އިސްލާމް ދީނުގައި “ޕޮލިގަމީ” ހުއްދަތޯއެވެ؟

ނޫނެކެވެ. “ޕޮލިގަމީ” އަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ނޫނެވެ. ޕޮލިގަމީ އަކީ އެކަކަށް ވުރެން ގިނަ އަނބީން ނުވަތަ ފިރީންނާ އެއްފަހަރާ ކައިވެނިކޮށްގެން އުޅުމެވެ. މި ގޮތުން އެކަކަށް ވުރެން ގިނަ ބައިވެރީންނާ ކައިވެނި ކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅެއެވެ. އެއްގޮތަކީ “ޕޮލިޖިނީ” އެވެ. އެއީ ގިނައަނބީންނާ ކައިވެނިކުރުމެވެ. އަނެއްގޮތަކީ ‘ޕޮލިޔަންޑްރީ” އެވެ. އެއީ ގިނަފިރީންނާ ކައިވެނިކުރުމެވެ. ތިންވަނަ ގޮތަކީ “ޕޮލިޔަމޯރީ” އެވެ. އެއީ އެއްކައިވެންޏެއްގައި އެކަކަށް ވުރެން ގިނަ ފިރީންނާއި އަނބީން ހިމެނޭގޮތައް ކުރެވޭ ކައިވެންޏެވެ. މި ތިން ގޮތަކީ ވެސް އިސްލާމް ދީނުގައި ހުއްދަ ކުރެވިފައިވާ ގޮތްތަކެއް ނޫނެވެ. އިސްލާމް ދީނުގައި ހުއްދަކުރެވިފައި ވަނީ އެކަކަށްވުރެން ގިނަ އަނބީންނާ އެއްފަހަރާ ކައިވެނިކޮށްގެން އުޅުމުގައި، ދޭއް، ތިނެއް، އަދި އެންމެގިނަވެގެން ހަތަރެއް ހަމަވަންދެން ކައިވެނިކުރުމެވެ. އެއީވެސް ހުރިހައި އަނބީންގެ މެދުގައި އިންސާފުވެރި ވެވޭނެ ނަމައެވެ. އެހެންވީމާ ޙަޤީޤަތުގައި އިސްލާމްދީނުގައި ހުއްދަކުރެވިފައިވަނީ “ލިމިޓެޑް ޕޮލިޖިނީ” އެވެ.

އިސްލާމް ދީނުގައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކާއި ނުކުރަންޖެހޭ ކަންތައްތަކަކީ ހަމައެކަނި “ފަރުޟު” ކަންތައްތަކަކާއި “ޙަރާމް” ކަންތައްތަކެއްގެ މައްޗަށް ދެބަޔަކައް ބަހައިލެވިފައިވާ ކަންތައްތަކެއް ނޫނެވެ. އަދިކިއެއްތަ، އިސްލާމް ދީނުގެ ޙުކުމްތައް ބެހިގެންވަނީ 5 ބަޔަކަށެވެ. އެއީ “ފަރުޟު” އާއި، “މުސްތަޙައްބު” އާއި، “މުބާޙު” އާއި، “މަކްރޫހު” އާއި، “ޙަރާމް” މި ފަސްބައެވެ. ފަރުޟު ކަންތައްތަކަކީ ކުރުން ވާޖިބު ކަންތައްތަކެވެ. މުސްތަޙައްބު ކަންތައްތަކަކީ ކުރުން އެދެވިގެންވާ ކަންތައްތަކެވެ. މުބާޙު ކަންތައްތަކަކީ އިޚްތިޔާރީ ކަންތައްތަކެވެ. މަކްރޫހު ކަންތައްތަކަކީ ނުކުރުން އެދެވިގެންވާ ކަންތައްތަކެވެ. ޙަރާމް ކަންތައްތަކަކީ ކުރުން މަނާކުރެވިފައިވާ ކަންތައްތަކެވެ. މި ފަސްބައިގެ ތެރެއިން، ދެއަނބީން ނުވަތަ ތިންއަނބީން ނުވަތަ ހަތަރުއަނބީންނާ ކައިވެނި ކުރުމަކީ މުބާޙު ކަމެކެވެ. (އެބަހީ: އިޚްތިޔާރީ ކަމެކެވެ.) އިޚްތިޔާރީ ކަމަކަށް ވިޔަސް، މިގޮތަށް ކައިވެނިކުރުން ހުއްދަ ވެގެންވަނީ ހުރިހައި އަނބީންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އިންސާފުވެރި ވެވޭނެ ނަމައެވެ.

އެތަކެއް ހާސް އަހަރެއް ވާންދެން އިންސާނުންގެ މެދުގައި، އެއް ފިރިހެނަކު އެކަކަށްވުރެން ގިނަ އަނބީންނާ ކައިވެނި ކުރުމުގެ އުޞޫލު ގެންގުޅެފައިވެއެވެ. އިސްލާމްދީން ބާވައިލެއްވުމުގެ ކުރީގެ ދީންތަކުގައި ވެސް މި އުޞޫލު ގެންގުޅުނެވެ. އިސްރާއިލްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ގިނަ ނަބީބޭކަލުން ވެސް އެކަކަށްވުރެ ގިނަ އަނބީންނާ ކައިވެނި ކުރެއްވިއެވެ. ސުލައިމާނު ޢަލައިހިއްސަލާމްގެ 700 އަނބިކަނބަލުންނާއި 300 ޖާރިޔާއިން ތިއްބެވި ކަމަށްވެއެވެ. މާތް ﷲ އެދެބޭކަލުންނަށް ރުއްސުންލެއްވި ދާވޫދުގެފާނުންގެ 99 އަނަބިކަނބަލުންނާއި، ޔަޢުޤޫބުގެފާނުންގެ 4 އަނބިކަނބަލުން ތިއްބެވިކަމަށް ވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި އިބްރާހިމްގެ ފާނުގެ 3 އަނބިކަނބަލުން ތިއްބެވިއެވެ. ޔަހޫދީ ދީނުގެ ބައެއް ދަންނަބޭކަލުން ކުރީޒަމާނުގައި ފަތުވާ ދެއްވަމުން ގެންދެވީ، އެކަކު ހަތަރު އަނބީންނަށް ވުރެން ގިނަ އަނބީންނާ ކައިވެނިކޮށްގެން ނުވާނެ ކަމަށެވެ. ޔަހޫދީން އެކަކަށްވުރެން ގިނަ އަނބީންނާ ކައިވެނިކުރުން މަނާކުރީ 11 ވަނަ ޤަރުނުގައި އެބައިމީހުންގެ “ރަބާއި” އިން ގެ “ސައިނޮޑް” އަކުން ފާސްކޮށްގެންނެވެ. އެހެންނަމަވެސް އެބައިމީހުން 1950 ގެ އަހަރުތަކާ ހަމައަށް ވެސް އެކަކަށްވުރެން ގިނަ އަނބީންނާ ކައިވެނިކުރަމުން އައިސްފައިވެ އެވެ.

އިސްލާމްދީން އައުމުގެ ކުރީން، ކުރީޒަމާނުގެ މުޖުތަމަޢުތަކުގައި، އެކަކަށް ކައިވެނިކުރެވޭނެ ވަކިމިންވަރެއް ކަނޑައެޅި، އެ ކައިވެނިކުރެވޭ އަނބިންނާ ދޭތެރޭ ހެޔޮކޮށްހިތުމަށް ވަކި ޝަރުޠުތަކެއް ކަނޑައެޅިފައެއް ނުވެއެވެ. ގިނަ އަނބީންނާ ކައިވެނިކުރުމާ ދެކޮޅަށް ޢީސާގެފާނު އެއްވެސް ބަހެއް ވިދާޅުވެފައިވާކަން އެނގޭކަށް ނެތެވެ. އަދި ވަރަށް ފަހަކާ ޖެހެންދެން ވެސް، އާދެ، މީލާދީން ސަތާރަވަނަ ޤަރުނާ ޖެހެންދެން، ކްރިސްޓިއަނުން ގިނަ އަނބީންނާ ކައިވެނިކުރަމުން އައެވެ. ފަހުގެ ކްރިސްޓިއަން ފާދިރީންގެ ފައްޅިއެއް ކަމުގައިވާ “މޯރމަންސް” ގެފަރާތުން މިކަމަށް ހުއްދަދީގެން އެމެރިކާގައި ގިނަ އަނބީންނާ ކައިވެނިކުރެވެމުން ދިޔައެވެ.

ކްރިސްޓިއަންދީނުގެ ތެރެއަށް އެކަކާ ކައިވެނިކުރުމުގެ އާދަ ތަޢާރަފު ވެގެންދިޔައީ “ފާދިރީ ޕޯލް” ގެ ދުވަސްވަރު ދީނުގެ އެކިކަންކަމަށް ބަދަލުގެނެވިގެން ދިޔުމުގެ ތެރޭގައެވެ. މި ބަދަލުގެނެވުނީ ރޯމަނުންނާއި ގްރީކުންގެ އާދަކާދަތައް ގެނައުމުގެ ތެރޭގައެވެ. އެބައިމީހުންގެ ތެރެއިން ފިރިހެނުން އެދުވަސްވަރު ކައިވެނިކޮށް އުޅުނީ އެންމެ އަންބަކާއެވެ. އެހެން ނަމަވެސް އަޅުންގެ ގޮތުގައި ތަފާތު ގިނަ އަންހެނުން ގެންގުޅުމާއެކު، އެ އަޅުންގެ ބޭނުން ކުރުމުގެ ހުއްދަ އެމީހުންނަށް އޮވެއެވެ. އެހެންގޮތަކަށް ދަންނަވާ ނަމަ މިއީވެސް ހުދޫދެއް ކަނޑައެޅިފައި ނުވާ “ޕޮލިޖިނީ” ގެ އުޞޫލެކެވެ.

ކުރީޒަމާނުގެ ކްރިސްޓިއަނުން އެއްދުވަސްވަރެއްގައި އަންހެނުންނަކީ “މުޅިން ފާފައިންފުރިގެންވާ” ބައެއްކަމުގެ ރައުޔެއް އުފެއްދިއެވެ. އެހެންކަމުން ފިރިހެނުން އެމީހުންނާ އެއްގޮތަކަށް ވެސް ކައިވެނި ނުކުރުން މާރަނގަޅު ކަމަށް ނިންމިއެވެ. މިކަމަކީ އިންސާނީ ނަސްލު މުޅިން ނެތިގެން ހިނގައިދާނެކަމެއް ކަމަށްވާތީ، އެބައިމީހުން ފަހުން ނިންމީ އެއްމެ އަންބަކާ ކައިވެނި ކުރުމަށެވެ.

މި ޒަމާނުގެ އެމެރިކާގެ މުޖްތަމަޢުގައި ދިމާވާގޮތަކީ ގިނަފަހަރު ދެމަފިރިއެއްގެ ގުޅުން ކިނލަބުވުމުން އަނބިމީހާ ދޫކޮށްލާފައި ފިރިމީހާ ފިލަނީއެވެ. ދެން އޭނާ ކުރާ ކަމަކީ ކަސްބީން ނުވަތަ އެފަދަ އެހެންވެސް ބަދު އަޚުލާޤީ އުޅުމެއް އުޅޭ އަންހެނުންނާއެކު، ކައިވެނިން ބޭރުގައި، ގުޅުން ބާއްވައިގެން ދިރިއުޅުން ވެއަތުކުރަނީ އެވެ.

ހިންދީ ދީނުގެ މުޤައްދަސް ފޮތްތަކުގައި ވާގޮތުން އެބައިމީހުންނަށް ކިތަންމެ ގިނަ އަނބީންތަކަކާ ވެސް ކައިވެނިކުރެވިދާނެއެވެ. “ރާމް”ގެ ބައްޕަގެ އެތައް އަނބީންނެއް ތިއްބެވެ. “ލޯރޑް ކްރިޝްނާ” ވެސް އެތައް ބަޔަކާ ކައިވެނިކުރިއެވެ. ހިންދޫން އެކަކަށްވުރެން ގިނަ އަނބީންނާ ކައިވެނިކުރުން މަނާކުރީ 1954 ވަނައަހަރު އިންޑިއާގައި ފާސްކުރެވުނު ޤާނޫނެއް ކަމުގައިވާ “ހިންދޫ މެރިޖް އެކްޓް” އިންނެވެ.

އެކަކަށްވުރެ ގިނަ އަނބީންނާ ކައިވެނިކުރުމުގެ ތިން ވައްތަރެއް ހުޅަނގުގެ ޤައުމުތަކުގައި  އާއްމުވެފައިވެއެވެ. އޭގެ ތެރެއިން އެއްވައްތަރަކީ ސިލްސިލާ ކައިވެންޏެވެ. އެއީ ކައިވެނިކޮށް ވަރިކޮށް، އަނެއްކާވެސް ކައިވެނިކޮށް ވަރިކޮށް، މިގޮތުގައި އެތައްފަހަރަކު ތަކުރާރު ކުރަމުން ދިއުމެވެ. ދެވަނަ ވައްތަރަކީ ފިރިހެނަކު، އެއް އަންހެނަކާ ކައިވެނިކޮށްގެން އުޅުމާއެކު ތަފާތު އެތައް “މިސްޓްރެސް”އިންނެއް ގެންގުޅުމެވެ. ތިންވަނަ ވައްތަރަކީ އެއްގޮތަކަށް ވެސް ކައިވެނި ނުކުރާ ފިރިހެނަކު ގިނަ އަދަދަކަށް “މިސްޓްރެސް”އިން ގެންގުޅުމެވެ. މީގެތެރެއިން ފުރަތަމައަށް ބަޔާންކުރެވުނު އުސޫލަކީ އިސްލާމް ދީނުގައި ހުއްދަ، އެކަމަކު އެކަމަށް ހިތްވަރު ދެވިފައި ނުވާ އުސޫލެކެވެ. ދެން، ދެވަނައަށާއި ތިންވަނައަށް ބަޔާންކުރެވިފައިވާ އުސޫލަކީ އިސްލާމް ދީނުގައި ޙަރާމް ކުރެވިފައިވާ އުސޫލެކެވެ.

އެކި ޒަމާންތަކުގައި އިންސާނުންގެ މެދުގައި ކުރެވޭ ހަނގުރާމަތަކުގެ ސަބަބުން ފިރިހެނުންނަށްވުރެ އަންހެނުން ގިނަވުމަށް މެދުވެރިވެއެވެ. މިފަދަ ޙާލަތްތަކުގައި އެއްއަންބަކާ ކައިވެނި ކުރާ މުޖުތަމަޢުތަކުގައި ގިނަ އަންހެނުން އުޅެންޖެހިފައިވަނީ ފިރީންނާ ނުލައި އެއްވެސްކަހަލަ އެހީތެރިކަމެއް ނުލިބޭ ޙާލުގައެވެ. އަދި މިކަމުގެ ސަބަބުން ފައިސާއަށް ޖިންސީ ވިޔަފާރި ކުރުމަށް މަޖްބޫރުވެ، ނުވަތަ ކައިވެނިކޮށްގެން ތިބޭ ފިރިހެނުންނާއެކު ނާޖާއިޒު ގުޅުން ހިންގުމާއެކު ކައިވެނީން ބޭރުން ކުދީން ލިބި، އެފަދަ ކުދީންގެ ޒިންމާނަގާނެ ޝަރުޢީ ބަފަޔަކު ނެތް ހާލުގައި އުޅޭންޖެހެއެވެ. އަދި މުޅި ޙަޔާތުގައި ވެސް އެކަނިވެރި މަޔެއްގެ ގޮތުގައި، ނޫނީ ހުވަފަތް އަންބެއްގެ ގޮތުގައި ވޭތުކުރާން މަޖުބޫރުވެއެވެ.

ހުޅަނގުގެ ޤައުމުތަކުގައި، ފިރިހެނުން އެކަކާ ކައިވެނިކުރުމުގެ އުސޫލުން އަންހެނުންގެ ޙަައްޤުތައް ޙިމާޔަތްކުރެވޭކަމަށް ދެކެއެވެ. އެކަމަކު ހަމަ ޙަޤީޤަތުގައިވެސް މިމީހުން އަންހެނުންގެ ޙައްޤުތަކާ ދޭތެރޭ ކަންބޮޑުވޭ ބާވައެވެ؟. ހުޅަނގުގެ މުޖްތަމާއުގައި އަންހެނުން “އެކްސްޕްލޮއިޓް” ކޮށް ޙައްޤުތަކުން މަހްރޫމްކުރުވާ އެތައް އަމަލުތަކެއް ހިންގެއެވެ. މިކަމުގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި، ވިހިވަނަ ގަރުނުގެ ކުރީކޮޅު އުފެދުނު “ސަފްރެޖެޓްސް” ޙަރަކާތުން ފެށިގެން މިއަދުގެ “ފެމިނިސްޓް” ހަރަކާތާ ހަމައަށް ހިންގެމުން ދެއެވެ.

ޙަޤީޤަތަކީ، ހަމައެކަނި އެކަކާ ކައިވެނިކުރެވޭ އުޞޫލުން ރައްކާތެރިކޮށްދެނީ ހަމައެކަނި ފިރިހެނުންކަމެވެ. އެއީ، އެބައިމީހުން، ޒިންމާތައް ނުއުފަލައި، “އެބުރެމުން ސެބުރެމުން” އުޅުމަށް ފުރުސަތު ލިބިދޭތީއެވެ. އެ އުސޫލުން އަންހެނުން ވެގެންދަނީ ފިރިހެނުންގެ ބޭނުންތައްފުއްދުމުގެ ޝިކާރަތަކަކަށެވެ. ގިނަމީހުންނާ ކައިވެނިކުރުމަކީ ފިރިހެނުންގެ ނުފޫޒުގަދަ މުޖުތަމަޢުތަކުގައި އެކަމާ ވަރަށް ބޮޑަށް ދެކޮޅުހެދެވޭ ކަމެކެވެ. ސަބަބަކީ، އެކަމުގެ ސަބަބުން ފިރިހެނުން އެބައިމީހުންގެ ޖިންސިީ ޝައުގުން، ގިނައަންހެނުންނާއެކު ހިންގާ އަމަލުތަކުގެ ޒިންމާ އުފުލާން މަޖުބޫރުވާނެތީއެވެ. އަދި އަންހެނުން ރައްކާތެރިކުރެވި، ލިބޭ ދަރީން ބަލަހައްޓާން މަޖުބޫރުވާނެތީއެވެ.

ކުރީޒަމާނުގައި ގިނައަނބީންނާ ކައިވެނި ކުރި އެއްވެސް މުޖުތަމަޢުއެއްގައި، ފިރިހެނަކަށް ކައިވެނި ކުރެވޭނެ އަނބީންގެ އަދަދު ޙުދޫދުކުރެވިފައެއް ނުވެއެވެ. ހުރިހައި ގުޅުމެއްވެސް ހިނގަމުން އައީ ޙައްދެއްނެތް މިންވަރަށެވެ. އިސްލާމްދީނުގައި ގިނައަނބީންނާ ކައިވެނި ކުރުމުގެ ޤަވާއިދު ހަމަޖެހިފައިވަނީ ފިރިހެނަކަށް ކައިވެނިކުރެވޭނެ އަނބީންގެ އަދަދު ޙުދޫދުކުރެވި، އަދި އެ އަނބީނގެ އެންމެހައި ކަންތައްތައް ފުރިހަމަކޮށް ދިނުމަކީ ފިރިމީހާގެ ޒިންމާއެއް ކަމުގައި ހަމަޖެހެވިގެންނެވެ.

ކީރިތި ޤުރުއާނުގެ “އައްނިސާ” ސޫރަތުގެ 3 ވަނަ އާޔަތުގައިވެއެވެ. “…..ތިޔަބައިމީހުން ހިތްރުހޭ ބަޔަކާއި ކައިވެނިކުރާށެވެ! ދެމީހުންނާއެވެ. ނުވަތަ ތިން މީހުންނާއެވެ. ނުވަތަ ހަތަރު މީހުންނާއެވެ. ފަހެ، ޢަދުލު ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކްވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.” ޤުރުއާނުގެ މިއާޔަތުން ފިރިހެނަކަށް އެކަކަށް ވުރެގިނަ އަންހެނުންނާ ކައިވެނިކުރުމަށް ހުއްދަކުރެވެއެވެ. އެކަމަކު އެކަނބަލުންނާ ދޭތެރޭ ޢަދުލުވެރިކޮށް މުޢާމަލާތް ކުރެވޭނަމައެވެ. އެހެން އާޔަތެއްގައި ބަޔާންވެފައިވާގޮތުން ފިރިހެނަކަށް އޭނާގެ އަނބީންގެ މެދުގައި ޢަދުލުވެރި ނުވެވޭނަމަ، ހުއްދަކުރެވުނު ނަމަވެސް، އެކަން ނުކުރުމަށް ބާރުއެޅެވެއެވެ. އާދެ، “އައްނިސާ” ސޫރަތުގެ 129 ވަނަ އާޔަތުގައިވެއެވެ. “ތިޔަބައިމީހުން ކިތަންމެވަރަކަށް އެދި ދަހިވެތިވިޔަސް، އަނބީންގެ މެދުގައި (ލޯބީގެ ގޮތުން) ޢަދުލުވެރި ވުމަކަށް ތިޔަބައިމީހުންނަކަށް ކުޅަދާނަ ވެގެނެއް ނުވާނެއެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވާފައިވާ މީހެއްފަދައިން އެކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ…..”

ފިރިހެނަކު އެއްއަންބަށްވުރެ ގިނައިން، ހަތަރު އަނބީންނާހަމައަށް، ކައިވެނިކުރުން ހުއްދަކުރައްވާފައިވަނީ މުޅި “އިޖްތިމާޢީ ނިޒާމް”އަކީ މުޖުތަމަޢުގައި ދިމާވާ ކޮންމެ ޙާލަތަކާ ކުރިމަތިލެވޭފަދަ “ފްލެކްސިބްލް” ނިޒާމަކަށް ވުމަށްޓަކައި ކަމަށްވިޔަސް، އެގޮތަށް ގިނައަނބީންނާ ކައިވެނިކުރުމަކީ އިސްލާމް ދީނުގައި ބާރުއެޅިފައިވާ ކަމެއް ނޫނެވެ. މިކަމުގައި އަޅުގަނޑުމެނގެ މާތް ރަސޫލާ، މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމައިގެ މިސާލު ނަންގަވާނަމަ، އެމިސާލުގައި ވަނީ އަޅުގަނޑުމެނަށް އެންގެވުން ތަކެކެވެ. އެކަލޭގެފާނު 25 އަހަރު ވާންދެން ކައިވެނި ކުރައްވައިގެން ހުންނެވީ އެންމެ އަނބިކަބަލަކާއެވެ. އެއީ ޚަދީޖަތުގެފާނެވެ. އެކަމަނާ އަވަހާރަވެ، އެކަލޭގެފާނުގެ އުމުރުފުޅުން ފަންސާސް އަހަރު ވީފަހުން އެކަލޭގެފާނު އެހެނިހެން ކައިވެނިތައް ކުރެއްވާފައިވަނީ ރަޙްމަތްތެރިކަން އާލާކުރުމުގެ ގޮތުންނާއި، ގުޅުންތައް އުފެއްދުމުގެ ގޮތުންނާއި، ޖަމާޢަތަށް ފިލާވަޅެއްގެ ގޮތުން މިސާލު ދެއްކުމަށްޓަކައެވެ. އަދި ހަމައެފަދައިން މުސްލިމުންނަށް އެބައިމީހުންގެ ޙަޔާތުގެ ބައިވެރިންނާ އަޅާލުމުގައި ޙަޔާތުގެ އެކިއެކި ޙާލަތްތަކުގައި އަމަލުކުރަންޖެހޭ ގޮތް ދައްކަވައި ދެއްވުމުގެ ގޮތުންނެވެ.

ކީރިތިވަންތަ މާތް ﷲ ވަނީ އެކަލާންގެ ރަސޫލާއަށް، އެއްކައިވެންޏަށް ވުރެން ގިނައިން ކައިވެނިކުރުމުގައި މުޢާމަލާތްކުރާނެ ގޮތާއި، އެކަމުގައި ދިމާވާނެ އުނދަގޫތައް އިލްހާމްކުރައްވާފައެވެ. އެއްފިރިހެނަކަށް ދެއަނބީންނާއި، ދެއާއިލާއާއި، ދެގެ ބެލެހެއްޓުމާއި، އަދި މިކަންކަމުގެ ތެރޭގައި ލާމެހިގެން ހުރުމަކީ އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. ބުއްދިފުރިހަމަ އެއްވެސް ފިރިހެނަކު، ވަރަށް ބޮޑަށް ވިސްނުމަށްފަހު، އަދި ދިމާވެފައިވާ މަޖުބޫރު ސަބަބެއް (ޖިންސީ ނޫން) އޮވެގެން މެނުވީ، މިފަދަ ޙާލަތަކަށް ވަދެ ނުގަންނާނެއެވެ.

ބައެއްމީހުން ދެކޭގޮތުގައި ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރާނަމަ، ފުރަތަމަ އަނބިމީހާ އެކައިވެންޏަކަށް އެއްބަސްވާން ޖެހޭނެއެވެ. އަނެއްބައިމީހުން ދެކެނީ ދަމަފިރީންގެ މެދުގައި ކައިވެނީގެ އެއްބަސްވުމެއް ހަދައި، އޭގައި ފިރިމީހާ ދެވަނަ ކައިވެންޏެއް ކޮށްގެން ނުވާނެކަމަށް ބަޔާންކުރެވިދާނެ ކަމުގައެވެ. އެހެންނަމަވެސް، މިކަމުގައި އެންމެފުރަތަމައަށް އަޅުގަނޑުމެން ދަންނާންވީ ކަމަކީ ކީރިތި ޤުރުއާނުގައި، ނުވަތަ ރަސޫލާގެ ޙަދީޘްގައި ނަމަވެސް، ދެވަނަ ކައިވެންޏެއް ކުރުމުގެ ކުރީން ފުރަތަމައަނބިމީހާގެ ހުއްދަ ހޯދުން އެއްކިބާގައި ބާއްވާފައި އޭނާގެ ރުހުންހޯދަން ޖެހޭކަމަކަށް ވެސް ބަޔާންވެފައި ނުވާކަމެވެ. ފިރިމީހާއާއި އަނބިމީހާއާ ދެމެދު އޮންނަ ރަހުމާއި ކުލުނުގެ ސަބަބުން ދެމަފިރީންގެ ދެމެދުގައި މަޝްވަރާކުރުމަކީ މިކަމުގައި ހިނގަމުންއަންނަ އާދައެކެވެ. އެކަމަކު އޭނާގެ ހުއްދަ ލިބިގަތުމަކަށް ލާޒިމެއް ނުވެއެވެ. ދެވަނަކަމަކީ ޤުރުއާނުގައި، ޞަރީޙަ ޢިބާރާތުން، ފިރިހެނަކަށް ދޭއް ނުވަތަ ތިނެއް ނުވަތަ ހަތަރު ކައިވެނި ކުރުމަށް ހުއްދަ ދެއްވާފައިވާކަމެވެ. މާތް ﷲ ހުއްދަ ކުރައްވާފައިވާ ކަމެއް މަނާކުރުމަށް އެއްބަސްވުމެއް ހެދުމަކީ އެއްވެސް އިންސާނަކަށް ލިބިގެންވާ އިޚްތިޔާރެއް ނޫނެވެ.

ދެޖިންސުގެ ދެމީހެއްގެ ދެމެދުގައިކުރެވޭ ކައިވެނީގެ ގުޅުމުގެ މައިގަނޑު އަސާސަކީ ރަނގަޅު އަޚްލާޤީ މިންގަނޑާއި އުފާވެރިކަން ޤާއިމްވުމެވެ. އިންސާފުވެރި ބަދަހި މުޖްތަމަޢުއެއް އުފެދުމާއި، އެމުޖްތަމަޢުއެއްގައި ފިރިހެނުންނާއި އަންހެނުންގެ ބޭނުންތަކަށް އަޅާލެވިފައިވުމެވެ. މިޒަމާނުގެ ހުޅަގުގެ މުޖްތަމަޢުތަކުގައި ކަންއޮންނަ ފަދައިން، ދެމީހަކު ރުހޭނަމަ މިނިވަންކަމާއެކު ޖިންސީ ގުޅުން ހިންގުމުގެ ހުއްދަދެވޭ ތަންތާގައިވަނީ ޒިއްމާދާރުކަންކުޑަ ޖިންސީގުޅުންތައް އިތުރުވެ އާއްމު ވެފައެވެ. މިކަމުގެ ސަބަބުން ވަނީ ޝަރުޢީ ބައްޕައެއްނެތް އެތައްކުދިންނެއް އުފަންވެ، ކައިވެނިނުކޮށްއުޅޭ ޒުވާންއުމުރުގެ އެތައް މަންމައިންނެއް އުފެދިފައެވެ. އަދި މިކަންތައްތަކުގެ ސަބަބުން ޤައުމުތަކުގެ ވެލްފެއަރ ނިޒާމަށްވަނީ ބުރަބޮޑުވެފައެވެ. އިގްތިސާދީގޮތުން ވަރުގަދަ ގައުމުތައް ކަމުގައިވާ އެމެރިކާފަދަ ޤައުމުތަކުގައިވެސް ބަޖެޓް ޑެފިސިޓްވެ އިގްތިސާދަށް ލޮޅުންއަރާފައިވާ މައިގަނޑު ސަބަބު ކަމުގައިވާ ބޭނުމެއްނެތް ވެލްފެއަރގެ ބުރައިގެ އަސްލު އެއްސަބަބަކީ މިއެވެ. ބަޖެޓް ޑެފިސިޓް ވުމަކީ ސިޔާސީ ފުޓްބޯޅައަކަށްވެ މުޅި އެމެރިކާގެ ސިޔާސީ ނިޒާމަށްވަނީ އަސަރު ކުރުވާފައެވެ.

ކުރުކޮށް ދަންނަވާނަމަ މީސްތަކުން އަމިއްލައަށް އުފައްދާފައިވާ ނިޒާމެއްކަމުގައިވާ “މޮނޮގަމީ” ނުވަތަ އެކަކާ ކައިވެނިކުރުމުގެ އުސޫލަކީ އާއިލީ އޮނިގަނޑާއި، އިޖްތިމާޢީ، އަދި އިޤްތިޞާދީ ނިޒާމް ހަލާކުކުރާ އެއްޗެކެވެ. މީހަކު ކައިވެނިކުރަންވީގޮތާއި، ކައިވެނިކުރަންދެން ކެތްތެރިވެ ތިބެންވީގޮތް މީސްތަކުންނަށް އަންގަވާނީ ރަސޫލުބޭކަލެކެވެ. ހަމަކަށަވަރުން އެބޭކަލަކީ މުޙައްމަދު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމައެވެ. އެކަލޭގެފާނު އަޅުގަނޑުމެންނަށް އެންގެވިގޮތް ވަނީ ޢަބްދުﷲ ބުނި މަސްއޫދު ރިވާ ކުރެއްވި ޙަދީޘެއްގައެވެ. އެ ޙަދީޘްގައި ވަނީ “ތިޔަބައިމީހުންގެ ތެރެއިން އަންބަކަށް ޚަރަދުކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ޒުވާންފިރިހެނާ ކައިވެނި ކުރާހުށިކަމެވެ. އެއީ އެކަމުގެ ސަބަބުން ތިޔަބައިމީހުން ހިލޭ އަންހެނުންނަށް ބެލުމުން އެއްކިބާ ވުމަށާއި، ބަދު އަޚްލާޤީ ޢަމަލުތަކުން ރައްކާތެރިވުމަށެވެ. އެކަމަކު އެކަމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުން ރޯދަ ހިފާހުށިކަމެވެ. އެއީ ޖިންސީ އެދުން ހުއްޓުވައިދޭ ވަޞީލަތެކެވެ. (ބުޚާރީ އާއި މުސްލިމް)

އިސްލާމްދީން ލާޒިމްކުރަނީ މީސްތަކުން ކައިވެނީގެ ގުޅުމުން ގުޅި، ރަނގަޅު ޢާއިލީ އޮނިގަނޑެއް އުފައްދައި ތަރައްޤީ ކުރުމަށެވެ. ހަމައެފަދައިން މުޖުތަމަޢުގެ ބޭނުންތަކާއި، ޚާއްޞަ ޙާލަތްތަކުގައި، މައްސަލަތަކުގެ ޙައްލެއްގެ ގޮތުން އެއްފިރިހެނަކު އެއް އަންބަށްވުރެ ގިނައިން، ހަތަރުއަބީންނާ ހަމައަށް، ކައިވެނިކުރުމަށް އިސްލާމްދީން ހުއްދަކުރެއެވެ. އެހެންކަމުން އިސްލާމްދީނުގައި “ޕޮލިޖިނީ” ހުއްދަކުރެވިފައިވަނީ އަނބީންގެ އަދަދު ހަތަރަކާ ހަމައަށް ޙުދޫދު ކުރެވިގެންނެވެ. އަދި އިސްލާމްދީނުގައި “ޕޮލިޖިނީ” އަކީ ލާޒިމްކުރެވިފައިވާ ނުވަތަ އެދެވިގެންވާ ކަމެއްނޫނެވެ.
– ނިމުނީ –

ނޯޓް: މި މަޒުމޫނު ލިޔެފައިވަނީ ޑރ. ޒާކިރު ނައިކުގެ ބައެއް ތަޤްރީރުތައް އަޑުއެހުމަށްފަހު، އެ ތަޤްރީރުތަކުގައިވާ މަޢުލޫމާތުތަކުގެ މައްޗަށެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!