ކޮށިފަންނު އޯލެއި އަސްފަތާލު

މީދޫ މާއެޅެ ސަރަހައްދުގައި އިނގިރޭސިން ތިބި ދުވަސްވަރު އެތަނުގައި ފަނުން ހަދާފައި ހުންނަ އޯލެއި އަސްފަތާލު ކިޔާ ތަނެއް ހުރެއެވެ. މީދޫގައި އިނގިރޭސިންތިބީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުއެވެ. އިނގިރޭސިން ތިބި ސަރަހައްދަކީ ކޮށިފަންނު މަގުން ފެށިގެން މާއެޅެ މުލިކެޑެ (މުލިއަ ކެޑެ) ފަންނަށެވެ. އެ ސަރަހައަދުގައި އެމީހުންއުޅޭ ގެތަކާއި ކައްކާ ބަދިގެތައް ހުއްޓެވެ. ފެންނަގާ ވަޅުތަކާއި ބިންގަރާސްތައް ހުއްޓެވެ. ކަނޑު ބޯޓުފަހަރާއި މަތިންދާ ބޯޓުފަހަރަށް ހަމަލާދެވޭނެ ބަޑިތައް ހުއްޓެވެ. ބަޑީގެ އުންޑަތަކާއި ބަޑިބޭސް ބަހައްޓާ ގުދަންތައް ހުއްޓެވެ. ވޯކްޝޮޕް ތައް ހުއްޓެވެ. ބަލި މީހުންނަށް ބޭސްކުރާ އަސްފަތާލަކާއި ޑޮކްޓަރުން ތިއްބެވެ.

އައްޑޫބަހުން ކިޔާގޮތަށް އޯލެއި އަސްފަތާލު ހުރީ ކޮށިފަންނުގައެވެ. ކޮށިފަންނު މަގުގެ 2 ބަނބުކެޔޮ ގަސް ހުރީ އަސްފަތާލާ ކައިރީގައެވެ. އިނގިރޭސިން އިމާރަތްކޮށްފައި ހުރި ތަންތަނުގެ ތެރެއިން މީދޫ މީހުންއުޅޭ ސަރަހައްދާއި އެންމެ ކައިރީގައި ހުރީ އޯލެއި އަސްފަތާލެވެ. މިތަނަށް އަސްފަތާލޭ ކިޔެއްކަމަކު އެއީ ހެލްތު ޕޯސްޓް ފެންވަރުގެ ތަނެކެވެ.

ހެލްތު ޕޯސްޓުން ފެށިގެން މާ މާއެޅާއި މުލިކެޑާއި ދޭޭތެރޭގައި ގިނަ ގެތަކެއް ހުއްޓެވެ. ގިނަ ގެތައްހުރީ މުލިކެޑެފަންނު ގައެވެ. މިއިން އެއްވެސް ގެއެއް ރާނާފައި ނެތެވެ. ރާނާފައިނެތަސް ގޭގެ ވަށައިގެން ސިމިންތި ފިލާޖަހާފައިވެއެވެ. ހިޔާކޮށްފައި ހުރީ ފަނުންނެވެ. ރަގަޅު ފެންވަރަކަށް އިމާރާތް ކޮށް ތަޅުންއަޅާފައިވާ ހަތަރުގެއެއް ހުއްޓެވެ. މި ގޭގައި އުޅެނީ އިނގިރޭސި އޮފްސަރުންނާއި މޭސްތިރީ އެވެ.

ހެލްތު ޕޯސްޓް އިމާރާތް ކޮށްފައިހުރީ ބޮޑު ހޯލަކާއި ހޯލުގެ ދެ ފަރާތުން ދެ ފެންޑާއަށެވެ. ފުރާޅު ހުރީ އޯލެއިންނެވެ. އިމާރާތުގެ ވަށައިގެންވެސް ހުރީ އޯލެއި ޖަހާފައެވެ. އޯލެއި ވިދުނީ މީދޫ މީހުންނެވެ. އެމީހުންނަށް އުޖޫރައަކަށް ދިނީ ހަނޑުލެވެ.

ހެލްތް ޕޯސްޓުގެ ކުރިމަތީގައި ބޮޑުގަލެއް ބެހެއްޓިފައި ވެއެވެ. އެގަލުގައި އިނގިރޭސި ބަހާއި އުރުދޫ ބަހުން އެތާގެ ވަނަވަރު ލިޔެފައިވެއެވެ. ޑޮކްޓަރުން ބަލި މީހުން ބަލަނީ ހޮސްޕިޓަލުގައެވެ. އެޑްމިޓް ކުރެވޭ ބަލިމީހުން ތިބެނީ އަސްފަތާލުގެެ ކައިރީގައި ހުންނަ ފޭލިގެ ތަކުގައެވެ. މި ތަނާއި ހަވާލުވެ ހުރީ ދޮން އިނގިރޭސިއެކެވެ. އޭނާގެ ދަށުން މަސައްކަތްކުރަން ތިބީ އިންޑިޔާގެ ޑޮކްޓަރުންނެވެ.

ހުޅުދޫ މީދޫގެ ރައްޔިތުންނަށް މި އަސްފަތާލުން ފަރުވާ ލިބެނީ މުޅީން ހިލެއެވެ. އެންމެ ގިނައިން ފަރުވާ ކުރެވުނީ ފަނަރަ އަހަރުން ދަށުގެ ކުދީންގެ ބޮލުގައި ހުންނަ ދަދު ތަކަށެވެ. އެކުދީންގެ ބޮލުގައި ދެވައްތަރުގެ ދަދު ހުރެއެވެ. އެއީ ކަހާފައި ފާރުވާ ވައްތަރަކާއި ފާރުނުވާ ވައްތަރެކެވެ. ފާރުނުވެ ހުންނަ ވައްތަރުގެ ނަމަކީ ކައުޅު ދަދުއެވެ. މި ދަދު ހުންނާނީ ހުދުވެފައެވެ. އޯލެއި އަސްފަތާލުން މިކަމަށް ދޭ ފަރުވާ ވަރަށް ކާމިޔާބެވެ. އެތަނުން ދެވެނީ މައިކޯޓާ ޕައުޑަރ ކަހަލަ ޕައުޑަރަކާއި ކޮންމެވެސް ކްރީމެކެވެ. މި ފަރުވާ ދިނުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރަގަޅުވެއެވެ.

އެޒަމާނުގެ ކުދީން ތިބޭނީ ބޯ ބާލާފައެވެ. ބޯ ބާލަނީ ކުރަފަތުންނެވެ. އެއީ ރޭޒަރު ތިލައިގެ ޒަމާނެއް ނޫނެވެ. ކުދިން ބޯ ބައިލާނެ ކުރަފަތް މަދުކަމާއި އެކުރަފަތުން ބާލަންޖެހޭ ބޮލުގެ އަދަދު ވަރަށް ގިނައެވެ. ބޮލުގެ ހަމުގައި އިންފެކްޝަން ހުރި އެއްކުއްޖަކު ބޯބޭލުމަށްފަހު ދެން ހަމައިރުކޮޅަކުން ހަމުގައި އިންފެކްޝަން ނެތް ކުއްޖެއްގެ ބޯބާލައެވެ. މިކަންތައްކުރާއިރު ހޫނުފެނުން ކުރަފަތް ދޮވެ ސާފުކުރުމެއް ނޯވެއެވެ. ރަގަޅަށް ސާފު ނުވުމުގެ ސަބަބުން ވަރަށް ފަސޭހައިން އެއްކުއްޖެއްގެ ބޮލުން އަނެއްކުއްޖެއްގެ ބޮލަށް މި ބަލި ނަގުލު ވެއެވެ. ބޮލުގައި ހުންނަ ދަދު ރަނގަޅުވާ އެހެން ގޮތެއް ވެސް އޮވެއެވެ. އެއީ ބޯ ބޭލުން ހުއްޓާލުމަށްފަހު ބޮލުގެ އިސްތަށިގަޑު ދިގު ކުރުމެވެ.

މެލަ މޭސްތިރީއަކީ މާއެޅެ ސަރަހައްދުގައި ހުންނަ އިނގިރޭސީންގެ އެންމެ އިސް ޓެކްނީޝަނެވެ. މީނާ އެއްދުވަހަކު ގެރަދޫން މާއެޅަށް ދަނިކޮށް މީނާގެ ސައިކަލުން މީދޫ ވަރުދާއޭ ކިޔުނު ކުޑަވަރެއްގެ އަންހެން ކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓްވިއެވެ. އެދުވަހު އޭނާ ދަތުރު ކޮށްފައި ދިޔައީ ރަށުތެރެއިންލާފައެވެ. އަހުމަދުބެއްޔާގެ މަގުން މި އެކްސިޑެންޓްވިއިރު ވަރުދާގެ އުމުރަކީ 8 އަހަރެވެ. ވަރުދާއަށް ވަރަށް ބޮޑަށް އަނިޔާ ވިއެވެ. މީނާގެ ސައިކަލަށް ވަރުދާ ނަގައިގެން ދިޔައީ އޯލެއި ހަސްފަތާލަށެވެ. ހަސްފަތާލުގައި އެޑްމިޓް ކޮށް ބާއްވައިގެން ދުވަސްތަކެއްވާދެން ފަރުވާ ދިނެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!