އަލްޤާޟީ އިބްރާހިމް މަޖުދުއްދީން

އިބްރާހިމް ފަނޑިޔާރު ތަކުރުފާނު ނުވަތަ އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނަކީ ދިވެހިރާއްޖޭގެ ތަޢުލީމަށް މަތިވެރި ޚިދުމަތްތަކެއް ކުރެއްވުމުގެ ސަބަބުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭ ޢިލްމްވެރިއެކެވެ. އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނު ފަނޑިޔާރު ތަކުރުފާނާއި އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނަކީ އެދެބޭފުޅުންގެ ދުވަސްވަރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑު ދެ ޢިލްމްވެރިންކަން ތާރީޚުން އެނގެއެވެ. އަދި އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނަކީ އޭނާގެ ފަހުން އައި ޖީލުގެ ތަޢުލީމަށް އެންމެބޮޑަށް ޚިދުމަތްކުރެއްވި އެންމެބޮޑު ދެ ޢިލްމްވެރިންކަމުގައިވާ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތު އާއި އައްޝައިޚުލް ޙާފިޡު އިބްރާހިމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ) އާ ދެބޭފުޅުންގެވެސް އުސްތާޛެވެ.

އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީން އެންމެ ބޮޑަށް ފާހަގަކުރެވެނީ މީލާދީގޮތުން 19 ވަނަ ޤަރުނުގެ ތެރޭގައި ދިވެހީން ތަޢުލީމީގޮތުން ހޭލެއްވުމަށް މަސައްކަތްކުރެއްވި އެންމެބޮޑު ޢިލްމީ މުޖައްދިދުގެ ގޮތުގައެވެ. އަދި އޭރު ރާއްޖޭގައި ހުންނެވި އެންމެބޮޑު އެއް ޢިލްމްވެރިޔާގެ ގޮތުގައިމެއެވެ. އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ފުރަތަ އެދުރަކީ އޭނާގެ ޢިލްމުވެރި ބައްޕަ އަލްޚަޠީބު އަލްފަޤީހު މޫސާ އެދުރުތަކުރުފާނެވެ. އޭގެފަހުން އޭނާ ކިޔަވައި ވިދާޅުވީ އަލްޤާޟީ އިބްރާހިމް ސިރާޖުއްދީނުގެ ޢިލްމުވެރި ދަރިކަލުން އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. މިއީ ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. ޝާޢިރެއްމެއެވެ. ރައިވަރުގެ މައިދާނުގައި އަރައި ހުންނެވި މޮޅު އަދީބެކެވެ.

އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނަކީ އައްޑުއަތޮޅު މީދޫ އެދުރުގޭ އަލްޚަޠީބު އަލްފަޤީހު މޫސާ އެދުރުތަކުރުފާނުގެ ދަރިކަލެކެވެ. މައިކަނބަލަކީ ހަމަ އެއަތޮޅު މީދޫ ދޮންއާބުގޭ ސިއްކަ އިސްމާއިލް ތަކުރުފާނުގެ ފާތުމާފާނެވެ. މިއީ އަލްޢައްލާމަތުއްޝައިޚުލް ޤާޟީ މުޙައްމަދު ޝަމްސުއްދީނުލް ކަބީރު (އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނު) ގެ ދަރިކަލުން އަލްޤާޟީ ޙުސައިން ޤުޠުބުއްދީނުގެ ދަރިކަލުން އަލްވަޒީރުލް ކަބީރު މުޙައްމަދު ބޮޑުފުތް ތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ނާއިބު ތަކުރުފާނުގެ ދަރިކަނބަލުން ފާތުމާފާނުގެ ދަރިކަލުން އިބްރާހިމްތަކުރުފާނުގެ ދަރިކަނބަލުން އާމިނާފާނު، ދޮންއާބުގޭ ސިއްކަ އިސްމާއިލް ތަކުރުފާނާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަނބަލުންނެވެ. އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ބައްޕަ އާއި މަންމަގެ ދަރިކޮޅު އައްޑޫ މީދޫ ކޯގަންނު ޤަބުރުސްތާނުގައި ހުންނަ މެދުޒިޔާރަތުގައި ފަސްދާނުލެވިފައިވާ އަލްފަޤީހުލް ޙާފިޡު ވަރަޢުއްޒާހިދު ޝައިޚުލް ޢާލިމް ޔޫސުފު ނާއިބު ކަލޭގެފާނާ ގުޅިފައިވެއެވެ. އޭނާ އުފަންވެވަޑައިގަތް ތާރީޚެއް ކަނޑައަޅައި ދަންނަވަން ނޭގުނު ނަމަވެސް، އެއީ މީލާދީ ސަނަތުން 19 ވަނަ ޤަރުނުގެ ކުރީކޮޅުކަން އެނގެއެވެ.

އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނަކީ ޢަރަބި ބަހާއި ފިޤުހާއި ތަފްސީރާއި ޙަދީޘާއި ތައުޙީދުގެ ޢިލްމަށް އަރާހުންނެވި ބޭފުޅެކެވެ. ފަލަކީ ޢިލްމާއި ނިޔަމިކަމާއި ނުޖޫމީ ޢިލްމުގެ މާހިރެކެވެ. ދީނީ ޢިލްމްވެރިއެއްގެ އިތުރަށް އޭނާއަކީ ޙަކީމީ ބޭސްވެރިކަމާއި ފަންނީ ޢިލްމުގެ މާހިރެކެވެ. އެދުރެކެވެ. ޤައުމުގެ ދަރިންނަށް މަގުދެއްކެވި މުރުޝިދެކެވެ. މީހުން ތަރުބިއްޔަތުކޮށް ދީނީ އަދި ޢިލްމީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް މަސައްކަތް ކުރެއްވި ހަރުދަނާ މުރައްބީއެކެވެ. ދިވެހިއަދަބިއްޔާތާއި ރައިވަރުގެ ރޮނގުގައި އޭނާއަކީ އޭނާގެ ޖީލުގައި އެންމެ އިސް އެއް އުސްތާޛެވެ. ތަޖުވީދު މަގުން ޤުރުއާން ކިޔަވައި ވިދާޅުވުމުގައްޔާއި މަދަޙަ ވިދާޅުވުމުގައި އޭނާގެ އަޑު މަޚްރަޖުގެ ރީތިކަމުން އެދުވަސްވަރު އޭނާ ފާހަގަވެފައިވަނީ ލާމަޘީލު އަޑުފުޅެއްގެ ވެރިއެއްގެ ގޮތުގައެވެ. އޭނާ އެކުލަވައިލެއްވި ފޮތްތަކާއި މައުލޫދަކާއި ބައެއް ދުޢާތަކާއި ބައެއް ޢަރަބި ޅެން ހުއްޓެވެ. މި އަގުހުރި ޢިލްމީ ތަރިކަ ގެއްލި ހަލާކުވެފައިވާކަން ހިތާމައާއިއެކު ފާހަގަކުރަމެވެ.

އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ އަރިހުން ކިޔަވައި ވިދާޅުވެގެން މޮޅުވި އޭނާގެ އެންމެ އިސް ދަރިވަރަކީ އައްޝައިޚުލް ޙާފިޡު އިބްރާހިމް ތަކުރުފާނު (ދޮންބެއްޔާ) ކަމަށްވުމާއި، އަދި މަޖުދުއްދީނަކީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީނު ނާއިބު ތުއްތުގެ ވެސް އުސްތާޛު ކަމަށްވުމުން މަޖުދުއްދީން ހިމެނިވަޑައިގެންފައިވަނީ މިއަދު ދިވެހިން މިދެކޭ މަޖީދިއްޔަ ތަޢުލީމުގެ ބާނީ ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން ފަނޑިޔާރު މަނިކުފާނުގެ އުސްތާޛުން ކަމުގައިވި ދެ ބޭފުޅުންގެ ވެސް އުސްތާޛު ކަމުގައެވެ. މިހެންވުމުން، މަޖުދުއްދީނުގެ ޢިލްމީ ޚިދުމަތް ފާހަގަނުކޮށް ދޫކޮށްލެވޭކަށް ނެތެވެ.

އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީންގެ އަރިހުން ޢިލްމު އުނގެނިވަޑައިގެން ތިއްބެވި މޮޅު ޢިލްމުވެރިންގެ ތެރޭގައި އަލްޢައްލާމަތުއްޝައިޚު އަލްޤާޟީ މޫސާ ބަދުރުއްދީން އާއި އެޅެގޭ އަލްޤާޟީ ފަޟީލަތުއްޝައިޚު ޢަލީ ދީދީ އާއި މީދޫ ނާއިބުގޭ އައްޝައިޚު އަލްޢާލިމް އަޙުމަދު ދީދީ އާއި މަޖުދުއްދީނުގެ ޢިލްމުވެރި ދަރިކަލުން އަލްޤާޟީ ފަޟީލަތުއްޝައިޚު އިސްމާއިލް ބަހާއުއްދީން ފަދަ ބޭބޭފުޅުން ހިމެނެއެވެ. އެހެންމެ މަޖުދުއްދީނުގެ ދަރިކޮޅުން އެތަކެއް ޢިލްމުވެރި ދަރިންތަކެއް ވަނީ އުފެދިފައެވެ. އަދި ދަނީ އުފެދެމުންނެވެ. މިގޮތުން ބައެއް ބޭފުޅުން ފާހަގަކޮށްލާނަމެވެ. އަލްޤާޟީ ފަޞީލަތުއްޝައިޚު އިސްމާއިލް ބަހާއުއްދީނުގެ ޢިލްމުވެރި ދަރިކަލުން އައްޝައިޚުލް ފަޤީހު އިބްރާހިމް ބަހާއުއްދީން (ފަނޑިޔާރުތަކުރުފާނުގެ ދޮންމަނިކު) އާއި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އާއި އަލްޚަޠީބު އައްޝައިޚު މުޙައްމަދު ފެންނާމަނިކުފާނާއި މޮޅު ޝާޢިރެއްގެ ގޮތުގައި މަޝްހޫރު އަލްފާޟިލު ޢަލީ މުސްޠަފާ އާއި ދޮންމަނިކުގެ އައްޝައިޚު އަލްޢާލިމު ޢަލިދީދީ ފަދަ ބޭބޭފުޅުން ހިމެނެއެވެ.

އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ޢިލްމްވެރިކަން އެނގޭ އެއްގޮތަކީ އޭނާގެ ޖީލުގެ ފަހުގެ ޖީލުތަކުގައި އޭނާގެ ދަރިވަރުންނާއި ދަރިވަރުންގެ ދަރިވަރުން ކުރައްވާފައިވާ ޢިލްމީ މަސައްކަތްތަކުންނެވެ. އެހެނީ މަޖުދުއްދީން ފަނޑިޔާރު ތަކުރުފާނު އަރިހުން ޢިލްމް އުނގެނިވަޑައިގެން ތިއްބެވި ބޮޑެތި ޢިލްމުވެރިންގެ އަރިހުން ރާއްޖޭގެ އުތުރާއި ދެކުނުންނާއި މެދުރާއްޖެއިން އެތަކެއް މީހުން ޢިލްމު އުނގެނިފައި ވެއެވެ. މީގެއިތުރަށް މިދެންނެވި ޢިލްމުވެރިންގެ އެތަކެއް ތަޞްނީފުތަކާއި މަސައްކަތްތައް މިއަދުވެސް ފެންނާން އެބަހުއްޓެވެ. މީގެތެރޭގައި އައްޝައިޚު މުޙައްމަދު ޖަމާލުއްދީން ނާއިބު ތުއްތޫގެ ތަޞްނީފުތަކާއި ޢިލްމީ މަސައްކަތްތައް ހިމެނެއެވެ. އަދި އައިސާބީގެދަރު އަލްޙާފިޡު އިބްރާހިމް ތަކުރުފާނު (ދޮންބެއްޔާ) ގެ ޢިލްމުވެރި ދަރިކަލުން އައްޝައިޚް އަޙުމަދު ދީދީގެ ތަޞްނީފެއް ކަމުގައިވާ “ޠިއްބުލް ފުޤަރާއި ފީޙިކްމަތިލް އުމަރާއި” އެވެ ކިޔުނު ބޭސްފޮތަކީ މިހާތަނަށް ދިވެހިބަހުން ލިޔެވުނު އެންމެމޮޅު ބޭސްފޮތެވެ. މީގެ އިތުރަށް މީދޫ ނާއިބުގޭ އައްޝައިޚް އަލްޢާލިމް އަޙުމަދު ދީދީ ލިއުއްވި ދީނީ ޢިލްމުގެ ފޮތް، “ނާއިބުގޭ އަހުމަދު ދީދީގެ ތަރުތީބު” އަކީ ވެސް ފާހަގަކޮށްލެވޭ ޢިލްމީ ފޮތެކެވެ. މިދެފޮތް މިހާރުވެސް ފެންނަން އެބައޮތެވެ.

ރާއްޖޭގައި މީލާދީން 1835 ޖަނަވަރީ 22 ން 1182 ޖަނަވަރީ 12 އަށް ހިނގަމުންދިޔަ، އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން 4 (މުސްކުޅި ބަންޑަރައިން) ގެ ރަސްކަމުގެ ދުވަސްވަރު އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީނަށް ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން މަތިކުރެވުނެވެ. މިގޮތުން އޭނާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް އިސްކުރެއްވީ ހިޖުރައިން 1285 ޖުމާދަލްއާޚިރާ މަހުގެ 07 ވަނަ ދުވަހުއެވެ. އެއީ މީލާދީ ސަނަތުން 1868 ސެޕްޓެމްބަރ 24 އެވެ. އަދި އޭނާ އަވަހާރަވަންދެން އެމަޤާމުގައި ހުންނެވިއެވެ.

އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީން ތިން ކައިވެނި ކުރައްވައި، 11 ބޭފުޅުން ލިބިވަޑައިގަތެވެ. އަލްޢައްލާމަތުއްޝައިޚުލް ފަޤީހު އަލްޤާޟީ އިބްރާހިމް މަޖުދުއްދީން އަވަހާރަވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަތިވެރި މަޤާމުގައި ހުންނަވަނިކޮށް ހިޖުރައިން 1287 އަހަރުގެ ޞަފަރުމަހުން 15 ވީ ހޮނިހިރު ދުވަހުއެވެ. އެއީ މީލާދީގޮތުން 1870 މެއި 14 އެވެ. އެމަނިކުފާނު ފަސްދާނުލެވިފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. ފަސްދާނުލެވިފައި އޮންނެވީ މާލޭ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައެވެ. މާތް ﷲ މިމާތް މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!