މީދޫ ކޯގަންނު ގަބުރުސްތާނު

ތައާރަފު
މީދޫ ކޯގަންނު ގަބުރުސްތާނަކީ އައްޑު އަތޮޅު މީދޫ ގައި ފުރަތަމަ އިސްލާމްދީން ޤަބޫލްކޮށްގެން ތިބި މުސްލިމުން މަރުވުމުން އެމީހުން ވަޅުލުމަށް ޚާއްސަކުރެވިގެން އުފެދުނު ތަނެކެވެ. އެއީ މީގެ 900 އަހަރު ކުރިން ކަމަށް ގަބޫލް ކުރެވެއެވެ. ކޯގަންނު ގަބުރުސްތާނު އޮތީ މީދޫގެ އުތުރު ބިތުގައެވެ.

ބޯދާ ޒަމާނުގައި އެއީ ކޮންމެވެސް ވަރަކަށް ރަށާއި ވަކިން އޮންނަ ސަރަހައްދެއް ކަމަށް ބެލެވެއެވެ. މި ސަރަހައްދުގެ އުތުރު ފަރާތުގައި ވަނީ މޫދެވެ. ދެކުނާއި އިރުމަތީ ފަރާތުގައި ވަނީ ޗަސް ބިމެވެ. ހުޅަނގު ފަރާތުގައި އޮތީ މާކަންމަތީގެ ނަން ދެވިފައިވާ ކުރީގެ ކަށްބިމެކެވެ. މިސިފައަށް މިތަން އޮތަސް މިއަދު އެހިސާބަށް ޒިޔާރަތް ކުރާ މީހަކަށް އެއީ އިހު ވަކި ރަށެއް ނުވަތަ ވަކި ސަރަހައްދެއްކަމަށް ގަބޫލުކުރަން ފަސޭހައެއް ނުވާނެއެވެ.

ކޯގަންނަކީ ބުނެވޭ ގޮތުގައި މީދޫ އިސްލާމްވުމުގެ ކުރިން ބުދު ދީނުގެ މީހުން މަރުވުމުން އެމީހުންގެ ހަށިތައް އެންދުމަށް ބޭނުންކުރި ވަކި ރަށެކެވެ. އޭރު މީދޫ މީހުން ދިރިއުޅުނީ ރަށުގެ އެންމެ އިރުމަތީ ފަރާތުން ވޭރާނޑު ނުވަތަ ވޭރުގަނޑު ސަރަހައްދުގައެވެ. އިސްލާމް ވުމަށް ފަހު އެސަރަހައްދު ދޫކޮށް ރަށުގެ އުތުރު ފަރާތާއި މެދުތެރެއަށް އެމީހުން ބަދަލުވެ ޖެހިގެން އޮތް ކޯގަންނު އިސްލާމުންގެ ގަބުރުސްތާނަކަށް ބަދަލުކޮށް އެތާގައި މީހުން ވަޅުލާން ފެށީއެވެ.

ކޯގަންނަކީ އެއްވެސް ޝައްކެއްނެތި ރާއްޖޭގައިވާ އެންމެ ގަދީމީ އިސްލާމީ ގަބުރުސްތާނެވެ. އެތަނަކީ މިއަދު ހިމާޔަތްކުރެވިފައިވާ ގައުމީ އާސާރެކެވެ. އެތަން އާސާރަކަށްވަނީ ކޮންމެހެން ގަބުރުސްތާނަކަށް ވެގެނެއް ނޫނެވެ. ހިރިގަލުގެ މަސައްކަތާއި ބިސްތާނުތަކުގެ ޑިޒައިނާއި މިސްކިތްތަކުގެ އަދަދާއި އެތަންތަނުގެ ތާރީޚު އަދި އައްޑު އަތޮޅާއި ރާއްޖޭގެ ދެކުނުގެ ރަށްތައް އިސްލާމް ދީނަށް އެނބުރުމުގެ ސަބަބުކަމަށް މެދުވެރިވި ބޭކަލަކުގެ ޒިޔާރަތް އެތަނުގައި ހުރުމަކީ ކޯގަންނުގެ މުހިއްމުކަން ބޮޑުވެގެންދާ ސަބަބުތަކެވެ. މިދެންނެވި ޒިޔާރަތަށް ކިޔަނީ މެދުޒިޔާރަތެވެ. މާލޭގައި ހުންނަ ބަރުބަރީގެ މަގުބަރާއަށް މެދު ޒިޔާރަތް ކިޔާފަދައިން ކޯގަންނުގައި ހުންނަ ޔޫސުފް ނާއިބުގެ މަގްބަރާއަށް ވެސް ކިޔަނީ މެދު ޒިޔާރަތެވެ.

ކޯގަންނު މެދުޒިޔާރަތުގައި ފަސްދާނު ލެވިފައިވަނީ ސުލެއިމާނު ޤާދިރު ކަލޭގެފާނުގެ ފުތް ޞޫރަތު ޤާދިރު ކަލޭގެފާނުގެ ފުތް ޢީސާ ޤާދިރު ކަލޭގެފާނުގެ ފުތް ފަޤީހު ވަރައުއްޒާހިދު އައްޝައިޚުލް ޢާލިމް ޔޫސުފް ނުވަތަ ޔޫސުފް ނާއިބް އެވެ. މި ބެއިކަލަކު އައްޑު އަތޮޅު މީދޫ އަށް ވަޑައިގެންނެވިއިރުވެސް އެރަށުގައި އިންސާނުން ދިރި އުޅޭތާ 2000 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ. މި ބެއިކަލަކުގެ އަތްޕުޅު މައްޗަށް އެރަށުގެ މީސްތަކުން މާތްﷲ އަށް އީމާންވެ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމް ޤަބޫލް ކުރިއެވެ. އެރަށުގައި އެންމެފުރަތަމަ މިސްކިތެއް ބިނާކޮށްދެއްވީ ވެސް މި ޔޫސުފް ނާއިބެވެ.

އައްޑުއަތޮޅާއި ފުވައްމުލައް އިސްލާމް ވުމާ ބެހޭ ގޮތުން ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އަލްއިޞްލާޙު ނޫހުގައި ގައި ލިޔުއްވާފައި ވަނީ އައްޑޫ އަތޮޅު މީހުން އިސްލާމްވީ މާލެ އިސްލާމްވުމާއި ދާދި ގާތުގައި އެ އަތޮޅަށް ފިލައެއްގެ މަތީގައި ލެއްގި ބެއިކަލަކުގެ އަތްޕުޅު މައްޗަށް ކަމަށް އެ އަތޮޅުގެ މީހުން އިހު ޒަމާނުއްސުރެ ތަވާތުރު ގޮތް މަތީން ވާހަކަ ދައްކާ ކަމަށެވެ. އެބެއިކަލަކުގެ ނަމަކީ ޔޫސުފް ނާއިބު ކަލޭގެފާނެވެ. އެ ބެއިކަލަކުގެ ނަސަބާއި ޙަސަބު ވެސް އެރަށު މީހުން ކިޔައި އުޅެތެވެ. މި ޔޫސުފް ނާއިބް ކަލޭގެ ފާނު ފަސްދާނު ލެވިގެންވަނީ އައްޑޫމީދޫ ކޯގަންނު މެދުޒިޔާރަތުގައެވެ.

ރާއްޖޭގައި ހުރި އެންމެ ބޮޑު ދެ މަހާނަ ގަލާއި، ރާއްޖޭގައި ހުރި އެންމެ އެންމެ އެވޭލާ ސްޓައިލްގެ މަހާނަ ގާތަކާއި ޤަދީމީ ޒަމާނުގެ ކުރެހުން ތަކާއި ލިޔުންތައް ކޯގަންނު ގަބުރުސްތާނުން މިހާރުވެސް ފެންނަން އެބަހުއްޓެވެ. މި ގަބުރުސްތާނަކީ ރާއްޖޭގެ ގަދީމީ ގަބުރުސްތާނު ތަކުގެ ތެރެއިން އެންމެ ބޮޑު ގަބުރުސްތާނެކެވެ. ކުރީ ޒަމާނުގައި ކޯގަންނު ގަބުރުސްތާނުގައި 7 މިސްކިތާއި 3 ވެޔޮ އަދި ހިރިގަލުގެ މިންބަރެއް ހުއްޓެވެ.

ފާރު
އެންމެ ފުރަތަމަ ކޯގަންނު ގަބުރުސްތާނުގައި މީހުން ވަޅުލާންފެށިއިރު އެތާގެ ވަށައިގެން ފާރެއް ނެތެވެ. ކޯގަންނުގައި އެންމެ ފުރަތަމަ ފާރެއް ރާނާފައި ވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ތެރޭގައެވެ. އެފާރު ވީރާނާވެ ހަލާކުވުމުން މިހާރު ހުރި ފާރު ރާނާފައިވަނީ ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީމަރުކަޒުން ޚަރަދު ކޮށްގެންނެވެ. ކޯގަންނު ވަށައިގެން ރާނާފައިވަނީ ގާތްގަނޑަކަށް 1311 ފޫޓު ދިގުމިނުގައި ހަތަރު ފޫޓު އުސް ފާރެކެވެ.

ބޮޑު ވަޅު
ކޯގަންނު ގަބުރުސްތާނުގައި މިހާރު ހުރި ވަޅަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރު އިނގިރޭސިން މީދޫ އުތުރު ފަރާތުން ހުދުވެލިގަނޑު ފަންނާއި ދިމާލުގައި ބަހައްޓާފައި ހުރި ވަޅެކެވެ. އިނގިރޭސިން ފޭބުމުން އޭރު މީދޫ ކަތީބަކަށް ހުރި ދެށިނާގެ އިބްރާހިމް ދީދީ ރައްޔިތުން ގޮވައިގެން ނުކުމެ އެވަޅު ލުއްސާލައިގެން ގޮސް ކޯގަންނު ފަނޑިޔާރު މިސްކިތުގެ ވެޔޮ ހުރިތާގައި އެވަޅު ބެހެއްޓީއެވެ. މިވަޅަކީ ކޮންކްރީޓް ސިމެންތިން ހަދާފައިހުރި ވަޅެކެވެ.

ކޯގަންނު މިސްކިތުގެ ވަޅު
ކޯގަންނު މިސްކިތުގެ ވަޅު ނުވަތަ މެދު ޒިޔާރަތު ވަޅަކީ ވަރަށް ކުރީ ޒަމާނުގައި ބަހައްޓާފައި ހުރި ހިރިގަލުގެ ވަޅެކެވެ. މިވަޅުގެ ފެނަކީ ވަރަށް މީރު ފެނެއްކަމަށާއި މި ވަޅުގެ 4 ކަނުގެ ފެނުގެ ރަހަ ތަފާތު ކަމަށް ބައެއް މީހުން ބުނެ އުޅެއެވެ.

މިސްކިތްތައް
ބޯދާ ޒަމާނުގައި ކޯގަންނު ގަބުރުސްތާނުގައި 7 މިސްކިތް ހުއްޓެވެ. އެ މިސްކިތް ތަކަކީ ކޯގަންނު މިސްކިތާއި ބޯދާ މިސްކިތާއި ރާވެރީން މިސްކިތާއި އަތަރާ މިސްކިތާއި ކިލެގެ މިސްކިތާއި ދެށިނާ މިސްކިތާއި ފަނޑިޔާރު މިސްކިތެވެ. މިހާރު ނެތިގެންގޮސްފައިވާ މިސްކިތް ތަކަކީ ރާވެރީން މިސްކިތާއި ކިލެގެ މިސްކިތާއި ދެށިނާ މިސްކިތެވެ. ބޯދާ މިސްކިތަކީ ކަޅިހާރި މިސްކިތް ކަމުގައި ބުނެވެއެވެ.

ކޯގަންނު މިސްކިތް
ބޯދާ ޒަމާނުން ފެށިގެން ކޯގަންނު މިސްކިތުގެ ރުއްބަހަނީ ފަސް ފުރާޅަށެވެ. އެގޮތުން ދެކުނު ފުރާޅު ކަޅު ކަމަނާރާއި އަބޫގެ ދޮން ޙައްވާގެ ދަރީންނަށެވެ. އުތުރު ފުރާޅު ދޮރުތީބީގެ އަށާއި މާވަގެދަރަށެވެ. ހުޅަނގު ފުރާޅު އުހުނިއަރަށެވެ. އިރު ފުރާޅު ކެއުޅާރާއި ކަޅިހާރާއި ދެމީހުންނަށެވެ. އުތުރު ފުރާޅު ހެނެއިކަމަނާރަށެވެ.

މި މިސްކިތުގެ ދޮރުތަކާއި ދޮރުއަށިތައް މަހްމޫދު ނާއިބު ކަލޭގެ ފާނަށެވެ. މި މަހްމޫދު ނާއިބުކަލޭގެފާނުގެ ބައި ބަހަނީ ހެނެއި ކަމަނާރުގެ ދަރީންނަށާއި ކެއުޅާރާއި ކަޅިހާރަށެވެ. އުތުރު އަށި މާވަގެ ދަރަށެވެ. ދެކުނު އަށި އަބޫގެ ދޮން ޙައްވާގެ ދަރީންނަށެވެ.

ކޯގަންނު މިސްކިތް

ބޯދާ މިސްކިތް
ބޯދާ މިސްކިތުގެ ހުޅަނގު ފުރާޅު އުހުނިއަރަށެވެ. ދެކުނު ފުރާޅު ރަންފުތު ފަނޑިޔާރުކަލޭގެ ފާނުގެ މަންމަ ދޮން މަރިޔާގެއަށެވެ. އިރު ފުރާޅު ކަޅިހާރާއި ކެއުޅާރާއި ދެމީހުންނަށެވެ. އުތުރުފުރާޅު ހެނެއިކަމަނާރަށެވެ. އިރުފުރާޅާއި ދޮރުއަށި ދޮންމަރިޔަމްބޫގެ ދޮން ޢަލީކަލޭގެއަށެވެ. އަނެއް އަށި މުލަކު ޚަޠީބު ކަލޭގެއަށެވެ.

އަތަރާ މިސްކިތް
އަތަރާ މިސްކިތަކީ އައްޑޫ މީދޫ ކޯގަންނު އުތުރު ފަރާތުގައި ހުރި މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައި މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެއްވީ ސ. މީދޫ ފަންނިޔަރު ދޮން ޢީސާކިލެގެފާނާއި މާވަޑިތަކުރުފާނާ ދެކަލުންނެވެ.

ދޮން އީސާކަލޭގެފާނާއި މާވަޑިތަކުރުފާނާއި ދެ ބޭކަލުން އަތާރާ މިސްކިތް ބިނާކުރުމަށްފަހު ގަސްތުކުރެއްވީ މިސްކިތް ބަލަހައްޓަން ފަސޭހަކަމާއެކު ގިނަދުވަހު ދެމިހުރުމަކަށް، މި މިސްކިތް ބާރަ ބަޔަށް ބަހައިގެން މިސްކިތް ބެލެހެއްޓުމަށެވެ. އެ ގޮތުން ފަންގެ ޖަހައި ހިޔާ ކުރުމަށް ފަހު ދޮން އީސާކިލެގެފާނާއި މާވަޑިތަކުރުފާނާ ދެކަލުން، ކޮންމެ މީހަކަށް 2 ބައެވެ. އަދި އެއިން ކޮންމެ މީހަކަށް ބައެކެވެ.

މި ބާރަބައި ހަމަޖެއްސަވައި ނިންމެވިގޮތަކީ، މުޙައްރަމް މަސް ފަންނިއަރު ދޮންއީސާ ކަލޭގެފާނަށެވެ. ޞަފަރުމަސް މަރިޔަމްބީފާނު އަށެވެ. ރަބީޢުލްއައްވަލް މަސް މާވަޑިތަކުރުފާނަށެވެ. ރަބީޢުލްއާޚިރު މަސް ދޮންބީގެ މުޙައްމަދު ޚަޠީބު ތަކުރުފާނަށެވެ. ޖިމާދުލްއައްވަލް މަސް ދޮން އައިސާބީގެ ޚަޠީބު އަލީތަކުރުފާނަށެވެ. ޖިމާދުލްއާޚިރާ މަސް ދޮންތަކުފާނަށެވެ. ރަޖަބު މަސް ސަންފާބީގެ އަލީތަކުރުފާނަށެވެ. ޝައުބާން މަސް މުލަކު ޚަޠީބު ކަލޭގެފާނަށެވެ. ރަމަޟާން މަސް އަލީ ފަނޑިޔަތް ތަކުރުފާނަށެވެ. ޝައްވާލުމަސް އަބޫބަކުރު ޚަޠީބުތަކުރުފާނަށެވެ. ޒުލްޤައިދާމަސް މުކުރި ކަލޭގެފާނަށެވެ. ޒުލްހިއްޖާ މަސް ކުޑައިބީފާނަށެވެ.

އަތަރާ މިސްކިތް

ކިލެގެ މިސްކިތް
ކިލެގެ މިސްކިތަކީ އީސާ ހެމަތާރިކަލޭގެ އާއި އަޑަފިކަލޭގެ އާއި ދެމީހުން އެރުވި މިސްކިތެކެވެ. މި މިސްކިތުގެ ތަކެތި ބަހަނީ ހަތަރު ބަޔަށެވެ. އެއީ އީސާ ހެމަތާރިކަލޯ އަށް ދެ ބައި، އަޑަފިކަލޭގެ އަށް ދެބައި މިއެވެ.

އަޑަފިކަލޭގެޔަށްވީ ދެ ބައިން އެއްބައި ފަނޑިޔައް ކަލޭގެއަށެވެ. އަނެއްބައި ކުޑަރަނަހަމާދިތަކުރަށެވެ. މި އީސާ ހެމަތާރިކަލޯ އަށްވި ދެ ބައިން އެއް ބައި ވައްލިއަރި މުރާދަކަލޭގެއަށެވެ. އަނެއްބައި ވައްލިއަރު ދޮންބުބޫ އަށެވެ.

މި އީސާ ހެމަތާރި ކަލޭގެ އަށް އުފަންދަރިއެއްނެތެވެ. މި ކަލޭގެ ހެއި ބުއްދި ހަމަވެ ތަސައްރަފު ފުދޭ ހެޔޮ ހާލުގައި ހުރެ ބުނިބަހީ ތިމަންނައަށް މި މިސްކިތުންވީބައި ވަޅާއި އެނޫނަސް ތިމަންނައަށް މިލްކުވެގެންވީ ކޮންމެ އެއްޗެއް މުރާދުކަލޭގެއާއި ދޮންބުބޫ ދެމީހުންނަށް ދީފީމުއެވެ.

ދެށެނާ މިސްކިތް
ދެށެނާމިސްކިތަކީ އާމިނާބީގެ ދެށެމިނާތަކުރުފާނު އެރުވި މިސްކިތެކެވެ. މި މިސްކިތުގެ މޫލަވެރިންނަކީ މިތަކުރުފާނުންގެ ދަރިކޮޅުމީހުންނެވެ. މި މިސްކިތުގެ ވެސް ބައިދީފައި އޮތީ ބާރަ ބަޔަށެވެ.

ފަނޑިޔާރު މިސްކިތް
ފަނޑިޔާރު މިސްކިތް ބިނާކުރެއްވީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން (އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު) އާއި އެތަކުރުފާނުގެ މީދޫ ބަނޑު ތިން ފިރިހެން ބޭފުޅުންނެވެ. މީދޫ ބަނޑު ބޭފުޅުންނަކީ އަލް އައްލާމާ އަހުމަދު ޝިހާބުއްދީނާއި އަލްހާފިޒާ ބޮޑު ފާތިމާ ފާނާއި އައްނާއިބު އިބްރާހިމް ފަޑިއްތަކުރުފާނާއި އަލްޤާޟީ ޙުސެން ޤުޠުބުއްދީން އެވެ. މިބޭފުޅުންގެ މަންމައަކީ ކަޅިހާރު ދޮންސީދިކަލޭގެ ދި ބޮޑު ދޮންދަލިކާ ކާލެނގެއެވެ. ދޮންސީދިކަލޭގެ އަކީ ދޮން ހަސަން ނާއިބެވެ.

ފަނޑިޔާރު މިސްކިތުގެ ހުޅަނގު ފުރާޅު އައްނާއިބު އިބްރާހިމް ފަނޑިޔައްތަކުރުފާނަށެވެ. ދެކުނުފުރާޅު ބޮޑުއަހްމަދު ނާއިބު ތަކުރުފާނަށެވެ. އިރުފުރާޅު ބޮޑު ފާތުމާފާނަށެވެ. އުތުރު ފުރާޅު ޙުސެން ފަނޑިޔާރު ތަކުރުފާނަށެވެ.

ތިން އަށި ނިއުފަން ތިން ދަރިކަލުންނަށެވެ. އެތިން ދަރިކަލުންނީ ދޮންބުއި ނާއިބު ކަލޭގެފާނާއި ދޮން ޢީސާ ނާއިބު ކަލޭގެ ފާނާއި ދޮން ކަދީދާ ބޫ އެވެ.

ފަނޑިޔާރު މިސްކިތް

ރާވެރީން މިސްކިތް
ރާވެރީން މިސްކިތުގެ ބާރަ ބައި ދަންނައެވެ. ރަމަޟާން މަސް ކައްޓިޔަރި ދޮންމޫސާ ކަލޯއަށެވެ. ޝައްވާލު މަސް މީދޫ އީސާކަލޯއަށެވެ. މިކަލޯގެ ދަރިންނީ ބިއްދަރިގޭ ކޮއްޔާކަލޯ އާއި  އެޅެދިޔަ އައިސާއެވެ. ޛުލްޤައިދާމަސް ދޯބޮރާގެ މާލިމީއަށެވެ. ޛުލްޙިއްޖާމަސް މާކޮޑައު( މާކޮޑާ) އަދެއްލަ ކަލޭގެއަށެވެ. މާކޮޑައު އަދެއްލަކަލޯގެ ދަރިންނީ ފައިވަޅު މުހައްމަދުގެ ދަރީންނެވެ. މިއީ އަބޮކޮރާގެ ދަރީންނެވެ. އަބޮކޮރާގެ ދަރިންނަކީ އަބޮކޮރާގެ ކައިދަގެ ހުސެންކަލޭގެ ދަރި އެދުރުއަލި ކަލޭގެ ދަރި ދޮހޮވާގެ ހަސަނާއެވެ. މީނާގެ ދަރި އިހުބުނި މީދޫ އީސާކަލޯއެވެ.

ވެޔޮ
ބޯދާ ޒަމާނުގައި ކޯގަންނުގައި ހުރީ ކިތެއް ވެޔޮ ކަމެއް ކަނޑައެޅިގެން ދަންނަވަން ނޭގުނުކަމުގައި ވިޔަސް ދެވަނަ ބޮނޑު ހަނގުރާމައިގެ ދުވަސް ވަރާއި ހަމައަށް ބޮޑު ތިން ވެޔޮ ހުއްޓެވެ. އެއީ ފަނޑިޔާރު މިސްކިތުގެ ވެވާއި އާއި އަތަރާ މިސްކިތާއި ދެށެމިނާ މިސްކިތަށް ބޭނުން ކުރި ވެވާއި ކޯގަންނު މިސްކިތުގެ ވެވެއެވެ.

މިންބަރު
ފަނޑިޔާރު މިސްކިތުގެ ދެކުނު ފަރާތުގައި ހުރި ހިރިގަލުގެ މިންބަރަކީ ކޮންޒަމާނެއްގައި ބަހައްޓަފައި ހުރި މިންބަރެއްކަން ނޭގުނު ކަމުގައި ވިޔަސް އެ މިންބަރުގެ ދެކުނު ފަރާތު ތިރީގައި ތާރީޚެއް ޖަހާފައިވެއެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކާއި ހަމައަށް ވެސް އެ ތާރީޚް ރީއްޗަށް ކިޔަން އެނގެއެވެ. އެއިގެ ފަހުން 1990އިގެ އަހަރުތަކުގައި މި މިންބަރުގައި ބަޔަކު އެއްވެސް ދިރާސާއެއް ވިސްނުމެއް ނެތި ތަށިމުށިތަކެއް ޖެއްސެވެ. އެ ތަށިމުށީގެ ސަބަބުން މިންބަރުގެ އާސާރީ ހައިބަތާއި ހިރިގަލުގެ ޑިޒައިނަށް ގެއްލުންވާކަމަށް ފެނިގެން މާގިނަ ދުވަސްތަކެއް ނުވަނީސް އެތަށިމުށިތައް ތަޅައި ސާފުކުރިއެވެ. އެ ސާފުކުރުމެއް ނިމުނުއިރު އެއްކަލަ ތާރީޚު އޮތީ ކިޔަން ނޭގޭވަރުވެ ހިރިގަލުގެ ބޭރުފަށަލައިގެ ރީތިކަންވެސް ގެއްލިގެންގޮސްފައެވެ.

މިންބަރު

މެދު ޒިޔާރަތް
މެދު ޒިޔާރަތަށް މެދު ޒިޔާރަތޭ ކިޔަނީ އެ ޒިޔާރަތް ކޯގަންނުގެ މެދުގައި ހުންނާތީއެއް ނޫނެވެ. އަދި މީދޫގެ މެދުގައި ހުންނަ ޒިޔާރަތަކަށް ވާތީއެއް ވެސް ނޫނެވެ. މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ ގޮތުގައި މާލޭ މެދު ޒިޔާރަތަށް، މެދު ޒިޔާރަތޭ ކިޔާއިރު މި ކަލިމައިގައި އޮންނަ “މެދު” މި ލަފްޒުގެ މާނައަކީ އެއްޗެއްގެ މެދު މި މާނައެއް ނޫނެވެ. މި ތަނުގައި މެދު ބޭނުންކޮށްފައި ވަނީ މުހިންމު އަދި އެންމެ މަރުކަޒީ މި މާނައިގައެވެ. މި ގޮތުން މީދޫ އާއި މާލޭގައި މެދު ޒިޔާރަތުގެ ނަމުން ނަން ދެވިފައިވާ ޒިޔާރަތެއް ހުރެފައި މި ދެ ޒިޔާރަތް ވެސް ގުޅިފައިވަނީ އިސްލާމް ކުރެއްވި ބޭކަލަކާ ކަމުން، މެދު ޒިޔާރަތް ކިޔައިފައިވާ ސަބަބު ވަރަށް ރަނގަޅަށް އެނގިގެންދާ ކަމަށް ލުތުފީ ޚިޔާލު ފާޅު ކުރައްވައެވެ.

ކޯގަންނު މެދު ޒިޔާރަތުގައި ވާ ހައިވަކަރު ދިދަދަނޑިއަކީ އެ ޒިޔާރަތާ ދިމާއިން ކޯގަންނު ފަންނަށް ލެއްގި ދަނޑިއެއް ކަމަށް ބުނެވެއެވެ. މިއީ ވެސް އެ ޒިޔާރަތުގެ ކަރާމާތުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށް އެރަށުގެ މީހުން ދެކިއުޅެތެވެ. ދޫދޫ މަތިން ކިޔެމުން އަންނަ ގޮތުގައި އެ ދިދަ ދަނޑިއަކީ މެދު ޒިޔާރަތަށް ދިދަ ދަނޑިއެއް ހަދާން ވެގެން ނިރޮޅުން ދިދަ ދަނޑިއެއް ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ހަމަ ކުއްލިއަކަށް ލެއްގި ދަނޑިއެކެވެ.

އައްޑު އަތޮޅާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅު އިސްލާމް ކުރެއްވި ޔޫސުފް ނާއިބް ކަލޭގެފާނާއި އެކަލޭގެފާނުންގެ މަދަދު ވެރީން ފަސްދާނުލެވިފައިވަނީ މީދޫ މެދު ޒިޔާރަތުގައެވެ. މެދުޒިޔާރަތުގައި ޔޫސުފް ނާއިބް ކަލޭގެ ފާނުގެ އިތުރުން ތިން ބެއިކަލަކާއި ދެ އަންހެން ކަނބަލެއް ފަސްދާނު ލެވިފައިވެއެވެ. ލަފާ ކުރެވޭގޮތުގައި މި ޒިޔާރަތުގެ ހުޅަނގުފަރާތު ދޮރުކޮޅާ ކާރީގައި ވަނީ ދެ ފިރިހެން ބެއިކަލެކެވެ. ދެން އަންހެން ކަނބަލެކެވެ. އެއަށްފަހު އަނެއްކާވެސް ދެ ފިރިހެން ބެއިކަލެކެވެ. ދެން އަންހެން ކަނބަލެކެވެ. މިގޮތަށް ލަފާކުރެވެނީ ޖަހާފައި ހުރި މަހާނަ ގާތަށް ހުރި ގޮތުންނެވެ.

OLYMPUS DIGITAL CAMERA

ޒިޔާރަތްތަކާއި ބިސްތާނުތައް
ބައެއް ބިސްތާނު ތަކުގައި ޤުރުއާން ހިތުދަސް ޙާފިޒުންނާއި ޢިލްމުވެރީން ވަޅުލެވިފައިވެއެވެ. ބައެއް ބިސްތާނުތަކުގެ ތެރެއިން ގުރުއާން ކިޔަވާ އަޑުއިވޭ ކަމަށް އިހުޒަމާނުގައި ބުނެ އުޅެއެވެ.

މިސްކިތްތައް ބަލަހައްޓަމުން އައީ ތަފާތު އާއިލާތަކުންނެވެ. ގަބޫލު ކުރެވޭ ގޮތުގައި އެއީ ވަގުފު މިސްކިތްތަކެކެވެ. ޝަމްސުއްދީން ރަދުންނާ ހަމައަށް ވަގުފް ފަތްތައް ހުރިކަމަށްވެއެވެ. އެއިގެ ފަހަށް އޭގެ ފަތެއް ފޮތެއް ދުށް މީހަކު ނެތެވެ. މިހާރު ފެންނާން ހުރި މިސްކިތްތަކުގެ ތެރެއިން ބޯދާ މިސްކިތް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެގެން އުޅެނީ ގަނޑުވަރު ހަސަން ދީދީގެ އިބްރާހިމް ދީދީގެ އަބްދުﷲ ދީދީގެ އައުލާދުގެ މީހުންނެވެ. ކުރީގައި އެ މިސްކިތުގެ މުދިން ކަލޭގެއަށް އުޖޫރަ ދެނީ ވެސް މި އާއިލާއިންނެވެ. އެކަމަކު މިސްކިތް މިސްކިތުގެ މުދިމުންނަށް ސަރުކާރުން މުސާރަދޭން ފެށުމާއެކު އާއިލާތަކުން އުޖޫރަ ދިނުން ވަނީ އުވިގެން ގޮސްފައެވެ.

އެހެނިހެން މަހާނަ ގާތައް
މިހާރު ކޯގަންނުގައި ހުރި ގިނަ އަދަދެއްގެ މަހާނަ ގާތައް ވަނީ ތަޅާލެވިފައެވެ. ބައެއް ގާތަށް ވަނީ ނުބެލެހެއްޓި ވީރާނާވެގެން ގޮސްފައެވެ. ރާއްޖޭގެ އެންމެ ދުވަސްވީ މަހާނަ ގާތަކާއި ޤުރްއާން ހިތުދަސް ޙާފިޒުންގެ މަހާނައިގައި ޖަހާޒާތުގެ “ކަންފަތް ގާ” މިހާރުވެސް އެތާގައި ގިނަ ޢަދަދަކަށް އެބަހުއްޓެވެ.

ބޮޑު ދެ ގާ
ކޯގަންނު ގަބުރުސްތާނުގައި ހުރި އެންމެ ބޮޑު ދެ މަހާނަ ގަލަކީ މުލީގެ ދޮން ޙަސަން މަނިކުފާނު (އައްސުލްޠަނު ޙަސަން ޢިއްޒުއްދީން) ގެ ދެބޭފުޅުން ކަމުގައިވާ އައްސުލްޠާނު ޙަސަން ނޫރައްދީން (އެކެއް) އާއި އައްސުލްޠާނު މުޙައްމަދު މުޢިއްޒުއްދީން (ކަޅުބަންޑާރައިން) ގެ މައިދައިތާ ކަމަނާ ދޮން ޚަދީޖާ ބީ ނުވަތަ ދޮންކަދީދާ ބީ ގެ މަހާނައިގެ ދެގަލެވެ. މި ދެ ރަސްކަލުންވެސް އައްޑު އަތޮޅަށް އަރުވާލެވިފައި ތިއްބަވާފައި އެނބުރި މާލެ ވަޑައިގެންނެވި އިރު މިކަމާނާގެ ދެ ކަނބަލުންނާއި ތިއްބެވީ ކައިވެނި ބައްލަވައިގެންނެވެ.

މި ދޮން ކަދީދާބީ އަކީ އަލްގާޟީ މުހައްމަދު ޝަމްސުއްދީނުލް ކަބީރުގެ ބޮޑު އަޙުމަދު ނާއިބުގެ ކުޑައިބީފާނުންގެ ދި އާއިޝާބީފާނާއި، އަލްގާޟީ މުހައްމަދު ޝަމްސުއްދީނުލް ކަބީރުގެ ޙުސައިން ފަނޑިޔާރު ތަކުރުފާނުގެ މުޙައްމަދުލް ކަބީރު ބޮޑުފުތް ތަކުރުފާނުގެ އައްނާއިބު ޙަސަން،  ކައިވެނި ބައްލަވައިގެން ލިބުނު ޙައްވާބީ ފާނުގެ ދި ދޮންކަދީދާ އެވެ. މި ބޮޑު ދެ ގާ ހަދާފައިވަނީ ހިރިގަލުންނެވެ.

ބޮޑު ދެކީލަ

ފަސްދާނުލެވިފައިވާ މުހިންމު ޝަޚުޞިއްޔަތުތައް
ކޯގަންނު ޤަބުރުސްތާނުގައި ފަސްދާނުލެވިފައިވާ މުހިއްމު ޝަޚްޞިއްޔަތްތަކުކުގެތެރޭގައި، މެދުޒިޔާރަތުގައި ފަސްދާނުލެވުފައިވާ އަލްއައްލާމާ ޔޫސުފް ނާއިބް ކަލޭގެފާނާއި އެކަލޭގެ ފާނުންގެ މަދަދު ވެރީންނާއި، ޔަހުޔާ ނާއިބުގެ ޚަދީޖާބޫ އާއި މަހުމޫދު ނާއިބް ކަލޭގެފާނާއި، ކެއުޅާރާއި، ކަޅިހާރާއި، ހެނެއިކަމަނާރާއި، އައްނާއިބް ޙަސަން ރަނަހަމާދިތަކުރުފާނާއި، ކެއުޅާރު ހަނދެއިގިރި ތަކުރުފާނާއި، ބޮޑު ރަނަހަމާދިތަކުރުފާނާއި، ކުޑަ ރަނަހަމާދި ތަކުރުފާނާއި، ވަތަބަނޑޭރިތަކުރުފާނާއި، ކަޅިހާރު އަބޫބަކުރު ޚަޠީބާއި، ކަޅިހާރު ދޮންބުއި ނާއިބު ކަލޭގެފާނާއި، މަޝްހޫރު ބޮޑުފަނޑިޔާރުތަކުރުފާނު އަލްޤާޟީ މުހައްމަދު ޝަމްސުއްދީނުލް ކަބީރާއި، އެތަކުރުފާނުގެ ބައެއް ދަރިދަރިކަލުންނާއި، އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތްތަކުރުފާނާއި، އައްނާއިބް އިބްރާހިމްތަކުރުފާނާއި، ކުދުރަނިއަ އާއި ކުޑައިބީފާނާއި، ކުދުރަނިއަގެ ކުދު އެދުރު ކަލޭގެފާނާއި، އާމިނާބީގެ ދެށެމިނާ ތަކުރުފާނާއި، ކުޑައިބީފާނުގެ ޢާއިޝާބީފަނުގެ ދޮންކަދީދާފާނާއި، ގަނޑުވަރު ދޮން ޙުސައިންތަކުރުފާނާއި، ރަސްގެދަރު އީސާ ބަންޑާރައިންގެ ވަޒީރުއްޞަޢީރު ޢަލީ (ކަޅުކައްޗެ ޢަލީ ތައްޚާނު) އާއި، ގެދަރު ޢަލީ ތަކުރުފާނާއި، އެދުރުގޭ އަލްޚަޠީބު ދޮން ޢަލީ ތަކުރުފާނާއި، އައިސާބީގެ ދޮން ޙުސައިންތަކުރުފާނާއި، ދިހަވަނަ ޙަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޙުސައިން މަނިކުފާނާއި، އަލްފަޤީހް މޫސާ (އެދުރުތައްކާނު) ޢާއި، މީދޫ ގަނޑުވަރު އައްނާއިބު މުހައްމަދު ތަކުރުފާނާއި، ގަނޑުވަރު ޙުސައިން ތަކުރުފާނާއި، ފަންނިޔަރު ދޮން ޢީސާކިލެގެފާނާއި އަލްޤާޟީ މޫސާ ބަދުރުއްދީން އާއި، އައްސުލްޠާނު މުޙައްމަދު ޣިޔާސުއްދީން ގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުން އައްނަބީލާ އާއިޝަތު ދީދީ އާއި އެކަމާނާގެ ދެ ދަރިކަލުން މީދޫ ގަނޑުވަރު ޙަސަންދީދީ އާއި، ގަނޑުވަރު އަޙްމަދުދީދީއެވެ. މީގެ އިތުރުންވެސް އައިސާދަރު ދޮންބެއްޔާއާއި، އަލްޤާޟީ އިސްމާއީލް ބަހާއުއްދީނާއި، އަލްޢައްލާމާ ނާއިބުގޭ އަހުމަދުދީދީ އާއި އައްޝައިޚު ޢަލީ ދީދީ (ދޮންދީދީގެ ޢަލި ދީދީ) އާއި އައްޝައިޚު ދެށެނާގެ މުޙައްމަދުދީދީ (ފެންނާމަނިކުފާނު) އާއި މީގެ އިތުރުންވެސް ދިޔަމިގިލީދަރިކޮޅާއި އިސްދޫދަރިކޮޅަށް ނިސްބަތްވާ އެތައް ބޭފުޅުންނާއި، ގިނަ އަދަދެއްގެ ޢިލްމްވެރި ބޭކަލުންނާއި ޤުރުއާން ހިތުދަސް އެތައް ހާފިޒުންނެއް އެތާގައި ފަސްދާނު ލެވިފައިވެއެވެ. އަދި ރާއްޖޭގެ އެއް ޤަބްރުސްތާނެއްގައި ދީނީ އިލްމް ވެރިބޭކަލުން އެންމެ ގިނަ އަދަދަކަށް ފަސްދާނު ލެވިފައިވާތަނަކީ މީދޫ ކޯގަންނު ގަބުރުސްތާނެވެ.

ގުޅިފައިވާ ބައެއް އާދަކާދަ
ކުރީގައި މީހަކު މަރުވެގެން އެމީހާ ކޯގަންނު މިސްކިތެއްގެ ސަރަޙައްދުގައި ވަޅުލާން ބޭނުންނަމަ ޢާއިލާގެ މީހުންގެ ފަރާތުން ކަށްވަތަށް ރުކެއް ދޭނެއެވެ. މި ގޮތުން ކަށްވަތަށް ދެވޭ ރުއްތަކުގެ ބޭނުމަކީ މިސްކިތްތައް މަރާމާތުކޮށް ބަލަހައްޓާން ބޭނުންވާ ވަސީލަތް ހޯދުމެވެ. ކައްވަތައް ރުކެއް ނުދެވޭ ފަރާތްތައް ވަޅުލަނީ ކޯގަންނުން ބޭރުގައި މާކަންމަތި ސަރަޙައްދުގައެވެ.

ރަށްރަށުން އައިސް އެޒަމާނުގައި ކޯގަންނަށް ޒިޔާރަތްކުރަނީ ނަދުރުބުނެގެން މީހުން ކިރުވުމަށެވެ. ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކާއި ޖެހެންދެން ކިރުވުމާއި ފޮރުވުމުގެ އާދަކާދަ ތައް ދެމި އޮތެވެ. އަދި ކޯގަންނުގައި ހުންނަ މަހާނަތަކުގައި ވަޅުލެވިފައިވާ މީސްމީހުންގެ އާއިލާތަކުން ވަރަށް ފަހަކާހަމައަށް ކޮންމެ އަހަރެއްގެވެސް ޝައުބާން މަހުގެ ފަނަރަ ވަނަ ދުވަހު މަހާނަތަކަށް ދޮންވެލި ލައި، ވިނަނޮޅައި އުޅުނެވެ. މިހާރު މިކަމެއް ނޯވެއެވެ.

ކުރީ ޒަމާނުގައި ރާއްޖޭގެ ދެކުނާއި އުތުރުން އެތައް ބަޔަކު މީދޫ ކޯގަންނު ގަބުރުސްތާނަށް ޒިޔާރަތް ކުރިއެވެ. އަދި ރާއްޖޭގެ ބައެއް ރަސް ރަސްކަލުންނާއި ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ހަތަރު ރައީސުން ވެސް ކޯގަންނަށް ޒިޔާރަތްކޮށް އެތަނުގެ ތާރީޚާއި ބެހޭގޮތުން މަޢުލޫމާތު ހޯދިއެވެ. އަދި ބައެއް ރައީސުން މީދޫ ރައްޔިތުންނަށް ކޯގަންނުގެ މުހިއްމުކަން ބޮޑުކަން އިހުސާސްކުރެވޭތީ ކޯގަންނާއި ގުޅުވައިގެން ސިޔާސީ ވާހަކަތައްވެސް ދައްކާފައިވެއެވެ.

ނޯޓް
މިސްކިތްތަކުގެ ކައްވަތާއި ދަރިކޮޅުތައް ބޯދާ ޒަމާނުއްސުރެ މީދޫ މީހުން ފަތްފޮތުގައި ލިޔެރައްކާ ކުރިއެވެ. މީގެތެރެއިން ކުދުރަނިޔަގެ ކުދުއެދުރުކަލޭގެފާނު އޮނުފޮތަކުން މީދޫ ދަރިކޮޅު ފޮތް ލިޔުއްވިއެވެ. ކުދުރަނިޔަގެ ކުދުއެދުރު ކަލޭގެފާނު ލިޔުއްވި ފޮތް މިހާރުގެ ތާނަ އަށް ބަދަލު ކޮށް އައިސާދަރު އަހުމަދު ދީދީ ލިޔުއްވިއެވެ. އެއީ ހިޖްރައިން 1317 ވަނަ އަހަރު ތެރޭގައިކަމަށް ބުނެވެއެވެ. މިއަށްފަހު މިފޮތުގެ ނަކަލް ދެ ފަހަރެއްގެ މަތީން ލިޔެވުނެވެ. އެ ފަހަރު މި ފޮތުގެ ނަކަލް ލިޔުއްވީ ކުދުރަނިޔަގެ އަލްޚަޠީބު މޫސާ ތައްޚާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނާއި ޙައްވާ ރަނިޔަގެ މޫސާމަނިކާ އާއި ދެބެއިކަލުންނެވެ. މިހާރު މިފޮތްވަނީ ޑިޖިޓަލް ކޮށް ލިޔެ ރައްކާ ކުރެވިފައިވެއެވެ.

You may also like...

2 Responses

  1. ހާއުފާ says:

    ތިޔަފަދަ އަގުހުރި ބުރަ މަސައްކަތެއް އެބޭކަލުން ކުރެއްވީ އަންނަންއޮތް ޖީލުތަކަށް ކޮށްދެވޭ އަގުނުކުރެވޭފަދަ ޚިދުމަތެއްގެ ގޮތުގައެވެ. މާތްﷲ އެ އެންމެ ބޭކަލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި އެވެ.

  2. އަހުމްދު says:

    ދާދިފަހުން ކޯގަންނު ގަބްރުސްތާނުގެ މިން ބެލި އިރު، މި ގަބުރުސްތާނަކީ ދިގުމިނުގައި 341 ފޫޓް، ފުޅާމިނުގައި 309 ފޫޓް ހުންނަ ގަބްރުސްތާނެކެވެ.

Leave a Reply

Your email address will not be published.

error: Content is protected !!