ފީފާ ވޯލްޑް ކަޕް 2010

2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ، ވޯލްޑްކަޕްގެ 19 ވަނަ މުބާރާތެވެ. މިއަހަރު މި ބޭއްވޭ މުބާރާތް ބާއްވަން ހަމަ ޖެހިފައިވަނީ 11 ޖޫން އިން 11 ޖުލައި އަށެވެ. މިއަހަރުގެ މި މުބާރާތުގައި ބައިވެރިވާނީ 2007 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ފީފާގެ މެންބަރުންގެ ގޮތުގައި ތިބި 208 ޤައުމީ ފުޓުބޯޅަ ޓީމުގެ ތެރެއިން 204 ޤައުމުގެ މެދުގައި ކުޅެވުނު ކޮލިފައިން މެޗުތަކުގެ މަރުޙަލާ ކަޑައްތުކޮށް، ފަހު މަރުޙަލާއަށް އައިސްފައިވާ 32 ޓީމެވެ.

އެހެން ކަމުން 2008 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސްގައި ބައިވެރިވި ވަރަށް ގިނަ ޓީމު ފީފާ ވޯލްޑްކަޕްގެ އެކި މަރުޙަލާތަކުގައި ބައިވެރިވެފައިވެއެވެ. މިއީ އެފްރިކާގެ ޤައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ. މި ފަހަރުގެ މުބާރާތް ބޭއްވުމަށް ބިޑްކޮށްފައިވަނީ މުޅީން ވެސް އެފްރިކާގެ ޤައުމުތަކެވެ. މޮރޮކޯ އާއި މިޞްރާ ވާދަކޮށް ބިޑް ކާމިޔާބުކޮށްފައިވަނީ ދެކުނު އެފްރިކާއިންނެވެ. އެހެން ކަމުން ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތެއް އިންތިޒާމު ނުކުރާ ހަމަ އެކަނި ސަރަޙައްދީ ފުޓުބޯޅަ ޖަމްޢިއްޔާއަކީ އޯޝަނިޔާ ފުޓްބޯލް ކޮންފެޑެރޭޝަނަށް މިހާރުވަނީ ވެފައެވެ. 18 ވަނަ ފީފާ ވޯލްޑްކަޕްގެ ޗެންޕިއަނުން ކަމުގައިވާ އިޓަލީ މި މުބާރާތުގައި ކުޅޭނީ ޑިފެންޑިންގ ޗެންޕިޔަނުންގެ ގޮތުންނެވެ. މި މުބާރާތުގެ ގުރުލުން އޮތީ 4 ޑިސެންބަރު 2009 ގައި ދެކުނު އެފްރިކާގެ ކޭޕްޓައުންގައެވެ.

މުބާރާތް ބާއްވާނެ ޤައުމު ކަނޑައެޅުން
2010 ވަނަ އަހަރު ވޯލްޑްކަޕް ބޭއްވުމުގެ ގޮތުން އެފްރިކާ ޚިޔާރު ކުރެވުނީ ސަރަޙައްދީ ފުޓުބޯޅައިގެ އިދާރާތަކުގެ މެދުގައި މި މުބާރާތް ދައުރުކުރުމުގެ އައު ސިޔާސަތުގެ ދަށުންނެވެ. އެހެން ނަމަވެސް 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ވަނީ މި ސިޔާސަތު ދޫކޮށްލެވިފައެވެ. 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ބޭއްވުމަށް ބިޑްކުރީ އެފްރިކާގެ ފަސް ޤައުމަކުންނެވެ. އެއީ މިޞްރާއި ލީބިޔާ އާއި ތޫނިސް (ޓިއުނީޝިޔާ) އާއި މޮރޮކޯ އާއި ދެކުނު އެފްރިކާއިންނެވެ. މީގެ ތެރެއިން ލީބިޔާ އާއި ޓިއުނީޝިޔާއިން ބިޑްކޮށްފައިވަނީ މި ދެ ޤައުމުގައި ވެސް މުބާރާތުގެ މެޗުތައް ކުޅޭ ގޮތަށް، ކޯ-ހޮސްޓިންގ އުޞޫލުން ދެ ޤައުމު ގުޅިގެން އެއް ބިޑެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ކޯ-ހޮސްޓެޑް މުބާރާތެއްގެ ގޮތުގައި، މި މުބާރާތް ނުބޭއްވުމަށް ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމުމާ ގުޅިގެން 8 މެއި 2004 ގައި ޓިއުނީޝިޔާއިން އެ ޤައުމުގެ ބިޑް އަނބުރާ ގެންދިޔައެވެ. އެހެންކަމާ އެކު ފީފާގެ އެގްޒެކެޓިވް ކޮމިޓީން ނިންމީ ލީބިޔާގެ އެކަނި ބިޑް ވެސް ޤަބޫލުނުކުރުމަށެވެ. އެއީ، މުބާރާތް ބާއްވާ ޤައުމުން ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކުގެ ރަސްމީ ލިސްޓުގައި ހިމެނޭ ކަންތައްތައް ލީބިޔާގެ ބިޑުގައި ފުރިހަމަ ނުވާތީއެވެ. ވޯޓުލުމުގެ އެއް ބުރަށް ފަހުގައި، ކާމިޔާބުކުރި ބިޑް އިޢުލާންކޮށްފައިވަނީ ޒިއުރިކްގައި ބޭއްވި މީޑިޔާ ކޮންފަރެންސެއްގައި 15 މެއި 2004 ގައި، ފީފާގެ ރައީސް ސެޕް ބްލެޓަރއެވެ. މޮރޮކޯ އާއި މިޞްރުގެ ބިޑް ޖަހާލުމަށް ފަހު ބިޑް ކާމިޔާބުކުރީ ދެކުނު އެފްރިކާއެވެ. 24 ވޯޓުގެ ތެރެއިން 14 ވޯޓު ލިބުނީ ދެކުނު އެފްރިކާއަށެވެ. މޮރޮކޯއަށް ލިބުނީ 10 ވޯޓެވެ. މިޞްރަކަށް ވޯޓެއް ނުލިބެއެވެ.

ކޮލިފިކޭޝަން
މުބާރާތް ބާއްވާ ޤައުމުގެ ގޮތުން ދެކުނު އެފްރިކާ، މި މުބާރާތަށް ކޮލިފައި ވެފައިވަނީ އޮޓޮމެޓިކުންނެވެ. އެހެން ނަމަވެސް ދެކުނު އެފްރިކާއިން ވަނީ ކޮލިފައިންގައި ބައިވެރިވެފައެވެ. އެއީ 2010 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިން އާއި ވޯލްޑްކަޕްގެ ކޮލިފައިން އެފްރިކާގައި ބާއްވާފައިވަނީ އެއް ކޮލިފައިންއެއްގެ ގޮތުގައި ކަމަށްވާތީއެވެ. އެހެންކަމުން ދެކުނު އެފްރިކާ ވެފައިވަނީ 1934 ވަނަ އަހަރުގެ ފަހުން ކޮލިފައިންގައި ކުޅުނު، މުބާރާތް ބާއްވާ ފުރަތަމަ ޤައުމެވެ. އެންމެ ފަހުން ބޭއްވި ވޯލްޑްކަޕް މުބާރާތެކޭ އެއް ފަދައިން، މި ފަހަރުގެ މުބާރާތުގައި ވެސް ޑިފެންޑިންގ ޗެންޕިޔަނުންނަށް އޮޓޮމެޓިކް ޖާގައެއްދޭ ގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ. ކޮލިފިކޭޝަނުގެ ގުރުލުން އޮތީ 25 ނޮވެންބަރު 2007 ގައި ދެކުނު އެފްރިކާގެ ޑާރބަންގައެވެ.

ވޯލްޑްކަޕް މުބާރާތަށް ކޮލިފައިވި ޤައުމުތައް
އޭ.އެފް.ސީ (އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަން) ގެ ޓީމުތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ، 1. އޮސްޓްރޭލިޔާ އާއި 2. ޖަޕާނާއި 3. އުތުރު ކޮރެއާ އާއި 4. ދެކުނު ކޮރެއާ އެވެ. ކޮންކާކަފް (ކޮންފެޑެރޭޝަން އޮފް ނޯތު، ސެންޓްރަލް އެމެރިކަން އެންޑް ކެރީބިޔަން އެސޯސިއޭޝަން ފުޓްބޯލް) ނުވަތަ އުތުރު އެމެރިކާ ސަރަޙައްދުން ކޮލިފައިވެފައިވަނީ، 1. ހޮންޑިޔުރަސް އާއި 2. މެކްސިކޯ އާއި 3. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ (ޔޫ.އެސް.އޭ) އެވެ. ސީ.އޭ.އެފް (ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް) ގެ ޤައުމުތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ، 1. އަލްޖީރިޔާ އާއި 2. ކެމަރޫން އާއި 3. އައިވަރީ ކޯސްޓާއި 4. ގާނާ އާއި 5. ނައިޖީރިޔާ އާއި 6. ދެކުނު އެފްރިކާ (މުބާރާތް ބާއްވާ ޤައުމު) އެވެ. ފުޓުބޯޅައިގައި އެންމެ ވަރުގަދަ އެއް ސަރަޙައްދު ކަމުގައިވާ ދެކުނު އެފްރިކާގެ ޤައުމުތަކުގެ ތެރެއިން ނުވަތަ ކޮންމެބޯލްގެ ޤައުމުތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ، 1. އާޖެންޓީނާ އާއި 2. ބްރެޒީލް އާއި 3. ޗިލީ އާއި 4. ޕެރަގުއޭ އާއި 5. އުރުގުއާއީ އެވެ. އޯ.އެފް.ސީ (އޯޝެނިޔާ ފުޓްބޯލް ކޮންފެޑެރޭޝަން) ގެ ޤައުމުތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ، 1. ނިއުޒިލޭންޑެވެ. ޔޫއެފާ ނުވަތަ ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާގެ މެންބަރު ޤައުމުތަކުގެ ތެރެއިން ކޮލިފައިވެފައިވަނީ، 1. ޑެންމާކް އާއި 2. އިނގިރޭސިވިލާތް އާއި 3. ފަރަންސޭސި ވިލާތާއި 4. ޖަރުމަނާއި 5. ގްރީސް އާއި 6. އިޓަލީ (އެންމެ ފަހުގެ ޗެންޕިޔަން) އާއި 7. ނެދަލޭންޑްސް އާއި 8. ޕޯޗުގަލް އާއި 9. ސާރބިޔާ އާއި 10. ސްލޮވާކިޔާ އާއި 11. ސްލޮވީނިޔާ އާއި 12. ސްޕެއިން އާއި 13. ސްވިޒަރލޭންޑެވެ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!