ހުޅުދޫމީދުއާ އައްޑުއަތޮޅުގެ ގުޅިފައިވާ އެހެން ރަށްތަކާ ގުޅުއްވާލައްވާނަން

އައްޑު އަތޮޅު ހުޅުދޫ މީދުއާ ގުޅިފައިވާ އެހެން ރަށްތަކާ ގުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ އައްޑު އަތޮޅު ހިތަދޫ މުޙިއްބުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައްޔާއި ހުޅުމީދޫގައި ބޭއްވި ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ދެބިތް ގުޅުވާލުމަށްޓަކައި ފާލަމެއް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑު ދަންނަވަން މިއުޅެނީ އިރާދަކުރެއްވިއްޔާ އެކަމާބެހޭ ޓެކްނިކަލް އަދި ފައިނޭންޝިއަލް ދިރާސާއެއް ވަރަށް އަވަހަށް ސަރުކާރުން ފަށާނާމޭ. އެ ދިރާސާއިން ދައްކާ ގޮތުން އެއީ ޓެކްނިކަލް ގޮތުންނާއި މާލީ ގޮތުންވެސް ކުރެއްވޭނެ ކަމަކަށް ވަންޏާ، އަދި އޭގެ މާލީފައިދާތައް އައްޑު އަތޮޅު ރައްޔިތުންނަށް ލިބޭނެ ކަމަކަށް ވަންޏާ ސަރުކާރުން އެކަން ކުރާނެ.” ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅު ވިއެވެ.

މީގެ އިތުރުން އެކަމަކީ ވަރަށް ބޮޑު ކަމެއް ކަމަށާއި ވަރަށް ބޮޑެތި ދިރާސާ ތަކެއް ކުރައްވަން ޖެހޭނެ ކަމެއްކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ކުރެވިދާނެ ކަމެއްތޯއާއި ކިހާވަރެއްގެ ފައިސާއެއް ޚަރަދުވާނެ ކަމެއްތޯއާއި އެކަން ކުރުމުން ތިމާވެށީގެ ގޮތުން އަދި އެނޫން ގޮތަކަށް އެއްވެސް ގެއްލުމެއް އެއަތޮޅަށް ލިބޭނެތޯ ބައްލަވަން ޖެހޭނެކަމަށެވެ. އެކަމަށް ރާއްޖެއިން ބޭރުގެ އިތުުބާރުހުރި ޤާބިލު ފަރާތެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދިޔަ ކަމަށާއި، އަދި އެކަން ކޮށްދެއްވާނެ ފަރާތެއް ލިބި އެފަރާތުގެ ހުށަހެޅުމެއް ސަރުކާރަށް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!