އަތޮޅުވެރިޔާގެ އަމުރަށް މީދޫގެ މިސްކިތެއް ތަޅައިލުން

މީދޫ މާމިސްކިތުގެ ކައިރީގައި ވަގުތުބަލާ ގަލެއް ބަހައްޓާފައި ހުރެއެވެ. ބައެއްމީހުން ހީކުރަނީ އެއީ ވަރަށް ދުވަސްވީ ވަރަށް އާސާރީ އެއްޗެއް ކަމުގައެވެ. އަދި އެއީ މިސްކިތުގެ ހައިބަތާއި ގަދަރާއި މީދޫގެ ފަންނުވެރިކަމާއި ގުޅިފައިވާ ރަމްޒެއް ކަމަށްވެސް ހީކުރެތެވެ.

ވަގުތުބަލާ ގަލަކީ މީދޫއަށް ވަރަށް ފަހުގެ އެއްޗެކެވެ. މިއީ އިރުގެ ޕޮޒިޝަނާއި ހިޔަނީގެ މައްޗަށް ބަރޯސާކޮށްގެން ވަގުތު ދެނެގަތުމުގެ ހަތިޔާރެކެވެ. އަވިދީފައި އޮންނައިރު ދުވަހުގެ ވަގުތު އެގޭނެއެވެ. އިރުއޮއްސުމުން އޭގެ ބޭނުން ކެނޑުނީއެވެ. އަދި އުޑުމަތި ބަނަވުމުންވެސް އޭގެ ބޭނުން ކެނޑުނީއެވެ. މިގަލެއް މިސްކިތުގެ ކައިރީގައި ބެހެއްޓީ އައްޑު އަތޮޅުގައި އަތޮޅުވެރިޔަކަށް ހުރި މާލޭ މީހެކެވެ. ނަމަކީ އާދަމް ނަސީރު މަނިކެވެ. މިކަމެއް ހިގާފައި އޮތީ 1950 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭރު ވަގުތުބަލަން ގޭގޭގައި ގަޑި ހުރެއެވެ. އަދި މަދުމަދުން އަތުކުރީ ގަޑިވެސް މީހުން ގެންގުޅެން ފަށައިފިއެވެ. އެހެންވީމާ މިކަމެއް ކުރީ ކޮންމެހެން ނަމާދު ވަގުތު ދެނެގަންނަން ފަސޭހަޔަކަށް ނުވަތަ ވަގުތު ބުނެދިނުމަށް ވުރެ އެހެން މަގްސަދެއްގައެވެ.

މިހާރު ކޯގަންނު ގަބުރުސްތާނުން ފެންނާނީ ހަތަރު މިސްކިތާއި ޒިޔާރަތެކެވެ. ނަމަވެސް ކުރީގައި އެ ގަބުރުސްތާނުގައި ފަސް މިސްކިތް ހުއްޓެވެ. އަހަރެންވެސް އެ ފަސްވަނަ މިސްކިތެއް ނުދެކެމެވެ. އެކަމަކު ފަނޑިޔާރު މިސްކިތާއި އަތަރާ މިސްކިތާއި ދޭތެރެއިން މިސްކިތެއްގެ އާސާރު ދުށީމެވެ. ތަޅާލެވިފައި ހުރި މިސްކިތެއްގެ ތަޅުންގަޑު އަހަރެމެން ކުޑައިރުވެސް ފެންނާން ހުއްޓެވެ. އެ މިސްކިތަށް ކިޔައި އުޅުނީ ދެށިނާ މިސްކިތެވެ. ދެށެނާ މިސްކިތަކީ އާމިނާބީގެ ދެށެމިނާ ތަކުރުފާނު ބިނާކުރި މިސްކިތެކެވެ. މި މިސްކިތުގެ ބާރުވެރިންނަކީ މިތަކުރުފާނުގެ ދަރިކޮޅުމީހުންނެވެ. މިސްކިތުގެ ބައިދީފައި އޮތީ ބާރަ ބަޔަށެވެ. ފަހަކަށް އައިސް ދެށިނާގޭގައި އުޅުނު މީހުންނާއި އެގެއަށް ނިސްބަތްވާ މީހުންނަކީ މި މިސްކިތާއި މާކައިރި ބައެއް ނޫނެވެ.

އަތޮޅުވެރިޔާ އާދަމް ނަސީރު މަނިކަކީ އާދައިގެ އަތޮޅުވެރިއެއް ނޫނެވެ. އެއީ ވަރަށް އިލްމީ ވަރަށް ހުޅުވިފައި ހުންނެވި އަތޮޅުވެރިއެކެވެ. އެހެންވީމާ އަތޮޅުވެރިޔާ މީދޫއަށް ވަޑައިގެންފިނަމަ ކޯގަންނަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބެއްލެވުން އޮވެއެވެ. އަތޮޅުވެރިޔާ އިސްވެ އެތަނަށް ވަޑައިގަތުމުގެ ވާހަކަފުޅު ނުދައްކަވައިފިއްޔާ ރަށުގެ ކަތީބުން އަމިއްލައަށް އެދިގެންވެސް އަތޮޅުވެރިޔާ ކޯގަންނަށް ގެންދިއުން އޮންނާނެއެވެ. އެހާވަރަށްވެސް އާދަމް ނަސީރު މަނިކާއި ކޯގަންނު އޮތީ ގުޅިފައެވެ.

ދުވަސްވަރަކީ މިހާރު މިއޮންނަ ގޮތަށް ބަސްބުނެ ޚިޔާލު ފާޅުކުރަން ރައްޔިތު މީހާއަށް ފުރުސަތު އޮންނަ ޒަމާނެއް ނޫނެވެ. ރައްޔިތުންނަށް އަމުރުކުރާން ހުންނާނީ ކަތީބެވެ. ކަތީބަށް އަމުރުކުރާން ހުންނާނީ އަތޮޅުވެރިޔާއެވެ. އަތޮޅުވެރިންނަށް އެންގުން އަންނާނީ ދާޚިލިއްޔާއިންނެވެ. ދާޚިލިއްޔާއަށް އަމުރު އަންނާނީ ބޮޑުވަޒީރުގެ ފަރާތުން ނުވަތަ ރަދުންގެ ފަރާތުންނެވެ. ދަށު ފަޑީގެ އެއްވެސް ގިންތިއެއްގައި އެ އަމުރެއްގެ ހިކުމަތާއި ސަބަބާއި މެދު ސުވާލު ކުރުމެއް ނޯންނާނެއެވެ. އެ ފުރުސަތު ނުވެސް އޮންނާނެއެވެ. ކުރަން ޖެހޭނެހާވެސް ކަމަކީ އެ އަމުރު ވީހާވެސް އަވަހަށް ވެވުނު ގޮތަކުން ތަންފީޒުކޮށް ނިންމާލުމެވެ.

އަތޮޅުވެރިޔާ އާދަމް ނަސީރު މަނިކު މީދޫއަށް ވަޑައިގެންނެވި ދުވަހެއްގައި އާދައިގެމަތީން ކޯގަންނަށް ޒިޔާރަތް ކުރައްވައިފިއެވެ. އަރިހުގައި ދިޔައީ ކަތީބުންގެ ތެރެއިިން އަބްދުﷲ ފާއިޒެވެ. އެދުވަހަކީ އެހެން ފަހަރުތަކަށްވުރެ އަތޮޅުވެރިޔާގެ ބަސްފުޅު ގިނަ ދުވަހެކެވެ. އަދި ބަސްފުޅު ވިދާޅުވުމުގައި ތަންކޮޅެއް އައިބުގޮތެއްވެސް ހުރި ދުވަހެކެވެ. ދުވަހަކު ނުވެސް ދައްކަވާ ޒާތުގެ ވާހަކަފުޅުތައް ދެއްކެވިއެވެ. އެދުވަހު އަތޮޅުވެރިޔާ އެންގެވިއެވެ. މިތާގައި މީ ކީއްކުރާހާ މިސްކިތްތަކެއް ހެއްޔެވެ. މިތަނުން މިސްކިތްތައް މަދުކުރަންވީއެވެ. މިހެން ވިދާޅުވެފައި ދެށިނާ މިސްކިތް ދައްކަވާފައި ލަސްނުކޮށް އެ މިސްކިތް ތަޅައިލާށޭ އަންގަވައި އަމުރު ކުރައްވައިފިއެވެ.

މި އަމުރެއް ކުރައްވާފައި އަތޮޅުވެރިޔާ ފުރާވަޑައިގެންފިއެވެ. އަތޮޅުވެރިޔާ އެދިވަޑައިގެންނެވި ކަންތަކުގެ ބޮޑުކަމާއި ބާވަތުން މިވާހަކަ އޭރު ރަށުގައި އިސްކޮށް ތިބި އަނެއް ދެކަތީބުން ކަމަށްވާ ފެންނާމަނިކުފާނާއި ދެށިނާގެ އިބްރާހިމް ދީދީގެ ކައިރީގައި ފާއިޒު ދައްކައިފިއެވެ. އެދެމީހުން ސުވާލު ކުރިއެވެ. މިސްކިތް ތަޅައިލާށޭ އަތޮޅުވެރިޔާ ވިދާޅުވިކަން ޔަގީން ހެއްޔެވެ. ފާއިޒު ބުންޏެވެ. އާނއެކެވެ. އަހަރެން ހުރީ ހަމަ ހޭގައެވެ. ކޮންމެއަކަސް އަތޮޅުވެރިޔާގެ ކިބައިން މިކަމުގެ ކޮންފަރމޭޝަނެއް ހޯދާން މީން މީހަކަށް ނުކެރުނެވެ. އެއްބަސްވީ އެދިވަޑައިގެންނެވި ގޮތަށް މިސްކިތް ތަޅައިލުމަށެވެ.

މިސްކިތް ތަޅާލައިފިއެވެ. އިސާހިތަކު މިޚަބަރު އަތޮޅުވެރިޔާއާ ހަމައަށް ހިގައްޖެއެވެ. އާދަމް ނަސީރު މަނިކާ ހަމައަށް ޚަބަރު ގެންދިޔަ މީހާ ބުނީ މީދޫ ކަތީބުން ވެގެން ކޯގަންނުގައި ހުރި ހުރިހާ މިސްކިތްތަކެއް ތަޅާލަން ދިމާކޮށްފިއެވެ. މިހާރު ދެށިނާ މިސްކިތޭ ކިޔުނު މިސްކިތް ތަޅާލައިވެސްފިއެވެ. މިވާގޮތެއް ބަލަން އަވަސްއަވަހަށް ދަތުރު ހަދައިގެން އަތޮޅުވެރިޔާ މީދޫއަށް ވަޑައިގެންފިއެވެ. އޭރު ދެށިނާ މިސްކިތުގެ ތަޅުންގަޑު ފިޔަވައި އެހެން ހުރިހާ އެއްޗެއް ތަލާލައިފިއެވެ. އަތޮޅުވެރިޔާ ވަރަށް ކޯފާވެ ހުންނަވައި ސުވާލުކުރެއްވިއެވެ. ބަލަބަލަ ތިޔައީ ކޮން ސަކަރާތެއް ހެއްޔެވެ. ތިޔައީ ކާކު ބުނެގެން ކާކުގެ އިޒުނައެއް ލިބިގެން ކުރާކަމެއް ހެއްޔެވެ. މިހެން ވިދާޅުވީމާ ކޮންމެ ކަތީބަކުވެސް ބަލާލަނީ އަބްދުﷲ ފާއިޒުގެ މޫނަށެވެ.

މުޅިމިކަންތައްގަޑު ފާއިޒުގެ ބޮލުގައި އެޅިއްޖެއެވެ. އެންމެފަހުން ފާއިޒު ބުންޏެވެ. އަތޮޅުވެރިޔާ އެންމެފަހުން ކޯގަންނަށް ޒިޔާރަތް ކުރެއްވި ދުވަހު ތިޔައީ ކީއްކުރާހާ މިސްކިތްތަކެއްހޭ ސުވާލުކުރައްވައި ދެށިނާ މިސްކިތް ތަލާލަން ވަނީ އަމުރު ކުރައްވާފައެވެ. އެހެންވެ އަތޮޅުވެރިޔާގެ އަމުރަށް މިކަންތައް ކުރީއެވެ. މިހާރު ހަނދުމަފުޅު ނެތުނީތޯއެވެ. ހަމަޔަގީނުންވެސް އަޅުގަނޑު ހަނދާން އެބަހުއްޓެވެ. ހަނދާން ނެތޭކަށް އެފަހުން އަދި ހަފުތާއެއްވެސް ނުވެއެވެ. އަތޮޅުވެރިޔާ ކުޑައިކޮށް ވިސްނަވާން ހުންނަވާފައި ވިދާޅުވިއެވެ. އާނއާނ ހަނދާން ވެއްޖެއެވެ. އެކަމަކު އެއީ އެހެން ބުނި އެއްޗެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް ކަން މިއޮތީ މިހެން ވެފައެވެ. އެހެންވީމާ ދެން އެކަކުވެސް މިވާހަކަ ދައްކާނެ ކަމެއް ނެތެވެ. މިހެންވިދާޅުވެފައި ހިތަދޫއަށް ވަޑައިގެންފިއެވެ.

އަފިހުން ކެއުމަކީ އެދުވަސްވަރު މާލޭގެ ކަމުވޮށިގެންވާ ވަރަށް ގިނަ މީހުން ކުރި ކަމެކެވެ. ފެޝަނެއްގެ ގޮތުންވެސް ކުރިކަމެކެވެ. އަފިހުން ކައިގެން މަސްތުކަންމަތީ ތިބެ ކަންކަން ކޮށްގެން ވަރަށް ދެރަ ނަތީޖާވެސް ނުކުމެފައިވެއެވެ. އެހެންވީމާ ކޯގަންނު ދެށިނާ މިސްކިތްވެސް އަފިހުން ކެއުމުގެ ނަތީޖާއެއްގެ ގޮތުން ގެއްލިގެންދިޔައީ ކަމަށް ބުނުމަށް ފުރުސަތު އެބައޮތެވެ. ކަންވީގޮތާއި ކަންނިމުނު ގޮތަށް ރިއާޔަތްކުރާއިރު މިނޫން ގޮތަކަށް ވިސްނުމަށް ފުރުސަތެއްވެސް ނެތެވެ. އަތޮޅުވެރިޔާ އަފިހުން ބައްލަވައިގެން ހުންނެވި ދުވަހެއްގައި ނުބައި އަމުރެއް ކުރެއްވުނީމާ މިކަން މިގޮތަށް މެދުވެރިވެދާނެއެވެ.

އާދަމް ނަސީރު މަނިކު ހިތަދޫއަށް ވަޑައިގެންފައި މިކުރެވުނު ކަންތަކާ ދޭތެރޭ ވަރަށް ހިތާމަކުރައްވައި ކައްފާރާއެއްގެ ގޮތުން ކޮންމެވެސް ކަމެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މިގޮތުން ވިސްނަވާފައި ނިންމެވީ މީދޫ ހުކުރު މިސްކިތަށް ވަގުތުބަލާ ގަލެއް ހަދިޔާ ކުރެއްވުމަށެވެ. މިނިންމުން ނިންމެވުމަށްފަހު މާލެއިން ގަލުގެ ފަރުމާ ހައްދަވައި ފަންނީ ލަފާވެސް ހޯއްދަވައި މީދޫ މާމިސްކިތުގެ ކައިރީގައި މިސްކިތުގެ ހަރިއްމައިގެ ތެރޭގައި މި ގާ ބަހައްޓަވައިފިއެވެ. ކަމުގެ ހުރިހާ ޚަރަދެއް ކުރެއްވީ އާދަމް ނަސީރު މަނިކެވެ. ގަލުގައި ހަރުކުރެވިފައިވާ ބްރޯންޒް ޕްލޭޓެއްގައި އެއީ އާދަމް ނަސީރު މަނިކު ދެއްވި ގަލެކޭ ލިޔެފައި އޮވެއެވެ. މީދޫއަށް މިގަލެއް ދެއްވާފައި އަތޮޅުގެ އެހެން ބައެއް ރަށްރަށުގެ މިސްކިތުގައިވެސް އާދަމް ނަސީރު މިފަދަ ގާ ބެހެއްޓެވިއެވެ. މިއީ ހައްތާވެސް ކައްފާރާގެ ގޮތުން ކުރެވުނު ކަންކަމެވެ.

You may also like...

3 Responses

  1. Dhodheenaa says:

    އެއިރު ރާއްޖޭގައި އަފިހުން މަނަލެއް ނުކުރެއެވެ. އަފިހުން ބޭނުންކުރާ ދެ ގޮތެއް އޮވެއެވެ. އެއްގޮތަކީ ގުޑުގުޑާ އަށާއި ބިޑި ސުއްޓާ އަށް އަޅައިގެން ބޭނުން ކުރުމެވެ. ދެވަނަ ގޮތަކީ ދުފާއިރު ބޭނުންކުރުމެވެ. މާލޭގެ ޝާހީ އާއިލާތަކުން އެ ތަކެތި ގެންގުޅުނީ ވަރަށް ފާޅުގައެވެ. އާދައިގެ ފިހާރަތަކުގައި ވެސް އަފިހުން ލިބެން ހުރެއެވެ. މާލެ އިން އަފިހުން ހުސްވާ ދުވަސްވަރު ބޮޑުންގެ ބޭފުޅުން ސިކުވެގެން އުޅެއެވެ. ކާގޭގައި ހުންނަ ސީނު ތަށިތަކާއި ނައިބޮލީގެ ސަމުސާތައް ބިންމައްޗަށް ތަޅައިލާވާހަކަ އައްޑޫ މީހުން ހީހީފައި ކިޔައި އުޅެތެވެ.

  2. Afihun Partey says:

    އަފިހުން ކެއުމަކީ އޭރު މާލޭ ބޮޑުންގެ އާދައެކެވެ. ފެޝަނެކެވެ. އެންމެމަތީ ކުލާސް މީހުންގެ ގޭގޭގައި ވިލާތު ޝަރުބަތުވެސް ހުރެއެވެ. ވިލާތު ޝަރުބަތަކީ ރަލެވެ. ވިސްކީ، ޖިން، ވޮޑްކާ، ރަމް، ވައިން ފަދަ ތަކެތި ވިލާތު ޝަރުބަތޭ ކިޔައިގެން ގެނެސް ގޭގޭގެ މަތާރަންފިލާމަތީގައި ރައްކާކޮށްގެން ގެންގުޅުނެވެ. އަފިހުން މަނާވީ މާފަހުންނެވެ. ކުރީގައި އެއީ ހުއްދަ އެއްޗެކެވެ. އެންމެފުރަތަމަ އަފިހުން ވިއްކީ ބުމްބާ ފިހާރަތަކުންނެވެ. އެއީ ވޯރާއިންގެ ފިހާރަތަކެވެ. މިފަދަ ފިހާރަތަކަށް މާލޭ ބޮޑުން ދަރައި އިތުރަށް އެތަންތަނުން އަފިހުން ނުވިއްކީމާ ދެން ހެދިވަޑާމަކީ އަފިހުނުގެ ވިޔަފާރި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސް ހެލްތު މިނިސްޓްރީން ކުރާކަމަކަށް ހެދީއެވެ. އެހެން ހެދުމުން މާލޭ ބޮޑުން ބޭނުން އިރަކު ބޭނުންވަރަކަށް އަފިހުން ލިބުމަށް މަގުފަހިވިއެވެ. މާލޭ ބޮޑުން ނޫން ބަޔަކަށް އަފިހުން ލިބޭނީ ބޭސްވެރިކަމަށޭ ކިޔައިގެން އާދޭސްކުރީމާ ބޭސްވެރި ވައްތަރުގެ މީހުންނަށެވެ. އަފިހުނަކީ ދިވެހި ބޭސްވެރިކަމުގައި ވަރަށް އާއްމު އެއްޗެކެވެ. ދިވެހި ކެއުންވެސް ކަނޑުމަހާ ނުލައި ނުހެދޭ ގޮތަށް އަފިހުނާއި ނުލައި ދިވެހި ބޭހެއްވެސް ހެދޭކަމަކަށް ނުވެއެވެ.

  3. Koagannu Muskulhiyaa says:

    ކޯގަންނުގައި އިހު ހުރީ ފަސް މިސްކިތެއް ނޫނެވެ. ޖުމްލަ ހަތް މިސްކިތް ހުއްޓެވެ. އޭގެ ތެރެއިން މިހާރު ފެންނާން އެހެރީ ހަތަރު މިސްކިތެވެ. ލިޔުމުގައިވާ ގޮތަށް ފަސްވަނަ މިސްކިތް އާދަމް ނަސީރު މަނިކު އަފިހުން ކައިގެން މަސްތުވެގެން ހުރެ ތަލާލާށޭ ބުނީމާ ތަޅާލީއެވެ. ކޯގަންނުގައި ހުރި ހަވަނަ މިސްކިތަކީ ކިލެގެ މިސްކިތެވެ. ހަތް ވަނަ މިސްކިތަކީ ރައިވެރިން މިސްކިތެވެ. ރައިވެރިން މިސްކިތާއި ކިލެގެ މިސްކިތް ތަލާލި ދުވަސްވަރަކާއި ސަބަބު އަދި އޮތީ ދިރާސާކުރުމުގެ މަރުހަލާގައެވެ.

Leave a Reply to Koagannu Muskulhiyaa Cancel reply

Your email address will not be published.

error: Content is protected !!