Pages Menu
TwitterRssFacebook
Categories Menu

| 25 Aug 2015 | ތާރީޚް | (4) ޚިޔާލު

ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 5

ދެކުނުގެ އަތޮޅުތަކާއި މާލެ މުޑިއެރުމުގެ ސިއްރުތައް 5

ދެކުނުގެ އަތޮޅުތަކުގެ ފުދުންތެރިކަން
މިބައިގައި ގެނެސްދޭނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އިހު ތަނަވަސްކަން ހުރި މިންވަރާއި އެތަނަވަސްކަމުގެ ބާވަތެވެ. މާލެއާއި ގުޅުމެއް ނެތި ރާއްޖެއިން ބޭރަށް އޮޑިފަހަރުގައި ވިޔަފާރި ދަތުރުކޮށް މީސްމީހުން ބޮޑެތި ސާދާގަރުންނަށް ވެފައިތިބި ގޮތެވެ. އުޅުނު މިނިވަންކަމާއި އުފާފާގަތިކަމެވެ. ހުވަދު އަތޮޅާއި ފުވައްމުލައް އަދި އައްޑޫގައި މިފަދަ ކިތަންމެ ކިތަންމެ މަހުޖަނުން ތިއްބެވިއެވެ. ރައްޔިތުން ތިބެނީ އެފަދަ މީސްމީހުންގެ ފުށުން ދިރިއުޅުން ހަމަޖެހިގެންނެވެ. އެހެންކަމުން އިގްތިސާދީ މިނިވަންކަމާއި ދުޅަހެޔޮކަން ކިތަންމެ ރަގަޅަކަށް ވެސް ގާއިމުވެފައި އޮތެވެ.

އައްޑޫގައި ހިތަދޫ އެޅެދީދީގެ އަލި ދީދީ އާއި ދޮންރަހާގެ އަބްދުﷲ ދީދީ، މަރަދޫ ވަކަރުގޭ މުހައްމަދު ކަލޭފާނު، މީދޫގައި ކަޅު އަބްދުﷲ ދީދީ، ހުޅުދޫގައި ފަނޑިޔާރު ތައްކާނުގެ ދޮންމަނިކު، ފުވައްމުލަކުން ދަފަގެދަރު ބޮނޑަ އަލިދީދީ، މިސްކިތްމަގުއެދުރުގޭ މަނިކުފާނު، ބޮޮނޑަފީށެ ހުސައިން ދީދީ، ހުވަދު އަތޮޅުން ތިނަދޫ ހާޖީ މުހައްމަދު ކަލޭފާނު، މޫސާ ހިރިހަމައިދި، ވާދޫ ގައްދަޑުގޭ އަލި މަނިކުފާން، ނިލަންދޫ އަލިޔާ، ކޮލަމާފުށީ މުހައްމަދު ސައީދު، ދާންދޫ ދޮން ތަކުރުފާނު، މާމެންދޫ މުހައްމަދު ކަލޭފާނު، ވިލިގިލީ ހަލީމާގެ އިބްރާހިމް އަދި ގައްދޫ އިސްމާއީލް ވަތަބަނޑޭރި އަކީ ފާހަގަ ކުރެވޭ މަހުޖަނުންނެވެ. މިކަން މިމަގުން ހިނގަމުން އަންނަނިކޮށް އަތިރީގޭ ޚާންދާނުގެ ހަސަން ފަރީދާއި މުހައްމަދު އަމީނަށް ކެތް ނުކުރެވިގެން މި އިގްތިސާދީ ފުދުންތެރިކަން ފުނޑައިލުމަށް ޒާތްޒާތުގެ ހުރަސް ކުރިމަތި ކުރައްވައި މާލެ އައިސްފައި ނޫނީ ބޭރަށް ނުދެވޭ ގޮތަށް އަދި ބޭރުން އައިސްފައިވެސް އެންމެ ފުރަތަމަ މާލޭގައި މަޑުކޮށްފައި ޓެކްސް ދައްކައި އަތް ހުސްކޮށްފައި ނޫން ގޮތަކަށް ރަށަށް ނުދެވޭ ގޮތަށް ހައްދަވައިފިއެވެ. އަތޮޅުތެރެއަށް މީހުން ފޮނުވައި ގޭގޭގެ ބޮޑު ފޮށީގައި ރައްކާކޮށްފައި އޮންނަ ރަންކޮޅުން ވެސް ޓެކްސް ނަގާ ހިސާބަށް ކަންތައް ގެންދިއުމަކީ މިތަނަވަސްކަމާއި އުފާފާގަތިކަމުގައި ނިމުމުގެ ސިއްކަ ޖެހުމެވެ. އެއީ މާލެއާ ދޭތެރޭ ރުޅިވެރިކަމުގެ ނަޒަރުން ބަލަން ދިމާވި އެއް ސަބަބެވެ.

އެހެންވީމާ މިބައިގައި ގެނެސްދޭނީ ދެކުނުން އޭރު ފާހަގަކޮށްލެވޭ ސާދާގަރެއްގެ ހަޔާތުގެ ތަފްސީލެވެ. މިކަހަލަ ކިތަންމެ ސާދާގަރުންނެއް ދެކުނުގައި ތިއްބެވިއެވެ. އޭގެތެރެއިން ބައެއް ބޭފުޅުންގެ ނަންތައް މިހާރުވެސް ލިޔެވިއްޖެއެވެ.އެތަނުން މިގެނެސްދެނީ ފަނޑިޔާރު ތައްކާނުގެ ދޮންމަނިކުގެ ހަޔާތުން ސަފުހާތަކެކެވެ. މިބައި ކިޔައިލީމާ އެދުވަސްވަރު ދެކުނުގެ އަތޮޅުތަކުގައި ކުރިއަށް ތިއްބެވި ބޭބޭފުޅުންގެ އުޅުއްވުން މޭރުންވާނެއެވެ. އެ ތަނަވަސްކަމުގައި މާލެއިން އަބުއެޅީމާ ދެން ރައްޔިތުން ރުޅި އަންނާނޭ މިންވަރުވެސް މޭރުންވާނެއެވެ.

ދޮންމަނިކުގެ އިލްމީ ވަނަވަރާއި ފެންވަރު
އިބްރާހިމް ބަހާއުއްދީން ނުވަތަ ފަނޑިޔާރު ތައްކާނުގެ ދޮންމަނިކަކީ ދީނީ އިލްމާއި އަރަބި ބަހުގެ އިލްމަށް އަރައި ހުންނެވި ބޭކަލެކެވެ. ހިސާބު އިލްމާއި ހަކީމީ ބޭސްވެރިކަމުގެ ވެސް މާހިރެކެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ އުސްތާޒެކެވެ. މީގެ އިތުރަށް ތެދުއުއިވަޑާމާއި ކިއްސަރުވަޑާމާއި ތިލޭރުވެރިކަމާއި އައްކަންކުރުމުގައިވެސް އެކަންކަމުގެ ތެރެއަށް ވަދެވަޑައިގެން ހުންނެވި މަސައްކަތްތެރިއެކެވެ. ދޮންމަނިކަކީ ފޮތާއި ކަތިވަޅިވެސް ގެންގުޅުއްވި ހީވާގި ބޭފުޅެކެވެ. ތަހުޒީބު ދިރިއުޅުމަކަށް ގަދައަޅައި މަސައްކަތް ކުރެއްވި ހިކުމަތްތެރިއެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ މީލާދީން 1864 ގައި އައްޑޫ މީދޫ ދެށިނާގޭގައެވެ. ބަފައިކަލުންނަކީ ދެށިނާގެ އިސްމާއިލް މަނިކެވެ. އެއީ ފަހުން އިސްމާއިލް ބަހާއުއްދީން ފަނޑިޔާރު ތަކުރުފާނެވެ. މައިކަނބަލުންނަކީ މީދޫ ދޮންއާބުގޭ ފާތިމާފާނެވެ.

އެޒަމާނާއި މިޒަމާނުގެ ގިނަ ދިވެހިންނަށް ނިސްބަތްކުރާއިރު ވެސް ދޮންމަނިކަކީ އިސްކޮޅުން ދިގު ބޭފުޅެކެވެ. ދުށްމީހުން އަންދާޒާކުރަނީ ހަފޫޓު ކަމުގައެވެ. އެއީ ދިވެހިންގެ ތެރެއިން ކުލަ އަލި ބޭފުޅެކެވެ. ދޮންމަނިކުގެ އުސްތާޒުންނަކީ ބަފައިކަލުން އިސްމާއިލް މަނިކާއި އެޅެގޭ އަލި ދީދީ އެވެ. މީދޫގައި ދަސްކުރެއްވި އެއްޗެއް ދަސްކުރެއްވުމަށްފަހު ދެއަހަރެއްހާ ދުވަހު ހިޖާޒުކަރައިގައިވެސް އިލްމު އުގެނުމަށް ހުންނެވިއެވެ.

ދޮންމަނިކަކީ ނިޔަމިކަމުގައި އެދުވަސްވަރު ދުނިޔޭގައި ތައާރަފުވަމުން އައި އާގޮތްތަކާއި ސާމާނު ރާއްޖެއަށް ގެންނެވި އުސްތާޒެކެވެ. އެދުވަސްވަރު ދިވެހިންގެ ތެރޭގައި ކޮށްއުޅުނު ގިނަ މަސައްކަތްތައް ދެނެވަޑައިގެން ހުންނެވުމުން ދޮންމަނިކަކީ އަމިއްލަފުޅު މަސައްކަތްތައް އަމިއްލަފުޅަށް ކުރެއްވި ބޭފުޅެކެވެ. އަމިއްލަފުޅު ގެ ކަމަށްވާ އެޅެހިށިގެ ރޭނުއްވިއެވެ. އެގެއަށް ބޭނުންވާ ފަރުނީޗަރު އަމިއްލަފުޅަށް ހެއްދެވުމަށްޓަކައި ވަޑާން ކުރެއްވިއެވެ. މައުދަނުގެ ތަކެތި ބައްޓަން ކުރެއްވުމަށް އައްކަން ކުރެއްވިއެވެ. މިކަމުގައި ނުހަނު ފާޑުވެރިކަން ހުރޭމެއެވެ.

ދޮންމަނިކު ހަމައެކަނި ކަނބުރުގޭގައި ހުންނެވީއެއް ނޫނެވެ. ފޮތުން ކިޔަވައިވެސް ދެއްވިއެވެ. ރާއްޖޭގައި އުއްތަމަ ފަނޑިޔާރުކަން ކުރެއްވި މާލޭ ވެލިދޫގޭ ހުސައިން ދީދީ އާއި ހުސައިން ސަލާހުއްދީނުގެ ދޮށީ ދަރިކަލުން މުހައްމަދު ސައީދު ދީދީއަށް ވެސް އެންމެ ފުރަތަމަ ކިޔަވައިދެއްވީ ދޮންމަނިކެވެ. ކިޔަވައި ވިދާޅުވުމަށް އެބޭފުޅުން ވަޑައިގެން ތިއްބެވީ ހުޅުދޫ އާއި މީދޫގައެވެ.

ދޮންމަނިކު ދުނިޔޭގެ އެތަންމިތަނަށް ދަތުރުކުރެއްވިއެވެ. ކަރަކަރަ އާއި ވިލާތަށް ވެސް ވަޑައިގެންނެވިއެވެ. އެތަންތާގެ މީހުންގެ ދިރިއުޅުމާއި މަސައްކަތްތެރިކަމުގެ އާޖުފާޖު ދަސްކުރެއްވިއެވެ. އެތަންތަނުގެ ގަދަރުވެރިންނާއި ގުޅުން ބެހެއްޓެވިއެވެ. މިގޮތުން އަފްގާނިސްތާނުގެ ރަސްގެފާނު މުހައްމަދު ނާދިރު ޝާހުގެ މެހުމާންދާރީގައި އެމަނިކުފާނުގެ އަރިހުގައި ދުވަސްތަކެއް ހޭދަކުރެއްވިއެވެ. އެދުވަސްވަރު މައްކާގެ ހަރަމްފުޅުގެ އިމާމާއި އެކުވެސް ރަހުމަތްތެރިކަން އުފެއްދެވިއެވެ. ސިޓީބިޓީ ބަދަލު ކުރެވިފައިވެއެވެ.

ދޮންމަނިކު އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ އެޅެގޭ ޝައިޚު އަލި ދީދީގެ ދަރިކަނބަލުން މަރިޔަމް ދީދީއާއެވެ. ހުޅުދޫ އެޅެހިށިގެއަށް ދޮންމަނިކު ބަދަލުވެވަޑައިގަތީ އެހިސާބުންނެވެ. އެޅެހިށިގެއަކީ އަލި ދީދީގެ ގެއެކެވެ. ހައްޖަށް ވަޑައިގެން އުޅުއްވުމުގެ ތެރޭގައި މަރިޔަމް ދީދީ އަވަހާރަވުމުން ދޮންމަނިކު ދެން ކައިވެނި ބައްލަވައިގަތީ އެޅެގޭ އަބްދުﷲ ދީދީގެ ދޮށީ ދަރިކަނބަލުން ފާތިމަތު ދީދީއާއެވެ. މި ދީދީއާ ކައިވެނި ބައްލަވައިގެން އުޅުއްވަމުން ދެވަނަ އަނބިކަނބަލަކުވެސް ހޯއްދެވިއެވެ. އެއީ ހުޅުދޫ ގެދަރު އައިމިނާ މަނިކެއެވެ. ދޮންމަނިކަށް ބޭފުޅުން ލިބިވަޑައިގަތީ އައިމިނާ މަނިކެގެ ފަރާތުންނެވެ. އެއީ މުހައްމަދު ތައުފީގާއި އަހުމަދު ސޯލިހާއި އަބްދުލް މުހުސިނެވެ. ތަންކޮޅެއް ފަހުން ގިޔާސުއްދީނު ރަދުންގެ ކިލެގެފާނަށް ކާފަ ވިދާޅުވާ ހަސަން ދީދީގެ ފިޔޯރީ ދޮންދީދީގެ މަރިޔަމް ދީދީއާ ވެސް ކައިވެނި ކުރެއްވިއެވެ.

ދޮންމަނިކުގެ ލައިފް ސްޓައިލާއި އާދަތައް
ދޮންމަނިކަކީ ރާއްޖޭން ބޭރުގައި ގިނަދުވަސްތަކެއް ހޭދަކުރައްވައި އެތަންތާގެ ކަންކަން ވަރަށް ރަގަޅަށް ތަޖުރިބާ ކުރައްވާފައިވާ ބޭފުޅަކަށްވާތީ މީގެތެރެއިން ވަރަށް ގިނަ އާކަންކަން ދޮންމަނިކު ރާއްޖެއަށް ތައާރަފް ކުރެއްވިއެވެ. މީގެތެރެއިން އެއްކަމަކީ ދޮންމަނިކުގެ ދިރިއުޅުއްވުމުގެ އަމިއްލަ ސްޓައިލާއި ފަރިއްކުޅުއްވުމުގެ އުސޫލުތަކެވެ. ފަރިއްކުޅުއްވުމަށް ތަފާތު ކާނާ ތައްޔާރުކުރައްވާނޭ މަގު އަނބިކަނބަލުންނަށް ދަސްކޮށްދެއްވީ ދޮންމަނިކު އަމިއްލަފުޅަށް ފޮތްތައް ބައްލަވައިގެން ބައްތި އުނދުން ބޭނުން ކުރައްވައިގެން ކައްކަވައިދެއްވައިގެންނެވެ. މިގޮތުން ހިންދުސްތާނު ރިހަ، ދީނާރު ފޮޅި، އިޑިއައްޕަން، ރަވާ ފަދަ ބާވަތްތަކަކީ އަލަށް ދަސްކޮށްދެއްވި ޚާއްސަ ބާވަތްތަކެވެ.

ބޭކިން ޕައުޑަރު އަޅައިގެން ކޭކު ފިހަން ދަސްކޮށްދެއްވައި އެކަން ރާއްޖެއަށް ތައާރަފުކޮށްދެއްވީވެސް ދޮންމަނިކެވެ. ދޮންމަނިކުގެ ގޭގައި ކެއްކުމުގެ އާގޮތްތަކާއި ބާވަތްތައް ތައާރަފުކުރެއްވުމުގެ ސަބަބުން ވަރަށް ފަހަކާޖެހެންދެންވެސް ހުޅުމީދޫ ހިމެނިފައި އޮތީ ކެއްކުމުގެ ރޮނގުން ވަރަށް ހުނަރުވެރި ކަނބަލުން ތިބި ރަށެއް ކަމުގައެވެ.

ދޮންމަނިކުގެ ދެކަނބަލުން ފަތިސް ނަމާދުން ނިމިވަޑައިގެން ފުރަތަމަ ހިއްޕަވާނީ ތާޒާ ކިރެވެ. ކިރު ފެލުމަށް ބޭނުންވާ ގެރި އާއި ބަކަރި ބައިތިއްބަނީ އެޅެހިށިގޭ ފުރަގަހުން ވަލުތެރޭގައި ތައްޔާރުކޮށްފައިވާ ކޮށްޓެއްގައެވެ. ހެނދުނު ސައިގަޑީގައި ހުންނާނީ ކޮންމެވެސް ދެބާވަތެއްގެ ރިހަޔާއި ދީނާރު ފޮޅިއާއި ދެބައިކުޅަ އެއްބަޔަށް ކައްކާފައިވާ ބިހާއި ކޭކާއި މޯލްޓެޑް މިލްކާއި ތާޒާ މޭވާއެވެ. ނުވަ ގަޑީގައި ކޮންމެވެސް ތާޒާ ފަންޏެކެވެ. މިކަމަށް ބޭނުންވާ މޭވާ ބިންނަނީ ގޭގެ ބަގީޗާއިންނެވެ.

މެންދުރަށް ހުންނާނީ ހިމަ ހަނޑުލުން ކައްކާފައި ހުންނަ ބަތާއި ދެވައްތަރެއްގެ ރިހައެކެވެ. މީގެ ތެރެއިން އެއްރިހަޔަކީ ތަރުކާރީގެ ކޮންމެވެސް ބާވަތަކުން ކެކިފައިވާ ރިހަޔަކަށް ވާން ޖެހެއެވެ. ކޮންމެ ބޭފުޅަކަށް ފިހެފައިވާ ބޭނގެއް އޮންނާނެއެވެ. މިކަމަށްޓަކައި ހުޅުދޫ ކުޅީގައި ބޭނގު އާލާކޮށްގެން ގެންގުޅުއްވައެވެ. ހަވީރު ސަޔަށް އޮވަލްޓީނެވެ. ދެން ތިން ހަތަރު ވައްތަރެއްގެ ބިސްކޯދެވެ. ރޭގަނޑު ހުންނާނީ ދީނާރު ފޮޅި އާއި ރިހަ ނުވަތަ ބަތާއި ރިހަ އެވެ. އޭގެ އިތުރުން އިޑިއައްޕަން ނުވަތަ ރަވާގެ ކޮންމެވެސް ބާވަތެކެވެ. ރޭގަނޑުވެސް ފިހުނު ބޭނގު ހުންނާނެއެވެ. ރޭގަނޑު އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ކޮފީ ހިއްޕަވައެވެ. ކޮފީ ހަދަނީ މެޝިނާއި ކޮފީ އޮށް ރާއްޖޭން ބޭރުން ގެންނަވައިގެންނެވެ. މި ލިޔެވުނީ ދޮންމަނިކުގެ ހަޔާތުން އެންމެ ދުވަހެއްގެ ކެއުމުގެ އާދަތަކުގެ ވާހަކައެވެ.

ދޮން މަނިކާއި ދޮންމަނިކުގެ އަނބިއަނބިކަނބަލުންގެ ހެދުންކޮޅުތައްވެސް ހަމަމިފަދައެވެ. ދޮންމަނިކު ބޭނުން ކުރައްވަނީ އަފްގާނިސްތާނުގެ ނަވާބުންގެ ހެދުމެވެ. އަނބިކަނބަލުން ބޭނުންކުރެއްވީ ދޫކޮށް މުޅިހަށިގަނޑު ނިވާވާގޮތަށް ފަހާފައިވާ ހެދުމެވެ. ފައިންޕުޅުގައި އިސްޓާކީނު ހުރެއެވެ. އިސްތަށިފުޅު ނިވާކުރައްވަނީ ސްކާފެއް އަޅުއްވައިގެންނެވެ.

ދޮންމަނިކުގެ އުފެއްދުންތެރިކަން
ދިރިއުޅުން ފަސޭހަ ކުރެއްވުމަށް ބޭރުން ގެއަށް ގެންނަވައިގެން އުޅުއްވި ތަކެތީގެ ތެރޭގައި ބައްތި ދިއްލައިގެން ބޭނުންކުރާ އެނބުރޭ ފަންކާ ހިމެނެއެވެ. ގޭގައި ފާޚާނާ ހައްދަވައި ފެންވައިރު ކުރައްވައި މޫނު ދޮންނަ ތަށި ބެހެއްޓެވިއެވެ. ތަހުޒީބަށް ލޯބިކުރެއްވުމާއި އަރާމު ކުރެއްވުމަށް ދޮންމަނިކު ކުރެއްވި އެހެން ކަންކަމުގެ ތެރޭގައި ހުކުރު ދުވަހު މެންދުރު ފަހު ކޮންމެވެސް ފަޅުރަށަކަށް ޕިކްނިކް ވަޑައިގަތުން ހިމެނެއެވެ. މިފަދަ ދުވަސްދުވަހު ފަރިއްކުޅުއްވުމަށް އެރަށްރަށުގައި ކޮތަރު ފިހެއެވެ. ސޮޑާ ކައްކާ މެޝިނާއި ފުޅި އާއި ސޮޑާގެ ތަފާތު ރަހަތަކުގެ ކުނޑި އިންޑިޔާއިން ގެންނަވައިގެން ސޮޑާ އަޅުއްވައި އެއިން ވިޔަފާރިވެސް ކުރެއްވިއެވެ.

އަތަރު ކައްކާ މެޝިން ގެންނަވައިގެން އަތަރު ތައްޔާރު ކުރެއްވިއެވެ. ބޭސްވެރިކަމުގެ ތަފާތު ޝަރުބަތު ހަދާ މެޝިން ގެންނަވައިގެން އެކަންވެސް ކުރެއްވިއެވެ. ޕައުޑަރ ލޮނު އުފެއްދެވޭތޯ ވެސް އުޅުއްވިއެވެ. މޫދުން ލޮނު ގެންނަވައިގެން ޕައުޑަރަށް ބަދަލު ކުރެވޭތޯ ކުރެއްވި މަސައްކަތްޕުޅުން ދޮންމަނިކުގެ ސިނާއީ ވިސްނުންފުޅު ހުރި މިންވަރު ހާމަވެއެވެ.

އެކްސްޕޯޓު ކުރައްވާ މައިގަޑު މުދަލަކީ މަހާއި ކުފުރާއެވެ. ކުފުރާއިން ތެޔޮ ތައްޔާރުކުރެއްވުމަށް ބިޔަ ހިލަވަނެއް ގެންނަވައިގެން އެމަސައްކަތްވެސް ކުރެއްވިއެވެ. ތިމާވެއްޓަށް ގެއްލުންވިޔަ ނުދިނުމުގެ ގޮތުން ރަށުގެ ވަރަށް ގިނަ ތަންތާގައި ލަކުޑި ގަސްގަހާއި މޭވާ އަޅާ ގަސްގަސް އިންދެވިއެވެ. ގަސް ކާނާ ގެންނަވައިގެން މޭވާގެ ވަރަށް ގިނަ ބާވަތްތައް މުޅިން އަލަށް ތައާރަފު ކުރެއްވިއެވެ. އޭގެތެރޭގައި ޏަމްޏަމާއި ފިނިފެން ޖަމްބު، ޖަމްބާއި ޖަނބުރޯލު، ވިލާތު ކުންނާރު، ހެލެބެލި އަދި ގޯބިއްޔާއި ކާމަރަނގަ ހިމެނެއެވެ. އައްޑޫއަށް އަނބު ތައާރަފްކުރެއްވީވެސް ދޮންމަނިކެވެ.

ރާއްޖެއަށް ތައުލީމާއި އިލްމުވެރިކަން ފެތުރުއްވުމަށް ދޮންމަނިކު ވަރަށް ބޮޑަށް އިސްކަން ދެއްވިއެވެ. އެންމެ ފުރަތަމަ ޗާޕު މެޝިނަކާއި ކަރުދާސް ކަފާ މެޝިނެއް ގެންނަވައި ޗާޕުގެ މަސައްކަތް ރާއްޖޭގައި ފެއްޓެވީވެސް ދޮންމަނިކެވެ. އޭގެ ކުރިން ރާއްޖޭގެ އިލްމުވެރިން ލިޔުއްވާ ފޮތްތައް ރާއްޖޭގައި ޗާޕުކުރެވޭނެ ގޮތެއް ނުހުރެއެވެ. ޗާޕު ކުރަން ދޮންމަނިކު ގެންނެވި ލިތޯ މެޝިން މިހާރުވެސް ދާރުލް އާސާރުގައި އެބަހުއްޓެވެ. ދޮންމަނިކު އަވަހާރަވުމުން ކަރުދާސް ކަފާ މެޝިން ސަރުކާރުން މާލެގެނެސް ބަގީޗާގޭގައި ބަހައްޓައިގެން އޭތި ވަނީ ނެތިގޮސްފައެވެ. މާލޭގައިވެސް އެނޫނީ ކަރުދާސް ކަފާ މެޝިނެއް ނުހުރެއެވެ.

ދޮންމަނިކު އަމިއްލައަށް ފޮތްތައް ލިޔުއްވައިގެން ޗާޕު ކުރެއްވިއެވެ. މީގެ ތެރެއިން އެއްފޮތަކީ ޖަންނާތުލް ފިރުދައުސެވެ. އެފޮތް ޗާޕު ކުރެއްވީ 1910 ގައެވެ. ރިސާލާ ފޮތް ޗާޕު ކުރެއްވީ 1927 ގައެވެ. މިނޫންވެސް ކިތަންމެ ފޮތެއް ތަރުޖަމާ ކުރައްވައިގެންނާއި އެނޫންވެސް ގޮތްގޮތަށް ދޮން މަނިކު ލިޔުއްވިއެވެ.

ދޮންމަނިކު ގެންގުޅުއްވި ބަޑިއާއި ދޭން އުޅުނު މަގާމުތައް
ޝަމްސުއްދީން ތިންވަނައިގެ ރަސްކަމުގެ ކުރީކޮޅާއި މެދުތެރޭގައި ދައުލަތުން އެއްފަހަރަށްވުރެ ގިނަ ފަހަރު ދޮންމަނިކަށް އުއްތަމަ ފަނޑިޔާރުކަން ހުށައެޅުއްވިއެވެ. އެކަމަކު ދޮންމަނިކު ބޭނުންފުޅުވީ ވިޔަފާރިކަމު އުޅުއްވުން ކަމުގައިވާތީ އެމަގާމު ގަބޫލު ނުކުރެއްވީއެވެ. ވިޔަފާރީގައި ދޮންމަނިކަކީ ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ރާއްޖެއިން އެކްސްޕޯޓު ކުރާތަކެތި ސިލޯނަށް ގެންދަވައި އެތަކެތި ފައިސާއަށް ހައްދަވައިގެން ދޮންމަނިކު ބައްލަވައިގަންނަވަނީ ޖަވާހިރެވެ. ދެން އެޖަވާހިރާއިގެން ދޮންމަނިކު ވަޑައިގަންނަވާނީ އަރަބި ކަރަޔާއި ފާރިސް ކަރަޔާއި ތުރުކީވިލާތް ފަދަ ތަންތަނަށެވެ. ޖަވާހިރު ވިއްކަވާނީ އަގުތައް އެންމެ ރަގަޅުކަމަށް ފެނިވަޑައިގަންނަވާ ބާޒާރުތަކުގައެވެ. ފަނޑިޔާރުކަމުގައި ހުރެގެން ލިބޭ އެއްޗަކާއި ހިތްހަމަ ޖެހުމަށްވުރެ މިމަސައްކަތަކީ ދޮންމަނިކަށް މާބޮޑަށް ވެސް ހިތްހަމަޖެހުން އޮންނަ ކަމެކެވެ.

ދޮންމަނިކު ރާއްޖެއަށް ރައިފަލް ޒާތުގެ ބަޑިއެއް ގެންނަވައި އެބަޑިވެސް ގެންގުޅުއްވިއެވެ. އަދި ރޭގަނޑު އަލިކުރައްވައި ދޫނި މެރުއްވުމަށް ވަރުގަދަ ޓޯޗު ބައްތިއެއްވެސް ގެންނަވައިގެން ގެންގުޅުއްވިއެވެ. މިބަޑި އާއި ޓޯޗު އަތުލުމަށް އަތިރީގޭ އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު މާލެއިން މީހުން ފޮނުއްވިއެވެ. ދޮންމަނިކު މިކަމާ ކޯފާ އިސްކުރައްވައި ޓޯޗު ބައްތި މުގުރާލައްވައި މިއޮތީއޭ ގެންދަވާށޭ ވިދާޅުވިއެވެ. އެކަމަކު ބަޑިއެއް ނުދެއްވިއެވެ. ސަރުކާރުން ފޮނުވި މީހުންވެސް ދޮންމަނިކުގެ ހަށިކޮޅަކަށް އަރައިގަންނާކަށް އަމުރެއް ނެތެވެ. އެހެންކަމުން އެމީހުން ދިޔައީއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އައްޑޫއަށް ދިޔަ އިނގިރޭސި މަނަވަރެއްގެ ސިފައިން ހުޅުމީދޫއަށް ފައިބައި ދޮންމަނިކުގެ ވާހަކަ އަހައިގެން އޭނާއާ ބައްދަލުކޮށް ބަޑިޖަހަން އެނގެނީ ކިހާވަރަކަށްތޯ ޓެސްޓު ކުރިކަމަށް ހުޅުދޫ މީހުން ކިޔައެވެ. އެދުވަހު އަމާޒަށް ބަޑިޖެހުމަށް ދޮންމަނިކުގެ ކުޅަދާނަކަން ފެނިފައި މަނަވަރުގެ ކައްޕިތާނު ދޮންމަނިކަށް ސާބަހުގެ ލިޔުމެއްވެސް ދީފައިވެއެވެ. މިލިޔުން ދާދިފަހަކާ ޖެހެންދެންވެސް ދޮންމަނިކުގެ އައުލާދުގެ ބޭފުޅުން ގެންގުޅުއްވިއެވެ.

ސަރުކާރުން މީހުން ފޮނުވައިގެން ބަޑި އަތުލާން އުޅުނު މައްސަލާގައި ދޮންމަނިކާއި އަތިރީގޭ ބޭފުޅުން ހިސާބަކަށް މުޑިއަރާފައި ވަނިކޮށް އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ އަތްޕުޅުގައި ހުރި ގިނަ އަދަދެއްގެ މާވަހަރު ބޭރުގެ ބާޒާރެއްގައި ވިއްކައިލާން ޖެހިއްޖެއެވެ. އެކަށޭނަ އަގެއް ލިބޭގޮތަށް މިކަން ކުރެވޭނެ ކަމަށް ފެނިވަޑައިގަތީ ދޮންމަނިކަށެވެ. އެހެންވެ ދޮންމަނިކާއި މިވާހަކަ ދެއްކެވީމާ ދޮންމަނިކު މިކަމަށް އެއްބަސްވެވަޑައިގެން އިރާގުގެ ބާޒާރެއްގައި ވަރަށް ބޮޑު އަގެއްގައި މާވަހަރު ވިއްކަވައިފިއެވެ. އަބްދުލްމަޖީދު މިކަމާއި ވީއުފާފުޅުން މީގެ ފައިދާގެ ޕަސަންޓު ދޮންމަނިކަށް ދެއްވަން އުޅުއްވީމާ ގަބޫލު ނުކުރެއްވިއެވެ. ދެން ދޮންމަނިކަށް ކޮށްދޭންވީ ކޮންކަމެއްތޯއޭ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އެއްސެވީމާ ދޮންމަނިކު ވިދާޅުވިއެވެ. ކޮށްދޭންވީ ކަމަކީ ތިމަންނަޔާއި ނުބެހުމެވެ.

ދޮންމަނިކާއި ނުބެހުމަށް އަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނު އެއްބަސްވެވަޑައިގެން އެންމެ ފުރަތަމަވެސް ކުރެއްވި ކަމަކީ ދޮންމަނިކަކީ ބަޑިގެންގުޅުމުގެ ހުއްދަ އޮންނަ ސިފައިންގެ ސަރުދާރެއްކަމުގައި ހެއްދެވީއެވެ. ދެން އެބަޑިއަށް ބޭނުންވާ ބަޑިބޭހާއި އުންޑަ ސިފައިންގެއިން ދޮންމަނިކަށް ފޮނުވޭގޮތަށް ހަމަޖެއްސެވީއެވެ. މިއަށްފަހު ދޮންމަނިކު އެބަޑި ގެންގުޅުއްވީ ހަމަ ވަރަށް ފާޅުގައެވެ. ބައެއްދުވަސް ދުވަހު ބަޑި ސާފު ކުރައްވަން މީހުންނާއެކު ގޭގެ ބޭރު ފެންޑާގައިވެސް އިންނަވާނެއެވެ. ދޮންމަނިކުގެ އިއްޒަތް ފުރިހަމަވާނީ އެބަޑިވެސް ކައިރީގައި އޮތުމުންނެވެ.

ދޮންމަނިކު އަވަހާރަވުމުން ސަރުކާރުން އެދިގެން އެބަޑި ސިފައިންގެއާއި ދޮންމަނިކުގެ ދޮށީ ދަރިކަލުން މުހައްމަދު ތައުފީގު ހަވާލު ކުރައްވައިފިއެވެ. އަތިރީގެ އާއި ދޮންމަނިކުގެ ގުޅުމުގެ ތެރެއިން އަތިރީގޭގައި އެކިބާވަތްތަކުގެ މޭވާ ގަސްތައް އިންދަވައި އެގަސްތައް ބަލަހައްޓާނެ ގޮތް ދަސްކޮށްދެއްވީވެސް ދޮންމަނިކެވެ. ދޮންމަނިކާއި މީދޫ ކަޅު އަބްދުﷲ ދީދީ ދުނިޔޭގައި ތިއްބެވިހާ ދުވަހު އަތިރީގޭ ބޭފުޅުން ހުޅުމީދޫގެ ކަމަކާއި ނުބެހެއެވެ. ގޮތްދެއްކުމުގެ ކަމެއްވެސް ނުމެކުރޭމެއެވެ. ދޮންމަނިކު އަވަހާރަވީ އުމުރުފުޅުން 68 އަހަރުގައި 3 ޖުލައި 1932 ގައެވެ. އޭރު ވެރިކަމުގައި ތިއްބެވީ ހަސަން ފަރީދާއި މުހައްމަދު އަމީނެވެ. އެހިސާބުން ދެނެގަތުމެއް އެހެން ކަމެއް ނެތެވެ. ދެން ފެށުނީ ދަތިކުރުމާއި ޖެއްސުން ކުރުމާއި ހާންތިކުރުމުގެ ދައުރެކެވެ.

 

(4) ކިޔުންތެރިންގެ ޚިޔާލު

  1. ބޮޑުހަނގުރާމައިގެ ދުވަސްވަރާއި އޭގެފަހުން އައްޑޫގައި ހުރި އެންމެ ބޮޑު އެއްމަހުޖަނަކީ މަރަދޫ މުއްސަނދި އެޅެމީހާ. މީނާއަށް އާއްމުކޮށް ކިޔައި އުޅެނީ އެޅަބެއްޔާ އޭ. މިބޭފުޅެއްގެ ވާހަކަ މީރުބަހުރު މުޙައްމައިދީގެ ދޮންތުއްކަލާގެ އައްޑޫ ދަތުރު މިފޮތުގައިވެސްވޭ. މިއެޅަބޭގެ ދަރިކަނބަލުން ސަޢީދާ ކަނބުލޭގެފާނު އަޅުގަނޑު ދަންނަން.

     
  2. އައްޑޫގައި ހުރި ބޮޑު މަހުޖަނެއް އަދި އެއްއިރެއްގައި އަތޮޅުގެ އެންމެ ތަނަވަސް މީހާ ކަމުގައިވި ހުޅުދޫ ސިއްތިދައިތާގެ އައްޑޫ މުއްސަނދި އެޅެބޭގެ ނަން ލިސްޓުގައި ނެތުމުން ހައިރާންވެއްޖައީން. މިޒަމާނުގެ މީހުންނަށް ނޭނގުނަސް ތާރީޚީ ލިޔުއްވުންތައް ލިޔުއްވާ ބޭފުޅުންނަށް މިފަދަ ކަންކަން ނޭނގޭތީ ހިތާމަކުރަން.

     
    • އެޅަބޭ އަކީ އައްޑޫ މަރަދޫ މީހެއް. ތެދެއް އެއް އިރެއްގައި މި އެޅެބެއްޔާ އާއި ކަޅިހާރަ އެޅަދީދީގެ އަލިދީދީ އަކީ އައްޑޫގައި ތިބި އެންމެ މުއްސަނދި މީހުން. އަހަރެންގެ ބައްޕަ މިވާހަކަ މިހެން ކިޔާ އަޑު އަހަން.

       
  3. ލިޔުއްވާފައިވާ ވާހަކަތަކަށް މައިގަނޑު ގޮތެއްގައި ތާއީދުކުރަން. ދޮންމަނިކު އަވަހާރަވީ 1932 ގައި ކަމުގައި ވާނަމަ ރަސްކަމުގައި ހުންނަވާނީ ޝަމްސުއްދީން 3.

     

ޚިޔާލު ފާޅުކުރެއްވުމަށް

Your email address will not be published. Required fields are marked *

*