މީދޫގެ ގިނަ ތަންތަނުން ގަބުރު ފެނުމުގެ ސިއްރަކީ ކޮބާ؟

މީދޫއަކީ އައްޑުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ދޮށީ ރަށެވެ. ތާރީޚީ އިލްމުވެރިޔާ މުހައްމަދު އިބްރާހިމް ލުތުފީ ވިދާޅުވަނީވެސް މިގޮތަށެވެ. ސައިންސްގެ އަލީގައި މިކަމުގެ ހަގީގަތް ހޯދުމަކީ ދަތިކަމެއް ނޫނެވެ. މިހަގީގަތް ކޮންމެވެސްބަޔަކު ކޮންމެވެސް ދުވަހެއްގައި ހޯދައި ބަލަން ބޭނުން ވާނެއެވެ. ފެންނަންހުރި ހެކިތަކަށް ބަލައި ވިސްނާއިރު މީދޫގައި އިންސާނުން ދިރިއުޅެން ފެށިތާ 2500 އަހަރަށްވުރެ ގިނަ ދުވަސްވެދާނެއެވެ.

އެހެންނަމަވެސް ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. މީދޫގެ ބޮޑު ސަރަހައްދެއްގައި ގިނަ އަދަދަކަށް ގަބުރު ވަޅުލާފައިވަނީ ކީއްވެގެން ހެއްޔެވެ. އެއްވެސް ޒަމާނެއްގައި އެހާ ބޮޑު އާބާދީއެެއް މީދޫގައި އޮތީ ހެއްޔެވެ. އޮތްނަމަ އާބާދީ ތުނިވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ. ބޮޑު ވަބާއެއް އަރައި ގިނަ ބަޔަކު ފަނާވެގެން ދިޔައީ ހެއްޔެވެ. އެހެން ރަށަކުން ދުޝްމަނުންގެ ބަޔަކު އަރައި ހަނގުރާމައެއް ކުރީ ހެއްޔެވެ. ހަނގުރާމައެއް ހިނގިނަމަ އެބަޔަކު ގެންގުޅުނީ ކޮންކަހަލަ ހަތިޔާރެއް ހެއްޔެވެ. އެ ހަތިޔާރުތައް ފެންނާނެ ހެއްޔެވެ. އެފަދަ ހާދިސާއެއް ހިނގިނަމަ ހިނގީ ކިތައްފަހަރު ހެއްޔެވެ. މިހިރީ ހައްތާވެސް ސުވާލުތަކެވެ.

މީދޫއަކީ މިހާރު އާބާދީ ތުނި ރަށެކެވެ. އެހެންނަމަވެސް އެވޭލާ ޒަމާނުގެ މީދޫ މީހުންނަކީ ރާއްޖޭގެ އެކިރަށްރަށް ނާމާންވެ ފަޅުވުމުން އެރަށްރަށް އާބާދު ކުރުމަށްޓަކައި އެރަށްރަށަށް ގޮސް އާބާދުކޮށް އަމާންކުރި ބަޔެކެވެ. މިއީ ތާރީޚީ ހަގީގަތެކެވެ.

އެންމެ ފުރަތަމަ މީދޫގައި އުޅުނީ ކޮންބައެއް؟
ލިޔެކިއުންތަކުން އެގޭ ގޮތުގައި ޔޫސުފު ނާއިބު ކަލޭގެފާނު މީދޫއަށް ވަޑައިގެންނެވުމުގެ ކުރީގައި އެރަށުގެ މީހުންނަށް ކިޔައި އުޅުނީ ތަފާތު ނަންތަކެކެވެ. އެނަންތަކަކީ ކަޅިހާރާ، ކެއުޅާރާ، އުނިސާރާ، ހެނެއިކަމަނާރާ، ދޮރުބާރާ، ދޮއޮނބޮރާ، ކުންނިއަރާ، ވައްލިއަރާ، ފަންނިއަރާ، އައްޓިއަރާ، މާވަގެދަރާ މިފަދަ ނަންތަކެވެ..

ހާނެއިކަލޭގެ އަކީ މީދޫ ފަޅުވެފައިވަނިކޮށް ރަށް ކޮށައި ފަހުން މީދޫ އާބާދު ކުރަން އައި މީހުންގެ ތެރެއިން އިސްކޮށް ހުރި މީހާއެވެ.

ކުރީ ޒަމާނުގައި ވޭރާނޑި އެޅުން (ނެރުން) މީދޫއަށް ވަދެ ނިކުމެ އުޅުނެވެ. އޭރު މަތިކިޅިއަށް ވަދެވޭ ގޮތަށް މޫދާއި ކުޅި އޮތީ ގުޅިފައެވެ. މީދޫ އުފެދިފައި އޮތްގޮތުން ކުޅިއަކީ ގުދުރަތީ ބަނދަރެކެވެ.

ކުރީ ޒަމާނުގައި ވޭރާނޑި މޫދަޑިއެޅެ ކިޔާ ތަނަކީ ސާފު ބޯފެން ހުރި ތަނެކެވެ. އެސަރަހައްދަކީ ބިޔަ ގަސްތައް ހެދިފައިވާ ޖަންގައްޔެކެވެ. މީގެ ފަންސާސް އަހަރު ކުރިންވެސް އެސަރަހައްދަށް ގޮސް އުޅުނު މީހުން އޮޑިދަޑުން ފެން ނަގައި ބޮއެ ހެދިއެވެ. ފެނުގެ ތާޒާކަމާއި މީރުކަމުގެ ވާހަކަ ދައްކައި އުޅުނެވެ.

މީދޫގައި އެންމެފުރަތަމަ އިންސާނުން އުޅެންފެށީ އެރަށުގެ އެންމެ އިރުމަތީ ފަރާތުން ވޭރާނޑު ނުވަތަ ވޭރުގަނޑު ސަރަހައްދުގައެވެ. އަޅުކަންކޮށް އުޅުނީ ވޭރާއަކަށް ކަމަށް ބުނެވެއެވެ. އޭގެފަހުން އެސަރަހައްދުގައި އުޅުނީ ބުދަށް އަޅުކަން ކުރި ބައެކެވެ. އަޅުކަންކުރުމަށް ގެންގުޅުނު ބައެއްކަހަލަ ސާމާނުތައް އެ ސަރަހައްދުގެ ދެކުނު ފަރާތުން ފެނިފައިވެއެވެ.

މީދޫ މީހުން އިސްލާމް ދީން ޚިޔާރު ކުރިއިރު އެރަށުގައި އޮތީ ބުދު ދީނެވެ. އޭރުގެ މީހުން ދިރިއުޅުނީ ރަށުގެ މެދު ސަރަހައްދުގައެވެ.

ވޭރާނޑު ސަރަހައްދުގައި ވަޅުލެވިފައިވާ މީހުން
ވޭރާނޑަކީ މީދޫގެ ބިމެކެވެ. ވޭރާނޑު ގަބުރުސްތާނުގެ ނަމަކީ އޮޑިދަޑެވެ. ވޭރާނޑު ސަރަހައްދުން އޮޑިދަޑުގައި ވަޅުލެވިފައިވަނީ އިސްކޮޅުން ދިގު ބިޔަ ބައެކެވެ. އެ ގަބުރުތައް ވަޅުލެވިފައިވަނީ ތަފާތު ގޮތަކަށެވެ. އިށީދެގެން ތިބޭ ގޮތަށް ބޯ މައްޗަށެވެ. ދެފައި ތިރިއަށެވެ. ދެމީހުން ދެމީހުންނަށް އެއްވަޅުގަނޑެއްގައި ވަޅުލެވިފައިވާ ސަރަހައްދެއްވެސް ވެއެވެ. އޮޑިދަޑު އޮންނަނީ މީދޫ ހުރަސްމަގުގެ އިރު ދެކުނުގައެވެ. އެއީ މިހާރު ފެން ޕްލާންޓް ބަހައްޓާފައިހުރި ސަރަހައްދެވެ. މި ގޮތަށް ވަޅުލެވިފައިވާ މީހުން ދާދިފަހުންވެސް ފެނިފައިވެއެވެ.

ގަބުރު ވަޅުލެވިފައިވާ ސަރަހައްދުތައް
މީދޫގެ ވަރަށް ބޮޑު ސަރަހައްދެއްގައި ގިނަ އަދަދެއްގެ ގަބުރުތަކެއް ވަޅުލެވިފައިވެއެވެ. ރަށުގެ ވަށައިގެން ނަޒަރު ހިންގައިލާއިރު ސުވާލު އުފެދޭ ކަންތައްތަކެއް ފާހަގަ ކުރެވެއެވެ. ގަބުރު ވަލުލެވިފައިވަނީ ކުރީ ޒަމާނުގައި މީހުން ދިރިއުޅުނު ސަރަހައްދުގެ ބޭރުން ގޮނޑުދޮށާއި ކައިރީގައެވެ.

ގަބުރު ވަޅުލެވިފައިވާ ދިހަ ސަރަހައްދެއް ފާހަގަ ކުރެވެއެވެ. އެއީ އޮޑިދަޑު ކަންމައްޗާއި މަތިކެޑެ ކަންމައްޗެވެ. ކޮށިފަންނާއި ކޯގަންނާއި މާކަންމައްޗެވެ. ލޮނޑިކެޑެ ކަންމައްޗާއި ރާވެރިން ކަންމައްޗާއި ޒިޔާރަތް ކަންމައްޗެވެ. ދެކުނު ފަރާތުން މޫސާގެފަންނު ކަންމައްޗެވެ. މީގެ އިތުރުން މާމިސްކިތުގެ އިރުމަތީފަރާތުގައި ވެސް ގަބުރު ވަޅުލެވިފައިވެއެވެ. މާމިސްކިތަކީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި އެންމެފުރަތަމަ ބިނާ ކުރެވުނު މިސްކިތެވެ.

އޮޑިދަޑު ކަންމައްޗާއި މަތިކެޑެ ކަންމަތި އޮތީ ރަށުގެ އިރުމަތީ ފަރާތުގައެވެ. މަތިކެޑެ ކަންމަތި މިހާރު ވަނީ އާބާދުވެ މީހުން ދިރި އުޅޭ ސަރަހައްދަކަށް ވެފައެވެ.

ރަށުގެ އިރުއުތުރު ފަރާތުގައި ވަނީ ކޮށިފަންނު ގަބުރުސްތާނެވެ. ކޮށިފަންނު ގިރާ ދުވަސްވަރު ގަބުރުތައް ފެނެއެވެ. ކޮށިފަންނުގެ ހުޅަނގަށް އޮތީ ކޯގަންނު ގަބުރުސްތާނެވެ. ކޯގަންނުގެ ހުޅަނގަށް އޮތީ މާކަންމާތެ ގަބުރުސްތާނެވެ. މާކަންމަތީގެ ހުޅަނގުން ދެކުނަށް އޮތީ ލޮނޑިކެޑެ ގަބުރުސްތާނެވެ. އެސަރަހައްދުގައި އެންމެ ފަހަށް ހުރި ދެ ޒިޔާރަތަކީ ބަބުރު ފަޑިޔައްތަކުރުފާނުގެ ޒިޔާރަތާއި ލައްކެޑެ ބެއްޔާ ޒިޔާރަތެވެ. ބަބުރު ފަޑިޔައްތަކުރުފާނު ޒިޔާރަތާއި ލައްކެޑެ ބެއްޔާ ޒިޔާރަތް ހުރީ އީދިގަމޫލުން އަތިރިއަށް ދާމީހާގެ ވާތްފަރާތުން ހުޅަގަށެވެ. ލޮނޑިކެޑެ ގަބުރުސްތާނުގެ ދެކުނަށް އޮތީ ރާވެރިން ކަންމާތެ ގަބުރުސްތާނެވެ. ރާވެރިން ކަންމަތީން ދެކުނަށް އޮތީ ޒިޔާރަތް މިސްކިތު ގަބުރުސްތާނެވެ. ޒިޔާރަތް މިސްކިތު ގަބުރުސްތާނުގެ ދެކުނުން މޫސާގެފަންނު ކަންމަތި ގަބުރުސްތާނެވެ. ކުރީޒަމާނުގައި ދަޑުމަތި ކިއައި އުޅުނީ މިސަރަހައްދަށެވެ. އެއީ މިހާރު ސިއްހީ މަރުކަޒުގެ އިރުހުޅަނގު ސަރަހައްދެެވެ.

މީގެ ތެރެއިން ގިނަ ތަންތަނަކީ މިހާރު ގަބުރުސްތާނުތަކެއް ނޫނެވެ. މިހާރު އެތަންތަން ފާހަގަ ކުރަނީ ކޮންމެވެސް ޒަމާނެއްގައި ގަބުރު ވަޅުލާފައިވާ ސަރަހައްދުތަކުގެ ގޮތުގައެވެ. ބައެއް ސަރަހައްދުތަކަކީ މިހާރު މީހުން އާބާދުވެ ދިރިއުޅެމުންދާ ސަރަހައްދުތަކެވެ. އަނެއްބައި ސަރަހައްދުތަކަކީ ވަލުތެރޭގައި ތަފާތު ކަންކަމަށް ބޭނުން ކުރެވޭ ތަންތަނެވެ.

ލޮނޑިކެޑެ ކަންމަތީ ސަރަހައްދަކީ މީދޫ މީހުން ބުދުދީން ދޫކޮށް އިސްލާމްދީނަށްް އުޅެން ފެށުމުން މީދޫއާ ތޮޅެން ދިޔަ ގަމުގެ ކާފަރުންނާއި މީދޫ މީހުން މުގާބަލާ ކުރެވުނުކަމަށް ބުނެވޭ ސަރަހައްދެވެ. އެއީ އެންމެފަހުން މީދޫއާ ތޮޅެން އައިސް އެރަށަށް އެރި ލަޝްކަރެވެ. ގަމުގެ ހާމުދުރުންނާއި އެހެން ރަށްރަށުގެ މީހުން މީދޫއަށް ގޮސް ހަނގުރާމަތަކެއް ކުރެވުނުކަމަށް ބުނެވެއެވެ. ކުރީ ޒަމާނުގައި މީދޫއަކީ އާބާދީ ބޮޑު ރަށެކެވެ. ބުނެވޭގޮތުގައި މި ހަނގުރާމަތަކުގައި ވަރަށް ގިނަބަޔަކު ޝަހީދުވުމާއި ގުޅިގެން ރަށުގެ އާބާދީ ތުނިވެގެން ދިޔައީއެވެ. މިސަރަހައްދުތަކުން މިހާރުވެސް ވަރަށް ގިނައިން މިނިކަށި ފެންނާނެއެވެ.

މީދޫއާ ތޮޅެން އައުން ނުހުއްޓުނީމާ ޔޫސުފު ނާއިބާއި ކަޅިހާރު ނިންމެވީ މީދޫން ލަޝްކަރެއް ނިކުމެ ގަމަށް އަރައި ހާމުދުރުންނާއި ބޮޑު މޮނާސްޓަރީގެ ކަންތައް ނިންމައިލުމަށެވެ. މިހަނގުރާމައަށް ނިކުމެ ގަމުގެ ކައިރީގައި ލަޝްކަރު ކޭމްޕު ކުރި ތަންތަނަކީ ސަވާހިލި އާއި ހަޖަރެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!