އަލްގާޒީ ހުސައިން ގުތުބުއްދީން

ގާޒީ ހުސައިން ގުތުބުއްދީނަކީ އައްޑޫ މީދޫއަށް އުފަން ބޭފުޅުންގެ ތެރެއިން ދިވެހިރާއްޖޭގެ އިސް ފަނޑިޔާރުކަން ކުރެއްވި ދެވަނަ އިލްމުވެރިޔާއެވެ. މިތަކުރުފާނަށް ފަނޑިޔާރުކަން ލިބިވަޑައިގަތީ މުގުރީ އަހުމަދު ފަނޑިޔާރު ކަލޭގެފާނު އަވަހާރަވުމުން ހިޖްރައިން 1070 ވަނައަހަރު އިސްކަންދަރު ރަސްގެފާނުގެ ދައުރުގައެވެ.

ގުތުބުއްދީނަކީ އައްސުލްތާން އިބްރާހިމް އިސްކަންދަރުގެ ރަސްކަމުގައި ތިން ވަނައަށް ފަނޑިޔާރުކަން ކުރެއްވި ފަނޑިޔާރު ތަކުރުފާނެއެވެ. އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ 39 އަހަރުގެ ތެރޭގައި ހަ ބޭކަލަކު ފަނޑިޔާރުކަން ކުރެއްވިއެވެ. އެ ބޭކަލުންނަކީ ހައްދުންމަތީ ފޮނަދޫ ހަސަން ނާއިބު ތަކުރުފާނުގެ މުހައްމަދު ފަނޑިޔާރު ތަކުރުފާނާއި އާމިނާގެ ފުތް މުގުރީ އަހުމަދު ފަނޑިޔާރު ތަކުރުފާނާއި އައްޑޫ މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ފުތް ހުސައިން ގުތުބުއްދީން ފަނޑިޔާރު ތަކުރުފާނާއި މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ފުތް އިބްރާހިމް ނާއިބު ފަޑިއަތްތަކުރުފާނުގެ ފުތް ހަސަން ފަނޑިޔާރު ތަކުރުފާނާއި ކަޅިހާރި ދޮންބުއި ނާއިބުކަލޭގެފާނުންގެ ފުތް މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނާއި އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުންގެ ފުތް ދެއްވަދޫ ހާޖީ އަލިތުއްކަލާގެ ފުތް މުހައްމަދު ފަނޑިޔާރު ތަކުރުފާނެވެ.

އައްޑޫ މީދޫ ފަނޑިޔާރުންގެ ސިލްސިލާގައި މުހައްމަދު ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ވާހަކަ ކުރީގައި ލިޔެވިއްޖެއެވެ. އެތަކުރުފާނު ފަނޑިޔާރުކަމުން ވަކި ކުރައްވައި ތިން ދަރިކަލުންނާއެކު އައްޑޫ މީދޫއަށް ފޮނުވައިލެވުނު ގޮތުގެ ވާހަކަ ލިޔެވިއްޖެއެވެ. މި ފޮނުވައިލުމެއް ފޮނުވައިލިތާ މާގިނަ ދުވަސްތަކެއް ނުވެ އޭރުގެ ރަދުން އައްސުލްތާނު މުހައްމަދު އިމާދުއްދީނު އެއްވަނަ ބޮޑު ރަސްގެފާނު އަވަހާރަ ވެއްޖެއެވެ. ދެން ރަސްކަމަށް ވަޑައިގަތީ އެރަދުންގެ ދަރިކަލުން އައްސުލްތާނު އިބްރާހިމް އިސްކަންދަރެވެ.

މި އިބްރާހިމް އިސްކަންދަރަށް ކިޔަވައި ދެއްވައި ތަރުބިއްޔަތު ކުރެއްވީ ޝަމްސުއްދީނު ބޮޑު ފަނޑިޔާރު ތަކުރުފާނާއި އެތަކުރުފާނުގެ ބޭފުޅުންނެވެ. އެހެންކަމުން މިރަސްގެފާނު ތަޚުތުގައި ރެދަލި ކުރައްވާން ހަމަ ފެއްޓެވުމާއެކު ބޮޑުފަނޑިޔާރު ތަކުރުފާނުގެ ތިން ދަރިކަލުންވެސް މާލެ ވަޑައިގަތުމަށް އަންގަވައިފިއެވެ. ކަންތައް ވެފައި އޮތްގޮތުން މިބޭފުޅުން މާލެއަށް ވަޑައިގަތުން ލަސްކުރައްވައިގެން ރަށުގައި ތިއްބެވީއެވެ. އަމްދުން މާލެވަޑައިގަތުމަށް މީގެ ތެރެއިން ދޮށްޓަށް ހުންނެވި އިބްރާހިމް ފަޑިޔަތް ތަކުރުފާނު ބޭނުންފުޅެއް ނުވިއެވެ.

މިހެން ތިއްބަވަނިކޮށް ތަކުރާރުކޮށް އިސްކަންދަރު ރަސްގެފާނު ފަތްކޮޅު ފޮނުއްވާން ފެއްޓެވުމުން ހުސައިން ގުތުބުއްދީނާއި އަހުމަދު ޝިހާބުއްދީނު މާލެ ވަޑައިގަތީއެވެ. އިބްރާހިމް ފަޑިޔަތް ތަކުރުފާނު މާލެ ވަޑައި ނުގެން އޭނާގެ ދަރިކަލުން ހަސަން ފޮނުއްވިއެވެ. މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނުވެސް މާލެ ވަޑައިގަތީ މި ބޭފުޅުންނާއެކުގައެވެ.

ހުސައިން ގުތުބުއްދީނު ފަނޑިޔާރުކަމާއި ހަވާލުވެވަޑައިގަތީ ވަރަށް ބޮޑު ޝަރުތެއް ކުރިމަތި ކުރެއްވުމަށްފަހުގައި ކަމަށް އެނގިގެންވެއެވެ. އެ ޝަރުތަކީ އެއްވެސް ހާލެއްގައި ރަސްކަމުގެ ފަރާތުން ފަނޑިޔާރުގެއަށް ނުފޫޒު ނުފޯރުވުމާއި ފަނޑިޔާރުގެއަކީ ހުރިހާ ގޮތަކުން މިނިވަން ތަނެއްގެ ގޮތުގައި އޮތުމެވެ. މިކަމަށް އިސްކަންދަރު ރަސްގެފާނު ރުހޭ ބަސް ދެއްވިއެވެ.

ހުސައިން ގުތުބުއްދީންގެ ބައްޕައަކީ ކުރިންވެސް ލިޔެވުނު ފަދައިން މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރު ތަކުރުފާނެވެ. މަންމައަކީ ކަޅިހާރު ދޮންސީދިކަލޭގެ ދި ބޮޑު ދޮންދަލިކާ ކާލެގެއެވެ. ގާޒީ ހުސެން ގުތުބުއްދީން ކިޔަވާ ވިދާޅުވީ އޭނާގެ ބައްޕަ މުހައްމަދު ޝަމްސުއްދީން ބޮޑު ފަނޑިޔާރުތަކުރުފާނުގެ އަރިހުންނެވެ.

ގުތުބުއްދީންގެ ފަނޑިޔާރުކަމުގައި މާލޭގައި އިސްލާމީ ޝަރީއާ އުނގަންނަވައި ދެއްވަން ފެއްޓެވިއެވެ. އަދުލު އިންސާފު ގާއިމް ކުރައްވައި މުޖްތަމައުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓެވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. މި ތަކުރުފާނު ފަނޑިޔާރުކަން ކުރެއްވީ ވަރަށް ކުރު މުއްދަތަކަށެވެ. އަވަހާރަވީ ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް 14 ޝައުބާން 1072ވަނަ އަހަރު (3 އޭޕްރީލް 1662) ގައެވެ. ފަސްދާނުލެވިފައިވަނީ މާލޭ ހުކުރު މިސްކިތުގެ ދެކުނުން އިސްކަންދަރު ރަސްގެފާނުގެ ޒިޔާރަތުގެ ހުޅަނގު އުތުރުގައެވެ.

ގުުތުބުއްދީނަކީ އަރަބި ކަލާމާއި އިސްލާމީ ޝަރީއާ ވަރަށް ރަނގަޅަށް އެނގިވަޑައިގެން ހުންނެވި ބޭކަލެކެވެ. މިކަލޭގެފާނުގެ ވަނަވަރު ތާރީޚުގައި ލިޔެވިގެން ވަނީ މިފަދައިންނެވެ. އެއީ އިލްމުވެރީންނާއި މުދައްދިސުންގެ ތެރެއިން އަރާހުންނެވި ބޭކަލެކެވެ. ދިރާސާކުރައްވާ ފަނޑިޔާރުންގެ ފިގުހު ދިރާސާތައް އިލްމީގޮތުން ދިރާސާކޮށް ބައްލަވައި ޝަރީއަތް ކުރައްވާ ފަނޑިޔާރުންގެ އުއްތަމަ ފަނޑިޔާރެވެ. މުޅިދިވެހި ދިވެހިރާއްޖޭގައި ހުންނެވި އެންމެ ބޮޑު އިލްމުވެރިޔާއެވެ. ހަދީސް އިލްމަށް އަރާ ހުންނެވި މޮޅު އާލިމެކެވެ.

ހުސައިން ގުުބުއްދީނަކީ ދީންވެރި އިލްމުވެރި އަޅުވެރި ބޭކަލެކެވެ. ރޭގަނޑުގެ އަނދިރި ވަގުތުތަކުގައްޔާއި ދުވާލުގެ މެންދުރު ހޫނުވާ ވަގުތުގައި އަޅުކަމާއިގެން ގާއިމުވެހުންނަވާ ބޭކަލެއް ކަމަށާއި އިޝާ ނަމާދުގެ ވަގުތުގައްޔާއި ފަތިހުގެ އިރުއެރުމުގެ ކުރީގެ ވަގުތުގައި ކީރިތި ގުރުއާން ކިޔެވުމުގައި ގިނަވަގުތު ދެމިހުންނެވި ބެއިކަލެއްކަމަށް އޭނާގެ މަހާނަ ގަލުގައި ލިޔެވިގެންވެއެވެ.

ހުސައިން ގުތުބުއްދީނުގެ ފަނޑިޔާރުކަމުގައި އެތަކުރުފާނު ނުފޫޒަކަށް ބެއްލެވުމެއް ނެތި ހަމަޔާއި އިންސާފުގެ މަގުން ކަންކަން ނިންމެވުން ހުންނަ މިންވަރާއި ބެހޭ ގޮތުން ތާރީޚުގައި ލިޔެވިގެންވެއެވެ. އެއްފަހަރަކު ކޮންމެވެސް މުދާތަކެއްގެ މައްސަލައިގައި އާދައިގެ ދެރަ ނިކަމެތި މީހަކު އިސްކަންދަރު ރަސްގެފާނާއި ދެކޮޅަށް ފަނޑިޔާރުގޭގައި ދައުވާ ކޮށްފިއެވެ. މައްސަލަ ބެއްލެވުމަށްފަހު ހުސައިން ގުތުބުއްދީނު ފައިސަލާ ކުރެއްވީ ރަސްގެފާނާއި ދެކޮޅަށެވެ. އެއްކަލަ ދެރަ ނިކަމެތި މީހާއާއި އެއްކޮޅަށެވެ. މިހާދިސާއާ ގުޅިގެން ގުތުބުއްދީނަކީ އިސްލާމީ ޝަރީއާ ގާއިމް ކުރުމުގައި މޫނަކަށް ކަނދުރާއަކަށް ނުބައްލަވައި ހުކުމް ކުރައްވާ ފަނޑިޔާރު ކަލޭގެފާނޭ ލިޔެވޭން ފެށިއެވެ.

ހުސައިން ގުުބުއްދީނަކީ އޭނާގެ ބައްޕާވެސް ފަދައިން ހަނގުރާމައިގެ ތަޖުރިބާއާއި ހުނަރުތައް ވަރަށް ރަނގަޅަށް ދެނެ ވަޑައިގެން ހުންނެވި ހުނަރުވެރި ފަހުލަވާނެކެވެ. އައްސުލްތާން އިބްރާހިމް އިސްކަންދަރުގެ ރަސްކަމުގައި ގޯވާއިން ދޮންލަވީޒާއި ދޮން މަލަވީޒާއި ދެބެއިން ދިވެހިރާއްޖެއާއި ހަނގުރާމައަށް އައިސް މި ހަނގުރާމައިގައި އެމީހުން ބަލިވެ ދޮންމަލަވީޒު މަރުވެ ދިވެހިންނަށް ނަސްރު ލިބުނެވެ. މިކަންތައްތަކުގައި ހަނގުރާމައިގެ މޭސްތިރިއެއްގެ ގޮތުގައި އެންމެ އިސްދައުރެއް އަދާކުރެއްވީ ހުސައިން ގުތުބުއްދީނާއި އެތަކުރުފާނުގެ ކޮއްކޮ އަހުމަދު ޝިހާބުއްދީނެވެ.

އެ ހަނގުރާމައިން ދިވެހިންނަށް ނަސްރު ލިބުމަށްފަހު ދިވެހިރާއްޖެއިން ގޯވާ އަށާއި ކަންނަންނޫރު އަލީރާޖާއަށް ތަކެތި ދިނުން މުޅީން ހުއްޓަވާ ލެއްވިއެވެ. މިތަކެތި ދޭންފެށުނީ ކަޅު މުހައްމަދު ރަސްގެފާނުގެ ޒަމާނުގައެވެ. މި ހަގުރާމަކުރެވުނީ ހުސައިން ގުތުބުއްދީނަށް ފަނޑިޔާރުކަން ލިބިވަޑައިގަތުމުގެ 11 އަހަރު ކުރީންނެވެ.

މި ހަނގުރާމައަށްފަހު އަލީރާޖާގެ ފޮށުން ދިވެހީންނަށް ދޭތެރެ ދޭތެރެއިން ކުރިމަތިވާން ފެށުމުން ވަރަށް ވަރުގަދަ ދިވެހި ލަޝްކަރެއް އުފައްދަވައި އަލީރާޖާއާއި ހަނގުރާމައަށް ފޮނުއްވައި އަލީރާޖާގެ ހަނގުރާމަވެރީން ބަލިކުރެއްވިއެވެ. އަލީރާޖާގެ ވެރިކަމުގެ ދަށުގައި އޮތް މަލިކު ފަތަހަ ކުރައްވައި މަލިކުގެ ވެރިންނާއި އެރަށުގެ ބޮޑުން ހައްޔަރުކޮށްގެން މާލެ ގެންނެވިއެވެ. އަދި މަލިކުގެ ވާރު އަހަރަކު ބާރަ ލާރިކަމަށް އިގުރާރު ކުރައްވައި އެމީހުން މަލިކަށް އަނބުރާ ފޮނުއްވިއެވެ. މީގެފަހުން އަލީރާޖާގެ ހަނގުރާމަވެރީން ދިވެހިރާއްޖެއާއި ހަނގުރާމައަށް ނުފޮނުވައެވެ. ދިވެހިރާއްޖެއާއި ކަންނަންނޫރާއި ދެމެދު އޮންނަ ފިތުނައިގެ އަލިފާންގަނޑު ކެނޑި ސުލްހަވީ މިހިސާބުންނެވެ. މިކަމުގެ މޭސްތިރިއަކީވެސް ގުތުބުއްދީނެވެ.

ގުތުބުއްދީނު ފަނޑިޔާރުކަމުގައި ހުންނަވަނިކޮށް 3 އޭޕްރީލް 1662 ގައި އަވަހާރަ ވުމުން އިސްކަންދަރު ރަސްގެފާނު ދެން އެމަގާމު ދެއްވީ ގުތުބުއްދީނަށް ބޮޑުބޭބެ ވިދާޅުވާ ގާޒީ ހަސަން އަށެވެ. މި ހަސަންއަކީ އިބްރާހިމް ފަޑިޔަތް ތަކުރުފާނުގެ ދަރިކަލުންނެވެ. މިގޮތުން އަނެއްކާވެސް ބޮޑު ފަނޑިޔާރު ތަކުރުފާނުގެ އައުލާދުގެ ފަނޑިޔާރުކަމުގެ ސިލްސިލާ އަށް ބޮޅެއް އިތުރުވިއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!