އައްޝައިޚު އަލްގާޒީ އެޅެގޭ އަލީ ދީދީ

އައްޝައިޚު އަލްގާޒީ އަލީ ދީދީ އަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓުގައި ވާގޮތުން ދިވެހިރާއްޖޭގެ 45 ވަނަ އުއްތަމަފަނޑިޔާރެވެ. އޭނާއަކީ އައްޑުއަތޮޅު މީދޫ ގަނޑުވަރު އައްނާއިބު ހަސަންދީދީގެ ދަރިކަލެކެވެ. މި އަލީ ދީދީ އަށް އައްޑޫ މީދޫ އެޅެގޭ އަލީ ދީދީއޭ ވެސް ކިޔައެވެ. އަދި އަލީ އައްސައްބާރުއޭ ވެސް ކިޔައެވެ.

އަލީ ދީދީގެ ބައްޕަ މީދޫ ގަނޑުވަރު އައްނާއިބު ހަސަންދީދީ އަކީ އަލްގާޒީ މުހައްމަދުލް ކަބީރުގެ ދަރިކޮޅުން ވަޑައިގަތް ބޭފުޅެކެވެ. ހަސަން ދީދީގެ މަންމަ އާއިޝަތު ދީދީ އަކީ އައްސުލްތާނު މުހައްމަދު ގިޔާސުއްދީނުގެ ދަރިކަލުން އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލެކެވެ. އަލީ ދީދީގެ މަންމައަކީ އަލްފަގީހު މޫސާ (މީދޫ އެދުރުތަކުރުފާނު)ގެ ދަރިކަނބަލުން ކައްދާފާނު (ފަހުން ގަނޑުވަރު ހަސަން ދީދީއާ ކައިވެނިކުރުމަށްފަހު ކައްދާ މަނިކުފާނު) އެވެ.

އަލީ ދީދީގެ މަންމަ އެދުރުގޭ ކައްދާފާނަކީ އެދުވަސްވަރު މީދޫގައި ހުންނެވި އެންމެ އިލްމުވެރި، ދީންވެރި، ތޫނުފިލި އަދި ހުނަރުވެރި އަންހެން ބޭކަނބަލެވެ. ތަފާތު އެތައް އިލްމަކަށް އަރައިހުންނެވުމާއެކު މޮޅު މާލިމީއެކެވެ. އަމިއްލަ ނިޔަމިކަމުގެ ދަށުން އޮޑިފަހަރުގައި ބޭރުގެ ކަރަކަރައަށް ދަތުރުކުރައްވައި ހައްދަވައެވެ.

އައްޝައިޚު އަލީ ދީދީ ކިޔަވާ ވިދާޅުވީ އޭނާގެ މައިފުށުގެ ބޮޑުބޭބެ އަލްޤާގާޒީ އިބްރާހިމް މަޖުދުއްދީން ފަނޑިޔާރުތަކުރުފާނު އަރިއަހުންނާއި އޭނާގެ ބައްޕައާ ދެބެއިންގެ ދެދަރި ބޭކަލެއްކަމުގައިވާ އަލްގާޒީ މޫސާ ބަދުރުއްދީން ފަނޑިޔާރުތަކުރުފާނު އަރިއަހުންނެވެ. އައްޝައިޚު އަލީ ދީދީއަކީ ވަރަށް ރަނގަޅަށް އަރަބި ކަލާމާއި ދީނުގެ އިލްމު ދެނެވަޑައިގެންނެވި، ވަރަށް ދީންވެރި ގޮތުގައި އުޅުއްވި މުދާވެރި ބޭފުޅެކެވެ. މުސްކުޅި ވާހަކަތައް މީހުންނަށް ވަރަށް ގިނަގިނައިން ކިޔައިދެއްވައި ވާހަކަ ދެއްކެވުމުގެ ތެރޭގައި މިސާލުތައް ޖައްސަވައި ހެއްދެވި ބޭފުޅެކެވެ.

ފާޒީލަތުއްޝައިޚު ހުސައިން ސަލާހުއްދީން ލިއުއްވާ ގޮތުގައި އެމަނިކުފާނު ކުޑައިރު މިރާއްޖޭގައި ތިއްބެވި ދަންނަބޭކަލުންގެ އަދަދަކީ ހަތަރެކެވެ. އެމަނިކުފާނަށް މިވާހަކަ ކިޔައިދެއްވީ އައްޑޫ މީދޫ އިބްރާހިމް މަޖުދުއްދީން ފަނޑިޔާރުތަކުރުފާނުގެ ފުވައްމުލަކު ބަނޑު އެޅަމަނިކެވެ. އެ ހަތަރު ބެއިކަލުންނަކީ އައްޑޫ މީދޫ އައްޝައިޚު އަލީ ދީދީ އާއި އައްޑޫ މީދޫ އައިސާބީގެދަރު ދޮންބެއްޔާ އާއި ނާއިބުތުއްތު އާއި މިތިންކަލުންގެ އިތުރުން އައްޑޫ ހުޅުދޫ ވާރުގޭ އިބްރާހިމް ދީދީ އާއި ހޯނޑެއްދޫ މޫސާ ތަކުރުފާނާއި ދެކަލުން ވީމައި އެއް ދަންނަބޭކަލަކު ކަމުގައެވެ.

ވާރުގޭ އިބްރާހިމް ދީދީ ދެނެލައްވަނީ އަރަބިބަސްތަކުގެ މާނަކިޔާށެވެ. މޫސާ ތަކުރުފާނުން ދެނެލައްވަނީ ފޮތްފޮތުން ޢަރަބި ކިޔުއްވާށެވެ. تنبيه الغافلين ވަރަށް ކިޔުއްވައެވެ. އިބްރާހިމް ދީދީއަށް މާނަކިއުއްވާން ނޭނގޭ ލަފުޒެއް މީހަކު ކިޔާކަމަކަށް ނުވެއެވެ. ފޮތަކުން އޭނާޔަކަށް ކިޔުއްވޭ ކަމަކަށް ނުވޭމެއެވެ. މިވާހަކައިން ރާއްޖޭގެ އިލްމީ ތަރައްގީ އެޒަމާނުގައި އޮތްގޮތް ކިތަންމެ ރަނގަޅަކަށްވެސް ދައްކައެވެ. އަދި އޭރު ރާއްޖޭގައި ތިއްބެވި އިލްމުވެރީންގެ ތެރެއިން އައްޝައިޚު އަލީ ދީދީއަކީ އެންމެ ފުންނާބުއުސް އެއްބޭފުޅަކު ކަން ވެސް އެނގެއެވެ.

އެދުވަސްވަރު ރާއްޖޭގައި ތިއްބެވީ އެންމެ މޮޅު ތިން އިލްމުވެރީން ކަމަށް ސަލާހުއްދީން އެ ވިދާޅުވާ އަލީ ދީދީ އާއި ދޮންބެއްޔާ އާއި ނާއިބުތުއްތުއާ ތިންކަލުންގެ ވެސް އެންމެ އިސް އުސްތާޒަކީ އަލީ ދީދީގެ ބޮޑުބޭބެ އައްޑޫ މީދޫ އަލްގާޒީ އިބްރާހިމް މަޖުދުއްދީން ފަނޑިޔާރުތަކުރުފާނެވެ. އޭރު ތިއްބެވި އިލްމްވެރީންގެ ތެރޭގައި ހިމެނުނު އައިސާބީގެދަރު ދޮންބެއްޔާއަކީ އަލީ ދީދީގެ ބައްޕައާ ދެބެއިންގެދެދަރި ބޭކަލެކެވެ. އައްޝައިޚު ޢަލީ ދީދީގެ ދަރިވަރުންގެ ތެރޭގައި މީދޫ އެދުރުގޭ ފަޒީލަތުއްޝައިޚު އަހުމަދު ދީދީ އާއި އިސްމާއިލް ބަހާއުއްދީން ފަނޑިޔާރުތަކުރުފާނުގެ ދަރިކަލުން އައްޝައިޚުލް ފަގީހު އިބްރާހިމް އިބްނު ބަހާއުއްދީން (ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކު) ހިމެނެއެވެ.

އެދުރުގޭ އަހުމަދު ދީދީ އަކީ އަލީ ދީދީއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އެހެނީ އޭނާގެ ބައްޕައަކީ އަލީ ދީދީއާ އެއްބަނޑުއެއްބަފާ ބޭބެ އެޅެގޭ މުހައްމަދު ދީދީ އެވެ. ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކުގެ ބައްޕަ އަލްގާޒީ އިސްމާއީލް ބަހާއުއްދީނަކީ ވެސް އަލީ ދީދީއާ ދެބެއިންގެ ދެދަރި ބޭކަލެކެވެ.

އައްޝައިޚު އަލީ ދީދީ ކައިވެނި ބެއްލެވީ އޭނާގެ ބައްޕައާ ދެބެއިންގެދެދަރި ބޭކަލެއް ކަމުގައިވާ އަލްގާޒީ މޫސާ ބަދުރުއްދީން ފަނޑިޔާރުތަކުރުފާނުގެ ދަރިކަނބަލުން ފާތުމާ މަނިކެ އާއެވެ. ކައިވެނިބެއްލެވުމަށްފަހު މި ދެކަނބަލުން ދިރިއުޅުއްވީ ހުޅުދޫ އެޅެހިށިގެ ބިނާކުރައްވައިގެން އެ ގޭގައެވެ. ލިބިވަޑައިގަތީ އެންމެ އަންހެން ދަރިކަނބަލެކެވެ. މަރިޔަމް ދީދީ ނަމަކަށް ކިއުނު މި ދަރިކަނބަލުންނާ ކައިވެނިބެއްލެވީ އިސްމާއީލް ބަހާއުއްދީން ފަނޑިޔާރުތަކުރުފާނުގެ ދަރިކަލުން އައްޝައިހުލް ފަގީހު އިބްރާހިމް އިބްނު ބަހާއުއްދީން (ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކު) އެވެ.

މިއީ ދޮންމަނިކުގެ ފުރަތަމަ ކައިވެންޏެވެ. ދޮންމަނިކު އެޅެހިށިގެއަށް ވަޑައިގަތީ މި މަރިޔަމްދީދީއާ ކައިވެނިބައްލަވައިގެންނެވެ. މި ދެކަނބަލުންނަށް ދަރިއަކު ނުލިބެއެވެ. އައްޝައިޚު އަލީ ދީދީ އަވަހާރަވީފަހުން މި މަރިޔަމް ދީދީ ދޮންމަނިކު ގާތުގައި އިންނަވައި ދޮންމަނިކު އަރިހުގައި މިދީދީގެ މައި ފާތުމާ މަނިކެއާއި ދެމައިން އެކުގައި ހައްޖަށް ވަޑައިގެން މަދީނާގައި ދެމައިންމެ ނިޔައު ވެއްޖެއެވެ. އެއީ 1327ހ ވަނައަހަރު އެވެ.

އައްޝައިޚު އަލީ ދީދީއާ އެއްބަނޑު އެއްބަފާ ބޭފުޅުންނަކީ މީދޫ އެޅެގޭ މުހައްމަދު ދީދީ އާއި އެޅެގޭ އިބްރާހިމް ދީދީ އާއި އެޅެގޭ އަބްދުﷲ ދީދީ އާއި އެޅެގޭ ތުއްތުދީދީއެވެ. އެއްބަފާ ވަކިބަނޑު ބޭފުޅުންނަކީ ކަޅިހާރު އަހުމަދު ދީދީ އާއި ކަޅިހާރު ހުސައިން ދީދީ އާއި ކަޅިހާރު އާމިނަތު ދީދީ އާއި ފިޔޯރީ ދޮންދީދީ އާއި ފިޔޯރީ މަރިޔަމް ދީދީ އާއި ފިޔޯރީ އިސްމާއީލް ދީދީ އާއި ހިތަދޫ ކުއްދީދީއެވެ.

އައްޝައިޚު އަލީ ދީދީއާ އެއްބަނޑު އެއްބަފާ ބޭފުޅުންނާއި އަދި އެއްބަފާ ހުރިހާ ބޭފުޅުންނަކީ ވެސް ތައުލީމީ ގޮތުންނާއި ގަދަރުވެރިކަމުގެ ގޮތުން ނަން ހިނގާފައިވާ މަޝްހޫރު ބޭފުޅުންނެވެ. އަލީ ދީދީގެ ބޭބެ އެޅެގޭ މުހައްމަދު ދީދީއަކީ ވެސް ވަރަށް ދީންވެރި ލަފާދާރުކަން ހުންނަ ތޫނުފިލި ސާހިބެކެވެ. މި ދީދީ ދުނިޔޭގައި ހުންނެވިހައި ދުވަހުގައި މުޅި މީދޫގެ އެންމެބޮޑު ވެރިއަކީ މިދީދީއެވެ. މުޅި މީދޫގައި ތިބިހައި ބޮޑުންނަކީ މިދީދީގެ ގާތްމީހުން ކަމުގައި ވެފައި މިދީދީގެ އަތްމަތި ފަސޭހަވެފައި މީހުންނަށް ހެޔޮވެފައި ދީން ވެރިވެފައި ތޫނުފިލިވީމާ ވާނީ މިހެންނެވެ. ހުކުރު ދުވަހު ހުކުރުކުރާން މިސްކިތުގައި މަލިން ކުނަލުގެ ވާތްފަރާތުން ޖެހިގެން މި ދީދީޔަށްޓަކައި ވަކީން ތުނޑުކުނަލެއް ވެއެވެ. ކަނާތްފަރާތުގައި އޮންނަ ތުނޑުކުނަލަކީ އައިސާބީގެދަރު ދޮންބެއްޔާއަށް ޚާއްސަ ވެގެންވާ ކުނަލެކެވެ.

އަލީ ދީދީގެ އެއްބަޑުއެއްބަފާ ކޮއްކޮއިން ކަމުގައިވާ އެޅެގޭ އައްނާއިބު އިބްރާހިމް ދީދީ އާއި އެޅެގޭ އަލްޚަތީބު އަބްދުﷲ ދީދީ އާއި އެޅެގޭ ތުއްތުދީދީ އަކީ ވެސް ވެރިކަންކުރުމުގެ ގޮތުންނާއި އިލްމީ ގޮތުން އެ ދުވަސްވަރު މީދޫގައި ތިއްބެވި އެންމެ ގަދަރުވެރި ބޭފުޅުންނެވެ. ޝައިޚް އަލީ ދީދީ އަވަހާރަވެ ދިވެހިރާއްޖޭގެ ފަނޑިޔާރުކަމުގެ މަގާމު ހުސްވުމުން އެޅެގޭ އިބްރާހިމް ދީދީ އަށް ފަނޑިޔާރުކަން ކުރެއްވުމަށް މާލެ ވަޑައިގަތުމުގެ ދައުވަތު ލިބިވަޑައިގަތެވެ. ނަމަވެސް އިބްރާހިމް ދީދީ އިޚްތިޔާރު ކުރެއްވީ ފަނޑިޔާރުކަން ކުރައްވަން މާލެ ވަޑައިގަތުމުގެ ބަދަލުގައި އޭނާގެ ރަށުގައި ނާއިބުކަން ކުރެއްވުން މަތީ ދެމިހުންނެވުމަށެވެ.

ފަނޑިޔާރުކަމުގެ މަގާމު ބޭނުންފުޅު ނުވެ އެ ފުރުސަތަށް އެޅެގޭ އިބްރާހިމް ދީދީ ފުރަގަސް ދެއްވުމުގެ މައިގަޑު ސަބަބަކީ އެ ދީދީގެ ބޭބެ ޝައިޚް އަލީ ދީދީއާ ދޭތެރޭ ކަން ހިނގައިދިޔަ ގޮތާއި އެކަމުގައި ސަރުކާރުގެ ދައުރެއް އޮތް ކަމަށް ގަބޫލު ކުރެވުމާއި އަދުލު އިންސާފުގެ މައްޗަށް އަނިޔާވެރިކަމާއި އަމިއްލަ އެދުން އިސްވެގެންވާކަން ވަރަށް ރީއްޗަށް ހާމަވެފައި އޮތުމުންނެވެ. އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ އުސޫލުން ކަންކަން ކުރުމުގެ މިނިވަންކަމާއި އިޚުތިޔާރު ނެތި ގައުމުގެ ފަނޑިޔާރުކަން ކުރުމަށްވުރެ އަތޮޅުތެރޭގެ ރަށެއްގައި ނާއިބުކަން ކުރަން ހުރުންވެސް އެދީދީއަށް ފެނިވަޑައިގަތީ ރަގަޅު ކަމެއްގެ ގޮތުގައެވެ.

އެޅެގޭ އިބްރާހިމް ދީދީ އަކީ މޮޅު ދަންނަބޭކަލަކަށް ވުމުގެ އިތުރުން ވަރަށް ރީއްޗަށް އަތުލިއުން ލިއުއްވި ބޭފުޅެކެވެ. މިހާރުވެސް ކޯގަންނު ގަބުރުސްތާނުގައިވާ ބައެއް މަހާނަ ގާތަކުން އިބްރާހިމް ދީދީގެ އަތު ލިއުއްވުން ފެންނާން އެބަހުއްޓެވެ. މިކަމުންވެސް އިބްރާހިމް ދީދީގެ އިލްމުވެރިކަމާއި ދުނިޔޭގެ ޖާހުގެ އެދުން ކުޑަކަމާއި ވެރިކަމުގެ ފަރާތުން އެދޭހައި އެދުމަކަށް ތަބާވުން ކުޑަކަން ހާމެވެއެވެ. ފަހުން ރަށުގެ ވެރިކަމުގެ ކަންކަން ހިންގަމުން އައީ މި އިބްރާހިމް ދީދީގެ އައުލާދުގެ ބޭފުޅުންނެވެ. އޭގެ ތެރޭގައި ދަރިކަލުން ކަޅު އަބްދުﷲ ދީދީ އާއި ދަރިކަނބަލުން އާމިނަތު ދީދީގެ ފިރިހެން ބޭފުޅުން ކަމުގައިވާ ފެންނާ މަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީ އާއި ދެށިނާގެ އަބްދުﷲ ނާފިޒު ހިމެނިގެންވެއެވެ.

އެޅެގޭ އަބްދުﷲ ދީދީ އަކީ ރަށުގެ ޚަތީބުކަން ކުރެއްވުމުގެ އިތުރުން ވަރަށް މޮޅު ޅެންވެރިއެކެވެ. ރައިވަރު ހެއްދެވުމުގައި އެފަދަ ދެވަނައެއް ނުވާފަދަ ބޭފުޅެކެވެ. އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ކިޔަވައި ވިދާޅުވާން މީދޫގައި ހުންނަވިއިރު ރައިވަރު ހައްދަވާން ދަސްފުޅުކުރެއްވީ އެޅެގޭ އަބްދުﷲ ދީދީ އަރިއަހުންނެވެ. އެޅެގޭ ތުއްތުދީދީ އަކީ މުޅި ދިވެހިރާއްޖޭގެ ދެކުނަށް އެދުވަސްވަރު މަޝްހޫރުވެފައިވާ ބޭސްވެރިއެކެވެ. ބޭސްވެރިކަމުގައި ތުއްތުދީދީގެ ޚާއްސަ ދާއިރާއަކީ ލޮލުގެ ބޭސްވެރިކަމެވެ. މިއަދާއި ހަމައަށް ވެސް ތުއްތުދީދީގެ ދަރިކޮޅުގެ ބޭފުޅުން މީދޫގައި ލޮލުގެ ބޭސްވެރިކަން ކުރައްވަމުން ގެންދަވައެވެ.

ފަޒީލަތުއްޝައިޚު ހުސައިން ސަލާހުއްދީން “ދިވެހީންގެ ވާހަކަ” މިނަމުގައި ލިއުއްވި ފޮތެއްގައި ބަޔާން ކުރައްވާފައިވެއެވެ. (ތިމަން މަނިކުފާނަށް) ބަންޑާރަ ނާއިބުކަން ދެއްވީ އައްސުލްތާނު އަލްހާއްޖު މުހައްމަދު އިމާދުއްދީނު ރަދުން ހައްޖަށް ވަޑައިގަންނަވާން ފުރާވަޑައިގަތް ދުވަހު ދަތުރަށް ހެދުންކޮޅު ލައްވައިގެން އިއްޒަތުގައި އިންނަވައިގެންނެވެ. އެދުވަހަކީ 1318ހ މިވަނަ އަހަރު ރަމަޟާންމަހުގެ 1 ވަނަ ދުވަހެވެ. އެއިރު ފަނޑިޔާރުކަމާއި ހަވާލުވެގެން ތިއްބެވީ އައްޝައިޚު މުހައްމަދު ޖަމާލުއްދީނު ނާއިބު ތުއްތުއާއި އައްޝައިޚު އަލީ ދީީދީލްއައްޑުވީ މި ދީދީ އާއި ދެކަލުންނެވެ.

ރަދުން ފުރާވަޑައިތް ދުވަހުގެ ފަހުރެޔަކު ޝަރީއަތެއް ކޮށެއް ނޫޅެއެވެ. އެއިގެ ފަހުރެއި ފަނޑިޔާރުގެއިން ބަލާ އައިމައި ދިޔައިރު ޝަރީއަތުގެ މަޖިލިސް އޮތީ އެއްވެފައެވެ. އެއީ މުލަކު ނާއިބު މޫސާދީދީ އާއި މާލޭ ނާއިބު މޫސާ ތަކުރުފާނާއި ދެކަލުންގެ މަޖިލިސެވެ. ދެން މި ދެކަލުންނާއެކު އައްޑޫ އަލީ ދީދީގެ އަރިއަހަށް ދިޔައިމާ ވިދާޅުވިޔޭ މިރޭ ޝަރީއަތަށް މީހުން އައިމާ ތުއްތޫގެ އަރިއަހަށް ދޭވާންޏަކު ފޮނުވީމާ ބުނުއްވިޔޭ އަޅުގަނޑަކު ނުދިޔަޔަސް ކުރާންވީ ޝަރީއަތެއް ކުރައްވާށެވެ. މިހާރު އިއްޔެގައި ފަނޑިޔާރުގެއަށް ލެއްވި ފަނޑިޔާރުގޭގެ ކަންތައް ހިންގުމާ ހަވާލުކުރެއްވި ބަންޑާރަނާއިބު ބެއިކަލަކު ވެސް ހުންނަވާނެއެވެ. (ނާއިބުތުއްތު މިގޮތަށް ބުނުއްވުމުން އަލީ ދީދީ އެންގެވީ) މިހެންވީއިރު ތިޔަބެއިކަލުން ޝަރީއަތް ކުރައްވާށެވެ. އަޅުގަނޑަކީ ފަނޑިޔާރުގެ ބެލެހެއްޓުމަށާއި ތިޔަބެއިކަލުން ކުރައްވާ ކަންތައް ބެލެހެއްޓުމަށް ހުރި މީހަކީމެވެ. އަދި ތުއްތު އަންގަވައިފިއްޔާ އެ އެންގެވި ގޮތެއްވެސް ތިޔަބެއިކަލުންނަށް އަންގާނަމެވެ.

ދެން ޝަރީއަތްކުރުމުގެ މަޖިލީހަށް ގޮސް އެ މަޖިލީސްވުމުން ފުރަތަމަޔަށް ދައުވާޔަކާއިގެން ނުކުންނެވީ ހަކުރާގޭ ޅަދީދީ އެވެ. ދައުވާ ލިބޭ މީހަކީ މީނާގެ ފިރި އިހަވަންދޫ ހުސެން މަނިކެވެ. މިރޭގެ ދައުވާއަކީ މަސްވަޅީގެ މުއްގަނޑުން އަޅުގަނޑަށް ހާނިއްކަޔެއް ކޮށްފިޔޭ ކިޔައިގެން ފެށި ދައުވާއެކެވެ. އަޅުގަނޑުގެ އުމުރުން އޭރު ޅަކަމާއި މިކަހަލަ ވާހަކަ އިވުން މަދުކަމުން އެކިޔާ ނުކިޔާ އެއްޗެއް އެރެޔަކު ރަނގަޅަކަށް އޮޅުމެއް ނުފިލިއެވެ. މިޔަށްފަހު އެއްވަނައަށްވީ ރެއި އިރުއެރިއިރު ނާއިބުތުއްތޫ މާލެއިން ފުރުއްވައިގެން އުތުރަށް ދުރުވެއްޖެއެވެ. މިއިރަކު އަދި ހަކުރާގޭ ޅަދީދީގެ ޝަރީއަތް ނިންމޭނޭ ގޮތެއް ނުފެނެއެވެ. އެ ޝަރީއަތެއް ނޯންނަ ހަމައެއްރޭވެސް ނުމެދޭމެއެވެ.

މިޔަށްފަހު ދެތިން ރެޔަކުން މި ޝަރީއަތް ނިމިއްޖެއެވެ. ނިމުނުއިރު ދެމީހުންމެވީ ވަރަށް ތަޅާށެވެ. ދެން ތަޅާފައި ސުލްހަކޮށްފައި ފަނޑިޔާރުގެއިން ބޭރުކޮށްފޫއެވެ. މިޔަށްފަހު ދެތިން ހަތަރު މަސްވީއިރުވެސް ކޮންމެމަހަކު އެއްފަހަރު އެ ދެމީހުންގެ ޝަރީއަތެއް ފަނޑިޔާރުގެއަށް އާދެއެވެ. އަށެއްކަ ދުވަހުން ނޫނީ އެކަމެއް ނުނިމޭނެއެވެ. ފަސްވަނަ މަހުގެ މި ޝަރީއަތް ފެށިތަނާ އައްޝައިޚު އަލީ ދީދީ ފަނޑިޔާރުގޭ ދޮރުއަށީން ނުކުމެވަޑައިގެންފައި ބޮޑުއަށިގެއާއި ދިމާޔަށް އެނބުރިވަޑައިގެންފައި ވިދާޅުވެއްޖެޔޭ މިވީ ދުވަސްތަކުގެ ތެރޭގައި ތިޔަބޭކަލުން ކުރައްވާ ޝަރީއަތްތަކަކާ އަޅުގަނޑު އެއްޗެއް ބުނާކަށް ނުޖެހެއެވެ. މިއަދު މިނުކުތީ އެއްޗެއް ބުނާންކަމަށެވެ. މި ހަކުރާގޭ ޅަދީދީގެ ދެމަފިރީން ޝަރީއަތަށް އަތުވެއްޖެއްޔާ ކޮންމެދުވަހަކުވެސް އިހަށް ވާހަކަދެއްކުމުގެ ކުރީގައި ޝަރީއަތަށް އައީކަން އެނގުނީމާ ފަސްފަހަރުން ފިސާރިބާރަށް ތައުޒީރު ކުރައްވާށެވެ. އޭގެފަހުގައި ޚުސޫމަތު ފައިސަލާ ކުރައްވާން އުޅުއްވާށެވެ. ދެން މިދުވަހު މިގޮތަށް މިކަންތައް ހިންގައިފޫއެވެ. ޝަރީއަތްވެސް އެދުވަހުވީ ނިމިއްޖެކަމަށެވެ.

ދެން މީގެފަހަކު އެ ދެމީހުންނަކު ޝަރީއަތަކަށް ނާދެއެވެ. ޚަބަރު ބެލިއިރުވީ ވަރިވެ ދުރުވެ ނިމިއްޖެ ކަމަށެވެ. މިހެންވީމާ އަލީ ދީދީ އެކުރެއްވި އަމުރުވެސްވީ ވަރަށް ރަނގަޅު އަމުރެއް ކަމުގައެވެ. އޭގެ ދެމަފިރީންނަށް ވީގޮތަކީ މަހަކު އެއްފަހަރު އެގޮތަށް އައިސް ފަނޑިޔާރުގޭދޮށުގައި އަރާރުން ނުވެވުނިއްޔާ އިނދެގެން އުޅުމުގެ ލުތުފު ޒިންދަގާނީ ހާސިލުނުވާ ކަމުގައި ވީއެވެ.

މަތީގައި އެވާ ލިއުއްވުމުން ހުސައިން ސަލާހުއްދީން ފަނޑިޔާރުގެއާ ފުރަތަމަ ގުޅިވަޑައިގަތްއިރު ފަނޑިޔާރުގެ ހިންގެވުމާ ހަވާލުވެވަޑައިގެން ތިއްބެވީ އައްޝައިޚު އަލީ ދީދީ އާއި ނާއިބުތުއްތުއާ ދެކަލުންކަން އެނގެއެވެ. އެހެންވީމާ އޭރު ވަކިބޭފުޅަކީ އުއްތަމަފަނޑިޔާރެއް ނޫންކަންވެސް އެނގެއެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ކުރީން ނާއިބުތުއްތު ވަނީ ރާއްޖޭގެ 44 ވަނަ އުއްތަމަފަނޑިޔާރުގެ ގޮތުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައެވެ. އަހަރެއްހާ ދުވަހު އެމަގާމުގައި ހުންނަވާފައި އިސްތިއުފާ ދެއްވީ ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާ ދެމެދު ކުރެވުނު ހިމާޔަތުގެ އެއްބަސްވުމާ ތުއްތޫ ރުހިނުލެއްވުމުންނެވެ.

ހުސައިން ސަލާހުއްދީން ލިއުއްވާފައިވާ ފަދައިން ނާއިބުތުއްތު މަޤާމުގެ މަސްއޫލިއްޔަތު ދޫކުރެއްވުމަށްފަހު ރާއްޖޭގެ އުތުރަށް ފުރުއްވުމުން ރާއްޖޭގެ ފަނޑިޔާރުގެ ހިންގަވާން ހުންނެވި އައްޝައިޚު އަލީ ދީދީ ރާއްޖޭގެ އުއްތަމަފަނޑިޔާރަކަށް ހަމަޖެހިގެން ދިޔައީކަން އެނގެއެވެ. އަދި އޭގެ ދުވަސްތަކެއް ފަހުން އަލީ ދީދީގެ ފަނޑިޔާރުކަމުގައި ނާއިބުތުއްތު ފަނޑިޔާރުގޭ ނާއިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވިކަންވެސް ތާރީޚުން އެނގެއެވެ. ބައެއް ލިއުންތަކުގައިވާ ގޮތުން ހަޖީ އިމާދުއްދީނު ރަދުން ދީނާއި ދުނިޔޭގެ ހަމަތަކުން އަޒުލުނުކޮށް ޝަމްސުއްދީނު ރަދުންނަށް ރަސްކަން ބަދަލުކުރުމަކީ ހުއްދަކުރެވޭނެކަމެއް ނޫންކަމަށް ނާއިބުތުއްތު ފަތުވާ ނެރުއްވި އިރު ރާއްޖޭގެ ފަނޑިޔާރުކަމުގައި ހުންނެވީ އައްޝައިޚު އަލީ ދީދީއެވެ.

އަލީ ދީދީ އަވަހާރަވީ 1321ހ ވަނައަހަރު އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ދެވަނައިގެ ރަސްކަން ފެށުނުތަނާއެވެ. ބުނެވޭގޮތުގައި ރަސްކަން ބަދަލުވުމުގައި އަލީ ދީދީގެ ވެސް ރައުޔަކީ ނާއިބުތުއްތޫގެ ރައުޔެވެ. އެހެންކަމުން އަލީ ދީދީގެ ކިބައިން ފަނޑިޔާރުކަން ވަކިކުރެވި އަދި އޭގެފަހުން ތިންހަތަރު ދުވަހެއްގެ ތެރޭގައި އަލީ ދީދީ އަވަހާރަވެއްޖެއެވެ. ނާއިބުތުއްތު މާއެނބޫދޫއަށް އަރުވާލެވުނީއެވެ. އަލީ ދީދީގެ އަވަހާރަވުން ނުވަތަ އަވަހާރަކޮށްލުމުގައި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި އެކިލެގެފާނުގެ ދަރިކަލުން އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނާއި ސައްޔިދު ކިލެގެފާނު (ކުރިން ޚަތީބު ސީދީ) ގެ ދައުރެއް އޮތް ކަމަށް ތާރީޚު ދިރާސާ ކުރާ ވަރަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އަލީ ދީދީ އަވަހާރަވުމުން ވަޅުލެވިފައިވަނީ މާލޭ ހުކުރުމިސްކިތު ގަބުރުސްތާނުގައެވެ. ނަމަވެސް 1980 އިގެ އަހަރުތަކުގެ ކުރީކޮޅު ހުރަވީބިލްޑިން އިމާރާތްކުރެވި އެބިލްޑިންއާއި ހުކުރުމިސްކިތާ ދެމެދު މަގެއް ހެދުމަށްޓަކައި އެތާނގައި ހުރި މަހާނަގާތައް ނެގިއިރު އަލީ ދީދީގެ މަހާނަގާ ވެސްވަނީ ނެގިފައެވެ. އެތަނުން ނެގުނު މަހާނަގާތައް ދާރުލްއާސާރުގެ ގޯތިތެރޭގައި ދުވަސްތަކެއް ވާންދެން ބެހެއްޓިއެވެ. މީހާރު އެގާތައް ވީތަނެއް ނޭނގެއެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!