އައްޑޫ ކަޅުބިލަ މަހުގެ ޚަޒާނާ – އަައްޑޫ މަސްތިލަ

އައްޑޫ އަތޮޅު ގަމުގެ ފުރަގަހުގައި އޮންނަ މަސްތިލައެއްގެ ވާހަކަ އަޑު އެހިންހެއްޔެވެ. މަސްތިލައެކޭ މިބުނީ ކަޅުބިލަ މަސް އާލާވާ ޚާއްސަ ތިލައެކެވެ. މިމަސްތިލަ ފެނިފައިވަނީ ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީ ކޮޅުގައެވެ. އެދުވަސްވަރު އެމަސް ތިލައިގެ ވާހަކަ އަކީ މުޅި ދެކުނުގެ އަތޮޅު ތަކުގެ މަސްވެރިންގެ މެދުގައި މަޝްހޫރު ވާހަކައެކެވެ. މިއީ ގަމުގެ ދެކުނު ފަރާތުން، 12 ނޯޓިކަލް މޭލު ދުރުގައި އޮންނަ ތިލައެކެވެ. ސަމުގާގެ މިސްރާބަކީ 180 ޑިގްރީ އާއި 190 ޑިގްރީ އާއި ދެމެދެވެ. ތިލައެކޭ ކިއެއް ކަމަކު މިއީ ފުން މިނުގައި ގާތްގަޑަކަށް ފަންސާސް މީޓަރު ހުންނަ އަޑި ނުފެންނަ ތިލައެކެވެ. ގޫގުލް މެޕް އަދި ޖީޕީއެސްގެ ޒަރީއާއިން ފެންނަ ގޮތުގައި މިއީ ގުޅިފައިވާ ތިން ތިލައެކެވެ. ތިން ތިލަ އެއްކޮށް ބަލާ އިރު ބޮޑު މިނަކީ ގާތް ގަޑަކަށް އައްޑު އަތޮޅުގެ ދެ ގުނައެވެ. މިތިލަ ފެނުނު ފަހުން އެސަރަހައްދު ވެފައިވަނީ ދެކުނުގެ ކަނޑުގެ ސަރަހައްދަކުން ފެނިފައިވާ އެންމެ ގިނައިން ކަޅުބިލަ މަސްބޭނޭ ސަރަހައްދު ކަމުގައެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މީހުންނަކީވެސް މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަން ކޮށްގެން ދިރި އުޅެމުން އައި ބައެކެވެ. އެހެން ނަމަވެސް އެކި އަތޮޅު ތަކުގައި މަސްވެރިކަން އޮންނަނީ އެކި މިންވަރަށެވެ. މަސްވެރިކަން ތިއާގި އަޮތޮޅު ތަކާއި މަސްވެރިކަން ދަށް އަތޮޅު ތަކެވެ. މި މަސްތިލަ ފެނުމުގެ ކުރީން އައްޑޫ އަތޮޅަކީ އެއްވެސް ޒަމާނެއްގައި މަސްވެރިކަން އެހާ ތިޔާގި އަތޮޅެއް ކަން އެނގޭކަށް ނެތެވެ. އައްޑޫ މީހުން ކުރީ ޒަމާނުގައި ،ކަނޑު މަހާއި އެހެނިހެން އަމިއްލަ އުފެއްދުންތައް ވިއްކަން އަމިއްލަ އޮޑީގައި ސިލޯނަށާއި ބަންގާޅު ކަރައަށް ދަތުރުކޮށް އުޅުނީ މައިގަނޑު ގޮތެއްގައި މަސް ހިފައިގެނެއް ނޫނެވެ. އެދުވަސްވަރު އައްޑޫ މީހުން ސިލޯނަށް ވިއްކާން ގެންދާ މައިގަނޑު ތަކެއްޗަކީ ކާއްޓާއި، ކޮފުރާޔާއި، އައުރުހާއި އަދި ބޮލި ފަތަ ތަކެއްޗެވެ.

އެންމެ ކުރީ ޒަމާނުގައި ކުރަމުން އައި މަސްވެރިކަމަށް ބަދަލު އައީ ރިޔަލު ދޯނީގައި ކުރަމުން އައި މަސްވެރިކަން އިންޖީނު ދޯނި ފަހަރަށް ބަދަލުވީ ހިސާބުންނެވެ. ފުރަތަމަ ޖެނެރޭޝަންގެ އިންޖީނު ދޯނި ފަހަރަށް ފަހު ދެވަނަ ޖެނެރޭޝަންގެ އިންޖީނު ދޯނި ފަހަރުގައި މަހަށް ނިކުންނަން ފެށުނެވެ. އެއި 1990 ގެ ކުރީ ކޮޅެވެ. ދުރު ރާސްތާ މަސްވެރިކަމަށް ފައްކާކޮށްގެން އައްޑޫ އަތޮޅުގައި ފުރަތަމަ ފަހަރަށް ބޮޑެތި މަސްދޯނި ދުއްވަން ފެށިއެވެ. ފުރަތަމަ ކޮޅުގައި ދުއްވަން ފެށި މިފަދަ މަދު ދޯނީގެ ތެރެއިން އެއް ދޯންޏަކީ ހިތަދޫ ގަނޑުވަރު މުހައްމަދު ސައީދުގެ މަސް ދޯންޏެކެވެ. މުޙައްމަދު ސައީދުވެސް އަމަލީ ގޮތުން ބައިވެރިވެގެން ދުއްވި މި ދޯނީގައި ޖީޕީއެސް އާއި ފިޝްފައިންޑަރ ފަދަ ، މަސްވެރި ކަމުގެ ޒަމާނީ އާލާތް ތައް ގާއިމު ކޮށްފައި ހުއްޓެވެ.

މުހައްމަދު ސައީދު އިސްވެ ހުރެގެން މިބުނި އާލާތުގެ އެހީގައި އައްޑޫ އަތޮޅުގެ ވަށައިގެންވާ ކަނޑުގެ އެކި ސަރަހައްދުތައް ސާރވޭ ކޮށް ބަލާ ހެދިއެވެ. މަސްވެރި ކަން އެންމެ ރަނގަޅީ ކޮން ސަރަހައްދެއްގައިތޯ ދެނެގަތުމަށެވެ. މިގޮތުން ކުރި މަސައްކަތުން މުހައްމަދު ސައީދުގެ ޓީމަށް ފާހަގަ ކުރެވުނު އެންމެ ޚާއްސަ ތަނަކީ އައްޑޫ އަތޮޅުގެ ގަމުގެ ދެކުނު ފަރާތުން 12 ނޯޓިކަލް މޭލު ބޭރުގައި އޮތް ތިލައެކެވެ. ފިޝްފައިންޑަރގެ ޒަރިއާ އިން މިސަރަހައްދުގައި އާދަޔާ ޚިލާފަށް ގިނައިން މަސް އުޅޭ ކަން އެނގުނެވެ. ތަފާތު ދުވަސް ތަކުގައި ތަފާތު ފަހަރު މަތީން ކުރެވުނު ތަޖްރިބާއިން މިކަން އިތުރަށް ޔަގީން ކުރެވުނެވެ. މިއީ މަސްވެރިކަން ތިޔާގި ތިލައެއް ކަމަށް މުހައްމަދު ސައީދުގެ ޓީމަށް އެނގުނު ނަމަވެސް ، އަތޮޅުގެ ގިނަ މަސް ކެއުޅުންނަށް މިތަނަކީ ޚާއްސަ ތަނެއް ކަން އެނގެން ދުވަސް ކޮޅެއް ނެގިއެވެ.
ކޮންމެއަކަސް މާގިނަ ދުވަހެއް ނުވަނީސް އައްޑޫ ފުރަގަހުން ބޮޑު ސިންގާ މަސްތިލައެއް ފެނިގެން އުޅޭ ކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ވެއްޖެއެވެ. އައްޑޫ އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ހުވަދޫ އާއި ފުވައް މުލަކުގެ ދޯނިފަހަރުވެސް މިތިލަ ކާރިއަށް މަސް ބާނަން އަންނާން ފަށައިފިއެވެ. އައްޑޫ އަތޮޅު ހުރިހާ ރަަށެއްގެ މީހުންވެސް ބޮޑެތި މަސްދޯނި ބަނުމަށް އިންވެސްޓް ކުރާން ފެށީ މިމަސްތިލައިގެ ސަބަބުން އައްޑޫގެ މަސްވެރިކަން ރަނގަޅުވާން ފެށުމުންނެވެ. އެދުވަސްވަރު އައްޑޫން މަހަށް ނިކުތް ދޯނި ތައް އިތުރުވެ ބޭނުނު މަސް އިތުރުވީ ރިކޯޑް މިންވަރަކަށެވެ. އެއިގެ ފަހުން އަހަރު ތަކެއް ވަންދެން އައްޑު އަތޮޅަކީ ރާއްޖޭގެ އެންމެ މަސްވެރިކަން ރަނގަޅު އަތޮޅުގެ ގޮތުގައި ދެމި އޮތެވެ. ނަމަވެސް ދެހާސް ހައެއް ހާ ހިސާބުން ފެށިގެން އައްޑޫގެ މަސްވެރިކަން ވަނީ ދަށަށް ގޮސްފައެވެ. މިބުނި މަސްތިލައިގެ މަހުގެ ރިޒާރވް ހުސްވެ މަސްބޭނުން ދަށްވީމައެވެ.

އައްޑޫ މަސްތިލައަށް ދިމާވި މައިގަނޑު ދެ މައްްސަލައެއް ކަމަށް ކަމާއިބެހޭ ތަޖްރިބާ ކާރުންގެ ފަރާތުން މައުލޫމާތު ލިބެއެވެ. ފުރަތަމަ ކަމަކީ ދެކުނުގެ ތިން އަތޮޅުގެ މަސްދޯނިތަކުން މެދު ނުކެނޑި ބޭނި ބޭނުމެވެ. އެެއިގެ އިތުރުން އައްޑޫގެ ކޮންމެވެސް ބަޔަކު އެތިލައިން މާ ގަދައަކަށް މިޔަރު މަސްވެރިކަން ކުރުމެވެ. މިޔަރު މަސްވެރި ކަމާއި ބޮޑު ކަންނެލި މަސްވެރިކަން ކުރާން ފަށައިފި ސަރަހައްދެއް ވިއްޔާ މަސްވެރިކަން ހަލާކުވާ ކަމުގައި ވެއެވެ.

އައްޑޫ މަސްތިލަ އާއި ބެހޭ ސައެންޓިފިކް ފިޝިން ރިސާޗެއް މީގެ ކުރީން ހެދިފައެއް ނެތެވެ. ވީމާ މިމަސްތިލައިގައި މަހުގެ ރިޒާރވް ރިވައިވް ކުރުމަށް މެރިން ރިސާރޗެއް ހެދުމަށް ފަހު ކަން ކަން ކުރާންވީ ގޮތެއް ހޯދަން އެބަ ޖެހެއެވެ. މިފަދަ ރިސަރޗެއް ހެދިއްޖެ ނަމަ ވަރަށް ފައިދާ ކުރަނިވި މައުލޫމާތު ތަކެއް ލިބިގެން ދާނެއެވެ. މިތިލައަކީ ހަގީގަތުގައިވެސް މަސް އާލާވާ ތަނެއްތޯ އެނގިގެން ދާނެއެވެ. އަދި މަސް އަލުން އާލާވާނީ ކިހާ ދުވަހެއްގެ ބްރީތިން ވަގުތެއް ދިނީމާ ކަން ވެސް އެނގިދާނެއެވެ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!