ފުރައްދެ އަލަ މީދޫއަށް ތައާރަފު ކުރުން

ފުނެށި ނުވަތަ ފުނޮށި އަކީ ކަހަނަލައިގެ ނުވަތަ މާއަލަ (ފުރެއްދެއަލަ)އިގެ އަލަގަނޑުގެ ވަށައިގެން މުލުން ފައިބާފައި ހުންނަ ކުދިކުދި ގޮބޮޅި އެކެވެ. އެއްތަނުން އަނެއްތަނަށް އަލަގަސް ގެންދިއުމުގެ ބަދަލުގައި ފުނެށި ގެންގޮސް ވަޅުލައިގެން ގަސް ފަޅުވައި، ހައްދައި އުޅެއެވެ.

ބުނެވޭގޮތުގައި ތަންކޮޅެއް ކުރީ ޒަމާނުގައި އައްޑުއާއި ފުވައްމުލަކުގައި ވެސް ފުރެއްދެއަލަ ހައްދައި ނުއުޅެއެވެ. އެންމެފުރަތަމަ ފުވައްމުލަކުގައި އަލަ ހެއްދުމަށްޓަކައި ފުނެށި ގެންދެވީ ޣިޔާސުއްދީން ރަދުންގެ ދަރިކަލުން އިބްރާހިމް ފާމުލަދޭރިކިލެގެފާނެވެ. އެ ކިލެގެފާނު ކަރަޔަށް ކުރެއްވި ދަތުރުފުޅެއްގައި، ކަރައިން އަލަފެނިގެން ރާއްޖޭގައި އަލަ ހެއްދުމުގެ ޝައުގުވެރިކަން އުފެދުނީއެވެ. ދެން ކޮންމެވެސްގޮތަކުން ފުނެށި ހޯއްދަވައިގެން ރާއްޖެ ގެންނެވީއެވެ.

ކިލެގެފާނު ކަރައިން ހޯއްދެވި ފުނެށި ހިއްޕަވައިގެން އެ ކިލެގެފާނު ދިރިއުޅުއްވި ރަށް ކަމުގައިވާ ފުވައްމުލަކަށް ވަޑައިގެން މި ފުނެށި ވަރަށް ރައްކާތެރިކަމާއެކު ބަހައްޓަވާފައި ހުރީ އެ ކިލެގެފާނު ގެންގުޅުއްވި ގަލަންދާނެއްގެ ތެރޭގައެވެ. ގަލަންދާނަކީ އިހުގައި ލިއުމުގެ ސާމާނާއި އަތްމަތީ ގެންގުޅޭ ކުދިކުދި ސާމާނު އަޅައިފައި ހުންނަ ހަނިދިގު ލަކުޑި ފޮށްޓެކެވެ.

މީދޫ މާވަޑިގޭ ޢަލީ އެއްފަހަރަކު ފުވައްމުލަކަށް ކުރި ދަތުރެއްގައި ކިލެގެފާނަށް ޒިޔާރަތްކުރުމަށްޓަކައި ކިލެގެފާނު އުޅުއްވާ ގެއަށް ދިޔައެވެ. މިގޮތުން އެގޭގައި އުޅުމުގެ ތެރޭގައި ޢަލީ އަށް މި ފުނެށި އާއި ބެހޭ މައުލޫމާތު ލިބިއްޖެއެވެ. ދެން މިތަނުން އެތިކޮޅެއް ހޯދައިގެން ރަށަށް ގޮސް ވަޅުލައިގެން ގަސްފެޅުވީއެވެ. އަލަގަސްތައް ބޮޑުވެ، އެ އެއްޗެހި މީހުން ބޭނުންކުރަން ފެށި ފަހުން މި ޚަބަރު ފުވައްމުލަކަށް ލިބިއްޖެއެވެ. އޭގެ ދުވަސްތަކެއްފަހުން މީގެތެރެއިން އަލަގަސްތަކެއް މީދޫން ފުވައްމުލަކަށް ގެންގޮސް އެރަށުގައި ވެސް އަލަ އާލާ ކުރެވިއްޖެއެވެ. އޭރުވެސް ކިލެގެފާނުގެ ގަލަންދާނުގައި ހުރި އެއްޗެއް ހަމައެގޮތަށް ހުރީއެވެ.

މީދޫ މާވަޑިގޭ ޢަލީ އަކީ ރަށުގައި ހެދުނު ވަރަށް މަސައްކަތްތެރި ހަރުދަނާ މީހެކެވެ. މީނާ އަކީ ރަންރިހީގެ މަސައްކަތާއި، އަތްކަންކުރުމުގެ މަސައްކަތް ވަރަށް މޮޅަށްކުރާ މީހެކެވެ. މި ޢަލީގެ ބައްޕައަކީ މީދޫ ދޮންއުނބުރާގެ ފާތިޔަގެ ޙުސައިންކަލޭގެ އެވެ. މާވަޑިގޭ ޢަލީ އާ އެއްބަނޑުއެއްބަފާ ތިބީ މާވަޑިކަލޭގެ އާއި، ދޮން މަރިޔަމްކާނލެގެ އެވެ.

މާވަޑިކަލޭގެ ކައިވެނީކުރީ ހިތަދޫމީހަކާއެވެ. އޭނާގެ ދަރިކޮޅު އޮތީ ހިތަދޫގައެވެ. ހިތަދޫ ތުއްބީގެ ކުދުބެއްޔާ ކައިވެނިކުރި ކޮރުވަލިގޭ އައިސާފާނަކީ މާވަޑިކަލޭގެ ދަރި ޙަސަންކަލޭގެ ދަރިއެކެވެ.

ދޮންމަރިޔަމް ކާނލެގެ ދަރިކޮޅު އޮތީ ފުވައްމުލަކުގައެވެ. އޭނާގެ ދަރީންނަކީ ކަޅުކޮއްޔަގެ ކޮއްޔަމެންނާއި، އެންމެންގެ ކުބެއްޔަމެންނާއި، ތަކުރުގެ ޙަސަންކޮއްޔަގެ އަމާ އެވެ.

މާވަޑިގޭ ޢަލީ ކައިވެނިކުރީ ހުޅުދުމައިގޭ އައިސާ އާއެވެ. ލިބުނު ކުދީންނަކީ ހުޅުދުމައިގޭ އަހްމަދު ކަލޭގެ އާއި، ހުޅުދުމައިގޭ މުޙައްމަދު ކަލޭގެ އާއި، ހުޅުދުމައިގޭ މޫސާކަލޭގެ އާއި، ހުޅުދުމައިގޭ އާމިން ކާނލެގެ އާއި ހުޅުދުމައިގޭ ޙައްވާ ކާނލެގެ އާއި، ހުޅުދުމައިގޭ ފާތިން ކާނލެގެ އެވެ.

މާވަޑިގޭ ޢަލީގެ ހުޅުދުމައިގޭ މުޙުއްމަދު ކަލޭގެ ކައިވެނިކުރީ މަރަދޫ ސަންފާގެ ފާތިން ކާނލެގެ އާއެވެ. ލިބުނު ކުދީންގެ ތެރެއިން ސަންފާގެ ހުސޭނުގެ ދަރިއަކީ މަރަދޫގެ ވަރަށް މަޝްހޫރު ހަރުދަނާ އަދި ޢިލްމްވެރި ޝަޚްޞިއްޔަތެއް ކަމުގައިވާ ސަންފާގެ އިބްރާހިމް ފުޅުއެވެ.

މާވަޑިގޭ ޢަލީގެ ހުޅުދުމައިގޭ އާމިންކާނލެނގެ ކައިވެނިކުރީ މީދޫ ރަހާ އާއެވެ. މީދޫ ރަހާ އަކީ ދިހަވަނަ ޙަސަން ރަސްގެފާނުގެ އިބްރާހިމް މަނިކުފާނުގެ ޙުސައިން މަނިކުފާނު، މީދޫ އައިސާދަރު ކައްދާ މަނިކެއާ ކައިވެނިކޮށްގެން ލިބޭ މުޙައްމަދު މަނިކުފާނު (މީދޫ ރަހާ) އެވެ. މީދޫ ރަހާއާ އެއްބަނޑު އެއްބަފާ އަނެއް މީހަކީ ޢަލީ މަނިކުފާނު (ހުޅުދޫ ރަހާ) އެވެ. މީދޫ ރަހާ އާއި ހުޅުދުމައިގޭ އާމިންކާނލެގެ ކައިވެނިކޮށްގެން ލިބޭ ކުދީންނަކީ މޫސާ މަނިކުފާނާއި، ޙުސެން މަނިކުފާނާއި، ޙަސަން މަނިކުފާނާއި، އިބްރާހިމް މަނިކުފާނާއި، ފާތުމާ މަނިކުފާނާއި، ކައްދާ މަނިކުފާނު (ބޮޑުދައިތާ) އެވެ. މިއީ މީދޫގައި ވަރަށް ފުޅާކޮށް ފެތުރިފައިވާ ބޮޑު ދަރިކޮޅެކެވެ.

މީދޫގެ ޚަޠީބުކަމާއި ނާއިބުކަން ކުރެއްވި ވަރަށް ހަރުދަނާ އަދި ޢިލްމްވެރި ޝަޚުޞިއްޔަތެއް ކަމުގައިވާ ގަނޑުވަރު މުޙައްމަދު ތައްޚާނު ފުރަތަމަ ކައިވިބެއްލެވި ކިލެގެފާނުގެ ދޮށީދީދީ އަށް ފަހު ދެވަނައަށް ކައިވެނިބެއްލެވީ މާވަޑިގޭ ޢަލީގެ މާފަދަރިކަނބަލުން ހުޅުދުމައިގޭ ފާތުމާ މަނިކުފާނު (ރަނާ) އާއެވެ.

މިކަން ހިނގި ގޮތީ، އެއްދުވަހަކު މުޙައްމަދު ތައްޚާނު ރަންރިހީގެ މަސައްކަތެއް ކުރުވުމަށްޓަކައި މާވަޑިގޭ ޢަލީގެ ގެއަށް ދިޔައީއެވެ. ދެން މި މަސައްކަތެއް ކުރުވަން ޢަލީގެ ތިލަފިހި ގޭގެ ތެރޭގައި ހުންނަވަނިކޮށް ވަރަށް ރީތި އަންހެން ކުއްޖަކު އެގޭގައި އުޅެނިކޮށް މުޙައްމަދު ތައްޚާނުގެ ލޮލުގައި އަޅައިގަތީ އެވެ. ދެން މާވަޑިގޭ ޢަލީގެ ކައިރިން އެއީ ކޮންކުއްޖެއްތޯ ސުވާލުކުރުމުން އެއީ ތިމަންނަގެ މާފަދަރިއެއް ކަމުގައި ބުންޏެވެ. އޭރު ފާތުމާ މަނިކުފާނަކީ ވަރަށް ރީތި އަދި އެހާމެ ޅަބާޅަ ބަނިޔާދަން ކުއްޖެކެވެ. އުމުރުން ވާނި އެންމެ ސާދަވަރަކަށް އަހަރެވެ. އޭރުވެސް މުޙައްމަދު ތައްޚާނަކީ ދޮށީދީދީއާ ކައިވެނިކޮށްގެން ހަތަރު ދަރިން ލިބިފައިހުރި މެދު އުމުރުގެ މީހެކެވެ. ނަމަވެސް މުޙައްމަދު ތައްޚާނުގެ ހިތުގައި ފާތުމާ މަނިކުފާނާއި ދޭތެރޭ އުފެދުނު ލޯއްބެއްގެ ބޮޑުކަމުން، މާވަޑިގޭ ޢަލީގެ ކިބައިން، ފާތުމާ މަނިކުފާނުގެ ކައިވެޏަށް އެދުނެވެ. ދެން މި ކައިވެންޏެއް ކުރެވި ފާތުމާ މަނިކުފާނާއި މުޙައްމަދު ތައްޚާނާ ދެކަނބަލުންނަށް އަންހެން ދަރިކަނބަލަކާއި ހަ ފިރިހެންދަރީން ލިބިފައިވެއެވެ. މި މީހުންގެ ދަރިކޮޅަކީ މީދޫގައި ފަހުން އޮތް ގަނޑުވަރު ދަރިކޮޅެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!