކަމަކީ އެ އަތޮޅުގައި ބޮޑު އިގްތިސާދީ މަޝްރޫއެއް ހިންގަން ސަރުކާރުން ހަމަޖައްސާފައިވުމާއެކު އެކަމުގެ އަޑުތައް ފެތުރިފައިވުމެވެ. އައިހެވަންގެ ނަމުން ނަން ދެވިގެން ހިންގާ މިމަޝްރޫއުގެ އެންމެ މުހިއްމު ބައި ގާއިމުކުރުމަށް ރޭވިފައިވަނީ ހޯރަފުށީ ފަޅުތެރެއިން ބޮޑު ސަރަހައްދެއް ހިއްކައިގެން ހަތިފުއްޓާވެސް ގުޅުވައިގެންނެވެ.

ހަތިފުއްޓާއި އައްޑޫ މީދޫގެ ގުޅުން
ހަތިފުއްޓާއި މީދުއާ ގުޅިފައިވާ ސަބަބަކީ އެރަށުގައި މީދޫ ދެށެނާގެ ތުއްތުމަނިކު (އައްޝައިޚު ހުސައިން އިބްނު އަލްގާޟީ އިބްރާހިމް މަޖުދުއްދީން) ވަޒަންވެރިވެ ދިރިއުޅުއްވުމެވެ. ތުއްތު މަނިކަކީ މީދޫ އަލްފަގީހު މޫސާ (އެދުރުތަކުރުފާނު) ގެ ދަރިކަލުން އަދި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުކަން ކުރެއްވި ވަރަށްބޮޑު އިލްމުވެރިއެއް ކަމުގައިވާ އަލްގާޟީ އިބްރާހިމް މަޖުދުއްދީނުގެ ދަރިކަލެކެވެ. ތުއްތުމަނިކަކީ ވެސް ވަރަށްބޮޑު ފިގުހުވެރި އާލިމެކެވެ. ހަތިފުށީގައި ވަޒަންވެރިވެ އުޅުއްވި ދުވަސްވަރު ބޮޑުތިލަދުންމައްޗާއި މާލެއިން އުތުރުގެ ހުރިހާ އަތޮޅެއްގެ ނާއިބުކަން ކުރެއްވި ކަމަށް ބުނެވެއެވެ. މީގެ އިތުރުން އޭނާއަކީ އޮޑިފަހަރުގައި ބޭރު ދަތުރުކުރައްވައި އުޅުއްވި މާލިމީއެކެވެ.

އޭނާގެ އެއްބަނޑުއެއްބަފާ ބޭބެ އަލްގާޟީ އިސްމާއިލް ބަހާއުއްދީނު ދިވެހިރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ދުވަސްވަރު ބެންނެވި ފަނޑިޔާރު ނަވުގެ މާލިމީއަކަށް ހަމަޖެއްސީވެސް ތުއްތު މަނިކެވެ. އެދުވަސްވަރު ތުއްތުމަނިކު އަހަރަކު އެއްފަހަރު ބަންގާޅާއި އޮޅުދޫކަރަ އަދި ކޮއްޗެއަށްވެސް ދަތުރުކޮށް ހެއްދެވިއެވެ. މިގޮތުގައި ދުވަސްތަކެއް ތަކުރާރުވެ ވިޔަފާރީގެ ކަންތައްތައް ކުރިއަށްގޮސް އެންމެފަހުން އިސްމާއިލް ބަހާއުއްދީނަކީ އެދުވަސްވަރު ރާއްޖޭގައި ތިއްބެވި ވިޔަފާރިވެރި މުއްސަނދީންގެ ތެރެއިން އަރައިހުންނެވި ބޭކަލަކަށް ވިއެވެ. އިސްމާއިލް ބަހާއުއްދީނަކީ އައްޑުއަތޮޅު ހުޅުދޫގައި ދިރިއުޅުއްވި މުޅި ރާއްޖެއަށް މަޝްހޫރު ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކު (އަލްފަގީހު އިބްރާހިމް އިބްނު ބަހާއުއްދީން) ގެ ބައްޕައެވެ.

ތުއްތުމަނިކު ހަތިފުއްޓަށް ދިރިއުޅުއްވުން ބަދަލުކުރެއްވުމުގެ ކުރީގައި ދިރިއުޅުއްވީ އޭނާގެ ރަށް އައްޑޫ މީދޫގައެވެ. މީދޫން އޭނާ ކައިވެނި ކުރެއްވި އަނބިކަނބަލުން މީދޫ ގަނޑުވަރު ކައްދާދީދީގެ ދޮންދީދީގެ މަރިޔަމްދީދީއާ ދެނކަނބަލުންނަށް އޭރު ތިން އަންހެން ބޭފުޅުން ލިބިފައިވެއެވެ. އެއީ ތުއްތުދޮންދީދީ އާއި ފާތުމަތުދީދީ އާއި އާމިނަތު ދީދީއެވެ. އަދި ހަތިފުށީގައި ދިރިއުޅުއްވައި ހަތިފުށީ ބަނޑަށް ބޭފުޅުން ލިބުމަށްފަހު އަނެއްކާވެސް ރަށަށް ވަޑައިގެން އުޅުއްވުމުގައި ރަށުގެ އަނބިކަނބަލުންނަށް ތުއްތުމަނިކުގެ ހަގު ދަރިކަނބަލުން ހައްވާދީދީ ލިބިވަޑައިގަތެވެ.

މީދޫ ދެށެނާގެ ތުއްތުމަނިކު ހަތިފުށިން ކައިވެނިބެއްލެވީ ހަތިފުށީ ކެޔޮގޭ ހުސޭނުގެ ޔޫސުފު ކަލޭގެފާނުގެ ސިއްތިފުޅާއެވެ. ހަތިފުށީ ބަނޑުން ތުއްތު މަނިކަށް ލިބިވަޑައިގަތީ ދޮންމަނިކު، ދޮންމަނިކެ، ޚަދީޖާ މަނިކެ، އަހުމަދު މަނިކު އަދި އާއިޝަތު މަނިކެއެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ މުނާސަބަތުގައި ބޭއްވި ރީތީގެ މުބާރާތުން ދެވަނައަށް ދިޔަ ރާމިޒާ އިބްރާހިމް އާއި މައްޗަންގޮޅީ ޑޯންޝައިން ހަތިފުށީ އަލިމަނިކާއި ޖަރުމަން ވިލާތުގައި ދިރުއުޅުއްވި ޑރ. އަބްދުލް މުހުސިނަކީ ތުއްތުމަނިކުގެ ހަތިފުށީ ދޮންމަނިކުގެ ބޭފުޅުންނެވެ. ކުރީގެ ބަންޑާރަނާއިބު އަބްދުﷲ މުއިއްޒާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒަކީ ތުއްތުމަނިކުގެ ހަތިފުށީ ދޮންމަނިކުގެ އަލިމަނިކުގެ ބޭފުޅުންނެވެ. މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ނާއިބު މުހައްމަދު ޒާހިދަކީ ހަތިފުށީ ރާމިޒާ އިބްރާހިމްގެ ބޭފުޅެކެވެ.

ހަތިފުއްޓަށް ނިސްބަތްވާ ރާއްޖޭގައި މަޝްހޫރު އަދި މުހިއްމު ޝަޚުސިއްޔަތުތަކުގެ ތެރޭގައި ހަތިފުށީ އަލިމަނިކާއި ޑރ. އަބްދުލް މުހުސިނާއި ރާމިޒާ އިބްރާހިމް އާއި އެ ބޭފުޅުންގެ އެކި އެކި ބޭފުޅުން ހިމެނިގެންވެއެވެ. ރާއްޖެއަށް ނަން މަޝްހޫރު ޅެންވެރިއެއް ކަމުގައިވާ ހަތިފުށީ ޝާކިރަކީ ވެސް ހަތިފުއްޓަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި މީގެ ދުވަސްތަކެއް ކުރިން އިމިގްރޭޝަން ޑިޕާރޓްމަންޓްގެ އިސްބޭފުޅަކަށް އުޅުއްވި ހުސައިން ހަމީދަކީ ވެސް ހަތިފުއްޓައް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ އަކީ ދެށެނާގެ ތުއްތުމަނިކުގެ ހަތިފުށީ އާއިޝަތު މަނިކެގެ ބޭފުޅެކެވެ.

މަތީރަށްފުޅު
ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ނަދުރު ބުނެގެން ޒިޔާރަތްކޮށް އަދި ވަރަށްބޮޑަށް މީހުންގެ މެދުގައި އިހުތިރާމްކުރެވޭ ރަށެއްކަމުގައިވާ މަތީރަށްފުޅަކީ ހަތިފުއްޓާއި ހޯރަފުށި ހިމެނޭ ފަޅުގައިވާ ކުޑަކުޑަ ރީތި ފަޅުރަށެކެވެ. މަތީރަށް މަޝްހޫރުވީ އެ ރަށަށް ލެއްގި ސަންދޯކެއްގައި އޮތް ވަލީވެރި ބޭކަލަކު އެރަށުގައި ފަސްދާނުލެވުމަށް ފަހުގައެވެ. ބުނެވޭގޮތުގައި އެބޭކަލަކީ ޝަރީފް އަލީ އަލް މައްކީ އޭ ކިޔުނު ބޭކަލެކެވެ. މިހާރު މާގިނަ ބަޔަކަށް މިޒިޔާރަތާބެހޭ މައުލޫމާތެއް ނޭގެއެވެ. އެކަމަކު މިރަށާ ބެހޭގޮތުން ދެކެވޭ ބައެއް ފޯކްލޯރުތައް ހަތިފުށީގެ އުމުރުން ދުވަސްވީ ބައެއް މީހުން ކިޔައި އުޅެއެވެ.

ވާހަކަތަކުގައި ކިޔައި އުޅޭގޮތުން މީގެ އެތައްޒަމާނެއް ކުރީން ހަތިފުށީގެ ފަޅުގައި އޮތް ފިނޮޅަކަށް ބޮޑު ލަކުޑިފޮއްޓެއް ލެއްގިއެވެ. މިފޮށި އެންމެ ފުރަތަމަ ފެނުނީ ހަތިފުށީގެ މަސްވެރިއަކަށެވެ. ލެއްގިއިރު ފޮށީގެ ބައެއް ތަންތަން ވަނީ ފަޅައިގެން ގޮސްފައެވެ. އެހެންކަމުން ފޮށިތެރެއަށް ބަރަވެލިތަކާއި ކަކުނިތައް ވަދެނިކުމެ އުޅެއެވެ. ފޮށިތެރޭގައި ކޮންމެވެސް ކަހަލަ ޚަޒާނާއެއް ވެދާނެކަމަށް ހީކޮށް މުސްކުޅި މަސްވެރިއާ ރިތެއް ބޭނުންކޮށްގެން ފޮށި ހުޅުވުމަށް މަސައްކަތް ކުރިއެވެ. އެކަމަކު ފޮއްޓެއް ނުހުޅުވުނެއެވެ. މާގިނައިރުތަކެއްނުވެ އޭނާގެ އަތް ވާވެ ހަރަކާތްތައް ހުއްޓުނެވެ. މިހެންވުމުން ވަރަށްބޮޑަށް ހިތްވަރުލާފައި ރަށަށް ދިޔުމަށް މަސައްކަތްކޮށްގެން ހަތިފުށީގައިވާ އޭނާގެ ގެއާހަމައަށް ދެވޭވަރުވީ ހަމަ ކިރިޔާއެވެ. ޖެހިގެން އައިދުވަހު ހަތިފުށީގެ ރައްޔިތުން މިކަން ތަހުގީގު ކުރުމަށްޓަކައި އެ ފޮށި ކައިރިއަށް ދިޔައެވެ. އޭރު ދެބައިކުޅައެއްބައި ވަޅުލެވިފައިވާ ފޮއްޓަކީ ސަދޯކެއްކަން އެމީހުންނަށް އެގިއްޖެއެވެ. ފޮށީގެ މަތީގައި އަރަބި އަކުރުން ބިންވަޅުނަގައި ލިޔެފައިވާ ލިއުމެއް ފެންނާން ހުއްޓެވެ. އެލިއުމުގައި ވަނީ ޝަރީފް އަލީ އަލް މައްކީ މިހެންނެވެ. އެމީހުން ނިންމީ އެސަންދޯކާ ނުބެހި ދޫކޮށްލުމަށެވެ.

އަދިވެސް އެރަށާބެހޭގޮތުން ދެކެވޭ އެހެން ވާހަކަތަކެއްގައި ބުނެވެއެވެ. ކުރީޒަމާނުގައި އެއީ ވަރަށް ދިގު ދޮންވެލި ފިނޮޅެކެވެ. މިފިނޮޅަށް މަސްވެރިންގެ ދޯނިތައް ބީއްސައި ނުވަތަ އެހެލައި ހަދައެވެ. އެއީ އެފަދައިން އަމަލު ކުރުމުން އެދޯނިތަކުން ކުރާ މަސްވެރިކަން ރަނގަޅުވާކަމަށް އޮންނަ އިއުތިގާދެއްގެ ސަބަބުންނެވެ. މި ދޮންވެލި ފިނޮޅު ވޮޑިގިރުމުގެ ތެރެއިން ބޮޑުވެ ރަށަކަށް ބަދަލުވީ އެވެ. ދެން އެރަށުގެ ނަމަކަށް މަތީރަށް ކިއުނީއެވެ. އޭގެފަހުން ނަމުގެ ފަހަތަށް ފުޅު އިތުރުކުރެވި މިހާރު ގިނަމީހުން ކިޔައިއުޅެނީ މަތީރަށްފުޅެވެ.

ސަންދޯއް ލެއްގި ސަރަހައްދަކީ ކަރާމާތްތެރި ތަނެއްކަމުގައި ވަރަށް އަވަހަށް ގަބޫލުކުރެވި ހަތިފުށީ ރައްޔިތުން އެ ތަނުގައި ޒިޔާރަތެއް ބިނާކުރިއެވެ. ދެން މިޒިޔާރަތަށް ނަދުރު ބުނެގެން އެކިއެކި ހަދިޔާތަކާއި ތަފާތު ބާވަތްބާވަތުގެ ތަކެތި ހިފައިގެން ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން އަންނާން ފެށީއެވެ. މިޒިޔާރަތަށް ނަދުރު ބުނުމުން އެނަދުރު ފުދޭކަމުގެ ޚަބަރު މާގިނަ ދުވަސްތަކެއް ނުވެ މީހުންގެ މެދުގައި ފެތުރިގެން ހިނގައްޖެއެވެ. މައިންބަފައިން އެބައިމީހުންގެ ތުއްތުކުދީންގެ ފައި މިރަށުގެ ބަރަކާތްތެރި ފަސްގަނޑުގައި ބީއްސުމަށާއި އެކިއެކި ތަކެއްޗާ އަޅައި ކިރުމަށް އަންނާން ފަށައިފިއެވެ. މަސްވެރިން އެބައިމީހުންގެ ދޯނިތަކުގެ މަސްވެރިކަން ރަނގަޅުކުރުމުގެ ނިޔަތުގައި މިރަށަށް ގެނެސް ކަންޒޫރި ރަސްމިއްޔާތު ބާއްވައި ހަދައެވެ. އީދު ދުވަސްފަދަ ޚާއްސަ ދުވަސްދުވަހު މިރަށަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ވަރަށް ގިނައެވެ.

މިޒިޔާރަތުގެ ގަދަރު އުފުލިފައިވުމުގެ ސަބަބުން އެކިއެކި ރަސްރަސްކަލުންގެ ފަރާތުން މިރަށަށް ޚާއްސަ ރައްކާތެރިކަމަކާއި އިނާޔަތްތެރި ކަމެއްވެސް ވަނީ ލިބިފައެވެ. ރާއްޖޭގެ ރަސްކަމާއި ރައީސްކަން ކުރެއްވި ވަރަށް ގިނަ ބޭބޭފުޅުން ވަނީ މިރަށަށް ވަޑައިގެންފައެވެ. އެންމެފަހުން މިރަށަށް ވަޑައިގެންނެވި ވެރިއެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުރީގެ ރައީސުލްޖުމްހުރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ. ރާއްޖޭގެ އެކިއެކި ރަސްރަސްކަލުން ގަވާއިދުން މިރަށުގެ ޒިޔާރަތުގައި ޖަހާފައިވާ 100 ފޫޓުގެ ދިދަދަނޑިއަށް ނެގުމަށްޓަކައި ދިދަތައް ފޮނުއްވިއެވެ. ޒިޔާރަތް ބެލެހެއްޓުމަށްޓަކައި ވަގުފުތަކެއްވެސް ސަރުކާރުން ހަމަޖައްސަވައި ކަނޑައަޅުއްވާފައި ހުއްޓެވެ. މިހެން ހުއްޓައި 1960 ގެ އަހަރުތަކުގެ ތެރޭގައި އިބްރާހިމް ނާސިރުގެ ވެރިކަމުގައި ވަގުފުތައް އުވާލިއިރު މިރަށުގެ ވަގުފުގެ ޖުމްލަ އަގު 300 ރުފިޔާއާ ހަމަށް އުފުލިފައިވެއެވެ.

މިޒިޔާރަތުގައިވާ ޝައުގުވެރި ކުރުވަނިވި އަނެއްކަމަކީ ޒިޔާރަތުގެ ދޮރުގައި އިންޑިޔާގެ ގަދީމީ ފައިސާފޮތިތަކެއް މޮހޮރުޖަހައި ހަރުކޮށްފައި ވުމެވެ. މި ފައިސާފޮއްޗަކީ 1887 އާއި 1901 އާއި 1917 ގެ ފޮތިތަކެކެވެ. ދޮރާއްޓާއި ދިމާވާގޮތަށް މަގުގައި އެއްސަފަކަށް ވަނީ ރުނބާތަކެއް އަތުރާލެވިފައެވެ. ކުރީޒަމާނުގައި މިރުނބާތައް ބޭނުން ކުރެވުނީ އެތަނަށް ޒިޔާރަތްކުރާ މީހުން ބުއިމަށް ފެން ރައްކާކުރުމަށެވެ. މިއީ އެކިއެކި ހެޔޮއެދޭ ފަރާތްތަކުން މިތަނަށް ކުރާ ޒިޔާރަތުގައި ހަދިޔާކޮށްފައިވާ ތަކެއްޗެވެ. ޒިޔާރަތުގެ ކުރިބޯށީގައި ތާރީޚެއް ލިޔެވިފައިވެއެވެ. އެއީ ހިޖުރީ ގޮތުން 13 ވަނަ ގަރުނުގެ ތާރީޚެކެވެ. އެއީ މިޒިޔާރަތް ބިނާކުރި ނުވަތަ މަރާމާތު ކުރެވުނު ތާރީޚެވެ. އެހެންކަމުން މިތާރީޚަށް ފަހުވެސް މިހާރު 200 އަހަރަށްވުރެ ގިނަވެއްޖެއެވެ.

މިއަދު މަތީރަށްފުޅަކީ ވެސް ރާއްޖޭގެ އެހެނިހެން ހިސާބުތަކުގައިވާ އެހެނިހެން ޒިޔާރަތްތައް ފަދައިން މާބޮޑު ކަރާމާތްތެރިކަމެއް ހުރި ތަނެއްގެ ގޮތުގައި މީހުން ފާހަގަކުރާ ތަނެއް ނޫނެވެ. ހަމައެފަދައިން މިހާރު ނަދުރު ފުއްދަން ތަކެތި ހިފައިގެން މީހުން ގޮސް ހަދާ ތަނެއްވެސް ނޫނެވެ. ބައެއްމީހުންގެ ނަޒަރުގައި އެތަނުގައި ވަނީ ނޭގޭ ކޮންމެވެސް ބޭރު މީހެއްކަމުން އެއީ މާބޮޑު ގަދަރެއް ދެވެންވީ ތަނެއް ނޫނެވެ. އެފަދަ މީހުންނަށް އެރަށުގައިވާ ވަކި ޚާއްސަކަމެއް ނުފެނެއެވެ. އެހެންނަމަވެސް ތަފާތު ޚިޔާލުގެ މީހުންވެސް އުޅެއެވެ. މިފަދަ މީހުންގެ ނަޒަރުގައި އެތަނާ ގުޅިފައިވާ ދިގު ތާރީޚެއް ވާތީ އެތަނަކީ ހިމާޔަތް ކުރެވެންޖެހޭ ތަނެކެވެ.

ނިންމުން
ތިލަދުންމަތީ އުތުތުބުރީ ހަތިފުއްޓަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކިތަންމެ ގަދީމީ ރަށެއްކަމުގައި ވީނަމަވެސް މިހާރު އެއީ ފަޅުރަށެކެވެ. އެރަށުގައި އުޅުނު މީހުންގެ ތެރެއިން ގިނައަދަދެއްގެ މީހުން މިހާރު ދިރިއުޅެމުންދަނީ ހަނިމާދޫގައެވެ. ނަމަވެސް ހަތިފުއްޓަށް ނިސްބަތްވާ ދަރިކޮޅުތަކުގެ މީސްމީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޒަންވެރިވެ ވަރަށް އިއްޒަތްތެރި ބޭބޭފުޅުންގެ ގޮތުގައި އެބައުޅުއްވައެވެ. މީގެތެރޭގައި މީދޫގެ އާއިލާތަކާ ގުޅިފައިވާ ބޭފުޅުން ވަރަށްވެސް ގިނައެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!