އަލްގާޒީ މޫސާ ބަދުރުއްދީން (އައިސާދަރު މޫސާ ބެއްޔާ)

އަލްގާޒީ މޫސާ ބަދުރުއްދީނަކީ އައްޑޫ މީދޫ ގަނޑުވަރު އަލްޚަތީބު ހުސައިން ތަކުރުފާނުގެ ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ކުރެ އެންމެ ކީރިތި އަދި އެންމެ މޫރިތި ދަރިކަލެވެ. މިއީ ފަޒީލަތުއްޝައިޚު ހުސައިން ސަލާހުއްދީނުގެ ވިދާޅުވުމެކެވެ.

ގާޒީ މޫސާ ބަދުރުއްދީނާއި އެއްބަނޑު އެއްބަފާ ބޭފުޅުންކުރެ ދެން އެންމެ މަޝްހޫރު ބޭފުޅަކީ ފަޒީލަތުއްޝައިޚު ހުސައިން ސަލާހުއްދީނުގެ އުސްތާޒު އައްޝައިޚުލް ހާފިޒުލް އާލިމް އިބްރާހިމް ތަކުރުފާނު ނުވަތަ މަޝްހޫރު ނަމުންނަމަ އައިސާބީގެދަރު ދޮންބެއްޔާއެވެ. މޫސާ ބަދުރުއްދީނުގެ ބައްޕަ ގަނޑުވަރު އަލްޚަތީބު ހުސައިން ތަކުރުފާނަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނުލް ކަބީރުގެ ދަރިކޮޅު ބޭކަލެކެވެ. އަދި ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނާއި އެއްބަނޑު އެއްބަފައި އަދި އަލްފަގީހު މޫސާ އެދުރުތަކުރުފާނާއި އެއްބަނޑު ވަކި ބަފައި ބޭފުޅެކެވެ. މޫސާ ބަދުރުއްދީނުގެ މަންމައަކީ މީދޫ ކުދުރަނިއަގެ ފާތުމާފާނުގެ އިބްރާހިމް ތަކުރުފާނުގެ އެޅެގެދަރިގޭ ހުސެން ތަކުރުފާނުގެ ހައްވާފާނު (ދޮންދިޔަގެ ހައްވާފާނު) އެވެ.

މޫސާ ބަދުރުއްދީނުގެ އެއްބަނޑު އެއްބަފައި ބޭފުޅުންނަކީ އައިސާދަރު އައްޝައިޚު އަލީ ތަކުރުފާނާއި ހަސަން ތައްޚާނު (އައިސާދަރު ކަޅުއަބޫ) އާއި އަލްހާފިޒު އައްޝައިޚު އިބްރާހިމް ތަކުރުފާނު (އައިސާދަރު ދޮންބެއްޔާ) އާއި ދޮށީ މަނިކެ އާއި އާއިޝާ މަނިކެ އާއި ދޮންމަނިކެ އާއި ސަންފާ މަނިކެ އާއި މަރިޔަމް މަނިކެ އާއި އެޅަމަނިކެ އެވެ. މިތަނުން އަލީ ތަކުރުފާނުގެ އައުލާދު އަރިއަތޮޅު އުތުރުބުރީގައި އެބައޮތެވެ. ފެރިދޫ ހުސައިން މުހައްމަދާއި ފަރުހަތު އަލީ އަކީ މި އައުލާދުގެ ބޭފުޅުންނެވެ. ހަސަން ތައްޚާނުގެ އައުލާދު މުޅި މީދޫގައި ފެތުރިފައިވެއެވެ.

މޫސާ ބަދުރުއްދީނު ކައިވެނި ބެއްލެވީ ހުޅުދޫ އެޅެގެދަރު މަރިޔަމް މަނިކެ އާއެވެ. ދިރިއުޅުއްވީ ހުޅުދޫ ގެދަރުގައެވެ. އެގެއަކީ އޭނާގެ ކާފަގެ ތަރިކައިން އޭނާގެ ބައްޕައަށް ލިބުމުން އޭނާއަށް ދެއްވި ގެއެކެވެ. މޫސާ ބަދުރުއްދީނަށް ލިބިވަޑައިގަތް ބޭފުޅުންނަކީ ގެދަރު އަހުމަދު މަނިކާއި ފާތުމާ މަނިކެ، އާމިނާ މަނިކެ، ކައްދާ މަނިކެ އަދި ހައްވާ މަނިކެ އެވެ. މޫސާ ބަދުރުއްދީނުގެ ފާތުމާ މަނިކެއާ އައްޝައިޚު އެޅެގޭ އަލީ ދީދީ އާ ކައިވެނިބައްލަވައި ލިބިވަޑައިގަތް މަރިޔަމް ދީދީގެ ދަރިކޮޅެއް ނެތެވެ.

މޫސާ ބަދުރުއްދީނުގެ ދަރިފަސްކޮޅުގެ މަޝްހޫރު އެހެން ބައެއް ބޭފުޅުންގެ ތެރޭގައި ގެދަރު އަހުމަދު މަނިކުގެ އަލީ މަނިކުގެ ވާދޫ ގައްދަޑު ލަތީފާއި ގެދަރު އަހުމަދު މަނިކުގެ އާމިނާ މަނިކެގެ ހުޅުދޫ އެޅެހިށިގޭ މުހައްމަދު ތައުފީގާއި އަހުމަދު ސާލިހާއި އަބްދުލް މުހުސިނާއި ގެދަރު އަހުމަދު މަނިކުގެ މުހައްމަދު މަނިކުގެ އާމިނަތު ދީދީގެ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ) އާއި ރަޝީދާ އާއި ސަކީނާ އާއި ގެދަރު އަހުމަދު މަނިކުގެ މުހައްމަދު މަނިކުގެ ފާތުމަތު ދީދީގެ ޒުބައިދާ އާއި ދައުލަތާއި ގެދަރު އާމިނާ މަނިކެގެ އަލަދަޑިގޭ މޫސާ މަނިކުގެ އާމިނަތު ދީދީގެ މީދޫ އެޅެބެއްޔާގެ އަބްދުﷲ ދީދީ އާއި ފާތުމަތު ދީދީ އާއި ތުއްތުދީދީ އާއި ހަސަން ދީދީ އާއި ގެދަރު އާމިނާ މަނިކެގެ އަލަދަޑިގޭ ހަސަން މަނިކުގެ މަރިޔަމް މަނިކެގެ ރަޝީދާ އާއި ނަސީރާ އާއި ގެދަރު ކައްދާ މަނިކެގެ ފާތުމާ މަނިކެގެ ސިއްތީގެ މާލޭ ނ.ތ. މުހައްމަދު ދީދީ އާއި ގެދަރު ކައްދާ މަނިކެގެ ހުސައިން ތައްޚާނުގެ ޝައިޚު އިބްރާހިމް ތައްޚާނުގެ ހުޅުދޫ މުހައްމަދު ސައީދާއި އޭނާގެ ދިޔާނާ ސައީދު ހިމެނެއެވެ.

އަލްްގާޒީ މޫސާ ބަދުރުއްދީނަކީ ރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓުގައި ވާގޮތުން ދިވެހިރާއްޖޭގެ 39 ވަނަ އުއްތަމަ ފަނޑިޔާރެވެ. މި ކަލޭގެފާނު ރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވީ އައްސުލްތާނު މުހައްމަދު އިމާދުއްދީން (ހަތަރުވަނަ) މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ދުވަސްވަރު އެވެ. މުސްކުޅި ބަންޑާރައިން ރަސްކަން ކުރެއްވީ 1835މ. އިން 1882 އަށެވެ. ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު އަމިއްލައަށް އިސްތިއުފާ ދެއްވީ އެވެ. އިސްތިއުފާ ދެއްވުމަށް ފަހު އޭނާގެ ރަށް އައްޑުއަތޮޅު މީދޫއަށް ވަޑައިގެން އުޅުއްވައި އަވަހާރަވީ 14 މުހައްރަމް 1292ހ. (21 ފެބުރުއަރީ 1875މ.) ވީ އާދީއްތަ ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނުގައެވެ.

ހަސަން ތާޖުއްދީނު އަރަބިބަހުން ލިޔުއްވާން ފެއްޓެވި ދިވެހި ތާރީޚު އޭގެ ފަހުގައި ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުން ގެންދެވީ އަރަބި ބަހުން ލިޔުއްވަމުންނެވެ. އެގޮތުން މި ތާރީޚު އެންމެ ފަހުން ލިޔުއްވި ފަނޑިޔާރު ބޭކަލެއްގެ ގޮތުގައި އެނގެން އޮތީ އަލްގާޒީ މޫސާ ބަދުރުއްދީނެވެ. އެހެންކަމުން އަރަބި ބަހުން އޮތް ދިވެހި ތާރީޚުގެ އެންމެ ފަހު ބައިގައިވާ ލިޔުންތަކަކީ މޫސާ ބަދުރުއްދީނުގެ އިބާރާތްތަކެވެ.

ހަނދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ މިނަން ކިޔުނު ފޮތުގައިވާ ގޮތުން އަލްގާޒީ މޫސާ ބަދުރުއްދީނަކީ މުހައްމަދު މުހިއްބުއްދީނު ފަނޑިޔާރު މަނިކުފާނު ބަންގާޅަށް ވަޑައިގަތުމަށް ފުރުއްވީއްސުރެ ކަކާގޭ އަލީ ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވާންދެން ހިނގި ބައެއް ކަންތައް އަރަބި ބަހުން ފޮތެއްގެ ސިފައިގައި ލިޔުއްވި ކަލޭގެފާނެވެ.

މޫސާ ބަދުރުއްދީނު ފަނޑިޔާރު ކަމުން އަމިއްލައަށް އިސްތިއުފާ ދެއްވައި ރަށަށް ވަޑައިގަތް ސަބަބެއް ކަމަށް އެނގިފައިވަނީ ދިވެހި ދައުލަތުގެ ފަރާތުން ރައްޔިތުންގެ އަތުން މާމޫލު (ޓެކްސް) ނަގަން ނިންމެވުމުން އެކަމާއި ހިތްހަމަ ނުޖެހިގެންނެވެ. މޫސާ ބަދުރުއްދީނު ވިދާޅުވި ކަމަށް ވަނީ ރައްޔިތުންގެ އަތުން އެއްވެސް ކަހަލަ ޓެކުހެއް ނެގޭނަމަ އެ ޓެކްސް ވާންޖެހޭނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އެ ޚިދުމަތަކަށް ޚާއްސަ ވެގެން ނެގޭ ޓެކުހަކަށް ކަމުގައެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ކަންކުރެވޭ ގޮތަކީ ވެސް މިއީ ކަމުގައެވެ. އަދީ ދީނީ ގޮތުން ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ އެގޮތް ކަމަށެވެ.

މޫސާ ބަދުރުއްދީނު މިގޮތަށް ވިދާޅުވުމުން އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނު ވިދާޅުވި ކަމަށް ވަނީ ތިމަންނަ ޓެކްސް ނެގުމާއި ބެހޭގޮތުން މިހާރު ގޮތެެއް ނިންމަވައިފީމެވެ. އެއީ ޓެކްސް ނަގާގޮތަށް ހަމަޖެއްސުމެވެ. މިހެން ވިދާޅުވުމުން މޫސާ ބަދުރުއްދީނު ވިދާޅުވީ ތިމަންނަވެސް ގޮތެއް ނިންމަވައިފީމެވެ. އެ ގޮތް އަޑުއައްސަވާށެވެ. އެގޮތަކީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް ނާރާނަމެވެ. އެހެންކަމުން މިއަދުން ފެށިގެން ތިމަންނަ ފަނޑިޔާރުކަމުން އިސްތިއުފާ ދީފީމެވެ.

މޫސާ ބަދުރުއްދީނަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ އިލްމު އުނގެނިވަޑައިގަތީ އޭނާގެ ބޮޑުބޭބެ އަލްފަގީހު މޫސާގެ ދަރިކަލުން އަލްގާޒީ އިބްރާހިމް މަޖުދުއްދީނުގެ އަރިއަހުންނެވެ. އަލްގާޒީ އިބްރާހިމް މަޖުދުއްދީނު ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ކަމުގައި ހުންނެވި ދުވަސްވަރު މުސާ ބަދުރުއްދީނު މާލެ ގެންނަވައި ބަހައްޓަވާފައި ހުރީ ފަނޑިޔާރުގޭގެ ބޮޑު ނާއިބެއްގެ ގޮތުގައެވެ. ދެން އިބްރާހިމް މަޖުދުއްދީނު އަވަހާރަވުމުން މުސްކުޅި ބަންޑާރައިން ފަނޑިޔާރުކަމަށް މުސާ ބަދުރުއްދީނު އައްޔަން ކުރެއްވީ އެވެ.

މޫސާ ބަދުރުއްދީނަށް ފަނޑިޔާރުކަން ލިބިވަޑައިގަތުމުން ވެސް އިބްރާހިމް މަޖުދުއްދީނު ފަނޑިޔާރު ތަކުރުފާނުގެ އަރިއަހުން އިލްމު ހާސިލު ކުރެއްވުމާއެކު ފަނޑިޔާރުގޭގެ ނާއިބު ބޭކަލެއްގެ ގޮތުގައި ހުންނެވި ނާއިބުތުއްތު ދެންވެސް ނާއިބެއްގެ ގޮތުގައި ދެމި ހުންނެވިއެވެ. އެހެންނަމަވެސް މިއަށްފަހު ހުންނެވީ ބޮޑު ނާއިބުގެ މަގާމުގައެވެ. މަޖުދުއްދީނު އަވަހާރަވި އިރު ނާއިބު ތުއްތު ހުންނެވީ ފިގުހު އިލްމާއި ނުޖޫމީ އިލްމަށް ކުރިއަރައި މޮޅުވެފައެވެ. މޫސާ ބަދުރުއްދީނު ފަނޑިޔާރުކަން ދޫކުރައްވައި ރަށަށް ވަޑައިގަތުމުން ތުއްތޫ ވެސް ނާއިބުކަމުން އިސްތިއުފާ ދެއްވައި ސިލޯނަށް ވަޑައިގެން އެތާގައި ހުންނަވައިގެން އިތުރަށް ތައުލީމް ހާސިލް ކުރައްވަން ފެއްޓެވީ އެވެ.

ފިގުހުވެރި އާލިމަކަށް ވުމުގެ އިތުރުން އަލްގާޒީ މޫސާ ބަދުރުއްދީނަކީ ވަރަށް ބޮޑު ވިޔަފާރިވެރިއެކެވެ. އެޒަމާނުގައި ދިވެހިރާއްޖޭގައި ތިބި އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭ ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ. އަމިއްލަ ބޮޑެތި އޮޑިފަހަރު ގެންގުޅުއްވައި ބަންގާޅަށާއި އުތުރު ކަރައަށާއި އޮޅުދޫ ކަރައަށް ވިޔަފާރި ދަތުރު ކުރެއްވިއެވެ. އެދުވަސްވަރު ހުޅުދޫ އާއި މީދޫގެ ވަރަށް ގިނަ ގޭގޭގައި ގެންގުޅުނު ތަށި، ތެލި، ގުޅި، ރުނބާ، ޖާޑީ ފަދަ ތަކެއްޗަކީ މޫސާ ބަދުރުއްދީނުގެ ނަން ކަނޑައިނަގައިގެން ލިޔެވިފައިވާ ތަކެއްޗެވެ. މި ތަކެއްޗަކީ މޫސާ ބަދުރުއްދީނުގެ ޚާއްސަ އޯޑަރަށް ބޭރުން ހައްދައިގެން ގެނެސްފައިވާ ތަކެއްޗެވެ. މިހާރުވެސް މޫސާ ބަދުރުއްދީނުގެ ނަން ލިޔެވިފައިވާ މިފަދަ ތަކެތި ނުވަތަ މިފަދަ ތަކެތީގެ ބައިތައް ފެނެއެވެ.

ދިވެހިރާއްޖޭގައި އެކިއެކި ޒަމާންތަކުގައި އުޅުއްވި ދަންނަ ބޭކަލުން ކީރިތި ގުރުއާނުގެ ބައިތައް ތަރުޖަމާކޮށް ހައްދަވައިފައި ވެއެވެ. އެކަމަކު މުޅި ކީރިތި ގުރުއާން އެއްކޮށް ތަރުޖަމާކޮށް ލިއުއްވިކަން އެނގެން އޮތް އެންމެފުރަތަމަ ބޭފުޅަކީ މޫސާ ބަދުރުއްދީނެވެ. މި ތަރުޖަމާގެ މާގިނަ ކޮޕީތަކެއް ލިޔެވިފައި ނުވިއެއް ކަމަކު މިތަރުޖަމާގެ ކޮޕީއެއް މޫސާ ބަދުރުއްދީނުގެ ދަރިކޮޅުގެ މީހުންގެ މެދުގައި ވާރުތަވަމުން އައިސްފައި ވެއެވެ. އެކަމަކު މިހާރު އެ ކޮޕީ ވީތަނެއް ނޭނގެއެވެ.

ސައުރަވަންނަ ފަރްޟު މިނަން ކިޔުނު ފޮތުގައި ޝައިޚް ހުސައިން ސަލާހުއްދީން ލިޔުއްވައެވެ. މިފޮތަކީ އަހުރެންގެ އުމުރުން 14 އަހަރުގައި އައްޑުއަށް ގޮސް އަހުރެންގެ އެދުރު އަލްއާލިމުލް ފާޟިލް އައްޝައިޚު އިބްރާހީމް އިބްނި ހުސައިނުލް މީދުވިލް އައްޑުވިއްޔި މި ކަލޭގެފާނުގެ ގޭގައި ކިޔަވަންހުރި ދުވަސްވަރުގައި ކިޔަވައި ދެއްވި ފޮތެކެވެ. މިކިޔެވި ފޮތް ލިޔުއްވާފައި ވަނީ އައްޝައިޚް އިބްރާހީމް ތަކުރުފާނުގެ އެއްކިހުނުފަން އަލްއާލިމުލް ފާޟިލް އައްޝައިޚުލް ގާޒީ މޫސާ ބަދުރުއްދީނުލް މީދުވިލް އައްޑުވިއްޔި މިތަކުރުފާނުގެ އަތްޕުޅުންނެވެ. ލިޔުއްވައި ނިންމަވާފައިވަނީ 1291ހ. މިވަނަ އަހަރުގައެވެ.

އަހަރެމެން ކުޑައިރު ދީންވެރިކަން މި މައުޒޫއަށް ޝައިޚް ހުސައިން ސަލާހުއްދީނު ލިއުއްވާފައިވާ ލިޔުއްވުމެއްގައި ވެއެވެ. ގާޒީ މޫސާ ބަދުރުއްދީނުލް އައްޑުވީ މާލޭގެ ފަނޑިޔާރު ކަމުގައި ހުންނަވައި މާލޭގެ މީހުންނާއި ރާއްޖޭގެ މީހުންގެ ދީނުގެ ހާލަށް ވިސްނަވައިފައި އީމާން، އިސްލާމް، އިހުސާން ކަމުގެ ރުކުން އެންމެ ކުރުގޮތަކަށް ކަރުދާސް ކަރުދާހުގައި ލިއުއްވައި ވުޟޫ އާއި ހިނެއިމާއި ނަމާދުގެ ރަކުއަތްތައް ލިއުއްވައި އެތަކެތި އެތަންމިތަނަށް ބައްސަވައި އެންމެން އެތަކެތި ދަސްކުރުމަށް ގަދައަޅުއްވައި އެ މިންވަރު ނުދަންނަ މީހުންނަށް ކައިވެނިކޮށް ނުދެއްވާން އުޅުއްވައި ފަސް ވަގުތުގެ ނަމާދު އެންމެން ކުރާން މާގަދައަކަށް އަމުރު ކުރުއްވައި މިހެން އުޅުއްވިއިރު، ދާންމަތީ ބަބުރު ނަމަކަށް ކިޔުނު މާލޭގެ މީހަކު ވާހަކަ ދެއްކިއެވެ. އާނ އާނ މިއޮތީ އަޖާއިބެކޭ އަހަރެމެންގެ މުހައްމަދު ބަންޑާރައިން މިފަހަރު ފަނޑިޔާރުކަން މިދެއްވީ، އެއޮތް ދުރު އައްޑޫ ކަންކޮޅުގައި ހުންނެވި ދަންނަބެއިކަލަކު ދަމައިގެން ގެންނަވައިފައި އޭނާއަށެވެ. އޭނާ މާލެއެއް މިރާއްޖެއެއް ދެނެއެއް ނުލައްވަތެވެ. އޭނާ ދެނެލައްވަނީ ހަމައެކަނި ދީނެވެ. އެހެންވީމާ ހުރިހާ އެންމެންވީ ދީން ދަސްކުރާށެވެ. ހުރިހާ އެންމެންވީ އަބަދު ނަމާދު ކުރާށެވެ. ބަލަގަ އެކަންކަމަށް އިހުގައި ތިބެނީ ވަކިބަޔެކެވެ. އެއީ ދުއާވެރީންނާއި ދެމިސްކިތު ކިޔެވެނީންނާއި ބޮޑު ކިޔެވެނީންނެވެ. ރަށްރަށުގައި ކަތީބުން މުދިމުންނެވެ. މިހާރު މިފެންނަނީ އެހެންގޮތެކެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!