Pages Menu
TwitterRssFacebook
Categories Menu

| 15 Oct 2015 | މީދޫ އާސާރީ މިސްކިތްތައް | (9) ޚިޔާލު

މީދޫ މޫސާގެފަންނު މިސްކިތުގެ ވަނަވަރު

މީދޫ މޫސާގެފަންނު މިސްކިތުގެ ވަނަވަރު

މުސްކުޅި މޫސާގެ ފަންނު މިސްކިތް

މޫސާގެ ފަންނު މިސްކިތަކީ މީދޫގެ ބޯދާ މިސްކިތްތަކުގެ ތެރޭގައި ނުހިމެނުނު ނަމަވެސް ގިނަ ދުވަސްވެފައިވާ މިސްކިތެކެވެ. ބޯދާ މިސްކިތްތަކުގެ ވަނަވަރު މީދޫގެ ތާރީޚާއި ބެހޭ އެކިއެކި ލިޔުން ތަކުން ފުދޭ މިންވަރަކަށް އެނގެން ހުރެއެވެ. އެހެން ނަމަވެސް އިހު ހުރި މޫސާގެ ފަންނު މިސްކިތް ބިނާ ކުރެއްވީ ކޮންބެއިކަލެއް ކަމެއް އަދި ބިނާ ކުރެވިފައިވަނީ ކޮން ދުވަސްވަރެއްގައިކަން ވަނީ ނޭގުމެއްގެ ތެރޭގައެވެ. އަދި އެއީ ކޮން ބެއިކަލަކަށް ނިސްބަތްވާ މިސްކިތެއް ކަންވެސް އެނގެން ނެތް ކަމީ ހައިރާން ވާން ޖެހޭ ކަމެކެވެ. ބިނާ ކުރެއްވީ ކޮން ބެއިކަލެއްކަން އެނގެން ހުރި ނަމަ އެބެއިކަލެއްގެ ދުވަސްވަރަށް ބަލާފައި މިސްކިތުގެ އުމުރު އަންދާޒާ ކުރެވުނީހެވެ.

ނަވާރަ ސަތޭކަ އަށްޑިހައިގެ އަހަރު ތަކާއި ޖެހެންދެން ރާއްޖޭގެ ގިނަ މިސްކިތްތަކަށް ކިޔަމުން އައިސްފައިވަނީ ހަމަ އެކަނި ދިވެހި ނަންނަމެވެ. އެހެން ނަމަވެސް އަށްޑިހައިގެ މެދުތެރެއިން ފެށިގެން ހަމައެކަނި ދިވެހިނަން ކިޔާފައި ހުރި ގިނަ މިސްކިތްތަކަށް ކޮންމެވެސް އަރަބި ނަމެއް ކިޔައި މިސްކިތް ތަކުގެ ނަންފިލާތައް ހަރުކުރެވުނެވެ. އެގޮތުން މޫސާގެ ފަންނު މިސްކިތަށްވެސް މަސްޖިދުއް ޝައިޚް އަލީގެ ނަން ދީ ބޯޑެއް ހަރު ކުރެވުނެވެ. އެހެންކަމުން މި މިސްކިތަކީ އަލްޤާޒީ ޝައިޚް އަލިދީދީ ނުވަތަ އެޅެގެ އަލިދީދީ ބިނާ ކުރެއްވި މިސްކިތެއްތޯ ދެނެގަތުމަށް ދިރާސާ ތަކެއް ކުރެވުނެވެ. ނަމަވެސް ޝައިޚް އަލިދީދީ އަށް ނިސްބަތްކޮށް ނަން ދީފައިވަނީ އެމިސްކިތާއި ޝައިޚް އަލިދީދީ އާއި ގުޅުމެއް އޮވެގެން ނޫންކަން އެނގުނެވެ. އަދި އެއީ ރާއްޖޭގެ ބައެއް އެހެން މިސްކިތްތަކަށް ވެސް އެފަދަ ޝަރަފްވެރި ބޭބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފައިވާ އުސޫލުން ކިޔާފައިވާ ނަމެއްކަން އެނގުނެވެ.

މޫސާގެ ފަންނު މިސްކިތް ހުރީ މީދޫގެ ފަހުގެ ކައިލަގެ ތަންގަޑޭ ކިޔުނު ހިސާބުގައެވެ. އެއީ ރަށުގެ ހުޅަނގު ދެކުނު ސަރަހައްދެވެ. އެހިސާބުގައި މީހުން އާބާދުވެފައި ވަނީ ވެސް ރަށުގެ އިރުމަތީ ފަރާތަށް ވުރެ މާފަހުންނެވެ. މިސްކިތް ހުރި ސަރަހައްދަކީ ކައިލަގެ ހިސާބުގެ ދަނޑުބިން އޮންނަ ސަރަހައްދެވެ. މިސްކިތް ހުރި ހިސާބުން ފެށިގެން ދޫކެޑެ އާއި ޖެހެންދެން އެއީ ކައިލަގެ ދަނޑު ބިމެވެ. ރަށުގެ ދޮށީ އުމުރުގެ މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުން އެތާނގައި ފުރަތަމަ ހުރީ ގާފުޅަ ރާނައިގެން އެއިގެ މަތީގައި ދަނޑި ފަނުން ހަދާފައިވާ ކުޑަ މިސްކިތެކެވެ. އެއީ ކައިލަގެ ދަނޑު ހައްދާން އުޅުނު މީހުން އެޅި މިސްކިތެކެވެ.

ދަނޑިފަނުން ހުރި މިސްކިތް ރޫޅާލައި ފުރަތަމަ ފަހަރަށް ގަލުން ރާނައިގެން މޫސާގެ ފަންނު މިސްކިތް ބިނާ ކުރީވެސް ކައިލަގެ ސަރަހައްދުގައި އެންމެ ކުރީން އާބާދުވީ މީހުން އަމިއްލަ އަށެވެ. ފުރަތަމަ ރޭނި މިސްކިތަކީ މިހާރު އަލަށް އަޅާފައިވާ މިސްކިތައް ވުރެން ފެންނާ މަގުގެ މެދަށްވާ ގޮތައް އަޅާފައިވާ މިސްކިތެކެވެ. ރާނާފައި ހުރީ ދެފަރާތުގައި ފިލާ ޖަހައިގެން ގަލާއި އުވައިންނެވެ. ހިޔާކޮށްފައިވަނީ އީޓު ޖަހައިގެންނެވެ. މިސްކިތުގެ ދިގު މިނަކީ ގާތްގަޑަކަށް ބާރަ ފޫޓެވެ. ފުޅާ މިނަކީ އެގާރަ ފޫޓެވެ. މިސްކިތުގައި ވަކި މިހުރާބު ގެއެއް ރާނާފައި ނުހުރެއެވެ. ތަޅުންގަނޑު އަޅާފައިވަނީ ވަރަށް އުސްކޮށް ބަރައިގެންނެވެ. ތަޅުން ގަނޑުގެ އުސްމިން މީދޫ މާމިސްކިތާއި ދާދި އެއްވަރު ވާނެއެވެ. މިސްކިތުގެ މަތި ވަޑާން ގަނޑާއި މައި ދޮރު ހަދާފައިވަނީ ހައި ވަކަރުންނެވެ. މިސްކިތް ބިނާ ކުރެވުނުތާ އަހަރު ތަކެއް ފަހުން މިސްކިތުގެ އެތެރޭގައި އުވަ ޖަހައި އޮމާންކޮށްފައި ވެއެވެ. އެ މަސައްކަތް ކުރުވީ ކަޅު އަބްދުއްﷲ ދީދީގެ ނާއިބު ކަމުގެ ދުވަސްވަރު އެދީދީއެވެ.

މުސްކުޅި މޫސާގެ ފަންނު މިސްކިތުގައި ޖާގަ ތަނަވަސް ކުރުމަށްޓަކައި ފެންޑާއަކާއި ވަކިން މިހުރާބު ގެއެއް ފަހުން ރާނާފައި ވެއެވެ. ފެންޑާ ހަދާފައި ވަނީ ނަވާރަ ސަތޭކަ އަށްޑިހައިގެ މެދު ތެރޭގައެވެ. އަދި މިހުރާބުގެ ރާނާފައި ވަނީ އަށްޑިހައިގެ ފަހު ކޮޅުގައެވެ. މީގެ އިތުރުން ކުރީގެ ފެންވަޅު ހަލާކުވެފައި ވަނިކޮށް އާ ފެންވަޅެއް ބެހެއްޓުނެވެ. އެއީ ނަވާރަ ސަތޭކަ ނުވަދިހަ ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. ފެންޑާ އާއި މިހުރާބުގެ އަދި ވަޅު ރޭނުމުގެ މަސައްކަތް ކޮށްފައިވަނީ އެހައި އިރުވެސް އެމިސްކިތް ބަލަހައްޓަމުން އައިސްފައިވާ އިސްމެހެލާގެ އަހައްމާގެ އަމިއްލަ ޚަރަދާއި މަސައްކަތުގެ އިތުރުން މިސްކިތުގެ އަވަށްޓެރީންގެ އެހީތެރިކަން ލިބިގެންނެވެ. މިމަސައްކަތުގައި އަހައްމާގެ ކުދީންނާއި އާއިލާގެ އެހިތެރިކަން ލިބިފައި ވެއެވެ.

މިސްކިތް ބަލަހައްޓަމުން އައި ވަނަވަރު
Moosage faanu mosue 1
މޫސާގެ ފަންނު މިސްކިތް ބަލަހައްޓަމުން އައި ވަނަވަރު ލިޔާން ގަސްތު ކުރީ އެކަމުގެ ހަގީގަތް އެނގެންވާ ބަޔަކަށް ނޭގޭ ކަމަށް ހަދާފައި އޮޅުވާލާފައި ވާތީ ހަނދާނާއި ތާރީޚަށްޓަކައެވެ. މިސްކިތް ބިނާ ކުރުމާއި ބެހޭ ސާފު ތާރީޚީ މައުލޫމާތެއް ލިބެން ނެތްނަމަވެސް، އެމިސްކިތަކީ ނަވާރަ ސަތޭކައިގެ އަހަރުތައް ފެށުނު އިރުވެސް ހުރި މިސްކިތެއްކަން އެނގެއެވެ. އެއީ އެމިސްކިތް ބަލަަހައްޓާފައިވާ ކަން އެނގެން ހުރި އެންމެ ދޮށީ މީހުންގެ ދުވަސްވަރާއި އަޅާ ބަލައިގެންނެވެ.

މީލާދީ ސަނަތުން ނަވާރަ ސަތޭކައިގެ އަހަރުތަކުގެ ކުރީ ކޮޅުގައި މޫސާގެ ފަންނު މިސްކިތް ބަލަހައްޓަމުން އައީ ފަންނިއަރި އަހްމަދުދީދީ އެވެ. އެއީ ހަސަން ރަހާގެ އިބްރާހީމް ދީދީ، ސައީދު ، ހައްވާދީދީ އަދި ދޮންދީދީގެ ބައްޕައެވެ. ފަންނިއަރި އަހްމަދުދީދީ ނިޔާވުމަށް ފަހު މިސްކިތުގެ މުދިންކަން ކޮށްފައިވަނީ ބަނޑިހިގޭ އިބްރާހީމްދީދީ (ބަނޑިހިގޭ އިބްރާހީމް ބޭބެ) އެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް އިބްރާހީމް ބޭބެ ބަލިވުމާއި ގުޅިގެން މިސްކިތް ބަލަހައްޓާނެ ވަކި މީހަކު ނެތި ދުވަސް ކޮޅެއް ދިޔައެވެ. އިބްރާހީމްބޭބެއަށް ފަހު ފުވައްމުލަކު މަނިކު ނަމަކަށް ކިޔާ މީހަކުވެސް ދުވަސް ކޮޅަކަށް މިސްކިތުގެ މުދިންކަން ކުރިއެވެ. މުލަކު މަނިކަކީ ތަންކޮޅެއް ފަހުންވެސް މީދޫ ބަންކެޔޮވަލިގޭ ޝަޒިއްޔާ އާއި ކައިވެނި ކޮށްގެން މީދޫގައި ދުވަސް ކޮޅަކަށް އުޅުނު މީހެކެވެ.

މުލަކު މަނިކަށްފަހު މިސްކިތް ބަލަހައްޓާން ވަކި ޚާއްސަ މީހަކު ނެތި އަނެއްކާވެސް ދުވަސް ތަކެއް ދިޔައެވެ. އެއީ ނަވާރަ ސަތޭކަ ފަންސާސް އަށެެއް ހާ ހިސާބެވެ. މިސްކިތް ބަލަހައްޓާން ވަކި މީހަކު ނެތި ވީރާނާ ވަމުން ދަނިކޮށް މިސްކިތް ބެލެހެއްޓުމާއި ދެން ހަވާލުވީ އިސްމެހެލާގެ އަހައްމާއެވެ. އެއީ ނަވާރަ ސަތޭކަ ފަންސާސް ނުވަ ވަނަ އަހަރުގެ ތެރޭގައެވެ. އެއިރު އަހުމަދު ޝަކީބުގެ އުމުރަކީ ނަވާރަ އަހަރެވެ. އެހެން ކަމުން އެދުވަސްވަރު މިސްކިތް ބަލަހައްޓަމުން ގެންދިޔައީ އަހައްމާގެ ބައްޕަގެ އެހީއާއި ވެސް އެކުގައެވެ.

އަހްމަދު ޝަކީބު އާއި މިސްކިތް ހަވާލުކުރީ އޭރުގެ ކަތީބު އަބްދުއްﷲ ނާފިޒު އަރިހުގައި އަމިއްލަ އަށް އެދިގެންނެވެ. މިސްކިތާއި ހަވާލުވެގެން ބެލެހެއްޓުމުގެ ވިސްނުން އައީ އެދުވަސްވަރު އަހްމަދު ޝަކީބުގެ ބައްޕަ ސިއްތީބީގެ މުހައްމަދު އާއި އެމީހުންގެ ގާތް މީހުން އާއްމުކޮށް ނަމާދުކޮށް އުޅުނީ މޫސާގެ ފަންނު މިސްކިތުގައި ކަމަށް ވުމުންނެވެ. އެދުވަސްވަރު އިސްމެހެލާގެ ދޯނި ހަރުގެއެއް މޫސާގެ ފަންނު އަތިރި މަތީގައި ހުރެއެވެ. އެމީހުން ކުރަމުން ދިޔަ އެހެން ބައެއް މަސައްކަތުގެ މައި މަރުކަޒަކީވެސް އެއީ އެވެ. މިފަދަ ކަންކަމާއި ގުޅިގެން ދުވާލުގެ ގިނަ ވަގުތު ތަކުގައި އިސްމެހެލާގެ މީހުން އުޅުނީ މޫސާގެ ފަންނު ސަރަހައްދުގައެވެ.

އިސްމެހެލާގެ މީހުން ބަލަހައްޓާ މިސްކިތަކަށް މޫސާގެ ފަންނު މިސްކިތް ހަމަޖެހިގެން ދިޔުމުން ވީރާނާ ވަމުން ދިޔަ މިސްކިތް އާބާތުރަ ފިލުވައިގެން ރީތި ކޮށްގެން ބަލަހައްޓާން ފެށުނެވެ. މިސްކިތުގެ ބައްތި ތެލަށްވާ ދިހަ ރުފިޔާ ރަށު އޮފީހުން ދިނެވެ. އަދި އެދުވަސްވަރުގެ އުސޫލުން މިސްކިތް ބަލަހައްޓާ ފަރާތަކަށް އިނާޔަތެއްގެ ގޮތުން ދެމުން ދިޔަ ރުއްތައް ވެސް ލިބުނެވެ. މިގޮތުން ރަށުގެ ދެ ސަރަހައްދެއްގައި ހުރި ބަންޑާރަ ރުކުގެ ތެރެއިން 8 ރުއް ލިބުނެވެ. މިސްކިތް ބަލަހައްޓާ މަތިން މިގޮތަށް ދޭ ރުކަށް އެދުވަސްވަރު ކިޔަނީ މިސްކިތު ރުކެވެ. އެންމެ ކުރީ ޒަމާނުގައި ކިޔަނީ މިސްކިތުގެ ބޯގައެވެ.

މިގޮތަށް ރަށު އޮފީހުގެ ފަރާތުން ރުއްތައް ދީފައި ވަނިކޮށް އައްޑޫ ބަގާވާތަށް ފަހު އުފެދުނު ސުވާދީބު ސަރުކާރު ފެށުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ހުރިހާ މިސްކިތު ރުކެއް ސަރުކާރަށް ނަގައިފިއެވެ. އެއަށް ފަހު ބައްތި ތެލަށް ދެމުން ދިޔަ 10 ރުފިޔާގެ ބަދަލުގައި 15 ރުފީޔާ ދޭން ފެށިއެވެ. އަފީފުގެ ސުވާދީބު ސަރުކާރުން މިސްކިތު ރުއް އަތުލި އަސްލު ސަބަބު އާއްމުކޮށް އަންގާފައެއް ނުވެއެވެ. އެހެން ނަމަވެސް އެއީ ސުވާދީބު ސަރުކާރުގެ އާމްދަނީ އިތުރު ކުރުމަށްޓަކާ އެޅި އިގްތިސާދީ ފިޔަވަޅެއްކަމަށް ވެދާނެއެވެ.

އަހްމަދު ޝަކީބު މިސްކިތުގެ މުދިންކަން ކުރަން ފެށިތާ ހަވަނައަށް ވީ އަހަރު މުދިން ކަމުގެ ސަނަދު ނަގާން މާލެ ދެވޭގޮތް ހަމަ ޖެހުނެވެ. އެއީ ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރެވެ. އެފަހަރު މުދިންކަމުގެ ސަނަދު ކޯހަށް މީދޫން މާލެ އައި ދެވަނަ މީހަކީ އެޅެބެއްޔާގެ ތުއްތުދީދީ އެވެ. މިސްކިތު މުދިންކަމާއި އެކު ޖަމާއަތް ތެރިކަމުގެ ސަނަދު ނަގާން މާލޭގައި ހޭދަވީ ދޮޅުމަސް ދުވަހެވެ.

މޫސާގެ ފަންނު މިސްކިތާއި އަހްމަދު ޝަކީބު ހަވާލުވެގެން ބަލަހައްޓާންފެށި އިރު އުމުރަކީ އެންމެ ނަވާރަ އަހަރު ކަމަށް ވާތީ ރަށުގެ ގިނަ ބަޔަކަށް ހީވެފައި އޮތީ އެދުވަސްވަރު އެމިސްކިތް ބެލެހެއްޓުން ހަވާލު ވެފައި އޮތީ އަހައްމަދު ޝަކީބުގެ ބައްޕަ އާއި ކަމަށެވެ. އަދި އަހައްމަދު ޝަކީބާއި މިސްކިތް ހަވާލުވީ އޭނާގެ ބައްޕަ މުސްކުޅި ވުމުން ނުވަތަ މަރުވުމަށް ފަހުގައި ކަމެވެ. ތެދެކެވެ. އަހަމަދު ޝަކީބުގެ ބައްޕަގެ ދުވަސްވަރު މިސްކިތް ބެލެހެއްޓުމުގެ ކަންކަމުގައި އަހައްމަދު ޝަކީބުގެ ބައްޕަވެސް އެހީތެރިވެފައި ވެއެވެ. އެހެންނަމަވެސް އަހްމަދު ޝަކީބުގެ ބައްޕަ ނަވާރަ ސަތޭކަ ހަތްދިހަ އަށްވަނަ އަހަރުން ފެށިގެން ބަލިވީއްސުރެ ދެހާސް ހަތްވަނަ އަހަރުގެ އޯގަސްޓް މަހާއި ހަމައަށް މިސްކިތް ބެލެހެއްޓުމުގެ ހުރިހާ ޒިއްމާއެއް އަދާ ކުރަމުން އައިސްފައި ވަނީ އަހްމަދު ޝަކީބާއި އޭނާގެ ކުދީންނެވެ.

މަތީގައި ބަޔާން ކުރެވުނު ތާރީޚް ތަކުގެ ތެރެއިން މުދިންކަމުގެ ސަނަދު ލިބުމަށް ފަހުގައި އަހްމަދު ޝަކީބު މޫސާގެ ފަންނު މިސްކިތް ބަލަހައްޓާފައިވާ މުއްދަތަކީ 42 އަހަރެވެ. އެއިގެ ކުރީގެ 6 އަހަރާއި އެކު ޖުމުލަ 48 އަހަރެވެ. މިއީ ދޮގު ކުރެވެން ނެތް ހަގީގަތަކަށް ވީނަމަވެސް މީދޫ އޮފީހުގެ ވެރީން ވަނީ އެކަން އޮޅުވާލާފައެވެ. އެއީ ދެހާސް ހަތްވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ވަޒީފާއިން މުސްކުޅި ކުރާ މުދިމުންގެ ޚިދުމަތުގެ ޖުމްލަ މުއްދަތު ބެލި ބެލުމުގައެވެ. އަހްމަދު ޝަކީބަށް އޮފީހުން ދެއްވި ލިޔުމުގައި ވަނީ އަހްމަދު ޝަކީބު މިސްކިތް ބަލަހައްޓާފައިވަނީ 13 އަހަރު ކަމުގައެވެ. މިކަމާއި ސުވާލު ކުރުމުން އޮފީހުގެ ފަރާތުން ޖަވާބު ދީފައިވަނީ އެއީ އަހްމަދު ޝަކީބު މިސްކިތް ބަލަހައްޓަމުން އައިކަން މީދޫ ރަށު އޮފީހުގެ ލިޔެ ކިޔުންތަކުން އެނގެން ހުރި މުއްދަތު ކަމުގައެވެ. އެހެން ނަމަވެސް ރަށު އޮފީހުގައި މުދިމުންގެ ހާޒިރީއެއް ގާއިމު ކުރެވި މުދިމުން ސޮއިކުރަން ފެށި ފުރަތަމަ ދުވަހުން ފެށިގެން އަހްމަދު ޝަކީބު ވެސް އައީ އެ ހާޒިރީގައި ސޮއި ކުރަމުންނެވެ. އޮފީހުގައި މުދިމުންގެ ހާޒިރީއެއް ބަލަހައްޓާން ފަށާފައިވަނީ، މުދިމުންނަކީ ސިވިލް ސާރވިސްގެ މުއައްޒަފުން ކަމުގައި ހަމަ ޖެހުނު ހިސާބުންނެވެ. އެއީ ނަވާރަ ސަތޭކަ ނުވަދިހައިގެ މެދެއްހާ ހިސާބެވެ. މި ތިއަރީއަށް ބަލާފައިވާ ނަމަ މީދޫގައި 13 އަހަރަށް ވުރެން ދިގު މުއްދަތަކަށް މިސްކިތެއްގެ މުދިންކަން ކޮށް މިސްކިތް ބަލަހައްޓާފައި ހުރި އެކަކުވެސް ނުހުންނާނެ އެވެ.

ޒަމާނީ ފެންވަރަކަށް އަލުން އިމާރާތް ކުރުން
Moosage faanu mosue 2
ކުރީގެ މިސްކިތަކީ ކުޑަ މިސްކިތަކަށް ވެފައި ޖާގައިގެ ދަތިކަން ދިމާވެ ގިނަ ދުވަސް ތަކެއް ވުމުން، އަމިއްލަ ބައެއްގެ އެހީގައި ބޮޑު މިސްކިތެއް އަލުން އެޅުމުގެ ޚިޔާލެއް އުފަންވިއެވެ. މިގޮތަށް މިސްކިތެއް އެޅުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރާން ފަށާފައިވަނީ ނަވާރަ ސަތޭކަ ނުވަދިހަ ދެވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. އެމަޝްވަރާތަކުގައި ބައިވެރިވި އިސް މީހުންނަކީ އަޅިވިލާގެ އަހްމަދު ޝަކީބާއި، ހުޅަނގުގެ އިބްރާހީމް ދީދީއާއި، ބެންހާގެ ހަސަން މުހައްމަދާއި ޑޭލައިޓްވާދީ އިސްމާއީލް އިބްރާހީމެވެ. އަހްމަދު ޝަކީބަކީ މިސްކިތުގެ މުދިމަށް ވީއިރު އަނެއް ތިންމީހުންނަކީ އާދަކޮށް މޫސަގެ ފަންނު މިސްކިތަށް ނަމާދަށް ގޮސް އުޅުނު އެކުވެރިންނެވެ. މޫސާގެ ފަންނު މިސްކިތަކީ ޒަމާނުއްސުރެ އެމިސްކިތުގެ އަވަށްޓެރީން އަމިއްލައަށް ބަލަހައްޓަމުން އަންނަ މިސްކިތަކަށް ވާތީ އެމިސްކިތާއި މެދު ޚާއްސަ ލޯތްބެއް އެމީހުންގެ ހިތުގައި އަބަދުވެސް އޮވެއެވެ.

އާމިސްކިތެއް އެޅުމާއި ގުޅޭ ގޮތުން ކުދިކުދި މަޝްވަރާ ބައްދަލުވުންތައް އޮންނަނީ ނަމާދުން ފައިބައިގެން މިސްކިތުގެ ކުރިމަތީގައި ތިބެގެންނެވެ. އެކި ދުވަސްމަތީން ހަތަރު މީހުންގެ މެދުގައި މަޝްވަރާ ކުރުމަށް ފަހު އެއްބަސް ވެވުނީ އެންމެން އަތުން ޗަންދާ ނަގައިގެން އަމިއްލަ ގޮތުން އާ މިސްކިތެއް އެޅުމުގެ މަސައްކަތް ފެށުމަށެވެ. އެއަށްފަހު އެނިންމުމާއި ބެހޭގޮތުން ރަށު އޮފީހުގެ ވެރިންނަށް ހުށަހެޅުމަށެވެ. އެވާހަކަ އެއިރުގެ ބޮޑު ކަތީބު އަބްދުﷲ ހާނީއަށް ހުށަހެޅީ އަހްމަދު ޝަކީބެވެ. މިހުށަހެޅުމަށް ބޮޑު ކަތީބުގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި އެކު މަސައްކަތް ފެށިގެން ދިޔައީ ވަރަށް ވެސް ބޮޑު ހިތްވަރަކާއި އާ ރޫހަކާއި އެކުގައެވެ.Moosa ge fadndnu mosque Moosa ge Fannu Mosue2

މަޝްވަރާގައި އިސްކޮށް ބައިވެރިވި މީހުންގެ މެދުގައި އެއްބަސް ވެވުނީ ފައިސާގެ ގޮތުން އެމީހުން އަމިއްލައަށް ހޭދަކުރެވެން ހުރި މިންވަރަކުން އިމާރާތް ކުރުމުގެ މަސައްކަތް ފަށައި ގަތުމަށެވެ. އެއަށްފަހު އަމިއްލަ އެހެން ފަރާތް ތަކުގެ އެހީވެސް ހޯދައިގެން މިސްކިތުގެ އިމާރާތް ރާނައި ނިންމުމަށްފަހު ދެން ހުރި ކަންކަން ނިންމުމަށް ސަރުކާރުގެ އެހީއަށް އެދުމެވެ. މިގޮތުން ފުރަތަމައަށް ހަމަ ކުރީ މިސްކިތުގެ ފައުންޑޭޝަން އެޅުމަށް ބޭނުންވާ ތަކެއްޗަށް ހިނގާނެ ޚަރަދެވެ. ފެންނާ މަގަށް ނާރާ ގޮތަށް އެތެރެއަށް ޖައްސައިގެން އާމިސްކިތް އެޅެން އޮތް ބިމުގައި ކުރީން އަލަ ހެއްދި އޮޅެއް އޮތުމުން އެތަން ހިއްކުމަކީވެސް ޚަރަދު ބޮޑު މަސައްކަތަކަށް ވިއެވެ. އެހެން ނަމަވެސް އެމަސައްކަތައް ވަރަށް ދީލަތި އެހީއެއް ވެދިނީ އެދުވަސްވަރު މީދޫގެ ވިޔަފާރި ވެރިއެއް ކަމަށްވާ އަލް މަރުހޫމް އިސްމެހެލި ކަލޭގެ ސަމަދު އެވެ. އަށްޑިހަ ވަރަކަށް ޑަމްޕަރުގެ ދޮންވެލި ނެގުމަށް ދިޔަ ހުރިހާ ޚަރަދެއް ދީފައިވަނީ މަރުހޫމް އަބްދުއް ސަމަދު އެވެ.

މިސްކިތް އެޅުމަށްޓަކައި ބައެއް ރިޒޯޓް ތަކުގައި ވަޒީފާ އަދާ ކުރާ މީދޫ ޒުވާނުންގެ ފަރާތުންވެސް އެހީ ލިބިފައިވެއެވެ. މިގޮތުން އެންމެ ރަނގަޅު މިންވަރެއްގެ އެހީއެއް ލިބިފައިވަނީ އ.އ.ކުރަމަތި ރިޒޯޓްގައި މަސައްކަތް ކުރަމުން ދިޔަ މީދޫގެ ފަރުދުންނާއި ބަނޑޮސް ރިޒޯޓްގައި މަސައްކަތް ކުރަމުން ދިޔަ މީދޫ ފަރުދުންގެ ފަރާތުންނެވެ. ކުރަމަތި ރިޒޯޓުން ލިބުނު ފައިސާގެ އަދަދަކީ 5209 ރުފިޔާއެވެ. ބަނޑޮސް ރިޒޯޓުންވެސް އެހާކަށް ވަރަށް ލިބިފައިވެއެވެ. ކުރަމަތި ރިޒޯޓްގައި އުޅުނު މީދޫ މީހުންގެ ފަރާތުން އެހީ ހޯދުމުގައި އިސްކޮށް އުޅުނީ ޑޭޒީފެހި އަބްދުﷲ ރަޝީދާއި އަވާމެންދުރުގެ އަބްދުﷲ ޒުހުރީއެވެ. ބަނޑޮސް އައިލޭންޑް ރިޒޯޓުން އިސްކޮށް އުޅުނީ ކަޅިހާރި އަހްމަދު މުޖުތަބާއެވެ.

Moosage faanu mosue 3އާމިސްކިތް އިމާރާތް ކުރާން ފެށުމުގެ ހުރިހާ ތައްޔާރީއެއް ވުމަށްފަހު 21 ޖޫން 1993 ގައި މިސްކިތުގެ ބިންގާ އެޅިއެވެ. ބިންގާ އަޅުއްވާ ދެއްވީ އެއިރު އައްޑު އަތޮޅު އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމުގައި ހުންނެވި މަރަދޫ-ފޭދޫ އަލީ ނިޒާރެވެ. މިސްކިތް ރާނާފައިވަނީ ސިމެންތިއާއި ތެޅިގަލުންނެވެ. ފަރުމަތިން ގާ ނެގުމަށް އެކިފަހަރު އެކި މީހުން ހިލޭ ސާބަހަށް މަސައްކަތް ކޮށްފައިވެއެވެ. މަސައްކަތް ހިނގަމުން ދިޔަ އިރު މަސައްކަތު މީހުންނަށް ކާން ދިނުމުގެ ކަންތައް ހަމަޖައްސާފައިވަނީ ހަސަންރަހާގެ (އަވާމެންދުރުގެ) އިންނެވެ. ރޭނުމުގެ އަމަލީ މަސައްކަތުގައި އިސްކޮށް އުޅުނީ އަހްމަދު ޝަކީބު އާއި ހަސަންރަހާގެ އިބްރާހީމް ދީދީ އާއި އިސްމާއީލެވެ.

އަމިއްލަ ޚަރަދުގައި ރާނާ ނިމުމުން ހިޔާ ކުރުމާއި ތަޅުން އަޅައި ތަށިމުށި ޖެހުމާއި ދޮރާއި ދޮރުފަތް އެރުވުމުގެ ހުރިހާ ޚަރަދެއް ކޮށްދީފައިވަނީ ސަރުކާރުގެ ޚަރަދުގައެވެ. އެކަމަށް ސަރުކާރުގެ ފަރާތުން މާ ލަސްތަކެއް ނުވެ ފައިސާގެ ކަންތައް ހަމަޖެހިގެން ދިޔައީ އެއިރުގެ ބޮޑު ކަތީބު އަބްދުﷲ ހާނީގެ ފުރިހަމަ އެއްބާރު ލުމާއި އެކުގައެވެ.

މިގޮތަށް މިސްކިތް އިމާރާތް ކޮށް ނިމުމުން އަހްމަދު ޝަކީބުގެ އަމިއްލަ ޚަރަދުގައި އަމިއްލައަށް ރާނައިގެން މިސްކިތުގެ ހަރިއްމަ ތެރޭގައި ދެ ފެންވަޅު ބެހެއްޓުނެވެ. ފާޚާނާއެއް ހެދުމާއި މިސްކިތުގެ ވަށައިފާރު ރާނާފައިވަނީވެސް އަމިއްލަ ފަރާތް ތަކުން ލިބުނު ފައިސާގެ އެހީންނެވެ. މިސްކިތް ނިމިގެން ހުޅުވިތާ އަހަރެއްހާ ދުވަސް ފަހުން ވުޟޫ ކުރާނެ އިސްކުރު ބަރިއެއް ހަދާ ދީފައިވަނީ ހިންނަވަރިގޭ ބެއްޔާގެ ދީލަތި އެހީގައެވެ. ރަސްމީ ގޮތުން އާ މިސްކިތް ހުޅުވާފައި ވަނީ 6 ފެބްރުއަރީ 1996 ގަައެވެ. މިއީ މީދޫގެ ފަހުގެ ތާރީޚެއްގައި އާދައިގެ ރައްޔިތުންގެ ތެރެއިން މަދު ބަޔަކު އެކުވެގެން ކުރެވިފައިވާ މިފަދަ އަގުހުރި މަސައްކަތުގެ ތެރޭގައި ހިމަނާލަން ޖެހޭ މަސައްކަތެއްކަން ކަށަވަރެވެ.

 

(9) ކިޔުންތެރިންގެ ޚިޔާލު

  1. ރަޝިދަށް ބުނަމެވެ. އިނާޔަތް ދިނީ މުޅި މުއްދަތައް ބަލާފައެވެ. އެކަމަކު އެހެން ދިނީ ވަކި ބަޔަކަށެވެ. އެއީ ވަކި ފިހާރަ އަކުން ވިޔަފާރި ކުރާ ގޭގެ މުދިމުންނަށޭ ބުނާކަށް ނެތީމެވެ. ރަޝީދު ތިޔަ ބުނި ގޮތައް ނަމަ ރަށުގެ ހުރިހާ މުދިމުންނަށް ވެސް އިނާޔަތް ލިބޭނީ އެއްވަރަކަށް ނޫންތޯ.

     
  2. މިސްކިތުގެ ތާރީޚްގެ ތެރެއިން އެނގެން ހުރި މިންވަރެއް ލިޔުނު ކަން ރަނގަޅެވެ. އެހެން ނަމަވެސް މިލިޔުނު މީހަކު ލިޔެފައި މިހިރީ ގިނަ ދުވަސް ވަން ދެން މިސްކިތް ބެލެހެެއްޓި މީހުންނަށް ވަކި ގިނައިން ފައިސާގެ އިނާޔަތް ލިބުނު ކަމަށް ވެގެން ހެން ހީވެއެވެ. އެކަމަކު އެއީ ގޯސް ހީއެކެވެ. މުދިމުންނަށް އިނާޔަތް ދިނީ ސަރުކާރުގެ މުއައްޒަފުންގެ ގޮތުގައި ހަމަ ޖެހުނު ހިސާބުން ފެށިގެންނެވެ. އެގޮތައް ބެލީމާ ވާނީ 13 ވަރަކަށް އަހަރެެވެ. އެކި ރަށް ރަށުގެ އެކި އެކި މުދިމުން ސިވިލް ސަވިސްގެ މުއައްަޒަފުންނަށް ވެފައި ވަނީ އެކި އަހަރުގައެވެ. ވައްދާން ފެށީ 94 ހާ ހިސާބުން ފެށިގެންނެވެ.

     
  3. މީދޫއަކީ މިސްކިތް ގިނަ ރަށެކެވެ. މީދޫގެ މިސްކިތްތައް ބެހިގެންވަނީ މައިގަޑު ތިން ބަޔަކަށެވެ. އެއްވަނައީ އާބާދުވެފައިވާ ސަރަހައްދުގައި ބިނާކުރެވުނު މިސްކިތްތަކެވެ. މާމިސްކިތާއި ރައިވެރިން މިސްކިތާއި ޒިޔާރަތް މިސްކިތަކީ މިގިންތީގެ މިސްކިތްތަކެވެ. ދެވަނަ ބައީ ދަނޑު ގޮވާމުގެ ސަރަހައްދުތަކާއި ބަނދަރުމަތީގައި ބިނާކުރެވުނު މިސްކިތްތަކެވެ. އަރުބެ މިސްކިތާއި މަތިކެޑެ މިސްކިތާއި މޫސާގެފަންނު މިސްކިތާއި ލޮނޑިކެޑެ މިސްކިތަކީ މިގިންތީގެ މިސްކިތްތަކެވެ. ފަހު ބަޔަކީ ކޯގަންނު ގަބުރުސްތާނުގައި ބިނާކުރެވުނު ވަގުފު މިސްކިތްތަކެވެ. އެލިސްޓު ކޮންމެހެން ލިޔުމުގެ ބޭނުމެއް ނެތެވެ. އަރުބެ މިސްކިތަކީ ދެށިނާގެ އަހުމަދު މަނިކު މީގެ ސަތޭކަ ވިއްސަކަށް އަހަރުކުރިން ބިނާކުރި މިސްކިތެކެވެ. މަތިކެޑެ މިސްކިތަކީ ހަމައެދުވަސްވަރު އެޅެގޭ އަބްދުﷲ ދީދީ ބިނާކުރި މިސްކިތެކެވެ. އެހެންވީމާ މާބޮޑު އާސާރެއް ތާރީޚެއް އެދެމިސްކިތާއި ގުޅުވައިގެން ހުރިކަމަށް އަހަރެން ނުދެކެމެވެ.

     
  4. އައްދެ އައްދޭ ހީވެސްނުވާކަހަލަ ލިޔުމަކަށް ހައުދަހައިވާ ފައްކާ ކޮމެންޓުތައް އޮހޭ ފަހަރެކެވެ. ކަލޭނޭ ކަލޭނޭ މީގައި މިވާ ވާހަކައިގެ ޚުލާސާއަކީ މިއެވެ. އަހުމަދު ޝަކީބުގެ މުޅި އުމުރު ހޭދަކުރީ ތިޔަބުނާ މިސްކިތުގެ މުދިންކަމުގައެވެ. އެކަމަކު ރަށު އޮފީހަށް އެކަން އެނގޭ ކަމަކަށް ނުވެއެވެ. މިސްކިތް ހަވާލުކުރީ ޝަކީބުގެ ބައްޕަޔާތޯ ވަސީފާއަކީ އެބައްޕަގެ ދޮންދަރިއެއްތޯ ދެށިނާގެ އިބްރާހިމް ދީދީއަކީ ވަސީފާ އިންމީހެއްތޯ އެއީ މުޅިން އެހެން ވާހަކައެކެވެ. މައިގަޑަކީ ރަށު އޮފީހުގެ ވިޔާނުދާކަމުގެ ވާހަކައެވެ. އެއީ ދޮގު ވާހަކައެއްތޯ ބުނެދީބަލާށެވެ. ބޭކާރު އެހެން ވާހަކަ ދެއްކުމުގެ މަންފާއެއް ނެތެވެ.

     
  5. ދޮން ފަރަންޖިން މީދޫއަށް ދިޔައިރު މޫސާގެފަންނު މިސްކިތް ހުއްޓެވެ. މިއެމީހުން މިސްކިތަށްވަދެ ނަމާދު ނުކުރިއަސް މިސްކިތުގެ ވަޅުގެ ފެން ބޭނުންކުރިއެވެ. އަމީނު ދީދީގެ ޒަމާމުގައި ވެވުތައް ބަރަން އަމުރުކުރިއެވެ. އެ އަމުރާއި ގުޅިގެން ވެއުބޭނުން ނުކުރުމަށް ބެހެއްޓީ ވަޅަކަށް ވެދާނެއެވެ. މިސްކިތް ފުރަތަމަ ރޭނި މީހުންގެ ނަންތައްވަނީ ރަނގަޅަށެވެ. ނަމަވެސް އެއީ ބޮޑު ގުގުރާ ޖެހި އަހަރުކަމެއް އެމޯނިޔާ ޖެހުނު އަހެރެއްކަމަށް ހިސާބު ހަދާކަށް ނޭގެއެވެ.

     
  6. ދެށެނާގެ އިބްރާހިމް ދީދީގެ އަންހެނުންގެ ވަސީފާއަކީ އިސްމެހެލާގެ މަރިޔަމް ދިޔަ އާއި ދޮންމޫސާގެ މުހައްމަދު (ދައްތާބެއްޔާ) އިދެގެން ލިބުނު ދަރިއެކެވެ. އޭގެފަހުން މި މަރިޔަމް ދިޔަ އާއި އިނީ ސިއްތީބީގެ މުހައްމަދު އެވެ. ވީމާ މި ދެ މުހައްމަދަކީ ވެސް ވަސީފާގެ ދެ ބައްޕައެވެ. އިސްމެހެލާގެ މުހައްމަދަކީ ދޮންބައްޕައެވެ. ދޮންމޫސާގެ މުހައްމަދަކީ ބައްޕައެވެ.

     
  7. ތިޔަ މިސްކިތުގެ ވަނަވަރު ލިޔެފައިވާ ފަދައިން ތަފްސީލްކޮށް ލިޔަން ޖެހޭ ދެ މިސްކިތް އަދިވެސް އެބަހުރިއެވެ. އެއީ މަތިކެޑެ މިސްކިތާއި އަރުބެ މިސްކިތެވެ. މިސައިޓަކީ މީދޫގެ ތާރީޚާއި ބެހޭ ގިނަ ދިރާސާ ތަކެއް އެންމެ ގިނަ ލިޔުން ތައް ލިޔެފައިވާ ސައިޓަށް ވާތީ އެ ދެ މިސްކިތުގެ ވަނަވަރު ވެސް ލިޔެލުމަކީ އިތުރު ޚިދުމަތަކަށް ވާނެއެވެ.

     
  8. ދެށިނާގެ އިބްރާހީމްދީދީގެ ވެރިކަމުގައި ނުވަތަ އަމީނުގެ ޖުމުހޫރީ ފެށުނު ދުވަސްވަރު ތިޔަ މިސްކިތް ރޭނި ނަމަ އެނގޭނެ މީސް މީހުންނާއި ސުވާލު ކުރެވިފައި ވެއެވެ. އެދުވަސްވަރު ނަމަ ހަނދާން ހުންނާނެ ނޫނީ އެނގޭނެ ކިތަންމެ މީހުން މިހާރު ވެސް ދުނިޔޭގައި އެބަ ތިއްބެވެ. އެފަދަ މީހުންގެ ތެރެއިން ދެތިން ފަރާތަކާއި ސުވާލު ކުރުމުން ބުނެފައިވަނީ އެމިސްކިތް ރޭނި ހަނދާން ނުހުންނަ ކަމަށެވެ. ވީމާ ތިޔަ ބުނާ ދުވަސް ވަރަށް ވުރެން ކުރިވާނެ ކަމަށް ބޮޑަށް ބުރަވެވެނީ. ވަސިފާގެ ބައްޕަ އަކީ ސިއްތީބީގެ މުހައްމަދެއް ނޫނެވެ. ވަސީފާ އަކީ އިސްމެހެލާގެ މަރިޔަމް ދިޔެ ދައްތާ ބެއްޔާ އާއި ކައިވެނި ކޮށްގެން ލިބުނު ދަރިއެއް. ފަހުން މަރިޔަމް ދިޔެ މުހައްމަދު އާއި ކައިވެނި ކުރީ. ދެށިނާގެ އިބްރާހީމް ދީދީ ވަސީފާއި ކައިވެނި ކުރި އިރު ވަސީފާގެ ދޮން ބައްޕަ އަކަށް މުހައްމަދު ހުރީ. އެހެންވީމާ މުޅިއަކުން ގޯހެއް ވެސް ނޫން.

     
  9. ވަރަށް ރަނގަޅު ލިޔުމެކެވެ. މި ލިޔުން އިތުރަށް ފުރިހަމަ ކުޅައުމުގެ ނިޔަތުގައި ނިކަމެތި އަޅާއަށް އެގިހުރި މައުލޫމާތެއް ހިއްސާ ކޮށްލާނަމެވެ. މޫސާގެފަންނު މިސްކިތް އެންމެފުރަތަމަ ޢިމާރާތް ކުރީ ކޮން ޒަމާނެއްގައި ކާކުކަން އެނގޭކަށްނެތެވެ. އެހެނެއްކަމަކު ރަށުގެ މުސްކުޅި އުމުރުގެ މީހުން ބުނާގޮތުން ފުރަތަމަ އެ މިސްކިތް އިމާރާތް ކުރެވުނީ ދަނޑިފަނުންނެވެ. އެ މިސްކިތް ތެޅިގަލުން ރާނައި އިމާރާތް ކުރެވުނީ އަމީނުގެ ޖުމުހޫރިއްޔާ ފެށުނު ދުވަސްވަރުއެވެ. އެއީ ދެށިނާގެ އިބްރާހިމް ދީދީގެ ކަތީބުކަމުގެ ދުވަސްވަރެވެ. އޭރު މިސްކިތުގެ މަސައްކަތްކުރި މީހުންނަކީ ބޮނޑޮއެޅެގޭ މުހައްމަދު ދީދީ އާއި ބަންޑާރަދަޑިގޭ އިބްރާހިމް ދީދީ އާއި ދިޔާގެ ދޮންކަލޯ އެވެ. އެމީހުން މިސްކިތުގެ ތެރޭގައި އުވަޖެހިއެވެ. މިސްކިތުގެ މަސައްކަތް ނިމުމުން ރަށު އޮފީހުގެ ފަރާތުން މިސްކިތް ބެލެހެއްޓުމާއި ހަވާލުކުރީ ސިއްތީބީގެ މުހައްމަދު އާއެވެ. މީނާއަކީ ދެށިނާގެ އިބްރާހިމް ދީދީގެ އަންހެނުން ވަސީފާގެ ބައްޕައެވެ. އޭގެފަހުން މިސްކިތް ބެލެހެއްޓުމާއި ޙަވާލުވީ މި މުހައްމަދުގެ ފުތް އަހުމަދު ޝަކީބު އެވެ. މިސްކިތުގެ ވަޅަކީ ދޮން ފަރަންޖީންނަށް މާ މީރު ފެނެއް ހުރި ވަޅެއްކަމަށް ދޮން ފަރަންޖީންނާއި ކަޅު ފަރަންޖީން ގަބޫލުކުރެއެވެ. އެހެންވީމާ މާއެޅަށް ފެން ސަޕްލާއިކުރީ މިވަޅުންނެވެ. މިސްކިތުގެ ވެވަކީ އޮނަވިހި ސަތޭކަ ވަނައަހަރުގެ ފަހާއި ހަމައަށް އޮޅުއަލަ ހައްދާފައި ހުރި ބަގީޗާއެކެވެ.

     

ޚިޔާލު ފާޅުކުރެއްވުމަށް

Your email address will not be published. Required fields are marked *

*