ހިތުގެ ހާލަތު ބުނެދިން ސިޓީ

ފުރާނައަށް ވުރެވެސް ލޯބިވާ އާފާގުއެވެ.
ކަލާއާއި އަހަރެން ދެމީހުން އެންމެ ފަހަކަށްވާން އެއްބަސްވެފައިވާ އުފާވެރި ބައްދަލުވުމަށް އަހަރެންނަށް ނުދެވުމުން ކަލާއަށް ލިބޭނީ ވަރަށްބޮޑު ހައިރާން ކަމަކާއި ނުތަނަވަސް ކަމެއްކަން އަހަރެންނަށް އެގެއެވެ. އަދި އެއިގެފަހުން އަހަރެންގެ ހަބަރެއްނުވެ ހިގާކޮންމެ މިނިޓަކީ އެއްދުވަސްކަމުގައި އަދި އެއްގަޑިއަކީ އެއްމަސްކަމުގައި ކަލާއަށް އިހްސާސް ކުރެވޭނެކަން ވެސް އަހަރެންނަށް އެގެއެވެ. އެދުވަހުން ފެށިގެން އަހަރެންގެ ހާލަތު ކަލާއަށް އަންގާނުލެވިގެން އަހަރެންނަށް އިހްސާސް ކުރެވުނީވެސް ހަމައެހެންމެއެވެ.

ހިތުގެ ހިގުންކަމުގައިވާ އާފާގެވެ. އެބައްދަލުވުމަށްނުދެވުނީތީ އަހަރެންނަށް މައާފު ކުރާށެވެ. އެބައްދަލުވުމަށް ނުދެވުމުން އަހަރެން ވަރަށްބޮޑަށް ދެރަވިއެވެ. ހުސްއިންތިޒާރެއްގައި އެތައްއިރެއްވަންދެން ކަލާ ހުންނާނެކަން އެގޭތީއެވެ. އަދި އެބައްދަލުވުމުން އަހަރެމެން ދެމީހުންނަށް ލިބޭނެ ލޯބީގެ ފޮނި އިހްސާސްތަކުން މަހުރޫމުވީތީއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. އެދުވަހުންފެށިގެން “ކަލާގެދުނިޔެއިން” އަހަރެންގެ މައިންބަފައިން އަހަރެން މަރާލައިފިއެވެ. އެކަމަކު އަހަރެން ދިރިދުނިޔޭގައި އެބައިނީމެވެ. ދުނިޔޭގެހުރިހާ އުފަލަކުން މަހުރޫމުވެގެންނެވެ. އަހަރެންމިހާރު ގުނަމުންދާ ހިތިދުވަސްތަކުގެ ސަފްހާތައް ކަލާއަށް ކިޔައިދޭން އަހަރެން ދެރަވެއެވެ. އެސަފްހާތަކުގެ ވާހަކަ އިވުމުން ކަލާގެ ހިތަށްކުރާނެ ވޭނީއަސަރު އަހަރެންނަށް އެގޭތީއެވެ. ނަމަވެސް އަހަރެންގެ ހަޔާތުން އެންމެ ދުވަހެއްގެ ސަފްހާއެއްވެސް ކަލާއަށް ކިޔާނުދިނުމަކީ އަހަރެންނަށްވެވޭ ވަރަށްބޮޑު ކުށެއްކަމުގައި ދެކެމެވެ. އެހެންކަމުން އަހަރެންގެ މިހިތާމައާއި ރުއިމުގެ އަސަރު އެކުލެވިފައިވާ ސަފްހާތައް ކަލާއަށް ކިޔައިދޭން އަހަރެންނަށް މަޖުބޫރުވީއެވެ.

އަހަރެންގެހަޔާތުގެ ހުރިހާ ސިއްރެއް އެފިރިހެން ކުއްޖެއްގެ ލޯތްބާއި ގުޅިފައިވާ އާފާގެވެ. އަހަރެން މިވޭތު ކުރަމުންދާ ހިތިދުވަސްތަކުގެ އަޑު ނިކަން އަހާށެވެ. ފުރާނައަށްވުރެވެސް ލޯބިވާ އާފާގެވެ.  މަހެއް އެއިގެ އުފާވެރި ފެންގަޑާއި ވަކިކޮށް ހަނަފަސް ސަހަރާ އަކަށް އެއްލާލުމުން އެމަހަށް ވާނެގޮތުން އަހަރެންގެ މިވޭނީ ހަޔާތް ސިފަކުރާށެވެ. އަހަރެން މިއިނީ މައިންބަފައިންގެ ގައިދުގައި ގޭގައި ހައްޔަރުވެފައެވެ. އަހަރެމެން ދެމީހުން އެކަކު އަނެކަކާ ބައްދަލުވިޔަނުދޭން މަންމައާއި ބައްޕަ އަހަރެން ހައްޔަރު ކުރީއެވެ. ގޭގެ އުސް ހަތަރު ފާރަށްވުރެ ބޭރަށް ދެވޭނެ އެއްވެސް ގޮތެއް އަދި ނުވެއެވެ. ނަމަވެސް އަހަރެން މިހާރުވެސް މިދަނީ މަންމަމެންގެ ގައިދުން ސަލާމަތް ވާނެ ގޮތަކާމެދު ތަދުބީރު ކުރަމުންނެވެ. އެފަދަ ތަދުބީރެއް ވާހާ އަވަހަކަށް ސަލާމަތް ވެގެން ކަލާއާއި ބައްދަލު ކުރަން ދާނެ ކަމަށް ވައުދު ވަމެވެ.

އަހަރެމެން ދެމީހުންގެ ގުޅުމާއިމެދު، އަހަރެންގެ މައިންބަފައިން ކުރީގައިވެސް އިންކާރުކުރަމުން އައިވަރާއި، އަދި ދެމުން އައި އިންޒާރު ކަލާއަށްވެސް އެގޭނެއެވެ. އަދި މިހާރު އަހަރެންނަށް އަންނަ އިންޒާރު ވަކިން ހޫނުވެފައި، ލަކިއެތިފަހަރުގެ ހަމަލާތައް ވަކިން ހިތިގަދައެވެ. މަންމައާއި ބައްޕަގެ ކޮންމެ އިންޒާރެއްގައި އެކުލެވިފައިވަނީ ރުޅިވެރިކަމާއި ހަރުކަށިކަމެވެ. އަހަރެންނަކީ ނިކަމެތި ހިތެއްގެވެރި އަންހެން ކުއްޖެއް ކަމެއް މަންމައާއި ބައްޕައަށް އިހްސާސް ކުރެވޭހެން ހިއެއް ނުވެއެވެ.

ހަޔާތައް ވުރެވެސް ބޮޑަށްލޯބިވާ އާފާގެވެ. އަހަރެންގެ މައިންބަފައިން ބޭނުންވަނީ އަހަރެން ކަލާއާއި ވާހަކަ ނުދެއްކުމަށާއި، އަދި މުޅިން ކަލާއާއި ވަކިވުމަށެވެ. އަދި އަހަރެން ލައްވާ އެއްބަސް  ކުރުވާން މަސައްކަތް ކުރަމުންދަނީ އަހަރެންގެ ބޮޑުބޭބެގެ ފިރިހެން ދަރިއާއި އަހަރެންގެ ކައިވެނި ކުރުމަށެވެ. ނަމަވެސް މިއިން އެއްވެސްކަމަކީ އަހަރެންގެ ހަމަ ބުއްދި ހުރެގެން އެއްބަސް ވާނެ ކަންކަމެއް ނޫން ކަމަށް ވައުދު ވަމެވެ. ދިރިހުރުމުގެ ހުރިހާ އުފާތަކެއް ކަމުގައިވާ އާފާގެވެ. ދެރަނުވާށެވެ. ބައްޕަ އަހަރެންގެ ފުރާނަ ދުއްވާލިއަސް އެއިން އެއްވެސް ކަމަކަށް އަހަރެން އެއްބަހެއް ނުވާނަމެވެ. މަރާލިއަސް އަހަރެންގެ މަރުވެފައިވާ މަސްގަޑާއި ކަށިތައްވެސް އެއިން ކަމަކަށް އެއްބަހެއް ނުވާނެއެވެ. އަހަރެންގެ ހުރިހާވެސްމީހަކީ އާފާގު ކަމަށް ވާތީއެވެ. އާފާގާއި ވަކިން އަހަރެންނަށް ނުއުޅެވޭނެތީއެވެ. އަހަރެންގެ ހަޔާތުގެ ފުރާނައަކީ އާފާގު ކަމަށްވީތީއެވެ.

އާފާގެވެ. މިހާލަތުގައިވެސް އަހަރެމެން ދެމީހުންނަށް ބައްދަލު ކުރެވިދާނެއެވެ. އަދި އެކަކު އަނެކަކާ ވާހަކަވެސް ދެއްކިދާނެއެވެ. ނަމަވެސް އެއީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށްވެސް ވެދާނެއެވެ. އަދި އަހަރެމެން ދެމީހުން ނޫން ބަޔަކަށް މިއީ މޮޔަ ހިޔާލަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް އެއީ މައްސަލައެއް ނޫނެވެ. މިހިނގާ ހަނދު މަހުގެ 14 ވިލޭރޭ (ފުލްމޫން ނައިޓް) ހަނދު އެއިގެ ރިހި ޝުޢާއާއި އެކު މެދު ޖެހޭ ވަގުތު ހަނދަށް ކަލާގެ ނަޒަރު ހުއްޓާށެވެ. ހަމަ އެވަގުތު އަހަރެންވެސް ހުންނާނީ ހަނދަށް ބަލަހައްޓައިގެންނެވެ. ފަސް މިނިޓް ވަންދެން އެސްފިޔަ ޖަހާ ނުލައި ހަނދަށް ނަޒަރު ހުއްޓައިގެން ކޮންސެންޓްރޭޝަން ގައި ހުންނާށެވެ. އިރުކޮޅަކުން އަހަރެންގެ ތަސްވީރު ކަލާއަށް ފެންނާން ފަށާނެއެވެ. އަދި ކަލާގެ ތަސްވީރު އަހަރެންވެސް ބަލާ ނަމެވެ. ހަނދު މެދުޖެހޭ ވަގުތުން ފެށިގެން 2 ގަޑި އިރަށް އަހަރެމެންގެ މިބައްދަލުވުން އޮންނާނެއެވެ. އަދި އަހަރެމެން ދެމީހުންގެ ހިތުގެ އެންމެ ފުން މިނުން އުފެދޭ ޝުޢޫރުތައް އެކަކު އަނެކަކަށް އަޑު އިވޭނެއެވެ.

އާފާގެވެ. ކަލާގެ އަތުން ހިފަހައްޓައިގެން ތިހިރީ ހަމަ އެކަނި ކަރުދާސް ގަނޑެއް ނޫނެވެ. އެއީ އަހަރެންގެ ކަނާ އަތްތިލަ ކަމަށް އިހްސާސް ކުރާށެވެ. އަދި އެ އަތާ އަތް ޖޯޑްކޮށް ސަލާމް ކޮށްލާށެވެ. އަދި އެއިހްސާސް ތަކާ އެކު މިވަގުތައް ވަކިވެލަމެވެ.

ކަލާގެ ލޯތްބައްޓަކައި ގުރުބާންވަމުންދާ
ނިޝާ
5 އެޕްރީލް 1969

You may also like...

Leave a Reply

Your email address will not be published.

error: Content is protected !!