އަލްގާޒީ އިސްމާއީލް ބަހާއުއްދީން

އަލްގާޒީ އިސްމާއީލް ބަހާއުއްދީނަކީ މީދޫ އަލްގާޒީ އިބްރާހިމް މަޖުދުއްދީނު ފަނޑިޔާރުތަކުރުފާނުގެ އެންމެ ދޮށީ ދަރިކަލުންނެވެ. ފަނޑިޔާރުކަން ކުރެއްވުމުގެ ކުރީގައި އެއީ މީދޫ ދެށެނާގެ އިސްމާއީލް މަނިކެވެ. އިސްމާއީލް ބަހާއުއްދީނުގެ މަންމައަކީ މީދޫ ދޮންއާބުގޭ ސިއްކަ އިސްމާއީލް ތަކުރުފާނުގެ ދަރިކަލުން ސިއްކަ ދޮން މުހައްމަދު ތައްޚާނުގެ ދަރިކަނބަލުން ހުޅުދޫ އަތިރަގޭ އާމިނާފާނެވެ. އިސްމާއީލް ބަހާއުއްދީނަކީ އޭނާގެ މަންމައާއި ބައްޕަގެ ފަރާތުންވެސް އެދުވަސްވަރު ރާއްޖޭގައި އޮތް އެންމެބޮޑު އިލްމީ ޚާންދާނުން ވަޑައިގެންނެވި ބޭފުޅެކެވެ.

އިސްމާއީލް ބަހާއުއްދީން ފުރަތަމައަށް ކައިވެނި ބެއްލެވީ އޭނާގެ މަންމައާ ދެބެއިންގެ ދެދަރި ބޭކަލެއް ކަމުގައިވާ މީދޫ ކުންނިއަރު އިބްރާހިމް ތަކުރުފާނު، ކަޅިހާރު މަރިޔަމްފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް މީދޫ ދޮންއާބުގޭ ފާތުމާފާނާއެވެ. މި ފާތުމާފާނަކީ ދިވެހިރާއްޖޭގައި އެންމެފަހުން ދައުލަތުގެ ސިއްކަ ކަލޭގެފާނުކަމުގައި ހުންނެވި ސިއްކަ އަލީ މަނިކުފާނުގެ ބަފައިބެ، އަދި އޭނާގެ ކުރީން ސިއްކަ ކަލޭގެފާނުކަން ކުރެއްވި މީދޫ ދޮންއާބުގޭ ސިއްކަ ދޮން ހުސެން ތަކުރުފާނާއި އެއްބަނޑު އެއްބަފާ ބޭފުޅެކެވެ. މި ބަނޑުން އިސްމާއީލް ބަހާއުއްދީނަށް ލިބިވަޑައިގަތީ އައްޝައިޚުލް ފަގީހު އިބްރާހިމް އިބުނު ބަހާއުއްދީން (ދޮންމަނިކު) އާއި ދޮންމަނިކެ އާއި އެޅަމަނިކު އެވެ. އެޅަމަނިކުގެ ދަރިކޮޅެއް ނެތެވެ.

އިސްމާއީލް ބަހާއުއްދީން ދެވަނައަށް ކައިވެނިބެއްލެވީ އަލްގާޒީ މުހައްމަދު މުހިއްބުއްދީން ފަނޑިޔާރު މަނިކުފާނުގެ ދަރިކަނބަލުން ވެލިދޫގޭ ސިއްތި އާއެވެ. މި ބަނޑުން އިސްމާއީލް ބަހާއުއްދީނަށް ލިބިވަޑައިގަތީ ކަޅުސީދީ އާއި ދޮންސިއްތިއެވެ. މަޝްހޫރު ގޮމާގޭ ސީދީ އަކީ ކަޅުސީދީގެ ބޭފުޅެކެވެ. ވެލިދޫގޭ ސިއްތި، އިސްމާއީލް ބަހާއުއްދީނާއި ކައިވެނި ބެއްލެވުމުގެ ކުރީން މުލީގޭ ތުއްތު ދީދީއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ވެލިދޫގޭ ތުއްތު ސިއްތި، އެއްގަމުގޭ ތުއްތު އަލީ ދީދީއާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅަކީ އެއްގަމުގޭ އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ.

އިސްމާއީލް ބަހާއުއްދީން ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކު ކައިވެނިބެއްލެވީ އައްޝައިޚު އަލްގާޒީ އެޅެގޭ އަލީ ދީދީގެ ދަރިކަނބަލުން މަރިޔަމް ދީދީ އާއި އެޅެގޭ އަބްދުﷲ ދީދީގެ ދަރިކަނބަލުން ފާތުމަތު ދީދީ އާއި އެޅެގޭ އަލީ ދީދީ އާއި އެޅެގޭ އަބްދުﷲ ދީދީ އާ އެއްބަފާ ފިޔޯރީ ދޮންދީދީގެ މަރިޔަމް ދީދީ އާއި އަލްގާޒީ މޫސާ ބަދުރުއްދީނުގެ ގެދަރު އަހުމަދު މަނިކުގެ އާމިނާ މަނިކެ އާއެވެ. ދޮންމަނިކަށް ބޭފުޅުން ލިބިވަޑައިގަތީ އެޅެގޭ އަބްދުﷲ ދީދީގެ ފާތުމަތު ދީދީގެ ބަނޑުންނާއި ގެދަރު އަހުމަދު މަނިކުގެ އާމިނާ މަނިކެގެ ބަނޑުންނެވެ. އިސްމާއީލް ބަހާއުއްދީނުގެ ދޮންމަނިކެ ކައިވެނިބެއްލެވީ ދެށެނާގެ މޫސާ މަނިކުގެ އަބްދުﷲ ދީދީ އާއި އެޅެގޭ ތުއްތުދީދީ އާ ދެބޭފުޅުންނާއެވެ. މި ދެފަރާތުން ވެސް ދޮންމަނިކެއަށް ބޭފުޅުން ލިބިވަޑައިގަތެވެ.

އަލްގާޒީ އިސްމާއީލް ބަހާއުއްދީނަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓުގައި ވާގޮތުން 40 ވަނަ އުއްތަމަ ފަނޑިޔާރެވެ. އަލްގާޒީ މޫސާ ބަދުރުއްދީނުގެ ފަނޑިޔާރުކަމުގެ ދުވަސްވަރުގައި އިސްމާއީލް ބަހާއުއްދީން ހުންނެވީ ބަންޑާރަ ނާއިބު ކަމުގެ މަގާމުގައެވެ. ބަންޑާރަ ނާއިބުކަމުގައި ހުންނަވައިގެން ލިއުއްވާފައިވާ ބައެއް ފަތްކޮޅުތައް ފެނިފައިވެއެވެ. ގާޒީ މޫސާ ބަދުރުއްދީނު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ރަށަށް ވަޑައިގަތުމުން ދެން ފަނޑިޔާރުކަން ދެއްވީ އިސްމާއީލް ބަހާއުއްދީނަށެވެ. މުސްކުޅި ބަންޑާރައިން އަވަހާރަވީއިރު ފަނޑިޔާރުކަމުގައި ހުންނެވީ އިސްމާއީލް ބަހާއުއްދީނެވެ.

ހިޖުރައިން 1304 ވަނައަހަރު ޖުމާދަލް އައްވަލު މަހުގެ ނަވާރަ ވަނަ ދުވަހު މީލާދީން 1886 ގައި އައްސުލްތާނު އިބްރާހީމް ނޫރުއްދީނު ދިވެހިރާއްޖޭގެ ތަޚުތު ދޫކޮށްލައްވައި އައްސުލްތާނު މުހައްމަދު މުއީނުއްދީނު ރަސްކަމަށް އިސްވެ ވަޑައިގަތްކަން އިނގިރޭސި ގަވަރނަރު އޭ. އެޗް. ގޯޑަން އަށް އަންގަވަން ލިއުއްވި ސިޓީ ފުޅުގައި މިބަދަލު ހިންގެވީ އަލްގާޒީ އިސްމާއީލް ބަހާއުއްދީނު ހެކިކޮށްކަމުގައި ލިއުއްވާފައިވެއެވެ. މި ބަދަލަކީ އަލްގާޒީ އިސްމާއީލް ބަހާއުއްދީނުގެ ފަނޑިޔާރުކަމުގެ ފުރަތަމަ ދައުރު ނިމުމުގެ ސިއްކަ ޖެހިގެން ދިޔަ ބަދަލު ކަމަށްވެސް ވިއެވެ.

މުއީނުއްދީނުގެ ދެ އަހަރުގެ ރަސްކަމަކީ ވަރަށް ހަލަބޮލި ދައުރެކެވެ. ބޮޑު ހުޅު ހިނގައިދިޔައީވެސް އެދައުރުގައެވެ. އަދި އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔަ އެގްރީމަންޓުގައި ސޮއިކުރެވުނީވެސް އެ ދައުރުގައެވެ. ހިމާޔަތުގެ އެގްރީމަންޓުގައި 1887 ގައި ސޮއިކުރިއިރު ފަނޑިޔާރު ކަމުގައި ހުންނެވީ ނާއިބު ތުއްތުއެވެ. އެހެންކަމުން ގާޒީ އިސްމާއީލް ބަހާއުއްދީނުގެ ފަނޑިޔާރުކަން މުއީނުއްދީނު ތަޚުތުގައި އިށީދެ ވަޑައިގަތުމާއެކު އޮތީ ނިމިފައެވެ.

ނޫރައްދީނާއި މުއީނުއްދީނުގެ ކޯޅުމުގެ ތެރެއިން ގާޒީ އިސްމާއީލް ބަހާއުއްދީނަކީ ނޫރައްދީނުގެ ވާގިވެރިއެއް ކަމަށް ފެނިގެން ބަހާއުއްދީނު ފަނޑިޔާރުކަމުން ވަކިކުރެވި ބަހާއުއްދީނު އަރުވާލީ އެ ތަކުރުފާނުގެ އުފަން ރަށް އައްޑޫ މީދޫއަށެވެ.

މީދޫއަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މުއީނުއްދީނުގެ ރަސްކަން ނިމި ދެވަނަ ފަހަރަށް އިބްރާހިމް ނޫރައްދީނު ތަޚުތަށް އިސްވެވަޑައިގަތުމާއެކު އިސްމާއީލް ބަހާއުއްދީނު އަލުން މާލެ ގެންނަވައި ފަނޑިޔާރުކަން ދެއްވައިފިއެވެ. މިފަހަރު ފަނޑިޔާރުކަމަށް އިސްވެވަޑައިގެންނެވިތާ އަހަރެއްހައި ދުވަހުން އިސްމާއީލް ބަހާއުއްދީނު އަވަހާރަވީއެވެ. އިސްމާއީލް ބަހާއުއްދީނު އަވަހާރަވީ 01 މުހައްރަމް 1307 (28 އޮގަސްޓް 1889) ވީ ބުދަ ދުވަހު މާލޭގައި، މިހާރު މ. މެޑޯޒް ހުރިތަނުގައި ހުރި އިސްމާއީލް ބަހާއުއްދީނުގެ އަމިއްލަފުޅު ގޭގައެވެ. މާލޭގެ މާވެޔޮމަގުގައި ހުންނަ މާވެޔޮ މިސްކިތަށް ނަންދެވިގެން ވަނީ މި ތަކުރުފާނަށް ނިސްބަތްކޮށް މަސްޖިދު ބަހާއުއްދީނުގެ ނަމުންނެވެ. މިނަމެއް ދެވުނީ މާފަހުން ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއްވެސް ގާއިމް ކުރެވުނު ފަހުންނެވެ.

ސިއްކަގޭ ދޮންމަނިކުފާނު ލިއުއްވާފައިވާގޮތުން ފަނޑިޔާރުކަން ލިބިވަޑައިގެންނެވި އިރުވެސް އިސްމާއީލް ބަހާއުއްދީނަކީ ވަރަށް މުއްސަނދި ބޭފުޅެކެވެ. ފަނޑިޔާރުކަން ލިބިވަޑައިގަތުމުން އޭނާގެ މުދަލާއިގެން ވިޔަފާރީގެ ކަންތައް ހިންގަވަމުން ގެންދެވީ އޭނާގެ އަޚު ދެށިނާގެ އަހުމަދު މަނިކެވެ. އަހުމަދު މަނިކަކީ މީދޫ މުހައްމަދު ފެންނާ މަނިކުފާނުގެ ބައްޕައެވެ.

އިސްމާއީލް ބަހާއުއްދީނަށް ފަނޑިޔާރުކަން ލިބިވަޑައިގަތުމާއެކު ބޭރު ދަތުރުކުރާނެ އުޅަނދެއް ބެންނެވިއެވެ. ވަޑީން ހޯއްދެވީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުންނާއި އުތުރުންނެވެ. އެ އުޅަނދަކީ ވަރަށް މަޝްހޫރު އުޅަނދެކެވެ. އާއްމުގޮތެއްގައި އެނަވަށް މީހުން ކިޔައި އުޅުނީ ފަނޑިޔާރު ނާކޮޅެވެ. ބަންގާޅަށް، ކޮއްޗޭއަށް، އޮޅުދޫކަރައަށް ދަތުރުކުރި ނަވެކެވެ. އިސްމާއިލް ބަހާއުއްދީނުގެ ކޮއްކޮ ދެށެނާގެ ތުއްތު މަނިކަކީ އޭރުވެސް ބޭރުދަތުރުކުރާ މާލިމީއެކެވެ. އެހެންކަމުން ނާކޮޅުގެ މާލިމީއަކަށް ހަމަޖެއްސެވީ ތުއްތު މަނިކެވެ. ދެން ތުއްތު މަނިކު އަހަރަކު އެއްފަހަރު ބަންގާޅަށް ގޮސް އިތުރަށް އޮޅުދޫކަރައަށާއި ކޮއްޗޭއަށް ވެސް ދަތުރުކޮށް ހަދައެވެ.

ދުވަސްތަކެއް ތަކުރާރުވެ ވިޔަފާރީގެ ކަންތައްތައް ކުރިއަށް ގޮސް އެންމެފަހުން އިސްމާއީލް ބަހާއުއްދީނަކީ އެދުވަސްވަރު ރާއްޖޭގައި ތިއްބި ވިޔަފާރިވެރި މުއްސަނދީންގެ ތެރެއިން އަރައިހުންނެވި ބޭފުޅަކަށް ވެއްޖެއެވެ.

ފަނޑިޔާރު ނާކޮޅާއި ބެހޭގޮތުން ވާރިދުވެފައިވާ ވާހަކައެއް ވެއެވެ. އިސްމާއީލް ފަނޑިޔާރު ތައްޚާނު އަވަހާރަވީއިރު ވެސް ފަނޑިޔާރު ނައު ބަރާބަރަށް ދުވެއެވެ. އަވަހާރަވީއިރު ދަރިކަލުން ދޮންމަނިކާއި ފަނޑިޔާރު ތައްޚާނުގެ ކޮއްކޮ އަހުމަދު މަނިކު ތިއްބެވީ އައްޑޫ މީދޫގައެވެ. ހުރިހާ މުދަލަކުން ވިޔަފާރިކޮށް ހައްދަވަނީ އަހުމަދު މަނިކެވެ. ކޮންމެ ފަހަރަކުވެސް އޭނާ މާލެ ވަޑައިގަންނަވަނީ ނާކޮޅު ބަންގާޅުން އައީމައެވެ. ބައެއްފަހަރު ނާކޮޅު އައްޑުއަށް ވެސް އާދެއެވެ. ފަނޑިޔާރު ތައްޚާނު އަވަހާރަވުމުން އަވަސް އަވަހަށް އަހުމަދު މަނިކު ވަޑައިގެންނެވީ މާލެއަށެވެ. މާލެ ވަޑައިގަތްއިރު އަދި ނާކޮޅު ބަންގާޅުން ނާދެއެވެ. ނާކޮޅު ބަންގާޅުން އައީ އަހުމަދު މަނިކު މާލޭގައި ހުންނަވަނިކޮށެވެ.

ނާކޮޅު އައުމާއެކު އަހުމަދު މަނިކު ގަސްތުކުރެއްވީ ނާކޮޅުގައި ހުރި މީހުންގެ މުދާ އޭގެ ވެރީންނަށް ދެއްވާފައި މާލޭގައި ހުރި މުދާ ނަވަށް ލައިގެން އައްޑުއަށް ވަޑައިގަންނަވާށެވެ. މިގޮތަށް މިކަން ނިންމެވިތަނާ ނާކޮޅު ހުސްކުރުމަށާއި ނާކޮޅަކީ ސަރުކާރުގެ އުޅަނދެއްކަމަށް ސަރުކާރުން އަހުމަދު މަނިކަށް އަންގަވައިފިއެވެ. ނަމަވެސް އަހުމަދު މަނިކު އެކަން ގަބޫލު ނުކުރައްވައި އެންމެފަހުން މަސްއަލަ ފަނޑިޔާރުގެއާ ހަމައަށް ދާންޖެހުނީއެވެ. ސަރުކާރަށް ނާކޮޅު ނެގުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ބުނެވެނީ ހަސަން ހަކުރާ މަނިކުފާނެވެ. މިހެންވެގެން ފަނޑިޔާރު ތައްޚާނުގެ ދޮން މަނިކު ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަމުން ދެން ތިމަންނާ ރާއްޖެ އަންނާނީ ހަކުރާ މަނިކުފާނުގެ ގެއިން ހަކުރު ހުސްވުމުންނޭ ވިދާޅުވި ކަމަށް ބުނެވެއެވެ.

ޝަރީއަތުގައި މި މައްސަލަ ދެމިގެން ދިއުމަށްފަހު ހަކުރާ މަނިކުފާނުގެ ނުފޫޒުން ފަނޑިޔާރުގެއިން ހުކުމް ކުރީ ފަނޑިޔާރު ނަވަކީ ސަރުކާރުގެ އުޅަނދެއް ކަމަށާއި އޭގައި ހުރި ތަކެއްޗަކީ ނިޔަމިކަމުގެ ސާމާނަށްދާންދެން ފަނޑިޔާރު ތައްޚާނުގެ ތަކެތި ކަމަށެވެ. އަދި ހަމަ ވަގުތުން ނައު ހުސްކުރާން ވެސް އަންގައިފިއެވެ. މި މަސްއަލާގައި އަހުމަދު މަނިކު ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ފަނޑިޔާރުގެއިން ނުކުންނަވަމުން ބަދު ދުއާއެއް ކުރެއްވިއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯ އެވެ. އިބަ ސުވާމީންގެ ދެނެވޮޑިގަތުން ބޮޑުކަމާއެވެ. މިއަޅާގެ އަޚު ފަނޑިޔާރު ތައްޚާނު ގެންދެވިފަދައިން ފަނޑިޔާރު ނައު ވެސް ގެންދަވައިފާނދޭވެ.

އޭނާގެ ދުއާ އިޖާބަކުރެއްވި ކަމުގައި ވިއެވެ. އޭގެ އަނެއް ދަތުރު ފަނޑިޔާރު ނައު ބަނގާޅަށް ގޮސް ވިޔަފާރިކޮށްގެން ރާއްޖެ އަންނާން ފުރިފަހުން އަދިއަދަށްދާންދެން ވެސް އެނަވާއި އޭގައި ދަތުރުކުރި އެއްވެސް މީހެއްގެ ޚަބަރެއް ނުވެއެވެ. ނައު މާލެއިން ފުރައިގެން ދަތުރުކުރިއިރު ކުރީގެ ހަމަ އެކަކު ވެސް ނެތެވެ. ތިބީ މުޅީން އައު މީހުންނެވެ. ކުރީގެ ފަޅުވެރީންނަށް ދަތުރުގައި ބައިވެރިވާން ނުކެރުނީ އެވެ.

މި ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. މި ހާދިސާއެއް ހިނގިފަހުން ފަނޑިޔާރު ތައްޚާނުގެ ދޮންމަނިކަށް ސަރުކާރުން ވަރަށް ބޮޑަށް ކަމޭ ހިއްތަވަން ފެއްޓެވިއެވެ. އަދި ދޮންމަނިކާއި ދޮންމަނިކުގެ ބައްޕައަކީ ދެ ވަލީވެރިން ކަމުގައި ވެސް މީހުން ދެކެން ފަށައިފިއެވެ. އިސްމާއީލް ބަހާއުއްދީން ފަނޑިޔާރު ތައްޚާނުގެ ދަރިކަލުން ދޮންމަނިކު ވެސް ވެގެންދިޔައީ އޭނާގެ ބައްޕަ ފަދައިން ވަރަށް ބޮޑު އިލްމުވެރިއެއްގެ އިތުރުން އެހާމެ މުއްސަނދި ބޭފުޅަކަށެވެ. ބުނެވޭގޮތުގައި އެއީ އެދުވަސްވަރު ދިވެހިރާއްޖޭގައި ހުންނެވި އެންމެ މުއްސަނދި ބޭފުޅާއެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!