އިހުމާލު ކުރެވިފައިވާ ތާރީޚުގެ ތެރެއިން އައްޑޫ ފުވައްމުލައް އިސްލާމްވުން 3

މާމިސްކިތް ބިނާކުރެއްވުން
މާމިސްކިތަކީ މީދޫގައި އަދި މުޅި އަތޮޅުގައިވެސް ބިނާކުރެވުނު ފުރަތަމަ މިސްކިތެވެ. ކަޅިހާރުގެ އަމިއްލަ ގޯތި ކަމަށްވާ ކަޅިހާރުގޭގެ ހުޅަނގު ދެކުނުގައި ބިނާ ކުރެވުނު މިސްކިތެވެ. މިމިސްކިތަކީ ހުކުރު ކުރުމަށާއި ދީނީ ޝިއާރުތައް ނެރުމަށާއި ކިޔަވައިދިނުންވެސް ހިމެނޭ ގޮތަށް ބިނާކުރި މިސްކިތެކެވެ. ފުރަތަމަ ބިނާކުރެވުނީ ނަމާދުކުރާ ބަޔަކާއި ގުރުއާނާއި ފިގުހު އުގެނޭން ބޮޑެތި މީހުންނާއި ކުދީން ތިބޭނޭ ދެ ފެންޑާއެއް ދެފަރާތުގައި ހިމެނޭ ގޮތަށެވެ. މިސްކިތް ބިނާކުރީ މީލާދީ ސަނަތުން 1146 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ވަރަށް އާދައިގެ ގޮތަކަށް ދަނޑި ފަނުންނެވެ. އޭގެ 04 އަހަރު ފަހުން ހިރިގަލާއި ލަކުޑިން ފެންވަރު ރަނގަޅު މިސްކިތެއް ބިނާކުރީ މީލާދީން 1150 ގައެވެ. އެފަހަރު އާ ކުރެވުނީ ފައުންޑޭޝަނުގައި ހިރިގަލާއި ވެލިގާ ޖަހައިގެން އެގަލުގެ މަތިން ލަކުޑިންނެވެ. މިސްކިތުގެ މަތިވަޑާންގަޑު ހެދީ ހައިވަކަރާއި ކަޅު ވަކަރުންނެވެ.

ޔޫސުފު ނާއިބު ހަމައެކަނި ދީނަށް ގޮވައިލެއްވީއެއް ނޫނެވެ. ދީނަށް އުޅޭނެ ގޮތާއި ދީނުގެ އަސާސްތައް ދަސްކޮށްދިނުމުގެ ބިންގާވެސް އަޅުއްވައިދެއްވިއެވެ. އެންމެފުރަތަމަ ތައުލީމު އުނގަންނަވައި ދެއްވަން ފެއްޓެވީ އަރަބި ބަހުންނެވެ. ބޭނުންކުރެއްވީ އަރަބި ފޮތްފޮތެވެ. އުނގަންނަވައި ދެއްވީ ފިގުހު އިލްމެވެ. އިލްމު ފެތުރުއްވުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ފެއްޓެވީ އައްޑު އަތޮޅުގެ ހުރިހައި ރަށަކާއި ފުވައްމުލައް އަދި ހުވަދު އަތޮޅުގެ ގިނަ ރަށްރަށް އިސްލާމް ކުރެއްވުމަށްފަހުގައެވެ. މި މިސްކިތުގައި ކުޑަކުދީންނާއި ބޮޑެތި މީހުންނަށް އިސްލާމްދީން ކިޔަވައި ދެވުނެވެ. އަރަބި ބަހާއި ފިގުހު ތަފްސީރާއި ހަދީސާއި ތައުހީދު ކިޔަވައިދެވުނެވެ. އެހެންކަމުން މިއީ މުޅިރާއްޖޭގައިވެސް އިލްމުގެ ފުރަތަމަ މަރުކަޒެވެ.

ޔޫސުފު ނާއިބު ބިނާކުރެއްވި މިސްކިތް މިއަދާއި ހަމައަށްއައިއިރު އެކި ޒަމާނުގައި އެކި މީސްމީހުން ވަނީ އާކޮށް ބޮޑުކޮށް މަރާމާތުކޮށްފައެވެ. އެންމެފަހުން މިސްކިތް ބޮޑުކޮށް އާކުރުމުގެ މަޝްރޫއެއް ހިންގީ ރަށުގެ ވެރިކަމުގެ ފަރާތުން 1945 ވަނައަހަރު އެވެ. އެފަހަރު މިސްކިތް އިމާރާތްކޮށް އަލުން ހުޅުވުނުއިރު ކުރީގައި ހުރި ތާރީޚީ ފިލާތަކާއި ފަތެއް ނެތެވެ. އަދި މިސްކިތުގެ ގަދީމީވަންތަ ސިފަ ވެސް ވަނީ ގެއްލިފައެވެ.

ޒިޔާރަތް މިސްކިތް ބިނާކުރެއްވުން
ޒިޔާރަތް މިސްކިތަކީ ވެސް ޔޫސުފު ނާއިބުގެ ޒަމާނުގައި ބިނާކުރެވުނު މިސްކިތެކެވެ. މި މިސްކިތެއް ހުރީ ރަށުގެ ހުޅަނގު ދެކުނު ބިތުގައެވެ. އެދުވަސްވަރުގެ ހަނގުރާމަތަކާއި ގުޅިގެން ޝަހީދުވީ ވަރަށް ގިނަ މުޖާހިދުން މިމިސްކިތުގެ ކައިރީގައި ގަބުރުސްތާނެއް ހަދައި ވަޅުލެވުނެވެ. ޔޫސުފު ނާއިބަށް ފަހު މީދޫ ފަޅުވެފައި އަލުން އާބާދުކުރިއިރު މި މިސްކިތުގެ މަތިން އޮތީ ހަނދާން ނެތިފައެވެ. އަލުން މީހުން ވަޒަންވެރިވީ މިސަރަހައްދާއި ވަރަށް ދުރުގައެވެ. އެހެންކަމުން މިއީ ހުރި މިސްކިތެއްކަންވެސް ނޭގިފައިވަނިކޮށް މިސްކިތުގެ އާސާރު އަލުން ފެނުނީ މީލާދީން 1880 އިގެ ތެރޭގައެވެ. އެވާހަކަ އަދި ފަހުން އަންނާނެއެވެ.

އިސްލާމުންނާއި ކާފަރުންގެ ކުރިމަތިލުންތައް ފެށުން
ޔޫސުފު ނާއިބަކީ ހެވިކަމުގެ ހުނަރުތައް ދެނެވަޑައިގެން ހުންނެވި ހެއްވެކެވެ. އެކަމުގެ އެދުރެކެވެ. ކަޅިހާރު އާއި އޭނާގެ ފިރިހެން ދަރީންނަކީ ހިތްވަރުގަދަ ބައެކެވެ. އެހެންކަމުން މީދޫގައި އެންމެ ފުރަތަމަ ދީން ފެތުރުމަށް ހުރަސްއެޅި މީހުންތައް ވަރަށް ފަސޭހައިން ބަލިކުރެވިއްޖެއެވެ. އެހެންނަމަވެސް ގަމުގެ ހާމުދުރުންގެ ފަރާތުން ވަރަށް ބޮޑެތި ދުއްތުރާތައް ކުރިމަތިވާން ފަށައިފިއެވެ.

މީދޫ އިސްލާމްވުމަށްފަހު އަތޮޅުގެ އެހެން ރަށްރަށަށް ދީން ފެތުރުމުގައި ޔޫސުފު ނާއިބާއި ކަޅިހާރު އެންމެ ފުރަތަމަ ބާރުގެ ބޭނުމެއް ނުކުރައްވައެވެ. ބުދު ދީން ދޫކޮށް އާ ދީނަކަށް އުޅެގަތީމާ މީދޫއާ ތޮޅެ ހަނގުރާމަކުރަން އިސްވެގަތީ ގަމުގެ ހާމުދުރުންނާއި އެހެން ރަށްރަށުގެ މީހުންނެވެ. މިގޮތުން އެކިފަހަރުމަތީން ލަޝްކަރު ހަދައިގެން މީދޫއަށް ގޮސް ހަނގުރާމަތަކެއް ކުރިއެވެ.

މިހިސާބަށް ކަންކަން ދާނެކަން ޔޫސުފު ނާއިބު ދެނެވަޑައިގެން ހުންނެވީމާ ކަނޑިހެވިކަމާއި ހަނގުރާމައިގެ އެނޫންވެސް އުކުޅުތައް މީދޫގައި ގެންދެވީ ދަސްކޮށްދެއްވަމުންނެވެ. އޭރުގެ މީދޫއަކީ އާބާދީ ބޮޑު ރަށެކެވެ. އެހެންނަމަވެސް މިހަނގުރާމަތަކުގައި މީދޫގެ ވަރަށް ގިނަ ބަޔަކު ޝަހީދުވުމާއި ގުޅިގެން އާބާދީ މުޅިން ތުނިވެގެން ދިޔައެވެ. މީދޫ ލޮނޑިކެޑެ ސަރަހައްދާއި މަތިކެޑެ ސަރަހައްދު، މޫސާގެފަންނު ސަރަހައްދާއި ރައިވެރިން މިސްކިތުގެ ސަރަހައްދު އަދި މިނޫންވެސް ބައެއް ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ މީހުން ވަޅުލެވިފައިވާތީ ފެންނަނީ މިހަނގުރާމަތަކުގެ ސަބަބުންނެވެ. މީދޫގައި މީހުން ވަޅުލެވިފައިނެތް ސާފު ސަރަހައްދެއް ހޯދުމަކީ މިއަދުވެސް ވަރަށް ދަތިކަމެކެވެ.

ލޮނޑިކެޑެ ފަންނޭ ކިޔައި އުޅޭ ސަރަހައްދަކީ އެދުވަސްވަރުވެސް އަދި މިދުވަސްވަރުވެސް މީދޫއަށް އަރައި ފޭބުމަށް ބޭނުން ކުރާ ސަރަހައްދެވެ. އެހެންކަމުން މީދޫއަށް އަރައިގަތް ކާފަރުންނާއި ކުރެވުނު ގިނަ ހަނގުރާމަތަކުގެ މައިދާނަކީ ލޮނޑިކެޑެ އެވެ. މިހާރުވެސް އެންމެ ގިނަ މިނިކަށި ފެންނަނީ ލޮނޑިކެޑުންނެވެ. ލޮނޑިކެޑެ މިނަން އައިސްފައި އޮތީވެސް ހިފުމާއި ބެއްދުމާއި ކުރިމަތިލުމަށް އިހު ކިޔައި އުޅުނު ލޮންޑާ މިބަހުންނެވެ. ހެވިކަން ހިމެނޭގޮތަށް ކުޅެވޭ ކުޅިވަރަކަށް މިހާރުވެސް މެދެލޮންޑާއޭ ކިޔައެވެ. އެހެންވީމާ ލޮނޑިކެޑެ މިނަމުގެ އަސްލަކީ ކުރިމަތިލުމާއި ހިފުމެވެ.

މީދޫގައި ހަތަރުވަނައަށް ބިނާކުރެވުނު މިސްކިތް 1660 ވަނަ އަހަރު މަހުމޫދު ރަންފުތު ފަނޑިޔާރު ތަކުރުފާނު މިސަރަހައްދުގައި ބިނާކުރައްވައި ލޮނޑިކެޑެ މިސްކިތޭ ވިދާޅުވެ ނަންދެއްވީވެސް މިސަރަހައްދުގައި ޝަހީދުވެފައިވާ މީހުންގެ ހަނދާނުގައެވެ. ރަންފުތު ފަނޑިޔާރު ކަލޭގެފާނުގެ ގެޔަކީ މަރިޔާގެ އެވެ. އެއީ ލޮނޑިކެޑާއި ވަރަށް ގާތުގައި ހުރި ގެއެކެވެ.

މީދޫއާ ތޮޅެން އައުން ނުހުއްޓުނީމާ ޔޫސުފު ނާއިބާއި ކަޅިހާރު ނިންމެވީ މީދޫން ލަޝްކަރެއް ނިކުމެ ގަމަށް އަރައި ހާމުދުރުންނާއި ބޮޑު މޮނާސްޓަރީގެ ކަންތައް ނިންމައިލުމަށެވެ. މިހަނގުރާމައަށް ނިކުމެ ގަމުގެ ކައިރީގައި ލަޝްކަރު ކޭމްޕު ކުރި ތަންތަނަށް އަރަބި ނަންނަން ދެވިފައިވެއެވެ. ފޭދޫގެ ފުރަގަހުގައިވާ ސަވާހިލި އާއި ހަޖަރަކީ މިގޮތުން ޔޫސުފު ނާއިބު ދެއްވި ނަންނަމެވެ. މިއަދާއި ހަމައަށްވެސް އެނަންތައް ދެމިގެން އައީއެވެ. ހަމައެގޮތަށް މަރަދޫގައި ޔޫސުފު ނާއިބު ފެން ނެގުމަށް ބޭނުން ކުރެއްވި ވަޅަށް މިހާރުވެސް ކިޔަނީ ގާދިރީ ކަލޭގެފާނުގެ ވަޅެވެ.

Qaadhiree Kaleygefaanu valhu

މަރަދޫ ފެންފިޔާޒުގޭގައި މިވަޅު މިހާރުވެސް ފެންނާން އެބަހުއްޓެވެ. އަދި ގާދިރީ ކަލޭގެފާނެއްގެ ޒިޔާރަތްވެސް މަރަދޫގައި އެބަހުއްޓެވެ. މަރަދޫގައިވާ ގާދިރީގެ ޒިޔާރަތުގައި ފަސްދާނުލެވިފައިވަނީ ޔޫސުފު ނާއިބެއް ނޫނެވެ. އެ ޒިޔާރަތުގައި ފަސްދާނުލެވިފައިވާ ބޭކަލަކީ މީދޫ މުހައްމަދު ޝަމްސުއްދީނު ބޮޑުފަނޑިޔާރު ތަކުރުފާނުގެ މަންމަގެ ފަރާތު ކާފަ  ހިތަދޫ ތުނޑިއަރު ދޮންއަހުމަދު ގާދިރު މިކަލޭގެފާނެވެ. މިކަލޭގެފާނު ނިޔާވީ މަރަދޫގައި ދީނުގެ އިލްމު ކިޔަވައިދެއްވުމުގައި ހުންނަވަނިކޮށް މީލާދީން 1573 ގައެވެ. މިކަލޭގެފާނާއި މެދު މަރަދޫ މީހުންގެ ހިތްތަކުގައި އުފެދިފައިވަނީ ވަރަށްވެސް ބޮޑު އިހުތިރާމެކެވެ.

ގަމާއި ދެކޮޅު ހަނގުރާމަ ދެތިން މަހަށް ދެމިގެން ދިޔަކަމަށް ބުނެވެއެވެ. ދެފަރާތުންވެސް ގިނަ އަދަދެއްގެ މީހުން މަރުވެ ދިއުމަށްފަހު ގަން ފަތަހަވުމާއެކު އަތޮޅުގެ އެހެން ރަށްރަށްވެސް އިސާހިތަކު އިސްލާމްދީނަށް އެނބުރިއްޖެއެވެ. މުޅި އަތޮޅު އިސްލާމްވީ ގަމު ހަނގުރާމަ ނިމުމާއެކު މީލާދީން 1150 ގައެވެ. ފުވައްމުލަކާއި ހުވަދޫއަށް ޔޫސުފު ނާއިބުގެ ނަޒަރު ސީދާ ކުރެއްވީ މިއަށްފަހުގައެވެ. ޔޫސުފު ނާއިބު ފުވައްމުލަކާއި ދިމާކުރެއްވީ އެއްފަރަށްވުރެ ގިނަފަހަރުމަތީން ފުވައްމުލަކު ބުދުދީނުގެ މީހުން މީދޫއާ ހަނގުރާމަކުރަން ދިއުމަށްފަހުގައެވެ.

ޔޫސުފު ނާއިބު ފުވައްމުލަކަށް ލަޝްކަރަކާއެކު ފައިބައިވަޑައިގެންނެވީ ހޯދަޑަށެވެ. އޭރުގެ ފުވައްމުލަކަކީ ވަކި ރަށްރަށުގެ ގޮތަށް އޮތް ބޮޑު ރަށެކެވެ. ހޯދަޑަށް ފައިބައިވަޑައިގެން އެއަވަށް ކިޔަމަން ކުރައްވައި ދީނަށް ވައްދަވައި ދެން ދިމާކުރެއްވީ އެހެން އަވަށް އަވަށާއެވެ. ފުވައްމުލަކު ހަނގުރާމަ ހިނގާފައި ވަނީ މީލާދީން 1151 ގައެވެ.

ފުވައްމުލައް އިސްލާމްވުމަށްފަހު އެކިފަހަރުމަތިން ހުވަދޫއަށް މީހުން ފޮނުއްވައިގެން ކޮންމެވެސްވަރެއްގެ ދެކޮޅުހެދުންތަކާ އެކު ހުވަދޫވެސް އިސްލާމްވެއްޖެއެވެ. ހުވަދޫއަށް އިސްލާމްދީން ފެތުރުމުގައި ޔޫސުފު ނާއިބާއި އެކަލޭގެފާނުގެ އެހީތެރިން ބޭނުން ކުރެއްވި މަރުކަޒަކީ ވާދޫއެވެ. އެހެންކަމުން ދަތުރުފަތުރުގެ ވިޔުގައިގެ ތެރޭގައި ހިމެނުނު މައިގަޑު ތިން ރަށަކީ މީދޫ އާއި ފުވައްމުލައް އަދި ވާދޫއެވެ. ފަހުން މި ތިން ރަށުގައިވެސް އޮތީ އެއްއާއިލާތަކެކެވެ. މި ތިން ރަށް ގުޅުވައިދޭ ރޮނގު އޮންނަނީ އަރަބި ރާއެއްގެ ސިފައިގައެވެ. ހުޅެވި ހަނދެއްގެ ސިފައިގައެވެ. އެހެންކަމުން މި ތިންރަށަށް ޖުޒްރުލް ހިލާލު މިނަން ބޭނުން ކުރެވިދާނެއެވެ.   ކުރީގައި މި ތިން ރަށަށް އެއްކޮށް ކިޔައި އުޅުނީ ދެދޫމުލައް މިހެންނެވެ.

ޔޫސުފު ނާއިބު މީދޫއަށް ފައިބައިވަޑައިގެން މީދޫ އިސްލާމް ކުރެއްވުމާއި އައްޑޫ އެހެން ރަށްރަށާއި ފުވައްމުލަކާއި ހުވަދޫ އިސްލާމްވުމާ ދޭތެރޭ ހޭދަވީ މުޅިއެކު ބާރަ އަހަރެވެ. މިހަނގުރާމަތައް އަދި މުޅިން ނުނިމެނީސް ކަޅިހާރު ވަނީ މީލާދީން 1158ގައި ނިޔާވެފައެވެ. ކަޅިހާރު ނިޔައުވުމަށްފަހު ރަށުގެ އެންމެ އިސް ވެރިޔަކީވެސް ޔޫސުފު ނާއިބެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!