އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު

އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވަނީ ސ. މީދޫގައި، 1964 ސެޕްޓެމްބަރ 25 ވަނަ ދުވަހުއެވެ. އެމަނިކުފާނު ނިސްބަތްވަނީ ރާއްޖޭގެ މަޝްހޫރު ދިޔަމިގިލީ ޚާންދާނަށެވެ. އަދި ރާއްޖޭގެ ތަޢުލީމާއި ޢިލްމުވެރިކަން ފެތުރުމުގެ އިސްދައުރެއް އަދާކުރައްވާފައިވާ އަދި ޢަދްލު އިންޞާފުގެ ދާއިރާއަށް ގިނަގުނަ ޚިދްމަތްތަކެއް ކުރައްވާފައިވާ މަޝްހޫރު ފަނޑިޔާރުންގެ ޢާއިލާއަށެވެ. ސ. މީދޫ އަލިވާގޭ އަލްފާޟިލް މުޙައްމަދު ސަޢީދު އާއި އެގޭ އަލްފާޟިލާ ފާތުމަތު މައުމޫނާ މުޙައްމަދު ދީދީ އަށް ލިބިވަޑައިގަތް ފުރަތަމަ ފިރިހެން ބޭފުޅަކީ އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއެވެ. މުޙައްމަދު ސަޢީދަކީ އައްސުލްޠާން މުޙައްމަދު ޣިޔާސުއްދީނުގެ އަލްއަމީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނުގެ ޢާއިޝަތު ދޮށީދީދީގެ އައްނާއިބު ޙަސަންދީދީގެ އަލްޚަޠީބު ޢަބްދުﷲ ދީދީ އާއި އަލްޤާޟީ އިބްރާހިމް މަޖުދުއްދީނުގެ ކަތްދާމަނިކެގެ ދަރިކަލުން ޙުސައިންދީދީގެ މުޙައްމަދު ސަޢީދުއެވެ. ފާޠިމަތު މައުމޫނާއަކީ އައްޝައިޚު އަލްޙާފިޘު އިބްރާހިމް ތަކުރުފާނު (އައިސާބީގެދަރު ދޮންބެއްޔާ)ގެ ފަޟީލަތުއްޝައިޚް އަޙްމަދު ދީދީގެ މުޙައްމަދު ދީދީގެ ދަރިކަނބަލުންނެވެ.

އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ތަޢުލީމީ ބިންގާ އެޅުނީ އައްޑުއަތޮޅު މީދޫގައެވެ. އަދި އިބްތިދާއީ ތަޢުލީމުފުރިހަމަ ކުރެއްވީ އިންޑިއާގެ ޑާބީލުގެ މަޝްހޫރު ޖާމިޢާ އިސްލާމިއްޔާގައެވެ. އަދި އެޖާމިޢާގައި ކިޔަވައިވިދާޅުވި އިރު ކީރިތި ޤުރުއާން ހިތުދަސްކުރެއްވިއެވެ. ޢަރަބި ބަހާއި ފާރިސީބަހާއި އުރުދޫ ބަސް އުނގެނިވަޑައިގަތެވެ. މީގެއިތުރަށް ދީނާއި ދުނިޔޭގެ ގިނަ ޢިލްމުތައް ދަސްކުރެއްވިއެވެ. އޭގެތެރޭގައި ތާރީޚު، ޙަދީޘު، ތަފްސީރު، ކީރިތިރަސޫލާގެ ސީރަތު، ޢަރަބި އަދަބިއްޔާތު، އުރްދޫއަދަބިއްޔާތު، ފާރިސީއަދަބިއްޔާތު ފަދަ މާއްދާތައް ހިމެނެއެވެ.

އިންޑިޔާގައި ތަޢުލީމް ހާސިލުކުރެއވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު 1980 ގެ ތެރޭގައި މާލެއަށް ވަޑައިގެން އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުގައި ތަޢުލީމު ހާސިލުކުރެއްވިއެވެ. އެއަށްފަހު، 1983 ގައި މިޞްރަށް ވަޑައިގެން މަތީ ސާނަވީ ފުރިހަމަކުރެއްވުމަށްފަހު އަލްއަޒްހަރު ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާ ވަލްޤާނޫނު އާ ގުޅިވަޑައިގަތެވެ. އަދި އެމަނިކުފާނު އަލްއަޒްހަރު ޔުނިވަރސިޓީ އިން ޝަރީޢާގެ ރޮގުންނާއި ޤާނޫނުގެ ރޮނގުން އެލްއެލްބީ އޮނަރސް ޑިގްރީ ޙާޞިލްކުރައްވާފައިވެއެވެ. އަލްއަޒްހަރު ޔުނިވަރސިޓީ އިން އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ހާޞިލުކުރެއްވި ޝަރީޢާ އާއި ޤާނޫނުގެ ޑިގްރީ ސަނަދުގެ ސަބަބުން އޭނާއަށް ޤާނޫނުގެ ރޮނގުން އެލްއެލްބީ ޑިގްރީ ހާސިލުކުރުމުން ލިބޭ އެންމެހާ ޙައްޤުތަކާއި އިމްތިޔާޒުތައް ލިބުމުގެ އިތުރުން އިސްލާމީ ޝަރީޢާގެ ރޮގުން ބީއޭ ހާސިލުކޮށްފައިވާ މީހަކަށް ލިބޭ އެންމެހާ ޙައްޤުތަކާއި އިމްތިޔާޒުތައް ލިބެއެވެ.

އޭގެ ފަހުގައި، އަލްއުސްތާޛު ޢަބްދުﷲ ސަޢީދު މޯލްޓާ ގައި ހުންނަ އައިއެމްއޯ އިންޓަރނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓުން 1999 ގައި ޤާނޫނީ ރޮނގުން މާސްޓަރސް ޑިގްރީއެއް ޙާޞިލްކުރައްވާފައިވެއެވެ. އަދި އިންޑިޔާގެ ޕާރލަމެންޓުގައި ޕާރލަމެންޓަރީ ދިރާސާތަކާއި ޤާނޫނު ލިޔެ އެކުލަވާލުމުގެ ރޮނގުން ތަމްރީން ކޯހެއް ފުރިހަމަކުރައްވާފައިވެއެވެ. އަދި ތަފާތު ޤައުމުތަކުގައި ގިނަ ޢަދަދެއްގެ ސެމިނަރ އާއި މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވެ، ޢިލްމީ ތަޖްރިބާ ހޯއަދަވާފައިވެއެވެ. އަލްއުސްތާޛު ޢަބްދުﷲ ސަޢީދުވަނީ ޤާނޫނުގެ ރޮނގުން ޕީއެޗްޑީ އަށް ކިޔަވައިވިދާޅުވުމުގެ މަސައްކަތް ފަށްޓަވާފައެވެ.

ޤާނޫނާއި ޙައްޤުގެ އިލްމުގެ މަބާދީތަކާއި ތިއަރީތައް، ދުސްތޫރީ ޤާނޫނާއި ސިޔާސީ ތަންޒީމުތައް، އިދާރީ ޤާނޫނާއި އިދާރީ ޝަރީޢަތްތައް، ޢާއްމު އިދާރީ ހިންގުން، ބައިނަލްއަޤްވާމީ ތަންޒީމުތައް، ޢާންމު ބައިނަލްއަޤްވާމީ ޤާނޫނު، ޚާއްސަ ބައިނަލްއަޤްވާމީ ޤާނޫނު، ޤާނޫނުގެ ތާރީޚު، ކަނޑުގެ ޤާނޫނާއި ކަނޑު މަގުން ކުރާ ވިޔަފާރީގެ ޤާނޫނު، ކުށްތަކާއި ޢުޤޫބާތުގެ ޢިލްމު، ޖިނާއީ ޢާއްމު ޤާނޫނު، ޖިނާއީ ޚާއްސަ ޤާނޫނު، އިލްތިޒާމުތަކާއި ކޮންޓްރެކްޓްތަކާ ބެހޭ ޤާނޫނު(މަދަނީ ޤާނޫނު) ތިޖާރީ ލިޔުންތަކާއި ކުންފުނީގެ ޤާނޫނު، ވަޒީފާގެ ޤާނޫނު، ޖިނާއީ އިޖްރާއާތުތަކާބެހޭ ޤާނޫނު، މަދަނީ އިޖްރާއާތާއި ތަންފީޒުކުރުންތަކާ ބެހޭ ޤާނޫނު، ޝަޚްސީ މަރުކަޒާއި ޢާއިލާއާބެހޭ ޤާނޫނު، އިޤްތިސާދާއި ކޯޕަރޭޓިވްލޯ، ބައިނަލް އަޤްވާމީ ވިޔަފާރިއާއި ސިޔާސީ އިޤްތިސާދު، ދައުލަތުގެ މާލިއްޔާތާއި ޓެކްސްއާއިބެހޭ ޤާނޫނު، އުސޫލުލް ފިޤްހު، ފިޤްހާއި ފިޤްހު މުޤާރަން ފަދަ ޤާނޫނާއި ޝަރްޢީދާއިރާގައި ހިމެނޭ ރޮނގުތަކަކީ އެމަނިކުފާނުފަރިތަ އަދި އަހުލުވެރިވެފައިވާ ދާއިރާތަކެކެވެ.

ޤާނޫނާއި ޝަރީޢާގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރާއްޖެއަށް އެނބުރިވަޑައިގެން ސަރުކާރުގެ ޚިދުމަތާ 1995 ޖޫން 27 ގައި ގުޅިވަޑައިގަތެވެ. މިގޮތުން އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީކަމުގެ މަޤާމް އަދާކުރައްވިއެވެ. މިމަޤާމުގައި ހުންނަވައިގެން ދަށުކޯޓްތަކާއި ހައިކޯޓްގައި ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވުމުގެ އިތުރަށް ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުން ޤާނޫނީލަފާ ހޯއްދެވުމަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައި ލަފާ ދިނުމުގައި އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި އެޓަރނީ ޖެނެރަލް އޮފީހުގެ ޑިރެކްޓަރު ކަމާއި އެ އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް، ޕަބްލިކް ޕްރޮސެކިއުޝަންސްގެ މަޤާމާއި ބަންޑާރަ ނާއިބުގެ ނާއިބު ކަމުގެ މަޤާމް އަދާކުރައްވާފައިވެއެވެ.

ޢަލްއުސްތާޛު ޢަބްދުﷲ ސަޢީދު އަދާކުރެއްވި މަޤާމްތަކުގެ ތެރޭގައި މޯލްޑިވްސް ކޮލެޖް އޮފް އެޑިޔުކޭޝަންގެ ފެކަލްޓި އޮފް ޝަރީޢާ އެންޑް ލޯގެ ފުރަތަމަ ޑީން ކަން ހިމެނެއެވެ. މިމުހިއްމު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ތެރެއިން ރާއްޖޭގެ ޤާނޫނީ ތަޢުލީމުގެ ބިންގާ އަޅުއްވައިދެއްވާފައިވެއެވެ. އަދި މިހާރު ވެސް އެމަނިކުފާނަކީ ރާއްޖޭގައި ހިންގާ ޤާނޫނީ ރޮނގުގެ ސެޓްފިކެޓް ކޯސްތަކާއި ޑިޕްލޮމާ ކޯސްތަކާއި ޑިގްރީ ކޯސްތަކުގައި ކިޔަވައިދެއްވާ އުސްތާޛެކެވެ. އަދި އެމަނިކުފާނަކީ ޢަރަބިބަހާއި ފާރިސީބަހާއި އުރުދޫ ބަހުގެ އިތުރަށް އިނގިރޭސިބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ އަދި ސިވިލް ލޯއާއި ކޮމަން ލޯ ގެ އިތުރުން އިސްލާމީ ޝަރީޢާގެ ރޮނގުގައި މޮޅު މާހިރެކެވެ.

އަދި އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޮރގަނައިޒޭޝަނުގެ ލީގަލް އޮފީހުގައި މަސައްކަތް ކުރައްވައި ތަޖްރިބާ ހޯއްދަވާފައިވެއެވެ. އެހެންމެ، ސަރުކާރުގެ ކިތަންމެ ކޮމިޓީއެއްގައި ބައިވެރވިވެވަޑައިގަންނަވަމުން ގެންދަވާފައިވެއެވެ. އޭގެ ތެރޭގައި ދިވެހި ރާއްޖޭގެ ލޯ ކޮމިޝަންގެ މެމްބަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާ ބެހޭ ޔުނިޓުގެ ޤާނޫނީ އޮފިސަރުކަން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމާބެހޭ މަޖްލިހުގެ މެމްބަރުކަން، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނުގެ ކޮލެޖް ކައުންސިލުގެ މެމްބަރުކަން، މެރިޓައިމް ޓްރެއިނިންގ އެޑްވައިޒަރީ ބޯރޑުގެ މެމްބަރުކަން، ޓެންޑަރ އިވެލުއޭޝަން ބޯރޑުގެ މެމްބަރުކަން، ނާރކޮޓިކްސް ކޮންޓްރޯލް ބޯރޑުގެ އެޑްވައިޒަރީ ކައުންސިލުގެ މެމްބަރުކަން ހިމެނެއެވެ.

މިހިސާބުން ސަރުކާރުގައި އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އަދާކުރައްވާފައިވާ މަޤާމުތައް ފާހަގަކޮށްލާނަމެވެ:

– އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓް 18 ސެޕްޓެމްބަރ 2008 ން
– އެޓަރނީ ޖެނެރަލްގެ ނާއިބް އެޓަރނީ ޖެނެރަލްގެ އޮފީސް 10 ސެޕްޓް 2008 ން 18 ސެޕްޓް 2008 ށް
– ސްޓަޑީ ލީވް ޕީއެޗްޑީ ޕްރޮގްރާމް 11 ސެޕްޓް 2005 ން 10 ސެޕްޓް 2008 ށް
– އޭޑީޖީ، ޕީ.ޕީ. ޢެޓަރނީ ޖެނެރަލްގެ އޮފީސް 16 ޖޫން 2005 ން 11 ސެޕްޓެމްބަރ 2005 ށް
– ޑިރެކްޓަރ ޢެޓަރނީ ޖެނެރަލްގެ އޮފީސް 25 އޭޕްރީލް 2001 ން 16 ޖޫން 2005 ށް
– ޑީން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ 01 ފެބްރުއަރީ 2001 ން 25 އޭޕްރީލް 2001 ށް
– ޑިރެކްޓަރ އިންސްޓިޓިއުޓް އޮފް ޝަރީޢާ އެންޑް ލޯ 02 އޯގަސްޓް 2000 ން 01 ފެބްރުއަރީ 2001 ށް
– ސްޓޭޓް އެޓަރނީ ޢެޓަރނީ ޖެނެރަލްގެ އޮފީސް 08 ޖޫން 1999 ން 02 އޯގަސްޓް 2000 ށް
– ސްޓަޑީ ލީވް މާސްޓަރސް ކޯހުގައި 12 ސެޕްޓެމްބަރ 1998 ން 08 ޖޫން 1999 ށް
– ސްޓޭޓް އެޓަރނީ ޢެޓަރނީ ޖެނެރަލްގެ އޮފީސް 27 ޖޫން 1995 ން 12 ސެޕްޓެމްބަރ 1998 ށް

އޮނަރަބްލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދު ސުޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ޢައްޔަންކުރެވުނީ 2008 ސެޕްޓެމްބަރ 18 ގައެވެ. ހަމައެތާރީޚުގައި އެމަނިކުފާނަކީ ދިވެހި ރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމް ކުރުމުގެ އެންމެއިސް ފަރާތްކަމުގައި ކަނޑައެޅުނެވެ. ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ގޮތުން އެމަނިކުފާނުގެ ގިނަގުނަ ޚިދުމަތްތައް ދަނީ ތަޢާރުފްވެ ފެންނަމުންނެވެ. އަދި މިދާއިރާގެ ތަރައްޤީއާއި ކުރިއެރުމަށް އެމަނިކުފާނު ޚިޔާލުކުރައްވައި ތަންފީޛުކުރައްވަމުން ގެންދަވާ އިޞްލާޙުތައް ގިނަމެއެވެ. މިގޮތުން އެއްކަމެއް ފާހަގަކޮށްލާނަމަ، ޝަރީޢަތް ނިމުނުގޮތް ފަސޭހައިން އެނގި ލިބޭގޮތަށް ހަމަޖެއްސެވި ހަމަޖެއްސެވުން ފުދެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޢާންމުންނަށް އިލްތިމާސް ކުރުމުގެ މަގު ތަނަވަސްކޮށް ދެއްވުމަށާއި ޝަރީޢަތަށް ވާޞިލުވުން ފަސޭހަކުރެއްވުމަށް މުޅި ނިޡާމަށް ގެންނަވަމުން ގެންދަވާ ބަދަލުތައް ފާހަގަވެއެވެ.

އަލްއުސްތާޛު ޢަބްދުﷲ ސަޢީދުއަކީ ރާއްޖެއާއި ދުނިޔޭގެ ތާރީޚާއި، ޙަޟާރާތުގެ ރޮނގުގައި ޚާއްސަ ޝައުޤުވެރިކަމެއްބަހައްޓަވާ، އެދާއިރާގައި ދިރާސާތައް ކުރައްވާ އަދި އެރޮނގުގައި މައުލޫމާތު ތަނަވަސް ބޭފުޅެކެވެ. ހަމައެހެންމެ، އެމަނިކުފާނަކީ ލިޔުންތެރިއެކެވެ. މަޖައްލާތަކާއި ނޫހުގައި މަޤާލާތައް ލިޔުއްވާހައްދަވައެވެ. އެމަނިކުފާނު މިހާރުވެސް ދެތިން ފޮތެއް ލިޔުއްވުމުގެމަސައްކަތްޕުޅު ކުރިއަށް އެބަގެންދަވައެވެ. އެމަނިކުފާނު ޢިލްމީ ތަޖުރިބާތައްހޯއްދެވުމަށް ދަތުރުކުރެއްވި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، މިސުރު، އިނގިރޭސިވިލާތް، އިޓަލީވިލާތް، މޯލްޓާ، އޮސްޓްރޭލިއާ، މެލޭޝިއާ، ސިންގަޕޫރު ފަދަ ޤައުމުތައް ހިމެނެއެވެ.

އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ކާވެނިބައްލަވައިގެން އުޅުއްވަނީ ސ. މީދޫ ބަހާރުގޭ އަލްޚަޠީބު ޢަބްދުﷲ ނާފިޒުގެ ދަރިކަނބަލުން އަލްފާޟިލާ މޫމިނާ ނާފިޒްއާއެވެ. އެދެކަނބަލުންގެ ފިރިހެން ބޭފުޅަކާއި އަންހެންބޭފުޅަކު އެބަތިއްބެވިއެވެ.

މި ލިޔުއްވުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ވެބްސައިޓް ގައިވާ ނަކަލުކުރުމެކެވެ.


You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!