ހިމިއްޗާއި ބޮޑު ދެކުނުގެ ގުޅުން

ނިލަންދެ އަތޮޅު އުތުރުބުރީ ހިމިއްޗަކީ އައްސުލްތާނު މުހައްމަދު ގިޔާސުއްދީނުގެ ދަރިކަލުން އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނު އަރުވާލެވުނު ރަށެވެ. އައްސުލްތާނު މުހައްމަދު ގިޔާސުއްދީން ޝަހީދުކޮށްލުމަށް ފަހު އެ ރަދުންގެ ތުއްޕުޅު ދަރިކަލުން އަބްދުﷲ ފޮނުވައިލެވުނީ ފުވައްމުލަކަށެވެ. އެ ރަށުގައި ހުންނަވައި ބޮޑުފުޅުވުމުން ދޮންބަންޑާރައިންގެ ދަރިކަލުން ހަސަން ނޫރައްދީންގެ ރަސްކަމުގައި އެދަރިކަލުން މާލެ ގެންނަވައި ކިލެގެކަމަށް ކޮލިލައްވައި އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ނަމުން ނަން ދެއްވިއެވެ. އަދި އެ ކިލެގެފާނަށް ވަރަށް ޚާއްސަ އިމްތިޔާޒުތަކެއް ވެސް ދެއްވިއެވެ. އެއީ ހުވަދޫކަނޑުން ދެކުނުގެ އަތޮޅުތަކުގެ ވެރިކަމެވެ. ބައެއްފަހަރު އެކިލެގެފާނަށް ބޮޑު ދެކުނުގެ ރަސްގެފާނުގެ ނަމުން ވެސް މުޚާތަބު ކުރެވިފައި ވެއެވެ. އެ އަތޮޅުތަކުގެ ކަތީބުކަމާއި މުދިންކަމާއި ނާއިބުކަމާއި ގޮއިފާލައްބަ ހިންނަފަދަ ތަންތަން މީސްމީހުންނަށް ދީ ވަކިކުރުމާއި ވާރަށް ނެގޭ ބަޔާއި ކަނޑުން ލައްގައި ހޮވާ މާވަހަރު ފަދަ ތަކެތި ބޭނުން ކުރުމާއި ނުކުރުމުގެ ހުއްދަ ވިދާޅު ބަސްފުޅާއި އެ ކިލެގެފާނާއި މަތިކޮށް ފަތްކޮޅު ދެއްވައިފައިވެއެވެ.

މިގޮތުން ބޮޑު ދެކުނުގެ ރަސްކަލެއްގެ ދަރައިޖައިގައި އެ ކިލެގެފާނު އުޅުއްވަނިކޮށް މާލޭގެ ރަސްކަމުގެ ކޮއިލުތެރޭގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންގަނޑެއްގެ ތެރޭގައި ކޮންމެވެސް ބަޔަކު އިބްރާހިމް ފާމުލަދޭރި ކިލެގެފާނު މާލެ ގެންނަވައި ދިވެހިރާއްޖޭގެ ރަސްކަން އެކިލެގެފާނަށް އަރުވާން ގަސްތު ކޮށްފިއެވެ. ސަބަބަކީ އެކިލެގެފާނަކީ ދިޔަމިގިލީ ޚާންދާނުގެ ރަސްކަމުގެ ވާރިސް ކަމަށް ވާތީއެވެ. ކޮންމެއަކަސް މިކަންތައްގަނޑު ނިމިގެންދިޔައިރު އެ ކިލެގެފާނު ނިލަންދެއަތޮޅު އުތުރުބުރީ ހިމިއްޗަށް އަރުވާލެވުނެވެ. ހިމިތީގައި ހުންނެވި ދުވަސްވަރު އެރަށު ދޮން ހައްވަ (ފަހުން ދޮން ހައްވާ މަނިކުފާނު) ކިޔާ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ތިން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ސަންފާދީދީ އާއި ތުއްތުދީދީ އާއި އިބްރާހިމް ދީދީ އެވެ. މިތަނުން ފިރިހެން ދެބޭފުޅުން ކަމުގައިވާ ތުއްތުދީދީ އާއި އިބްރާހިމް ދީދީ އަކީ އެއްމާބަނޑު ދެބޭފުޅުންނެވެ. މިބޭބޭފުޅުންގެ ދަރިކޮޅު ހިމިތީގައި ދެމިއޮތުމަށްފަހު މިހާރު ވަނީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. ހިމިއްޗަށް ވަޑައިގަތުމުގެ ކުރީންނާއި ފަހުން ވެސް އިބްރާހިމް ފާމުލަދޭރި ކިލެގެފާނު ފުވައްމުލަކުގެ އެކިއެކި ބޭކަނބަލުންނާ ކައިވެނި ބައްލަވައިގެން ވަރަށްގިނަ އަދަދެއްގެ ބޭފުޅުން ލިބިވަޑައިގަތެވެ.

ތާރީޚީ ގޮތުން ހިމިތި

ނިލަންދެއަތޮޅު އުތުރުބުރި އަކީ އަރިއަތޮޅުގެ ދެކުނަށް ރާއްޖޭގެ ހުޅަނގު ދުނީގައި އޮތް އަތޮޅެކެވެ. މި އަތޮޅާއި އަރިއަތޮޅާ ދެމެދުގައި އޮތީ އަރިއަދޫކަނޑެވެ. އަތޮޅުގެ އިރުން އޮތީ ހަތަރުއަތޮޅުމެދުގެ ގޮތުގައި މަޝްހޫރުވެފައިވާ ކަނޑެވެ. މި އަތޮޅަކީ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީން ބުޑިސްޓުން ރާއްޖޭގައި އުޅުނު ޒަމާނުގައި ވަރަށް މުހިއްމު އަތޮޅެކެވެ. އަތޮޅުގެ ނަން ނިސްބަތްވަނީ އަތޮޅުގެ ދެކުނު ދުނީގައި އޮތް ނިލަންދޫއަށެވެ. އަދި މިހާރުގެ ވެރި ރަށަކީވެސް މިއީއެވެ. ނިލަންދޫއަކީ ބުޑިސްޓް މޮނާސްޓްރީއެއް ހުރި ރަށެކެވެ. އެ މޮނާސްޓްރީ ހުރި ތަނަކީ މިހާރު އެރަށުގެ އާސާރީ ސަރަހައްދެކެވެ. މިހާރުވެސް އެ ސަރަހައްދު މަޝްހޫރުވެފައިވަނީ ފޯއްމަތި މިނަމުންނެވެ. އޭގެ ސަބަބުތަކުގެ ވާހަކަ ނުލިޔެ ދޫކޮށްލީއެވެ.

އެ މޮނާސްޓްރީގެ ތެރޭގައި ހުރި ބައެއް ތަންތަނުގެ ބިންގަލުން މަތީބަޔާއި އެތަނުގައި އޮތް ވެވާއި އަދި ފައްޅިއަށް ވަންނާން ހުރި ދޮރާއްޓާއި އެޒަމާނުގެ ވަޅެއް މިހާރުވެސް އެބަހުއްޓެވެ. ފައްޅިހުރި ތަނުގައި ރާއްޖޭގެ އޭރުގެ ރަދުން އެރަށަށް ވަޑައިގެން ހުންނަވައިގެން ބިނާކުރެއްވި މިސްކިތުގެ އަސްލު ގެއްލިފައިވީ ނަމަވެސް އެ މިސްކިތް އެބަހުއްޓެވެ.

ނިލަންދެއަތޮޅުގެ ނަން ނިސްބަތްވަނީ މިހާރު އިންޑިއާގެ ބިހާރު ސްޓޭޓް ހިމެނޭ ސަރަހައްދުގައި އޮތް ގަދީމީ ބުޑިސްޓް ރަސްކަމެއްގައި މީލާދީން ފަސްވަނަ ގަރުނުން ބާރަ ވަނަ ގަރުނާ ދެމެދު ގައިމްވެފައި އޮތް ނާލަންދަ ނަމަކަށް ކިޔުނު ބޮޑު މޮނާސްޓްރީ އެއްގެ ނަމާއި ގުޅުވައިގެން ކަމަށް ނަސީމާ މުހައްމަދު ކަލޭގެފާނާއި ޑރ ރަގުޕަތި ބުރަވެވަޑައިގެންފައިވެއެވެ. އެއީ އެދުވަސްވަރު ދުނިޔޭގައިވާ މިފަދަ އެންމެބޮޑު އެއް އިލްމީ މަރުކަޒު ކަމުގައިވެއެވެ. ތާރީޚީ އިލްމްވެރީން ނާލަންދަ ސިފަކުރަނީ ބޮޑު ދަރުސްގާހެއްގެ ގޮތުގައެވެ.

މި ނަމުގެ އަސްލާއި މެދު ތާރީޚު ދިރާސާ ކުރައްވާ އެހެން ބޭފުޅުންގެ ރައުޔު ތަފާތެވެ. ތަމަޅަ ބަހުން ނިލަން ކިޔަނީ ރަށަށް ކަމުގައިވާތީ އެއީ ތަމަޅަ ބަހުން އައިސްފައި އޮތް ނަމެއް ކަމަށް ބައެއް ބޭފުޅުން ބުރަވެވަޑައިގަންނަވައެވެ. އަދި ހިންދޫންގެ ކަލާނގެއެއް ކަމަށްވާ ހަނޫމާނުގެ ލަޝްކަރުގެ މުގައްދިމަކަށް ނިލަން ކިޔާތީ މިއީ ހިންދޫންގެ އަސަރު ކަމަށްވެސް ބައެއް ބޭފުޅުން ގަބޫލު ކުރައްވައެވެ.

ހިމިތި އޮތީ އަތޮޅުގެ ހުޅަނގު ދުނީގައެވެ. މިހާރު ފަޅު ރަށަކަށް ވިޔަސް ކުރީޒަމާނުގައި އެރަށަކީ ވަރަށް ހަރު ބަޔަކު އުޅުނު ވަރަށް ތަނަވަސް ފާގަތި ރަށެކެވެ. އެރަށުގެ މީހުންނަކީ ރާއްޖެއިން ބޭރަށް އަމިއްލަ ބަނޑު އޮޑިފަހަރުގައި ދަތުރުކުރި ބައެއްވެސް މެއެވެ. ހިމިތީގެ ރަންޒަމާނުގައި ބަންގާޅަށާއި އުތުރުކަރައަށާއި އޮޅުދޫކަރައަށް ދަތުރުކުރާ ފުރެއްދެ އޮޑީގެ ހަތް އޮޑި ހިމިތީގައި ދުއްވިކަމަށް ވެއެވެ. ނިޔަމިކަން ދަސްކޮށްދޭ އިސްކޫލެއް ހިންގި ރަށެކެވެ. 1835މ ގައި އެރަށުގައި ތިބީ 250 މީހުންނެވެ.

ހިމިއްޗަކީ ވަރަށް ބޮޑު ރަށްވެހިކަމެއް އޮތް ނިސްބަތުން މުއްސަނދި ބަޔަކު ދިރިއުޅުނު ރަށެކެވެ. އަދި އެދުވަސްވަރަށް ބަލާއިރު އުމްރާނީގޮތުން އެންމެ ތަރައްގީ އެއް ރަށް ވެސް މެއެވެ. ހިމިތީ މީހުންނަކީ ދަނޑުވެރިކަން ކޮށްއުޅުނު ބައެއް ނޫން ނަމަވެސް ހިމިތި ކަނޑަކީ މަސްވެރިކަމަށް ތިޔާގި ސަރަހައްދަކަށް ވެފައި ހިމިތީ ފަޅަކީ އަމާން އަދި ތަނަވަސް ފަޅަކަށް ވުމުން އިރުވައިމޫސުމުގައި އެކިރަށްރަށުގެ މީހުން އައިސް އުޅުނުކަމަށް ވެއެވެ. މިގޮތުން މަސްވެރިކަން ކުރުމަށް ކޮންމެ އިރުވައިމޫސުމެއްގައި 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ދޯނި އައިސް އުޅުނު ކަމަށާއި އޭގެ ތެރޭގައި މާފުށި، ގުރައިދޫ، ތިމަރަފުށި، ގެމެންދޫ، މީދޫ، އަދި މާއެބޫދޫ ފަދަ ހިމިއްޗާ ދުރު ރަށްރަށުގެ ދޯނިފަހަރުވެސް ހިމެނޭ ކަމަށްވެއެވެ.

ހިމިއްޗަކީ ލަފާފުރަން ފަސޭހަ ރަށަކަށް ވާއިރު އެރަށް ފަޅުވިއިރު ރަނގަޅު ފެންވަރުގެ ގެދޮރުވެސް ބިނާކޮށްފައިވެއެވެ. ހިމިތި ފަޅުވިއިރު ގިނަ ގެތައް ރާނައި ފުރާޅު ހިޔާކޮށްފައި ހުރިއިރު ދެ ގެއެއް އީޓުން ހިޔާކޮށްފައި ހުއްޓެވެ. މިކަމުގެ ހެކިތައް މިއަދުވެސް ފެންނާން އެބަހުއްޓެވެ. މީގެ އިތުރުން ހިމިތީގައި ދެ ޒިޔާރަތް ހުރިއިރު އެގެ ތެރެއިން އެއް ޒިޔާރަތަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ހިމިތީ ޝައިޚު އަލިބެ (ބޯހުނި އަލިބެ) ގެ ޒިޔާރަތެވެ.

ޝައިޚު އަލިބެގެ ޒިޔާރަތް ހުރުމުގެ ސަބަބުން ހިމިތި ވެފައިވަނީ ދިވެހިން އިހުތިރާމް ކުރާ މުގައްދަސް ރަށަކަށެވެ. ރާއްޖޭގެ އުތުރާއި ދެކުނުގެ މީހުން ނަދުރު ފުއްދުމަށް މި ޒިޔާރަތަށް އާދެއެވެ. ހިމިތީ ޒިޔާރަތް ދޮށުގައި މީހުން ކިރުމަށް ބޭނުންކުރީ ވަރަށް މޮޅަށް ތައްޔާރުކޮށްފައި ހުންނަ ބޯހުންޏެވެ. ހިމިތީ މީހުން ތައްޔާރުކުރާ ބޯހުނި ދެ މަސްދުވަހަށް ނުބައި ނުވެހުރެއެވެ.

ޝައިޚު އަލިބެ އާއި ބެހޭގޮތުން ހިމިތީ މީހުން ކިޔާ ވާހަކައެއްގައި ވެއެވެ. އަލިބެ ބޮޑު އަށި މަތީގައި ކާން އިންނަވާފައި އަށްޓާއި ގޭގެ ބިތާއި ދޭތެރެއަށް އަތްލައިގެން އެތައް އިރެއްވާންދެން މަސައްކަތެއް ކުރާން އިނެވެ. އަލިބެ އަށް މާނޭވާ ލެވެއެވެ. މިތަން ބަލަން އަލިބެގެ މަންމަ ދުރުގައި އިނެވެ. ބިތުގެ ދޭތެރެއިން އަލިބެގެ އަތް ނެގިއިރު އަލިބެ ލައިގެން ހުރި އަތްދިގު ލިބާހުން ފެންފައިބާތަން މަންމައަށް ފެނުނެވެ. ދެން ސުވާލު ކުރިއެވެ. ދަރިފުޅާ ތިޔަ ޔޯއެވެ؟ ތިޔަ ކުރަނީ ކީއްހެއްޔެވެ؟ އަތުކުރިން ތިފައިބަނީ ކޮން ފެނެއް ހެއްޔެވެ. އަލިބެ ބުންޏެވެ. މިއުޅެނީ ބަންގާޅު ކޯރުގެ ބަނދަރުގައި އަޅާފައި އޮތް އޮޑިއެއް ފުރާން ވެގެން ނަގިލި ނުނެގިގެން މަށަށް ގޮވާވަރުންނެވެ. އެ ނަގިލި ނަގައިދިނީއެވެ. މިހާރު އޮޑި ރާއްޖެއާއި ދިމާއަށް އެބަ ދަތުރުކުރެއެވެ.

ހިސާބު އިލްމާއި ނިޔަމިކަމުގެ އިލްމަށް ރާއްޖޭގައި މަޝްހޫރު ރަށެއް

ހިމިއްޗަކީ ހިސާބު އިލްމާއި ނަކަތްތެރިކަމާއި ނުޖޫމީ އިލްމުގައި ރާއްޖޭގައި އެންމެ ކުރިއަރައިގެން ދިޔަ ރަށެވެ. ހިމިތީ މީހުންނަކީ މުރާލި ހީވާގި އިލްމީ ބައެކެވެ. ހިމިތީ މީހުން މަޝްހޫރުވެފައިވަނީ ބޮޑު އަކުރު ލިޔުމަށާއި ނަކަތްތެރިކަމަށާއި ހިސާބު އިލްމަށެވެ. އަހަރުގެ ހުރިހާ ދުވަހަކަށް ބޭނުން ކުރެވޭ ގޮތަށް ރާހި ތަކާއި ނަކަތުގެ ދުވަސް އެނގޭނޭ ތާވަލާއި ރޫމީ މައިލު ވެސް ތައްޔާރުކުރަމުން ދިޔައީ ހިމިތީގައެވެ. އެރަށުގައި ނިޔަމިކަން ދަސްކޮށްދޭ ސްކޫލެއް ވެސް ހިންގިއެވެ.

މިހާރު ވެސް ރާއްޖޭގެ މަޝްހޫރު މާލިމީންނާއި ހިސާބު އިލްމުގެ މޮޅު އެތައް ބޭފުޅުންނެއް ހިމިތީ ދަރިކޮޅުތަކަށް ނިސްބަތްވެއެވެ. އިނގިރޭސި ވިލާތުން ތައްޔާރުކުރި މަޝްހޫރު ހިސާބު އިލްމުގެ ފޮތް ނޫރީނުން ކުށެއް ހޯއްދެވި މަޝްހޫރު ތުއްތު ސާހިބު ވެސް ނިސްބަތް ވަނީ ހިމިއްޗަށެވެ. ހިމިއްޗާއި ބެހޭގޮތުން ދެކެވޭ ފުލޯކް ވާހަކައެއްގައި ވާގޮތުން ހިމިއްޗަށް ހިސާބު އިލްމު އައިގޮތަކީ އެއްޒަމާނެއްގައި ދުނިޔޭގައި އޮތް ހިސާބުގެ އިލްމަށް އެންމެ ކުރިއަރާފައިވާ ނަހާސްކީ ރާއްޖެއިންނެވެ. އެރަށުގެ މީހުން ހިސާބުގެ އިލްމަށް މޮޅުވެ އުރެދޭ ހިސާބަށް ދިއުމުން އެ ރަށް ބަންޑުން ޖެއްސެވީއެވެ. ދެން އެރަށުގެ މީހުން ގެންގުޅުނު ހިސާބު އިލްމު ފޮތުގެ ބަނޑޭރިގަނޑު ލައްވީ ހިމިއްޗަށް ކަމުގައި ކިޔައިއުޅެއެވެ. ހިމިތީ މީހުން ހިސާބު އިލްމް ދަސްކުޅައީ ނަހާސްކީ ރާއްޖޭގެ މީހުންގެ ހިސާބު ފޮތުންނޭ ބުނެވެއެވެ.

ހިމިތި ފަޅުވުން

އުފެދޭ ސުވާލަކީ ތާރީޚީގޮތުންނާއި ރަށްވެހިކަމުގެ ގޮތުން މިފަދަ މުހިއްމު ރަށެއް ފަޅުވާން ދިމާވީ ކޮން ސަބަބަކާ ހުރެހެއްޔެވެ؟ ރަށް ގިރަމުން އިރުމައްޗަށާއި ދެކުނަށް ވޮޑެމުންގޮސް އަސްލު ހިމިތި އޮތްތަން މިހާރު އޮތީ ހުޅަނގު ފަޅުމަތީގައެވެ. ރަށަށް މިގޮތް މެދުވެރިވާނެކަމަށް ވަރަށް ކުރީއްސުރެ ރަށު މީހުންގެ މެދުގައި ޚަބަރު ފެތުރިފައި އޮތެވެ.

ހިމިތި ފަޅުވީ 14 މެއި 1970 ގައި އެރަށުގައި ދިރިއުޅެމުންދިޔަ މީހުން އެކި ރަށްރަށަށް ހިޖުރަކޮށް އެރަށުގައި އެންމެފަހުން ތިބި 23 މީހުން ރަށުން ފޭބުމުންނެވެ. ހިމިތީގެ ގިނަމީހުން ހިޖުރަކޮށްފައިވަނީ އެއަތޮޅު ފީއައްޔަށާއި ނިލަންދޫ އަށާއި މާލެ އަތޮޅު މާފުއްޓަށެވެ. އަދި މިނޫން ބައެއް ރަށްރަށަށްވެސް ބައެއް މީހުން ހިޖުރަކޮށްފައި ވެއެވެ. ހިމިތީން މީހުން ފޭބި ސަބަބެއް ކަމުގައިވަނީ އެރަށުގައި މީހުން މަދުވެ ދިރިއުޅުމަށް ދަތިވެގެންނެވެ. ހިމިތި ފަޅުވާނެކަން އެރަށުގެ މީހުންނަށް އެނގޭކަން ހިމިތީގައި އެއް ޖީލުން އަނެއް ޖީލަށް ނަގުލުވަމުން އަންނަ ވާހަކައަކުން އެނގެއެވެ.

އެ ވާހަކައިގައި ބުނެވެނީ ހިމިތި ކައިރިން ފިނޮޅެއް އުފެދި ހިމިތި ފަޅުވާނެ ކަމަށެވެ. ހިމިތި ފަޅުވި އިރު ކައިރިން ފިނޮޅެއް އުފެދި ހިމިއްޗާއި ގުޅިފައިވެއެވެ. އަދި 1970 ވަނައަހަރު ހިމިތި ފަޅުވުމާ ހަމައަށް އޭގެ ކުރިން ހިމިތީގައި އުޅެމުން އައި މީހުން މި ފިނޮޅު އުފެދޭތޯ ބަލަމުން ގޮސްފައިވެއެވެ. ހިމިތީ މީހުން ބުނާ ގޮތުގައި ހިޔަރަކާތް ދުވަހު އެރަށު މީހުން ވަދާގޮސްފައި އައިސް ފިނޮޅާއި ރަށާ ދެމެދު ތިލަވެފައި އޮތްވަރުން އެދެމެދުން ދަތުރު ނުކުރެވުނު ކަމަށާއި އެދުވަހުން ފެށިގެން ފިނޮޅު ރަށާއި ގުޅިފައިވާކަމަށެވެ. އެހެންކަމުން ހިޔަރަކާތް ދުވަހު ހިނގި މިހާދިސާ އާއި އެރަށް ފަޅުވުމާއި ގުޅުވާލާފައިވާކަމަށް ގަބޫލުކުރެވެއެވެ. ހިމިތިން މީހުން މަރުވުމާއި މީހުން މަދުވުން އަދި ހިމިތި ކައިރީގައި އޮތް ފިނޮޅު ހިމިއްޗާއި ގުޅުނު ހާދިސާ ވެސް އޮތީ ރަށް ފަޅުވުމުގެ ހާދިސާއާއި ގުޅުވައިލެވިފައެވެ.

ހިމިތީ ބޮޑުދައިތަ ނުވަތަ ދޮންދައިތަ އަކީ މޫސުން ކުރިއަށް ލަފާކުރާ ގޮތާއި ރަށްތަކުގެ ވޮނަދޮނަ (ވޮޑިގިރާގޮތް) އޮޅުންފިލައިފައިވާ ނަކަތާއި ރާހީގެ އިލްމުވެރިއެކެވެ. ހިމިތި ފަޅުވުމާއި ބެހޭގޮތުން ބޮޑުދައިތަ ބުނާކަމަށް ވަނީ ހިމިތީ ފަޅުގެ އިރު އުތުރުފަރާތުގައި ފިނޮޅެއް އުފެދޭނެއެވެ. މި ފިނޮޅު ބޮޑުވެގެން އައިސް ފިނޮޅުގެ ނަމަކަށް ތޮފެސްދޫ ކިޔޭނެ އެވެ. ފިނޮޅު އައިސް ހިމިއްޗާއި ގުޅި ހިމިތި ގިރައި ކުރީން ހިމިތި އޮތް ތަނުން މަސްބާނައިގެން މީސްތަކުން ކައި އުޅޭނެއެވެ.

ބޮޑުދައިތަގެ ވާހަކަ ފަހުން ތެދުވިއެވެ. ހިމިތި ކައިރިން ފިނޮޅެއް އުފެދި ހިމިއްޗާއި ގުޅުނެވެ. އަދި އެއަށް ފަހު ހިމިތި ފަޅުވެގެން ދިޔައީއެވެ. ބޮޑު ދައިތަ ބުނާކަމަށް ވަނީ އާބާދުވެފައިވާ ރަށްތަކުގެ ތެރެއިން ވަކި ފަރާތަކުން މަޖުބޫރު ކުރުމަކާ ނުލައި މީސްކޮޅު މަދުވަމުން މަދުވަމުން ގޮސް ފަޅުވާނެ ފުރަތަމަ ރަށަކީ ހިމިތި ކަމަށެވެ. ހަމައެގޮތަށް ވ. ތިނަދޫ ވެސް ފަޅުވާނެ ކަމަށެވެ. ބޮޑުދައިތަ އުޅުނު ޒަމާން އެނގޭކަށް ނެތެވެ. ބޮޑު ދައިތަގެ ވާހަކަ ތުންތުން މަތީން ނަގުލުވަމުން އައިސްފައިވަނީއެވެ.

ހިމިތި ފަޅުވި ހާދިސާ އެހިސާބުގެ މީހުން ތަފާތު ގޮތްގޮތަށް ކިޔައި އުޅެއެވެ. އެއްބަޔަކު އެވާހަކަ ކިޔައި އުޅޭގޮތުން ހިމިތި ފަޅުވުމުގައި ރޫހާނީ ކަންތައްތަކެއް ނުވަތަ ގޮތްނޭނގޭ ބިރުވެރިކަމެއް އެކުލެވިގެން ވެއެވެ. ރަށް ފަޅުވެފައިވަނީ ރަށްގިރުމުގެ ސަބަބުން އެރަށުގައި އެއިރު އުޅުނު މީހުން އެހެން ރަށްރަށަށް ބަދަލުވުމުގެ ސަބަބުން ކަމަށް އެއްބަޔަކު ގަބޫލުކުރި ނަމަވެސް ހިމިތި ފަޅުވިއިރު އެރަށުގައި ދިރިއުޅުނު ބައެއް މީހުން ހާމަކުރާ ގޮތުގައި ފަޅުވިއިރު ރަށް މާބޮޑަކަށް ނުގިރައެވެ. އެއްކޮޅުން ގިރިނަމަވެސް އަނެއް ކޮޅުން ވޮޑެމުން ދެއެވެ. މީގެ އިތުރުން ރަށުގައި އެއިރު އުޅުނު ބަޔަކު ރަށުގެ ދެކުނުފަރާތުގައި ރަށްގިރުން ކުޑަކުރުމަށް ތޮށްޓެއް ލައިފައި ހުރިކަމުގެ ނިޝާންތައް މިހާރުވެސް ފެންނާން އެބަހުއްޓެވެ. އެހެންކަމަށް ވާނަމަ އެހާބޮޑު ރަށްވެހިކަމެއް އޮތް ރަށެއް ފަޅުވުމުގައި ރަށްގިރުމުގެ އިތުރުން ފޮރުވިފައިވާ އެހެން ސިއްރެއް ވާނޭކަމަށް ގަބޫލު ކުރެވެއެވެ.

ހިމިތި ފަޅުވުމާ ބެހޭ ވާހަކަ ދައްކާ ބައެއް މީހުން ބުނާގޮތުން ހިމިތި ފަޅުވީ އެރަށަށް ސީލް ނަމަކަށް ކިޔާ ކަނޑު މަޚުލޫގެއް އެރުމުގެ ސަބަބުން މީސްތަކުން އެކަމާ ގަތްބިރުން އެހެން ރަށްރަށަށް ބަދަލުވުމުގެ ސަބަބުންނެވެ. ނަމަވެސް މިވާހަކައަކަށް ނިލަންދޫގައި އުޅޭ ހިމިތީ މީހުން ތާއީދެއް ނުކުރެއެވެ. އެބައިމީހުން ބުނެ އުޅެނީ ހިމިތި ފަޅުވެފައިވަނީ ރަށް ކައިރީގައި އޮތް ފިނޮޅެއް ހިމިއްޗާއި ގުޅުމުގެ ސަބަބުން ނުވަތަ ސިހުރުވެރިކަމެއްގެ ސަބަބުން ނުވަތަ އެސްފީނާއެއްގެ ސަބަބުން ރަށުގެ ގިނަބަޔަކު މަރުވުމާއި ރަށުގެ ބޮޑުންނާއި ބައެއް މީހުން ނުގުޅުމުގެ ސަބަބުން ހިނގި އަނިޔާވެރިކަމެއްގެ ސަބަބުން ކަމަށެވެ.

ހިމިއްޗަށް ނިސްބަތްވާ އެހެން ބައެއް މީހުން ބުނާ ގޮތުގައި ހިމިތި ފަޅުވާން މެދުވެރިވި ސަބަބަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރަށުގެ ވެރީންނާއި އާއްމުންގެ ބަޔަކާއި ނުގުޅި ރަށުތެރޭގައި އުފެދުނު އަނިޔާވެރިކަމެކެވެ. ސިޔާސީ ގޮތުން އުފެދުނު މި ހަމަނުޖެހުމުގެ ސަބަބުން ގިނަބަޔަކު ރަށްދޫކޮށް ދިޔައީއެވެ. އެންމެފަހުން ހުކުރު ހަމަވާ ސާޅީސް މީހުން ރަށުގައި ނެތުމުގެ ސަބަބުން އެއިރުގެ ސަރުކާރުގެ އެންގެވުމާއި އެއްގޮތަށް ރަށުގައި ބާކީ ތިބި ބަޔަކުވެސް އެހެން ރަށްރަށަށް ގޮސް އެންމެފަހުން ފަޅުވީއެވެ.

ހިމިތި ފަޅުވި ހާދިސާ އަކީ މީހެއްގެ އެސްފީނާއެއްގެ ސަބަބުން ވީކަމެއްކަމަށް ވެސް ގަބޫލުކުރާ ބަޔަކު އުޅެއެވެ. ހިމިތީ ބޮޑުގޭގައި އެކނިވެސް ހުކުރު ހަމަވާ ސާޅީސް މީހުން ތިބޭކަމަށް ބުނެވެއެވެ. ހުކުރު ހަމަވާ ސާޅީސް މީހުންނޭ ބުނެވެނީ އެއްބައިމަތި ނުވަތަ އެއްޚާންދާނުގެ މީހުންނާއި އެކުގައެވެ. ބުނެވޭ ގޮތުގައި ބޮޑުގޭގެ މީހުންނަށް ޖެހުނު އެސްފީނާއަކީ އެގޭގެ އެއްޗެހި ދޮންނަމީހާ އޭނާއަށް އުފުއްލަންޖެހޭ ތަކުލީފުގެ ސަބަބުން ބުނި ބަދުބަހެއްގެ ސަބަބުން ޖެހުނު އެސްފީނާއެކެވެ. މި އެސްފީނާގެ ސަބަބުން ބޮޑުގޭގެ އެންމެން މަދުވަމުން މަދުވަމުން ދިޔައީއެވެ. އެސްފީނާއަކީ އޭގެ ސަބަބުން މީހެއްގެ ނިމުން އައުން އެކަށީގެންވާ ނުރައްކާތެރި ވިހަގަދަ އެއްޗަކަށް ވާއިރު އެސްފީނާއާ ހުރެ އެއް އާއިލާއެއްގެ ގިނަ ބަޔަކު އެއްފަހަރާ މަރުވުމުގެ ސަބަބުން ހިމިތީގައި ބާކީތިބި މީހުން އެކި ރަށްރަށަށް ބަދަލުވުމަކީވެސް ވުން އެކަށީގެންވާ ކަމެކެވެ.

ހިމިތި ފަޅުވެފައިވަނީ ވ. ތިނަދޫ މީހުންނާއި ހިމިތީ މީހުންގެ މެދުގައި ހިނގި ސިހުރުގެ ހަނގުރާމައެއްގެ ސަބަބުން ކަމުގައިވެސް ބުނެވެއެވެ. މިކަން ހިނގާފައިވަނީ ތިނަދޫ މުސްކުޅި މުދިމު ހިމިއްޗަށް ގޮސް އެރަށު މިސްކިތުގައި ސިހުރެއް ކިޔަވައި ވޮށެއް ދިއްލުމުގެ ސަބަބުންނެވެ. މި ސިހުރުގެ ސަބަބުން ހިމިތީގެ ބޮޑު ސަރަހައްދެއް ގިރަން ފެށިކަމަށް ވެއެވެ. މިގޮތުން ހިމިތީގެ ގަބުރުސްތާނުން ސަތޭކަ ފޫޓާއި މިސްކިތުން އެއްބައިވެސް ގިރައިގެން ދިޔަކަމަށް ބުނެވެއެވެ. މި ވާހަކަ ކިޔައި އުޅޭ މީހުން އިތުރަށް ހާމަކުރާ ގޮތުގައި މި އާފާތްތަކުން ސަލާމަތްވުމަށް ހިމިތީ ބޮޑުގެ އައްޔުބެ ރައްދުގައި ސިހުރު ހަދަން ފެށިއެވެ. ހިމިތި ފަޅުވެއްޖެނަމަ ތިނަދޫވެސް ފަޅުވާނެކަމަށް އައްޔުބޭ ބުނި ކަމަށްވެއެވެ. އެހެންނަމަވެސް އައްޔުބެ ހެދި ސިހުރުން ބަލިވެ ބޮޑުގޭގެ އެންމެން މަރުވީއެވެ. އެންމެފަހުން ގިނަ ބަޔަކު އެއްފަހަރާ ގާތްގާތުގައި މަރުވުމުގެ ސަބަބުން ރަށުގައި ބާކީތިބި މީހުން އެހެން ރަށްރަށަށް ބަދަލުވީއެވެ.

ހިމިއްޗަށް ނިސްބަތްވާ މުހިއްމު ޝަޚުސިއްޔަތުތަކާއި ދަރިކޮޅުތައް

ކުރީގައި ވެސް ލިޔެވުނު ފަދައިން ހިމިއްޗަކީ ރަށްވެހިކަމުގެ ގޮތުންނާއި ހިސާބު އިލްމާއި ނިޔަމިކަމާއި ފަންނީ ގޮތުން ކުރިއަރާފައި އޮތް ރައްޔިތެއް ދިރިއުޅުނު ރަށަކަށް ވުމާއެކު އެ ރަށުން ހިޖުރަކޮށް ރާއްޖޭގެ އެކި ރަށްރަށާއި މާލޭގައި ވަޒަންވެރިވި މީސްތަކުންގެ ތެރޭގައި ވަރަށް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތުތަކާއި ދަރިކޮޅުތަކެއް އުފެދިފައިވެ އެވެ.

މީލާދީން 18 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން 20 ވަނަ ގަރުނާ ހަމައަށް ނެވިކަމާއި ހިސާބު އިލްމާއި ނުޖޫމީ އިލްމުގައި ވަރަށް މަޝްހޫރު ދަރިކޮޅެއް މާލޭގައި އޮތެވެ. އެމީހުންގެ ކާބަފައިންނަކީ ހިމިތީގެ ބައެކެވެ. ހިމިތީ ދަރިކޮޅުގެ މީހުން 19 ވަނަ ގަރުނުގެ ތެރޭގައި މާލޭގައި ވަރަށް ކާމިޔާބުކަމާއެކު ނިޔަމި ކަމުގެ ސްކޫލެއް ވެސް ހިންގިއެވެ.

ދިވެހި ތާރީޚުގައި ލިޔެވިފައިވާ ވާގޮތުން ހަސަން ތާޖުއްދީނުގެ އަރިއަހުން ތައުލީމް އުނގެނި މޮޅުވި ދަރިވަރުންގެ ތެރޭގައި ހިމިތީ ނާއިބު ތަކުރުފާނޭ ކިޔުނު ބޭކަލަކު ވެއެވެ. ގަދީމީ ޒަމާނުއްސުރެ ހިމިތީގައި އޮތް ނަކަތްތެރިކަމާއި ނިޔަމިކަމުގެ އިލްމުގެ އިތުރުން ފިގުހު އިލްމާއި ދީނުގެ އެކިއެކި އިލްމު ހިމިއްޗަށް ތައާރަފުވެ ފުޅާވެގެން ދިޔައީ މި ނާއިބު ތަކުރުފާނުގެ ފަރާތުންނެވެ. ހަސަން ތާޖުއްދީނަކީ މިހުރިހައި އިލްމެއްގައި ވެސް އަރައިހުންނެވި ބޭފުޅެކެވެ.

ސްކޮޓްލޭންޑްގެ ބަސްވާރެއް ކަމުގައިވާ ޖޯން ލޭޑެން މީލާދީން 1806 ވަނަ އަހަރުން ފެށިގެން އިންޑިޔާގެ ކަލްކަތާގެ ފޯރޓް ވިލިއަމް ކޮލެޖްގައި ހިންދުސްތާނު ބަހުގެ ޕްރޮފެސަރެއްގެ ވަޒީފާ އަދާކުރިއިރު ދިވެހިބަހުގެ މައުލޫމާތު ހޯދައި ދިރާސާކުރުމަށްޓަކައި ދިވެއްސަކަށް ވަޒީފާދީގެން އެ ކޮލެޖުގައި ގެންގުޅުނެވެ. އެ ބޭކަލަކީ ވިޔަފާރި ދަތުރުގައި އޮޑިއަކުން ކަލްކަތާއަށް ދިޔަ މާލިމީ އެކެވެ. އޭނާގެ ނަމަކީ ހިމިތީ ހަސަން ބިން އާދަމް އެވެ.

މި ދުވަސްވަރު (1810 ވަނައަހަރު) ލޭޑެން އޭޝިއާގެ ހަތް ބަހަކުން ނަސާރާ ދީނުގެ މުގައްދަސް ފޮތް ކަމުގައިވާ އިންޖީލު ތަރުޖަމާކޮށް ލިޔުނުއިރު އޭގެ ތެރޭގައި ދިވެހި ބަހުން ވެސް އިންޖީލު ތަރުޖަމާކޮށް ލިޔުނެވެ. މި މަސައްކަތުގައި އޭނާއަށް އެހީތެރިވެދިނީ ހިމިތީ ހަސަން ބިން އާދަމް އެވެ. މި މަސައްކަތްކުރީ އުޖޫރައެއްގެ ގޮތުން ލިޔެދޭ ކޮންމެ ކޮޕީ އަކަށް އިންޑިޔާގެ 200 ރުފިޔާ ދޭ ގޮތަށެވެ. ލޭޑެންގެ ދިވެހި ތަރުޖަމާނެއްގެ ގޮތުން މަސައްކަތްކުރި ހަސަން ބިން އާދަމް އަކީ ހިންދުސްތާނީ ބަހަށްވެސް ވަރަށް މޮޅު މީހެއްކަމަށް ވެއެވެ. އެހެންކަމުން އޭނާއާއި މުއާމަލާތު ކުރުމަކީ ވަރަށް ފަސޭހަ ކަމަކަށް ވިއެވެ. ދިވެހި އިންޖީލު ތަރުޖަމާކޮށް މުޅީން ނިންމައި ޗާޕަށް ވެސް ލިޔެވުނެވެ. އަދި 1814 ވަނަ އަހަރު ޗާޕުކުރަން ވެސް ފޮނުވުނެވެ.

އެހެންނަމަވެސް ދިމާވި އެހެން ސަބަބުތަކަކާ ހުރެ ޗާޕު ނުކުރެވުނީއެވެ. އޭގެ ދުވަސްތަކެއް ފަހުން 1835 ވަނައަހަރު ރާއްޖޭގެ ކަނޑުތައް ސާރވޭކޮށް ރާއްޖޭގެ ޗާޓު ކުރެހުމަށްޓަކައި ރާއްޖެ އައި އިނގިރޭސިއެއް ކަމަށްވާ ލެފްޓިނެންޓް ކްރިސްޓޮފާއާ މިދެންނެވި ހިމިތީ ހަސަން ބިން އާދަމް އާ ދިމާވިކަމަށް އޭނާ ލިޔެފައިވެއެވެ. އަދި އިންޖީލު ތަރުޖަމާކުރުމުގެ މަސައްކަތް ކޮށްދިންކަމަށް އޭނާ ފަޚުރުވެރިކަމާއެކު ކްރިސްޓޮފަރ ގާތުގައި ބުނިކަމަށް ވެސް ލިޔެފައިވެއެވެ.

ދިވެހި ތާރީޚުގައި މަޝްހޫރު އަބްދުއްﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ހިމިތީ މާލިމީ އިސްމާއިލް ކަލޭގެފާނުގެ ދަރިކަލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދެ އަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. އަބްދުﷲ އިސްމާއީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 01 ޒުލްގައިދާ 1313 (10 ފެބުރުއަރީ 1902) ވީ ހޯމަ ދުވަހު ހިމިތީގައެވެ.
އިސްމާއިލް ކަލޭގެފާނުގެ ތުއްތުއަކީ ހިސާބު އިލްމާއި ނިޔަމި ކަމުގައި މުޅި ދިވެހިރާއްޖެއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ބުނެވޭގޮތުގައި އިނގިރޭސި ވިލާތުން ތައްޔާރުކުރި މަޝްހޫރު ނިޔަމިކަމުގެ ހިސާބު އިލްމުގެ ފޮތް ނޫރީނުން ތުއްތު ސާހިބު ކުށެއް ހޯއްދެވިއެވެ. އަދި ތުއްތު އަކީ އޮޑިޓްކުރުމާއި ބިން ސާރވޭ ކުރެއްވުމުގައިވެސް އަރާ ހުންނެވި ފަންނުވެރިއެކެވެ. މޮޅު ލިޔުންތެރި އެކެވެ. ތުއްތު ސާހިބުގެ އަޚު ހިމިތީ މުހައްމަދު ކަލޭގެފާނަކީ ވެސް ހަމަ އެފަދަ މޮޅު އިލްމީ ބޭފުޅެކެވެ. މުހައްމަދު ކަލޭގެފާނު މަޝްހޫރުވެފައިވަނީ މޮޅު އަތުލިޔުންތެރިއެއްގެ ގޮތުގައެވެ. އަހަރުގެ ކޮންމެ ދުވަހެއްގައިވިޔަސް ހިޔަނި ހުންނަ މިސްރާބަށް ބަލައިގެން ގިބުލަ ހޯދުމަކީ ތުއްތު ސާހިބުގެ ޚާއްސަ ފަންނެކެވެ.

ތުއްތު ސާހިބުގެ އާއިލާ އާއި ދަރިފަސްކޮޅު މިހާރު އޮތީ މާލޭގައި މ. ހުދުއަސުރުމާގެ އާއި މ. އަސުރުމާގޭގައެވެ. އަދި މ. ގުލިސްތާނުގެ އާއި މ. އެންދެރިމާގެ ބޭފުޅުންނަކީ ވެސް އެކި ގޮތްތޮތުން ތުއްތު ސާހިބުގެ އާއިލާއާއި ގުޅިފައިވާ އަދި ހިމިއްޗަށް ނިސްބަތްވާ ބޭފުޅުންނެވެ.

އައްޑުއަތޮޅު ހިތަދު ދޮންކޮއްޔަގެ އަލީ ތައްޚާނު (މޭނާކަލޭގެފާނު) އަކީ ހިމިތީ ބޮޑުގޭ ދޮން މޫސާ ކަތީބު ކަލޭގެފާނާއި ހިތަދޫ ދޮންކޮއްޔަގެ އާމިނާފާނު ކައިވެނި ކުރައްވައިގެން ލިބުނު ބޭކަލެކެވެ. މި މޭނާކަލޭގެފާނުގެ ދަރިކޮޅުވަނީ އައްޑުއަތޮޅާއި ހުވަދު އަތޮޅަށް ފެތުރިފައެވެ. މި ދަރިކޮޅަކީ ވެސް ވަރަށް އިލްމުވެރި ފަންނުވެރި ބޭފުޅުން އުފެދުނު ދަރިކޮޅެކެވެ. މަޝްހޫރު ހިތަދޫ އައްޝައިޚު މޫސަލް މުސްތަފާ އަކީ މޭނާކަލޭގެފާނުގެ ފާތުމާފާނުގެ ދޮންމަނިކެގެ ބޭފުޅެކެވެ. ހިމިތީ ދޮންމޫސާ ކަލޭގެފާނުގެ އަލީ ތައްޚާނު (މޭނާކަލޭގެފާނު) މީދޫ އެދުރުގޭ އެދުރު ތައްޚާނުގެ މަރިޔަމްފާނުގެ އާމިނާފާނާއި ކައިވެނިކޮށްގެން ލިބޭ ފާތުމާފާނުގެ ދޮންމަނިކެގެ ބޭފުޅަކީ މޫސަލް މުސްތަފާ އެވެ.

ގިނަ ދުވަސް ތަކެއްވާންދެން ސަރުކާރަށް ޚިދުމަތް ކުރެއްވި، އަދި އޭގެތެރެއިން ބޮޑުބައެއް އޮޑިޓް ދާއިރާގައި ހޭދަކުރައްވާފައިވާ ގ.ދާސްތާން ޝަބްނަމް އިބްރާހީމް މަނިކު (އިބްރާހީމް އަބްދުﷲ) ގެ ބައްޕައަކީ ހިސާބު އިލްމުގެ މަޝްހޫރު ބޭފުޅެއް ކަމުގައިވާ ހިމިތީ ކުޑަތުއްތު ނުވަތަ އަބްދުﷲ މުހައްމަދެވެ. ބައްޕަގެ ހިސާބު އިލްމުން އެކަށީގެންވާ މިންވަރެއް ހޯއްދަވާފައިވާ ޝަބްނަމް އިބްރާހީމް މަނިކަކީ ރާޒުވާ ކުޅުމުގެ ރޮނގުން ވަރަށް މަތީ ވަނައެއްގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް މަނިކު ވިދާޅުވާ ގޮތުގައި އޭނާ ރާޒުވާ ކުޅުމަށް ޝައުގުވެރިވީ ބައްޕަ ރާޒުވާ ކުޅުއްވާތަން އަބަދާއަބަދު ކަހަލަގޮތަކަށް ފެނިވަޑައިގަންނަވާތީ އެވެ.

ލިޔާގޭ އިސްމާއިލްފުޅަކީ މަޝްހޫރު ހިމިތީ މުހައްމަދު ކަލޭގެފާނުގެ އިސްމާއިލްފުޅެވެ. އޭނާ އަކީ ރާޒުވާގައި އޭނާގެ ތޫނުފިލިކަމުގެ ސަބަބުން ރާއްޖޭގެ އެއްވަނަ މަގާމުގައި ހިފެހެއްޓެވި ބޭފުޅެކެވެ. ހިސާބު އިލްމުގެ އުސްތާޒު އިސްމާއިލް ކަލޭފާނު ތުއްތުއަށް ބޮޑުބޭބެ ކިޔާ އިސްމާއިލްފުޅަކީ ރާޒުވާ ކުޅުމުގެ ރޮނގުން ރާއްޖެއިން ވެސް ހޮވާލެވުނު އެންމެ މޮޅު ދެތިން މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ.

މީގެ އިތުރުން މާލޭގައި އުޅުއްވި ވަރަށް ހަރުދަނާ ޝަޚުސިއްޔަތެއް ކަމުގައިވާ ސަރުސޫނު މުހައްމަދު ދީދީ އަކީ ވެސް ހިމިއްޗަށް އުފަން ހިމިތީ ބޭފުޅެކެވެ. އަދި މާލޭ ހިމިތީގޭ ބޭފުޅުންނަކީ ވެސް ހިމިއްޗަށް ނިސްބަތްވާ ބޭފުޅުންތަކެކެވެ. ގިޔާސުއްދީން ރަދުންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރި ކިލެގެފާނުގެ ހިމިތީ ބަނޑު ތުއްތުދީދީގެ ހައްވާ ދީދީ އާއި ހިމިތީ މުހައްމަދު ކަލޭގެފާނު ކުރެއްވި ކައިވެނިން ލިބިވަޑައިގަތް ބޭފުޅުންނަކީ މާލޭ ހިމިތީގޭ ބޭފުޅުންނެވެ.

ހިމިތީގޭ އާމިނަތުދީދީއާއި ހާޖަރާ މުހައްމަދު ދީދީ ކުރެއްވި ކައިވެނިން ލިބިވަޑައިގަތް ހާޖަރާ އަލިދީދީގެ ބޭފުޅުންނަކީ މ.ސަލްޖަމްގޭ ބޭފުޅުންނެވެ. ހިމިތީގޭ ފާތުމަތު ދީދީއާއި މެދު ސީދީގެ ސީދީ ކުރެއްވި ކައިވެނިން ލިބިވަޑައިގަތް ހަރުސީދީގެ އެއް ބޭފުޅަކީ މ.މެރީކޯނަރު މުހައްމަދު މުސްތަފާ ހުސައިނެވެ. ހިމިތީގޭ އާއިޝަތުދީދީއާއި ލޯޖެހިގަނޑުވަރު ސިއްތީގެ ޅަހުއްތު ކުރެއްވި ކައިވެނިން ލިބިވަޑައިގަތް ކުދީންނަކީ ލޯޖެހި އާއިލާގެ ބޭފުޅުންނެވެ. ކިލެގެފާނުގެ ހިމިތީ ތުއްތުދީދީގެ ހައްވާދީދީގެ ދޮންދީދީއާއި ކުޑަނެވި ހަސަން މަނިކު ކުރެއްވި ކައިވެނިން ލިބިވަޑައިގަތީ ކުޑަނެވި ބޭފުޅުންނެވެ. މިތަނުން ކުޑަނެވި އައިސާދީދީގެ ބޭފުޅަކީ މަޝްހޫރު ކުޑަނެވި އައްބާސް އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޝްހޫރު ލަވަކިއުންތެރިއާ ދީދީބެ އަކީ ވެސް ހިމިތީގެ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. މިއީ ޑރ އަލީ ޝަމީމްގެ ބައްޕަ އެވެ. ހިމިއްޗަށް ނިސްބަތްވުމުގެ ސަބަބުން މިއީ ހައްތަހާ ވެސް މަސައްކަތްތެރި ހުނަރުވެރި ބޭފުޅުންނެވެ.

ހިމިތީގައި ދިޔަމިގިލީގެ ޚާންދާނު

ކިލެގެފާނުގެ ދަރިކޮޅުގެ ބޮޑު ބައެއް އޮތީ ދެކުނުގެ އަތޮޅުތަކުގައި ކަމަށް ވެފައި ހިމިތީގައި ކިލެގެފާނުގެ އައުލާދުން ބައެއް އޮތްކަމީ މާގިނަބަޔަކު ދަންނަ ކަމެއް ނޫނެވެ. އަދި ހިމިއްޗަށް ނިސްބަތްވި ބައެއް މީހުންނަށް ދީދީއޭ ކިޔަނީ ކީއްވެގެން ކަމާއި މެދުވެސް ކުރީން މާބޮޑު ހޯދުންތަކެއް ހޯދާން ބަޔަކު އުޅެފައި ނުވެއެވެ. ކުރީ ޒަމާނުގައި މާލޭގައި ވެރިކަން ކުރަމުންދިޔަ ހުރަވީ ޚާންދާނުގެ ބޭފުޅުން ދިޔަމިގިލީ ޚާންދާނަށް ނަފްރަތު ކުރުން ބޮޑުކަމުން ހިމިތީ ވަރަށް ގިނަ ދީދީންތައް ނަން ދޫކޮށްލައި ފުޅު ފަދަ ނަންނަން އިޚުތިޔާރުކުރިކަން ވަރަށް ސާފުކޮށް އެނގެއެވެ.

ދިޔަމިގިލީ ޚާންދާނުގެ އެންމެ ފަހުގެ ރަސްގެފާނު ގިޔާސުއްދީނު ކަނޑު ފެއްތުމާއި ކިލެގެފާނަށް ކެހިދީ ހިމިއްޗަށް އަރުވައިލުމުގެ އިތުރުންވެސް ދިޔަމިގިލީ ޚާންދާނަށް ނިސްބަތްވާ މީހުންނާއި ހުރަވީ ޚާންދާނުގެ މީހުންގެ މެދުގައި ނަފްރަތު އުފެދުމަށް މެދުވެރިވި އެހެން ސަބަބުތައް ހުއްޓެވެ. އޭގެ ތެރެއިން އެއްސަބަބަކީ ކިލެގެފާނުގެ ހިމިތީ އިބްރާހިމް ދީދީއާއި މެދު އަތިރީގޭ ދޮން އަހުމަދު ދީދީ ހަސަދަވެރިވެ ނުނިޔަތްލައިގެން ދެން ހިންގި ކަންތައްތަކެވެ. މި ދޮން އަހުމަދު ދީދީއަކީ އޭރު ރަދުންގެ ދައްތައަކާއި އިނދެގެން ހުރި ޅިޔަނަށް ވުމުގެ އިތުރަށް ބޮޑުވަޒީރުވެސް މެއެވެ.

މި އިބްރާހިމް ދީދީއަކީ ގިޔާސުއްދީނު ރަދުންނަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ. މި އިބްރާހިމް ދީދީއާ ދޭތެރޭ ނުނިޔަތް ލައިގެން ދޮން އަހުމަދު ދީދީ ބޭނުންވީ ފަނޑިޔާރުގެ މެދުވެރިކޮށް ހަސަދަ ބޭލުމަށެވެ. އެހެންނަމަވެސް އެއްވެސް ހެއްކެއް ގަރީނާއެއް ނެތި އިބްރާހިމް ދީދީއަށް އަދަބު ދޭން ނާއިބުންނާއި ފަނޑިޔާރު ކަލޭގެފާނު ދެކޮޅު ހައްދަވައިފިއެވެ. އެންމެފަހުން ދޮން އަހުމަދު ދީދީ ބުނި ކަމަށްވަނީ ކަލޭމެންގެ އިސްލާމީ ޝަރީއަތް އޮތްތާކު ބާއްވާށޭ އެއީ ތިމަން ގަބޫލުކުރާ ސަރިއަތެއް ނޫނޭއެވެ. ދެން މިކަމުގައި އޮންނާނީ އަތިރީގޭ ސަރިޔަތް ކަމުގައެވެ. މިހެން ބުނެފައި ފަނޑިޔާރުކަލޭގެފާނާއި އިސްލާމީ ޝަރީއަތަށްވެސް ދޮން އަހުމަދު ދީދީ ބަދުބަސް ބުނިކަން ސާބިތުގޮތެއްގައި އެނގިގެންވެއެވެ.

ގިޔާސުއްދީނުގެ ކާފަ ދަރިކަލުން އިބްރާހިމް ދީދީއަށް އެންމެ ފުރަތަމަ ދިން އަދަބަކީ އެދީދީ އާއި އެދީދީގެ އަނބިކަމަނާ ގެނެސް ފޭރާން ދަމައިގަނެ ދެބުރަކަށި ޖެހޭގޮތަށް ބަނދެފައި ތެޅުމެވެ. އެއަށްފަހު އިބްރާހިމް ދީދީގެ ކުރިމަތިފަރާތުގައި ކޮޅުފައިން ޖަހައިފައި ބުނި ކަމަށް ތާރީޚުގައި ލިޔެވިގެންވެއެވެ. ކަލޭ ތިޔައީ ވަލީވެރި އާއިލާއެއްގެ ވަލީވެރިއެކޭ ބުނާތީ އަހަމެވެ. އެވަލީވެރިކަމުގައި ކަލޭގެ ކާފަވެސް އެއޮތީ ވާދޫ ކަނޑުގެ އަޑީގައެވެ. އެހެންވީމާ ކަލޭވެސް އެމަގުން ފޮނުވައިލާނީއެވެ. މިމަގުން ކަންތައް ކުރީމާ ކަލޭމެންގެ ވަލީވެރިކަމުން އަހަރެންނަށް އެއްވެސް ކަމެއްވޭތޯ ބަލަން ހުންނާނަމެވެ. މިހެން ބުނެފައި އިބްރާހިމް ދީދީ ކޮޅުމަޑުލު ކޮންމެވެސް ރަށަކަށް އަރުވައިލީއެވެ.

މިމަގުން ކަންތައްކޮށްފައި ދިޔަމިގިލީ ޚާންދާނުގެ ކެރޭ ބަޔަކު ތިބިއްޔާ ނިކަން އައިސް އިބްރާހިމް ދީދީއަށް އެހީވެބަލަހަރޭ ހިމިތީ މީހުން އައިސްބަލަހަރޭ ބުނެ ދިޔަމިގިލީ ދަރިކޮޅުގެ އެންމެނަށް ދޮން އަހުމަދު ދީދީ ވަރަށް ވަރުގަދަ ރައްދެއް ދިން ކަމަށްވެސް ތާރީޚުގައި ބަޔާންވެގެންވެއެވެ. މި ދޮން އަހުމަދު ދީދީއަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނުގެ ކާފައެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!