ޤުރުއާނުގައި ހިމެނޭ ވިޔައިގެ މުޢުޖިޒާތް- ތަފާތު ނަޒަރަކުން

މުޢުޖިޒާތްތަކަކީ އާދަތައް ފޫވައްޓައިލަނިވި ނުވަތަ ޢާއްމު ޠަބީޢަތާ ޚިލާފަށް، ޙައިރާން ކުރުވަނިވި ގޮތެއްގައި ހިނގާ ޙާދިޘާތަކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މުޢުޖިޒާތަކީ އިންސާނުންނަށް އެނގިގެންވާ ޢާއްމު އުޞޫލެއްގެ ދަށުން، މިވެނިގޮތަކަށް ހިނގާ ކަންތައްތަކެއް ކަމަށް ސިފަކުރެވޭނެ ކަންތައްތަކެއް ނޫނެވެ.

އަޅުގަނޑުމެން މިހާރު ދިރިއުޅެމުން މިދާ ޒަމާނުގައި ޢާއްމުކޮށް މުޢުޖިޒާތް ނުދައްކަވައެވެ. މިހާރުގެ މީހުން މުޢުޖިޒާތުގެ ގޮތުގައި ދެކެނީ އެކިއެކި ޤުދުރަތީ “ފެނޮމެނާ” ތަކަށެވެ. ނުވަތަ ކޮންމެދުވަހަކުވެސް ހިނގަމުންދާ ކަންތައްތަކުގެ ތެރެއިން އާދަޔާޚިލާފު ކަމެއް ކަމަށް ނިންމާން ޙާލަތު މަޖުބޫރުކުރާ ކަންތައްތަކަށެވެ.

މިޒަމާނުގައި މާއްދިއްޔަތަށް މީސްތަކުން ލެނބިފައިވާ މިންވަރުން، ތަބީޢީ ޤާނޫނުން އެކަމެއް ހިނގާގޮތް ބަޔާންކޮށް ނުދެވޭވަރުގެ އެއްވެސް ކަމެއް ހިނގައިފާނެ ކަމަކަށް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. މިޒަމާނުގެ ސިކުނޑިތަކަށް ޤަބޫލް ކުރެވޭގޮތުގައި، މުޢުޖިޒާތްތަކަކީ ޠަބީޢީ ޤާނޫނުގެ ޙައްދުގެ ތެރޭގައި ހިނގައިފަ ހުންނަ، އެކަމަކު އެކަންތައްތައް ހިނގިގޮތް އަދި ބަޔާންކޮށް ދެވޭވަރަށް މަޢުލޫމާތު ލިބިފައިނުވާ ކަންތައްތަކެވެ.

އެކަމަކު މިހުރިހާ ވިސްނުމެއް ވެސް އެއްފަރާތްކޮށްފައި، އަޅުގަނޑު ބަޔާންކުރެވޭތޯ މި މަސައްކަތްކުރަނީ ޙަޤީޤީ މުޢުޖިޒާތަކީ މިވަގުތުވެސް ދުނިޔޭގައި ފާޅުވެގެންވާ އެއްޗެއް ކަމެވެ. މިދެންނެވި މުޢުޖިޒާތް ޤާއިމްވެފައިވަނީ “ޤުރުއާން”ގެ ސިފައިގައެވެ. ޤުރުއާނަކީ ހުރިހާގޮތަކުން ބެއްޔަސް މުޢުޖިޒާތެކެވެ. އޭގައިވާ އަދަބިއްޔާތާއި، ޙިކްމަތާއި، ދިރިއުޅުމާ ބެހޭގޮތުންނާއި ތަފާތު އެކިއެކި ކަންކަމާ ބެހޭގޮތުން ހާމަކުރައްވައިފަވާ މަފްހޫމްތަކުގެ ސީދާކަމާއި، ޤުރުއާން އުނގެނުމަށް ބޭނުންވާ މީހުންނަށް މަގުދެއްކުމުގައިވާ ފަސޭހަ ގޮތާއި، މިހުރިހާ ކަންކަމަކީ ވެސް މުޢުޖިޒާތްތަކެކެވެ. އެކަމަކު މި ދެންނެވި ކަންތައްތަކަކީ، ފަހަރެއްގައި، މާއްދީ ހެކިތައް ހުށަހަޅައި ސާބިތުކޮށްދޭން އުނދަގޫ، އެހެންނަމަވެސް ހަމައެކަނި ފިކުރީގޮތުން ނިންމޭ ކަންތައްތަކެއް ކަމުގައި ބެލެވިދާނެއެވެ.

ޤުރުއާނުގެ ލިއުންތަކުގެ މުޅި އޮނިގަނޑު އެކުލެވިގެންވަނީ އޭގައި އެތައް މުޢުޖިޒާތެއް ހިމެނިގެންނެވެ. ތަރުތީބު ކުރުމުގައްޔާއި، އެތުރުމުގައިވެސް މެއެވެ.

ޤުރުއާނުގެ 74 ވަނަ ސޫރަތް ކަމުގައިވާ އަލްމުއްދަޘިރު ސޫރަތުގެ 30 ވަނަ އާޔަތުން ފެށިގެން 37 ވަނަ އާޔަތުގެ ނިޔަލަށް ވަނީ މިފަދައިންނެވެ:

عَلَيْهَا تِسْعَةَ عَشَرَ * وَمَا جَعَلْنَآ أَصْحَبَ آلنَّارِ إِلاَّ مَلــئِكَةً، وَمَا جَعَلْنَا عِدَّ تَهُمْ إِلاَّ فِتْنَةً لِلَّذِ ينَ كَفَرُوأ لِيَسْتَيْقِنَ آلَّذِ ينَ اُوتُواْ آلْكِتَبَ وَيَزْدَادَ آلَّذِ ينَ ءَامَنُوآ إِيْمَنًا، وَلاَ يَرْتَابَ آلَّذِ ينَ اُوتُواْ آلْكِتَبَ وَآلْمُؤْمِنُونَ، وَلِيَقُولَ آلَّذِ ينَ فِى قُلُوبِهِم مًّرَضٌ وَآلْكَفِرُونَ مَاذَآ أَرآدَ آلَّلهُ بِهَذَامَثَلاً، كَذَالِكَ يُضِلُّ آلَّلهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ، وَمَايَعْلَمُ جُنُودَ رَبِّكَ إلاَّهُوَ،وَمَاهِىَ إلاَّ ذِ كْرَى لِلْبَشَرِ * كَلاَّ وَآلْقَمَرِ * وَآلَّيْلِ إِذْأَدْ بَرَ * وَآلصُّبْحِ إِذَآأَسْفَرَ * إِنَّهَالإَحْدَى آلْكُبَرِ * نَذِيرًا لِلْبَشَرِ * لِمَن شَآءَ مِنْكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ *

މިއާޔަތްތަކުގެ ތަރުޖަމާއަކީ: ނަރަކައިގެ މައްޗަށް ނަވާރަ (މަލާއިކަތުން) ލައްވާފައިވެއެވެ. * މަލާއިކަތުން މެނުވީ ނަރަކައިގެ ވެރިން ކަމުގައި ތިމަން އިލާހު ނުލައްވަމުއެވެ. އަދި ކާފިރުވެއްޖެ މީހުންނަށް ފިތުނަ އެއް (އިމްތިހާނެއް) ކަމުގައި މެނުވީ އެބައިމީހުންގެ އަދަދު (19 ކަމުގައި) ތިމަން އިލާހު އިޚްތިޔާރެއް ނުކުރައްވަމެވެ. (އެއީ) އަހުލުކިތާބީންނަށް ޔަޤީންކަން ދެއްވެވުމަށާއި އީމާންވެއްޖެ މީހުންގެ އީމާންކަން އިތުރު ކުރެއްވެވުމަށްޓަކައެވެ. އަދި އަހުލުކިތާބީންނާއި އީމާންވެއްޖެ މީހުންނަށް އަރާނެ އޮޅުމެއް ނުއޮތުމަށެވެ. އަދި އެބައިމީހުންގެ ހިތްތަކުގައި ޝައްކެއްވާމީހުންނާއި ކާފިރުން ބުނާނެތެވެ. މިބަސްފުޅުން ﷲ އެދިވޮޑިގެންވީ ކޮންއެއްޗެއް ހެއްޔެވެ. އެފަދައިން ﷲ އިރާދަކުރެއްވި މީހަކު މަގުފުރައްދަވައި އިރާދަކުރެއްވި މީހަކަށް ހިދާޔަތު ދައްކަވައެވެ. އަދި އެއިލާހު މެނުވީ އެހެން ފަރާތަކަށް އިބަ (އެބަހީ މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމް) ހައްދަވައި ބޮޑުކުރެއްވި އިލާހުގެ މަލާއިކަތުން އެނގިގެންނެއް ނުވެއެވެ. އަދި އިންސާނުންނަށް ހުރި (ޢިބްރަތްތެރި) ޒިކުރާ އަކަށް މެނުވީ ނަރަކަ ނުވެއެވެ. * ތިމަން އިލާހު ހަނދު ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރައްވަ މެވެ. * އަދި ނިމިގެންދިޔަ ރޭގަނޑު ގަންދެއްވައި ހުވައިގެ ބަސްފުޅު ވަހީކުރައްވަމެވެ. * އަދި ފާޅުވެގެން އަންނަ ހެނދުނު ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރައްވަމެވެ. * ހަމަކަށަވަރުން ނަރަކައަކީ މުސީބާތް ބޮޑުވެގެންވާ ތަނެކެވެ. * އިންސާނުންނަށް ހުރި އިންޒާރަކަށެވެ. * (އެ އިންޒާރުވަނީ) އެބައިމީހުންގެ ތެރެއިން (ރަނގަޅު ކަންތައްތަކުގައި) ކުރިއަށް ދިއުމަށް އެދޭ މީހުންނަށާއި ނުވަތަ (ނުބައި ކަންތައްތަކުގެ ތެރޭގައި) ފަސްވެ ދެމިތިބުމަށް އެދޭމީހުންނަށްޓަކައެވެ. (ތަރުޖަމާ: ޤުރުއާނާބެހޭ މަރުކަޒު)

މިއާޔަތްތައް އަޅުގަނޑުމެންނަށް އަންގާދެނީ ”ނަވާރަ” މި އަދަދު މާތްﷲ ކަނޑައަޅުއްވާފައިވަނީ، ޤުރުއާނަކީ މާތްﷲ ގެ ފޮތްކަމާއި އަދި އެފޮތުގެ ޞައްޙަކަން ސާބިތުކޮށް ދެއްވުމުގެ މުޢުޖިޒާތެއްގެ ގޮތުގައިކަމެވެ.

މާތްﷲ ގެ ތައުފީޤާއެކު އަޅުގަނޑު ކުރުގޮތަކަށް ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިން ތަންކޮޅެއް ބަޔާންކޮށްދެވޭތޯ ބަލަމެވެ. އަޅުގަނޑުމެނަށް ކުރެވޭނެހާވެސް ކަމަކީ މިފަދަބޮޑު ކަނޑަކުން ކުޑަކުޑަ މިންވަރެއް ހޮވުމެވެ. ޤުރުއާނުގެ މުޢުޖިޒާތް ބަޔާން ކުރުމުގައި މުޅި އިންސާނިއްޔަތާއި ޖިންނިން އެކުވެގެން މަސައްކަތް ކުރިކަމުގައިވިޔަސް ފުރިހަމައަށް ބަޔާންކުރުމަކީ ކުޅަދާނަވެގެންވާ ކަމެއްނޫނެވެ.

ބައެއް ޙަޤީޤަތްތައް

ޤުރުއާނުގައި ހިމެނެނީ 114 ސޫރަތެވެ. އެއަދަދު 6 އިން ގެއްލުމުން އަންނަ އަދަދަކީ 19 އެވެ. ޤުރުއާނުގައި ހިމެނޭ އެންމެ ފުރަތަމަ ސޫރަތަކީ އަލްފާތިޙާ އެވެ. އެސޫރަތުގެ އެންމެ ފުރަތަމަ އާޔަތަކީ ބިސްމި އެވެ.  އެއީ بسم الله الرحمن الرحيم  އެވެ. ބިސްމީގައި އެކުލެވިގެންވާ އަލިފުބާގެ އަކުރުތަކުގެ އަދަދަކީ 19 އެވެ.

ބިސްމީގައި ހިމެނެނީ 4 ލަފްޒެވެ. ފުރަތަމަ ލަފްޒު ކަމުގައިވާ ”ބިސްމި” މިލަފްޒު އުފެދިފައިވަނީ ޢަރަބި ބަހުގެ ”އިސްމު” މިބަހުންނެވެ. އަދި ”އިސްމު” މިލަފްޒު ޤުރުއާނުގައި އައިސްފައިވަނީ މުޅިއެކު 19 ފަހަރު އެވެ. ބިސްމީގައި ހިމެނޭ ދެވަނަ ލަފްޒަކީ ﷲ އެވެ. އެލަފްޒު ޤުރުއާނުގައި މުޅިއެކު 2698 ފަހަރު އައިސްފައިވެއެވެ. އެއަދަދު 142 އިން ގެއްލުމުން އަންނަ އަދަދަކީ ވެސް 19 އެވެ. ބިސްމީގައިވާ ތިންވަނަ ލަފްޒު ”އައްރަޙްމާން” ޤުރުއާނުގައި އައިސްފައިވަނީ 57 ފަހަރު އެވެ. އެއަދަދު 3 އިން ގެއްލުމުން ޖަވާބަކީ 19 އެވެ. ބިސްމީގައިވާ ހަތަރުވަނަ ލަފްޒު ”އައްރަޙީމް” ޤުރުއާނުގައި އައިސްފައި ވަނީ 114 ފަހަރު އެވެ. އެއީ 19 ގުނަކުރަން 6 އެވެ. ބިސްމީގައި ހިމެނޭ ހުރިހާ ލަފްޒުތައް ވަކިވަކީން ޤުރުއާނުގައި ބަޔާންވެވިގެންވާ އަދަދުތައް 19 އިން ގެއްލި ހުސްވާގޮތަށް ވެފައިވުމުން ސާބިތުވަނީ އެއީ ހަމައެކަނި އިއްތިފާގެއް ނޫންކަމެވެ.

ޤުރުއާނުގައި ހިމެނޭ އާޔަތްތަކުގެ އަދަދަކީ 6346 އެވެ. އެއީ 19 ގުނަކުރަން 334 އެވެ. އަދި 6346 ގައި ހިމެނޭ ހުރިހާ ނަމްބަރުތައް (6+3+4+6) އެއްކުރުމުން ވެސް  ނިކުންނަ ނަތީޖާއަކީ 19 އެވެ.

ޤުރުއާނުގައި ރަމްޒު އަކުރުތަކަކުން ފެށޭ 29 ސޫރަތް ވެއެވެ. އެއީ އެސޫރަތެއްގެ ފުރަތަމަ އާޔަތް ފެށޭއިރު އަލިފުބާގެ އަކުރު ތަކަކުން ފެށިފައި ވުމެވެ. މިއަކުރުތައް ވަނީ 1 އަކުރުން ފެށިގެން 5 އަކުރުގެ ކޮމްބިނޭޝަނަކަށް ވާގޮތަށެވެ. އަދި މިކަމަށް ބޭނުން ކުރެވިފައިވަނީ ތަފާތު 14 އަކުރެކެވެ.

ސޫރަތްތައް ފެށުމުގެގޮތުން ލިޔެވިފައިވާ ރަމްޒީ އަކުރުތައް މިސާލަކަށް 2 ވަނަ ސޫރަތް ފެށުމުގައިވާ އަލިފް، ލާމް، މީމް، މިއަކުރުތައް އެސޫރަތެއްގައި މުޅިއެކު އައިސްފައިވާ ޢަދަދު ގުނުމުން ނިކުންނަ ޢަދަދަކީ 19 އިން ގެއްލި ހުސްވާ ޢަދަދެކެވެ. ރަމްޒީ އަކުރުން ފެށިފައިވާ 29 ސޫރަރަތުގައި ވެސް މިކަންވަނީ މިފަދައިންނެވެ.

މިގޮތައް މިކަން ލައްވާފައި ވުމުގައި މުހިއްމު ދެ ސަބަބެއް ވާކަމަށް ޤަބޫލް ކުރެވެއެވެ. ފުރަތަމައަށް އެކަމުން ދޭހަކޮށްދެނީ ޤުރުއާނުގެ ލިއުމަކީ ބަދަލުކުރެވިފައިވާ އެއްޗެއް ނޫންކަމެވެ. އެއްވެސް ބަދަލެއް ގެނެވިފައިވާނަމަ މިމުޅި ސިސްޓަމް ބަދަލުވެގެން ދިޔައީހެވެ. ދެވަނަ ސަބަބަކީ އެކަމުން އެ ދޭހަވަނީ ޤުރުއާނަކީ އިލާހީ ބާވައިލެއްވުމެއް ކަމެވެ. ސަބަކީ ޤަސްދުގައި މިގޮތަށް އެކުލަވައިލުމަކީ އެއްވެސް މީހަކަށް ކުޅަދާނަވެގެން ވާނެ ކަމަކަށް ނުވުމެވެ. ލަފްޒުތަކުގައިވަނީ ވަކި ޚާއްޞަ މާނަތަކެކެވެ. ވީމާ ލަފްޒުތައް ބޭނުން ކުރެވޭނެ ގޮތް ބަދަލުކުރެވޭނީ ވަރަށް ހަނި ދާއިރާއެއްގައެވެ. މިކަން ކުރެވޭނީ މާނަތަކަށް ނުވިސްނައި ހަމައެކަނި ލަފްޒުތަކާއި އަކުރުތައް ހަމަކުރަން ވިސްނައިގެން އެކުލަވައިލުމުންނެވެ. އޭރުން ވާނެ ގޮތަކީ އެއަށް ގެންނަން ބޭނުންވާ މާނަތަކެއް ފުރިހަމައަށް ނުގެނެވޭނެއެވެ. އެހެންވީމާ ޤަސްދުގައި މިފަދަގޮތަކަށް އެކުލަވައިލުމަކީ ވާނެކަމެއް ނޫނެވެ.

ޤުރުއާނުން ފުރަތަމައަށް ބާވައި ލެއްވުނު އާޔަތް ތަކަކީ ޤުރުއާނުގައިވާ 96 ވަނަ ސޫރަތް (އަލްޢަލަޤް) ގެ ފުރަތަމަ 5 އާޔަތެވެ. މި ފަސް އާޔަތުގައި އެކުލެވިގެން ވަނީ 19 ލަފްޒެވެ. އަދި މި ލަފްޒުތަކުގައި ހިމެނެނީ 76 އަކުރެވެ. އެއީ 19 ގުނަކުރަން 4 ފަހަރެވެ.

ޤުރުއާނުގެ 96 ވަނަ ސޫރަތަކީ ޤުރުއާނުގެ ފަހަތުން ގުނާނަމަ 19 ވަނަ ސޫރަތެވެ. ޤުރުއާނުގެ 96 ވަނަ ސޫރަތުގައިވަނީ މުޅިއެކު 19 އާޔަތެވެ. މިއާޔަތް ތަކުގައި އެކުލެވިގެންވާ އަކުރުތަކުގެ ޢަދަދަކީ 304 އެވެ. އެއީ 19 ގުނަކުރަން 16 އެވެ.

ޤުރުއާނުގެ 9 ވަނަ ސޫރަތް ކަމުގައިވާ ”އައްތައުބާ” އަކީ އެ ސޫރަތް ފެށުމުގައި ބިސްމި ހިމެނިފައިނުވާ ހަމައެކަނި ސޫރަތެވެ. މިހެން ވުމުން ސޫރަތްތައް ފެށުމުގައިވާ ބިސްމިތައް ގުނުމުން ވަނީ 113 ބިސްމިއެވެ. ބިސްމި އެސޫރަތެއް ފެށުމުގައި ހިމެނިފައި ނުވާ ސޫރަތް ކަމުގައިވާ 9 ވަނަ ސޫރަތުން ފެށިގެން ގުނަން ފަށައިފިނަމަ 19 ވަނައަށް ޖެހޭނީ 27 ވަނަ ސޫރަތް ކަމުގައިވާ ”އައްނަމްލު” ސޫރަތެވެ. މި ސޫރަތުގައި 2 ބިސްމި ވެއެވެ. އެއީ ފެށުމުގައި ޢަދަދެއް ނުޖަހައި ވާ ބިސްމިއާއި 30 ވަނަ އާޔަތުގެ ގޮތުގައި ޢަދަދު ޖަހާފައިވާ ބިސްމިއެވެ. މިހެން ވުމުން ޤުރުއާނުގައިވާ ސޫރަތް ތަކުގެ ޢަދަދާއި ބިސްމީގެ ޢަދަދު ދިމާވުމަށްޓަކައި 114 ހަމަވެއެވެ. އެއީ 19 ގުނަކުރަން 6 އެވެ.

ޤުރުއާނުން އެންމެފަހުން ބާވައި ލެއްވުނު ސޫރަތް ކަމުގައިވާ 110 ވަނައަށް އޮންނަ ”އައްނަޞްރު” ސޫރަތުގައި ހިމެނެނީ 19 ލަފްޒެވެ. މިސޫރަތުގެ ފުރަތަމަ އާޔަތުގައި ހިމެނެނީ 19 އަކުރެވެ.

ޤުރުއާނުގައި ރަމްޒު އަކުރުން ފެށިފައިވާ ފުރަތަމަ ސޫރަތް ކަމުގައިވާ 2 ވަނައަށް އޮންނަ ”އަލްބަޤަރާ” އާއި އެންމެ ފަހަތުން ރަމްޒު އަކުރުން ފެށިފައިވާ ސޫރަތް ކަމުގައިވާ 68 ވަނައަށް އޮންނަ ”އަލްޤަލަމް” އާއި ދެމެދު ރަމްޒު އަކުރުން ފެށިފައިނުވާ 38 ސޫރަތް ވެއެވެ. އެއީ 19 ގުނަކުރަން 2 އެވެ.

ނަމާދު ފަރުޟު ކުރައްވައިފައިވަނީ ދުވާލަކު ފަސްފަހަރު އަދާކުރުމަށެވެ. އެއީ ފަތިހާއި، މެންދުރާއި، ޢަޞުރާއި، މަޢުރިބާއި، ޢިޝާ އެވެ. މިނަމާދުތަކުގެ ރަކުޢަތްތައް ތަރުތީބުވެގެން ވަނީ 24434 ގެ ގޮތުގައެވެ. މިއީ ވެސް 19 ގެ ގުނަ އަދަދެކެވެ.

އަދި ފަރުޟު ވެގެންވަނީ ކޮންމެދުވަހަކު އަދާކުރުމަށްވާ 5 ނަމާދާއި، ހަފަތާޔަކު އެއްފަހަރު ފިރިހެނުންގެ މައްޗަށް ވާޖިބުވެގެންވާ ހުކުރުނަމާދެވެ. ހުކުރުނަމާދުގެ ރަކްޢަތުގެ ޢަދަދަކީ 2 އެވެ. ވީމާ ފަސްނަމާދުގެ ރަކްޢަތުގެ ޢަދަދާއި ހުކުރުނަމާދުގެ ރަކްޢަތުގެ ޢަދަދު (2+4+4+3+4+2) އެއްކުރުމުން އަންނަ ޖުމްލައަކީ ވެސް 19 އެވެ.

މިބަޔާން ކުރެވުނު މިންވަރަކީ ޤުރުއާނުގެ މުޢުޖިޒާތްތައް ހާމަކޮށް ދިނުމަށްޓަކައި އެއްގޮތަކަށް ވެސް ފުދޭ މިންވަރެއްނޫންކަމަށް ޤަބޫލްކުރަމެވެ. އެކަމަކު މިބަޔާންކޮށްދެވުނު މިންވަރަކީވެސް ޤުރުއާނުގެ ޞާއްޙަކަން، ތަފާސް ހިސާބުގެ ޒަރީޢާއިން ސާބިތުކޮށްދީ، ޤުރުއާނަކީ އެއްވެސް އިންސާނެއްގެ އުފެއްދުމެއް ނޫންކަން ހާމަކޮށްދިނުމަށް ފުދޭވަރަށް ވުރެ ބޮޑު މިންވަރެއް ކަމުގައި ވުމުގެ އިތުރުން، އަދި އެކަން ހިނގާފައިވަނީ އެންމެ 22 އަހަރުގެ ތެރޭގައި ކަމަށް ވިޔަސް، ޤުރުއާނަކީ ﷲގެ ކަލާމްފުޅުކަން ސާބިތުކޮށް ދިނުމަށްޓަކައި މިއަށްވުރެ މާގިނަ ތަފާތު ހެކިތައް ފެންނާން އެބަހުއްޓެވެ.

އެހެނިހެން ބައެއް ޙަޤީގަތްތައް

ބިސްމީގައި ހިމެނެނީ 4 ލަފްޒުކަން އަޅުގަނޑުމެން ބަލައިފީމެވެ. ކޮންމެ ލަފްޒެއްވެސް އައިސްފައިވާ އަދަދުތަކާއި އަދި އެއީ 19 ގެ ގުނަ އަދަދު ތަކެއްކަމެވެ. (19X6 ،19X3 ،19X142 ،19X1) ވީމާ މި ލަފްޒުތައް އައިސްފައިވާ އަދަދުތައް [6+3+142+1] އެއްކުރުމުން ނިކުންނަ ނަތީޖާ އަކީ 152 އެވެ. އަދި 152 އެއީ 19 ގުނަކުރަން 8 އެވެ. މި ދެޢަދަދު، އާދެ، 19 އާއި 8 ގައި ވަރަށް ބޮޑު ގުޅުމެއް ވެއެވެ. ޕްރައިމް ނަމްބަރ ތިއަރީގައި 8 އަކީ 19 ގެ އިންޑެކްސް އެވެ. އަނެއް މުހިއްމުކަމަކީ ޤުރުއާނުގައި ތަފްޞީލް ނުދީ ބަޔާންވެފައިވާ ހަމައެކަނި އަދަދަކީ މިދެނަމްބަރު ކަމެވެ. ޤުރުއާނުގައި 19 މިއަދަދު އައިސްފައިވަނީ 74 ވަނަ ސޫރަތުގެ 30 ވަނަ އާޔަތުގައެވެ. 8 އައިސްފައިވަނީ 69 ވަނަ ސޫރަތުގެ 17 ވަނަ އާޔަތުގައެވެ. ވީމާ ސޫރަތުގެ ނަމްބަރާއި އާޔަތުގެ ނަމްބަރު [74+30+69+17] އެއްކުރުމުން އަންނަނީ 190 އެވެ. އަދި 190 އަކީ 19 ގުނަކުރަން 10 އެވެ..

ޤުރުއާނުގައި ރަމްޒު އަކުރުން ފެށޭ 29 ސޫރަތް ވާކަމާއި، އެ ސޫރަތްތަކުގައިވާ ރަމްޒު އަކުރުތައް ހިމެނިގެންވާ އަކުރުތައް މުޅި ސޫރަތުގައި އެކުލެވިގެންވާ އަދަދާ އެއްކުރުމުން އަންނަ ޖުމްލަ އަކީ 19 އިން ގެއްލި ހުސްވާ ޢަދަދުތަކެއްކަން ކުރީގައި އަޅުގަނޑު ބަޔާންކޮށްދީފީމެވެ. މިއީ ޙަޤީޤަތް ނަމަވެސް، މިއަށް އިތުރު ތަފްޞީލްތަކެއް ބޭނުންވެއެވެ. ޤުރުއާނުގައި 7 ސޫރަތުގެ ބްލޮކެއް، 40 އިން 46 ވަނަ ސޫރަތުގެ ނިޔަލަށް ވެއެވެ. މިއީ އެކުގައި ބާވައިލައްވާފައިވާ ސޫރަތްތަކެކެވެ. އަދި މިއިން ކޮންމެ ސޫރަތެއްވެސް ފެށިފައިވަނީ، “ޙާ” އާއި “މީމް” މި ރަމްޒީ އަކުރުތަކުންނެވެ. މިއީ އެއް ބްލޮކެއް ކަމަށް ބަލައިގެން، މިގްރޫޕްގެ ރަމްޒު އަކުރުތައް މި ސޫރަތްތަކުގައި ހިމެނިފައިވާ އަދަދު އެއްކުރުމުން އަންނަ ޖުމްލައަކީ ވެސް 19 އިން ގެއްލި ހުސްވާ އަދަދެކެވެ. އެކަމަކު 42 ވަނައަށް އޮންނަ ”އައްޝޫރާ” ސޫރަތުގައި ފަސް ރަމްޒީ އަކުރުވެއެވެ. އެއީ “ޙާ” އާއި “މީމް” ގެ އިތުރުން “ޢައިން” އާއި “ސީން” އާއި “ޤާފު” އެވެ. ނަމަވެސް “ޙާ” އާއި “މީމް” ހިމެނިފައިވަނީ ފުރަތަމަ އާޔަތުގެ ގޮތުގައެވެ. އަދި “ޢައިން” އާއި “ސީން” އާއި “ޤާފު” ހިމެނިފައިވަނީ ދެވަނަ އާޔަތުގެ ގޮތުގައެވެ. މިކަމުން މިދޭހަކޮށްދެނީ “ޙާ” އާއި “މީމް” ވަނީ މިގްރޫޕްގައި ހިމެނޭ އެހެން އަކުރުތަކާ އެއްކުރެވި އުފެދޭ ޖުމްލަ، 19 ގެ ގެއްލޭ އަދަދަކަށް ވުމަށްޓަކައި އަނެއް ދެއަކުރުން ވަކިކުރެވިފައި ކަމެވެ. މާތް ﷲ ވަކިކުރައްވާފައި ވަނީއެވެ. އަދި ހަމައެފަދައިން 42 ވަނަ ސޫރަތުގައިވާ ހުރިހާ “ޢައިން” އާއި “ސީން” އާއި “ޤާފު” ތައް އެއްކުރުމުން އަންނަ ޖުމްލައަކީ ވެސް 19 ގެ ގުނަ އަދަދެކެވެ.

“ޞާދު” ގެ ރަމްޒު އަކުރުންފެށިފައިވަނީ 3 ސޫރަތެވެ. އެއީ 7 ވަނަ ސޫރަތާއި 19 ވަނަ ސޫރަތާއި 38 ވަނަ ސޫރަތެވެ. މިތާ ވަކި ސޫރަތްތަކުގައިވާ “ޞާދު” ތައް އެއްކުރުމުން 19 ގެ ގުނަ އަދަދެއް ނާންނަ ކަމުގައިވިޔަސް މުޅި 3 ސޫރަތުގައި ވާ “ޞާދު” ގެ ޖުމްލައާ އެ އަކުރުތައް ތަރުތީބު ކުރެވިފައިވާ ވަނަތައް އެއްކުރުމުން ނިކުންނަނީ 19 ގެ ގުނަ ޖުމްލައަދަދެކެވެ.

ފުރަތަމަ ސޫރަތް ކަމުގައިވާ އަލްފާތިޙާއަށް އަޅުގަނޑުމެން ބަލައިފިނަމަ ތިރީގައިމިވާ ހަޤީޤަތްތައް ފެނެއެވެ. އެސޫރަތް ތަރުތީބުކުރެވިފައިވަނީ 1 ވަނައަށެވެ. އާޔަތްތަކުގެ ޢަދަދަކީ 7 އެވެ. ލަފްޒުތަކުގެ ޢަދަދަކީ 29 އެވެ. އަކުރުތަކުގެ ޢަދަދަކީ 139 އެވެ. ފުރަތަމަ ތިން އަކުރު އެއްކޮށް ތަރުތީބު ކުރުމުން އަންނަނީ 1729 އެވެ. މިއަދަދަކީ 19 ގުނަކުރަން 91 އެވެ. އަދި ހަމަ މިޢަދަދުތައް [1+7+2+9] އެއްކުރުމުން ނިކުންނަ ޖަވާބަކީވެސް 19 އެވެ.

9 ވަނައަށްވާ ”އައްތައުބާ” ސޫރަތަކީ ހަމައެކަނި ބިސްމިން ފެށިފައިނުވާ ސޫރަތް ކަމާއި، އެ ސޫރަތުން މަދުވާ ބިސްމި ވަނީ 27 ވަނާގައިވާ ”އައްނަމްލް” ސޫރަތުގެ 30 ވަނަ އާޔަތުގައި ކަމަށް ކުރީގައި ބަޔާންކޮށްފީމެވެ. އަޅުގަނޑުމެން، 9 ވަނަ ސޫރަތުން ފެށިގެން 27 ވަނަ ސޫރަތާ ހަމަޔަށް، ސޫރަތްތައް ތަރުތީބު ކުރެވިފައިވާ އަދަދުތައް [27+26+….+12+11+10+9] އެއްކޮށްފިނަމަ ޖުމްލައަކަށްވާނީ 342 އެވެ. އެއީ 19 ގުނަކުރަން 18 އެވެ.      އެކަމަކު އެންމެ ޙައިރާންކުރުވަނިވި ކަމަކީ އަޅުގަނޑުމެން 27 ވަނަ ސޫރަތުގެ ފުރަތަމަ ލަފްޒުން ފެށިގެން ބަރާބަރު 342 އާ ހަމައަށް ގުނައިފިނަމަ، ބަރާބަރު 342 ވަނައަށް ދިމާވަނީ އެއްކަލަ މަދުވާ ބިސްމި ކަމަށްވާކަމެވެ. މިއީ އިއްތިފާޤަކަށް ނުވާނެއެވެ. އެއީ ހިސާބުގައި 30 އަކީ 19 ވަނައަށް އެއަކުރެއް ހަމައަށް އެއްކޮށް ގެއްލޭ ޢަދަދެވެ.

ކުރީގައިވެސް ދެންނެވިފަދައިން މާތް ﷲ ގެ އިސްމުފުޅު ޤުރުއާނުގައި އައިސްފައިވަނީ 2698 ފަހަރެވެ. އެއީ 19 ގުނަކުރަން 142 ފަހަރެވެ. މާތް ﷲގެ އިސްމުފުޅު އައިސްފައިވާ ހުރިހާ އާޔަތެއްގެ ނަމްބަރު އެއްކުރުމުން ނިކުންނަ އަދަދަކީ 118123 އެވެ. އެއީ ނަވާރަގުނަކުރަން 6217 އެވެ.

ޤުރުއާނުގައި އެކިފަހަރުމަތިން ހިސާބުއަކުރުގެ ތަފާތު 30 ޢަދަދެއް ބަޔާންކުރެވިފައި ވެއެވެ. އެއީ 1، 2، 3، 4، 5، 6، 7، 8، 9، 10، 11، 12، 16، 20، 30، 40، 50، 60، 70، 80، 99، 100، 200، 300، 1000، 2000، 3000، 5000، 50000، އަދި 100000 އެވެ. މިޢަދަދު ތަކުގެ ޖުމްލަ އަދަދަކީ 162146 އެވެ. މިއީ 19 ގުނަކުރަން 8534 އެވެ. އަދިވެސް މިފަދަ އެތައް ގޮތަކަށް ހިސާބުހެދުމުން 19 ގެ ގުނަ އަދަދު، އޭގެ ޖުމްލަ އަދަދުގެ ގޮތުގައި އަންނަ އެތައް ތަނެއްވެއެވެ. ވީމާ މިފަދަ މަޟްމޫނެއްގައި ހުރިހާ ތަފްސީލުތަކެއް ގެނައުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ މިހިސާބުން މިމަޒުމޫނު ކުރުކޮށްލަމެވެ.

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!