ރިހުމާއި އުދާހުގެ ސިޓީ

ހަވަރު ތުންފުއްސަށް

ހެޔޮ ދުއާ ސަލާމް

ގިނިދުށް މީހާ ރަތްމަލަށް ބިރުގަތް ފަދައިން އަހަރެންވެސް ކަލޭދެކެ ބިރު ގަނެއެވެ. ނުބީހެންޏާ ކަނޑާހަމައޭ ބުނެ އޮޅުވާލައިގެން މަގޭ ހަޔާތުގެ ހަފޮޅުން އެތެރެވާން ކަލޭ ފޮނުވި ރޮކެޓުވީ ކަޅިފުށީ ކަލޭގެ ޖެހި ކޮކަޑިއަށެވެ. އެހެނަސް ހުރިހާ ނާރުތައް ވިހަވެ ނަޖިސްވުމުގެ ކުރިން އަހަރެން ސަލާމަތްވެއްޖެއެވެ. ކަލޭ ފޭހުނު އިލޮށިގަނޑު ކަލޭގެ ލޮލަށް ހެރެން ޖެހުނީ އެހެންވެގެންނެވެ. ހަގީގީ ލޯތްބޭ ކިޔައިގެން މަށަށް ދެއްކީ އަވާާމެންދުރެކެވެ. އެއީ ގިރިޓީ ލޯތްބެއްވެސް ނޫނެވެ. އެއަށްވުރެ ރަނގަޅުވާނީ ހިމާރު ލޯތްބޭ ކިޔާފައި ނަންދިނިއްޔާއެވެ.

މަގޭ ހަޔާތުގެ ހުރިހާ ފަތްފުށެއް ވަތު ބަތާނައަށް ދާންދެން ކިޔައިދެވުނީ ނޭނގި ނަމަވެސް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ. އޭގެބަދަލުގައި އުފުލާ ގޯންޏަކަށް ވެގެން މުޅި ރަށުތެރޭގައި ކުޓުވަމުން ކަލޭ ދުވުނީތާއެވެ. ނެރުމަތީ ބުރޮޅިއެއްހެން ގިނަވެގެން އުޅެ އަހަރެން ކަހަލަ ކިތައް މީހުންގެ ނަގިލި ކަހައިލަން ޖައްސާފައިވާނެބާއޭ ހިތަށް އަރައެވެ. ކަލެއާ ހެދި ކިތައް ހާސް އަނބިންގެ ހަތަރު އުދަރެސް ފެނު ޖެހިގެން ސަލާމަތް ނުވެގެން ކަރުތާ ފެނުގައި ފަތަން ޖެހުނު ބާވައޭވެސް ހިތަށް އަރައެވެ.

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނާ ބީދައިން އަހަންނަށްވެސް ކަލޭގެ އައިބެއް އޭރަކު ނުފެނުނެވެ. ކޮންމެ ކަމަކަށް ރުހި ގަބޫލުވެގެން ހުރެވުނީ އެހެންވީމައެވެ. ބަލަށް އެހެލާފައިހުރި އަހިތެޅިވަނަކަށް ވީއިރުވެސް މަށަށް ކަލޭ ސިފަ ކުރެވުނީ ސާދަ ފަނަރަ އަހަރުގެ ބޮތްކޮށްޓިއެއްހެނެވެ. ހަތާތެޅި ކުދިކުދިވެގެން ދިޔައިރުވެސް ލޯމައްޗަށް ސިފަވަމުންދިޔައީ އެހެން މަންޒަރެކެވެ. އެހެންއެވީ ލޮލުގައި އެޅުނު މަކަރުވެރި އަނދުނެއްގެ ސަބަބުންނެވެ. މިހާރު މަގޭ ލޯހުޅުވިއްޖެއެވެ. ހަގީގަތް ހާމަ ވެއްޖެއެވެ. ބިތުފަންގި ނެގީމައި ކެޔޮ ކާލާފައިހުރިވަރު އެނގިއްޖެއެވެ. އެހުރިހާ ދުވަހު ދޮން އަނބެކޭ ހިތައި ގެންގުޅެވުނީ ދޮން ދުނބުރިއެކެވެ.

އަހަރެންގެ ދިރިއުޅުމުގައި ދެން ކަލެއަށް އެއްވެސް ޖާގައެއްނެތެވެ. އޭރުވެސް އަނެއްހެން ދިނީއެއް ނޫނެވެ. އުނދަގޫ ބޮޑުވެގެން އެންމެ ފަހުން ނޯށަށްވެސް ވަނީމާ ދެވުނީއެވެ. އޭގެ ނަތީޖާގެ ހިތިކަން މަށަށް ހަބަރަށްވުރެވެސް ހިއްޗެވެ. އަސްލާއި ނަސްލުއޮޅި ރަނގަޅާއި ނުރަނގަޅުވެސް އޮޅުނެވެ. އެންމެ ފަހުން ކަލެއަށްޓަކައި އަހަންނަށް ޖެހުނީ ނުފޯރާ ފޮތިން ފޫގަޅާށެވެ. މިއަދު މުޖުތަަމައުން އަހަންނަށް ބޯހޮވާ މީހެއްގެ ނަންދީފިއެވެ. އެކަމަކު އަހަންނަކީ ބޯހޮވާ މީހެއް ނޫނެވެ. އެއަށްވުރެ ރިހަގަނޑޭ ކިޔަސް ލަދު ކުޑަކަމަށްވާނެއެވެ.

މިފަތިވަރު އަމުނާލީމާ ދެމީހުން ކުނޑިކޭ ވާހަކަ ދައްކަނީއޭ ބުނާނެކަން މާކުރިންވެސް އެނގެއެވެ. އެކަންތައް އެއީ މަށަށް ނޭނގުމެއްގެ ތެރޭގައި ކުރެވުނު ކަމެކެވެ. މިހާރު ހަމަބިމަށް އާދެވިއްޖެއެވެ. ހޭއަރައިފިއެވެ. ހެޔޮ ބުއްދި އަތުވެއްޖެއެވެ. އެހެންވީމާ މިބުނަނީއެވެ. ހަނދާން ކުރާށެވެ. ވީކަމެއްވީއެވެ. ކެވުނު ކުނޑިއެއް ކެވުނީއެވެ. އެކަމަކު މަގޭ ހަޔާތަށް ދެން ކަލޭގެ ހިޔަނިވެސް އެޅޭކަށް ބޭނުމެއް ނޫނެވެ. އެއީ ދެން ނުވާނެ ކަމެކެވެ. މީގެފަހަށް ކަލެއާ ދެގިލަ ޖެއްސުމެއް ނެތެވެ. މިއީ ފިސާރި ވައުދެކެވެ.

– ރިހަގަނޑު-

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!