އައްޑޫގައި ހުރި އެންމެ ދުވަސްވީ އެންމެ ތާރީޚީ މިސްކިތުގެ ވަނަވަރު

ކުރީގެ މިސްކިތް

އައްޑުއަތޮޅުގައި އިމާރާތް ކުރެވުނު އެންމެފުރަތަމަ މިސްކިތަކީ އަދި ދީން ކިޔަވައިދިން ފުރަތަމަ މަދަރުސާއަކީ މީދޫ މާމިސްކިތެވެ. އިސްލާމްދީން ގަބޫލް ކުރުމާއި ގުޅިގެން އަތޮޅުގެ މީހުންނަށް ދީނުގެ ހުކުމްތަކާއި ނަމާދު ކުރާނެގޮތް ދަސްކޮށްދޭން ބޭނުންކުރެވުނު އެންމެފުރަތަމަ އިމާރަތަކީ މީދޫ މާމިސްކިތެވެ. ދެކުނުގެ ތިން އަތޮޅުގައި އިސްލާމް ދީން ފެތުރުމުގެ މައިގަޑު މަރުކަޒަކީ މީދޫ އެވެ. މާމިސްކިތަކީ މީދޫ މީހުން އިސްލާމް ދީން ގަބޫލް ކުރީއްސުރެ މިއަދާއި ހަމައަށް މީދޫ ގައި ބޭނުންކުރެވެމުން އަންނަ އެންމެ އިސް މިސްކިތެވެ. އެކަމަކު މި މިސްކިތުގެ ހައިބަތާއި ހައިސިއްޔަތު މިޒަމާނުގެ ގިނަބަޔަކަށް ނޭގެއެވެ.

މާމިސްކިތް އިމާރާތްކުރީ މީދޫ ކަޅައިހާރާ އާއި ޔޫސުފް ނާއިބު ކަލޭގެފާނެވެ. ކަޅައިހާރާ އިސްލާމް ދީން ގަބޫލް ކުރުމަށްފަހު އޭނާގެ އަމިއްލަ ގޯތި ކަޅިހާރުގެ ހުޅަނގު ދެކުނުގައި އިމާރާތްކުރި މިސްކިތަކީ މާމިސްކިތެވެ. މި މިސްކިތުގައި ނަމާދު ކުރާނެގޮތާއި ދީނީ އިލްމް ކިޔަވައިދޭން ފެށި ފުރަތަމަ އުސްތާޒަކީ ޔޫސުފް ނާއިބު ކަލޭގެފާނެވެ. ޔޫސުފް ނާއިބު ކަލޭގެފާނަކީ އައްޑު އަތޮޅާއި ފުވައްމުލަކާއި ހުވަދު އަތޮޅު އިސްލާމް ކުރެއްވި ކަލޭގެފާނެވެ. މި ޔޫސުފް ނާއިބު ކަލޭގެފާނުގެ ބައްޕައަކީ ސުލެއިމާނު ގާދިރުކަލޭގެފާނުގެ ސޫރަތު ގާދިރު ކަލޭގެފާނުގެ އީސާ ގާދިރުކަލޭގެފާނެވެ. މީދޫ މާ މިސްކިތް ހިރިގަލުން އިމާރާތް ކުރެވުނީ ހިޖްރައިން 540 ވަނައަރާއި 542ވަނައަހަރާއި ދެމެދުގައެވެ.

މިސްކިތް ފުރަތަމަ އިމާރާތް ކުރެވުނީ ފައުންޑޭޝަނުގައި ހިރިގަލާއި ވެލިގާ ޖަހައިގެން އެގަލުގެ މަތިން ދަނޑިފަނުންނެވެ. ހިޔާކުރެވުނީ ލަކުޑިއާއި ފަނުންނެވެ. ދުވަސްތަކެއްފަހުން ހިރިގަލުން މިސްކިތް އިމާރާތް ކުރެވުނެވެ. މިސްކިތުގެ މަތިވަޑާންގަޑު ހަދާފައިހުރީ ހައިވަކަރާއި ކަޅު ވަކަރުންނެވެ. މިސްކިތުގެ އުތުރު ފަރާތާއި ދެކުނުފަރާތުގައި ދެ ފެންޑާ ހުރެއެވެ. ދެފެންޑާގައިި ކުޑަކުދީންނަށް ކިޔަވައި ދިނުން އޮވެއެވެ. ކުޑަ ކުދީން ނަމާދު ކުރަނީ އެތާގައެވެ. މިސްކިތުގެ މެދުގައިވާ ބައިގެ ތެރެއަށް ކުޑަކުދީން ނުވަންނާނެއެވެ. މިސްކިތުގެ ތަޅުންގަޑު އަޅާފައިހުރީ އުވައިންނެވެ. ތަޅުންގަޑު މައްޗަށް ހުންނަނީ ރީތި ވެލި އަޅާފައެވެ. ވެލީގެ މަތީގައި އަޅަނީ ބޮޑުކުނަލެވެ.

މިންބަރު
މިންބަރު ހުރީ މިހުރާބުގޭގެ ތެރޭގައެވެ. ކުރީޒަމާނުގެ މިންބަރު ހަލާކުވުމުން އާ މިންބަރު ހަދައިދިނީ އެޅެގޭ އަބްދުﷲ ދީދީ އެވެ. އެއީ ހިޖްރައިން 1321 ވަނައަހަރުގައެވެ. މިންބަރު ހަދާފައިވަނީ ހައިވަކަރުންނެވެ. މިހާރުވެސް މިސްކިތުގައި ބޭނުންކުރަނީ އެ މިންބަރެވެ.

ބޯދާޒަމާނުއްސުރެން ފެށިގެން މާމިސްކިތުގައި ހައިވަކަރު ފޮށްޓެއް ހުރެއެވެ. މި ފޮށި ހުންނަނީ މިންބަރު ކާރީގައެވެ. ޚަތިމާއި ދީނީ ފޮތްތައް މި ފޮށީގައި ހުރެއެވެ. ފޮށީގެ ބޭރުގައި ލިޔެފައިވާ ރަންވަންލޯ ފޮއްޗެއް ހަރުކުރެވިފައިވެއެވެ.

މިސްކިތުގެ ފިލާތައް
މިސްކިތުގައި ހައިވަކަރު ފިލާތަކެއް ހުއްޓެވެ. ތާރީޚީ ދެ ފިލައެއް އަރަބި ބަހުން ލިޔެފައިވެއެވެ. އަދި މިސްކިތުގެ ވަށައިގެން އެތެރޭގައި ހައިވަކަރު ފިލައެއް ހުރެއެވެ. މި ފިލަ އަށް ކިޔަނީ ލިޔާ ފިލާއެވެ.

އައްސުލްތާނު މުޙައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި މިސްކިތް މަރާމާތު ކުރެވުނުއިރު ލިޔާ ފިލާވެސް އާކުރެވުނެވެ. އޭރު ފިލާ ގެނެވުނީ މާލެ އިންނެވެ. އެއީ ހިޖްރައިން 1322 ވަނައަހަރު ގައެވެ.

ލޮންސި
މިސްކިތުގައި ލޮންސިއެއް އޮވެއެވެ. ލޮންސި އޮންނަނީ އުރައަކަށް ލާފައި ވަރަށް އިއްޒަތުގައި އެލުވާފައެވެ. މި ލޮންސި ބޭނުންކުރަނީ އިމާމުމީހާ ހުކުރު ޚުތުބާ ކިޔާއިރުގައެވެ. މި ލޮންސިއަށް ކަނޑިއޭ ވެސް ކިޔައެވެ.

މިސްކިތުގެ ދެ ދާލަ
މިސްކިތަށް ވަންނައިރު މައިދޮރުގެ ދެފަރާތުގައި ދެ ދާލަ ހުރެއެވެ. ދާލާގައި ބޮޑު ކުނާ އަޅާފައިވެއެވެ. ދެ ދާލާގައި ތިބޭނީ ރަށުގެ ވެރިންގެ ތެރެއިން ދެމީހެކެވެ. ނުވަތަ ރަށުގެ އިލްމުވެރީންގެ ތެރެެއިން ދެމީހެކެވެ.

މިހުރާބުގެ
ކުރީގެ މިހުރާބުގެ އަކީ މިސްކިތުގެ ފުޅާމިނަށް އެއްކޮޅުން އަނެއްކޮޅަށް އެއްސަފު ހެދޭވަރަށް ބޮޑުކޮށް ހުރި ތަނެކެވެ. މިހުރާބުގެއަށް ވަންނަން ދެ ދޮރު ހުރެއެވެ. އެއީ ހުޅަނގު ފަރާތު ދޮރަކާއި ދެކުނުފަރާތު ދޮރެކެވެ. މިހުރާބުގޭގައި ތިބެވެނީ ރަށުގެ ބޮޑުންނެވެ. ރަށުގެ އާދައިގެ ބަޔަކު މިތަނަށް ނުވަންނާނެއެވެ. މިހުރާބުގެއާ ގުޅިގެން ހުޅަނގަށް އިމާމު މީހާ ހުންނަން ވަކި ތަނެއް ހުރެއެވެ. އިހުގެ މިހުރާބުގެ ހަދާފައިހުރީ ކަޅު ވަކަރުންނެވެ.

މިސްކިތުގެ ފުރާޅު
މިސްކިތް ހިޔާކޮށްފައި ހުރީ ހަތަރު ފުރާޅަށެވެ. އެންމެ ފުރަތަމަ ހިޔާ ކުރީ ފަނުންނެވެ. އެއަށްފަހު އީޓު ޖަހައިގެންނެވެ.

މިސްކިތުގެ ވޮށް

މިސްކިތުގައި ވޮށެއް އޮވެއެވެ. މި ވޮށް ދިއްލަނީ ރޭގަނޑުއެވެ. ޚާއްސަ ރޭތަކުގައި ވޮށުފުއް ގިނަ ކުރާނެއެވެ. ފުއް ގިނަކުރުމުން ވޮށުގެ އަލި ގަދަވާނެއެވެ. ވޮށް ދިއްލުމަށް ބޭނުންކުރަނީ ކާށިތެލެވެ.

މިހާރުގެ މިސްކިތް

ކަޅައިހާރާ އާއި ޔޫސުފް ނާއިބު އެންމެފުރަތަމަ އިމާރާތްކުރި މިސްކިތް މިއަދާއި ހަމައަށްއައިއިރު އެކި ޒަމާނުގައި އެކި މީސް މީހުން ވަނީ އާކޮށް ބޮޑުކޮށް މަރާމާތުކޮށްފައެވެ. ބުނެވޭގޮތުގައި ކަޅިހާރި ދޮން ހަސަން ޚަތީބު، ކަޅިހާރި އަބޫބަކުރު، އަހުމަދު ގާދިރު، މުހައްމަދު ހަނދެއިގިރި، މަހުމޫދޫ ނާއިބު، ހަސަން ނާއިބު، ކުދުރަނިޔަގެ ކުދު އެދުރުކަލޭގެ، ބޮޑުފުއްތަކުރުފާނު، ގަނޑުވަރު މުހައްމަދު ތައްކާނު ވެސް މިސްކިތް މަރާމާތުކުރިއެވެ.

އެންމެފަހުން މިސްކިތް ބޮޑުކޮށް އާކުރުމުގެ މަޝްރޫއެއް ހިންގީ ރަށުގެ ވެރިކަމުގެ ފަރާތުން ދެށެނާގެ އިބްރާހިމް ދީދީ އިސްވެހުރެގެންނެވެ. އެއީ 1951ވަނައަހަރުގައެވެ. ރޭނުމުގެ މަސައްކަތްކުރީ ރާނާ ދޮންކަލޯ ކިޔާ މީހަކު މާލެއިން ގެނެސްގެން އުޖޫރަ ދީގެންނެވެ. އެ ބޮޑުކުރުމަށްފަހު މިހާރު މާމިސްކިތުގެ ދިގުމިނަކީ 37 ފޫޓެވެ. ފުޅާމިނަކީ 29 ފޫޓެވެ. އެފަހަރު މިސްކިތް އިމާރާތްކޮށް އަލުން ހުޅުވުނުއިރު ކުރީގައި މިސްކިތުގައި ހުރި ލިޔާ ފިލަ އާއި ތާރީޚީ ފިލާތަކެއް ނެތެވެ. އަދި މިސްކިތުގެ ގަދީމީވަންތަ ސިފަ ވެސް ވަނީ ގެއްލިފައެވެ.

މިހާރުގެ މިސްކިތުގެ އުތުރުފަރާތުގައި 4 ކުޑަ ދޮރުހުރެއެވެ. ދެކުނު ފަރާތުގައި 4 ކުޑަ ދޮރު ހުރެއެވެ. އިރުމަތީފަރާތުގައި 2 ކުޑަ ދޮރެވެ. ކުޑަ ދޮރުތަކުގައި ބިއްލޫރި ހަރުކޮށްފައިވެއެވެ. މިސްކިތުގެ މައި ދޮރު ހުރީ އިރުމަތީ ފަރާތުގައެވެ.

ވަޅު
މިސްކިތުގެ ވަޅުހުރީ މިސްކިތުގެ ދޮރުކުރިމަތީން ފަސްފޫޓް ދުރުގައެވެ. މި ވަޅު ކުޑަވެގެން އެ ވަޅުނަގައި އެވަޅު ހުރިތާގައި ސިމިންތި ވަޅެއް ބެހެއްޓިއެވެ. އެ ވަޅު ބެހެއްޓީ މުދިން މުހައްމަދު ނަޖީބެވެ. މިވަޅު ދާދި ފަހުން މިތަނުން ވަނީ ނަގާފައެވެ. މިސްކިތަށް ސަންދޯއް ވައްދާއިރު ދޮރާއި ކާރީގައި ވަޅުހުރުމުން ދަތި ވާތީއެވެ. މިހާރު ވަޅު ހުރީ ކުރީގެ ވަޅު ހުރި ދިމާލުން އެއަށްވުރެ އުތުރުގައެވެ. މީގެ އިތުރު ވަޅެއްވެސް ކުރީން ހުއްޓެވެ. އެވަޅަށްކިޔަނީ މާމިސްކިތު ބޮޑު ވަޅެވެ. އެވަޅަކީ ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިން މާއެޅެ ސަރަހައްދުގައި ބަހައްޓާފައިހުރި ވަޅެވެ. މާއެޅުން އެވަޅު ގެނެވުނީ އެންމެ ފަހުން މިސްކިތް ބޮޑުކުރި ދުވަސްވަރުއެވެ. މިހާރު މިވަޅު ވަނީ ތަޅާލެވިފައެެވެ.

ވަގުތު ބަލާ ގައު
މިސްކިތުގެ ބޭރުގައި ނަމާދު ވަގުތު ބަލާ ގަލެއް ހުރެއެވެ. ސިމިންތިން ހަދާފައިވާ މިގާ ހުރީ މިސްކިތުގެ ހުޅަގު ދެކުނުގައި ހާމަ ބިމުގައެވެ. މި ގާ ބެހެއްޓީ 17މާރޗް 1953  ގައެވެ. މި ގާ ހަދައިދިނީ އާދަމް ނަސީރު މަނިކުއެވެ. އާދަމް ނަސީރަކީ  މ. ފެންފިޔާޒުގޭ އޮނަރަބަލް އުމަރު ޒާހިރުގެ ބައްޕައެވެ.

މަތިވަޑާންގަޑު
އެންމެފަހުން މިސްކިތް ބޮޑު ކުރެވުނުއިރު މިސްކިތުގެ މަތިވަޑާންގަޑު ހަދާފައިވަނީ ދަނބު ލަކުޑިންނެވެ. އޭރު މީދޫގައި ދަނބު ގަސް ވަރަށް ގިނައެވެ. މި ގަސްތައް ކަނޑައިގެން ކީހުނީ ހިލޭ ސާބަހަށް ރައްޔިތުންނެވެ. މި ވަޑާންގަޑުގެ މަސައްކަތް ކުރީީ އޭރު މީދޫގައި ތިބި ވަޑިންނެވެ. އެމީހުންގެ ތެރޭގައި ކަޅިހާރި ބެއްޔާގެ އަހައްމާދި އާއި ބަންކެއުވަލިގޭ އަހުމަދު މަނިކުފާނާއި ދޮންކަލޯގެ ހަސަން މަނިކާ ހިމެނެއެވެ. މަތިވަޑާންގަޑު ހެދީ މިސްކިތުގެ ހުޅަނގު ދެކުނު ފަރާތުން މަގުމަތީގައި ބަހައްޓައިގެންނެވެ. ރަހާގެއާއި ދޮންރަހާގެ އާއި ދޭތެރޭ އޮންނަ ހުސްބިމުން މަދަރުސާ އާއި ވީފަރާތުގައެވެ. މަތިވަޑާންގަޑު ހެދީ މަގުމަތީގައި މުޑިޖަހައިގެން އޭގެ މަތީގައި ބަހައްޓައިގެންނެވެ. ފްރޭމްގަޑުގެ މަސައްކަތް ނިމުމުން ލަކުޑީގައި ނަމްބަރުޖަހައިގެން ދެންގެންގޮސް މިސްކިތުގައި އަތުރާލަނީއެވެ.

ރުއްމުޑި (ތަނބު)
މިސްކިތުގައި މަތިވަޑާންގަޑު ހަރުކުރުމަށްޓަކައި މިސްކިތުގެ މެދަކަށްވުރެ ދެ އަރިމައްޗަށް ވާގޮތަށް ތަޅުންގަޑާއި ފްރޭމްގަޑާއި ދޭތެރޭގައި ކޮންމެ ފަރާތެއްގައި ހަތަރު ތަނބު ހަރުކުރެވުނެވެ. މި މުޑި ތައްހުރީ ރުއްލަކުޑީންނެވެ. ރުއްކަނޑައި އެއްސައިޒަކަށް ބުރިކޮށް ރީއްޗަށް މަށައި އޮމާންކޮށް ވަރުނީޝް ކޮށްފައެވެ.

ދުވަސްވުމުގެ ސަބަބުން ތަނބުތައް ފީވެ ހަލާކުވެ ބައެއް މުޑި ތަކުގެ އެންމެތިރީބައި ތަޅުންގަނޑުން ވަކިވިއެވެ. މުޑިތައް ހަލާކުވެ ވެއްޓެން ކައިރިވުމުން ތަޅުންގަޑާއި މުޑިއާއި ދޭތެރޭ ބަންކެޔޮ ލަކުޑި ފިލާ ކޮޅުތައް ލައްވާފައިހުރެއެވެ. ދެފޮތި ކޮޅު ލައްވާފައި ހުންނަ މުޑިތައްވެސް ހުރެއެވެ. ވަޑާންކުރާތަންތަނުން މިލަކުޑިކޮޅު ހޯދައިގެން ގެނެސް ލައްވަނީ މުދިން މުހައްމަދު ނަޖީބެވެ.

މިގޮތުން މަތިވަޑާންގަޑު ވެއްޓޭން ކައިރިވެފައިވަނިކޮށް ލައިނޫފަރުވިލާ އަބްދުﷲ ރަފީގުގެ އަމިއްލަ ޚަރަދުގައި މުޑިތަކާއި މުޑީގެ މަތީގައިވާ ދެ ބެރި ހަދައިދިނެވެ. މި މުޑިތައް ހެދީ ސިމެންތިންނެވެ. އެ މަސައްކަތް ކުރެވުނީ 1982 ގައެވެ. އޭރު ސަރުކާރުގެ ޚަރަދުގައި މިސްކިތަކަށް އެ ފަދަ މަސައްކަތް ކުރުމަށް އެހީތެރިކަމެއް ނުލިބެއެވެ. މި ތަނބުތަކުގެ ތެރެއިން ބައެއް ތަނބު މިހާރު ވަނީ ފަޅައިގެންގޮސް ހަލާކުވެފައެވެ.

މިސްކިތުގެ ފުރާޅުގައި ހުރި އީޓު ހަލާކުވެ މިސްކިތުގެ ތެރެއަށް ވާރޭ ވެހެމުންދަނިކޮށް ދެ ހާހުގެ އަހަރުތަކުގެ ތެރޭގައި ޓިނުން ފުރާޅު ހަދައިދިނީ ސަރުކާރުންނެވެ. މިސްކިތުގެ ތަޅުންގަޑުގެ އުސްމިނަކީ ދެ ފޫޓްބައެވެ. ސިމެންތީގެ ތަޅުންގަޑު ހަލާކުވެ ހިނިހަރުގެ ސަބަބުން ވެލީގެ އުނދަގޫ ކުރިމަތިވެފައި ވަނިކޮށް މިސްކިތުގައި މުށި ޖެހީ މުދިން މުހައްމަދު ނަޖީބު މެދުވެރިވެގެން ރައްޔިތުންގެ އެހީތެރިކަމާއެކުގައެވެ. މިސްކިތުގެ ވުޟޫ ކުރުމަށްޓަކައި އިސްކުރު ބަރިއާއި ފާޚާނާ ހަދައި ދިނީ ތުނޑާގެ ސައީދު މެދުވެރިވެގެން މާލެ އޮގަރު މުހައްމަދު ފުޅެވެ.

ކުރީގެ ހިރިގަލުގެ ފައުންޑޭޝަން މިސްކިތުގެ ތަޅުންގަނޑު ދަށުގައި އެބަހުއްޓެވެ. މިސްކިތުގެ ފުރަތަމަ ތަނބު ހުރި ހިސާބުން ފެށިގެން ހިރިގަލުގެ ބޮޑު ޝީޓެއް މިސްކިތުގެ ތަޅުންގަޑުގެ ދަށުގައި އެބަހުއްޓެވެ. މިހުރާބުގެ ހުރި ތަނާއި ހަމައަށް ހިރިގަލުގެ ބައިތައް އެބަހުއްޓެވެ. މިހާރުވެސް މިސްކިތުގެ ސިޑިބަރިއާއި ދާލަ ހުރީ ކުރީގެ ސިޑިބަރިއާއި ދާލަ ހުރިތާގައެވެ. މިހާރު މިސްކިތުގައިވަނީ ކާޕެޓް އަޅާފައެވެ. ކާޕެޓް އަޅައި ދިނީ މީދޫ ބޮނޑައްބީގެ އަލިދީދީ އޭނާގެ އަމިއްލަ ޚަރަދުގައެވެ. މިސްކިތުގައި އެންމެ ފުރަތަމަ ކަރަންޓު ބޮކި ލައިދިނީ ވަށޮދިޔަގެ ބެއްޔާއެވެ. އެންމެފުރަތަމަ ފަންކާ ލައިދިނީ ރަށުއޮފީހުގެ ފަރާތުން 80އިގެ އަހަރުތަކުގެ ތެރޭގައެވެ. ހަމައެގޮތަށް ތާޅަފިއްޔާއި އަޑުގަދަކުރާ ވަސީލަތް ބަހައްޓައިދިނީވެސް ރަށު އޮފީހުން ހަމައެދުވަސްވަރުގައެވެ.

މިސްކިތުގެ މަގުފާރު
މިސްކިތުގެ ވަށައިގެން މަގު ފާރު ރާނާފައިވެއެވެ. މި ފާރު ރޭނުނީ ކޮން ދުވަސްވަރެއްގައި ކަން ހަނދާންހުރި މީހަކު ނެތެވެ. މި ފާރަކީ އާދައިގެ ފާރަށްވުރެ ފުޅާ ފާރެކެވެ. މިސްކިތުގެ އިރުމަތީފާރަކީ ފަހުން ރާނާފައިވާ ފާރެކެވެ. މަގު ހެދިއިރު އިރުމަތީ ފާރުވަނީ އަލުން ރާނާފައެވެ. މި މިސްކިތުގެ ގިނަ މަސައްކަތްތައް ކޮށްފައި ވަނީ ރައްޔިތުން ހިލޭ ސާބަހަށެވެ.

މިސްކިތުގެ ފާރުގައި 3 ދޮރު ހުރެއެވެ. އިރު ދެކުނު ދޮރާއި، އިރު އުތުރު ދޮރާއި، ހުޅަނގު ދޮރެވެ. މި ދޮރުތައް މިހާރު ނެތެވެ. އިރު ދެކުނު ކަނުގެ ދޮރު ހުރިތާގައި މިހާރު ހުރީ ސަބްސްޓޭޝަން ޓްރާންސްފޯރމަރ ގެއެކެވެ. މިހާރު މިސްކިތަށް ވަންނަ ދޮރަކީ ދާދި ފަހުން ހެދި ދޮރެކެވެ. އެ ދޮރުހުރީ އިރުމަތީ ފަރާތުގައެވެ.

ދެށިނާގެ އިބްރާހިމް ދީދީގެ ދައުރުގައި މިސްކިތް އާކުރުމުގެ ކުރީގައި  މާމިސްކިތް ހުރީ މާލޭ ހުކުރުމިސްކިތާއި ދާދިއެއްގޮތަކަށެވެ. މިސްކިތުގެ ބޮޑުމިނާއި ފުރާޅުގެ ޑިޒައިނާއި މިހެންގޮސް ވަރަށް ގިނަކަންކަން ހުރީ މާލޭ ހުކުރުމިސްކިތާ އެއްގޮތަކަށެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!