ޕިރާޑުގެ ގަލަމުން ދިވެހީންގެ އާދަކާދަ 1

ދިވެހިރާއްޖެއާ ބެހޭ ގޮތުން ބޭރުގެ އެކިއެކި ދަތުރުވެރިންނާއި ތާރީޚީ ޢިލްމުވެރިން ، ތަފާތު ލިޔުންތައް ލިޔުއްވާފައި ވެ އެވެ. މި ގޮތުން އެންމެ މަޝްހޫރު މީސްމީހުންގެ ތެރޭގައި ފަރަންސޭސިވިލާތުގެ ފްރާންސުއާ ޕިރާޑު ހިމެނެ އެވެ. ޕިރާޑު ދަތުރުކުރި ނައު ބ. ގޮއިދޫ ފަރަށް އުރުނީ ޖުލައި 1602 ގަ އެވެ.

ޕިރާޑު މާލެ އައިސް އައްސުލްތާން އިބްރާހިމް ކަލާފާނުގެ ރަސްކަމުގައި 1602 އިން 1607 އަށް ހައެއްކަ އަހަރު ދުވަހު ރާއްޖޭގައި އުޅުނެވެ. ޕިރާޑު ގިނަ ދުވަހު އުޅުނީ މާލޭގައެވެ. ރާއްޖޭގައި އުޅުނު ހައެއްކަ އަހަރުގެ ތެރޭގައި، މާލޭން އުތުރާއި ދެކުނުގެ ވަރަށް ގިނަ ރަށް ރަށަށް ވެސް ދަތުރު ކޮށްފައިވެެއެވެ. އަދި އެރަށް ރަށުން ފެނުނު އާދަކާދައިގެ މައްޗަށް އޭނާގެ ފޮތުގައި ލިޔެފައިވެއެވެ.

އެ ޒަމާނުގައި (17 ވަނަ ގަރުނުގައި) ރާއްޖޭގައި އުޅޭ މީހުންގެ އާދަކާދަ އާއި އަޚުލާގާއި ސަގާފަތު ހުރި ގޮތުގެ މައްޗަށް ވަރަށް ތަފްސީލްކޮށް ޕިރާޑު ލިޔެފައި ވެއެވެ. ޕިރާޑުގެ ލިޔުން ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފައި ވަނީ ތާރީޚީ ލޔުންތެރިއެއް ކަމަށްވާ މީރުބަހުރުގޭ މުހައްމަދު އިސްމާއިލްދީދީ އެވެ. ދިވެހީންގެ އާދަކާދަތަކާއި ބެހޭ ގޮތުން ތިރީގައި މިވަނީ މުހައްމަދު އިސްމާއީލްގެ ތަރުޖަމާގައި ލިޔެފައިވާ ގޮތަށެވެ.

ދިވެހީންގެ ބޮލުގެ އިސްތަށިގަނޑު ދިގުވާލެއް ވަރަށް ވެސް އަވަހެވެ. އެއީ ގިނަގިނައިން ބޯދޮވެ ތެޔޮ ލުމާއި މޫސުމުގެ ހޫނުކަމުގެ ސަބަބުން ކަމަށް ފެނެއެެވެ. އެބައިމީހުންގެ ބޯ އެކަންޏެއް ނޫނެވެ. މުޅި ހަށިގަނޑުން ވެސް އިސްތަށި ފަޅަ އެވެ. އެގޮތަށް މުޅި ގައިން އިސްތަށި ފަޅާފައި ހުރުމީ އެބައިމީހުން އުފާވެ ފަޚުރުވެރިވާ ކަމެކެވެ. ހަށިގަނޑުގެ އެތަންމިތަނުން އިސްތަށި ނުފަޅާ މީހުންނާ މެދު ނުވަތަ އިސްތަށި މަދުން ހުންނަ ފިރިހެނުންނާ މެދު ބުނަނީ އެއީ އަންހެނެއް ކަމުގަ އެވެ. އަންހެނުންގެ ހަށިގަނޑުގައި އާދަވެގެން އިސްތަށިފަޅާ ތަންތަން ފިޔަވައި އެހެން ތާކުއިސްތައްޓެއް ނުހުރެ އެވެ.

އެ ޒަމާނުގައި ދިވެހީން ދެ ފާޑަކަށް ތުބުޅި ބަހައްޓަ އެވެ. މީގެ ތެރެއިން އެއް ވައްތަރެއްގެ ތުބުޅި ބެހެއްޓުން ހުއްދަ އޮންނަނީ ވަކި ބަޔަކަށެވެ. އެއީ ފަނޑިޔާރުން، ނާއިބުން، ކަތީބުން، މުދިމުން، އަދި ހައްޖުވެ މަދީނާ ވެގެން ތިބޭ މީހުންނެވެ. މިގިންތީގެ މީހުން ތުނބުޅިން އެއްގޮތަކަށް ވެސް އިސްތައްޓެއް ނުކަނޑައި ދިގުވީ ވަރަކަށް ދިގު ކުރަނީ އެވެ. އެކަމަކު ބައެއް މީހުން ދަތްދޮޅީގެ ތިރީން ކަރުދަށުން ބާލަ އެވެ. އަދި ދެތުންފަތުގެ ތިރީންނާއި މަތީން ވެސް ހިސާބަކަށް ބާލަ އެވެ.

އަނެއް ވައްތަރަކީ ކޮންމެ މީހަކު ވެސް ބަހައްޓާން ހުއްދަ އޮންނަ ތުނބުޅި އެވެ. އެއީ ސްޕޭނުގެ ވައްތަރަކަށް ތިރީ ތުންފަތު ކައިރިންނާއި، ދަތްދޮޅީ ދަށުންނާއި އަދި މަތިމަސް ބޭލުމެވެ. ދެން ކޯތާފަތް މަތީން ވާހާ ތުންޏެއްކޮށް ކޮށުމާ އެކު ދަތްދޮޅިއާ ދިމާ ތިރިއަށް ފޭއްސައިގެން ކޮށުމެވެ. މި ވައްތަރަކީ މިޒަމާނުގެ ބައެއް ޒުވާނުންގެ ސްޓައިލަކަށް ވުމާއެކު ތުނބުޅި ބެހެއްޓުމުގެ ސްޓައިލް މީގެ ބަރާބަރު 400 އަހަރު ކުރިއާމިހާރާ އެއް ގޮތްކަން އެބަހުއްޓެވެ.

ރޯދަ މަހާ ބެހޭ ގޮތުން ޕިރާޑު ލިޔެފައިވާ ގޮތުގައި ރޯދައަށް ހަނދު ބެލުމާއި އަދި ރޯދަ މަހަށް ޚާއްސަ ވަރަށް ގިނަ ކަންތައްތަކެއް ހުރެ އެވެ. އެ މަހަކީ އަޅުކަމުގެ މަހެއް ކަމަށް ލިޔެފައި ވެއެވެ. އަދި އިރު އޮއްސެން ގާތް ނުވަނީސް އެކި ވައްތަރުގެ މީރު އަގުބޮޑު ކާނާތައް ހަދާ ތައްޔާރުކޮށްފައި ބަހައްޓާ ކަމަށް ވެސް ލިޔެފައި ވެ އެވެ. އެބައިމީހުން ތައްޔާރުކުރާ ތަކެތީގެ ވައްތަރުތައް ގިނަ ކަމާއި އަދި އެކަމަށް ކުރާ މަސައްކަތުގެ ބޮޑުކަން ދެކެފިއްޔާ ހައިރާން ވާނެ ކަމަށް ވެސް ލިޔެފައި ވެއެވެ. އެހެން ދުވަސްވަރާ ޚިލާފަށް ރޯދަ މަހުގެ ތެރޭގައި ދެ ޖިންސުގެ ޒުވާނުންގެ މެދުގައި މުއާމަލާތްތައް ހިންގާލެއް މާ ގިނަ އެވެ. މިކަން ކުރުމުގައި އެކަކު އަނެކަކަށް ޅެންތައް ލިޔެ ފޮނުވާ ކަމަށް ވެސް ލިޔެފައި ވެއެވެ.

ދިވެހިރާއްޖޭގެ މަސްމަހާމެހީގެ މައްޗަށް ޕިރާޑު ލިޔެފައިވާ ގޮތުގައި ރާއްޖޭގެ ކަނޑުގައި އަޖައިބު ވާހާ ގިނަ ވައްތަރުގެ މަސް އުޅެ އެވެ. ބޮޑެތި ބިޔަ މަހުން ފެށިގެން އެންމެ ކުދި މަހަށް ދާންދެނެވެ. މީގެ ގިނަ ބައިއުޅެނީ އަތޮޅުތަކުގެ އެތެރޭގަ އެވެ. ރާއްޖޭގެ ގަސްގަހާގެއްސާ ބެހޭ ގޮތުން ޕިރާޑު ލިޔެފައިވާ ގޮތުގައި ބޭހަށް ބޭނުންކުރާ ފަތްޕިލާވެއްޔާއި ބާވަތްބާވަތުގެ ބޮޑެތި ގަސްތައް ރާއްޖޭގެ ރަށް ރަށުގައި ހެދެ އެވެ. ކާން ކަމުދާ މޭވާ އަޅާ ވެސް ކިިތަންމެބާވަތެއްގެ ގަސް ހުރެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!