މަގޭ ހިތުގެ ހާލު

ދުނިޔެ ހީވީ އެނބުރެނީހެން ވީ ގޮތުން
އުނިވެގެން ނިދިވެސް ދިޔައިއޭ މުޅި ލޮލުން
ތުނި އޮމާން ހިތް އޭގެ ޙައްދުން ނެއްޓުމުން
ގުނިދެޔޭ ރެއަކަށް މިރޭވެސް ރޭތަކުން

ސިކުނޑި ވިސްނާފާ އަރާރުން ވާވަރުން
ފިކުރު ކުރުމުން ބޯމަގޭ ރިއްސާވަރުން
އިތުރު ހައިޖާނެއް މިހިތުގާ އުފެދުމުން
ލަކުޑި ސަރަކެއް ދައުރުވާހެން އެނބުރެމުން

ޙާލު ބޮޑުވީ ވާނުވާއެއް ނޭނގިގެން
ޙާލުގައި ނޭވާ މަގޭ ހިފެހެއްޓިގެން
ޗާލު ޔާރެއް ކުރިމަތިން ހަމަ ފެނިލުމުން
ފާލު ހީވޭ ޢިބުރަތެއްމީ ދަރުސަކުން

ސަބަބު މެދުވެރި ދެން ވެފައިވާ ވިސްނުމުން
ޚަބަރު މިކަމުގެ ވޭކުރީގާ ހީވުމުން
އަބަދު އެދުމެއް ހިތު ތެރޭގާ ފޮރުވަމުން
ޝަރަފުވެރި ބަސްތައް ފަރާތަށް ފޮނުވަމުން

ޖާޒުބިއްޔަތު ކެކި ގަތީ ހަމައުތުރިގެން
ނާޒުކީ އިޙްސާސް މަގޭ އޮބި ނޯވެގެން
ޖާނުގައި އުފެދުނު މިނުގުޑާ ޢަޒުމަކުން
ބާޒު ލިބިނީ ފޮނި ޝުޢޫރަށް ގެންބުމުން

ވިސްނުނީ މިހިތަށް އެކަންތައް މާފަހުން
ޖިސްމު އެކަމަށް ދަހިވެތި ވެފައިވާތީ ކަމުން
އަޞްލު ސިއްރެއް އެނގި ހިތަށް އެވެގަތް ގޮތުން
ފިސްވިއޭ ނާރާ މަހާ އެއްކޮށް މުޅިން

ދިލަ ނަގާ ހޫނުން ލިބޭ އެއުދާސްތަކުން
ގިލަނަކަށް ވެއްޖޭ މިކަންތައް ވޭނަކުން
މިލަދަކާ ހުރެގެން ތަދެއް ނުފިލަކާ ކަމުން
ތިޔަ އިޝާރާތަށް މަ ރުހުނީ ހެޔޮ ހިތުން

ދަންނަވަން ޝުކުރާ ސަނާތައް ފަށްފަށުން
ފަންނުގައި ތިޔަ ޞާޙިބާ މާ މޮޅުކަމުން
އަންތަރީސް ވެވިގެން ދިޔާ ތިޔަ ޙަރަކަތުން
ތަންވަޅެއް ފަހު ލޯމެރީ ފޮނި ނިންޖަކުން

ނޭގުނޭ ވާއެއް ނުވާއެއް ވީގޮތުން
ރޭގެ ފޮނި އިޙުސާސްތަކެއް ކުރުވާ ކަމުން
ރޭގެ ނިދި ހޯދަން އަވަސްވެގަތީ އަލުން
ރޭތަކުންމީ ޚާއްޞަ ރެއެކޭ ލިޔެލަމުން

You may also like...

Leave a Reply to Anonymous Cancel reply

Your email address will not be published.

error: Content is protected !!