الأوهام لعقل غير مستقر – ނަޝީދުގެ ވެރިކަމާއި އައްޑޫ 3

ނަޝީދާއި އީކުއޭޓަރު

ކޮންވެންޝަން ސެންޓަރެއް ހެއްދެވުމަށްފަހު އެތަނަށް ނަޝީދު ދެއްވި ނަމަކީ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރ އީސީސީ އެވެ. އެތަނުގައި ބާއްވާ ސާކް ސަމިޓު ނަޝީދު ޕްރޮމޯޓު ކުރެއްވީ ދެކުނު ހެމިސްފިއަރގައި ބޭއްވޭ ފުރަތަމަ ސާކު ސަމިޓު ކަމުގައެވެ. ދެކުނު ހެމިސްފިއާއަކީ އިކުއޭޓަރުގެ ދެކުނެވެ. އުތުރު ހެމިސްފިއަރ އަކީ އިކުއޭޓަރުގެ އުތުރެވެ.

ސާކް ސަމިޓުގެ ކުރިން އިކުއޭޓަރ ޕްރޮމޯޓުކޮށް މިއީ އީކުއޭޓަރުގެ ސަމިޓެއްކަން އެނގޭވަރު ކުރިއެވެ. މިގޮތުން ނަޝީދުގެ ސަރުކާރުން ފަންޑު ކުރި އެންމެ ފާހަގަކޮށްލެވޭ ސްޓަންޓަކީ އޮލިމްޕިކްސްގައި ފަލި ޖެހުމުން މެޑަލް ހޯދާފައިވާ އޮސްޓްރޭލިޔާގެ ގުއިން ބަޓެން ގެނެސްގެން ހުވަދު އަތޮޅު ދެކުނު ބުރީ ވާދޫން ފުވައްމުލަކަށް ކެނޯއެއްގައި އެކަނިމާއެކަނި ފަލި ޖަހާފައި ފޮނުވުމެވެ. ގާތްގަޑަކަށް ފަސްދޮޅަސް ކިލޯމީޓަރުގެ މި ދުރުމިން އޭނާ ކަޑައްތު ކުރީ ހަތް ގަޑި ސޯޅަ މިނިޓުންނެވެ. ފަލިޖަހާފައި އެކަނި އިކުއޭޓަރު ހުރަސް ކުރުމުގެ ނަމުގައި މި ސްޓަންޓު ބޭއްވުނީ 31 މޭޗް 2010 ގައެވެ. މިވާހަކަ ދުނިޔޭގެ ނޫސްތަކުގައި ލިޔުނެވެ. ވަރަށް ބޮޑު ޕްރޮމޯޝަނެއްވެސް ލިބުނެވެ.

ފަލިޖެހުމުގެ ސްޓަންޓަށް ފަހު އައިލެންޑް އެވިއޭޝަނުގެ މަތިންދާބޯޓުތައް އައްޑޫއަށް ދަތުރުކުރާއިރު އީކުއޭޓަރު މައްޗަށް އެރީމާ ނުވަތަ އީކުއޭޓަރު ހުރަސް ކުރެވުނީމާ އެކަން އެންގުމަށް މަތިންދާބޯޓުގައި މިއުޒިކެއް ޖަހަން ފެށިއެވެ. އަދި އީކުއޭޓަރު ހުރަސްކުރެވުނީކަން އިއުލާން ކުރަން ފެށިއެވެ. އެއީ ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް މަތިންދާބޯޓުގައި ދަތުރުކުރާއިރު ހަ މީގާތުގެ ތެރެއިން މީގާތަކާއި ހަމަވެއްޖެނަމަވެސް ކަންކުރާ ބީދައިންނެވެ. މިއީ ޓޫރިސްޓުންނަށް އަމާޒުކޮށްގެން ނަޝީދުގެ ސަރުކާރުގެ އެންގުމަކަށް ފެށި ކަމެކެވެ.

އަލަށް އީކުއޭޓަރު ހުރަސްކުރާ ޓޫރިސްޓުންނަށް ހަދިޔާ ދިނުމުގެ އާދައެއްވެސް ތައާރަފް ކުރިއެވެ. މިކަމަކީ އެމެރިކާ އާއި އިގިރޭސިވިލާތުގެ ކަނޑުގެ ސިފައިންގެ ތެރޭގައި އިހު އޮތް އާދައެއް ކޮޕީކޮށްގެން ފެށިކަމެކެވެ. އަލަށް އީކުއޭޓަރު ހުރަސްކުރާ ފަޅުވެރިންނަށް އިހު ޒަމާނުގައި އައްޑޫގައި ތިބެފައި އަލަށް މާލެދާ މީހުންނަށް މާލެ ދައްކާ ބީދައިން އީކުއޭޓަރު އިހުސާސް ކުރުވުން އެދެގައުމުގެ ސިފައިންގެ ތެރޭގައި އޮތެވެ.

ނަޝީދު މިވަރަކުން ޕްރޮމޯޓު ކުރެއްވި އީކުއޭޓަރަކީ ކޮބައި ބާވައެވެ. ނަޝީދުގެ ޕްރޮމޯޓް ކުރެއްވުމަށްފަހު އައްޑޫގައި މާވަރަކަށް އާންމު ފަރުދުންވެސް ތަންތަނަށް ނަން ދިނުމުގައި ބޭނުންކުރި އީކުއޭޓަރަކީ ކޮބައި ބާވައެވެ. އީކުއޭޓަރަކީ ދުނިޔޭގެ އުތުރު ޕޯލާއި ދެކުނު ޕޯލްގެ ދެމެދުން ދުނިޔޭގެ މެދަށްވާ ގޮތަށް އިރުން ހުޅަނގަށް ދަމައިލެވިފައި އޮންނަ ޚިޔާލީ ރޮނގެކެވެ. އެއީ ފެންނަން އޮންނަ ރޮނގެއް ނޫނެވެ. ދުނިޔޭގެ ވަށައިގެން ދަމާލެވިފައިވާ ޚިޔާލީ މިރޮނގުގެ ދިގުމިނަކީ ގާތްގަޑަކަށް ސާޅީސް ހާސް ހަތްދިހަ ފަސް ކިލޯމީޓަރެވެ. މި ރޮނގުގެ ދެކުނު ބިތަކީ ދެކުނު ހެމިސްފިއަރއެވެ. އުތުރުފަޅިއަކީ އުތުރު ހެމިސްފިއަރ އެވެ.

އީކުއޭޓަރުގެ މަތީގައި ދުނިޔޭގެ ތޭރަ ގައުމެއްވެއެވެ. ރާއްޖެވެސް ހިމެނެނީ އޭގެ ތެރޭގައެވެ. މީގެ ތެރެއިން ބައެއް ގައުމަށް އިކުއޭޓަރުގެ ނަމުންވެސް ނަންދީފައިވެއެވެ. މިސާލަކީ ދެކުނު އެމެރިކާގެ އިކުއެޑޯރ އެވެ. ރާއްޖެ ހިމެނެނީ އެއްގަމުގެ އެންމެ ތަންކޮޅެއްވެސް އީކުއޭޓަރުގައި ލައްވާނުލާ ގައުމެއް ކަމުގައެވެ. އެހެންނަމަވެސް އީކުއޭޓަރު ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ކަމުގައިވެފައި އީކުއޭޓަރާއި މެދު ދުނިޔޭގެ މާގިނަ ގައުމުތަކަށް ހައިސިއްޔަތު ނޯންނާތީ ދިވެހިރާއްޖޭގެ ޔުނީކް ސެލިން ޕޮއިންޓަކަށް އީކުއޭޓަރު ހެދިދާނެ ކަމަށް ނަޝީދު ހީފުޅު ކުރެއްވީކަން ނޭގެއެވެ.

އީކުއޭޓަރ ދަތުރުކޮށްފައި އޮންނަނީ ރާއްޖޭގެ ދެކުނުން ހުވަދު އަތޮޅާއި ފުވައްމުލަކާއި ދޭތެރެއިންނެވެ. ބޮޑަށް ހުވަދު އަތޮޅާއި ގާތުންނެވެ. އެހެންވީމާ އީކުއޭޓަރާއި އެންމެ ގާތުގައިވާ ރާއްޖޭގެ ރަށްރަށަކީ ފަރެސް މާތޮޑާ އާއި ފިޔޯރި އަދި ވާދޫ އެވެ. އެއަށް ފަހު ފުވައްމުލަކެވެ. ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅުގެ ތެރެއިން އީކުއޭޓަރާއި އެންމެ ދުރުގައިވާ އަތޮޅަކީ އައްޑު އަތޮޅެވެ. އެސަބަބަށްޓަކައި އީކުއޭޓަރާއި ގުޅުވުމުގެ ހައިސިއްޔަތު އެންމެ ކުޑައީވެސް އައްޑޫ އެވެ. އެކަމަކު ސާކު ސަމިޓާ ދިމާކޮށް އައްޑޫގައި ކުރެވުނު ކޮންމެ ކަމެއް ގުޅުވައިލައިފައި އޮތީ އީކުއޭޓަރ އާއެވެ. އެހެންވެ ބައެއް މީހުންނަށް ހީވެފައި އޮންނަނީ އީކުއޭޓަރަކީ އައްޑޫއަށް ޚާއްސަ ތަނެއް ކަމުގައެވެ.

އިތުރުފުޅު ހެއްދެވުމުގައި ލަދެއް ނެތުން

ނަޝީދުގެ ވެރިކަން ފެށުމަށްފަހު އަހަރެއް ނުވަނީސް އިނގިރޭސި ވިލާތަށް ދަތުރުފުޅެއް ކުރެއްވިއެވެ. މިދަތުރުފުޅެއް ކުރެއްވީ 2009 އެޕްރީލްގައެވެ. ހަފުތާއެއްހާ ދުވަހު އެތާގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން މާގިނަދުވަސްތަކެއް ނުކުރައްވައި އައްޑު އަތޮޅަށް ޒިޔާރަތް ކުރެއްވިއެވެ. އައްޑޫ އެކި ރަށްރަށަށް ވަޑައިގެން ތަގުރީރު ކުރެއްވުމުގެ ތެރޭން މީދޫ ރައްޔިތުންނާވެސް ބައްދަލު ކުރައްވައި ތަގުރީރު ކުރެއްވިއެވެ.

މީދޫ ރައްޔިތުންނާ މުޚާތަބް ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ. ތިމަން މަނިކުފާނު މިވަޑައިގެންނެވީ އިނގިރޭސިވިލާތަށް ވެސް ބުރެއް އަޅުއްވާފައެވެ. އެތަނުގައި ރާނީ އެލިޒަބަތު ދެވަނައާ ބައްދަލުވިއެވެ. ރާއްޖޭގެ ވެރިކަމަށް މިއައި ބަދަލާ މެދު ރާނީ ހުންނެވީ ނުހަނު ހިތްޕުޅުހަމަޖެހިވަޑައިގެންނެވެ. އެއްސެވިއެވެ. ދިވެހިރާއްޖެއަށް ތިމަން ކަމަނާ ކޮށްދޭންވީ ކޮންކޮން ކަންތަކެއް ހެއްޔެވެ. ތިމަން މަނިކުފާނު ދެންނެވީމެވެ. ރައްޔިތުންނަށް އެކަށީގެންވާ ގެދޮރުވެސް ބޭނުމެވެ. ހަސްފަތާލުތައް ވެސް ބޭނުމެވެ. އަތޮޅު ތެރޭގައި ނަރުދަމާގެ ނިޒާމުވެސް ބޭނުމެވެ. އެކަމަކު މިހުރިހާ ކަމަކަށްވުރެ ތިމަން މަނިކުފާނު މިވަގުތު އެންމެ ބޮޑަށް އެދޭ ކަމަކީ އައްޑޫ މީދޫގައި އޮންނަ ކޯގަންނު ގަބުރުސްތާނު ހިމާޔަތްކުރެވޭނެ މަޝްރޫއެއް ފެށުމެވެ. ރާނީ ވިދާޅުވިއެވެ. އާދޭހެވެ. ތިޔަކަން ކޮށްދޭނަމެވެ.

ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން އެއީ ތެދެއްކަމަށް ހީކުރިމީހުން ވެސް ތިއްބެވެ. އެމީހުން ނުހަނު ބާރަށް އަތްތިލަބަޑި ޖަހައި އުފާފާޅުކުރިއެވެ. ނަޝީދު އެހައްދަވަނީ ކަނޑައެޅިގެން ދޮގެއްކަން ޔަގީންކުރި މީހުންވެސް ތިއްބެވެ. އެމީހުންނަށް ކުރެވުނު ކަމަކީ ލަދުން މޫނުގައި އަތް އެޅުމެވެ.

ނަޝީދާއި ރާނީ ބައްދަލުވިތަ؟

ނަޝީދު އެވިދާޅުވާ ދަތުރުފުޅެއް އިނގިރޭސި ވިލާތަށް ކުރެއްވިއެވެ. އެއީ ތެދުފުޅެކެވެ. ރާނީ އެލިޒަބަތު ދެވަނައާ ވެސް ބައްދަލުވިއެވެ. އެއީވެސް ތެދުފުޅެކެވެ. އެކަމަކު ދެން ހެއްދެވީ މުޅިންވެސް އިތުރުފުޅެވެ. ނަޝީދު އިނގިރޭސި ވިލާތަށް ވަޑައިގެންނެވީ އެޕްރީލް މަހުގެ ކުރީކޮޅު އެވެ. މާޗް މަހު މެދަކުން ފެށިގެން އެޕްރީލް މަހުގެ މެދަކާ ހަމައަށް ރާނީ ހުންނަވަނީ ވިންޑްސާ ކާސަލްގައެވެ. އެއީ ރާނީގެ ގަނޑުވަރުތަކުގެ ތެރެއިން އެއްގަނޑުވަރެވެ. މިގޮތަށް ވިންޑްސާ ކާސަލްގައި ހުންނަވާ ދުވަސްވަރު އިނގިރޭސިވިލާތުގެ މަޝްހޫރު ފަންނާނުންނާއި ލީޑަރުންނާއި ބޭރު ގައުމުތަކުގެ ސަފީރުންނާއި ރައީސުންނާއި ރަސްރަސްކަލުންނާއި ބައްދަލު ކުރަައްވައި ޖާފަތް ދެއްވުމާއި ވާހަކަ ދެއްކެވުން އޮވެއެވެ. އެދުވަސްވަރަށް ކިޔައި އުޅެނީ އީސްޓަރ ދަރުބާރެވެ.

އީސްޓަރ ދަރުބާރުން ފުރުސަތު ލިބެނީ ރާނީ ދައުވަތު ދެއްވާ ބަޔަކަށެވެ. ބޭރުގެ މެހުމާނުންގެ ތެރެއިން އެވަގުތެއްގައި އިނގިރޭސި ވިލާތުގައި ތިއްބަވާ ބޭފުޅުންގެ ލިސްޓު ތައްޔާރު ކުރަނީ އިނގިރޭސި ޚާރިޖިއްޔާއިންނެވެ. މިގޮތުން ރައީސުން ބޮޑުވަޒީރުން ފެންވަރުގެ ބޭފުޅަކު ހުންނެވީ ވިއްޔާ އެބޭފުޅަކު މިލިސްޓުގައި ހިމެނިވަޑައިގަންނަވާނެއެވެ. ދައުވަތު ލިބިވަޑައިގަންނަވާ ބޭރުގެ މެހުމާނުންނަށް ވިންޑްސާ ކާސަލްގެ ސެންޓް ޖޯޖް ހޯލުގައި ރާނީ އާއި ފިރިކަލުން ޑިއުކާއި ދެންވެސް ތިއްބަވާ މެހުމާނުންނާއި އެކީގައި ރޭގަޑުގެ ފަރީއްކޮޅެއްގައި ބައިވެރިވެވެއެވެ. ފަރީއްކޮޅަށްފަހު ވިންޑްސާ ކާސަލްގެ ލައިބްރަރީގެ މުހިއްމު ބައެއް އައިޓަމްތައް ރާނީ ދައްކަވާނެއެވެ. އަދި އެތަނުންވެސް ވިންޑްސާ ކާސަލްގައި ރޭ ކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުސަތުވެސް ލިބިވަޑައިގަންނަވައެވެ. ވިންޑްސާ ކާސަލްގައި ރޭ ކުރެއްވުމަށްފަހު އަނެއް ދުވަހު ހެނދުނުގެ ނާސްތާއާއިި އެކީގައި އެބޭފުޅަކަށް އީސްޓަރ ދަރުބާރު ނިމުނީއެވެ.

އީސްޓަރ ދަރުބާރުގެ ދުވަސްވަރު ފިޔަވައި އެހެން ދުވަސްވަރެއްގައި ވިންޑްސާ ކާސަލްގައި ރާނީ މީހުންނާއި ބައްދަލެއް ނުކުރައްވައެވެ. އެނޫން ދުވަސްވަރު ރާނީ އެގަނޑުވަރަށް ވަޑައިގަންނަވާނީ ހަމައެކަނި ހަފުތާ ބަންދުގެ ތެރޭގައެވެ. ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އީސްޓަރ ދަރުބާރާއި ދިމާވާގޮތަށެވެ. އެހެންވީމާ ވިންޑްސާ ކާސަލްއަށް ވަޑައިގެން ރާނީއާ އެކީގައި ޖާފަތުގައި ބައިވެރިވެވަޑައިގެން އެގަނޑުވަރުގައި ރޭކުރެއްވުމުގެ ފުރުސަތުވެސް ލިބިވަޑައިގަތީއެވެ. އެނޫން ދުވަސްވަރެއްގައި ވަޑައިގަންނަވާ ބޭފުޅަކަށް މިކަންކަމެއް ނުކުރެއްވޭނެއެވެ.

މި ދަތުރުފުޅާއި ދިމާކޮށް ރާއްޖޭގެ މީޑިއާގައި އޭރު ލިޔެފައިވާ ލިޔުންތަކުން ދޭހަވަނީ ރާނީ އާއި ނަޝީދުގެ ގާތްކަމުން ރާނީގެ ގަޑުވަރުގައި ނަޝީދު ބަހައްޓަވައިގެން މެހުމާންދާރީ އަދާކުރެއްވީ ކަމުގައެވެ. މިއީދެން އެހެން މީހަކަށް ލިބުން ނާދިރު ޝަރަފެއް ކަމުގައެވެ. ރާނީގެ ގަނޑުވަރުގައި ރާނީއާއެކު ކައިބޮއެ ހެދުމަކީ އާދައިގެ ކަމެއް ނޫނެވެ. އަދި ވަކިން ޚާއްސަކޮށް ރާނީގެ ގަނޑުވަރުގައި އެއްރޭ ނަމަވެސް ހުންނާން ލިބުމަކީ އަދިއެއަށްވުރެވެސް ނާދިރު ކަމެކެވެ. އެހެންވީމާ މިކަން ހިގާގޮތް ރަގަޅަށް އޮޅުން ނުފިލާ ބަޔަކަށް ނަޝީދާއި ރާނީއަކީ ވަރަށްވެސް ގާތް ދެއެކުވެރިންކަމުގައި ހީވެދާނެއެވެ. ކޮންމެއަކަސް ނަޝީދުގެ ދަތުރުފުޅު ނަޝީދުވެސް ރާއްޖޭގެ މީޑިއާއަށް ސިފަކޮށްދެއްވީ މިޒާތަކަށެވެ.

ރާނީގެ ހައިސިއްޔަތާއި ނުގުޅޭ ވާހަކަ

ރާނީއަކީ ބޭރުގައުމުތަކުގެ ވެރިންނާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާ ބޭފުޅެއް ނޫނެވެ. ގައުމުތަކަށް އެހީދެއްވުމުގެ ވައުދު ވެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ޖީބަށް ޕައުންޑް އަޅުއްވައިގެން ކަލޭ ބޭނުމީ ކޮންކަމެއްހޭ އައްސަވަމުން ޕައުންޑުތައް ބައްސަވަމުން ވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. ބޭރު ގައުމުތަކުގެ ލީޑަރުންނާއިއެކު ރާނީ ބާއްވަވަނީ ރަމްޒީ ބައްދަލުކުރެއްވުންތަކެކެވެ. ރަސްމީ މަޝްވަރާތަކާއި ވައުދުތަކަކީ ބޮޑުވަޒީރާއި ކެބިނެޓުގެ މަސްއޫލިއްޔަތެކެވެ. ނަޝީދު އެދަތުރުފުޅެއް ކުރެއްވިއިރު ބޮޑުވަޒީރަކަށް ހުންނެވީ ގޯޑަން ބްރައުންއެވެ. ސަރުކާރަކީ ލޭބަރ ޕާޓީގެ ސަރުކާރެކެވެ. ގޯޑަން ބްރައުންއާއެކު ނަޝީދު ބައްދަލު ކުރެއްވުމެއް ބޭއްވެވިއެވެ. އެކަމަކު މަޝްވަރާ ކުރެވުނު ކަންތައްތަކެއް ނަޝީދު ހާމައެއް ނުކުރައްވައެވެ.

ނަޝީދުގެ އެމްޑީޕީ އަކީ އިނގިރޭސިވިލާތުގެ ކޮންޒަރވެޓިވް ޕާޓީގެ ވަރަށް ގާތް އެކުވެރި ޕާޓީއެކެވެ. އެކަމަކު މިގާތްކަން ލޭބަރ ޕާޓީއާއެކު އަދި ލޭބަރ ސަރުކާރަކާއެކުވެސް ނެތެވެ. އެހެންވީމާ ނަޝީދުގެ އެދަތުރުފުޅުގައި އިނގިރޭސި ސަރުކާރުންވެސް މާ ޚާއްސަ ގާތްކަމެއް ނަޝީދާ މެދު ނުބަހައްޓައެވެ. މިސަބަބަށްޓަކައި ދިވެހި މީޑިއާއިން ބޮޑަށް ފޯކަސް ކުރީ ރާނީގެ ގަނޑުވަރުގައި ނަޝީދު ހުންނެވި ހުންނެވުމާއި އެ ފުރުސަތަށެވެ. ބޮޑުވަޒީރު ގޯޑަން ބްރައުން އާއި ކެބިނެޓުގެ އެހެން ބޭފުޅުންނާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ތަފްސީލު ހާމަނުކުރެވުނީ އެހެންވެއެވެ.

ރާނީގެ ފައިންޕުޅު ފެނުމުގެ ޝަރަފު ލިބުމުގެ މާނައަކީ ކަލޭމެން ބޭނުމީ ކޮންކަމެއްހޭ ރާނީ އެއްސެވުމެއް ނޫނެވެ. ރާނީ އެހެން ނުވެސް އައްސަވާނެއެވެ. ޕްރޮޓޮކޯލް ހަމަޖެހިފައި އޮންނަގޮތުން އެޒާތުގެ ކަމަކަށް ފުރުސަތެއްވެސް ނޯންނާނެއެވެ. އަދިއެއްސެވި ކަމުގައި ވިޔަސް ތިމަންނާމެން އެންމެ ބޭނުމީ ކޯގަންނު ގަބުރުސްތާނު ހިމާޔަތްކުރާށޭ ނަޝީދު ވިދާޅެއް ނުވާނެއެވެ. އެހާ މޮޔަކަމެއް ނަޝީދުވެސް ނުކުރައްވާނެއެވެ. ކޯގަންނު ގަބުރުސްތާނަކީ 850 އަހަރުވީ ތަނަކަށްވީމާ އެތަނުގެ ތާރީޚު މުހިއްމު ވާނީ މީދޫ އަށެވެ. އެހެން ބަޔަކަށް ނޫނެވެ. އަދި އަމްދުން އެއީ ރާނީ ދެނެވަޑައިގަންނަވާ ތަނަކަށްވެސް ނުވާނެއެވެ. އިސްލާމުން ވަޅުލައި އުޅޭ ގަބުރުސްތާނެއްގެ މުހިއްމުކަން ރާނީއަކަށް ނޯންނާނެއެވެ. ރާނީ ހުންނެވި ވިންޑްސާ ކާސަލްއަކީ ވެސް އެބުނާ ކޯގަންނަށް ވުރެ ދޮށީ ތަނެކެވެ.

ކޯގަންނޭ ރާނީއޭ ވިދާޅުވުމުގެ ސަބަބު

ކޯގަންނުގެ ހިމާޔަތުގައި އިނގިރޭސި ރާނީ މަސައްކަތް އެބަކުރައްވައޭ ނަޝީދު ވިދާޅުވީ ހަމަކުއްލިއަކަށް ހިތްޕުޅަށް އަރާވަޑައިގެންނެވި އެއްޗަކުން ނޫނެވެ. އެއީ ކަލްކިއުލޭޓެޑް ދޮގެކެވެ. އެހެނީ އިނގިރޭސިންނޭ ރާނީ އޭ ބުނެފިނަމަ އައްޑޫގެ ވަރަށް ގިނަބަޔަކު އެވާހަކަ އަޑު އަހާނެކަން ނަޝީދަށް އެގިވަޑައިގަންނަވައެވެ. ކޯގަންނަކީ މީދޫގެ ތާރީޚުކަންވެސް ދެނެވަޑައިގަންނަވައެވެ. އެހެންވީމާ ކޯގަންނާއި ރާނީ ގުޅުވައިފައި ވާހަކައެއް ހަދައިލީމާ އެއޮތީ ފަސޭހައިން ލުއްސާ ނުލެވޭނެ ޗިޕެއް މީދޫ މީހުންގެ ބޮލަށް ޖެހިފައިކަން ނަޝީދު ޔަގީން ކުރެއްވިއެވެ. އެހެން ބަޔަކު އަޑު އަހައިގެން ދެން އެއީ ކިތަންމެ ބޮޑު ޖޯކަކަށް ހެދިޔަސް ވަގުތީ ފައިދާއެއް ލިބެން އޮތް ވާހަކައަކަށް ވަނީ ވިއްޔާ އޭގައި ދެން މައްސަލައެއް އޮންނާކަށްވެސް ނުޖެހެއެވެ.

އައްޑޫ ދަތުރުފުޅަށްފަހު މާލެއަށް އެނބުރި ވަޑައިގެންފައި މުލީއާގޭގައި ސަރުކާރުގެ ބޮޑުން ސަކަރާތް ޖެއްސެވި ރެއެއްގައި ނަޝީދު ވިދާޅުވިކަމަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވެއެވެ. ކޯގަންނޭ ކިޔައިގެން ތިމަން މަނިކުފާނު މިއައީ މީދޫ މީހުން ވާވައްދާފައެވެ. ދެން އެވަލުން އެމީހުން ނެރޭނެ މީހަކު ނާންނާނެއެވެ. އެހެންމީހަކު ދަައްކާ ވާހަކައެއް ގަބޫލު ނުކުރާވަރު މިއައީ ކޮށްފައެވެ.

ނާސިރާއި މައުމޫން ކަންތައް ކުރެއްވި ގޮތުން އެދެބޭފުޅުންނަށް ރުޅިއަރާ މީހުން އައްޑޫގައި ވަރަށް ގިނައެވެ. އިނގިރޭސިންނަކީ ދެން އައްޑޫއަށް މާހެޔޮ ބޮޑު ބައެއްކަމަށް ގަބޫލުކުރާ މީހުންވެސް ވަރަށް ގިނައެވެ. އިނގިރޭސިން ރޭގަނޑު ނިދާނީވެސް އައްޑޫ މީހުން ތިބީ ކައެގެންތޯ ބަލައިފައި ކަމަށް ހީކުރާ މީހުން މަދެއްވެސް ނޫނެވެ. އެހެންވީމާ އައްޑޫ މީހުން ގާތުގައި އިނގިރޭސިންގެ ވާހަކަ އާއި އިނގިރޭސިން އައްޑޫއަށް ހެޔޮ އެދޭ ވާހަކަ ދައްކާ މީހަކަށް އެއޮތީ ރަނުގެ ފުރުސަތެކެވެ. ނަޝީދު ނެންގެވީ އެފުރުސަތެވެ. މައުމޫނުގެ ތިރީސް އަހަރުވީ ވެރިކަމުން ނަޝީދަށް ދަސްފުޅުވި ފިލާވަޅަކީ އައްޑޫ މީހުންގެ ބޮލަށް ޗިޕު ޖެހޭނެ ގޮތާއި އެ ޗިޕު ޖަހާނެ ގޮތެވެ. އެކަން ކިތަންމެ މޮޅަކަށްވެސް ކުރެއްވިއެވެ. (ނުނިމޭ)

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!