ހުވަދޫ ކަނޑުގެ އަޖައިބުތައް

ހުވަދޫ ކަނޑަކީ، ހައްދުންމަތީ އަތޮޅުގެ ދެކުނު ފަރާތާއި ހުވަދޫ އަތޮޅުގެ އުތުރު ފަރާތާއި ދެމެދުގައިވާ ކަނޑެެވެ. އެއީރާއްޖޭގެ ކަނޑު ތަކުގެ ތެރެއިން އެންމެ ފުޅާ ކަނޑެވެ. އެއީ މެދުރާއްޖޭގެ އަތޮޅުތަކާއި އެންމެ ދެކުނުގެ ތިން އަތޮޅު ވަކި ކޮށްދޭ ކަނޑުވެސް މެއެވެ.

ހުވަދޫ ކަނޑުގެ ފުޅާ މިނަކީ 52 ނޯޓިކަލް މޭލެވެ. ބްރިޓިޝް އެޑްމިރަލްޓީ ޗަރޓްގައި ހުވަދޫ ކަނޑަޑަށް ކިޔާފައިވަނީ ވަން އެންޑް ހާފް ޑިގްރީ ޗެނަލް އެވެ. އެގޮތައް ކިޔަނީ މިކަނޑު އޮންނަނީ އީކްއޭޓަރުގެ އުތުރުން ދޮޅު ޑިގްރީ ހިސާބުގައި ކަމަށް ވުމުންނެވެ. އިނގިރޭސިންގެ މި ޗާޓަށް ވުރެ ކުރީގެ މުސްކުޅި ފަރަންސޭސިންގެ ޗާޓްތަކުގައި ކިޔާފައިވަނީ، ކޫހޮން ދި ސުއަދޫ އެވެ.

މި ކަނޑަކީ ގުދުރަތީ ޚާއްސަ ސިފަތަކެއް ލިބިގެންވާ ރާއްޖޭގެ އެންމެ ބޮޑު ކަނޑު ކަމުގައި ވިޔަސް ، ކަނޑުފަޅުގެ އަދަބިއްޔާތުގައި މިކަނޑުގެ ޚާއްސަ ސިފަތަކާއި ބެހޭ ގޮތުން ދިވެހި ބަހުން ލިޔެފައިވާ ލިޔުމެއް ނުފެނެއެވެ. އެހެން ކަމުން ގަސްތަކީ މިކަނޑާއި ބެހޭ ގޮތުން ޚާއްސަކޮށް މިކަނޑުގެ މެދުތެރޭގައިވާ ތިލައާއި ބޭހޭ ގޮތުން ކޮންމެވެސް މިންވަރެއްގެ މަޢުލޫމާތު ކޮޅެއް ލިޔުމެވެ. ފަހަރުގައި މިއީ އަހުރެންނާ ކުފޫ ހަމަނުވާ ކަމަކަށް ވެދާނެއެވެ. އެހެންވިޔަސް ދެން ވަރިހަމައެވެ. އަހުރެމެން އެންމެންނަކީ ކަނޑުގެ ދަރީންނަށް ވީ ހިނދު ކަނޑުފަޅާއި ބެހޭ ގޮތުން ފިކުރު ހިނގުމަކީ ތަބީޢީ ކަމެކެވެ. މިގޮތުން އިންޓަރނެޓްގެ ވަސީލަތް ތަކުންނާއި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށް އެއްޗެއް ލިޔެލުމުގެ ޝައުގު ވެރިކަން އުފެދުނީއެވެ.

ހުވަދޫ ކަނޑުގެ އެންމެ ޚާއްސަ އެއް ސިފަ އަކީ އެކަނޑުގެ މެދުގައިވާ ދެރަހާ ނަމަކަށް ކިޔާ ތިލައެވެ. ކަނޑުތަކުގެ މެދުގައި ތިލަތައް ހުރުމަކީ އެއީ އާއްމު ކަމެކެވެ. ނަމަވެސް ހުވަދޫ ކަނޑުގެ މެދުތިލަ އަކީ އަޖައިބު ކުރުވަނިވި ކަންތައް ތަކެއް ހުރި ތިލައެކެވެ. މިތިލަ އާއި ބެހޭ ގޮތުން ދުނިޔޭގެ މެރިން ސައިންސްވެރިން ތަފާތު ދިރާސާ ތައް ކޮށްފައި ވެއެވެ. އެހެން ނަމަވެސް ގިނަ މައުލޫމާތު ތަކަކީ އާއްމު ކުރެވިފައިވާ މައުލޫމާތު ތަކެއް ނޫނެވެ. މިޒާތުގެ އިލްމީ ދިރާސާ ތަކުގެ ތަފްސީލީ މައުލޫމާތު ހާމަކޮށްފައި ނެތް ނަމަވެސް، ސައިންސްވެރިން ހުވަދޫ ކަނޑުގެ މެދު ތިލަ ތަފާތު ތިން ގޮތަކަށް ސިފަކޮށްފައި ވެއެވެ.

އެއިގެ ތެރެއިން އެންމެ އާއްމު ގޮތަކީ އެތިލައަކީ ކަނޑު އަޑީގެ ފަރުބަދައެއްގެ އެންމެ މަތީ ކުންނު ކަމުގައި ބެލުމެވެ. ދެވަނަ ގޮތަކީ އުފެދުމުގެ މަރުހަލާ ފުރިހަމަ ނުވާ އެހެން ނަމަވެސް އުފެދެމުން އަންނަ އަތޮޅަކަށް ބެލުމެވެ. ތިންވަނަ ގޮތަކީ ކަނޑުގެ އަޑިއަށް ގެނބިފައިވާ ވަކި އަތޮޅެއްގެ ގޮތުގައި ބެލުމެވެ. މިތިން ގޮތުން ކުރެ ކޮންމެ ގޮތަކީވެސް ވަރަށް އާދަޔާ ޚިލާފު ގޮތެކެވެ. ޚާއްސަކޮށް މިފަދަ ކަންކަން ދިރާސީ ނަޒަރަކުން ވިސްނާ ފަރާތް ތަކަށެވެ.

ހުވަދޫ ކަނޑުގެ ޚާއްސަ ސިފަތަކާއި ބެހޭ ގޮތުން މީހަކު އަޅުގަނޑަށް ކިޔާ ދިން ގޮތުގައި އެކަނޑުގެ އަޑީގައި މީގެ އެތައް ހާސް އަހަރެއް ކުރީން ޢަރަގު ވެފައިވާ އަތޮޅެއް އަޮވެއެވެ. ރާއްޖޭގެ އެހެން ކަނޑު ތަކަށް ވުރެ ހުވަދޫ ކަނޑު މާ ބޮޑަށްވެސް ފުޅާ ވުމުގެ ސިއްރަކީ އެއީއެވެ. ކޮންމެއަކަސް އަހުރެން ހިތަށް އެރީ ހުވަދޫ ކަނޑުގެ މެދުގައި ގެނބިފައިވާ އަތޮޅެއް އޮންނަ ވާހަކަ އަކީ އެޓްލާންޓިކް ކަނޑުގެ މެދަށް ގެނބިފައިވާ އެޓްލާންޓިސްއޭ ކިޔުނު ގައުމެއްގެ ވާހަކަޔާއި އެއް ގޮތް ވާހަކަ އަކަށް ވެދާނެ ކަމަށެވެ.

މިވާހަަކައެއް ދެއްކި ފަހުން އަޅުގަނޑު ބެލި އިލްމީ ދިރާސާ ރިޕޯޓެއްގައި ހުވަދޫ ކަނޑުގެ މެދުތިލަ ފާނހަނގަ ކޮށްފައި އޮތީ ޢަރަގުވެފައިވާ ނުވަތަ ގެނބިފައިވާ އަތޮޅެއްގެ ގޮތުގައެވެ. އެއީ މެރިން ސައިންސް ޖާނަލް އެއް ކަމަށްވާ “މެެރިން އެންޑް ޕެޓްރޯލިއަމް ޖިއޮލޮޖީ” ގެ 43 ވަނަ އަދަދެވެ. މިރިސަރޗްގެ އަސާސަކީ ޖަރުމަނު ވިލާތުގެ ހަމްބާގު ޔުނިވަރސިޓީގެ ސެންޓަރ ފޯރ އާތް ސިސްޓަމް ރިސަރޗް އެންޑް ސަސްޓެއިނެބިލިޓީގެ ތިން މުއައްސަސާއެއް ބައިވެރިވެގެން ، ދެހާސް އެގާރަ ވަނަ އަހަރުގެ ތެރޭގައި ހަދާފައިވާ ދިރާސާއެކެވެ. މި ދިރާސާ ގައި ފާހަގަ ކޮށްފައިވާ ގޮތުން ގެނބިފައިވާ މިއަތޮޅުގައި، މައްޗަށް އުފުލިފައިވާ ތިން ބައެއް ވެއެވެ. އެއީ ތަފާތު ބޮޑުމިނުގެ އަދި ތަފާތު އުސްމިންތަކަށް ހުރި ތިންބައެކެވެ.

ދެރަހާގެ އެންމެ ތިލަ ހިސާބުގެ ތިލަމިނަކީ އެގާރަ މީޓަރެވެ. އެއީ ތިރީސް ހަ ފޫޓެވެ. މިހިސާބަކީ އެ ތިންބައިގެ ތެރެއިން އެންމެ މައްޗަށް އުފުލިފައިވާ ބައެވެ. މިތިލައަކީ ކަނޑުގެ ތަފާތު ދިރުން ތަކުން މުއްސަނދި ސަރަހައްދެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަޅުބިލަ މަސް އެންމެ ގިނައިިން ވިހާ ތަނަކީ ދެރަހާ ތިލަ ކަމަގައި ބުނެވެއެވެ. އަދި އެތިލަ އަކީ ސްޕާމްވެއިލް ފަދަ ޚާއްސަ މަސް މަހާމެހިވެސް ފެންނަ ތަނެކެވެ. ހުވަދޫ ކަނޑުގެ އެވެރެޖް ފުން މިނަކީ ގާތް ގަޑަކަށް ހަ ހާސް ހަސަތޭކަ ފޫޓެވެ. ދެރަހާ ތިލައަކީ، ކަނޑު އަޑީ ފަރުބަދަ އެއް ކަމަށް ވާނަމަ އެއީ ހަ ހާސް ހަސަތޭކަ ފޫޓް އަޑިން ފެށިގެން މައްޗަށް އުފުލިފައިވާ ފަރުބަދައެކެވެ. މިހެން ވެއްޖެ ނަމަ މިއީ މުޅި އިންޑިއާ ކަނޑުގައިވެސް ހުރި އެންމެ ބޮޑު ސަބްމެރިން މައުންޓެއިން އެވެ.

ހުވަދޫ ކަނޑުގެ ޚާއްސަ ސިފަތަކާއި ގުޅޭ ގޮތުން ޝައުގުވެރިކަން އުފެދޭ އަނެއް ކަމަކީ، މުޅި ހުވަދޫ ކަނޑުގެ މިލްކުވެރިކަމާއި ގުޅޭ ގޮތުން ދުނިޔޭގެ ބޮޑެތި ބާރު ތަކުން އުފައްދާ ސުވާލެވެ. އެ ސުވާލަކީ ހުވަދޫ ކަނޑުގެ މެދުން، ހަތަރު ނޯޓިކަލް މޭލު ފުޅާ މިނުގައި ހުރަހަށް ދަމާލެވޭ ރޮނގަކީ ދިވެހި ރާއްޖޭގެ ސަރަހައްދެއްތޯ ނުވަތަ ނޫންތޯއެވެ. މިސުވާލު މިގޮތައް އުފައްދަނީ،ކަނޑުގެ ސަރަހައްދު ވަކި ކުރުމުގައި، ބައިނަލް އަގްވާމީ ގޮތުން ބަލާ އާއްމު އުސޫލަށް ރިއާޔަތް ކޮށްފައެވެ. އެއުސޫލަކީ އެގައުމެއްގެ ސަރަހައްދީ ކަނޑުގެ ބޭރު ކައިރިން ފެށިގެން ބާރަ ނޯޓިކަލް މޭލުގެ ފުޅާ ސަރަހައްދަކީ އެގައުމެއްގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ކަނޑު ކަމަށް ބެލުމެވެ.

ސަރަހައްދީ ކަނޑަކީ ބޭސްލައިން ތަކުން ފެށިގެން ބާރަ ނޯޓިކަލް މޭލުގެ ސަރަހައްދެވެ. މިއުސޫލަށް ބަލާއިރު ހުވަދޫ ކަނޑުގެ ދެ ފަރާތުން ކޮންމެ ފަރާތަކަށް ސައުވީސް ނޯޓިކަލް މޭލު ނެގުމުން، އެދެމެދުން ހަތަރު ނޯޓިކަލް މޭލު ބާކީ އެބައޮވެއެވެ. އެހެންވީމާ މި ހަތަރު ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ބައިނަލް އަގްވާމީ ކަނޑުގެ ސަރަހައްދެވެ.

މިދައުވާ ބިނާ ކުރާ އަނެއް އުސޫލަކީ ގުޅިފައިވާ ކަނޑުގެ ސަރަހައްދު ނުހިމަނާ ބެލުމެވެ. މި އުސޫލަށް ބަލާ ނަމަ ކޮންމެ ފަރާތަކުން ސަރަހައްދީ ކަނޑުގެ ގޮތުގައި ބާރަ ނޯޓިކަލް މޭލު ނަގާފައި މެދުގައި އޮންނަ އަށާވީސް ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ބައިނަލް އަގްވާމީ ކަނޑުގެ ސަރަހައްދެވެ.

ކޮންމެއަކަސް، ޖިއޮގްރަފިކަލް ގޮތުން ހުވަދޫ ކަނޑަށް މިދިމާވާ މައްސަލަ އަކީ ދުނިޔޭގެ މަދު ގައުމު ތަކެއްގައި ޚާއްސަކޮށް ޖަޒީރާ ގައުމު ތަކުގައި ދިމާވާ މައްސަލައެކެވެ. ގައުމެއްގެ ދެބައެއް ވަކިކޮށްދޭ ކަނޑެއްގެ ފުޅާ މިން ކުރީން ދެންނެވި އުސޫލުން ކަނޑުގެ ސަރަހައްދު ބަލާ އިރު ބާކީވާ ސަރަހައްދެއް އެދެމެދުގައި އޮންނަ ނަމައެވެ. ބައިނަލް އަގްވާމީ ކަނޑުގެ ގޮތުގައި މިފަދައިން ބަލާ ސަރަހައްދު ތަކާއި ގުޅޭ ގޮތުން ބައިނަލް އަގްވާމީ ކަމާއިބެހޭ އިދާރާ ތަކުގެ މެދުގައި ބަހުސް ހިނގަމުން ދެއެވެ. މިގޮތުން ހުވަދޫ ކަނޑުގެ މިދެންނެވި ސަރަހައްދުގެ އިޝޫ އަކީވެސް ބައިނަލް އަގްވާމީ ފެންވަރުގައި ބަހުސް ކުރެވޭ މައްސަލައެކެވެ.

މިތިލަ އާއި ބެހޭގޮތުން ޚާއްސަ ވާހަކައަކަށް ވަރަށް ކުރީއްސުރެ ދިވެހީންގެ ތެރޭގައި މަޝްހޫރު ވާހަކައެއް އޮވެއެވެ. އެއީ 1960 ގެ އަހަރުތަކުގައި ޖަޕާނުގެ ސަތޯ ނަމަކަށް ކިޔުނު މީހަކު މިތިލަ ދިރާސާކުރި ވާހަކަ އާއި އެކަމުގެ ތެރޭގައި އުޅެނިކޮށް އާދަޔާ ޚިލާފު ބޮޑު ކަކުންޏެއް އޭނާއަށް ހަމަލާދީ ކައިލި ވާހަކަ އެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަޅުބިލަ މަސް އެންމެގިނައިިން ވިހާ ތަނަކީ ދެރަހާ ކަމަށް މި ސަތޯގެ ހޯދުމުގައި ވާކަމަށް ކިޔައެވެ. ކޮންމެއަކަސް ސަތޯ އާއި އޭނާ ކުރި ދިރާސާތަކާއި ބެހޭގޮތުން އިތުރު އެއްވެސް މައުލޫމާތެއް ނުލިބުނެވެ. އެއީ ޝާއިއުކުރެވިފައިވާ ދިރާސާތަކަށް ނުވާތީއެވެ. ބޮޑު ކަކުނި ހޮރުން ނިކުމެ ސަތޯ ކައިލިއިރު އޭނާގެ ހުރިހާ ދިރާސާތަކެއްވެސް ކަކުނީގެ ބަނޑުގެ ތެރެއަށް ދިޔައީ ތޯއްޗެކެވެ.

You may also like...

1 Response

  1. hasandheedhee says:

    courant de souadou pronounce kuraanee koohon de suadoo latin zamaanu gothah kiyaalaa. maana akee huvadhoo oivaru

Leave a Reply

Your email address will not be published.

error: Content is protected !!