މީދޫ އަތަރާ މިސްކިތް

    އަތަރާ މިސްކިތް

އަތަރާ މިސްކިތަކީ އައްޑޫ މީދޫ ކޯގަންނު އުތުރު ފަރާތުގައި ހުރި މިސްކިތެކެވެ. މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވައި މި މިސްކިތް އެންމެ ފުރަތަމަ ބިނާކުރެއްވީ ސ. މީދޫ ފަންނިޔަރު ދޮން ޢީސާކިލެގެފާނާއި މާވަޑިތަކުރުފާނާ ދެކަލުންނެވެ. މި މިސްކިތަކީ ދިގުމިނުގައި 11 ފޫޓު، ފުޅާމިނުގައި 10 ފޫޓު ހުންނަ މިސްކިތެކެވެ.

އަތަރާ މިސްކިތް ފުރަތަމަ ހިޔާކުރީ ފަނުންނެވެ. ދެން ހިޔާކުރީ އީޓު ޖަހައިގެންނެވެ. މިހާރު ހިޔާކޮށްފައި ހުންނަނީ ދަނގަޑު ޓިނު ޖަހައިގެންނެވެ. މި މިސްކިތުގެ ފުރާޅުގެ މަތިވަޑާންގަނޑު ހަދާފައިވަނީ ލަކުޑިންނެވެ.

ފަންނިއަރު ދޮންޢީސާ ކިލެގެފާނަކީ މީދޫ ދޮން މަހުމޫދު ނާއިބު ކަލޭގެފާނުގެ ފުތް ދޮން ޢުމަރު ނާއިބު ކަލޭގެފާނުގެ ފުތް ދޮން މަހުމޫދު ޚަޠީބު ކަލޭގެފާނުގެ ފުތް ހެނެއިކަމަނާރު ދޮން ޔޫސުފު (ދޮން އީސުބު)، ދޮރުތީބީގެ ފަންނިއަރާގެ ދޮން މަރްޔަމް އާއި ކައިވެނި ބައްލަވައިގެން ލިބުނު ފަންނިއަރު ދޮން ޢީސާކަލޭގެފާނެވެ. މި ދޮން އީސާކަލޭގެފާނުގެ ދެ ދަރިކަލުންނަކީ، ދޮންއަހުމަދު ކަލޭގެފާނު (ދޮންބޫ) އާއި ދޮން މޫސާ ކަލޭގެފާނު އެވެ. މުލީގޭ ދޮންބަންޑާރައިން ކައިވެނިބެއްލެވި ބޮޑުދީދީ އަކީ މި ދޮން ދޮންއަޙްމަދު ކަލޭގެފާނުގެ ދަރިކޮޅުގެ ބޭފުޅެކެވެ.

ދޮން އީސާކަލޭގެފާނާއި މާވަޑިތަކުރުފާނާއި ދެ ބޭކަލުން އަތާރާ މިސްކިތް ބިނާކުރުމަށްފަހު ގަސްތުކުރެއްވީ މިސްކިތް ބަލަހައްޓަން ފަސޭހަކަމާއެކު ގިނަދުވަހު ދެމިހުރުމަކަށް، މި މިސްކިތް ބާރަ ބަޔަށް ބަހައިގެން މިސްކިތް ބެލެހެއްޓުމަށެވެ. އެ ގޮތުން ފަންގެ ޖަހައި ހިޔާ ކުރުމަށް ފަހު ދޮން އީސާކިލެގެފާނާއި މާވަޑިތަކުރުފާނާ ދެކަލުން، ކޮންމެ މީހަކަށް 2 ބައެވެ. އަދި އެއިން ކޮންމެ މީހަކަށް ބައެކެވެ.

މި ބާރަބައި ހަމަޖެއްސަވައި ނިންމެވިގޮތަކީ، މުޙައްރަމް މަސް ފަންނިއަރު ދޮންއީސާ ކަލޭގެފާނަށެވެ. ޞަފަރުމަސް މަރިޔަމްބީފާނު އަށެވެ. ރަބީޢުލްއައްވަލް މަސް މާވަޑިތަކުރުފާނަށެވެ. ރަބީޢުލްއާޚިރު މަސް ދޮންބީގެ މުޙައްމަދު ޚަޠީބު ތަކުރުފާނަށެވެ. ޖިމާދުލްއައްވަލް މަސް ދޮން އައިސާބީގެ ޚަޠީބު އަލީތަކުރުފާނަށެވެ. ޖިމާދުލްއާޚިރާ މަސް ދޮންތަކުފާނަށެވެ. ރަޖަބު މަސް ސަންފާބީގެ އަލީތަކުރުފާނަށެވެ. ޝައުބާން މަސް މުލަކު ޚަޠީބު ކަލޭގެފާނަށެވެ. ރަމަޟާން މަސް އަލީ ފަނޑިޔަތް ތަކުރުފާނަށެވެ. ޝައްވާލުމަސް އަބޫބަކުރު ޚަޠީބުތަކުރުފާނަށެވެ. ޒުލްޤައިދާމަސް މުކުރި ކަލޭގެފާނަށެވެ. ޒުލްހިއްޖާ މަސް ކުޑައިބީފާނަށެވެ.

މި ދެންނެވި ގޮތުގެމަތީން މިބައިމީހުން މިސްކިތް ބަލަހައްޓަމުން އައިސް ޒަމާންވެފައި ހުއްޓާ އައި ވައި ރޯޅިއަކުން މަތިވަޑާން އެއްލާލީމާ މި މިސްކިތްވެރިން ނުކުމެ ވާހަކަދައްކައި މަޝްވަރާ ކުރެއްވިއެވެ. މި މިސްކިތުގެ ވެރީންގެ ތެރެއިން އެދުވަހު މީދޫގައި ހުރި އެންމެ މާތް މޮޅު މީހަކު ކަމުގައި އިބްރާހިމް ފަނޑިޔާރު ތަކުރުފާނު (އިބްރާހިމް މަޖުދުއްދީނު) ވާތީވެ، މި މިސްކިތުގެ ވެރީންގެ މައްޗަށް ފަނޑިޔާރު ތަކުރުފާނު ބަސް ކުރިޔަށް ނެރުއްވައިގެން އެ ތަކުރުފާނު އެންގެވި ގޮތަށް މިސްކިތުގެ މަތިވަޑާން ހަދާ ހިޔާ ކުރިއެވެ.

މިބައިމީހުން ކަންތައް ކުރެއްވި ގޮތަކީ މީސްކިތްވެރިންގެ އަތުން މަސް ނަގައިގެން، މިނެގިމަސްތަށް މާލެ އަށް، ފަނޑިޔާރު ތަކުރުފާނާއި ހަވާލު ކޮށް ފޮނުވީއެވެ.  ފަނޑިޔާރު ތަކުރުފާނު މާލެވަޑައިގެން ހަނޑުލާއި ދުފާއެއްޗިއްސާއި ގަނެ އެތަކެތި ފޮނުވީ އިސްމާޢީލު ފަނޑިޔާރު ތަކުރުފާނާއި ހަވާލުކޮށެވެ. މިތަކުރުފާނު ރަށަށް ވަޑައިގެން އެތަކެތި ފޮނުވިކަން އަންގައި، މިސްކިތުގެ އަހުލުވެރީން ކުރެން މަސައްކަތް ކުރެވޭ ވަރުގެ މީހުން ހޯދިއެވެ.

ހެމެދިޔަގެ ތަކުރުފާނާއި، އިސްމާޢީލުމަނިކާގެ ކޮއްޔާއި، ބޮޑުބީބީގެ އެޅެފުތާއި، ކެއުޅުކަލޭގެ އެޅެފުތާއާއި، މީސްމީހުން، އިސްމާއީލު ފަނޑިޔާރު ތަކުރުފާނު، ރަށުގައިހުރި ވެރިޔާކަމުގައި ބަލައިގެން މިބައިމީހުންނަށް އިބްރާހިމް ފަނޑިޔާރު ތަކުރުފާނު ފޮނުވި ތަކެތި ދީގެން މިސްކިތް ޖަހައި މަތިވަޑާން އެރުވިއެވެ. އެއިރުގައި ރަށުގެ ވެރިޔަކީ މީދޫ ގަނޑުވަރު ޙަސަންދީދީއެވެ.

ދޮން އީސާކަލޭގެފާނާއި މާވަޑިތަކުރުފާނާއި ދެ ބޭކަލުން މިސްކިތް އަރުވާފައި މިސްކިތް ބަލަހައްޓަން އޭރު ހަމަޖެއްސެވި ބާރަ ބައި އެތަށް ޒަމާންތަކެއްވަންދެން އެމީސްމީހުންގެ ވާރުތަ ވެރީންނަށް ދެމިގެންދިޔައެވެ. މި މިސްކިތަކީ ބޯދާ ތާރީޚަކާ ގުޅިފައިވާ މާޒީއެއް އެކުލެވިގެންވާ މިސްކިތެކެވެ. މިއީ ޤަދީމީ މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ.

You may also like...

error: Content is protected !!